Print

ފަރުބަދަމަތީގެ ސިންގާ (3)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ

(15 މާޗު 2011 އަންގާރަދުވަހުގެ ބަޔާ ގުޅޭ)

މުޙަންމަދު ޝާހިދު ޙަލީމް (1983)

ޙަސަން އޭނާގެ އަސް ހިލަފުންޏެއްގެ އެއްފަރާތުގައި ބަނދެލިއެވެ. ހިލަގަނޑުގެ މަތީގައި ރައިފަލު ބޭއްވިއެވެ. ދެން ހިލަގަނޑުގެ ނިވަލުގައި އިށީނދެއްޖެއެވެ. އޭނާ އިންނާން އެ ތަން ހޮވީ އެ ތަނުގައި އިންނަ އިރު، ފުރަގަހުން ހަމަލައެއް އަތުވެދާނެކަމުގެ ބިރު ނެތީމައެވެ. އަނދިރިވެއްޖެއެވެ. ނަމާދުން ފެއިބީއްސުރެ އޭނާ އެ އިންނަނީ އެ ތަނުގައެވެ. އޭނާގެ ލޯ ހުއްޓިފައި ވަނީ ސަހަރުން އަންނާން އޮންނަ މަގަށެވެ.

އެ ފަރުބަދަ ހުރީ ބިންޣާޒީން ސިރުތާއަށް ދާން އޮންނަ މަގުގެ ކަނާތްފަރާތުގައެވެ. ފަރުބަދަ ހުރީ މަގާ ވަރަށް ދުރުގައެވެ. އަދިއެއް އެ އިޓަލީ އަންހެންކުއްޖާގެ ހިލަމެއް ވެސް ނުވެއެވެ. އަނދިރިވެފައި އޮތުމާ އެކުގައި ވެސް ޙަސަނުގެ ތޫނު ދެލޯ އެ ދިމާއިން ހަރަކާތްކުރާ ކޮންމެ އެއްޗެއް ދެކެއެވެ. އެކަމަކު އަދިއެއް އޭނާއަކަށް އެއްވެސް އެއްޗެއް ނުފެނެއެވެ. އެ އަންހެންކުއްޖާ އަންނާނީ އަސްމަތީގައިކަން އޭނާއަށް އެނގެއެވެ. އަހުގެ ފިޔަވަޅުގެ އަޑު އޭނާއަށް ދުރުން އިވޭނެއެވެ. – އެކަމަކު އޭނާ މަކަރު ހެދުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އޭނާ ނައިސް އޭނާގެ ބަދަލުގައި އިޓަލީ ސިފައިން ފޮނުވައިގެން އޭނާ އަތުލައިގަންނަން މަސައްކަތްކޮށްފާނެއެވެ. އެކަމަކު އެހެން ވިޔަސް ވެސް އެބައިމީހުން އަންނަކަން އޭނާއަށް ނޭނގިއެއް ނުހުންނާނެއެވެ.
 
ހުރިހައި ފަރާތަކަށް ވެސް ވެރިވެފައި އޮތީ ފުރިހަމަ ހަމަހިމޭންކަމެވެ. ލުއިލުއި ފިނި ވައިރޯޅިއެއް ޖެހެމުން ދެއެވެ. މިހާރު ވަރަށް ލަސް ވެސް ވެއްޖެއެވެ. ޙަސަން ކެތްތެރިކަން ކުޑަ ގޮތަކަށް އެއް ފައި މަތިން އަނެއްފައި މައްޗަށް ބަދަލުވެލިއެވެ. އަދި ދެން ހަދާނޭ ގޮތަކާ ދޭތެރޭ ވިސްނާން ފެށްޓެވެ. ސަހަރުން ވެސް އޭނާއަށް ބޭނުން ހިފޭ މަޢުލޫމާތެއް ނުލިބުނެވެ. އިޓަލީ ސިފައިން ހަމަލަދޭނީ ކޮން ދިމާއަކަށްކަން އޭނާ ކޮންމެ ގޮތަކުން ނަމަވެސް އޮޅުންފިލުވާން ޖެހޭނެއެވެ. އެ ކަން ނޭނގިއްޖެ ނަމަ އެ ހަމަލަ ނާކާމިޔާބު ކުރުމަށް ކުރާ މަސައްކަތް ކާމިޔާބެއް ނުކުރެވޭނެއެވެ. އެކަމަކު އެ ކަން އޮޅުން ފިލުވާނީ ކިހިނެއް ހެއްޔެވެ؟ އޭނާ އެ ކަމާ ދޭތެރޭ ވިސްނާން އިންދައި މަޑުމަޑުން ކަށިގަނޑެއްގެ އަޑު އިވިއްޖެއެވެ. ޙަސަން ދިޔައީ ސިއްސައިގެންނެވެ.
 
އެ އަޑު އަނެއްކާ ވެސް އިވިއްޖެއެވެ. ޙަސަން އަނދިރީގެ ތެރެއަށް ބަލާން ފެށްޓެވެ. އޭނާ އަހެއް އައި އަޑެއް ނާހައެވެ. އެއީ ކޮންމެވެސް އެހެން މީހަކަށް ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެކަމަކު ހަމަ އެ ވަގުތު ޙަސަނަށް އަންހެންކުއްޖާ ފެނިއްޖެއެވެ. އޭނާ ފަރުބަދައިގެ ހިޔަންޏާ ނިވާވެގެން ފައިމަގުގައި ކުރިޔަށް އަންނަނީއެވެ. – އޭނާ ފައިމަގުގައި އެހައި ދުރަށް އައި ގޮތަކާ ދޭތެރޭ ޙަސަން ހައިރާންވިއެވެ. އެވަގުތު ކަށިގަނޑުގެ އަޑު އަނެއްކާވެސް ފަޒާގައި އުފުލިގެން ދިޔައެވެ. މި ފަހަރު ތަންކޮޅެއް ބާރަށެވެ. އަންހެންކުއްޖާ އެ ހިލަގަނޑުގެ ހަމަ ދިމާ ތިރިއަށް އައިސް ހުއްޓުނެވެ. އަދި ވަށައިގެން ހޯދާން ފެށްޓެވެ. ރައްކާތެރިވުމުގެ ގޮތުން ޙަސަން އިރުކޮޅަކު މަޑުކޮށްލިއެވެ. އަންހެންކުއްޖާ ހުރީ އެކަނިކަން ޔަގީންވުމުން ކުއްލިއަކަށް ހިލަމަތިން ތިރިއަށް ފުންމައިލިއެވެ.
 
ފުރަންޒާ ބިރުން އެތައް ފިޔަވަޅެއް ފަހަތަށް ޖެހުނެވެ. – ދެން އޭނާއަށް ޙަސަން އެނގިއްޖެއެވެ.
 
"ކަލޭ އަހަރެން ބިރުގަންނަވާލައިފީމު." އޭނާ ޝަކުވާގެ ރާގުގައި ބުންޏެވެ.
 
"ކަލޭގެ އަސް ކޮބާ؟" ޙަސަން ޝައްކުގެ ރާގެއްގައި އެއްސެވެ.

"އޭ، މީހާ! އަޑުއަހާ! – ކަލޭ އަދިވެސް އަހަންނަށް ޝައްކުކުރަންޏާ އަހަރެން މި ދަނީ."

"އެހެން ވީކީ ނޫން. އެކަމަކު މިހާ ދުރަށް..."

"ކަލޭ ހީކުރަނީ އަހަންނަކީ މޮޔައެއް ކަމަށްތަ؟" ފުރަންޒާ ރުޅިއައިސްފައި ބުންޏެވެ. "އަސްމަތީގަ މި ހިސާބަށް އައުމަކީ އެކަށީގެންވާ ކަމެއްތަ؟ މީހަކަށް ފެނިއްޖެއްޔާ ޝައްކުކުރާނެ. ފާރަލަމުން އައިސް ކަލޭ އުޅޭ ތަނަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް – ބިންޣާޒީގެ ހަމަ ހުރިހައި ހިސާބެއް ބަލަހައްޓާލެއް ވަރުގަދަކަން ކަލެއަށް ލަފާ ވެސް ނުކުރެވޭނެ. އަހަރެން މި އައީ އެހެރަ ގަސްބޮނޑީގެ ކައިރިއަށް އަސްދޫކޮށްލާފަ." އޭނާ ދުރަށް އިސާރަތްކުރިއެވެ.
 
"އަހަރެން ހިތާމަކުރަން." ޙަސަން ބުންޏެވެ. "އެކަމަކު އަހަންނަށް ޖެހޭނެ؛ ފަރުވާތެރިވާން."

"ވަރަށް ރަނގަޅު. އެހެންވީމަ ދޯ؛ ރޯމާދުވާލު ސަހަރުގަ ތި އެނބުރެނީ." ފުރަންޒާ ލުއިލުއިކޮށް ހީނލިއެވެ.
 
"އަހަރެން އަހަރެންގެ ވާޖިބު އަދާކުރަނީ." ޙަސަން ޖަވާބުދިނެވެ.
 
"ވާޖިބު އަދާކުރުމުގަ ވެސް ރައްކާތެރިވުމަކީ ލާޒިމުކަމެއް." ފުރަންޒާ ޖަވާބުދިނެވެ. "ކޭންޕަށް ހަމަލަދިން ފަހުން ސިފައިން ކޮންމެ އަރަތްބަކަށް ވެސް ބަލަނީ ޝައްކުގެ ލޮލަކުން."

"ތީ އާ ކަމެއް ނޫން. ދެން ބުނެ ބަލަ. އަހަންނާ ބައްދަލުކުރަން ބޭނުންވީ ކީއްކުރަން؟"

"މީހަކު މީހަކާ ބައްދަލުކުރަން ވެސް ވަކި ޚާއްޞަ ސަބަބެއް ބޭނުންވޭތަ؟"

"ޝައްކެއްނެތް. ތީ އިޓަލީ އަންހެންކުއްޖެއް. އަހަންނަކީ ..."

 "ހިތްހަރު ރީތި ޒުވާނެއް." ފުރަންޒާ ޙަސަނުގެ ޖަވާބު ފުރިހަމަކުރާން ބުންޏެވެ.

"ނޫން. އަސަރުކުރާ ހިތްހެޔޮ އިސްލާމެއް." ޙަސަން ވަގުތުން ދެކޮޅުހެއްޖެވެ. "ހިތްހަރު ނަމަ އެރޭ ކަލޭ ދިރިހުއްޓައެއް ދުލެއް ނުކުރީމުސް."

"ޒަޚަމުކޮށްލުމަށް ވުރެ ރަނގަޅު ވީހީ ކަލޭ އަހަރެން މަރާލި ނަމަ." ފުރަންޒާ ފިނި ނޭވާއެއް ލައިފައި ބުންޏެވެ.
 
"ޒަޚަމުވީއޭ؟" ޙަސަން ސިހިފައި ބުންޏެވެ. "ކަލޭ ވެސް ޒަޚަމުވިތަ؟ އަހަރެން ހީކުރީ ވަޒަން އެރީ ހަމައެކަނި ބުރޫނޯގެ ގަޔަށް ކަމަށް."

"ކަލޭ ކިހާ ސާދާ؟" ފުރަންޒާ ޙަސަނުގެ ދެ އަތުގައި ހިފަމުން ލޯބިން ބުންޏެވެ. "އުންޑައިގެ ޒަޚަމު ފަސޭހަވޭ. އެކަމަކު ލޯބީގެ ޒަޚަމު އަބަދުވެސް ހުންނާނީ ތާޒާކޮށް."

ޙަސަން އަވަހަށް އޭނާގެ އަތް ދަމައިގަތެވެ. "އަޑުއަހާ؛ އަންހެންކުއްޖާ!"

"އަހަރެންގެ ނަމަކީ ފުރަންޒާ."

"އަހަންނަށް ނަމުގެ ބޭނުމެއް ނެތް. ކަލޭ ބުނަން ބޭނުން އެއްޗެއް އަވަހަށް ބުނޭ. އަހަންނަކަށް މާ ގިނަ ވަގުތެއް ނެތް."

ފުރަންޒާ އަޅުކަން ކުރާ ކަހަލަ ބެލުމަކުން އޭނާއަށް ބަލައިލިއެވެ. ދެން އިރުކޮޅެއް ކޮށްލައިފައި އެއްސެވެ. "ކަލޭގެ ނަން ބުނެފާނަންތަ؟"

"ނޫން! އަހަރެމެން އެންމެންނަށް ކިޔަނީ އެއް ނަމެއް. މުޖާހިދު. ކަލޭ ކޮންމެހެން އަހަންނާ ގާތްވެގަންނަން ތިއުޅެނީ ކީއްކުރަން؟"

"އަޑުއިވިފަ އޮންނަނީ ޝައްކު މިޒާޖުގެ ބަޔަކީ އަންހެނުން ކަމަށް. އެކަމަކު އޭ ދޮގެއްކަން ސާބިތުވެއްޖެ." ފުރަންޒާ ހިނިތުންވަމުން ބުންޏެވެ. "އެއްވެސް ކަމެއްނޫން؛ ހިތްހަރު މުޖާހިދު! ލޯތްބަކަށް ނަމެއް ބޭނުމެއް ނުވޭ!"

"ތީ އާ ރޭވުމެއްތަ؟"

ފުރަންޒާގެ މޫނު ރުޅިއައިސްގެން ރަތްވިއެވެ. "މުޖާހިދު ތި އަހަންނަށް ތައުހީނުކުރަނީ. އަހަރެން މުޖާހިދަށް ކެހިދޭނެންޏާ އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލައިގެން މި ތާކަށް ނައިސް."

ޙަސަން ފުރަތަމަ ފަހަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލައިލިއެވެ. މި ރީތި އަންހެންކުއްޖާ މި ފަޅު ތަނަށް އޭނާއާ ބައްދަލުކުރާން އައީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ކަޅު ލޮލުގައި ކަރުނަތިކިތައް ވިދަނީ ކީއްވެގެން ހެއްޔެވެ؟

"އަހަރެން ހިތާމަކުރަން؛ ފުރަންޒާ. އަހަރެންގެ މަގުސަދަކީ ފުރަންޒާ ހިތުގަޖެއްސުމެއް ނޫން. އެކަމަކު ތީ އަހަރެންގެ ދުސްމިނުގެ ކޮއްކޮ. އެހެންވީމަ ޔަގީން ނުކުރެވެނީ."

"އަހަންނަށް ވިސްނޭ. އެކަމަކު އަހަންނަކީ މުޖާހިދުގެ ދުސްމިނެއް ނޫން. އަހަރެން މި އައީ ހަމައެކަނި ކަލޭ ހުސިޔާރު ކުރުވަން."

"ހުސިޔާރޭ؟"

"އާނ. މާދަމާ ހެނދުނު އިޓަލީ ސިފައިން ކަލޭމެންގެ ކޭންޕުތަކަށް ވަރަށް ވަރުގަދަ ހަމަލައެއް ދޭން ފުރާނެ." އޭނާ ބުންޏެވެ. ޙަސަން ސިހުނެވެ. އެކަމަކު ވަގުތުން އަމިއްލަ ނަފުސުގެ މައްޗަށް ބާރުފޯރުވިއެވެ.

"ތި ކަން އަހަރެމެން ދެނަހުރިން. އެ ހަމަލަ ދޭނީ ކޮން ދިމާއަކަށް؟"

ފުރަންޒާ ހިމޭންވިއެވެ. އޭނާ ހުރީ ފުން ވިސްނުމެއްގައެވެ. އޭނާގެ ޒަމީރު އޭނާ ގައްދާރުވުމުން ތަކުރާރުކޮށް ހުއްޓުވަނީއެވެ. އެކަމަކު ލޯބި އޭނާގެ ލޯބިވެރިޔާ ގާތު ބުނާން ތަކުރާރުކޮށް ބުނަމުން ގެންދަނީއެވެ.
 
"ހީވަނީ ފުރަންޒާއަށް އަހަރެންގެ މައްޗަށް އިތުބާރު ނެތީހެން. ދުސްމިނެއް ވިއްޔަ!" ޙަސަން ހިނިތުންވަމުން ބުންޏެވެ.

ފުރަންޒާ ތެޅިގަތެވެ. "ނޫން. ނޫން. ތިހެން ވީކީ ނޫން." އޭނާ އަވަސްއަވަހަށް ބުންޏެވެ. "އަހަރެން މުޖާހިދަށް ހުރިހާ އެއްޗެއް ބުނެދޭނަން. އަހަންނަށް މުޖާހިދަކަށް އެކައްޗެއްވެސް ނުފޮރުވޭނެ. ނިމުން ކޮންމެ ގޮތަކަށް އަޔަސް ހެޔޮ."

"ނޫން. ފުރަންޒާގެ ޒަމީރު ހުއްދަ ނުދެންޏާ ނުބުނޭ."

"މުޖާހިދު ވަރަށް އަނިޔާވެރި." ފުރަންޒާ ގިސްލަމުން ބުންޏެވެ. "މުޖާހިދު އަދިވެސް އަހަންނަށް ތި ކުރަނީ ޝައްކު. އެކަމަކު އަހަންނަށް ވަމުންދާ ވަރެއް މުޖާހިދަކަށް ނޭނގޭނެ."

ޙަސަނުގެ ހިތް ފިސްފިސް ވިއެވެ. އޭނާ މަޑުމަޑުން ފުރަންޒާގެ ކޮނޑުމަތީގައި އަތް ބޭއްވިއެވެ. އޭނާ ވިސްނާން ފެށްޓެވެ. މި އަންހެންކުއްޖާއަކީ ކޮން ކަހަލަ މޮޔައެއް ހެއްޔެވެ؟ ތިމާގެ ދުސްމިނު ދެކެ ލޯބިވަނީއެވެ. މި ލޯބީގެ ނިމުން އަންނާނީ ކިހިނެއް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ.
 
"ފުރަންޒާ." އޭނާ މަޑުމަޑުން ބުންޏެވެ. "އަހަރެން މީ ކާކުތޯ ފުރަންޒާ ވިސްނީމުތަ؟ އަހަންނަށް ފުރަންޒާއަކަށް ކެއްސެއް ނުދެވޭނެ. ދިރިހުރިހާ ދުވަހަކު އަހަރެން ހުންނާނީ އިޓަލީ ޖަނަވާރުތަކާ ހަނގުރާމަކުރުން މަތީގަ. އެހެން ކަން އޮއްވަ؛ އަހަންނަށް ފުރަންޒާގެ ލޯތްބަށް ކެހިދެވޭނީ ކިހިނެއް. ފުރަންޒާގެ ބޭބެއަށް އެނގިއްޖެއްޔާ ބޭބެ އެއްގޮތަކަށްވެސް މާފެއް ނުކުރާނެ. އަނެއްކާ އަހަރެމެން ދެ މީހުންނަށް ގުޅެވުމަކީ ކޮންގޮތަކުން އެކަށީގެންވާ ކަމެއް."

"އަހަންނަށް އެނގޭ ބީރައްޓެއްސާ!" ފުރަންޒާ ބުންޏެވެ. "ލޯތްބޭ މި ކިޔަނީ ކޮން އެއްޗަކަށް ކަމެއް އަހަންނަކަށް ނޭނގެ. އެކަމަކު މުޖާހިދުގެ ސިފަ ފެނުމުން އަހަންނަށްވީ ގޮތެއް ނޭނގެ. ރޭގަނޑު ހަތަރުދަމު ހޭލާއޮވެގެން ޚިޔާލީ ލޮލުން ދެކެވެނީ މުޖާހިދު؛ ވާހަކަދެއްކެނީ މުޖާހިދާ. މިއަދު ހަވީރު ވެސް އަހަރެން ގޭން ނުކުތީ އެ ނުތަނަވަސްކަމުގަ. ސިފައިންގެ އަވަށްގަނޑުން ބޭރަށް ނުކުތުން އަހަންނަށް އޮންނަނީ މަނާކޮށްފަ. އެކަމަކު ކޮންމެސް ޖަޒުބާތެއް، އަހަރެން ދަމާފަ ސަހަރާ ދިމާއަށް ގެންދިޔައީ. ދެން މުޖާހިދު ފެނުނީ. އަހަރެން އެ ފަހަރު ވެސް ނުކުތީ ފިލައިގެން." އޭނާ ކަރުނައިން ފުރިފައިވާ ލޮލަކުން ޙަސަނަށް ބަލައިލިއެވެ. "މުޖާހިދު ހޯދަން އަހަރެން ހުރިހާ އެއްޗެއް ގުރުބާންކޮށްލަފާނަން. އަހަރެންގެ ދިރިއުޅުންވެސް..."

ޙަސަނުގެ ހިތް ނޭނގޭ ޖަޒުބާތެއްގެ ދަށުން މި ނުވިސްނޭ އަންހެންކުއްޖާއާ ދިމާއަށް ދަމަމުން ގެންދަނީއެވެ. މި އަންހެންކުއްޖާއަކީ އޭނާގެ އަންހެން ކޮއްކޮގެ ގާތިލުގެ ކޮއްކޮ ކަން އިރުއިރުކޮޅާ އޭނާގެ ހިތަށްއަރައެވެ. އެކަމަކު ފުރަންޒާގެ ލޮލުގައިވާ ސިހުރަކުން އޭނާ ބޭގަރާރުކުރަމުން ގެންދަނީއެވެ. މި އަންހެންކުއްޖާ އޭނާ ވެސް ދީވާނާކޮށްލައިފިއެވެ.

"ފުރަންޒާ!" އޭނާ މަޑުމަޑުން ބުންޏެވެ. "ފުރަންޒާ ދުވަމުން ތި ދަނީ ހިޔަންޏެއްގެ ފަހަތުން. އަހަރެންގެ ދިރިއުޅުމުގަ ބާކީ އޮތީ ކިހާ ހިނދުކޮޅެއް؟ އެއެއް އަހަންނަށް ވެސް ނޭނގެ. އަނެއްކާ އަހަރެމެންގެ ދެމެދުގަ ދީނުގެ ފާރު ވެސް ވަނީ ހުރަސްވެފަ."

"އަހަންނަކަށް ނޭނގެ. އެކަމަކު ލޯތްބެއް ތި ހުރިހާ ފާރުތަކަކުންވެސް ހައްޔަރެއް ނުކުރެވޭނެ."

"ތީ ހައްތާވެސް ޖަޒުބާތީ ވާހަކަ، ފުރަންޒާ! ޢަމަލީ ދިރިއުޅުމުގަ އެ ފާރުތައް ގިރާކުރުމަކީ ވަރަށް އުނދަގޫ ކަމެއް."

"އަހަރެން އެ އުނދަގޫ ނައްތާލާފަ ދައްކާނަން. މުޖާހިދު ހަމައެކަނި އާނއެކޭ ބުނެފަ ބަލަން ހުރޭ. އަހަރެން ހަމަ މިހާރު ވެސް މިހިރީ މުޖާހިދާ އެކީގަ ދާން ތައްޔާރަށް. އިސްލާންވާން ތައްޔާރަށް. ޝަރުޠަކީ މުޖާހިދު ލިބުން."

ޙަސަނަށް އިޚުތިޔާރެއް ނެތި ހެވުނެވެ. "މޮޔަ އަންހެންކުއްޖާ. އިސްލާން ދީން، ގަދަދެއްކުމާ ދެކޮޅުހަދާ. ފުރަންޒާ ފުރަންޒާގެ ލޯބި ހޯދަން ދީން ބަދަލުކުރުމުގެ ހުއްދަ އަހަންނަށް ދެވޭނީ ކިހިނެއް؟"

"އަހަރެން މި ހުރިހާ ކަމެއް ކުރާނީ އަހަރެންގެ ރުހުމުގަ. އެހެން ވީއިރު މުޖާހިދުގެ ހުއްދަ ކޮންމެހެން ބޭނުން ވަނީ ކީއް ކުރަން؟"

"ފުރަތަމަ އިސްލާންދީނަކީ ކޮބައިކަން ވިސްނާ. އޭގެ ފަހުން ނިންމާ ނިންމުމަކީ ރަނގަޅު ނިންމުމަކަށް ވާނެ. ނިންމަންވާނީ ޖަޒުބާތީ ނިންމުމެއް ނޫން."

"އެންމެރަނގަޅު. އެހެންވިއްޔާ މުޖާހިދު އަހަރެން ގޮވައިގެން ހިނގާ."

"ނޫން. ތީ މީހެއްގެ އަމާނާތެއް. ކޮންމެސް ގެއެއްގެ އަންހެން ދަރިއެއް. އަހަންނަށް ފަހަރެއްގަ ވެސް ތިހެނެއް ނެހެދޭނެ."

ފުރަންޒާ އިރުކޮޅެއް ވަންދެން ހަމަހިމޭނުން ޙަސަނަށް ބަލަން ހުއްޓެވެ. "މުޖާހިދު ހަމަ ވަރަށް މަތިވެރި. ބީރައްޓެހި ލޯބިވެރިޔާ!"

"ނޫން ފުރަންޒާ. މަތިވެރިކަން ލިބިވޮޑިގެންވަނީ ހަމައެކަނި މާތްކަލާނގެއަށް. އަހަރެމެން އެ ކަލާނގެ އަޅުން މި މަސައްކަތްކުރަނީ ޙައްޤާ ތެދުވެރިކަމުގެ މަގުގަ ހިނގޭތޯ."

"އަޑުއަހާ. މާދަމާ އިޓަލީ ސިފައިން ބިންޣާޒީއާ ދަރްނާއާ ދިމާއަށް އެއްފަހަރާ ކުރިއަށް ދާނެ. ދާ މަގުމަތީގަ ދިމާވާ ހުރިހާ އާބާދީއެއް ހަލާކުކުރަމުން ޖަބަލުލް ޚިޟްރު ހުރަސްކޮށް އެ މީހުން ހަމަލަދޭނީ ޖަޣްބޫބަށް." ފުރަންޒާ ހަމަލައިގެ ހުރިހައި ތަފުސީލެއް ކިޔައިދީފައި ފިކުރުވެރި ބެލުމަކުން ޙަސަނާ ދިމާއަށް ބަލައިލިއެވެ. "މުޖާހިދުމެންނަށް މި ހަމަލަ މަތަކޮށްލެވޭނެތަ؟"

"ތިކަން ބޮޑަށް ދެނެވޮޑިގެން ވާނީ މާތްކަލާނގެ." ޙަސަން ޖަވާބުދިނެވެ. "އެކަމަކު އަހަރެމެން ވަރަށް ވަރުގަދައަށް ކުރިމަތިލާނަން ކަން ޔަގީން. ކޮންމެ ގޮތެއްގަ ނަމަވެސް ފުރަންޒާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."

"ޝުކުރު ތި އަދާކުރަނީ ކޮންކަމަކާ؛ އަހަރެންގެ ލޯބިވެރިޔާ؟ އަހަރެން މުޖާހިދުގެ ސަލާމަތަށްޓަކާ ދުޢާކުރާނަން. މުޖާހިދު ވައުދެއްވާން ޖެހޭނެ."

"ބުނޭ."

"މި ހަމަލައަށްފަހު، މުޖާހިދު އަނެއްކާވެސް އަހަންނާ ބައްދަލުވާންވާނެ. މި ތަނުން. އަހަރެން ކޮންމެ ދުވަހަކު ހަވީރު މި ތަނަށް އަންނާނަން."

"އަހަރެން ދިރިހުރިއްޔާ."

"މުޖާހިދު ދިރިހުންނާނެ. އަހަރެންގެ ލޯބި މުޖާހިދު ދިރިދަމަހައްޓާނެ."

"ދެން އަހަރެން ދަނީ، ފުރަންޒާ. މިހާރު ވަރަށް ދަންވެއްޖެ." ޙަސަން ތެދުވަމުން ބުންޏެވެ.

"އަޑުއަހާބަލަ. އަހަރެންގެ މައްޗަށް ކުޑަކޮށް ވެސް އިތުބާރު ކުރެވެންޏާ މިހާރު ދެން ނަން ބުނެދީ."

"ޙަސަން." އޭނާ ހިނިތުންވަމުން ޖަވާބުދިނެވެ.
 
"ޙަސަން." ފުރަންޒާ މަޑުމަޑުން ފަށްކޮށްލިއެވެ.

* * * * *

(ނުނިމޭ)
ކުރީގެ ބައިތައް:

   ފަރުބަދަމަތީގެ ސިންގާ (1)
   ފަރުބަދަމަތީގެ ސިންގާ (2)

މި ލިޔުން:

ފޮނުވުން:    މުޙަންމަދު ޝާހިދު ޙަލީމް
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ