އަދުގެ ޚާއްސަ

Print

ހިތްގައިމު އަޖައިބެކެވެ.

ޝާޢިއުކުރީ Mohamed Ahusan . ހިމެނޭބަޔަކީ ތިމާވެށި

ދުނިޔޭގެ ނިސްބަތުގައިވެސް ދިވެހިރަށްތަކަކީ:

ހިތްގައިމު އަޖައިބެކެވެ.

ކަނީރު ޢަބްދުއްރަޙީމު
      
ދިވެހިރާއްޖެއަކީ ގުދުރަތީ ވަރަށްރީތި މަންޒަރުތަކެއް އެކުލެވިފައިވާ ތަފާތުހިތްގައިމުކަމަކާއި ލޮލަށްފިނިކަމެއް ފޯރުކޮށްދޭ ތަނެއްކަމުގައި ދެކޭއެއްމެންމެ ގަބޫލުކުރެއެވެ. އެއްފަހަރު ބަލައިލައިގެންހިތަށް ހަމަޖެހުމެއްނުލިބި އަދިވެސް ބަލައިލަން ބޭނުންވާ ތަނެކެވެ. އަބަދާއި އަބަދު ދުނިޔޭގެ އެކިކަންކޮޅުތަކުން ފަތުރުވެރިން ޒިޔާރަތްކުރަމުންދާކަމީ މިއީތެދެއްކަމުގެ އަލިގަދަހެއްކެކެވެ.                                   
ދިވެހިރަށްތަކުގައި މިގޮތުން އެއްމެ ފާހަގަ ކުރެވެނީ އައްސޭރިފަށެވެ. އަތިރިމަތިތަކެވެ. ގަދަ ނޫކުލައިގެ މާކަނޑުންތިލަވަމުން އައިސް ރަށްރަށުގެސާފު ދޮންވެލިގަނޑާއިއެކު ފާހަގަކޮށްލެވޭ އާދަޔާއި ތަފާތުކުލަތަކާއި މަންޒަރުތަކެވެ. ރަށްރަށުގެފުއްޓަރުފަރާތަށް މުގުރަމުންދާމެދުމިނުގެ ރާޅުތަކާއި އެރާޅުތަކުގެ ސަބަބުން ފަޅުތަކުގެ ވިލުތަކާއި މޫދަށްވަދެގެންދާލޮނުގަނޑުގެ ބާނިތަކާއި އޮއިވަރެވެ. ރަށްރަށުގެމަޑުފަރާތުގައި އޮންނަ އަލިކުލައިގެ މޫދާއި އެމޫދުގެ އަޑީގައިވާ ހިތްގައިމުކަމެވެ. މަތިންބަލައިލުމުން މިމޫދާއި ދޮންވެލިގަނޑު ބައްދަލުވާއައްސޭރިފަށަށް ލުއިލުއިކޮށް އައިސްލޮނުގަނޑުބީހިލާ މަންޒަރަކީ ކިތަންމެއިރަކުވެސް ފޫހިނުވެބެލިދާ ފަދަ ރީތިހިތްގައިމުހަރަކާތްތަކެކެވެ. ރަށަށްލަފައި އަތިރިމައްޗަށްދެވުމާއިއެކު ދޮންވެލިގަނޑުގެހިމުންކަމާއި އެ ވެލިގަނޑުގައި ހުސްފަޔާހިނގާލުމުން އެކުރެވޭ އަރާމުއިހުސާސަކީ ފަސޭހައިން ހިތުންފިލުވާލެވޭ އެއްޗަކަށް ނުވެއެވެ. ހެޔޮވަރުގެ ފުންމިނެއްގައި އުޅެލަންފުރުސަތުލިބޭ މޫދަށްއެރިލައިފިނަމަ ލޮނުގަނޑުގެ ފިނިހޫނުމިނާއި އޮއިވަރާއިއެކު ކުރާހަރަކާތުން ކުރުވާއުފާވެރިކަމަކީ އެމޫދުގައި އެގޮތަށް އެތައްއިރެއްހޭދަވެގެންދާއިރުވެސް އަރައިގެން ދާހިތްނުވާވަރުގެ އުފާވެރިކަމެކެވެ. އެއާއިއެކު މޫދުގައި އުޅޭ ކުދިކުދިމަސްމަހާމެއްސާއި އެކިވަރުގެ އަކިރިތަކާއި ގައުތަކުގެމައްޗަށް ވިސްނާލެވިއްޖެނަމަ އަބަދުވެސް އެހެން އައުތަނެއްބަލައިލަންކުރެވޭ މަސައްކަތް ހުއްޓާނުލެވޭގޮތްވެ ވަގުތުގެދުވެލި މާއަވަހަށް ހިނގާދާކަމުގެ ސަކުވާހިތާހިތާކުރަމުން ނޫނީ އެއްގަމަށްނުދެވޭތަން އޮންނަނީ އައިސްފައެވެ.
      
މޫދުގެ މަންޒަރުތައް އެއްމެ ރީއްޗަށް ބަލައިލެވޭނީ މޫނުމައްޗެއް ނުވަތަ ގޮގުލެއްގެ އެހީގައި ލޮލުގައި ލޮނުގަނޑުނުޖެހޭގޮތަށެވެ. ސުނޯކަލިން ކުރާމީހުން މޫދުގެތިލަހިސާބުން ފަށައިގެން ދަމުންދަމުންގޮސް ރަށުގެ އުރަފަށަށްނިކުމެއެވެ. އެއީ އެއްމެ ހިތްގައިމުކޮށް ގައުތަކާއި މުރަކަތަކާއި މަސްތައްފެންނަތަނެވެ. އަޑީގައިހުންނަ މަޑުމަޑުއޮއިވަރާއި އެކު ހެދެމުންއަންނަ ގައުތަކާއިމުރަކަތައް ނަށަމުންގެންދާތަންފެންނަ ހިސާބެވެ. ކުދިމަސްތަކާއި ހެޔޮވަރުގެ ބޮޑަތި ބައެއްމަސްތަކުގެ ހަލުވިހަރަކާތްތައް ވަގުތުންހަމަލޮލަށްފެންނަ ތަނެވެ. އެކިވަރުގެ އެކިކުލައިގެ ތަފާތު ސިފަސިފައިގެ މަސްތަކާއި ގައުތަކާއި މުރަކަތަކެވެ. ބަލާފޫހިނުވާ މިމަންޒަރުތަކަކީ މިފަދަ އަމާން އޮމާން ކަމަކާއިއެކު ދުނިޔޭގެ ވަރަށްމަދުތާކުން މެނުވީ ބަލައިލަންނުލިބޭ މަންޒަރުތަކެކެވެ.
      
ފާހަގަކޮށްލަން ރަނގަޅު އަނެއްކަމެއްގެގޮތުގައި ވަށައިގެން ފެންނަންއޮންނަ އުދަރެސް ގުނާލެވެއެވެ. ފަތިހު އިރަށްދޮންކުރަން ފެށީއްސުރެ އިރުމަތިފަރާތު އުދަރެހަށް އަންނަމުންދާ ބަދަލުތަކާއި އަރާފައިބަމުންދާ ކުލަ ތަކަކީ އަޖައިބުވެ އަންތަރީސްވެ ތަލިންކުޅުހިކިގެންދާފަދަ މަންޒަރުތަކެކެވެ.ފަތިހުގެ ނިޝާނެއްކަމުގައި އުދަރެހުން ފެންނަ ފަޖުރުތަރިއާއި އެތަރީގެ ނިވައިވުމާއި އެއަށްފަހުމަޑުމަޑުން އަލިވަމުންއަލިވަމުން އަންނަގޮތުގައި އެހުންނަ ޖާދުވީއަސަރަކީ ވެސް ބަޔާންކުރަން ނުކުޅެދޭފަދަ ގޮތްތަކެކެވެ. އުދަރެހުގައި ހުންނަ ވިލާކޮޅުތައް ބައެއްފަހަރު ފުސްކުލައިން ހުދުކުލައަށް ބަދަލުވާގޮތާއި އަނދިރިކަޅުކުލައަކަށްވެގެންދިއުމާއި މަޑުރީނދޫކުލަދައްކާލުމާއި މިފަދަ ހުރިހާ ބަދަލުތަކަކީ ފަތިސްވުމަށްފަހު އިރުއެރުމާއިދެމެދު އިރުމަތިފަރާތުން ފެންނަމުންދާ ހިތްގައިމުކަންކަމެވެ. ދެންމެދެންމެ އިރުއަރާ ހިސާބަށްދާއިރު އިރުގެ ދޯދިތައް މައްޗަށްއަރައިގެންގޮސްފައިހުންނަ ގޮތާއި އެދޯދިތައް ވިލާކޮޅުތަކަށް އެޅުމުން އުފެދިގެންދާ މަންޒަރުތައް ހަމަލޮލުންބަލައިލަން ހުރެވޭނީ މީހާގެ އަމިއްލަބާރެއްނެތި ސޯޚުވެވިފައެވެ. އަތިރިމަތީގައިހުންނައިރު މިވަގުތުކޮޅު ޖައްވުގައިހުންނަ ތަފާތުއޮކުސިޖަން ނޭވާއާއިއެކު ހަށިގަނޑުގެ ތެރެއަށްއެތެރެވެގެންދާ ދިއުމުން އެނގޭވަރުގެ ތަފާތެއް ހަމަކޮންމެމީހަކަށްވެސް އިހުސާސްކުރެވޭ ވަރުވެއެވެ. ރޭގަނޑުގެ ކަޅުކަމާއި ފިނިކަމުގައި ޖައްވުގައިހުރި ވައި އިރުގެ މިހޫނުން ހޫނުވާންފެށުމުން ލުއިވެ ސިއްޙީގޮތުން އެހާފާހަގަކުރެވޭ އެއްޗަކަށްބަދަލުވެގެންދާ ދިއުމުގެ ފުރިހަމަފައިދާ ހޯދައިގަނެވޭ މިވަގުތުކޮޅަކީ ރާއްޖޭގެ ހަމަކޮންމެރަށަކުންހެން (މޫސުން ގޯސްވާ މަދު ދުވަހެއްގައި ނޫނީ) އާދަވެލިބޭ އާއްމުއެއްޗެކެވެ. ހިތަށްލިބިދޭ އުފާވެރިކަމާއެކު ހަށިގަނޑަށްލިބިގެންދާ ދުޅަހެޔޮއެހީތެރިކަމަކީ ހަގީގަތުގައި ކިތަންމެކިތަންމެ ގޮތަކުން ވަކިންޚާއްސަކޮށް ފާހަގަކުރަން މަޖުބޫރުވެގެންދާ ކަންކަމެވެ. ދުނިޔޭގެ ގިނަހިސާބުތަކުގައި އެތަކެއް ހޭދައާއި ބުރަމަސައްކަތުން ނޫނީ ލިބެންނުހުންނަ އަގުހުރިފައިދާތަކެކެވެ.
       
ދުވަހެއްގެފެށުން މިފަދަގޮތަކަށްގެނައުމަށްފަހު ދިލަހެޔޮވަރު އިރުގެއަތްވާއެކު ވަގުތުހޭދަކުރުމުގެ ފުރުސަތުތަކަކަށްފަހު ހަވީރުވެ އިރުއޮއްސުމަކާއިހަމައަށް އައުދެވުމުން އަނެއްކާވެސް ދިވެހިމިރަށްތަކުގެ ޚާއްސަ ކަންތައްތައް ފެނިގެންއާދެއެވެ. ގަނޑުރަނުގެ ބޮޑުތަބަކެއްހެންއިރުފެންނަންހުރެގެން ހުޅަނގުފަރާތުއުދަރެހުން (ބަލާބެލުމުގައި ދުރަށްގޮސް އޮބާހިސާބުގައިވާ ކަނޑުތެރެއަށް) އިރުއޮއްސިގެންދާމަންޒަރަކީވެސް ހައިރާންކަމާއި އެކު ހަމަކޮންމެދުވަހަކުވެސް ބަލައިލަންހުރެވޭފަދަ ތަފާތުމަންޒަރެކެވެ. މަޑުމަޑުން މަޑުމަޑުން ތިރިއަށްގެނބިގެން ދިއުމާއިއެކު މުޅިއެހިސާބުގެ އުދަރެހުގައި ދެންސިފަވަމުންދަނީ ފަތިހާތަފާތު، އެކަމަކު އެފަދަ ބަދަލުތަކެކެވެ. ފަތިހު ވަމުންއައި އަލިކަމުގެ ބަދަލުގައި ވަމުންއަންނަނީ އަނދިރިއެވެ. ވިލާކޮޅުތަކާއި އުޑުގެއެކިހިސާބުތަކުގައި ރަން ރީނދޫ ކުލަތަކަކުން ކުރެހުންތަކެއް އެޅޭކަހަލައެވެ. އެކުލަތައް ވައިލެޓާއި ފިޔާތޮށި އަދި ގަދަރަތްކަމަށް ވެސް ބަދަލުވެއެވެ. އެދުވަހެއްގެ ޖައްވުގައި ފިނިހޫނުމިނާއި ތެތްކަންހުންނަވަރަކުން އެއްދުވަސް އަނެއްދުވަހާއި ތަފާތުކޮށްދައްކާކަމީ ކޮންމެދުވަހަކީވެސް ތަފާތު މަންޒަރުތަކެއްފެންނަ ދުވަހަކަށްވެގެންދާ ސަބަބެވެ.
       
ދިވެހިރާއްޖޭގެ މިރަށްތަކަކީ ދުނިޔޭގެ ނިސްބަތުގައި ވަކިން ޚާއްސަކޮށް ފާހަގަކުރެވޭ ތަފާތު އުފާވެރިކަމަކާއި އަރާމުތަކެއް އިހުސާސްކުރަން ލިބޭ  ތަނެއްކަމާމެދަކު ދެބަހެއް ނުވެވެއެވެ. ތަފާތު އެކި ކަންކޮޅުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިން ގިނަފަހަރަށް އެނބުރި އެމީހުންގެ ގައުމުތަކަށްދަނީ ދާހިތަކުން ނޫންކަން ވަނީ ސާބިތުކޮށް ބުނެދީފައެވެ. އައުދެވުނުހާ އަވަހަކަށް ދެވަނަ އަދި ތިންވަނަފަހަރަކަށްވެސް އައުމަށް އަޒުމުކުރަމުން މިރަށްތަކުގެ ހިތްގައިމު ފޮނިހަނދާންތަކާއި އެކު ފުރައިގެން ދަނީ އެއިހުސާސްތަކާއިއެކު ވަދާޢީ ނަޒަރަކުން ބަލަމުން އަދިއައުދެވޭނެކަމުގެ އުއްމީދާއި އެކުގައެވެ. މިފަދަ އެނބުރިއައުން ދިހަބާރަފަހަރު ފަށްފަށް ކުރުމުގައި ކޮންމެ އަހަރަކު އައިސް ޗުއްޓީހޭދަކުރާ ފަތުރުވެރިންގުނާލެވޭކަން ފާހަގަކުރަންޖެހެއެވެ.
       
ދުނިޔޭގެ ސުވަރުގެ އޭ ނުވަތަ އިންޑިޔާކަނޑުގެ މުތުގެ ހާރެކޭ އަދިނޫންނަމަ އެހެންކޮންމެނަމެއްކީ ކަމުގައިވިޔަސް ހަގީގަތަކީ ދިވެހިރާއްޖޭގެ ރަށްތަކަކީ މުޅިދުނިޔޭގައިއަތްފުނާއެޅިޔަސް އެހެންތާކުން ފަސޭހައިން ނުފެންނަވަރުގެ ތަފާތު ރީތި ހިތްގައިމުކަންތައްތަކެއް ގުދުރަތުން ދެއްވާފައިވާ ރަށްތަކެއްކަމެވެ. އެ ރީތިކަމާއި ހިތްގައިމުކަން އުމުރުން އެއްފަހަރުނަމަވެސް ބަލައިލާ އިހުސާސްކޮށްލުމަކީ ކޮންމެހެންވެސް ކުރަންބޭނުންވާނެ ކަމެއްކަމެވެ.
--------------------
(ނިމުނީ)

ފޮޓޯ: މުޙަންމަދު ޢަބްދުﷲ ޝަފީޤު


މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން: އާދަމް ނަޞިރު އިބްރާހީމް



އިދާރާ

އެނގޭތަ؟

ވާހަކަ