އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (10)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް

                                               (14 މާރޗް 2011 އާ ގުޅޭ ......)

ޚަންޖަރު ހިފައިގެންހުރީ ދޮން އަންހެނެކެވެ. އެންމެ ފުރިހަމަ މާނައިގައި ކަނޑައިފައިވާ " އޮރިޔާން" ހެދުމެއް އަޅައިގެން ހުރި ޒުވާން އަންހެނެކެވެ. ކުރީންވެސް ދެންނެވިފަދައިން އޭނާ ހިނގައިފައި ގޮސް ހުއްޓުނީ ބަނދެލައިފައި އޮތް ފިރިހެން މީހާގެ ކައިރިއަށެވެ. ....................... އެ އުޅެނީ އެ ޚަންޖަރުގެ ތޫނުކަމުގެ ބޭނުން ހިފަން ބާވައެވެ! .................. އެ މަޅައިގަތީ އެވެ. އަނެއްކާ ވެސް އަނެއް ގަތުލު ބާވައެވެ! ނޫން....! އަދި އެހާ އަވަހަކަށް އޭނާގެ ރަޙުމް ކުޑަ މަސައްކަތަށް ނިމުމެއް ނުގެނައެވެ. ތޫނު ހަތިޔާރު މަޅައިގަތް އަތް އެއް ގޮތަކަށް ބާވައިގެން ހެދުމުގެ ތެރެއަށް ކޮއްޕައިލައިފި އެވެ. ވަރަށް އަވަސް ތަޅުވައިލުމަކަށް ފަހު ރީނދޫ މަލެއް ނަގައިފި އެވެ. މަލުގެ ކަރުގަނޑު، ހޭނެތިފައިވާ މީހާގެ ނޭފަތުގައި ދެ ފަހަރަކު ޖައްސައިލުމަށްފަހު، އޭނާގެ މޫނަށް ޙަރަކާތެއް އަތުވެއްޖެ އެވެ. ލޯ ހުޅުވައިލައިފި އެވެ. އާދެ! އޭނާގެ ލޯ ހުޅުވައިލެވުނެވެ. ނަމަވެސް އެއަށްވުރެ އަވަހަށް ލޯ މެރިއްޖެއެވެ. އަދި ހަމައެޔާއެކު ރޯންފަށައިފި އެވެ.

ރަޙުމް ކުޑަ އަންހެން ކުއްޖާގެ ބޫޓުން މޫނުގައި ބޮނޑިއެއް އަޅައިފި އެވެ. ޚަންޖަރުގެ ކޮޅު ކަރުގައި ޖައްސައިފި އެވެ. ....................... ކޮޓަރި ތެރެއަށް ވަށައިގެން ހޯދައިލައިފި އެވެ. .....................

އަންހެންކުއްޖާ:-  އަދިވެސް ނުބުނާން ގަދަ ދައްކަނީދޯއެވެ. ކަލޭގެ އުމުރުގެ ފަހު ވަގުތު މި ކޮޓަރީގެ ތެރޭގައި ގެނެސް ދެންހެއްޔެވެ؟ މިސްޓަރ ބޭކަރުގެ އިޝާރާތަކާނުލައި ކަލޭ މަރައިލަން ހެއްޔެވެ؟ ބާރާއި އިޚްތިޔާރު އަހަންނަށް ލިބިފައި ވެއެވެ.

"ސާހިބާއެވެ! އަޅުގަނޑުގެ ނިކަމެތި ދޫ މަޢާފަށް އެދިއެދި ވަރުބަލިވެއްޖެ އެވެ. އަޅުގަނޑގެ ސާފު ޖަވާބުތަކަށް ތިޔަ ދެއްވާ ބީރު ކަންފަތަކާ މެދު ހިތާމަކުރުން ނޫން ގޮތެއް އޮތް ނަމަ ކޮންފަދަތޯ އެވެ؟ އަޅުގަނޑު ވަށައިގެން އޮޅައިލައިފައިވާ ހިލިހިލާގަނޑު އެންމެ މިނިޓަކަށް މޮއްސަވައިލައިދެއްވާށެވެ. ........................ އަމިއްލައަށް މަރުވާން ކަމަށެވެ."

އަންހެންކުއްޖާ : ފުރިހަމަ ވަގާއެވެ! އަހަންނަށް ދެރަވަނީ ކަލޭ ދޮގުހަދާކަމުންނެވެ. އަހަރެން ލައްވައި ގިނައިރު މަސައްކަތް ނުކުރުވާށެވެ! އަވަހަށް އިޢުތިރާފުވާށެވެ. އަހަންނަކީ، މިސްޓަރ ބޭކަރްގެ ޚާދިމަކީމެވެ. މި ކަމަކީ ބޭކަރު ބެހިގެން ކުރި ނަމަވެސް އޭނާގެ ވެސް ކަމެއް ނޫނެވެ. އެ -/5000 ރުފިޔާ އަކީ ވެސް ބޭކަރްގެ އަތުން ވެއްޓުނު ރުފިޔާތަކެއް ނޫނެވެ. ނަމަވެސް ބޭކަރްގެ އިންތިހާ ދަރަޖައިގެ ރައްޓެއްސެއްގެ އަތުން ގެއްލުނު ރުފިޔާތަކެއްކަމުން ކަލޭ ދޫކޮށްނުލައި ހިފަހައްޓަނީ އެވެ. ................. އަވަހަށް ބުނާށެވެ! ރުފިޔާތައް ގެންދިޔައީ ކަލެއެވެ. މިހާރު އެ ފައިސާތައް ކޮބައިހެއްޔެވެ؟ ބެހެއްޓި ތަނަކާއި ހެދި ގޮތެއް ބުނާށެވެ!

ކޮޓަރި ތެރޭގައި އަޑަކަށް ހުރީ ވެއްޓިފައިވާ މީހާގެ ރުއިމުގެ އަޑެވެ. އާދޭސްކުރާ އަޑެވެ. އެއްވެސް ކުށެއް އޭނާ ނުކުރާ ކަމަށްޓަކައި ޢަހުދުތަކާއި ހުވައިތައް ކުރާ އަޑެވެ. ގިނަ ވާހަކަތައް ދެއްކޭ ވަރަށް ވުރެ ގިނައިރު ހޭނެތުމަކާ ނުލައި އޮވެވޭ ވަރަށް ވުރެ އޭނާގެ ވަރުދެރަ އެވެ. ހިތްވަރެއް އަމުދުން ނެތެވެ.

"އަޅުގަނޑު ތިޔަ ރުފިޔާތަކެއް ނުދެކެމެވެ. ތިޔަ ބުނުއްވާ ............. ރޭ .............ރޭ ..........ހޮޓާ ހޮޓަލުގައި އެ މީހަކު ............"

އަންހެންކުއްޖާ:- (ބަސްކަނޑައިލައިފައި) ކޮން ހޮޓަލެއް ހެއްޔެވެ؟  ކޮން އެ މީހެއް ހެއްޔެވެ؟ ދޮގުހަދަމުން އެންމެފަހު ނޭވާލުމަށްޓަކައި ތައްޔާރުވާށެވެ! އަހަރެންގެ ޚަންޖަރުގެ ސީދާ އަމާޒަށް ސާބަސްދޭން އޮންނާށެވެ! އަތުގައި އޮތް ތޫނު ޚަންޖަރު މަޅައިގެންފި އެވެ. ވަރުގަދަ އެތިފަހަރެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އައިސްފައި ހުރި ރުޅިއެއްގެ ސަބަބުން، ލެވުނު އާދަޔާ ޚިލާފު ބާރެއްގެ ސަބަބުން އެ އެތިފަހަރު ބޮލުން ވެސް ނައްޓައިލީ އެވެ. ޖެހުނީ ތަޅުންގަނޑުގައެވެ. ............ ވަރަށް ރުޅިއައިސްފައި ދެވަނަ ފަހަރު ޚަންޖަރު މަޅައިގެންފި އެވެ.

ކޮޓަރީގެ އިލެކްޓްރިކް ކުއްލިއަކަށް ނިވިއްޖެ އެވެ. އެ ސިކުންތުގެ ބާކީ ދެން އޮތް އިރުކޮޅުގެ ތެރޭގައި ފިސްތޯލެއްގެ ދެތިން ހަތަރު ވަޒަން ކޮޓަރީގެ އަނދިރިކަމުގެ ތެރެއިން ގޮއްވައިލައިފިއެވެ. ކޮން ފަރާތަކުން  އައި ކާކުކަމެއް ވެސް ނޭނގެއެވެ. މަރުވެގެން ވެއްޓުނީ ނުވަތަ ވެއްޓޭނީ ކާކުކަމެއް ވެސް ނޭގެއެވެ.

މިއޮތް ހުރިހާއިރު ބިރުންއޮތް އަޙުމަދު ވެސް ބޮކި ނިވައިލުމާއި ފިސްތޯލައިގެ އަޑާއެކު ލޯހުޅުވައިލައިފިއެވެ. އޭނާ ބެލީ އެންމެ އެއްޗެކެވެ. މި އޮވެވުނީ ހުވަފެނެއްގައިތޯ އާއި، ފިސްތޯލައިގެ އުންޑަތައް ވަދެގެންދިޔައީ ގަޔަށްތޯ އެވެ. ތަޖުރިބާކާރުން ބުނާ ބަހެކެވެ. ބިރުވެރި ދަތުރުކުރާ މީހުން ވެސް ބިރުން އިންދައި ކަނޑުވުމުން ދެން ހިތްހަމަޖެހިދެއެވެ. ލޯހުޅުވި އިތުރުން ގަންނާނޭ ބިރެއް ނެތުމުގެ ސަބަބުން ފިނޑިކަން ކެނޑިގެން ހިގައިދެއެވެ. ............. އާދެ! މި ދެންނެވި އުޞޫލުގެ މަތިން އަޙުމަދު ވެސް މިހާރު އިނީ އެނދުގެ އަނދިރި ތަންދޮށުގައި، ލޯހުޅުވައިގެންނެވެ. އަންވަރު އިނީ ...................

އާދެ! ކޮޓަރިތެރޭގައި ކަޅު އަނދިރި ގުޅައެއް ކަހަލަ ދެ އަތް ވަރަށް އަވަސްކަމާއެކު މަސައްކަތްކުރެއެވެ. ބަނދެފައިވާ މީހާގެ ހިލިހިލާގަޑު މޮހައިލާ އަޑުހެން ވެސް ހީވެއެވެ. އިންސާނާގެ ބޮލުގެ ކަށިގަނޑު ފޮރުޅާ އަޑުހެންވެސް ............

ކުއްލިއަކަށް ކޮޓަރީގެ އިލެކްޓްރިކް ދިއްލައިލައިފި އެވެ. ތެދުވެ ކޮޅަށް ހުރީ މިސްޓަރ އަންވަރެވެ. އެއް އަތުން ހިފަހައްޓައިގެން އޭނާގެ ގައިގައި ލައްކޮށްލައިގެން އެ ހުރީ ދާދި ދެންމެއަކު މަރުގެ ތުންފަތްމަތިން ފުރޮޅެމުން ދިޔަ ޒުވާނާ އެވެ. އޭނާގެ މަރުގެ މަލާއިކަތާކަމަށް ދަޢުވާ ކުރުމަށްޓަކައި މަސައްކަތްކުރި ރަޙުމްކުޑަ އަންހެންކުއްޖާ ލޭގުޅައަކަށް ވެގެން ވެއްޓިފައި އޮތެވެ. ފުރާނައާއި ލޭ ހުސްވެފައެވެ. އަމާން ވަގުތުކޮޅުގެ ބޭނުން ފުރަތަމަ ހިފީ އެނދު ތަންދޮށުގައި އޮތް މިސްޓަރ  އަޙުމަދެވެ. މުޅިގައި މޮޑެމުން ތެދުވެ އަންވަރު ކައިރިއަށް ހުއްޓި އުފަލުން ގޮސް ހައެއްކަފަހަރު އާފުރުފައި ހައެއްކަ ގުޅަ ބޭސް ކައިފައި ...................
އަޙުމަދު:- ކަލޭރަގަޅެވެ! ތިޔަގޯނާކުރީ މިސްޓަރ ބޭކަރުއަށެވެ. ދެން އަހަރެމެން ތިޔަ މީހާގޮވައިގެން ފިލާނީ ކިހިނަކުން ހެއްޔެވެ؟

އަންވަރު:- މަބުނާގޮތެއް ހަދަނިކޮށް ކަލެއަށް ވެސް ފިލިދާނެއެވެ. ނަހަދައިފިނަމަ ފިޑިކަމާއެކު ބޭކަރުއަތުން މަރުވުމަށް ކަލޭ ބަހައްޓާފައި އަހަންނާއި މީނާގެ ފުރާނަ ސަލާމަތް ކުރާ ނަމެވެ.

އަޙުމަދު:- ކަލޭ ދެއްކި ކޮންމެ ބަލާއަކާއި އަހަރެން ހިފާނަމެވެ. ހަދާންވީ ކިހިނެއްހެއްޔެވެ؟ އޭނާ ނާންނަނީސް އަވަހަށް ތިޔަ ފެންނަ ބާގަނޑުން ދެމިގަންނާށެވެ.

އަންވަރު:- ނޫނެކެވެ! އެ އިވުނީ ކާރެއްގެ އަޑެވެ. .............. އެ އިވުނީ ފެންޑާމައްޗަށް އެރި އަޑެވެ........... އެ ވާނީ ބޭކަރު އަޑު ކަމަށެވެ. ........... އެ އަންނަނީ ކޮޓަރިއަށެވެ. ދެން އަވަސް ކުރާށެވެ! ................. އަޙުމަދު ކުސްތަޅަން ފަށައިފިއެވެ. އަޑު ކައިރިވަމުން އާދެއެވެ. އަންވަރަށް ޖެހުނީ ކޮޓަރިތެރޭގައި އޭގެ ތިން މީހުން ތަންތާނގައި އަތުރާށެވެ. އަދި ވަގުތު އައިސް ޖެހުނީމާ ހަދާނެގޮތް ކުޑަކުޑަ ވަގުތީ ތަމްސީލަކުން ދައްކައި ދޭށެވެ. ގިނައިރުތަކެއް ނުކުރެއެވެ. ކޮޓަރީގެ ތަޅަށް ތަޅުދަނޑި ޖަހައިފައި އަބުރާލައިފިއެވެ.
ދޮރުގެ އެއްފަރާތުގައި ހުރީ އަޙުމަދެވެ. އަނެއްފަރާތުގައި އަންވަރާއި އަނެއް މީހާއެވެ. ............. ދޮރުހުޅުވައިލައިފައި ........... އެހެރަ ވަންނަނީ ބޭކަރެވެ. ފުރަތަމަ ވެސް އޭނާގެ ލޮލުގައި އަޅައިގަތީ ދިމާ ކުރިމަތީގައި މަރުވެގެން ވެއްޓިފައިއޮތް އޭނާގެ ޚާދިމާ އެވެ. ވެރިވި ކުއްލި ހައިރާންކަމުގެ ތެރޭގައި ދޮރު ހުޅުވައިލުމާއެކު އަންވަރުގެ އަތުގައި އޮތް ފިސްތޯލަ ކޮޓަރީގެ ބޮތްކާ ދިމާއަށް ގޮއްވައިލައިފި އެވެ. ރާސްލައިފައި ބޮކި ފުނޑުފުނޑުވެގެން ކޮޓަރިއަށް އޮހިއްޖެ އެވެ. ބޭކަރުގެ އަތުން ދޮރުހުޅުވައިލުމާއި ޚާދިމާ މަރުވެފައި އޮތްތަން ފެނުމާއި، ފިސްތޯލައެއްގެ އަޑާއި ބޮކި ތެޅުމާއި، ކުއްލި އަނދިރިކަމާއި އެކުވެގެން ލިބުނު ރަނުގެ ފުރުޞަތުގައި އަޙުމަދާއި އަންވަރު އެމީހާ ގޮވައިގެން  ކޮޓަރީން ނުކުމެއްޖެއެވެ. ހުސް އެކަނި ނުކުތީއެއް ވެސް ނޫނެވެ. ނުކުމެފައި އަންވަރުގެ ފުރަތަމަ މަސައްކަތެއް ކަމުގައި ހެދީ ފެންޑާގެ ބޮކި ނިއްވާލާފައި ކޮޓަރީގެ ދޮރު ލައްޕާފައި ޖަހާފައިހުރި ތަޅުދަނޑީން ކޮޓަރި ތަޅުލުމެވެ. އާދެ! އެކަނިވެރި ބޭކަރް މިހާރު ވަނީ ކޮޓަރިތެރޭގައެވެ. އަޙުމަދާއި އަންވަރު އެ މީހާ ގޮވައިގެން ނުކުމެ ބޭކަރްގެ ކާރުގައި ފިލައިފިއެވެ.

ޤަތުލުކުރީ އަހަރެންނެވެ.

އިންޑިޔާގެ މަގުތަކަށް ވެރިވެފައިވާ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފަތިހުގެ އަލިކަން ފިރުކޭން ފަށައިފި އެވެ. ނަމަވެސް މި ވަގުތަކީ މުޅި އިންޑިޔާހެން ނިދައިފައި އޮންނަ ވަގުތެކެވެ. ނައިޓްކުލަބްތަކާއި ސިނަމާތަކުގައި އުޅެފައި އަންނަ މީހުންގެ މެންދުރުގެ ވަގުތެވެ. މިސްޓަރ އަންވަރާއި އަޙުމަދު، ބޭކަރްގެ ކާރުގައި ބޮޑެތި މަގުތަކާއި ކުދި ގޯޅިތަކުން ދަތުރުކުރަމުން އޮވެ ދެއެވެ. ކާރުގެ ފަހަތު ޝީޓްގައި ކިރިޔަކިރިޔާ ނުވެއްޓީ އެ އިނީ މަކަރުވެރި ބޭކަރްގެ "ޖަލުގައި" އެތަކެއް އަނިޔާކޮށްގެން ގެންގުޅުނު މީހާ އެވެ. މިސްޓަރ އަންވަރަށް ލިބިފައިވާ އެތައް ޔަޤީންކަމެއް ކަނޑައަޅައި ބުނާ ގޮތުގައި، ޤަތުލުގެ ސިއްރު އެންމެ ބޮޑަށް އެނގޭނެ އެކެކެވެ. އެ ދެމީހުން މި ރޭގެ ހަތަރުދަން ބިރުތަކާއި އުނދަގޫ މަސައްކަތުގައި ހޭދަކޮށްލި ނަމަވެސް ލިބުނު ވަރުބަލިކަމެއް އައި ނިންޖެއް ހުވަފެނުން ވެސް ފެންނާކަށް ނެތެވެ. އެއަށްވުރެ ކުރެވުނު މަސައްކަތުގެ ނަތީޖާ ފޮންޏެވެ. އަތުޖެހުނު ޖަވާހިރު އަގު ބޮޑެވެ. އެހެންކަމުން އަންވަރު ގަސްތުކުރީ އެންމެ މިނެޓެއް ވެސް ނަގައިނުލައި އެ މީހާ އާ ސުވާލުކޮށްގެން ޚަބަރުތައް ސާފުކުރުމަށެވެ. ކޮނެވެން އޮތް އެންމެ ވަރުގަދަ ކޮނުމެއް ކޮނުވަމުން ހޭވެން އޮތް އެންމެ  ފުން ހޭވުމަކުން އެ މީހާއަށް ލިބިފައިވާ މައުލޫމާތުތައް ހޯދުމަށެވެ.

އަޙުމަދު:- މިހާރު ތިޔަދަނީ ކޮންތާކަށްހެއްޔެވެ؟

އަންވަރު:- ކީއްވީ ހެއްޔެވެ؟ މިރޭގެ ގެއްލުނު ނިދި އަތުލުމަށްޓަކައި މުސާފިރުޚާނާގެ ތަންމައްޗަށް ކަލޭ ގެންގޮސް ދޭންވީ ހެއްޔެވެ؟

އަޙުމަދު:- ................... އަޅުގަނޑު ދެން އެއްޗެކޭ ނުބުނާނަމެވެ.

އަންވަރު:- ހަތަރުމަހަށްދާ މޮޔަކުއްޖާ އެވެ. މިދަނީ އެލްވިސް ހޮޓަލުގެ ތިރީބުރީގައިހުރި އަހަރެމެންގެ ކޮޓަރިއަށެވެ. މުޅިން އިރުނާރަނީސް ހޮޓާތެރެ ހިނގައި ގަންނާނެ އެވެ. ކުރިން ކަލޭ ދާށެވެ. ތަންކޮޅެއް ފަހުން އަހަރެން މީނާ ގޮވައިގެން ދާނަމެވެ. ............. ކާރު ހޮޓަލުގެ ކައިރިއަށް ގެންގޮސްގެން ނުވާނެއެވެ.

ވާހަކަ މި ހިސާބަށް ދިޔައިރު އެލްވިސް ހޮޓާ ހުރި މަގަށް އާދެވިއްޖެ އެވެ. މަގަކީ ސަރާސަރު ދިގުމަގެކެވެ. ނަމަވެސް އަންވަރުގެ ނަސީބު ރަނގަޅުކަމުން އެ މަގުގައި އަދި ހަމަ އެންމެ މީހަކު ވެސް .................

ކާރު ހުއްޓައިފައި އަޙުމަދު ހޮޓަލާ ދިމާއަށް ފޮނުވައިފި އެވެ. ތަންކޮޅަކަށް ދިއުމުން އަންވަރު އެމީހާ ގޮވައިގެން ފޭބުމަށްފަހު މަގުމެދުގައި ކަރުބާއްވައިގެން ކާރަށް އަރައި ކުޑަކޮށް އިށީއިދެ ލައިގެން އިނދެ އެ ގޮތަށް އިސްޓާޓުކޮށްލައިފިއެވެ. ގިއަރުތައް ބަދަލުކޮށް އެންމެމަތީ ގިއަރަށް ގެންގޮސްފި އެވެ. ........... އެހެންނަމަވެސް އަދި ކާރު ދުއްވައެއްނުލައެވެ. މަޑުމަޑުން އަަންވަރު ކާރުން ފައިބައިފިއެވެ. މިހާރު މަގުމެދުގައި އެއޮތީ ހުސް ކާރެވެ. ދެކޮޅުހޯދައި ބަލައިލުމަށް ފަހު އެއްވެސް މީހަކު އެއޮއް ބޮޑު މަގުމަތީގައި ފެންނާން ނެތްކަން ޔަގީންވުމުން ގެނައީ ކުޑަކުޑަ ޙަރަކާތެކެވެ. ބޫން ކިޔައިފައި އެ ދުއްވައިގަތީ ހުސް ކާރެވެ. ބޭކަރްގެ އެއޮއްް ފަދަ ރީތި ކާރެވެ. ސަރާސަރު ބޮޑުމަގުގެ މެދުން އަޅައިފައި ހުރި ގޮތަށް ފައިބައިގެން ހިނގައްޖެ އެވެ. އެހާ ސީދާކޮށް ދަތުރުކުރެވޭނެ ގޮތް ހެދުމަށްޓަކައި ހުޝިޔާރު އަންވަރު އެކަން ކުރީ ކޮން ގޮތަކަށްކަން ވެސް ދެނެވޮޑިގެންވާނީ ކަލާނގެ އެވެ. ކާރުދުއްވައިގަތުމުން އުފަލާ އެކީގައި އެއާ  މުޚާޠަބުކޮށް އޭނާ ބުންޏެވެ. " ތިޔައީ ހުޝިޔާރު ވަގެއްކަމާއި...... ޢިއްޒަތްތެރި އަމާނާތެއް. ބާރަށް ގޮސް ތަނެއްގައި ޖެހިފައި އަލިފާން ރޯވެއްޖެނަމަ ޝުކުރިއްޔާއެވެ!" ..............

އެލްވިސް ހޮޓަލުގެ ތިރީ ބުރީގައިހުރި ކޮޓަރިއަށް އަޙުމަދު އައިސް ވަންތާ ކުޑަ އިރުކޮޅެއް ވެއްޖެ އެވެ. މިސްޓަރ އަންވަރު ވެސް އިތުރު ހިތްހަމަޖެހުމަކާއެކު އެ މީހާ ގޮވައިގެން އެ ކޮޓަރިއަށް އަތުވެއްޖެ އެވެ. ދޮރުހުޅުވައިލި އިރު އަޙުމަދު އިނީ ނިދައިފައެވެ.

އަންވަރު އައިސް ވަދެ ކޯޓްބާލައިފައި އެއްލައިލައިފި އެވެ. ވަރަށް އަވަހަށް ސިނގިރެޓެއް ރޯކޮށްލުމަށްފަހު، އަޙުމަދު ދަމައި ނަގައިފި އެވެ. މޭޒެއްގެ މަތީގައި ހުރި ތަރުމޯޒަކުން  ހޫނުފެން އަޅައިގެން ތިންތަށި ގަހުވަ ހަދައިލައިފި އެވެ. .............. މިހާރު އޭގެ ތިން މީހުން ތިބީ އަންވަރުގެ އެނދުގައި އިށީނދެލައިގެންނެވެ. މެދުގައި އިނީ ބޭކަރްގެ ކޮޓަރީން ގެނައި މީހާއެވެ. ކަނާތް ފަރާތުގައި އަންވަރެވެ. ވާތްފަރާތުގައި އަޙުމަދެވެ. އިރުކޮޅަކު އެއްޗެއް ވިސްނާން އިނުމަށް ފަހު، އެ މީހާއާ މުޚާޠަބުކޮށްފައި..

އަންވަރު:- މިރޭ މަރުން ސަލާމަތްކުރެވުނު އައު ރަހުމަތްތެރިޔާ އަކީ ކޮން ރަށެއްގެ ކޮންފަދަ ނަމެއްކިޔާ މީހެއްކަން ވެސް ނޭނގޭކަމުން އަހަރެން ވަރަށް ހިތާމަކުރަމެވެ. އެހެންކަމުން އަހަރެން  އެންމެ ފުރަތަމަ އެދެނީ އަހަރެމެން ދެމީހުންނަށް ކިތަންމެ ކުޑަކޮށް ނަމަވެސް ކަލޭ ތަޢާރުފުވެދިނުމެވެ.

އެމީހާ:- އަހަންނަކީ، އިނގިރޭސިއަކީމެވެ. އަހަރެންގެ ތިމާގެ މީހުން އަހަންނަށް ކިޔައި އުޅެނީ އެޑްމަންޑެވެ.

އަންވަރު:- އަހަރެމެން ދެމީހުންނަކީ، ޕާރޝިޔާގެ ދެ މީހުންނެވެ. އަހަރެމެން ދެމީހުން އިންޑިޔާގެ މި ހޮޓަލަށް އައީ ފާލަބެލުމުގެ ވިޔަފާރި ކުރުމުގެ ގޮތުންނެވެ.

އެޑްމަންޑް:- އެންމެ ރަނގަޅެވެ. އަހަރެން އެފަދަ ނުރައްކާތެރި ތަނެއްގައި ވަނިކޮށް އެ ކަހަލަ ސިއްރު ނޭޭނގޭ ގޮތަކުން، ގުޅުމެއް ނެތް ނިކަމެތި އަހަރެން ސަލާމަތްކުރީ ކޮން ބޭނުމެއްގައި ހެއްޔެވެ؟

އަންވަރު:- ކަލެއަކީ ވެސް އިންސާނެއްކަމުން ސަލާމަތްކުރުން އަހަރެމެން ދެ މީހުންނަށް މަޖުބޫރުވީ އެވެ. އަހަރެންގެ އެންމެ ވަރުގަދަ ބޭނުންތެރި މަޤުޞަދަކީ ކަލެއަށް އެ ތަނަށް ދެވުނު ގޮތަކާއި އެ ބުނާ -/5000 ރުފިޔާ އަކާއި އަދި އެ ސިއްރު ކޮޓަރީގެ މަޢުލޫމާތުތައް އޮޅުންފިލުވުމެވެ. ރަނގަޅަށް ބުނެބަލާށެވެ! އެއީ ކޮން ރުފިޔާތަކެއް ހެއްޔެވެ؟ ތިޔަ ބުނުއްވާ ރޭ.......... އެ މީހެކޭ ކިޔައިފައި އެ ރޭ ބުނަށް އުޅުނީ ކޮން ރަށެއްގެ ކޮން މީހެއްގެ ވާހަކަ ހެއްޔެވެ؟

އެޑްމަންޑް:- ބުނަންހެއްޔެވެ؟ ދިގު ވާހަކައެކެވެ. ބިރުވެރި ހާދިސާއެކެވެ. އެ ކަންތައްގަނޑު ހަމައެކަނި ލޮލުން ފެނުމުގެ ސަބަބުން ލިބުނު އަނިޔާ ވެސް ދުވަހަކު ހަނދާނެއް ނުނެތޭނެ އެވެ. ވީމާ އަހަރެން ގަސްތުކޮށްގެން މި ހުރީ އެ ވާހަކަ ދުލުގެ ކުރިއަށް ވެސް ނުގެނައުމަށެވެ. ނަމަވެސް ކަލެއަކީ އަހަރެން ފުރާނަ ސަލާމަތްކުރި މީހާ ކަމުން، ސާފުކޮށް އެ ކަންތައްގަނޑުގެ ވާހަކަ މި ކިޔައިދެނީ އެވެ. އަހަރެންގެ ހުރިހާ ވެސް ނަޞޭޙަތަކީ ކަލެއަށް މި މަޢުމޫމާތުތައް ލިބުމުގެ ސަބަބުން އެއްވެސް ކަހަލަ ފިޔަވަޅެއް މި މަގުގައި ކުރިއަށް ނޭޅުމަށެވެ. އަޅައިފި ނަމަ ނުރައްކާތެރިކަން ބޮޑެވެ.......................

"އަހަރެންނަކީ ........ " އިޚްލާސްތެރި ކަމާއެކު  އެޑްމަންޑްގެ ވާހަކަ ކިޔައިދޭން ފަށައިފިއެވެ. "އަހަންނަކީ އިންޑިޔާގެ މަޝްހޫރު ޑިއަރެސްޓޯ ހޮޓަލުގެ ބަދުނަސީބު ޚާދިމަކަށް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އުޅުނު މީހަކީމެވެ. އަހަރެންގެ މަސައްކަތަކީ ހޮޓަލުގެ 6 ވަނަބުރީގެ ކޮޓަރިތަކުގައި ތިބޭމީހުންނަށް އެހީވެދިނުމެވެ.

ރެއަކީ އަހަރެންގެ ބަދުނަސީބުގެ ނާރު ހަޔާތުގެ ގޮޅިތައް ހުރަސްކޮށް ދުއްވައިގަތް ރެއެވެ. ބިރުވެރިކަމާއި ހިތާމައިގެ ކަޅުތިލަ އަތުގައި އުފެދުނު ރެއެވެ. އެހެން ގޮތަކަށް ބުނާނަމަ މި ނުރައްކާތެރި ކަންތައްގަނޑުގެ ފުރަތަމަ ރެއެވެ. ވަގުތަކީ މެންދަމުގެ އެންމެ އެކަނިވެރި ވަގުތެވެ. އަހަރެންހުރީ ހޮޓަލުގެ މަތީބުރީގައި ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައިހިފީ ހައިބަ ހުރި ޒުވާން ފިރިހެނެކެވެ. މުޅިހަށިގަނޑު ނިވާކޮށްފައި ވަނީ ކަޅުކުލައިގެ ދިގު ކޯޓަކުންނެވެ.

--------------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

   ޓައިޕުކުރުން:    ޢަލްފާޟިލާ ސިތުރާ ޢަބްދުލްޢަޒީޒު
   އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ