ދުނިޔޭގެ އެންމެ އަގުބޮޑު ގަޑި
ޓޫ އޯ ވަން ކެރެޓް ޗޮޕަރޑް
ރީތި ގަޑިއެއް އަތުގައި އަޅައިލާ ހިތްވާނަމަ، ފޮޓޯއިން އެ ފެންނަ ގަޑި ކިހިނެއްވާނެ ބާ އެވެ؟ މިއީ ތަފާތު ތިންކުލައެއްގެ ޖަވާހިރުން އަތްކަން އަޅައިފައިވާ ހިތްގައިމު ގަޑިއެކެވެ. މީގައިވާ އެންމެ ބޮޑު ތިންޖަވާހިރަކީ، ހުދުކުލައިގެ ޖަވާހިރަކާއި، ފިޔާތޮށި ކުލައިގެ ޖަވާހިރަކާއި، ނޫކުލައިގެ ޖަވާހިރެކެވެ. މި ތިންޖަވާހިރު ވެސް އެވަނީ އެންމެ ހިތްދަމައިގަންނަ ސޫރައިގަ އެވެ. ހިތުބައްޓަމަށެވެ.
ފިޔާތޮށިކުލައިގެ ޖަވާހިރަކީ، 15 ކެރެޓުގެ ޖަވާހިރެކެވެ. ނޫކުލައިގެ ޖަވާހިރުގައި 12 ކެރެޓު ހުރެ އެވެ. ހުދުޖަވާހިރުގައި 11 ކެރެޓު ހުރެ އެވެ. މީގެ އިތުރަށް ހުދާއި ރީނދުލުން ޒީނަތްތެރިކުރެވިފައިވާ ޒީނަތްތެރިކަމުގައި 163 ކެރެޓުގެ ޖަވާހިރު ހިމެނެ އެވެ. މުޅި ގަޑީގައި 201 ކެރެޓްގެ ޖަވާހިރު ހިމެނެ އެވެ. 2011ވަނަ އަހަރު ވެސް އެންމެ އަގުބޮޑު ގަޑީގެ ގޮތުގައި އޮތީ މި ގަޑި އެވެ. މި ގަޑިއަށް ކިޔަނީ، ޓޫ އޯ ވަން، ކެރެޓް ޗޮޕަރޑެވެ. ނުވަތަ ދެއެއް ސުމެއް އެކެއް ކެރެޓް ޗޮޕަރޑެވެ.
މިހާރު މި ގަޑި ގަނެލާހިތް ވެއްޖެ ދޯ އެވެ. އެހެންކަމަށްވާނަމަ، ގަޑީގެ އަގު ބުނެލައިދީފާނަމެވެ. އަދަދު ޖަހައިލެވެންވާއިރަށް އެކައުންޓުގައި ހުރި ޖުމުލަފައިސާ ހަނދާނަށް ގެނެސް މި ގަޑި ގަންނަން އެކައުންޓުން ނަގާނެ އަދަދެއް ކަނޑައަޅައިލުން ކިހިނެއްވާނެ ހެއްޔެވެ؟ އާންމުކޮށް އިޝްތިހާރުތަކުގައި އަގު ބުނަނީ ''ހަމަ އެންމެ'' މި ލަފުޒު ކުރިޔަށް ލައިފައިނޫންހެއްޔެވެ؟ ހަމައެންމެ އެއްލައްކަ ޑޮލަރޭ ބުނެފިއްޔާ އެ އަގު ބޮޑުހެއްޔެވެ؟ ކޮންމެ ގޮތަކަށް ބުންޏަސް، ބައެއް މީހުން މި ގަޑީގެ އަގު ގަބޫލެއް ނުކުރެ އެވެ. އެމީހުން ހީކުރަނީ މިއީ ރަނގަޅު އަގެއް ނޫންކަމުގަ އެވެ. ދޮގު އަގެއްކަމުގަ އެވެ. އެކަމަކު މިއީ ތެދެކެވެ. މި ގަޑީގެ އަގަކީ ތިޔަ ހީކުރިފަދައިން އެއްލައްކަ ޑޮލަރެއް ވެސް ނޫނެވެ. ކިހައިވަރެއްހެއްޔެވެ؟ 25 މިލިޔަން ޑޮލަރެވެ.
-----------------
(ނިމުނީ)
(ނިމުނީ)
މޯސްޓް އެކްސްޕެންސިވް ވޮޗް. ނެޓް
މި ލިޔުން:
އެކުލަވައިލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް