އަދުގެ ޚާއްސަ

Print

ނައްޕި ދަތުރު

ޝާޢިއުކުރީ ޙަސަން ޝާކިރު މުޙައްމަދު . ހިމެނޭބަޔަކީ އާދަކާދަ


ޙަސަން ޝާކިރު މުޙަންމަދު

އަޅުގަނޑަށް ބޮޑު ތިލަދުންމައްޗަށް ކުރެވުނު ދަތުރަކީ، ވަރަށް ތަފާތު ތަޖުރިބާ ތަކެއްގެ މައްޗަށް ބިނާވެފައިވާ ދަތުރެކެވެ. އެދަތުރުގެ ހަނދާން ތަކުގެތެރެއިން ނައްޕި ދަތުރަކީވެސް ފާހަގަ ކޮށްލަންޖެހޭ ކަމެކެވެ. އަތޮޅުތަކުގެ އާދަކާދަތަކުގެ ތެރެއިން ކައިރި ރަށްރަށަށާއި ތަންކޮޅެއް ދުރުގައިވާ ރަށްރަށަށްވެސް ދަރުދަތުރު ކުރުމަކީ، ޒަމާނުއްސުރެ ހިނގަމުންދާ ކަމެކެވެ.

އަޅުގަނޑަށްވެސް އެފަދަ ދަތުރެއްގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނެވެ. ކުޅުދުއްފުށިން ފުރައިގެން ކުޑަ ރިޔަލު ދޯންޏެއްގައި ކައިރީގައި އޮތް އަތޮޅެއްގެ ރަށަކަށް ކުރި ދަރުދަތުރެއްގައެވެ. އެރަށުގެ ނަމާއި އަތޮޅު ދަންނަވަން ތަންކޮޅެއް ދައްޗެވެ.

ކޮންމެއަކަސް، ހަނދުވަރުމަތީ ރެއެއްގެ ދަންވަރު ބޮޑު ދެމީހުންނާއި އަޅުގަނޑުގެ ޢުމުރުގެ ތިން ކުދިންނާއެކު ކުޅުދުއްފުށިން ފުރައިގެން ވަރަށް ނިޔާމަ ދަތުރެއްގައި އިރު އެރިތަނާ އެރަށަށް ދެވިއްޖެވެ. ކުރިންވެސް ދެންނެވި ފަދައިން ބޭނުމަކީ، "ދަރު" ހޯދުމެވެ. ރަށުގެ ގޮނޑު ދޮށަށް ދޯނި ކައިރިކޮށް، އަރުވާ ޖަހައިލައިގެން އެންމެން ރަށަށް ފައިބައްޖައީމެވެ.އެންމެ ފުރަތަމަވެސް ދިޔައީ ދަތުރުގެ އިސް މީހުންގެ ގާތް ބަޔަކު ދޯނި ބަންނަ ހަރުގެ އަކަށެވެ. ގެންދިޔަ ބައެއް ގޯނިތަކަށް ކޮޅުދާލި ލަކުޑި ކޮޅުކޮޅާއި ބޮޑެތި ދާލި ކުނޑި އަޅައި ފުރައިލުމަށްފަހު ދޯނި އޮތް ދިމާއިން އަތިރިމައްޗަށް ނެރެފީމެވެ.

މިމަސައްކަތަށްފަހު، ދެން އޮތީ ހެނދުނުގެ އެންމެ މުހިންމު ވަގުތު ކޮޅެވެ. ނާސްތާގެ ވަގުތުކޮޅެވެ. ހޫނުކަމުން އަތް ލާންވެސް ނުކެރޭވަރުގެ ހޫނު ރޮއްޓާއި ހަމަ އެހާ ތާޒާ "ނައްޕި" ރިހައެވެ. ބަނޑުހައި ހޫނުކަން އިޙްސާސްވެފައި ތިބި ވަރުން ކޮންމެ މީހަކުވެސް ތިން ހަތަރު ރޮށި ފުނޑުކޮށްލައިފިއެވެ. އެއާއި ވާނޭ ވަރަށް ރިހަވެސް އަޅައި ރަނގަޅަށް މޮޑެލައިފިއެވެ. އެކަމަކު، އެކަކަށްވެސް ރަނގަޅަށް ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ. ގޭގެ ވެރިޔާ ވަރަށް މަޖާކޮށް ހަމަ އެއްވެސް ޖެހިލުމެއްނެތި އޭނާގެ ރޮށިތަށި ހުސްކޮށްލައިފިއެވެ. ރަށު މީދާ ރަށަށް ގަދަވާ އުޞޫލުން އެގޭގައި ކެއުމަށްވެސް އޭނާ އެކަތަ ވާނެތާއެވެ. އަޅުގަނޑުމެން އެކަކު އަނެކަކުގެ މޫނަށް ބަލަބަލައި ހިތި ބޭހެއް ކާ ފަދައިން އެތިކޮޅުކޮޅުން ކެވޭތޯ ބަލަމުން ގެންދިޔައިމެވެ. ބައެއް މީހުން ވަރަށް ހިތްވަރުގަދަ އެވެ. މާގިނައިރުތަކެއް ނުކޮށް "ލޯމަރައިގެންތިބެ" ހުސްކޮށްލައިފިއެވެ. އަޅުގަނޑަށް ހުސްކޮށްލެވުނީ ހަމަ ކިރިޔާއެވެ. ހޮޑު ލެވޭނެކަމުގެ ޔަގީން ކަމާއެކުގައެވެ. އެއަށްފަހު ހިތްވަރު ކޮށްލައިފައި "ނައްޕި" ސައިތަށިވެސް އެއްނޭވާއިން ދަމައިލައިފީމެވެ. ވަރަށް އަވަހަށް ކަރަންފުލެއްގެ އެހީ ނުލިބުނު ނަމަ.............

އަދިވެސް ދަރު ހޯދުމަށް ރަށުތެރޭގައި ބުރެއް އޮތުމުން އެގެއިން ދިން "ސަޔަށް" ޝުކުރު އަދާކޮށްފައި އަޅުގަނޑުމެން އެގެއިން ނުކުމެއްޖައީމެވެ. ހަމަ ނުކުމެވުމާއެކު، ކުރާހިތުން ކެތް މަދުވެފައިވާ ސުވާލު ކޮށްލައިފީމެވެ. އެއީ ކޮންކަހަލަ ރިހައެއްތޯއާއި ސައެއްތޯ އޮޅުން ފިލުވައި ލުމުގެ ސުވާލެވެ. ޖަވާބު ވަރަށް އަވަހެވެ. "އެއީ ނައްޕި ރިހައާއި ނައްޕި ސައި" އެކަކު ޖަވާބު ދީފިއެވެ. "ހާދަ ނުބައޭ" ބުނެލައިފައި އެގުތު ނިންމައިލީއެވެ. ކޮންމެއަކަސް ނައްޕީގެ ހަނދާންތައް ވަރަށް ގިނަ ދުވަހަށް ދެމި އޮތެވެ. އަދިވެސް އެނދާނެއް ނުފިލައެވެ.

އެހަނދާންތައް ދެމިގެން އައިނަމަވެސް ނައްޕީގެ އަސްލުމާނަ އެނގުނީ ދާދިފަހުންނެވެ. އެއީ، " ރިހަ ފަނިފަދަ ތަކެތި ކައްކަންވީ ގޮތް ނޫން ގޮތަކަށް ކެކިފައި ހުރީމާ ކިޔާނަން " ކަމަށް ބަސް ފޮތުގައި އޮތަތީއެވެ.

ކޮންމެއަކަސް، މެންދުރުގެ ފުދޭވަރެއްގެ ކެއުމަކަށްފަހު، ޢަޞުރެއްހައި އިރު ކުޅުދުއްފުއްޓަށް ދިޔުމަށްޓަކައި ފުރައިފީމެވެ. ވަރަށް ނަލަ ރީތި ވައިރޯޅީގެ އެހީތެރިކަމާ އެކުގައެވެ. ރިޔަލުގެ ހިތްގައިމު ދުވެލީގައި ދަތުރު ކުރަމުން އަންނަނިކޮށް ލަފާކުރެވޭ ގޮތުގައި ރޭގަނޑު އަށްގަޑި ބައި ނުވައެއް ޖަހާކަންހާއިރު އުޑުމަތި ބަނަ ކޮށްލައިފިއެވެ. ކަޅު ބޯވިލާގަނޑެއް ބޯމަތި ވެއްޖެއެވެ. ވާރޭ ބޮޑެތި ތިކިތައް އޮހޮރެން ފަށައިފިއެވެ. ނަމަވެސް މާތްﷲ ގެ ރަޙްމަތްފުޅުން އެހައި ވައި ބާރެއް ނޫނެވެ. ނަމަވެސް ފިނިކަމުން ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ. ހިޔާވެލާނެ އެއްވެސް ތަންކޮޅެއް ނެތެވެ. ދޯނީގެ ވަތްތައް އޮތީ ދަރު ބަސްތާތަކުން ފުރިފައެވެ. ވާރޭ ހުއްޓައިލީމާ ލުމަށްޓަކައި ނުތެމެނީސް ގަމީސް ބާލަން ބުނުމުން ގަމީސް ބާލައި ގުޅަކަރުވައިލައިފައި ހިޔަލަކަށް ޖަހައިފީމެވެ.

ކޮންމެއަކަސް ކުކުޅު ހައު އެއްޗެހި ބޮނދާގޮތަށް ބަސްތާތައް ކައިރީގައި ގުޅަކެރުވިގެން ބޮނދާ އޮތް އިރު މުޅި މީހާ ތުރުއަޅާވަރުން ހީވަނީ، ހަމަ ދެންމެ ބާނައިފައި އޮތް ރޯމަހެއް ހެންނެވެ. 

އިރުގަނޑެއް ވަންދެން ވާރޭ ވެހުމަށް ފަހު ހުއްޓައިލިއިރު އެންމެންވެސް ހީވަނީ، ފެން އެއްޗަކުން ނަގައިވާ ހިކަނދިތަކެއް ހެންނެވެ. ނައްޕި ދަތުރު ނިންމާފައި ރަށަށް އާދެވުނީ، މެންދަމު 2،30 ހާއިރުއެވެ. ދަތުރެއްގެތެރެއިން ދަތުރެއް ނިންމައިލެވުނީއެވެ. އާ ތަޖުރިބާ ތަކަކާއެކުގައެވެ.
-----------------
  (ނިމުނީ)

މި ލިޔުން:

    ލިޔުން:     އަލްފާޟިލް ޙަސަން ޝާކިރު މުޙަންމަދު (ފަންވަތުގެ އެޑިޓޯރިއަލްބޯޑުގެ މެންބަރެއް)
    އަލުންބެލުން:    ''                     ''
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)


އިދާރާ

ވާހަކަ