އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (11)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                       21 މާރޗް 2011 އާ ގުޅޭ......
ރެޔަކީ އަހަރެންގެ ބަދުނަސީބުގެ ނާރު، ޙަޔާތުގެ ގޮޅިތައް ހުރަސްކޮށް ދުއްވައިގަތް ރެއެވެ. ބިރުވެރިކަމާއި ހިތާމައިގެ ކަޅުތިލަ އަތުގައި އުފެދުނު ރެއެވެ. އެހެން ގޮތަކަށް ބުނާނަމަ މި ނުރައްކާތެރި ކަންތައްގަނޑުގެ ފުރަތަމަ ރެޔެވެ. ވަގުތަކީ މެންދަމުގެ އެންމެ އެކަނިވެރި ވަގުތެވެ. އަހަރެން ހުރީ ހޮޓަލުގެ މަތީބުރީގައި ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ކުއްލިއަކަށް އަހަރެންގެ އަތުގައި ހިފީ ހައިބަހުރި ޒުވާން ފިރިހެނެކެވެ. މުޅިހަށިގަނޑު ނިވާކޮށްފައި ވަނީ ކަޅުކުލައިގެ ދިގު ކޯޓަކުންނެވެ. ބޮލުގައި އޮތީ ބޮޑު ފުރާޅެއް ކަހަލަ ނިތްގަނޑެއް ވަށައިގެން ލައިފައިވާ އުސް ތޮތްޕެކެވެ. ރޭގަނޑު ދަންވަރުކަމަށް ވިޔަސް އެ މީހަކު ހުރީ ކަޅުކުލައިގެ އަވި އައިނެއް އަޅައިފައެވެ. އަހަރެންގެ އަތުގައި ހިފުމަށްފަހު އެ މީހަކަށް އެނގިގެން ނުވަތަ ނޭގިނަމަވެސް އަހައިލި އެވެ. "ތިޔައީ މިހޮޓަލުގެ ޚާދިމެއްދޯއެވެ؟" އަހަރެން އާނއެކޭ ބުނެ ނިންމައިލި އިރު އަހަރެންގެ އަތަށް އެ މީހާގެ ދީލަތި އަތުން އެއްވެސް ޖެހިލުމެއްނެތި -/100 ރުފިޔާގެ ނޫޓެއް ކޮއްޕައިލައިފި އެވެ. ހަމަ އެކަނި އެ ވަގުތު ވެސް އެ މީހާގެ ސާފު ނަން ފިޔަވައި އޭނާގެ ތަބީޢަތާއި މިޒާޖް، ބޭނުމާއި މަޤުޞަދު ޒާތެއްގެ ހުވަފެނެއްގެ ސިފައިގައި ނުވަތަ ފަނޑު އިލްހާމެއްގެ ގޮތުގައި އަހަންނަށް އިޙްސާސްކުރެވިއްޖެއެވެ................. އެހެން ނޫން ނަމަ އެ ހޮޓަލުގެ ޚާދިމެއްތޯ އަހަންވީ ކީއްކުރަން ހެއްޔެވެ؟ އެ ކަހަލަ ފޮރުވޭ ހެދުމެއްގައި މެންދަމުގެ އަނދިރީގައި އޭނާ ހުންނާންވީ ކީއްވެގެން ހެއްޔެވެ؟ އަދި އޭގެ އިތުރަށް -/100 ރުފިޔާ އަހަރެން ކަހަލަ އާދައިގެ މީހަކަށް ދޭންވީ ކީއްކުރަންހެއްޔެވެ؟

ނޫޓުގައި ހިފަމުން ބިރުވެރިކަމާއެކު "މިއޯ" އޭ އަހާލެވުނެވެ. އޭނާ ވަކި ޖަވާބެއް ނުދެއެވެ. އިރުކޮޅަކު ހުރުމަށްފަހު އަހަރެންގެ ކިބައިން އެދުނީ މިރޭ މި ހޮޓަލުގައި އޭނާ ކުރާ ބުރަ މަސައްކަތެއްގައި އެހީވެ ދިނުމަށެވެ. ސިއްރު ބޭޒާރު ނުކޮށް އެ ކަން ކޮށްފިނަމަ ގަޑިއެއްހާ އިރު ތެރޭގައި އަދި -/300 ރުފިޔާގެ އިނާމެއް ދޭނެކަމަށް އޭނާ ބުންޏެވެ............ އާނއެކެވެ! އަހަރެން އެ ހޮޓަލުގައި އުޅުނީ މަހަކު -/60 ރުފިޔާއަށް ކަމުން މި ފަދަ މަތީ އަދަދެއްގެ ރުފިޔާތަކެއް ކުރިމަތީގައި އެނބުރޭން ފެށުމުން ވަރަށް ފަސޭހައިން އެމީހާއާ ދިމާއަށް އަހަންނަށް ދީއްލައިލެވިއްޖެ އެވެ. ގިނަ ވިސްނުންތަކެއް ނުވިސްނައި -/300 ރުފިޔާގެ ފޮނި އިންތިޒާރުގައި އޭނާ ދެއްކި މަސަައްކަތެއް ކުރުމަށް އަހަރެން ވަޢުދު ވެއްޖައީމެވެ.

އަހަރެން ގޮވައިގެން އޭނާ ގޮސް ވަނީ، ހަމަ އެބުރީގައި ހުރި ކޮޓަރިއަކަށެވެ. މިހާރު އަހަންނަށް ވިސްނޭ ގޮތުގައި އޭރު އެމީހަކު ނުކުތީ ވެސް އެ ކޮޓަރީންނެވެ. އެއީ ލީލާ ކިޔާ ވަރަށް ޅަ ޒުވާން އަންހެން ކުއްޖަކު އުޅޭ ކޮޓަރިއެކެވެ. އެ ދުވަސްވަރު މުޅި ޑިޔަރެސްޓޯ ހޮޓަލުގެ އެންމެން ދަންނަ މިސްޓަރ އަޙުމަދު ކިޔާ އިންޑިޔާގެ މަޝްހޫރު ނަސީބުވެރި ފިރިހެން ކުއްޖެއްގެ ލޯބިވެރިޔާކަމަށް ވާ ލީލާ އުޅޭ ކޮޓަރި އެވެ. މި ބުނާ އަޙުމަދު ހުންނަނީ ވެސް އެ ބުރީގެ އެހެން ކޮޓަރިއެއްގައެވެ. އަހަރެން ގޮވައިގެން އޭނާ ވަން އިރު ކޮޓަރީގެ ބޮކި ހުރީ ނިންވައިލައިފައެވެ. އަހަރެންނަށް އެންގީ އިހަށް ދޮރުމަތީގައި ހުރުމަށެވެ. އެ މީހަކު ވަދެ ލީލާ ނިދައިފައި އޮތް އެނދު ކައިރިއަށް ގުދުވެގެން ކުޑަ އިރުކޮޅަކު އުޅުމަށްފަހު އަހަންނަށް ގޮވައިލައިފި އެވެ. އަހަރެން ދިޔުމުން ސިއްރުސިއްރުން ބުނީ ލީލާގެ ފައިގައި ބާރަށް ހިފެހެއްޓުމަށެވެ. އަދި އަނގަ އަށް ބޮޑު ފޮތިގަނޑެއް ގަންނަވައިލުމަށެވެ. ރަޙުމަތްޔެރިޔާއެވެ! ރުފިޔާގެ ދަހިވެތިކަމުގައި އެ ކަންތައް އަހަރެން ކޮށްފީމެވެ. އަދި ފަރާތަކަށް ވެސް ގުޑައިނުލެވޭނޭހެން އޭނާގެ ފައިގައި ހިފަހައްޓައިފީމެވެ. ދެން ބުނަން ވެސް ދައްޗެވެ. ހިތަށް ގެންނާކަށް ވެސް ފަސޭހައެއްނޫނެވެ. ތަނަކުން ދަމައި ނެރުނު ކަނޑިބުރިއަކުން އެ ރީތި އަންހެން ކުއްޖާގެ ކަރު ބުރިކޮށްލައިފި އެވެ. .......... ކިހިނެއްކަމަށް ހެއްޔެވެ؟ އަތުގައި ހުރި ބާރަށް މަޅައިގެންފައި ޖެހިޖެހީނުންނެވެ. އަދި އެއަށްވުރެ އަވަހަށް ޓޯޗަކުން ވަރަށް އަވަސްއަވަސް އައްޔެއް އައިސް އޮތް ލޭތަކަށާއި އެ ކުއްޖާގެ މޫނަށް އަޅުވައިލުމަށްފަހު އެއްވެސް ހަމައެއް ނެތި އެ ކަނޑިބުރީގެ ތިލައިން، ދެން ތަޅައިގަތީ އޭނާގެ ރީތިކަމާއި އޭނާގެ އަސަރުގަދަކަމާއި ހުރިހާ ފަޚުރެއް އެކުލެވިފައިވާ މޫނުގައެވެ. ރަހުމްކުޑަ، ނުލަފާ، އެކަމަކު އަހަންނަށް "ހެޔޮ" މީހާ ބޭނުން ދަރަޖައަކަށް މަޢުޞޫމާ ޝަހީދުކޮށްލުމަށް ފަހު ދެން އުޅުނީ ކޮޓަރީން އަވަހަށް ނުކުމެގެން ދިޔުމަށެވެ. ނަމަވެސް ކޮޓަރީން ނިކުތުމުގެ ކުރީގައި އޭނާގެ ވަޢުދު ފުއްދުމުގެ ގޮތުން އަހަންނަށް -/300 ރުފިޔާ ދިނުމަށްޓަކައި ކޯޓުގެ ޖީބަށް އަތް ކޮއްޕައިލައިފައި ރުފިޔާބޮނޑިއެއް ނަގައިފި އެވެ. ވަރަށް އަވަސްއަވަހަށް އޭނާގެ އަތުގައި އޮތް ނޫޓްބޮޑިން ސަތޭކަ ރުފިޔާގެ ތިން ނޫޓް ދީފި އެވެ. މި ކަންތައް ކުރަމުން ގެންދިޔައިރު އޭނާ ވަނީ އެފަދަ މީހަކާ އެކަށީގެން ނުވާ ފަދަ ދަރަޖައަކަށް ހާސްވެފައެވެ. މުޅި ކޮޓަރިތެރޭގައި އަހަންނަށް ޖެހުނީ އެ ރުފިޔާކޮޅު ލިބެންދެން އޭނާގެ ފަހަތުން ހިނގާށެވެ. .............  ވަޢުދު ފުއްދުމަށްފަހު ކޮޓަރީގެ ދޮރުން ނުކުމެ ދެކޮޅު ހޯދައި ބަލައިލުމާއެކު ބޭރަށް ނުކުމެ ހިނގައިގެންފި އެވެ. ތަންކޮޅަކަށް ގޮސްފައި ހުއްޓި އަހަންނަށް ގޮވައިލައިފި އެވެ. (އޭރު އަހަރެންވެސް އުޅެނީ އެ ގޮތަކުން މި ގޮތަކުން ރައްކާވެވޭތޯ އެވެ.) އޭނާ ކައިރިއަށް ދިޔުމުން ވަރަށް އަވަސް ރާގެއްގައި ބުންޏެވެ. "ދެންމެ ކަލެއަށް ރުފިޔާ ދިނުމަށް އުޅުމުގެ ތެރޭގައި އަހަރެންގެ އަތުން ސަތޭކައިގެ 50 ނޫޓު ކޮޓަރި ތެރެއަށް ވެއްޓިއްޖެ އެވެ. ވީމާ އެ ފަސް ހާސް ރުފިޔާ ހޯދައިފައި އަވަހަށް އަހަންނަށް  ރައްދުކޮށްދޭށެވެ. އަހަންނާ ބައްދަލުވާނީ މާދަމާ ރޭ ބާރަޖަހާ އިރު މި ކަރުދާސްކޮޅުގައި މިވާ ތަނުންނެވެ. ...... އެހެން ކިޔައިފައި ކަރުދާސްކޮޅެއް ވެސް ދިނެވެ. ނަމަވެސް އެ ވަގުތު އަހަރެން ބަލައެއްނުލަމެވެ. އޭނާ ދަމުން ދިޔައީ ކޮޓަރީގެ އިލެކްޓްރިކް، އިރު އެރުމުގެ ކުރީން ނުދިއްލުމަށް ގަދައަށް އަމުރުކޮށްފައެވެ.

އަވަސްއަވަހަށް އަހަރެން ކޮޓަރިއަށްވަދެ ނޫޓު ބޮނޑި ހޯދަން ފަށައިފިއެވެ. އެތައް ބާވަތެއްގެ ބިރުތަކަކާ އެކީގައެވެ. އެހެންވާނެ ނޫންހެއްޔެވެ. އެޔޮއް އުފަލުގައި އުޅުނު އަންހެން ކުއްޖާ ކޮޓަރީގެ ތެރޭގައި އޮތީ މަރައިލައިފައެވެ. ގަތުލުގެ އަސްލު އަނިޔާވެރިޔާ ވީ ރައްކާވެގެން ގޮހެވެ. އެ ވަގުތު އަހަރެން ނޫޓު ބޮނޑި ހޯދަން އުޅެނިކޮށް މީހަކަށް ފެނިއްޖެނަމަ ކުރިމަތިވާނެ ވަރުގަދަ ތުހުމަތުން އަހަރެންނަށް ސަލާމަތް ނުވެވޭނެކަމުގެ ބިރު ކިތަންމެހާ ވެސް ނުރައްކަލެވެ. ނަމަވެސް ރަޙުމަތްތެރިޔާ އެވެ. ރުފިޔާއަކީ ރުފިޔާއެވެ. އެހެންކަމުން ............

ނޫޓުތައް ނުފެނިގެން އުޅެނިކޮށް އަނދިރިކޮޓަރީގެ ދޮރުމައްޗަށް މީހަކު އަރައިފި އެވެ. އަހަރެން ހުރީ ތަންތާގައި އަތްކާއްތައި ކަކޫ ޖަހައިގެން އުޅުމުގެ ސަބަބުން ލޭގަނޑަކަށް ވެފައެވެ. އެހެންކަމުން އެ މީހަކަށް އެނގިދާނެކަމަށްޓަކައި ގަތްބިރުން ވަނީ އެނދުގެ ތަންދޮށަށެވެ. އަހަރެންގެ ނަސީބު ނުވަތަ ބަދުނަސީބު ގަދަކަމުން އެ ފަހަރު ކޮޓަރީގެ ދޮރުލައްޕައިލައިފި އެވެ. އެ މީހަކު ހިނގައްޖެ އެވެ.  އެއީ ލީލާގެ ކޮޓަރި ކަމުން އަދި އެ ފެންޑާގެ ގިނަ ރޭރޭގެ މަންޒަރު އަހަންނަށް ހިތު ދަސްވެފައިވާކަމުން އެ ވަގުތު ދޮރުމައްޗަށް އެރި މީހަކީ މިސްޓަރ އަޙުމަދުކަން ޔަޤީނާ ގާތަށް އަހަންނަށް ހީވި އެވެ. އަދި އެއީ އޭނާކަމަށް ވަންޏާ ކޮންމެ ދަންވަރެއްގައި ނަމަވެސް އޭނާ ލީލާގެ ކޮޓަރިއަށް ވަދެދާނެކަން އަހަންނަށް ކަށަވަރުވެއެވެ. ވީމާ، އަހަންނަށް މަޖުބޫރުވީ ގެއްލިފައިވާ -/5000 ރުފިޔާ ހޯދަން ނޫޅެ ދެވަނަ ފަހަރު އޭނާ ނާންނަނީސް އަވަހަށް ސަލާމަތްވެގެން ދިއުމަށެވެ. ކޮޓަރީގެ ދޮރު ހުޅުވައިލައިފައި މަޑުމަޑުން އަހަރެން ނުކުމެއްޖައީމެވެ. އޭރު އެ މީހަކު އެ ދިމާއަށް ފުރަގަސްދީގެން ތަންކޮޅެއް ދުރުގައި ބޭރު ބަލަހައްޓައިގެން  ހުއްޓެވެ. ވަރަށް ސިއްރު ފިޔަވަޅުތަކެއް އަޅަމުން އޭނާއަށް ނުފެނި ފައިބައިގެން ތިރިއަށް އަތުވެއްޖައީމެވެ.

އަހަރެން ގަސްދުކުރީ ރުފިޔާތައް ނުފެނުނު ވާހަކައާއި، ކަންތައް ހިނގި ގޮތުގެ ވާހަކަ އެ މީހަކު ދިން ކަރުދާސްކޮޅުގައި ވާ ތަނަށް އަނެއް ރޭ ބާރަ ޖަހާއިރު ގޮސް އޭނާއާ ބައްދަލުކޮށް ސާފުކޮށް ކިޔައިދިނުމަށެވެ. ފިނި ބާރު ރެޔެކެވެ. ވައި މަޑު ރެޔެކެވެ. އިރާކޮޅުއްސުރެ އަހަރެންގެ ހިތަށް ބާވަތެއްގެ ބިރުތަކެއްް ވެރިވާން ފަށައިފިއެވެ. ޠަބީޢަތު ހަމައެއްނުޖެހެއެވެ. މުޅި ހަށިގަނޑުގައި އާދަޔާ ޚިލާފު ވިންދުގެ ރާޅުތަކެއް ދަތުރުކުރާ ވަރުން ތަނެއްގައި މަޑުން ހުރުން ވެސް އުނދަގޫވާން ފަށައިފި އެވެ.

އެއް ސަބަބަކީ ކުރީ ރޭ ފަތިހު އަހަރެން ހޮޓަލުގެ 6 ވަނަ ބުރިއަށް ފޭބިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ލީލާގެ ގަތުލު މުޅި އެ ހިސާބަށް އިޢުލާންވެގެން ދިޔަކަމެވެ. ފުލުހުން އެކި ދިމާއިން އައިސް ހޮޓާ ވަށައިލައިގެން ބަލަހައްޓާން ފެށި ބެލެހެއްޓުމެވެ. އެންމެނާ ކުރި ސުވާލުތަކެވެ. ނެގިފޮޓޯތަކެވެ. ފަށައިފައިވާ ވަރުގަދަ ތަޙްޤީގެވެ. އަދި އެއަށްވުރެ ވެސް ބޮޑަށް އަހަރެން ތުރުތުރުއެޅީ މުޅި އިންޑިޔާއަށް މަޝްހޫރު ފުލުސް އިންސްޕެކްޓަރ އަންވަރު އެ ތަނަށް އަތުވެދާނެތީ އެވެ. އޭނާ އަތުވެއްޖެނަމަ ކިތަންމެ ފޮރުވަން އުޅުނަސް އަހަރެން ބޭޒާރުވާނޭކަން ޔަޤީނެވެ.

ކޮންމެއަކަސް މި ކަހަލަ ހާސްކަމެއްގެ ތެރޭގައި އެރޭގެ 10 ޖަހަންދެން އުޅުމަށްފަހު އެ ކަލޭގެ ދިން ކަރުދާސް ކޮޅުގައިވާ ތަނަށް "ސެވެން އެންޑްބީ" ކިޔާ ވަރުގަދަ އިމާރާތައް ދިޔުމަށްޓަކައި ނުކުމެއްޖައީމެވެ. ކުލީ ކާރެއްގައި އެ ތަނަށް ދެވުނީ ބަރާބަރު 2 ގަޑިއިރުންނެވެ.

މެންދަމު 12 ޖަހަނީއެވެ. ތަންކޮޅެއް ދުރުން ޓެކްސީ ފޮނުވައިލައިފައި އަހަރެން ސެވެންޑް އެންޑްބީގެ ފެންޑާ މައްޗަށް އަރައިފީމެވެ. އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އެއްވެސް އަލިކަމެއް ނެތެވެ. އެ ތަނަކީ އެތައް ބައިވަރު ގޯޅިތަކަކުން އަދި އެތައްބައިވަރު ގަސްތަކަކުން ފޮރުވިފައިވާ ތަނެކެވެ. އެހެންކަމުން ހިސާބަކަށް ޖެހިލުންވެ ހުރެ އެތާގެ ފަރުބަދަމަތީގައި ފިނދުޖައްސާލައިފީމެވެ.

ދިހަ ވަރަކަށް މިނެޓްގެ ތެރޭގައި ދޮރެއް ހުޅުވިއްޖެ އެވެ. ހުސް ބޮލެއް، އަނދިރި އަތެއް ނުކުމެ ހަނާއަޅައިލައިފި އެވެ. ........ ބިރުންހުރެ މަޑުމަޑުން ކޮޓަރިއަށް  ވަދެއްޖައީމެވެ. ........ ތިބީ ދެމީހުންނެވެ. ....... ނޫޓުތަކެއް ގުނަނީއެވެ. ދެން ހުރީ ވިސްކީ ދެ ތައްޓެވެ. އެކަކީ ލީލާ ޤަތުލުކުރި މީހާ އެވެ. އަހަންނަށް ފައިސާ ދިން މީހާއެވެ. އެ ވަގުތު ކަން ދިމާވެފައިވާ ގޮތުން އަހަރެންގެ ވެރިމީހާއެެވެ. ފުރަތަމަ ވެސް އަހަންނާ ސުވާލުކުރީ އެ މީހާއެވެ. ........... " ރުފިޔާތައް ކޮބައިހެއްޔެވެ؟ އަވަހަށް ދޭށެވެ." .......... ވަރުގަދަ އަޑެކެވެ. ބުންވެފައިވާ ހިމޭން އަޑެކެވެ. ޚާއްޞަ ބާރެއް ފޮރުވިފައިވާ ދެ ލޮލުން އަހަންނާ ދިމާއަށް ބަލައިލައިފި އެވެ. ނަމަވެސް އެ މީހަކީ އަހަރެން ދަންނަ މީހެއްކަން އެނގުމުން އަދި ޑިޔަރެސްޓޯ ހޮޓަލަށް އައިސް އުޅޭ މީހެއްކަމުން އަދި އަހަރެންގެ ހިސާބެއްގެ ރައްޓެއްސެއް ކަމުން ގެންފައިވާ ބިރުން ލައްކަތަން ކުޑަވެގެން ހިނގައްޖެއެވެ. އަޙުމަދު (އެޑްމަންޑްގެ ވާހަކައިގެ މެދުކަނޑައިލައިފައި) އެއީ ކާކުހެއްޔެވެ؟

އަންވަރު:-  ނިކަން ހުރެބަލާށެވެ. އިހަށް ހިމޭނުން އިންނާށެވެ! ........ހޫން! ދެންވީ ކިހިނެއްހެއްޔެވެ؟

އެޑްމަންޑް އަނެއްކާ ވެސް ދާފުހެލައިފައި ކަންވީގޮތް ކިޔައިދޭން ފެށިއެވެ. ................ "އޭނާ އަކީ ކުރިން ވެސް ބުނި ފަދައިން އަހަރެންގެ ރައްޓެއްސެއްކަމުން އާދައިގެ ގޮތެއްގައި މަޢާފަށް އެދިފައި ނޫޓުތައް ނުފެނުނު ވާހަކަ އާއި ކަން ވީ ގޮތް ކިޔައިދީފީމެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއް ޤަބޫލެއްނުކުރި އެވެ. އަދި ގިނަ އިރުތަކެއް ނުކޮށް އަހަރެންގެ ބޮލުގައި ބޫޓުން ތަޅައިގެންފި އެވެ. ހައެއްކަ ފަހަރު ޖަހަންދެން އަހަރެންގެ ހޭހުއްޓެވެ................. ދެން .............. ވީ އެއްވެސް ގޮތެއް ނުދެނަހުރީމެވެ. ..... ދެން ހޭލެވުނީ މިސްޓަރ ބޭކަރުގެ ސިއްރު ކޮޓަރީގައި ހިލިހިލާ ގަނޑަކުން ބަނދެފައި އޮއްވައެވެ. ކޮންމެ ރެއަކު ދަންވަރު އެ އަންހެންކުއްޖާ އަހަންނަށް އެ ހާނީއްކަ ކުރެއެވެ. އަދި ބައެއް ރޭރޭ ހުދު ބޭކަރު ވެސް އަހަންނާ  ސުވާލު ކުރެއެވެ. ނަމަވެސް އެ ރުފިޔާތައް ނެގީ އަހަންނެއް ނޫނެވެ. އެހުރިހާ ފައިސާތައް ވީ ކޮޓަރީގައެވެ. އަހަންނަށް އެނގިފައިވާ ގޮތުން މިހާރު އެވީ ފުލުސް އިންޓޭޝަންގައެވެ. ފަހަކަށް އައިސް އެމީހުން ހާނިއްކަ ކުރަނީ ފައިސާތައް ނުދައްކައިގެން އެކަންޏެއް ނޫނެވެ. ލީލާގެ ޤަތުލުގެ ސިއްރު ދެނަހުރި މީހަކީ އަހަރެން ކަމުން އެކަން ބޭޒާރުކޮށްފާނޭކަމުގެ ބިރާ ވެސް އެކުގައެވެ.

އަންވަރު: ތިޔަ ބުނާ ލީލާ ޤަތުލުކުރި މީހަކީ ކާކުހެއްޔެވެ؟ ކިޔަނީ ކޮންނަމެއްހެއްޔެވެ؟

އެޑްމަންޑް:-  އޭނާގެ ނަމަކީ ...........

ޓަޓަސް ..........ޓަސް........

އެ ގޮއްވައިލީ ފިސްތޯލައެކެވެ. ނަން ބުނަން އަނގަ ހުޅުވައިލި އެޑްމަންޑްގެ މޭ ފޫއަޅުވައިލައިފި އެވެ. ....... މަރުވެގެން ވެއްޓެމުން އޭނާ އަށް ބުނެވުނީ ހަމަ އެންމެ ތަންކޮޅެކެވެ. ........ " އެއީ އެހެރަ އުޅޭ މިސްޓަރ .........."

އާދެ! މުޅި ކޮޓަރިތެރެ ހީވަނީ ރަތް ލޭގަނޑެއް ހެންނެވެ. އަންވަރު ނުކުމެ އެތަަން މިތަން ހޯދަން ފަށައިފިއެވެ. ނަމަވެސް އެއްވެސް މީހެއްގެ އަސަރެއްނެތެވެ. ހިޔަންޏެއް ވެސް ފެންނާކަށް ނެތެވެ. ކޮޓަރިތެރޭގައި އުމުރު ކުރު އެޑްމަންޑް މަރުވެފައި އޮތެވެ.

ކުއްލިޔަކަށް ޓެލްފޯނުގެ ރަނގަބީލްވާން ފަށައިފިއެވެ. ......... އަންވަރު ވަށައިގެން ހޯދަމުން ފޯންގެ އަތްގަނޑު ނަގައިފިއެވެ. ............

....... "ހަލޯ" ...........

"ވާހަކަދައްކަނީ ކާކު؟ .........."

" އަހަރެންނެވެ." ....... ..

"ކޮންއަހަރެންނެއް ހެއްޔެވެ؟..................."

"ކަލޭގެ އެކުވެރިޔާ " ................؟

"ޢަމުދުން ސިކުނޑިއެއް ނެތް، ނުފޯރާ ޒުވާނާ އެވެ! އިހަށް ވެސް ތިޔަ ލީލާގެ ޤަތުލުގެ ސިއްރު ހޯދަން އުޅުނު އިންސްޕެކްޓަރ އަންވަރު އަމިއްލަޔަށް މަރުވެއްޖެ އެވެ. އަނެއްކާ، އަނެކަކު ނުކުތީ ދޯ އެވެ؟ ތިޔަ ސިއްރު ހޯދުނީހީ އަންވަރު ދުނިޔޭގައި ހުރި ނަމަ އެވެ.  ދެން ތިޔައީ ވާނޭ ކަމެއް ނޫނެވެ. އެޑްމަންޑް ލައްވައި ހުރިހާ ވާހަކައެއް ބުނުވިއްޖެ އެވެ. ނަމަވެސް އަހަރެންގެ ނަން އެނގުނު ހެއްޔެވެ؟ . . . . . . . . . ލީލާ ޤަތުލުކުރީ އަހަންނެވެ. ކުޅަދާނަކަން ލިބިފައި ވާނަމަ މީ ކާކުތޯ ހޯދައިބަލާށެވެ!...................."

ފޯނު ކަނޑައިލައިފި އެވެ.

 އަންވަރު ހަޅޭއްލަވައިލަވައި ބަލިވި އިރު ވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ. ނާކާމިޔާބުވެގެން ފޯނުގެ އަތްގަނޑު ބާއްވައިފި އެވެ.

އަލިފާނުގެ އަނދަވަޅެއްގައި:

މިސްޓަރ އެޑްމަންޑްގެ ކުއްލި މަރުވުމާ ވިދިގެން، އަޅުގަނޑުމެންގެ އަންވަރު ކުރާންފެށި ފުން ހިތާމަ އަކަށް ނިމުމެއް ނާދެ އެވެ. އޭނާގެ އެކުވެރި އަޙުމަދުގެ ފުރާނައިގެ އެއް ބައި ކަމަށްވާ ލީލާގެ ޤަތުލަށްޓަކައި ރައްކާކުރެވިފައިވާ ސިއްރުތައް އަތްމަތިވެފައި ގެއްލިގެން ދިޔަ ހިތްދަތި ގޮތް އެ ދެ މީހުންގެ ހިތުން ފިލައިގެނެއް ނުދެ އެވެ. ނަމަވެސް ދުނިޔޭގެ ދުވަސްތަކާ އެކު އެލްވިސް ހޮޓަލުގެ ބިރުވެރި ޙާދިސާ ހިނގި ރޭގެ ފަތިސް ވެސް ގުނިގެން ހިނގައްޖެ އެވެ. އާދެ! ތިން ދުވަސް މާޒީވެ ހިނގައްޖެ އެވެ.

. . . . . . . . . .  މިސްޓަރ އަޙުމަދު، ކޮޓަރީގައި ވަރަށް އަވަދިނެތި މަސައްކަތެއް ކުރަނީ އެވެ. އާދެ! ފާލުބަލާ ދެ މީހުންގެ ނަމުގައި އައިސް މި އުޅޭ އުޅުމުގެ ތެރޭގައި އޭނާ އަށް ޚާއްޞަކުރެވިފައިވާ ހެދުން އަޅަނީ އެވެ.

----------------------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

   ޓައިޕުކުރުން:    ސިތުރާ ޢަބްދުލްޢަޒީޒު (ލ.ގ.ގެ އިދާރީ އެހީތެރިޔާ)
   އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ