އަދުގެ ޚާއްސަ

Print

''މުދައްރިސް! މިހާރު ވަރަށް ބޮޑަށް ރައިވަރު ކިޔަވާ ހިތްވެއްޖެ.''

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އާދަމް ނަޞީރު އިބްރާހީމް (2011)

ސުރުޚީއެއްގެ ގޮތުގައި މަތީގައި އެވާ، ކޮމާކޯޅި އިބާރާތަކީ، އަޅުގަނޑަށް އަޑު އިވިފައިވާ އިބާރާތެކެވެ. އެއްފަހަރަށް ވުރެ ގިނަ ފަހަރު އެވެ.  އެއް ދަރިވަރަށްވުރެ ގިނަ ދަރިވަރުންގެ ފަރާތުންނެވެ. ކޮން އިރަކުތޯ އެވެ؟  ރައިވަރާ ބެހޭ ފިލާވަޅު ނަގައިދީ ނިމުމުންނެވެ. ހިތަށް އަރަ އެވެ. ދަރިވަރުންނަށް މި ފިލާވަޅު ނަގައިދެވޭ ގޮތް މިއީ، މި ކަމަށް އޮތް، އެންމެ ރަނގަޅު ގޮތްކަމުގައެއް ނުވާނެ އެވެ.  އެކަމަކު ގިނަ ދަރިވަރުންތަކެއް، ރައިވަރު ކިޔަވާ ހިތްވެއްޖެޔޭ  މި ބުނަނީ، ރަނގަޅު ކޮންމެ ވެސް ގޮތްތަކެއް ހުރީމާކަމަށް ވުން ވަރަށް ގާތެވެ. މި ފިކުރުގައި ހުރެ، ދިވެހި ކިޔަވައިދެއްވާ ބައެއް މުދައްރިސުންނާ މި އުސްލޫބު ހިއްސާ ކޮށްލީމެވެ. އެބޭފުޅުން ވެސް ތަޖުރިބާ ކުރެއްވި އެވެ. ނަތީޖާ ވަރަށް ރަނގަޅު ކަމުގައި ވިދާޅުވި އެވެ.

ލިޔުމެއްގެ ގޮތުގައި ފަންވަތް މެދުވެރިކޮށް ތިޔަ ބޭފުޅުންނާ (ޚާއްޞަކޮށް މުދައްރިސުންނާ) މި ފިލާވަޅު ހިއްސާކޮށްލަން ގަސްތު ކުރެވުނީ އެހެންވެގެންނެވެ. ބައެއް ބޭފުޅުންގެ އެދިވަޑައިގަތުމުގެ ވެސް މަތިންނެވެ.

މިއީ ރައިވަރު ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތެއް ބަޔާން ކޮށްދޭ ފިލާވަޅެކެވެ. ނިޔަތަކީ، މި ފަދަ ކަމެއްގައި އެހީތެރިކަމެއް ބޭނުންފުޅުވާ ފަރާތްޕުޅުތަކަށް  އެހީތެރިކަމެއް ފޯރުކޮށްދެވޭތޯ ބެލުމެވެ.

ފިލާވަޅުގެ މަޤުޞަދު


ފަސޭހަކަމާއެކު، ރައިވަރެއްގެ ބަސްތަރުތީބުކުރުމަށް ކަޑައްތުކުރާނެ ހަތަރު މަރުޙަލާ ތަރުތީބުން ދަރިވަރުން ބުނުން.

ޢަމަލީގޮތުން މި ހަތަރު ގޮތް، ދަރިވަރުން  ތަންފީޒުކުރުން.

މި ހަތަރު ގޮތުގެ އެހީގައި، ރައިވަރެއްގެ ބަސްތަރުތީބުކޮށް، ޖުމުލަ މާނަ ލިޔުން.


ކިޔަވައިދިނުމުގެ އެހީއަކަށް ބޭނުން ކުރާނީ ކޮންއެއްޗެއް؟


ކިޔަވައި ދިނުމުގެ އެހީއެއްގެ ގޮތުގައި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ތައްޔާރު ކުރެއްވިދާނެ އެވެ. ނުވަތަ ބޯޑު ވެސް  ބޭނުންފުޅު ކުރެއްވިދާނެ އެވެ. ނުވަތަ ރައިވަރު ކިޔާ މީހަކު ވެސް ބޭނުން ކުރެވިދާނެ އެވެ.

ފިލާވަޅު ފަށާނީ ކިހިނެއް؟


ފެށުމެއްގެ ގޮތުން އެންމެ ފުރަތަމަ ރައިވަރެއްގެ އޯޑިޔޯ އިއްވައިލެއްވި ދާނެ އެވެ. ނުވަތަ ވީޑިޔޯ ބޭނުންފުޅު ކުރެއްވި ދާނެ އެވެ. ނުވަތަ ރައިވަރު ކިޔާ މީހުން އުޅޭ ރަށެއްގައި ނަމަ، އެ ފަދަ މީހަކު، ކިލާހަށް ގެންނެވިދާނެ އެވެ.  ކުދިން ނުދެނެ ތިއްބާ ރައިވަރެއް ކިޔަމުން އޭނާ ބޭރުން އައިސް ކިލާހުގެ ތެރެއަށް ވަންނާނީ އެވެ. އޭރު މުދައްރިސް ކިލާހުގައި ހުންނެވުން ރަނގަޅެވެ.

ދެން ކުދީންނާ ސުވާލު ކުރައްވާށެވެ! އިވިގެން އެ ދިޔައީ ކޮން އެއްޗެއްތޯ އައްސަވާށެވެ! އެ ކުދިންގެ ކިބައިން ޖަވާބު ހޯއްދަވާށެވެ! އެ އަށްފަހު، އެ ރައިވަރުގައި ބުނެދޭ އެއްޗެއްގެ މާނަ، ރައިވަރު ކީ މީހާލައްވައި ކިލާހަށް އިއްވައިދެއްވާށެވެ. އަދި އޭގައިވާ ބަސްފުރޮޅުން ފަދަ  ކަންކަމުގެ ވާހަކަ ދަރިވަރުންނާ ސުވާލު ކުރައްވައިގެން އެކުދިން ލައްވައި ބުނުއްވާށެވެ! ދެން ރައިވަރު ކިޔައިދިން މީހާއަށް ޝުކުރު އަދާ ކުރެއްވުމަށްފަހު، ހަމަ އެކަނި ދަރިވަރުންނާއި މުދައްރިސް ހިމެނޭ ކިލާހަކަށް ކިލާސްތެރެ ހައްދަވާށެވެ!

ފިލާވަޅު ތަޢާރުފުކޮށްދޭނީ ކޮންވަގުތަކު؟


މި ހިސާބުން ފިލާވަޅު ތަޢާރުފު ކޮށްދެއްވާށެވެ! އެ އަށްފަހު ތިރީގައި މިވާ ކުރެހުން ދައްކައި ދެއްވާށެވެ! މި ކުރެހުމުގައި ބަސް އުފެއްދުމޭ އެ ވަނީ މާލައެއް ލިބޭ ލަފުޒާއި މަސައްކަތު ލަފުޒާއި،  އަކުރު އުފެއްދުމުގެ މާނައިގަ އެވެ.





ފިލާވަޅު ތަޢާރުފަކީ ކޮބާ؟  


ދެން މަތީގައިވާ ކުރެހުން އޮޅުން ފިލުއްވައި ދެއްވާށެވެ!  ރައިވަރާ ބެހޭ ގޮތުން އާންމުކޮށް ދަރިވަރުންނަށް ދަސްކޮށް ދެވެނީ މައިގަނޑު ހަތަރުކަމެކެވެ.  

ހ. ބަސް ތަރުތީބު ކުރުމެވެ.
ށ. ޖުމުލަ މާނަ ލިޔުމެވެ.
ނ. ދޭހަވާ މާނަ ލިޔުމެވެ.
ރ. ޝަރަޙަ ލިޔުމެވެ.

މީގެ ތެރޭން މި ފިލާވަޅު އަމާޒު ކުރެވެނީ ދެ ކަމެއް ދަސްކޮށް ދިނުމަށެވެ. ބަސް ތަރުތީބު ކުރުމާއި ޖުމުލަ މާނަ ލިޔުމަށެވެ.

މި ދެ ބައި ދަރިވަރުންނަށް އުނގަންނާ ދިނުމަށްޓަކައި، ކިޔަވައިދެއްވާ މުދައްރިސަށް މި ތާވަލު ރަނގަޅަށް އެނގިވަޑައިގަތުން މުހިއްމުވާނެ އެވެ. އެހެންކަމުން ގުރާފެހި ކުލައިގައި އެވާ ގޮޅިތަކުގެ ކުރު ތަޢާރުފެއް ދަންނަވައިލާނަމެވެ. ގޮޅިތަކަށް ދެވިފައިވާ ނަންބަރުތަކަށް ވިސްނަވާށެވެ.

1- ބަސް އުފެއްދުން: މިތާނގައި އެ ބުނެވެނީ ރައިވަރުން ބަސް އުފައްދާ ވާހަކަ އެވެ. މާނަ އަކީ، ރައިވަރުގައި ތަރުތީބު އޮޅުވައިލައިފައިވާ ބުނުންތަކުން މާނަ ދޭހަވާގޮތަށް ލަފުޒުތަކެއް އުފެއްދުމެވެ. ޢަމަލީ ގޮތުން ދަރިވަރުން ލައްވައި މި ކަން ކުރުއްވާށެވެ. މި ތަމްރީނު ކުރިޔަށް ގެންދަވާނެ ގޮތް އަދި ފަހުން އެބަ ދަންނަވަމެވެ.

2- ރައިވަރުގެ ދާއިރާ ދެނެގަތުން: ބަސްތަރުތީބު ކުރަން ލިބޭ ރައިވަރުގައި ބުނާ ހުރިހައި އެއްޗެއް ނޭނގިދާނެ އެވެ. އެކަމަކު ކޮންމެ ވެސް މިންވަރެއް އާންމުކޮށް އެނގޭނެ އެވެ. މި އެނގޭ މިންވަރުގެ އެހީގައި އެއީ މަސްވެރިކަމާބެހޭ ރައިވަރެއްތޯ، ނުވަތަ ދަނޑުވެރިކަމާބެހޭ ރައިވަރެއްތޯ؟ ނުވަތަ ވާދަ ރައިވަރެއްތޯ، ނުވަތަ ދީނީ ނަސޭހަތެއް އަޚްލާޤީ ފިލާވަޅެއްދޭ ރައިވަރެއްތޯ ދެނެގަތުމަކީ ރައިވަރުގެ ދާއިރާ ދެނެގަތުމެވެ.

މި ސާލު:

ކާކަށްތަ ދާނައީ ކުޅަ
ވާގިލާރުން ޖަހާދަ މުގު
ރާކަށެއް އިރާދަ މުގު

މި ރައިވަރުގައި އުނދަގޫ ބަހަކަށް އޮތީ މެދު ބަހެވެ. މެދު ފޮޅުވަތެވެ. ނަމަ ވެސް ކާކަށްހޭ ކުޅަދާނައީ، އިރާދަ މުގުރުމޭ މި ކަހަލަ  މޭރުމެއް ލިބޭ ދެ ބުނުމެއް އޮތުމުން މި ރައިވަރުގެ ދާއިރާއަކީ ދީނީ ދާއިރާކަން އެބަ ދެނެގަނެވެ އެވެ.


3- މައުޟޫޢު ދެނެގަތުން:  ލިބިފައިވާ ރައިވަރަކީ މަސްވެރިކަމާ ބެހޭ ރައިވަރެއްކަން އެނގިދާނެ އެވެ. އެކަމަކު މަސްވެރިކަމުގެ ދާއިރާއަކީ ވަރަށް ތަނަވަސް ދާއިރާ އެކެވެ. ފަރުކެޔޮޅު ކަމެވެ. ވަދައިދިޔުމެވެ. ލޭނު އެޅުމެވެ. ދޮށީގެ މަސްވެރިކަމެވެ. އެހެންކަމުން ލިބިފައިވާ ރައިވަރަކީ މީގެ ތެރޭން ކޮން ރޮނގަކާ ގުޅިފައިވާ ރައިވަރެއްތޯ ދެނެގަތުން މުހިންމެވެ. މި ކަން ދެނެގަންނާނީ ރައިވަރުގެ މާނަ ދޭހަވާ ލަފުޒުތަކާއި ބުނުންތަކުގެ އެހީގަ އެވެ. މި ސާލަކަށް މަސް އައިނެކޭ އެބަ އޮތެވެ. ދޮށީގެ ވާހަކަ އެބަ އޮތެވެ. އެން އުކާ ވާހަކަ އެބަ އޮތެވެ. އެހެން ވެއްޖެއްޔާ އެ ރައިވަރުގެ މައުޟޫޢަކީ ދޮށީގެ މަސްވެރިކަން ކަމަށް ބެލެވިދާނެ އެވެ. މި ނުކުތާގައި ޅެންވެރިޔާގެ ބަނޑުގައި އޮވެދާނެ މާނައެއްގެ ވާހަކަ އަދި ނުދައްކަމާ ހިންގަވާށެވެ! އަދި އިތުރު ތަފުޞީލަކަށް ދިޔުމަށްޓަކައި ކުރީގެ ރައިވަރަށް ވިސްނައިލަމާ ހިންގަވާށެވެ! އެ ރައިވަރުގައި އިރާދަ މުގުރާ ވާހަކަ އާއި ގުޅޭ ގޮތެއްގައި، އިންސާނާގެ ނުކުޅެދުމުގެ ވާހަކަ ގެންނާތީ، ﷲގެ ކުޅަދުންވަންތަކަމުގެ ވާހަކަ އެއް ބުނަން އުޅޭކަމުގެ އިޝާރާތެއް އެބަ ލިބެ އެވެ. އެހެންކަމުން މައުޟޫޢަކީ އެއީކަން ސާފުވީ އެވެ.


4- ރައިވަރުގެ ވެށި ދެނެގަތުން: އަޅުގަނޑުމެން މި އަންނަނީ މަސައްކަތެއް ކުރަމުންނެވެ. އެއީ ރައިވަރެއްގައި ބުނެފައިވާ ބުނުންތައް ނޭނގޭތީ، އޭގެ ބަސްތަރުތީބު ކުރެވޭތޯ ބަލަނީ އެވެ. އެކަމަށްޓަކައި ރައިވަރުގެ ދާއިރާ އޮޅުން ފިލުވައިފީމު އެވެ. މައުޟޫޢު ދެނެގެންފީމު އެވެ. އެނގުނީ ދޮށީގެ މަސްވެރިކަމާބެހޭ ރައިވަރެއްކަމެވެ. އެހެނީ، މިސާލަކަށް؛ ދޮށި، އެންވަށި، އުކުން،  މިފަދަ ބަސްތައް ރައިވަރުގައި ހުރިކަން އެބަ އެނގެ އެވެ.  ދެން އޮތީ ނޭނގި ބާކީ ދެން ހުރި ބަސްތައް ހޯދުމެވެ. މި ކަމަށްޓަކައި ދަރިވަރުން ލައްވައި މަސައްކަތް ކުރުއްވާއިރު، އެކުދިންގެ ވިސްނުން ގެންގުޅެންޖެހޭ ގޮތް އެކުދިންނަށް ބުނެދެއްވާށެވެ. މަސްދޯނީގައި މަސްއައިނަކަށް އަރައިގެން އުޅޭ ވާހަކަ ދައްކާއިރު، ތާރަ، ބޮޑު ބެރު، ލަންޑަނު، ރަންފަށްޓަރުބައި، ފަދަ ލަފުޒެއް ނުވަތަ އެފަދަ ބުނުމެއް އޮތުމަކީ ވަރަށް ވެސް ނާދިރު ކަމެކެވެ. އެހެންކަމުން ރައިވަރުގެ ވެށި ދެނެގަތުމަކީ، ރައިވަރުގެ މައުޟުޢާ ގުޅޭ ދާއިރާއިން ނަންތަކެއް ލިބޭތޯ ވިސްނުމެވެ. މިސާލަކަށް؛  ދޮށި، އެންވަށި، އުކުން، ފަދަ ބަސްތަކަށްފަހު، ހުސްބުޅި، ކަންވާރު ފަދަ ބަސްތައް ހުރެދާނެކަމަށް ވިސްނުމެވެ. އިތުރު ތަފުސީލާއެކު އަނެއްކާ ވެސް ކުރީގެ ރައިވަރާމެދު ވިސްނައިލަމާ ހިންގަވާށެވެ. މި ހާރު އެ ރައިވަރުގެ ދާއިރާ އަކީ ދީންކަން އެނގިއްޖެ އެވެ. ދައްކަނީ، އިންސާނާގެ ނުކުޅެދުމާއި ﷲގެ އިރާދައިގެ މަތިވެރިވަންތަކަމުގެ ވާހަކަ ކަންވެސް އެނގިއްޖެ އެވެ. މި ކަން އެނގުނީ އިރާދައާއި، އަދި ނުކުޅެދުމާއި މި ބަސްބަހުންނެވެ. މި ރައިވަރުގައި އިތުރަށް ވަރަށް ސާފުކޮށް ފެންނަ އަނެއް ލަފުޒަކީ''ޖަހާ'' މި ވާ ކަމެވެ. ހަމަ އެހެންމެ ޖެހުމަށް ބާރު ލަމު އެވެ. އެމާނަ ދޭހަވާ ގޮތުގައި ''ވާގިލާ'' ވަރަށް ސާފުކޮށް އެބަ ފެނެ އެވެ. ނޭނގޭ ބަޔަކީ، ''ރުން – ދަމުގު'' މި އަކުރުތަކެވެ.  އެހެންވީމާ ދެން އެވީ ރައިވަރުގެ ވެށްޓަށް ވިސްނާށެވެ. ވާގިލައިފައި ބާރުލައިފައި ދިވެހިން ޖަހާނީ ކޮން އެއްޗަކުންހެއްޔެވެ؟ ފުރޯ، މުގުރު، ކަނދުގަނޑު، ލަޓިބުރި، ދަރުބުރި، މުގުދަރު، މިހިރީ ހައްތާ ވެސް މީހަކު އެ އެއްޗެއްގެ އެހީގައި ޖަހައިފާނެ އެއްޗިއްސެވެ. މި ގޮތަށް މި ވެށީގެ ތެރޭން ވިސްނަން ފެށުމުން އަސްލު ނަން ހިތަށް ނެގޭލެއް ފަސޭހަވާނެ އެވެ.

5- ޅެމުގެ ޟަރޫރަތު:  ރައިވަރުގެ ބަސްމަގަކީ، ޅެންވެރި ބަސްމަގެކެވެ. ބުނެވެނީ ބަހުގެ އާންމު ގަވާއިދުގައި ހުއްދަ ނޫން ކިތައްމެ ކަމެއް ޅެންވެރިޔާއަށް ޅެމުގެ ޟަރޫރަތަށްޓަކައި، ހުއްދަވެގެންވާކަމުގަ އެވެ. އެހެންކަމުން އާންމުކޮށް ވާހަކަ ދައްކާ އިރު ބަސް ބޭނުން ނުކުރާ ކިތަންމެ ގޮތަކަށް ޅެންވެރިކަމުގައި ބަސް ބޭނުން ކޮށްފައި ހުރެ އެވެ. ރައިވަރަކުން ބަސް ނުވަތަ ލަފުޒު އުފައްދާއިރު، މި ނުކުތާއާ މެދު ވިސްނުން ވަރަށް މުހިންމެވެ. މި ސާލަކަށް؛ ''ރީތި ނަލަ އަޑު ފުޅުން ލެއްގޮ – ލީމާ ނޫންތަ ހާލެއްގޮ'' މިއީ ރައިވަރެއްގެ ގަތްބަހާއި ފަހު ބަސް ނޫންތޯ އެވެ. މި ތާނގައި ގަތްބަހުގައި އެ އޮތް ''ލެއްގޮ'' އަކީ މި ދެންނެވި ޟަރޫރަތުގެ ލައިސަންސުގެ އެހީގައި  އެތަނަށް ވަދެ އޮތް ލެއްގޮ އެކެވެ. އާންމުކޮށް  މި ފަދަ ސިފަތައް  ގިނައިން ފެންނަނީ  ރައިވަރުގެ ފަހު ދެބަހުންނެވެ.  ގަތްބަހާއި ފަހުބަހުންނެވެ.  ބައެއް ފަހަރަށް  އަކުރުކޮށްފައި އޮވެދާނެ އެވެ.  ބައެއް ފަހަރަށް އަކުރެއް އުނިވެފައި އޮވެދާނެ އެވެ.  އަދި ބައެއް ފަހަރަށް އަކުރެއް ދެމޭ ފިއްޔެއް ކުރުފިއްޔެއްގެ ގޮތުގައި ގެނެސްފައި އޮވެދާނެ އެވެ.  މި ފަދަ އެތައް ބަދަލެކެވެ. ވީމާ، ބަސްތަރުތީބު ކުރުމަށްޓަކައި، ރައިވަރުގައި ބުނާ އެއްޗެއް ދެނެގަތުމަށް ލަފުޒު އުފައްދާއިރު، މި ފަސް ނުކުތާއަށް ވިސްނައިލުން ވަރަށް މުހިންމެވެ.

ލަފުޒު އުފައްދާނީ ކިހިނެއް؟ (ގުރޫޕު މަސައްކަތެއް)


އިސްވެ ބަޔާން ކުރެވުނު ތަފުޞީލުތަކުގެ އެހީގައި ތިރީގައި މިވާ ރައިވަރާ މެދު ވިސްނަވާށެވެ! މި ރައިވަރުގެ ބަސްތައް ތަރުތީބު ކުރަން ދަރިވަރުންނާ ހަވާލު ކުރައްވާށެވެ! ތިރީގައި މިވާ ގޮތަށް ތާވަލެއް ހައްދަވައިފައި ދަރިވަރުންނަށް ދެއްވާށެވެ!  ރައިރުގެ ކޮންމެ ބަހެއް (ކޮންމެ ފޮޅުވަތެއް) މި ގޮތަށް ތާވަލަކަށް ލެވޭގޮތަށެވެ. ނަމަވެސް، މިހާރު ތިޔަ ފެނިވަޑައިގަންނަވާ ތާވަލުގައި އިތުރު ނޯޓު ލިޔުމަށް ޚާއްޞަ ކުރެވިފައިވާ ގޮޅި ނުހިމަނުއްވާށެވެ. އެއީ އަޅުގަނޑާ ތިޔަ ބޭފުޅާއަށް ޚާއްޞަ ގޮޅިއެކެވެ.

ބަސް ތަރުތީބުކޮށް ޖުމުލަ މާނަ ލިޔަންވީ ރައިވަރު


''ޚިޔާނާތްތެރި އަނބީންނަށް

ފިޔާޔަށްވާ ދާރިސީނު

ހިޔާލިބޭށި ޢަރުޝީނު''
- ޢަބްދުﷲ ޖަލާލުއްދީނު -

ބަސް އުފެއްދުމަށް އަކުރުތައް ތަރުތީބު ކުރާގޮތް

އުފައްދާ ލަފުޒު

މާނަ ހަމަޖެހޭ ޢިބާރާތް

އިތުރު ނޯޓު

ފި

ފި

ފި

 

 

 

ޚިޔާނާތްތެރި އަނބީންނަށް

ގުރާފެހި ކުލައިގެ ގޮޅީގައި އެހެރަ އަކުރުތަކުން، ''އުފައްދާ ލަފުޒު''ގެ ގޮޅިތަކަށް ގެނެވޭ ކޮންމެ އަކުރެއް ވަކިން އެނގޭނެހެން އެ އަކުރެއްގައި ވަކިން ފާހަގައެއް ލަމުން މި ތަމްރީނު ކުރިޔަށްގެންދިޔުން މުހިންމެވެ. މިކަން ކުރުވާނީ ދަރިވަރުލައްވަ އެވެ.

ޔާ

 

ޔާ

 

 

 

 

ޔަ

 

 

 

ޔަ

 

 

ށް

 

 

 

ށް

 

 

ވާ

 

 

 

 

ވާ

 

ދާ

 

 

ދާ

 

 

 

ރި

ރި

ރި

 

 

 

 

ސީ

 

 

ސީ

 

 

 

ނު

 

 

 

 

ނު

 

      ތިރީގައި މިވަނީ  އުފެއްދުނު ވަކި ލަފުޒުތަކުން ޖުމުލައެއް ހެދުމަށް ގެނެވުނު ބަދަލުތައް

ފުރަތަމަ ނަތީޖާ

ފިރި

ފިރިޔާ

ސީދާ

ޔަށް

ނުވާ

 

ދެވަނަ  ނަތީޖާ

ފިރިޔާ

އަށް

ނުސީދާ

ވާ

 

 

ތިންވަނަ ނަތީޖާ

ފިރިޔާ

އަށް

ސީދާ

ނުވާ

 

 


          
މި ގޮތަށް ރައިވަރުގެ ބަސްތަކުން ލަފުޒު އުފެއްދުމަކީ ދަރިވަރުން ވަރަށް ޝައުޤުވެރިވާކަމެކެވެ. ކުރިން ބަޔާންކުރި 4 ނުކުތާގެ މައްޗަށް ވިސްނަމުން ފިކުރު ކުރަމުންނެވެ. މި ހާރު މި އޮތީ މި ރައިވަރުގެ އެންމެ އުނދަގޫ ބަސް އޮޅުން ފިލައިފަ އެވެ. މި ބަހުގައި މި ބުނަނީ ''ފިރިޔާޔަށް ސީދާ ނުވާ'' ކަން އެނގި ފައެވެ. ''ނުސީދާ ވާ'' މި ގޮތަށް އައިމާ ވެސް އިތުރަށް ވިސްނީ އެވެ. ސަބަބަކީ، ނުސީދާއަށްވުރެ އެ ހާލަތުގައި ބަހުގެ ރީތި ގޮތަކީ ސީދާ ނުވާއޭ ބުނުންކަމުގައިވުމެވެ. ރައިވަރުގެ ފަހު ބަހާމެދު ވެސް ދަރިވަރުން ލައްވައި  މި ގޮތަށް ވިސްނުވާނީ އެވެ. ލިބިދޭ ނަތީޖާ ބަލައިލަމާތޯ އެވެ؟

ފުރަތަމަ ނަތީޖާ

ދެވަނަ ނަތީޖާ

ތިންވަނަ ނަތީޖާ

ޚިޔާނާތްތެރި އަނބީންނަށް ފިރިޔާޔަށް ސީދާ ނުވާ ޢަރުޝީ ހިޔާ ނުލިބޭށި.

ފިރިޔާއަށް ސީދާ ނުވާ ޚިޔާނާތްތެރި އަނބީންނަށް ޢަރުޝީ ހިޔާ ނުލިބޭށި އެވެ.

ފިރިމީހާއަށް ތެދުވެރި ނުވާ ޚިޔާނާތްތެރި އަނބީންނަށް ޢަރުޝީގެ ހިޔާވަހިކަމެއް ނުލިބޭނެ އެވެ.



ދަންނަވަންތޯ އެވެ؟  މިހާ ކަވި ކުރެހުންތަކަކާ އެކީ ނޫނަސް މި ފިލާވަޅު މި ގޮތުގައި ގެންދެވިދާނެ އެވެ. އެހެން ނަމަވެސް ލިޔުމުން މި ވާހަކަ ތިޔަ ބޭފުޅުންނާ ހިއްސާކޮށްލަންވީމާ މި ހުރިހާ ކަވި ކުރެހުންތަކެއް ކުރަހައިގެން މި ނުކުތާތައް ދަންނަވައިލެވޭތޯ މަސައްކަތް ކުރެވުނީ އެވެ.

ފިލާވަޅު ވަޒަންކުރާނީ ކިހިނެއް؟ 


ދަރިވަރުން ކުރި މަސައްކަތް ކިލާހަށް ހުށަހެޅެންވާނެ އެވެ. އެއަށްފަހު، ދަރިވަރުންނާ ސުވާލު ކުރެވިދާނެ އެވެ. އިސްވެ ބަޔާން ކުރެވުނު ނުކުތާތަކާބެހޭ ގޮތުންނެވެ. އެ އުސޫލުތައް ބޭނުން ކުރާނެ ގޮތާބެހޭ ގޮތުންނެވެ. މި ކަމަށްޓަކައި ވަކި ކަރުދާހެއް ވެސް ތައްޔާރު ކުރެވިދާނެ އެވެ.

އެސައިންމަންޓް:


ދެން ގޭގައި ކުރާނެ ގުރޫޕް މަސައްކަތެއް ހަވާލު ކުރެވިދާނެ އެވެ. މިސާލަކަށް، ރަށުގެ މަޝްހޫރު ރައިވަރު ކިޔުންތެރިޔެއްގެ އަޑުން 5 ރައިވަރު ރެކޯޑު ކުރަން ހަވާލު ކުރެވިދާނެ އެވެ. މި އުސޫލުތައް ބޭނުން ކޮށްގެން އޭގެ ތެރޭން ތިންރައިވަރުގެ ބަސްތަރުތީބުކޮށް ޖުމުލަ މާނަ ލިޔާގޮތަށެވެ. ވަސީލަތްތައް ތަންދޭނަމަ، ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަނެއް ތައްޔާރު ކުރުވިދާނެ އެވެ. ނޫން ނަމަ، ލުއިފޮތެއް ތައްޔާރު ކުރަން ހަވާލު ކުރުން ކިހިނެއްވާނެބާއެވެ؟ 
--------------
(ނިމުނީ)

އިތުރު އެހީ:

ބޮޑުވިއްސާރަ ރައިވަރުގެ އޯޑިޔޯ


މި ލިޔުން؛

    ލިޔެ އެކުލަވައިލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    އަލުންބެލުން:      އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން:     އާދަމް ނަޞީރު އިބްރާހީމް

    ފޮޓޯ:           ރައުޝާނާ (ފަންވަތުގެ ފޮޓޯގްރާފަރ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ