އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (2)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

19 މާޗު 2011 ހޮނިހިރު ދުވަހާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ޖަޔާ ފެންވަރައިގެން މައްޗަށް މިއައީ ދޯޕައްޓާ ހިއްކަން އަޅަންވެގެންނެވެ. މިއަދު ހަވީރު އޭނާގެ އެކުވެރި ސާއިރާގެ ގެއަށް ސަޔަށް ދާންވެފާ އޮތީމައެވެ. އޭނާ ހަވީރު އަޅަން ގަސްތުކުރީ ތާނިޔާ ދައްތަގެ ދޯޕައްޓާއެވެ. އެކަމަކު ދާވެފައި އޮތުމުން ރީތިކޮށް ދޮވެލައިގެން ހިއްކަން އަޅަން މައްޗަށް އައީއެވެ. އޭނާގެ ތެތް އިސްތަށިގަނޑު ފުރަގަހަށް ދޫކޮށްލާފައި އޮތެވެ. ރީތި ކަޅު އިސްތަށިގަނޑު އަވީގެ ތެރޭގައި ވިދަވިދާ އޮތެވެ. ފެންވަރައިލުމުން އޭނާގެ ދޮންކަން އިހުނަށްވުރެ ވެސް ގަދަވެއްޖެ އެވެ. އޭނާގެ ލޮލުގެ ކަޅި ފިނިފެންމަލުގެ ކުލައަށް ބަދަލުވެފައިވެއެވެ. އޭނާ ލައިގެން ހުރީ ވެސް ފިނިފެންމަލު ކުލައިގެ ހެދުމެކެވެ. އެއްވެސް މޭކަޕެއް ނެތެވެ.

އެކަމަކު..... ކަލާނގެ ދެއްވައިފައިވާ ރީތިކަމުގެ މައްޗަށް އެއްވެސް މޭކަޕެއް ބޭނުމެއް ނުވެއެވެ. އޭނާއަށް ބަލައިލުމުން ހީވަނީ އުޑުން ކޮންމެވެސް މަޚްލޫޤަކު ސިއްރުން ބިމަށް ފައިބައިގެން އުޅެނީހެންނެވެ.

ނޮވެމްބަރ މަހުގެ ހޫނު ދުވަހެކެވެ. އެއްވެސް ފިނިކަމެއް ނެތެވެ. އެކަމަކު ފިނިފެނުން ފެންވެރުމުން ހިސާބެއްގެ ހީކެރުވުމެއް ހަށިގަނޑުގައި އުފެދިފައިވެއެވެ. ނާޖިޔާ މައްޗަށް އައީ އިރުކޮޅަކު އަވީގައި މަޑުކޮށްލުމުގެ ނިޔަތުގައެވެ. އޭނާގެ އެހެން ކޮއްކޮއިން އެ ކުއްޖެއްގެ މަސައްކަތުގައި ތިއްބެވެ. ތާނިޔާ ބަދިގޭގައި މެންދުރަށް ކައްކަނީއެވެ. މަންމަ ދިޔައީ އަވަށްޓެރިއެއްގެ ގެއަށެވެ. އެހެންކަމުން މިއަދު ކެއްކުމަކީ ތާނިޔާގެ މަސައްކަތެކެވެ. ޖަޔާ މައްޗަށް އައީ ފެންވަރައި ގެންނެވެ. އެކަމަކު އޭނާގެ ޟަމީރު އޭނާގެ ގަޔަށް ހިރަފުސް ބުރުވައިފިއެވެ.

ތާނޫ ދައްތައާމެދު އޭނާ ވަރަށް ދެރަވެއެވެ. އޭނާގެ ރާނޫ އުޅެނީ އިއްޔެއިން ފެށިގެން ހުމާއެވެ. އެ ކުއްޖާފުޅު އުރަންވެގެން އަބަދާއި އަބަދު ރޮނީއެވެ. އޭނާ އުރައިގެން ތާނޫއަށް އެއްކަމެއް ވެސް ނުކުރެވެއެވެ. އޭނާ ކައިރީގައި ހުރި ގޮނޑިއެއްގައި ދަރިފުޅު ބައިންދައިފައި ދޮލަނގަކަށް ބަތްއަޅައިފި އެވެ. ދަރިފުޅު ހަމަރޮނީއެވެ.

ތާނިޔާ ހަމަ މިހާރު މިއުރަނީއޭ ބުނެ ދަރިފުޅު މަތަކުރެވޭތޯ ބެލިއެވެ. އެހެންނަމަވެސް ރުއިމުގެ އަޑު ހައްތާ ގަދަވަނީ އެވެ. އަދި ޖަޔާ ދޯޕައްޓާ ހިފައިގެން ސިޑިން އަރައިގެން ދިޔައިރު ތާނޫ އެ ކުއްޖާގެ ގައިގާ ބޮނޑިއެއް އަޅާލުމާއިއެކު ހަޅޭލަވައިގަތެވެ.]

ރުޅިއާއި ހިތާމައިގެ އަސަރު ޖަޔާގެ ހިތް ތަޅުވާލައިފިއެވެ. ތާނޫގެ މަޖުބޫރީ އަދި ހިތްދަތިކަން ޖަޔާއަށް ވަރަށް ފުރިހަމައަށް އިޙްސާސްކުރެވެއެވެ. ތާނޫ ކުޑަ ކޮއްކޮ ގައިގާޖެހީ ކޮންފަދަ ޖަޒުބާތެއްގެ ދަށުންކަން އޭނާއަށް އެނގެއެވެ. ހަޅޭލައިވައިގަތީ ކޮންފަދަ މާޔޫސީ ޙާލަތެއްގެ ދަށުންކަން ވަޒަންކުރެވެއެވެ.

[ތާނޫއަކީ ކިހާ ހިތްދަތި އިންސާނެއް ހެއްޔެވެ.] އޭނާ މައްޗަށް އައިސް ފުރަތަމަ ފަހަރަށް ސީރިއަސް ކަމާއެކު ވިސްނައިލިއެވެ. މަންމަ ހެނދުނު ދިޔައީ ރައިޙާނު ގާތުގައި ގުއްޑޫ ރާނީ ޑޮކްޓަރަށް ދައްކާފައި ބޭސްނަގަން ބުނެފައެވެ. އެހެންނަމަވެސް އޭނާ ހެނދުނު ނާސްތާއަށްފަހު ރައްޓެހި ކުދިންނާއެކު ބޭރަށް ހިނގައްޖެ އެވެ. ތާނޫ ދައްތަ އަތުގައި ފައިސާފޮއްޗެއް ވެސް ނޯވެއެވެ. ކަމަކު ޖެހިއްޖެއްޔާ އޭނާ ފައިސާއަށް ބުނަން ޖެހެނީ މަންމައާ ބައްޕަ ގާތުގައެވެ.

ދައްތަގެ ޙާލާމެދު ޖަޔާގެ ހިތަށް ތަދުވެއްޖެއެވެ.... ދައްތައަށްޓަކައި އޭނާއަށް ކޮންމެ ވެސް ކަމެއް ކޮށްދެވޭނެ ނަމަ ކޮންފަދަ ހެއްޔެވެ! އޭނާގެ މި ވިސްނުން އެންމެ ފަހުން އައިސް ހުއްޓުނީ ކޮންމެވެސް ތާކަށް ޓިއުޝަން ދޭން ދިއުމަށެވެ. ތާނޫ ދައްތައަށް ކޮންމެވެސް ވަރަކަށް ފައިސާ ހޯދައިދިނުމަށެވެ. އޭނާގެ ކްލާސް ކުއްޖަކުވެސް ޓިއުޝަންގެ ވާހަކަ ދައްކައިފައިވެއެވެ. ހަވީރު ދެގަނޑިއެއްހާއިރު އޭނާގެ ދެކޮއްކޮއަކަށް ޓިއުޝަން ދޭން އަންހެން ކުއްޖަކު ބޭނުންވެގެން އުޅޭ ވާހަކަ ދެތިން ދުވަހަކު ދައްކައިފައިވެއެވެ....... މި ވަޒީފާ ލިބިއްޖެއްޔާ ކޮންމެވެސް ވަރަކަށް ތާނޫ ދައްތަގެ ދަތިތައް ފިލުވައިދެވިދާނެ އެވެ.

ޖަޔާއަށް ނަވީދުގެ އަޑުއިވުނީ މި ޚިޔާލުގައި ގެއްލިފައި ހުއްޓައެވެ. އޭނާ ދޯޕައްޓާ ހިއްކަން އަޅައިލައިފައި އައިސް އެތާނގައި ހުރި އަށިގަނޑެއްގައި ދަތްދޮޅީގައި އަތް ވިދެލައިގެން އިށީނދެއްޖެ އެވެ.

ޖެހިގެން ހުރީ އޭނާގެ ޙަޤީޤީ ބޮޑުބޭބެގެ ގެއެވެ.

މާމަ މަރުވުމަށްފަހު މިގެ މި އޮތީ ބަހައިފައެވެ. މަގަތުން އޮތް ދެބައި ދެފިރިހެން ކުދިންނަށެވެ. ބިއްދޮށުބައި ތިން އަންހެން ކުދިންނަށެވެ. ޖަޔާގެ ބޮޑުބޭބެ ފަޔާޒު އަޙްމަދު މިހާރު އޮތީ ތިން އަންހެން ކުދިންގެ ބައި ވެސް ގަނެފައެވެ. މި ގޮތުން އެ ގެ މިހާރު ވަރަށްބޮޑު ވެއްޖެ އެވެ. ފަޔާޒު އަޙްމަދު ކުރީގައި ކުރަމުން އައީ ދަނޑުވެރިކަމެވެ. އޭނާ ރިޔާޟް ގާތުގައި ވެސް ބުނަނީ ކޮންމެވެސް މަސައްކަތެއް ފެށުމަށެވެ. އެހެންނަމަވެސް ރިޔާޒް މިކަން ޤަބޫލު ނުކޮށް މިލިޓްރީ ކާތިބެއްގެ ވަޒީފާ އަދާކުރަންފެށި އެވެ. އެންމެފަހުން ޕެންޝަން ހަމަވަގެން ގެއަށް އައީއެވެ.

ނާޖިޔާގެ ބައްޕަ ރިޔާޟާއި އޭނާގެ ބޮޑުބޭބެ ފަޔާޟްގެ މާލީ ޙާލަތު އުޑާއި ބިމާހައި ތަފާތެވެ. ފަޔާޒަކީ ފުދޭވަރެއްގެ ފައިސާވެރިއެކެވެ. އޭނާގެ ވެސް އަށް ކުދިން ތިބެއެވެ. ހުރިހާ ކުދިންނަކީ ވެސް ފައިސާ ލިބޭ ކުދިންނެވެ.

މާމަގެ ޙަޔާތުގައި ދެބޭން އުޅެމުން އައީ އެކުގައެވެ. ކެއިންބުއިމާއި ހުރިހާ ކަމެއް ހުންނަނީ އެކުގައެވެ. އެހެންނަމަވެސް ގިނަ ދުވަސްތަކެއް ނުވެ ދެބޭންގެ ދެ އަނބިންގެ މޫޑު ގޯސްވެ އަރައިރުން ހަދާލައިފި އެވެ. މި ކަން މި ގޮތަށް ދިމާވި ކަމުގައި ވިޔަސް ދެ ބޭންގެ ގުޅުމަކަށް ބަދަލެއް ނާދެއެވެ.

ބޮޑުބޭބެގެ ތިންވަނަ ފިރިހެން ދަރިފުޅު ނަވީދާއި ޖަޔާ އަކީ އެންމެ ކުޑައިރުއްސުރެ ދެ އެކުވެރިންނެވެ. އެކުގައި ކިޔަވަމުން ބޮޑުވަމުން އައި ދެބޭންނެވެ. އެ ދެކުދިންނަކީ ރެޔާއި ދުވާލު އެކުގައި އުޅުމަށް އާދަވެފައިވާ ދެ ކުދިންނެވެ. ދެ ފަރާތުގެ މައިންބަފައިން ވެސް މި ކަމާ އިޢުތިރާޟް ނުކުރަނީކަން ނޭގެއެވެ. އެހެންކަމުން ދެ ކުދިން އެއްވެސް ފިކުރެއްނެތި ބައްދަލުވަމުން އައެވެ.

ޙަޔާތުގެ ދުވަސްތައް އޮއިދެމޭ ކޯރެއް ފަދައިން ދެމިދެމި އޮއްވައި މާމަ މަރުވެއްޖެ އެވެ.

ދެން ގެއާއި މުދާ ބަހައިލެވިއްޖެ އެވެ.

ބައިކޮށްލި ހިސާބު ތިރިން ފެށިގެން އެންމެ މައްޗާ ހަމައަށް ފާރެއްލެވިއްޖެ އެވެ. މިއީ ކޮންކަހަލަ ފާރެއްކަމެއް ވެސް ނޭނގެއެވެ. ހަމަ ކުއްލިއަކަށް އެ ދެމެދަށް ހުރަސްވީ ފާރެކެވެ.
ފަޔާޟް އަޙްމަދު އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކުދިންނަށް ވީބައި ގަނެގެން ވަރަށް ރީތިކޮށް ހަދައިލައިފި އެވެ. އެތައް ތަނެއް ތަޅައި ކުދިކުދިކޮށް އަލުން ހެދިއެވެ. އެތައް ތަނެއް މަރާމާތުކުރި އެވެ. މުސްކުޅި ގޮތަށް ހުރި ހުރިހާ ބޮޑުދޮރުތަކާއި ކުދި ދޮރުތައް ނެގިއެވެ. އަދި އޭގެ ބަދަލުގައި އެންމެ މިހާރުގެ ދޮރާއި ޖާލީ ހަރުކުރިއެވެ.

މިހާރު ދެ ފަރާތުގެ ގުޅުން އޮންނަނީ ހަމައެކަނި ދެއްކުމެއްގެ ގޮތުގައެވެ. ފަޔާޟް އަޙްމަދުގެ އަންހެނުން ރާޝިދާ އެއްދުވަހަކު ބުންޏެވެ. [އަހަރެމެންގެ ފިރިހެން ކުދިންނަށްޓަކައި މުއްސަނދި ގޭގޭގެ އަންހެން ކުދިން ކާވެންޏަށް އެދި އާދޭސް ކުރަމުން އެބަ ދެއެވެ. ޚާއްޞަކޮށް ޕޮލިސް އިންސްޕެކްޓަރެއްގެ ވަޒީފާގައި އުޅޭ އަހަރެމެންގެ ނަވީދުއާ އިންނަން އެތައް ކުދިންނެއް ތައްޔާރަށް އެބަ ތިއްބެވެ. އާނއެކޭ ބުނެފައި ނުބުނާނީ ކޮންކުއްޖަކު ގާތުގައި ހެއްޔެވެ؟]

މިއަޑު އަހާފައި ޙާމިދާއަށް ނުރައްކާތެރިކަމުގެ ވަސް ދުވައިފިއެވެ. ވަރަށް ހިތްދަތިވިއެވެ. އެކަމަކު އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވައިފި އެވެ. ކުދިން އެގެއަށް ދިއުން ވަގުތުން މަނާކޮށްފި އެވެ. ހުރިހާ ކުދިންގެ ގާތުގައި ވެސް އެ ގެއަށް ނުދިއުމަށް ބުންޏެވެ. ޚާއްޞަކޮށް ނާޖިޔާ އެ ގެއަށް ދިއުން މަނާކުރި އެވެ.

ނާޖިޔާގެ ކުލަ ފަނޑުވެއްޖެއެވެ. ލޮލުގައި ހިތްދަތިކަމުގެ ރާޅު ބާނީ އުފެދިއްޖެ އެވެ.

އެކަމަކު މިއީ ވަގުތީ ކަމެކެވެ.

އޭނާއަށް ނަވީދުގެ ޖަޒުބާތުތައް ރަނގަޅަށް އެނގެއެވެ. އޭނާ އަކީ ބަސްމަދު މީހެކެވެ. އެކަމަކު ކަމަކާއި ޖެހިއްޖެއްޔާ އަޑުހަރު އިންސާނެކެވެ. ނަވީދުގެ ލޮލުގައިވާ ތެދުވެރި ލޯބީގެ އަސަރުތައް ނާޖިޔާ ވަޒަންކުރެއެވެ. އެއީ ލޯބީގެ މީރުވަހުގެ އިޙްސާސެވެ.

އެ ދުވަސްކޮޅު ނަވީދުހުރީ ރާވަލްޕިންޑީގައެވެ. ދެމަހުން ތިން މަހުން ރަށަށް އާދެއެވެ. އަންނަ ކޮންމެ ފަހަރަކު ވެސް އޭނާ މި ގެއަށް އައިސްގޮސް ހަދައެވެ. އެއްވެސް ޖެހިލުމެއްނެތި ފާޅުގައި އެ ގެއަށް ދެއެވެ. އަދި ޖަޔާއަށް އޭނާގެ ހިމޭން ސިއްރު ލޯބީގެ އިޙްސާސް ކޮށްދެއެވެ.

ދެ ކުދިން ވެސް އެކަކު އަނެކަކަށް ސިއްރުން ލޯބިވެއެވެ. އެކަކު ވެސް ލޯބި ފާޅެން ނުކުރެއެވެ. ދެކުދިން އެކަނިވާ ވަގުތުތަކުގައި ވެސް ލޯބީގެ ފަރުދާ ކަހާލާކަށް ގަސްތެއް ނުކުރެއެވެ. އެކަމަކު ލޯބިވެއެވެ. ލޯތްބަކީ ތެދުވެރި ކަމެކެވެ...... ޙަޤީޤަތެކެވެ.... ހަނދު ސާބިތުކުރުމަށް ބޭނުންނުވާ ފަދައިންނެވެ. އިރު ސާބިތުކުރުމަށް ބޭނުންނުވާ ފަދައިންނެވެ. ހަމަ މިގޮތަށް ލޯތްބަކީ ވެސް ސާބިތުކުރުމުގެ ބޭނުމެއް ނުވާ އެއްޗެކެވެ.

ވަގުތު ފާއިތުވަމުން ދިޔައެވެ. ޢާއިލީ ޙާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން ދިޔައެވެ. ނަވީދުގެ ކާވެނި ނާޖިޔާއަށް ދޭން ޖެހިދާނެތީ ރާޝިދާ ހުންނަނީ ރުޅިއައިސްގެން ކެކިކެކިއެވެ. އެހެންކަމުން އޭނާ ހަނގުރާމައިގެ ހުރިހާ ހުނަރެއް ބޭނުންކުރަމުން ދިޔައެވެ. ހިތުގެ ހުރިހާ ހިރަފުހެއް ޠޫފާނަކަށް ބަދަލުވެގެން ދާފަދަ މަޅިތައް ޖަހަމުން ދިޔައެވެ.

ރިޔާޟް އަޙްމަދުގެ ދެމަފިރިން މިހުރިހާ މަންޒަރެއް ދެކެއެވެ. އަޑު އަހައެވެ. ޖަޔާ ވެސް މި ވާހަކަތައް އަހައެވެ. އެކަމަކު އޭނާ ނަވީދަށް އިތުބާރު ކުރެއެވެ. އޭނާ މި ކަމާބެހޭ ގޮތުން ސީރިއަސްކޮށް ފަހަރެއްގައި ވެސް ނުވިސްނައެވެ. އޭނާގެ ލޯތްބަށް އިތުބާރު ކުރެއެވެ.

އެކަމަކު.......... ހުސްވިމަހު އެންމެންގެ މެދުގައި ފަހަރި އޭނާ ލަދުގަންނަވައިލައިފި އެވެ. ކޮންމެވެސް މީހަކު މަރުވެގެން މީހުން ޖަމާވެފައި އޮތް ތަނެއްގައި އޭނާ ޙާމިދާއަށް އަޑުއިއްވަމުން ނަވީދުގެ ކާވެނީގެ ވާހަކަ ދެއްކިއެވެ. އެވަގުތު ޖަޔާގެ ބޮޑުދައިތަ ބުންޏެވެ.

[ނަވީދާއި ޖަޔާ ކާވެނި ކުރުވުމަކީ މަންމަގެ އެދުމެކެވެ. މަންމަ އޮތީ މަރުމަތީގައި ވެސް މި ކާވެނީގެ ވާހަކަ ދައްކައިފައެވެ.]

[ތިޔަހެނެއް ނުވާނެއެވެ....] ރާޝިދާ ފުންމައިގަތެވެ. [އެއްވެސް މީހަކު ތިޔަކަހަލަ ވާހަކައެއް އަހަންނަށް އަޑު އިއްވައިގެން ނުދައްކާށެވެ. ޢާއިލާ ހަލާކުކުރާ ކަހަލަ އަންހެން ކުދިން އަހަރެން ބޭނުމެއްނޫނެވެ. ތިޔައީ މީހުން އިންނަން ކަމުދާ ކަހަލަ ކުދިންނެއް ނޫނެވެ...... ތާނިޔާއަށް ނިކަން ދެކިބަލާށެވެ..... ހަގަށް ހުރި އަންހެން ކުއްޖާ ވެސް ވާނީ ހަމަ އެހެންނެވެ.]

ޙާމިދާއަކަށް ކެތެއް ނުކުރެވުނެވެ..... މޭގައި ލޯވަޅު އެޅިއްޖެއެވެ..... އެތެރެ ހަށީގައި ޠޫފާން އުފެދިއްޖެއެވެ..... މެޔަށް ތީރުހެރުމުން ކެތެއް ނުކުރެވުނެވެ. ގަދަޔަށް ދެ ފަހަރިންގެ މެދުގައި އަރައިރުން ހިނގައިފިއެވެ. ރާޝިދާ ނާޖިޔާގެ ބޮލުގައި ތުހުމަތު އަޅުވާކަށް ވެސް ފަހަކަށް ނުޖެހުނެވެ.

[ތިޔަކުއްޖާ އުޅެނީ އަހަރެންގެ ދަރިފުޅުގެ ފަހަތުގައި އަޅައި ގަނެގެންނެވެ. އަހަރެން ދިރިހުރިހާ ހިނދަކު ތިޔަހުވަފެން ފުރިހަމަވިޔަކަ ނުދޭނަމެވެ.]
މިކަން އާދައިގެ ކަމަކަށް ނުވިއެވެ.

ލަދުގެ މައްޗަށް ލަދެވެ. ޣަރީބުންގެ އަތުގައި އަމިއްލަ ނަފްސުގެ ޢިއްޒަތްތެރިކަން ފިޔަވައި އޮންނާނީ ކޮން އެއްޗެއްތޯއެވެ...... ދެފަރާތުގެ ގުޅުން ކެނޑިއްޖެއެވެ. ރާޝިދާއާ އެއްވެސް ގުޅުމެއް ނުބަހައްޓަން ޙާމިދާއާ ރިޔާޟް އަޙްމަދު ހުވައިކޮށްފި އެވެ. ކާވެނީގެ ސުވާލެއް ވެސް މިހާރަކު ނެތެވެ.

ނާޖިޔާ މަތި ބަލައިލިއެވެ. ހިތާމައިގެ ނޭވާއެއް ދޫކޮށްލި އެވެ. ދެން އެނބުރިލައިފައި ގޭގެ އިންފާރަށް ބަލައިލި އެވެ. އެކަމަކު މިހާރު އެ ފާރު ހިލަ ފަރުބަދައަކަށް ވެއްޖެ އެވެ. ދަގަނޑަށް ވެއްޖެ އެވެ. ފާރުގެ އެ ފަރާތުގައި ވަނީ ލޭގެ އޮލަ އަލިފާނެވެ. އެ ފަރާތަށް ދިއުން ކީއްކުރަން ހެއްޔެވެ. ބަލައިލުމަކީ ވެސް ޤިޔާމަތަށް ދަޢުވަތު ދިނުމަށްވުރެ ކުޑަކަމެއް ނޫނެވެ..... ނަވީދު ހުރީ އެ ފަރާތުގައެވެ. ޖަޔާހުރީ ހިތާމައާއި ވޭނުގެ ޠޫފާނާ ހަނގުރާމަ ކުރުމަށްފަހު ޙަޤީޤަތާމެދު ހިތްހަމަޖައްސާލައިގެންނެވެ. ފަހަރީގެ ވާހަކަ ހުރިގޮތުން އޭނާގެ ޒުވާން ލެޔަށް ވެސް ކިލަނބުކަން އައެވެ...... ވީ ދެރަޔާއި ރުޅީގެ ސަބަބުން އެތައް ދުވަހެއް ވަންދެން އޭނާގެ އަތެރެހަށި ކެކެމުން ދިޔަ އެވެ. އެންމެފަހުން އޭނާ މަޖްބޫރީ ޙާލަތާމެދު ހިތް ހަމަޖައްސައިލައިގެން ޢިއްޒަތުއްނަފްސު ސަލާމަތްކުރީ އެވެ. ނަވީދުގެ ޚިޔާލު ހިތުން ނެރެލުމަށް އޭނާ ޢަޒުމް ކަނޑައަޅައިފި އެވެ. އަނދަމުންދާ ޖަޒުބާތުތައް ހިތުގައި އޮބަހައްޓައިފި އެވެ.

ނަވީދު ރާވަލްޕަންޑީން އައީ އިއްޔެއެވެ. އޭނާ މަގުމަތީން ނަވީދު ދުއްޓެވެ. އެހެންނަމަވެސް ހިތްވަރާއެކު އަދަމުންދާ ހިތް ކޮންޓްރޯލްކުރި އެވެ. ލޮލުގައި ދޮންވެލި ޖެހެމުން ދިޔަ ކަހަލައެވެ. އެކަމަކު އެއްވެސް މީހަކަށް އޭނާގެ ހިތުގެ ކެކުޅުން ފާޅެއް ނުކުރެއެވެ.

އެންމެފަހުން މިއަދު.......

މިއަދު ނަވީދު އޭނާއަށް ގޮވީއެވެ. ގަޑިއަކަށް އިންތިޒާރު ކުރަން ބުނީއެވެ. ބައްދަލުވުމަކަށް އެދުނީއެވެ.

އޭނާގެ ފައި އޮޅެން ފަށައިފިއެވެ. މަޤްޞަދު އޮޅިއްޖެއެވެ. އޭނާ ވިސްނައިލި އެވެ. ނަވީދުގެ އެއްވެސް ކުށެއްނެތެވެ. މިރޭ އޭނާއާ ބައްދަލުކުރުން ކިހިނެއްވާނެ ބާވައެވެ.
އޭނާ ހިތާ ދެކޮޅަށް ތެދުވެއްޖެ އެވެ. އަދި ބަރުހެލި ފިޔަވަޅު ތަކަކާއެކު ސިޑިން ފައިބަން ފަށައިފިއެވެ. ތާނިޔާ ދައްތަ އަދިވެސް ރޮށިފިހަނީ އެވެ. އަދި އިރުއިރުކޮޅުން ގުއްޑޫ ލޮއްސަން ހޫނހޫނ ވެސް ކިޔައިލައެވެ. މޫނުމަތިން ނުކުޅެދުމުގެ އަސަރު ފެންނަން ހުއްޓެވެ. ނާޖިޔާ، ތާނިޔާއަށް ބަލައިލިއެވެ. ދެން ގުއްޑޫ އުރައިލި އެވެ.

[ތާނޫ ދައްތާއެވެ! ދައްތަ ގުއްޑޫ ގޮވައިގެންގޮސް އިށީންނާށެވެ. އަހަރެން ތިޔަކަން ކޮށްފާނަމެވެ.]

ތާނިޔާ ޙައިރާން ކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ.

[ނާޖީ........ ނާޖީ ރޮށި ފިހެފާނަން ހެއްޔެވެ.؟ ކައްކަފާނަން ހެއްޔެވެ؟]

ނާޖިޔާ ހިނިތުންވާން މަސައްކަތް ކުރަމުން ތާނިޔާ ދައްތަ އަތަށް ގުއްޑޫދީފައި ބަދިގެއަށް ވަދެއްޖެއެވެ.

އެދުވަހު ހަތަރުދަމު ނާޖިޔާ އުޅުނީ މަސައްކަތުގައެވެ. ސާއިރާގެ ގެއަށް ވެސް ދިޔައެވެ. އަދި ރޭވުމުން ހަގަށް ތިބިކުދިންނަށް ވާހަކަ ކިޔައިދީ ހެދިއެވެ. އެކަމަކު މިހުރިހާ މަސައްކަތެއްގެ ނިވަލުގައި އޭނާގެ ވިސްނުން ފޮރުވިފައި އޮތެވެ. ނަވީދާ ބައްދަލުކުރަން ދިއުމުގެ ޚިޔާލު އޭނާ ހާސްކޮށްފައިވެއެވެ. އޭނާ އެ ހުންނަނީ އާއެކޭ ބުނުމާ ނޫނެކޭ ބުނުމާ ދޭތެރޭގައެވެ. ޢިއްޒަތުއްނަފްސުގެ އިތުރުން ގޭ މީހުންގެ އަބުރާ މެދުގައި ވެސް ވިސްނަން އެބަޖެހެއެވެ.

އޭނާ އެނދުގައި އޮށޯތް އިރު ސިކުނޑި ވަރުބަލިވެފައިވެއެވެ.

އޭނާ އެތައް ފަހަރަކު މައްޗަށް ދިއުމުގެ ނިޔަތުގައި ކޮޅަށް ތެދުވިއެވެ. އެކަމަކު ގޯތި ތެރޭގައި ހިނގައިލައިފަައި އެނބުރި އަންނަނީއެވެ. ދެފަހަރެއްގެ މަތިން ސިޑިއަށްވެސް އެރިއެވެ...... އެހެންނަމަވެސް މަޑު ފިޔަވަޅު އަޅަމުން އައިސް އޮށޯންނަނީއެވެ.

[ނޫނެކެވެ........ ނޫނެކެވެ.......] އޭނާ ބޯހޫރުވާލިއެވެ. އޭނާއާއި ނަވީދުއާ ދެމެދުގައި ހުރީ ހިލައިގެ ފާރެކެވެ. ލޭގެ އޮލަ އަލިފާން ގަނޑެކެވެ. އޭނާއަށް އެ ސަރަޙައްދީ ރޮނގު ހުރަހެއް ނުކުރެވޭނެ އެވެ.

ހުރަހެއް ނުކުރެވޭނެއެވެ.

މައްޗަށް ނުދިއުމަށް މުޅިންނިންމައިގެން އޭނާ އެނދުމައްޗަށް ބަނޑުން ވެއްޓިގެންފިއެވެ. އަދި ބޭއިޚްތިޔާރުގައި ކަރުނަ އޮހޮރުވަން ފަށައިފިއެވެ. އަދި ލޮލުން ދިލަނަގާ ވަރަށް އޭނާ އެ ގޮތަށް ރޮއިފި އެވެ. ބޯ އަޅައިގެން އޮތް ބާލީސް ކަރުނައިން ފޯވެއްޖެ އެވެ. ލޮލުގެ ބޮނޑި ދުޅަވެއްޖެ އެވެ.
-----------------
(ނުނިމޭ)
މި ސިލްސިލާގެ ފާއިތުވީ ބޮޑުތައް:

މަޖުބޫރު ލޯބި (1)

މި ލިޔުން:
   
    ފޮނުވުން:    އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އެޑިޓޯރިއަލްބޯޑުގެ މެމްބަރެއް)
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ