އަދުގެ ޚާއްސަ

Print

ދުނިޔޭގެ މާ ގަނޑުވަރު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އެނގޭތަ


އާދަމް ނަޞީރު އިބްރާހީމް (2011)

މިއީ ބުރޫނާއީގެ ރަސްގެފާނު ޙަސަނުލްބުލްޤިޔާގެ  ގަނޑުވަރެކެވެ. ދުނިޔޭގެ އެންމެ ބޮޑު ގަނޑުވަރެވެ. ނަމަކީ، އިސްތާނާ ނޫރުލް އީމާނެވެ. މާނައަކީ، އީމާންކަމުގެ ދޯދިތަކުގެ ހިޔާވައްސެވެ.  1.4 ބިލިޔަން ޑޮލަރުގެ އަގުހުރި މި ގަނޑުވަރަށް ޒިޔާރަތް ކޮށްލަމާ ހިންގަވާށެވެ! އެކަމަކު، މި ގަނޑުވަރު ހުޅުވަނީ އަހަރަކު އެންމެ ތިން ދުވަހު އެވެ.

ގަނޑުވަރުގެ އެތެރޭގެ ކަންކަން އޮޅުން ފިލުވައިލަމާ ހިންގަވާށެވެ.  ކިތައް ކޮޓަރިބާވަ އެވެ؟ ތިބާ ބޭނުންފުޅު ކޮޓަރިއެއްގައި އަވަހާރަ ލައްޕަވަންވީ އެވެ. 1,788  ކޮޓަރި އެހެރީ ތިބާގެ އިންތިޒާރުގަ އެވެ.  ނައިނިފިއްލަވައި ހައްދަވާކަށް ދަތިފުޅެއް ނުވާނެ އެވެ.  257 ފެންވަރާ ކޮޓަރި އެކަމަށްޓަކައި އެބަ ހުއްޓެވެ.  ޖާގައިގެ ތަނަވަސްކަމާމެދު ސުވާލު އުފެދޭތޯ އެވެ. ކޮންމެ ފަންގިފިލާއެއްގައި 2,152,782 (އެކާވީސް ލައްކަ، ފަންސާސް ދެ ހާސް ހަތްސަތޭކަ އަށްޑިހަ ދެއެއް)  ކޮޑި ފޫޓު އެބަ ހުއްޓެވެ. ދެ ލައްކަ މީޓަރުގެ ޖާގަ ކުޑައެއް ނޫނެއް ނޫންތޯ އެވެ؟   މޫދަށް އެރި ފަތައިލައި ނުހެދެންޏާ އަދި ކަމަކު ނުދޭ ދޮގެއްތޯ އެވެ. ކަންބޮޑުވެ ވަޑައި ނުގަންނަވާށެވެ. ތިޔަ ކަމަށް ފަތާފެންގަނޑުގެ ފަސް ފެންގަނޑު ވެސް އެބަ އޮތެވެ. އަސް ދުއްވައިލައި ކުޅިވަރު ކުޅެލައި ހައްދަވަން ބޭނުންފުޅުނަމަ އެކަން ވެސް ދައްޗެއް ނޫނެވެ. މި ފަދަ ޙަރަކާތްތަކަށް ޚާއްޞަ ކުރެވިފައިވާ 200 ކުޅޭބިން އެބަ އޮތެވެ. އެ ގަނޑުވަރަށް ޒިޔާރަތް ކުރެއްވުމަށް ދަތުރުފުޅު ކުރެއްވި ކާރު ބޭރުގައި ވާރޭގައި ބާއްވަންޖެހިގެން ގެއްލުމެއް ލިބި ހަލާކެއް ވެދާނެތީ ކަންބޮޑުވޭތޯ އެވެ؟  އެ މައްސަލައިގެ ޙައްލެއްގެ ގޮތުން، އެ ގަނޑުވަރުގައި ތައްޔާރު ކުރެވިފައި އެހެރަ 110 ކާރު ގަރާޖު މަދުތޯ އެވެ؟ ފަރީއްކުޅުއްވުމުގެ އިންތިޒާމާ މެދު އެއްޗެއް ނުދަންނަވާތީ، ކަންބޮޑުވާނަމަ ދަންނަވަމެވެ.  ތިބާގެ ރަޙްމަތްތެރިންގެ ގޮތުގައި މި ގަނޑުވަރަށް ގެންނެވި 4000 މެހުމާނުންނަށް އެއްފަހަރާ ތިޔަ ކަން ހަމަ ޖެހެ އެވެ. ތަނަވަސް ހިތްފަސޭހަ މާލަންތަކުގަ އެވެ.







 އެހައި މީރުކޮށް ފަރީއްކުޅުއްވައި ތިޔަ ނިމުނީ އަޞްރު ނަމާދު ބަންގި ވަގުތައް ނޫންބާ އެވެ؟ އެހެން ކަމަށް ވަންޏާ ނަމާދަށް މިސްކިތައް ވަޑައިގަންނަވާށެވެ! އެންމެ ޒަމާނީ ފެންވަރުގެ މިސްކިތެއް މި ގަނޑުވަރުގެތެރޭގައި އެބަ ހުއްޓެވެ. ދޮޅު ހާސް މީހުންނަށް އެރޭވަރުގެ މިސްކިތެކެވެ.

މި ރީތި ގަނޑުވަރު ހުޅުވަނީ ފިޠުރު ޢީދާގުޅިގެން އަންނަ ދެތިން ދުވަހަށެވެ. މި ގަނޑުވަރު ފަރުމާކޮށް ބިނާކުރީ ފިލިޕީންސްގެ މޭސްތިރިންނެވެ. 1984 ވަނަ އަހަރު އެވެ. ކުރިން ވެސް ދެންނެވި ފަދައިން، މިއީ  1.4 ބިލިޔަން ޑޮލަރުގެ އަގުހުރި ބިނާ އެކެވެ.   ކަން މިހެން އޮތް ނަމަވެސް،  ދުނިޔޭގެ އެންމެ ބޮޑުގޭގެ ވެރިޔާ ކަމަށްވުމުގެ ނަސީބު ލިބޭތޯ    އިންޑިޔާގެ މަލްޓިމިލިޔަނަރެއް ކަމުގައިވާ މުކޭޝް އަމްބާނީ  2009ވަނަ އަހަރު ރޭވުންތަކެއް އެކަށަ އެޅި އެވެ. 2011ވަނަ އަހަރު ތިބާ އާއި، އަޅުގަނޑަށް މި އޮތީ މި ފަދަ ގަނޑުވަރެއްގެ ހައެއްކަ ފޮޓޯ ބަލައިލުމުގެ ނަސީބު ލިބިފަ އެވެ.
----------
(ނިމުނީ)

މަޢުލޫމާތު؛

www.ibtimes.com
www.zimbio.com


މި ލިޔުން:

    ދިވެހި ބަހުން އެކުލަވައިލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    އަލުންބެލުން:             އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން:            އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ