އަދުގެ ޚާއްސަ

Print

ވަލުހިނގުން: ކިހިނެއް ކޮށް އުޅުނު، ކޮންކަމެއް؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އާދަމް ނަޞީރު އިބްރާހީމް (2011)

ފޮޓޯ އިން ތިޔަ ފެނިވަޑައިގަންނަވާ ކާށި، ތިބާ އަށް ވަރަށް ގިނަ ވާހަކަ އެބަ ކިޔައިދެ އެވެ. ތިބާގެ ކާބަފައިންގެ މުރާލި ކަމުގެ ވާހަކަ އެވެ. ދަމަކަށް އިރު އަރަން ދެން ދެފައި ދަމަދަމާފައި ނިދަން ނުތިބެ، ރިޒުޤު ހޯދުމަށްޓަކައި އެމީހުން މަސައްކަތު ނިކުންނަ ވާހަކަ އެވެ. ތިބާގެ ކާބަފައިންގެ ހެޔޮލަފާކަމުގެ ވާހަކަ އެވެ. އަނެކާގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތި މިންވަރެވެ. ތިބާގެ ކާބަފައިންގެ މަޖާ މިޒާޖެވެ. އުފަލާއި މަޖަލުގައި ނިޔަނެތިކަމާއެކު ވޭތުކުރި ދިވެހިންގެ ހިތްގައިމު ދިރިއުޅުމެވެ. ތަފުޞީލު ހޯދައިލުމަށްޓަކައި ވަލުހިނގުމަކީ ކޮބައިތޯ ބަލައިލަމާ ހިންގަވާށެވެ!
ދިވެހިބަހުގެ ބަސްފޮތް (2006) ބުނާ ގޮތުން ވަލު ހިނގުމަކީ، ވަލުން އެތިކޮޅު ހޯދައިގެން ކައިބޮއި އުޅުމެވެ.

މި ނަން އުފެދިފައިވާ ގޮތަށް ވިސްނައިލުމުން، ވަލުހިނގުމޭ މި ބުނެވޭ ބުނުމަކީ، ދިގު ޖުމުލަޔަކުން ކުރުކޮށްލެވިފައިވާ ކުރުބުނުމެއްކަމަށް ފެނެ އެވެ. ސަބަބަކީ ހުރިހައި ޒަމާނެއްގައި ވެސް ބަސްމޮށެ އުޅުމުގައި ވީ އެންމެ ލުއިކޮށް، އެންމެ މަދުން ހަކަތަ ބޭނުން ކޮށްގެން ބަސް ބޭނުން ކުރުމަކީ ކޮންމެ ބަހެއްގެ އަހުލުވެރީންގެ ވެސް ޠަބީޢަތްކަމަށްވާތީ އެވެ.

ވަލުހިނގުމޭ ބުނެވެނީ ވަލުތެރޭގައި ނުވަތަ ވަލުގެ އެތެރޭގައި ހިނގުމޭ ބުނުމުގެ މާނައިގައިކަމަށް ބެލެވެ އެވެ. މަޠުލަބަކީ، ވަލުގައި ހުންނަ ބޭނުން ހިފޭތަކެތި ހޯދައި އެއްކުރުމަށް ހިނގޭ ހިނގުމެވެ. ރުއްރުކުން ވެއްޓޭ ކާށްޓެވެ. ފަނެވެ. އިހާގޮނޑި، ފުޅަފި، އުނބު، ހުހި ފަދަ ތަކެއްޗެވެ.

ރުއްބޯ، ވާބޯ، ރަށްރަށުގައި ހަމަ ކޮންމެ ގެއެއްގައިހެން ވަލުހިނގާ އެކެއް ދެމީހަކު އުޅޭކަމަށްވެ އެވެ. މި މީސްމީހުން ފަތިހު މޫނު އަނދިރިކަން އޮއްވައި ހޭލައިގެން ވަލާ ދިމާޔަށް މިސްރާބު ޖަހާނެ އެވެ.

ކޮންމެ މަސައްކަތަކަށް ވެސް އަހުލުވެރިވީމާ އެކަމަކަށް ފަންނުވެރިވާ ފަދައިން ވަލުހިނގުމަކީ ވެސް އުކުޅުތަކަކާއި، ހުނަރުތަކެއް ވެސް ގެންގުޅޭ ކަމެކެވެ.

އަނދިރީގައި ހިނގައިފައި ވަލުތެރެއަށް  ދާމީހާ ފާހަގަ ކުރާ ވަކި ރުއްރުއް ހުންނާނެ އެވެ. އެއީ އެކި ދުވަސްވަރަށް އެކި ރުއްރުކެވެ. ހަމަ އެކަނި ރުއް ނޫނަސް، ކަށިކެޔޮ ގަސްވެސް ފާހަގަ ކޮށްފައި ހުރެދާނެ އެވެ. ކަށިކެޔޮ ފަލަކުން ކަށިކެޔޮ ދޮންވާ ވަސް، އެ ހިސާބުގައި އުޅޭ މެހި މާބުރަށް ވުރެ މާ އަވަހަށް. ވަލުހިނގާ މީހާއަށް  ދުވާނެ އެވެ. ކާށި އިހާ ހަރުވެ ކާށިވެރެންފެށުމުގެ ކުރިން އެފަދަ ރުއް ރުއް އޭނާ އަށް ހުވަފެނުން ވެސް ފެންނާނެ އެވެ. ހަވީރު އަތިރިމައްޗަށް ނިކުމެލާ ނިކުމެލުމުގައި، ނުވަތަ މެންދުރު ރަށުގެ ދުރު ހިސާބުތަކުގައި ބުރުޖަހައިލާ ބުރުޖަހައިލުމުގައި، އެތައް ރުކަކުން އެތައް ކަމެއް އޭނާ ފާހަގަ ކުރާނެ އެވެ.

ވަލުހިނގާ މީހާ އަކީ، އާންމުގޮތެއްގައި  ރުއްރުކުން ކާށި ހޮވާ މީހާ އެވެ. އޭނާގެ އާންމު މަސައްކަތަކީ އެއީ އެވެ. ނަމަވެސް މިހެން އުޅޭ އުޅުމުގައި އެހެން މީހުންގެ ބަދުނަސީބު އޭނާގެ ނަސީބުކަމުގައި ވަނީ އެތައް ފަހަރަކު އެވެ. މިސާލަކަށް ވިއްސާރަވެ ވައިގަދަވާ ރޭރޭ، މާ ފަތިހާ އޭނާ ތެދުވާނެ އެވެ. ތެދުވެ އޭނާގެ ޚިޔާލުގެ ދުރުމީން ފާހަގަ ކޮށްފައި ހުންނަ ތަންތަން ބަލާއިރު، ބައެއް ފަހަރަށް ރުއްރުއް މުލުންލައިފައި ވެސް ހުރެދާނެ އެވެ. މިހެން ވެއްޖެ ނަމަ އެރުކަކީ އޭނާ ހޮވި ރުކަކަށް ވެދެ އެވެ. ރުކުގެ ދެބައިކުޅަ އެއްގައި އެހިނދުން ފެށިގެން އޭނާގެ މިލްކަކަށްވެ ނިމުނީ އެވެ.

ވަލުހިނގުމުގައި އުސޫލުތަކެއް ހުރެ އެވެ. ހަމަތަކެއް ހުރެ އެވެ. އެންމެން ކަމޭހިތާ ގޮތްތަކެކެވެ. އިސްވެދެންނެވުނު ފަދައިން، ވެއްޓިފައި އޮންނަ ރުކެއް އެންމެ ފުރަތަމަ ފެނުނު މީހާ އެއީ އެ ރުއް ހޮވި މީހާކަމުގައި ވެދެ އެވެ. މި ހާލަތުގައި އެ ރުކުގައި ގެންފައިހުރި ތަކެއްޗާއި، ރުއްކުރިޔަށް ދަންދެން އޭގެ ދެބައިކުޅަ އެއްބަޔަކީ ރައް ހޮވި މީހާއަށް ލިބޭ ތަކެއްޗެވެ. ނިރޮޅު ފިޔަވައެވެ.

ވަލުހިނގައިގެން ހޮވޭ ފަން ވަލުން ނެރެ މަގުމަތީ އެކި ދިމަދިމާގައި ބަހައްޓައިފާނެ އެވެ. ވަލުހިނގައި ނިމިގެން ހުރިހައިފަން އެއްތަނަކަށް އެއްކޮށްފައި އެ ގެންދަން ބޭނުންވާ ތަނަކަށް ގެންދިޔުމަށެވެ. މިހެން ބަހައްޓާ ބެހެއްޓުމުގައި ފަނުގެ ބުޑުގަނޑާވީ ކޮޅުގައި ދެތިން ފަންވަތުން ގޮށެއް ޖަހާނެ އެވެ. ބޭނުމަކީ، މި ފަނަކީ މިހާރު މީހެއްގެ ފަނެއްކަން އަންގައި ދިނުމެވެ. މި ގޮށްޖަހައިފިއްޔާ ކިތަންމެހައި ދުވަހެއް ވިޔަސް، ނާދިރު ޙާލަތެއްގައި މެނުވީ އެ ފަން އެ އޮތް ގޮތަށް އޮންނާނެ އެވެ. އެހެން މީހަކު އެ ނުނަގާނެ އެވެ. ކުޑަ ކުއްޖަކު ވެސް އެއިން ފަންވަތެއްހައި ހިސާބު ވެސް ލުއްސައެއް ނުލާނެ އެވެ.

ވަލުހިނގައިގެން ހޮވޭ ކާށި ހަމަ އެފަދަ އެވެ. ކާށީގެ ވަށައިގެން ފައިގެ ބޮޑުވައި އިނގިލީ ކުރިން ވަށްރޮނގެއް އަޅައިލީމާ، ކާށި އެ އޮތީ ތިޖޫރީއަށްލައި ތަޅުލެވިފަ އެވެ. ދަމަކަށް އިރު އަރައިގެން އަންނަ އިރު، ވަލު ތެރޭން މައިރަށަށް ނިކުމެވެން އޮންނަ ތަނަވަސް މަގުމަގުގައި މި ގޮތަށް ބޮޅު އެޅި ކާށިތައް ހުންނާނެ އެވެ. ދެން ފެންނާނީ ވަރަށް އުފާވެރި މަންޒަރެކެވެ. މަސްވެރިން މަހުން ލަފައިގެން އެމީހުން ބޭ މަހުގެ ގިނަކަމުގެ މައްޗަށް ފަޚުރުވެރިވާ ފަދައިން، ވަލުހިނގި މީހުން ވެސް މަގުމަގަށް ނިކުމެ އެމީހުންނަށް އެރޭ ހޮވުނު ތަކެތި އެއްކޮށް ފުނިޖަހައިލައިގެން އުޅޭ މަންޒަރެވެ. ބައެއް މީހުން ބައިއަޅައިލާނެ އެވެ. ގަބުޅި ވަކިންނެވެ. ކާށި ވަކިންނެވެ. ކުރޮޅި ވަކިންނެވެ. ދެން ކާށި، ގަބުޅި، ފަދަ ތަކެތި ކޮންމެ ދޭތި ދޭއްޗަކަށް ކޭލިޖަހައިލާނެ އެވެ.  ''މަސްވެރިކަން މާރަނގަޅިއްޔާ''  ތަންޑިޔާގަނެއް ހަދައިލައިފާނެ އެވެ. އެކަނި އުފުލޭވަރު ނުވަންޏާ އެހެންމީހެއްގެ އެހީގައި ތަންޑިޔާލައިގެން ކޮނޑުގައި މި ސާމާނު ގެޔަށް އުފުލީމާ، އެ ދުވަހުގެ ވަލުހިނގުން ނިމުނީ އެވެ.

ވަލުހިނގައިގެން އެއްކުރެވޭ ކާށި މާލެ ގެންދެ އެވެ. މިކަމަށް ތިންމަހުން އެއްމަހު ކަހަލަ ގޮތަކަށް ކާށި ހެހުން އޮންނާނެ އެވެ. ކާށި ހިފައިގެން މާލެ ދަތުރުކޮށް، މާލޭ މާރުކޭޓަށް ކާށި ވިއްކުން އޮންނާނެ އެވެ. ކާށި އެކަންޏެއް ނޫނެވެ. މި ފަދަ ދަތުރެއްގައި ވިއްޔާ ކާށީގެ އިތުރަށް، ކަށިކެޔޮ، ދޮންކެޔޮ، ދޮންފަން، ވިނދެފައިހުރި ފަން، އުނދުނު ޖައްސާ ދަރު ފަދަ އެތައް އެއްޗެއް ގެންނާނެ އެވެ.

ވަލުހިނގުމުގެ ވާހަކަ ދައްކާ އިރު ކޮންމެހެން ދަންނަވައިލަން ޖެހޭ އެހެންވާހަކައެއް އެބަ އޮތެވެ. ދެވި ހިފުމަކީ ހަމަ އެކަނީ ވަކި އެއްޗެއް ވަކިވަރަކަށް ބުއިމާ ވާކަމެއް ނޫން އިނގޭތޯ އެވެ. ވަލުހިނގުމަކީ ވެސް ހަމަ ގަދަޔަށް ދެވި ހިފާ ކަމެކެވެ. ވަލުހިނގައިގެން، ގިނަގިނައިން ކާށި ހޮވެންފަށައިފިނަމަ ދެން ހީވާނީ އަބަދުވެސް ކޮންމެ ވެސް ރުކަކުން ކާށްޓެއް ވެއްޓޭ އަޑު އިވޭހެންނެވެ. ދެން ''ގަހަކުން ފަތެއް ހެލިލިޔަސް'' ހީވާނެ އެވެ. އެހަނދާނުގައި މޭތެޅޭ ގޮތްވާނެ އެވެ.

ޙަޤީޤީ ހާދިސާއެކެވެ. ކަނޑުމަޑު ހަނދުވަރު ރީތި ރެއެކެވެ. ވަލުހިނގައިގެން ހޮވިކާށި މާލޭ މާރުކޭޓަށް ވިއްކައިފައި، ރަށަށްއައި ދަތުރުމައްޗެވެ. ރިޔަލުގައި ދުއްވައިފައިދާ ދޯނި ފަހި ދުވެލީގައި ދެ އެވެ. ވަލުހިނގާ މީހާ އޮތީ ހަނދުވަރުގެ ރިހިއަލީގައި، ރޭގަނޑުގެ ގަދަ ފިނީގައި، ދަންވަރުގެ ފޮނި ނިދީގަ އެވެ. މި ހެން އޮވެފައި ކުއްލިޔަކަށް ''އަނހާނ އަނހާނ! ބޮޑުރުކު ކާށްޓެއް'' މިހެން ކިޔައި ހަޅޭލަވައިގެންފައި ފުންމައިގެން ތެދުވެގަތުމާއެކު، ދުވެގޮސް ކޮޅުފަސްކޮޅު މަސްފިލާގަނޑުމަތިން ހުންގާނު މޯހިރުތެރެއަށް އެ ފުންމާލީ މާ ކަނޑަށެވެ. ދޯނީ އެންމެން ފުންމަ ފުންމައިގެން ތެދުވެގެންފި އެވެ. ހަޅޭއް ފަޅޭއް ލަވައިގަތުމާއެކު، އަވަސް ހަރަކާތުގައި ނެވިމީހާ އޮޑިދީލައިލި އެވެ. މާތްކަލާނގެ ރަޙްމަތްފުޅު ބޮޑުކަމުން، ނިދީގައި ކަނޑަށް ފުންމާލެވުނު މީހާ މަރުން މިންޖު ކުރެވިއްޖެ އެވެ. ދަމާ އޮޑިޔަށް އެރުވިއްޖެ އެވެ. ވީގޮތް އެނގުނީ ދެނެވެ. ހުވަފެނުން ފެނުނީ ގޭ ދޮރުމަތީގައި ހުރި ބޮޑުރުކުން ބޮޑުކާށްޓެއް ވެއްޓުނުތަނެވެ. އޭރު އެ ހިސާބުގަނޑުގައި އެތައް ބަޔަކު ތިއްބެވެ. އެންމެންނަށްވުރެ ކުރިން ގޮސް އެ ކާށި ހޮވަންވެގެން ދެފަޔަށް ބާރުލައި ހަރުގަންނަވައިފައި އަޅައި ދުއްވައިގަތީ އެވެ. ކަނޑުވުމަކީ އަދި އެހެންކަމެއްތާ އެވެ!!!
--------------
 (ނިމުނީ)



ފޮޓޯގެ ތަޢާރުފު:

   1- މައުޟޫޢު އަންގައިދޭ ފޮޓޯ

   2- މީދާކޭ އުނބެއް

   3- ރުކެއްގެ ކުރިގަނޑު (މި ފޮޓޯ އިން އިހަލެއް އެބަ ފެނެ އެވެ.)

މި ލިޔުން:

   ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އެޑިޓަރު)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
   ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

   ފޮޓޯ:       ރައުޝާނާ (ފަންވަތުގެ ފޮޓޯގްރާފަރ)

ނޯޓު: ފުރަތަމަ ފޮޓޯއަކީ، އިންޓަނެޓުން ހޯދި ހޯދުމެއްގެ ތެރޭން ފެނުނު ފޮޓޯ އެކެވެ. ފޮޓޯ ކަމާލުކޮށްފައި ހަނދާންނެތި ފޮޓޯ ލިބުނު ފާލަން ނަކަލެއް ނުކުރެވުނެވެ. ވީމާ އެ ފޮޓޯގެ ތަފުޞީލު ހިމަނައިނުލެވުނުކަމަށްޓަކައި ނިހާޔަތަށް މާފަށް އެދެމެވެ.



ހަމަމިގަލަމުން

އިދާރާ

ވާހަކަ