އަދުގެ ޚާއްސަ

Print

ލައްޓި، ފިނިފެންމާ، ބަނބުކެޔޮ ފަދަ ލަފުޒުތަކަކީ ޚާއްޞަނަން ކަމަށް ވާ ނަމަ، ދިވެހިބަހުގައި ޢާއްމުނަމެއް ނެތެވެ..

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، ލ. މާވަށް

ދިވެހިބަސް ކިޔަވައިދެއްވާ ބައެއް ބޭފުޅުންނަށް ދިވެހިބަހުގައި ޚާއްޞަނަމާއި ޢާއްމުނަން ބަޔާންކޮށްފައިވާ ގޮތާ މެދު އޮޅުން އަރާ ކަމަށް ވިދާޅުވެ އެވެ. މި ފަދަ ބައެއް ބޭބޭފުޅުން އަޅުގަނޑާ ވެސް މި ސުވާލު ކިތަންމެ ފަހަރަކު ކުރައްވައިފައި އެބަ ހުއްޓެވެ. އަދި މި ފަދަ ބައެއް ބޭފުޅުން ހަމަ ޚާއްޞަކޮށް ފިނިފެންމާ އެއީ ޚާއްޞަނަމަކަށް ނުވާނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވެ ބަހުސް ވެސް ކުރައްވައެވެ. މި ފަދަ ބޭފުޅުންނަށް އަޅުގަނޑު އަރުވާ ޖަވާބު ވަރަށް ޞަރީޙައެވެ.
މި މަޒުމޫނުގެ މައުޟޫޢަކަށް އަޅުގަނޑު ކަނޑައެޅީ އެ ޖަވާބެވެ. އާދެ! ލައްޓި، ފިނިފެންމާ، ބަނބުކެޔޮ ފަދަ ލަފުޒުތަކަކީ ޚާއްޞަނަން ކަމަށްވާ ނަމަ ދިވެހިބަހުގައި ޢާއްމު ނަމެއް ނެތެވެ.
 
އޮޅުމެއް ނެތެވެ. އަޅުގަނޑު އެހެން ދެންނެވީ ހަމަ އެއްޗެއް ދަންނަވާކަށް ނޫނެވެ. އެއީ ހަމަ ސީރިއަސް ޖަވާބެކެވެ. ސާބިތު ދެންނެވުމެވެ. އޮޅުމެއްނެތް ބަޔާނެކެވެ. މުޙައްމަދު އަމީން (1368ހ.) ބަޔާންކުރައްވާ ގޮތުގައި "ޢާއްމުނަމަކީ އެ ނަމެއް ކިޔުމުން ދޭހަވާ އެއްޗެއްގައި ހުރި ޢާއްމު ސިފައެއް ހުރި ކޮންމެ އެއްޗަކަށް ކިޔާނަމެކެވެ." މި ޢިބާރާތަށް ވިސްނައިލުމުން ލައްޓި ވެސް ފިނިފެންމާ ވެސް އެއީ ޢާއްމުނަންކަން އެއްވެސް އޮޅުމެއްނެތި ހާމަވެއެވެ. އެހެނީ ލައްޓީގެ ސިފަ އެއީ ޢާއްމު ސިފައެކެވެ. ފިނިފެންމަލަކީ ވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިފައިވާ ޢާއްމު އެއްޗެކެވެ.

މިހާރު ތިޔަ ކުރައްވާ ސުވާލު ވެސް އެބަ ވިސްނެ އެވެ. އެހެންވީއިރު "ރަތް ފިނިފެންމާ" ނުވަތަ "ފިޔާތޮށި ފިނިފެންމާ" މިއީ ޚާއްޞަނަމެއްތާ އެވެ؟ ޖަވާބަކީ ނޫނެކޭ އެވެ. "ރަތް" އެއީ ފިނިފެންމަލުގެ ވަކި ވައްތަރެއް ބަޔާންކުރުމަށް ގެނެވިފައިވާ ނަންއިތުރެކެވެ. "ރަތް" އެއީ އަޞްލުގައި ކުލައެއްގެ ނަން ކަމަށް ވިޔަސް ފިނިފެންމަލުގެ ކުރިޔަށް ގެނެސްފައި އެ ވަނީ ފިނިފެންމަލަށް އިތުރު ސިފައެއް ނުވަތަ ބަޔާނެއް ގެނެސްދިނުމަށްޓަކައެވެ. މިސާލަކަށް "ކުޑަ ލައްޓި"  ނުވަތަ "ކުނިވެފައި އޮތް ލައްޓި"އޭ މީހަކު ބުންޏަސް އެއީ އެ ނަން ޚާއްޞަވަނީކީ ނޫނެވެ. އެއީ ނަމަށް އިތުރު ސިފައެއް ގެނެސްދެނީއެވެ. "ކުނިވެފައި އޮތް" މި ޖުމުލަބުރި ނުވަތަ ފްރޭޒް އަންގައިދެނީ ވަކި ލައްޓީއެއްގެ އިތުރު ސިފައެކެވެ. އެހެންވީމާ "ކުނިވެފައި އޮތް" މިއީ ނަންއިތުރެކެވެ.

ދެން އަނެއް ސުވާލެވެ. "ބަނބުކެޔޮ" އެއީ ޚާއްޞަނަމަކަށް ވާނެ ނޫންހެއްޔެވެ؟ އެއީ ތަރުކާރީގެ ނުވަތަ މޭވާގެ ވަކި ބާވަތެއް ނޫންހެއްޔެވެ؟ މިފަހަރުވެސް ޖަވާބަކީ ބަނބުކޭލަކީ ވެސް ޚާއްޞަ ނަމެއް ނޫނޭ އެވެ.
 
އެހެންވީއިރުދެން ޚާއްޞަ ނަމެއް ނެތީ ނޫންހެއްޔެވެ؟ ނޫނެކެވެ. ޚާއްޞަނަން ބައިވަރެވެ. "ދިވެހިބަސް - ދަރިވަރުންގެ އެހީތެރިޔާ" ގައި ވާ ގޮތުން "ޚާއްޞަ ނަމަކީ އެ ނަމެއް ބުނުމުން އެއީ މިވެނި އެއްޗެއްކަން ނުވަތަ މިވެނި މީހެއްކަން ކަނޑައެޅިގެން އެނގޭ ނަންނަމެވެ." މިބަޔާނުގައި އެ ވަނީ މުޙައްމަދު ކިޔާ ބައިވަރު މީހުން ނުތިބޭނެ ވާހަކައެއް ނޫނެވެ. އޭގެ މާނައަކީ ފިރިހެނާ އޭ ބުނީމާ އެއީ ޢާއްމުކޮށް ވަކި މީހެއްކަން ނޭނގި "މުޙައްމަދޭ" ބުނުމުން ޚާއްޞަވެފައިވާ ވަކި މީހަކަށް އެ ނަން ރައްދުވާ ވާހަކައެވެ. އަދި "ޚާއްޞަ ނަން" ބުނެދިނުމަށް ފޮތުގައި ގެނެސްފައިވާ ބަޔާން އެޔަށް ވުރެ މޮޅަށް ޢިބާރާތްނުކުރެވޭނެ ވާހަކައެއް ވެސް އަޅުގަނޑު ނުދަންނަވަމެވެ.

އެހެން މިސާލެކެވެ. "ފާޠިމަތު"  އެއީ ޚާއްޞަ ނަމެކެވެ. އެކަމަކު، އިންސާނާ ވެސް އަންހެނާ ނުވަތަ އަންހެންކުއްޖާ މިއީ ހައްތާ ވެސް ޢާއްމު ނަންނަމެވެ. ސަބަބަކީތޯ އެވެ؟ ސަބަބަކީ އިންސާނާ އަބަދު ވެސް އިންސާނާގެ ނަމުގައި ދެމިހުންނާނެ އެވެ. އިންސާނަކު ޖިންނިއަކަށް ވެސް އަދި ދޫންޏަކަށް ވެސް ނުވަތަ މަހަކަށް ވެސް ނުވާނެ އެވެ. ނަމަވެސް "ފާޠިމަތު" ކިޔާ މީހަކަށް ހަމަ އަނެއް ދުވަހު "ޒުލްފީން" އޭ ވެސް ކިޔައި ނަން ބަދަލުކުރެވިދާނެ އެވެ. ބައެއް އިޢުލާންތަކުން ވެސް މި ފަދަ ޙަޤީޤަތްތައް އިވޭ ނޫންތޯ އެވެ؟ ފަރުކޮޅުފުށި މިއީ ވެސް ޚާއްޞަނަމެކެވެ. އެއީ ރަށެކެވެ. ރަށް އެއީ ޢާއްމުނަމެކެވެ. އެ ރަށް އަބަދު ވެސް ރަށެއްގެ ގޮތުގައި ދެމި އޮންނާނެ އެވެ. ނަމަވެސް ކުރިން "ވިހަމަނާފުށި" ކީ ރަށަކަށް ފަހުން "ކުރުނބާ ވިލެޖް"ގެ ނަން ކިޔައި މަޝްހޫރުވިކަން ހަނދުމަފުޅު އެބަހުއްޓެއްނޫންތޯ އެވެ؟ އަދި މިހާރު އެ "ރަށަށް" ކިޔަނީ "ކުރުނބާމޯލްޑިވްސް" ކަމަށް ވެސް ވެދާނެ އެވެ.

ޢިމާރާތް ނުވަތަ ބިލްޑިންގ އެއީ ޢައްމު ނަންނަމެވެ. ނަމަވެސް "ޕޯސްޓެލް ބިލްޑިންގ" އެއީ ޚާއްޞަ ނަމެކެވެ. ފަހުން އެތާނގެ ނަން "ޓެލެކޮމް ބިލްޑިންގ" އަށް ބަދަލުކުރެވުނީ އެހެންވެގެން ނޫންތޯއެވެ. ނަމަވެސް އެ "ޢިމާރާތް" ހަމަ ޢިމާރާތެއްގެ ގޮތުގައި އެތަން ހަލާކުވަންދެން ވެސް ދެމިހުންނާނެ އެވެ.

އަދިވެސް އިތުރަށް ދަންނަވާނަމެވެ. ޚާއްްޞަނަމަކީ، އިނގިރޭސި ބަހުގައި ނަމަ އެ ބަހުގެ "ޕްރޮޕަރނައުން" އެވެ. "ޕްރޮޕަރ ނައުން ނުވަތަ ޚާއްޞަނަމަކީ ކޮމަން ނައުން (ޢާއްމު ނަން) ގެ ތެރެއިން (މިސާލަކަށް، ޝަހަރު، ޕްލެނެޓް، މީހުން ނުވަތަ ކުންފުނި ފަދަ) ވަކި ޚާއްޞަ ޝަޚުޞެއް (މިސާލަކަށް، ލަންޑަން، ޖުޕިޓަރ،ޓޮޔޯޓާ) ބަޔާންކޮށްދިނުމަށް ޚާއްޞަކޮށްގެން، ދީފައި ހުންނަ ނަންނަމެވެ."

A proper noun or proper name is a noun representing a unique entity (such as London, Jupiter, John Hunter, or Toyota), as distinguished from a common noun, which describes a class of entities (such as city , planet, person or corporation

ސާފުވެވަޑައިގެންފިތޯ އެވެ؟ ޚާއްޞަ ނަމަކީ ޢާއްމު ނަމުގެ ތެރޭގައި ހުންނަ އެއްޗަކަށް، ތަނަކަށް ނުވަތަ މީހަކަށް ޚާއްޞަކޮށްގެން ދޭ ނަންނަމެވެ. މި ފަދަ ނަންނަން، ކުރިންވެސް ދެންނެވިފަދައިން ބަދަލުކުރެވިދާނެ އެވެ. "އަނގައިންނުބުނާގެ" މިއީ ޚާއްޞަ ނަމެކެވެ. މި ޚާއްޞަ ނަމުގެ ޢައްމު ނަމަކީ "ގެ" (މީހުން ދިރިއުޅެން ހަދައިފައި ހުންނަ ޢިމާރާތް) އެވެ. "އަންގައިންނުބުނާގެ" މި ޚާއްޞަނަން ހުތުރުވީމާ އެހެން ނަމަކަށް ބަދަލުކޮށް އެއީ "އަނގަތަޅާގެ" ކަމަށް ވެސް ހަމަޖެއްސިދާނެ އެވެ. ނަމަވެސް ކޮންމެ ފަދަ ޚާއްޞަ ނަމެއް ގެޔަކަށް ދިނަސް އެ ގެ ހުންނާނީ ހަމަ ގެޔެއްގެ ގޮތުގައެވެ. އެހެންވީމާ "ގެ" އެއީ ޢާއްމު ނަމެކެވެ. މި "ގެ" ކިޔާ, ވަކި ޚާއްޞަ ތަނަކަށް ޚާއްޞަކޮށްގެން ކިޔާ ވަކި ޚާއްޞަ ނަމަކީ "ޚާއްޞަނަމެވެ."

ޚާއްޞަނަން ފާހަގަކުރާނެ އެހެން ސިފައެއް އެބަ އޮތެވެ. ޚާއްޞަ ނަމަކީ އެ ނަން ދީފައިވާ ތަނެއްގެ ނުވަތަ އެއްޗެއްގެ މަސްއޫލުވެރި ފަރާތުން ބޭނުންވެއްޖެ ހިނދެއްގައި ބަދަލުކުރެވޭނެ ނަންނަމެވެ. އަދި (މަޖާޒީ ގޮތެއްގައި ނޫނީ) ޚާއްޞަނަން ޢާއްމެއް ނުކުރެވޭނެ އެވެ. ގިނަކުރާ އަކުރު ބޭނުންކޮށްގެން ގިނައެއްވެސް ނުކުރެވޭނެ އެވެ.

މަސްމަހާމެހި އެއީ ކުދި ބޮޑެތި ހުރިހާ މަސްތަކެއް ހިމެނޭ ގޮތުން ދީފައިވާ ނަމެކެވެ. ކަނޑުމަސް އެއީ އެއިގެ ތެރޭގައި ހިމެނޭ ވަކި ބާވަތެކެވެ. ލައްޓި އަކީ ކަނޑުމަހުގެ ޢާއިލާގައި ހިމެނޭ ވަކި ބާވަތެކެވެ. މިއީ ހައްތާވެސް ޢާއްމުނަންނަމެވެ. "ކުޑަ ލައްޓި" އަކީ ވެސް މަހުގެ ކުޑަބޮޑުމިން (ސައިޒު) އަނގައިދިނުމަށްޓަކައި ނަންއިތުރެއް (ކުޑަ) ބޭނުންކޮށްފައިވާ ޢާއްމު ނަމެކެވެ. ފިނިފެންމަލަކީވެސް މާމެލާމެލީގެ ވަކި ބާވަތެކެވެ. މިއީ ހައްތާވެސް ޢާއްމު ނަންނަމެވެ.

ބުޅާ އެއީ ޢާއްމުނަމެކެވެ. ގޭގައި ގެންގުޅޭ ބުޅަލަކަށް "ސުސީ" އޭ ކިޔައިގެން ގޭ މީހުން ނަން ދީފިނަމަ "ސުސީ" ވާނީ ޚާއްޞަނަމަކަށެވެ. ސިންގަޕޫރުގައި ހުރި އޯކިޑްމަލުގެ ބާވަތަކަށް ތަންކޮޅެއް ކުރިން "ނަސްރީނާ" އޭ ކިޔައި ނަންދިންކަން ހަނދުމަފުޅު އެބަހުރިތޯއެވެ؟ މިތާނގައިވެސް "އޯކިޑް އެއީ ޢާއްމުނަމެކެވެ. ޚާއްޞަ ނަމަކަށް ވާނީ "ނަސްރީނާ" އެވެ.

އެހެންވީމާ، "ލައްޓި، ފިނިފެންމާ، ބަނބުކެޔޮ ފަދަ ލަފުޒުތަކަކީ ޚާއްޞަނަން ކަމަށް ވާ ނަމަ ދިވެހިބަހުގައ،ި ޢާއްމުނަމެއް ނެތޭ" ދެންނެވިދާނެ ނޫންތޯ އެވެ؟ އަޅުގަނޑުގެ ނަޒަރުގައި ޚާއްޞަނަމާއި ޢާއްމުނަން އޮޅެންވީ އެއްވެސް ސަބަބެއް ނެތެވެ. އަދި މިކަމާމެދު ޝައްކު އުފެދޭނެ ޖާގައެއް ވެސް ނެތްމެ އެވެ.

------------------
(ނިމުނީ)

ޙަވާލާ:
މުޙައްމަދު އަމީން. (1368). ދިވެހިބަސް ދަރިވަރުންގެ އެހީތެރިޔާ.
www.wiikipedia.com


މި ލިޔުން:

  ފޮނުވުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
  އަލުން ބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
  ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ