އަދުގެ ޚާއްސަ

Print

ޞަލާޙުއްދީންގެ އުފަން ދުވަސް، އެ މަނިކުފާނުގެ ގަލަންކޮޅުން. . .

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހިރާއްޖެ އުފެއްދި އެންމެ ކުޅަދާނަ އަދީބު އަލްޢައްލާތުލްފަޤީހިއްޝައިޚު ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތް މީލާދީ ތާރީޚަށް ނިސްބަތްކޮށް އެ ދުވަހަކީ "ދިވެހިބަހުގެ ދުވަސް" ކަމަށް ކަނޑައަޅައި އެ ދުވަސް ފާހަގަކުރަން ބަޔަކު އެބަ މަސައްކަތްކުރެ އެވެ. ދިވެހިބަހުން ބަސްމޮށި އުޅޭ މަލިކުގައި މި ދުވަސް ފާހަގަކުރުމަށް ވަރަށް ބޮޑެތި ތައްޔާރީތަކެއް ވަމުން އަންނަ އިރު ރާއްޖޭގެ ބަސްވާރުންތަކެއް އުފައްދަވައިފައިވާ "ލިޔުންތެރީންގެ ގުޅުން" ވެސް މި ދުވަސް ފާހަގަކުރާނެ ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.

މިކަން މި ހިސާބަށް އައި އިރު، ޙުސައިން ޞަލާޙުއްދީންގެ އުފަންދުވަހާ މެދު ބަޔަކު ވަނީ ޝައްކު އުފައްދައިފައެވެ. އަދި ތަފާތު ދެ ގޮތަކަށް މީލާދީ ތާރީޚު ޖަހައިފައި ބައެއް ފޮތްފޮތުގައި އެބަހުއްޓެވެ. އަޅުގަނޑު މި މަސައްކަތްކުރަނީ މި ކަމުގައި އެއްވެސް އޮޅުމެއް ނެތް ކަމާއި މިއީ ޝައްކެއް ނެތް ކަށަވަރު ތާރީޚެއްކަން ސާބިތުކުރުމަށެވެ.

"ދިވެހިބަހުގެ ދުވަސް"، އޭޕްރީލް މަހު 14 ގައި ފާހަގަކުރާން ބަޔަކު ނިންމީ އެއީ ޙުސައިން ޞަލާޙުއްދީންގެ އުފަން ދުވަސްކަން ކަށަވަރު ވާތީ އެ ދުވަހަށް ނިސްބަތްކޮށެވެ. އާދެ! އެ މަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1298 ވަނަ އަހަރު ޖުމާދަލްއޫލާ މަހުން 15 ވީ ބުރާސްފަތި ދުވަހުކަމަށާއި މީލާދީ ގޮތުން އެ ދުވަސް ދިމާވަނީ  1881 ވަނަ އަހަރު އޭޕްރީލް މަހުން 14 ވަނަ ދުވާހާ ކަމީ ޝައްކެއް ނެތި ސާބިތުވާ ކަމެކެވެ.

ޞަލާޙުއްދީންގެ ޢާއިލާ އަކީ ކަންކަމުގެ ތާރީޚު ބަރާބަރަށް ޖައްސަވައިގެން ބެލެހެއްޓެވި ހަރުދަނާ ޢާއިލާ އަކަށް ވެފައި ޚުދު ޝައިޚު ޞަލާޙުއްދީނަކީ އަމިއްލަފުޅަށް ޔައުމިއްޔާ ލިޔުއްވައި ބެލެހެއްޓެވި ކުޅަދާނަ ޢިލްމުވެރި، ލިޔުއްވުންތެރި ބޭފުޅެއް ކަމަށް ވުމުން އެ ޢާއިލާއަށް މިފަދަ މުހިއްމު ތާރީޚެއް އޮޅިވަޑައިގެންފައި ނޯންނާނެކަމީ ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ. ޚުދު އެ މަނިކުފާނަކީ ޗާޕުކުރައްވަން އަމިއްލަފުޅަށް ލިޔުއްވައި ހެއްދެވި ޚައްޠާޠުންގެ ތެރޭގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ. އާދެ! އެ މަނިކުފާނަކީ ކުޅަދާނަ އަތުލިޔުންތެރިއެކެވެ. (ކެލިގްރާފަރެކެވެ.) އެއީ ރާއްޖެ ދުށް އެންމެ ކުޅަދާނަ ލިޔުންތެރިޔާ އެވެ. އާދަޔާ ޚިލާފު ޅެންވެރިޔެކެވެ. ފަޤީހެކެވެ. ޢާލިމެކެވެ.

ޞަލާޙުއްދީންގެ އުފަން ދުވަސް އެއީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ވަނަ ދުވަސްކަން މިހާ ސާބިތުކޮށް ދަންނަވަން މި އެނގެނީ އެ މަނިކުފާނު ހައްދަވައިފައިވާ ޅެމެއްގައި ވަރަށް ޞަރީޙަ ޢިބާރާތުން އެ ތާރީޚު ގެންނަވައިފައި ވާތީ އެވެ. އަޅުގަނޑުގެ ގާތް މިތުރެއް މެދުވެރިވެވަޑައިގެން އެ ޢާއިލާއިން ހޯދިފައިވާ މި ދެންނެވި ޅެމުގެ ފުރަތަމަ ދެ ބައިތު މިތާނގައި ނަކަލުކޮށްލާނަމެވެ.


          ("އޫލާ  މަހުން ޖުމާދަލް  ދުވަހުން ފަނަރަ ބުރާސްފަތި
                               މޫސާ  ގެ ފުތް  ޙުސެންދީ   އަވަށަހަ ވިޔޯ ވިލާދަތި
         ހިއައަހަރު  ވީ  އެ ޤަރުނުން ޢުމުރުން ފަނަރަ ވުމާއެކު
                               މި އަހަރުގެ އެޕް މަހުން ރިލް ސައުދައިގެ ވީ މުލާޤަތި")

މި 2 ބައިތުގައި އަޅުގަނޑު ދަށު ރޮނގު ދަމައިފައި އެ ވަނީ ޙަޤީޤަތުގައި ހިސާބު ޢަދަދުތަކެކެވެ. ތާނަ އަކުރު އުފެދިގެން އައި އަޞްލުކަމަށްވާ ޢަރަބި ވިޔައަކުރާ ގުޅުއްވައިގެން ވިދާޅުވާށެވެ!

ފުރަތަމަ ބައިތުގައި އެ ވިދާޅުވަނީ "ޖުމާދަލްއޫލާ މަހުން 15 (ވީ) ބުރާސްފަތި (ދުވަހު) މޫސާގެ ދަރި ޙުސެންދީ (ޙުސައިން ޞަލާޙުއްދީން) ވަރަށް އަވަހަށް ވިލާދަތި ވިޔޯ އެވެ. (އުފަންވެ ވަޑައިގަތޯ އެވެ.)"  މިހެންނެވެ. ޅެންބައިތުގައި އެ އޮތް "އަވަށަހަ" ލިޔުއްވައިފައި އެވަނީ އަކުރު އޮޅުއްވައިގެން "އަވަހަށަ" (އަވަހަށް) މި ލަފުޒެވެ. އަޞްލު ބައިތުގައި އެ އަކުރުތައް ލިޔުއްވައިފައި ވަނީ "އަވަށަހަ" މި ގޮތަށް ޢަރަބި ވިޔަ އަކުރުން ތާނައިގައި ޖަހާ ގޮތަށް ފިލިޖައްސަވައިގެންނެވެ.  އ އަކީ ޢަރަބި ވިޔަ އަކުރު 8 އެވެ. ވ އަކީ 9 އެކެވެ. ށ އަކީ 2 އެވެ. ހ އަކީ 1 އެވެ. ނަތީޖާ އަކީ 1298 ނޫންތޯ އެވެ. އެ ދުވަހު "އަވަހަށް" އުފަންވެވަޑައިގަތްކަމަށް ވިދާޅުވެފައި އޮތުމުން ދޭހަވަނީ އެ ދުވަހުގެ މެންދުރުގެ ކުރީގެ ވަގުތެއްގައި އުފަންވެވަޑައިގަތްކަމެވެ.  "ވިލާދަތި ވިޔޭ"  (އުފަންވިޔޭ) ނުލިޔުއްވައި، "ވިޔޯ" ލިޔުއްވައިފައި އެވަނީ ވެސް ވަރަށް ފުރިހަމަ މާނައެއްގައެވެ. އެހެނީ އެއީ ބޭކެނބިންގެ (ފޫޅުމައިންގެ) ނުވަތަ ވިހޭކަން އެނގޭ ބަޔަކު ޞަލާޙުއްދީނަށް ދެންނެވީމާ އެނގިވަޑައިގަންނަވާނޭ ކަމެކެވެ. އެ މަނިކުފާނަށް އެކަން އެހެން ގޮތަކުން އެނގިވަޑައެއް ނުގަންނަވާނެތާ އެވެ. އެހެންވީމާ މި ބައިތުގައި ހަމަ ކޮންމެ ލަފުޒެއް ވެސް ވަނީ މާނައިން ފުރިފައެވެ. މަޢުލޫމާތުން މުއްސަނދިވެފައެވެ. އެމުނި އެތުރި ބުގިސްވެފައެވެ.

 ދެން އޮތީ 2 ވަނަ ބައިތެވެ. އެ ބައިތަށް ބަލައިލަމާތޯ އެވެ! އާދެ! އެ ބައިތުގައި ވިދާޅުވަނީ " އެ ޤަރުނުގައި ހިޔައަހަރު (96) ވީ އިރު ޢުމުރުން 15 އަހަރު ވީމާ އެ ދުވަސް ގޮސް މުލާޤާތިވަނީ (ބައްދަލުކުރަނީ) އޭޕްރީލް މަހު 14 އާ އެވެ."  މިބައިތުގައި ވެސް "ހިއައަހަރު"ގެ ފުރަތަމަ 4 އަކުރު ލިޔުއްވައިފައި އޮތީ ޢަރަބި ވިޔަ އަކުރުން ތާނައިގެ ފިލިޖައްސަވައިގެންނެވެ. ހ  އަކީ 1 އެވެ. އ އަކީ 8 އެކެވެ. އަނެއްކާވެސް ހަމަ އަނެއް އ އެވެ. 8 އެވެ. ދެން ހ އެވެ. 1 އެވެ. ނަތީޖާ އަކީ 1881 ނޫންތޯ އެވެ؟ ކިިހާ ފުރިހަމަ ބަޔާންކުރެއްވުމެއްތޯއެވެ! ދެން ސާބިތުވާ އަނެއް ކަމަކީ 1881 ގައި އުފަންވެވަޑައިގަތް ބޭފުޅަކަށް ޢުމުރުފުރުން 15 އަހަރު ފުރޭނީ 1896 ގައި ކަމެވެ. ދިވެހިން ކުރީ ޒަމާނުގައި "ހިޔަ" ކިޔަނީ 96 އަށެވެ. އެއީ ޢަދަދު ކިޔުމަށް އޭރު ގެންގުޅުނު އުޞޫލެވެ. ދިވެހިބަސްފޮތުގައި ވެސް "ހިޔަ"އިގެ މާނައެއް ކަމަށް އޮންނަނީ "96" އެވެ. އެހެންވީމާ އެ ޤަރުނުގައި "ހިއައަހަރު" އެއީ 1896 ނޫންތޯ އެވެ. ދެން އެ ވިދާޅުވަނީ އުފަންދުވަސް ބައްދަލުކުރަނީ އޭޕްރީލް 14 އާ ކަމަށެވެ. އެހެންވީމާ އެ މަނިކުފާނުގެ އުފަން ތާރީޚަކީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ކަން އެއްވެސް އޮޅުމެއް ނެތި އެބަ ހާމަވެ އެވެ. އެ މަނިކުފާނުގެ ޢުމުރުފުޅުން 15 ފުރުނީ 1896 ގައި ކަމަށްވެސް އެ އޮތީ ވިދާޅުވެފައެވެ. އެހެންވީމާ އުފަން ތާރީޚާ މެދު އޮޅުމެއްް އަރާނޭ އެއްވެސް ޖާގައެއް ނެތެވެ.

އާދެ! އަޅުގަނޑު މި ވާހަކަ މި ލިޔުނީ ޞަލާޙުއްދީން ގެ އުފަން ދުވަހަށް ނިސްބަތްކޮށް "ލިޔުންތެރީންގެ ގުޅުމުގެ" ފަރާތުން "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމަށް ނިންމުމާ ގުޅިގެން ބައެއް ބޭފުޅުން އެ ތާރީޚާމެދު ޝައްކު ކުރައްވައި އަޅުގަނޑާ ބައެއް ސުވާލުކުރައްވައިފައިވާތީ އެވެ.
 
މި ތާރީޚަށް އޮޅުން އަރައިގެން މި އުޅެނީ ނަކަލުކުރުމާއި، ހިޖުރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރުމުގައި ބަޔެއް ލިޔުންތެރީންނަށް ފަރުވާކުޑަކުރެއްވުމުގެ ސަބަބުންނެވެ. އެހެންކަމުން މި އޮޅުންތައް ދޫކޮށްލައްވައި ޞަލާޙުއްދީންގެ އުފަން ތާރީޚަކީ 1881 ވަނަ އަހަރު އޭޕްރީލް މަހު 14 ކަން ޤަބޫލުފުޅުކުރެއްވުން އެދެމެވެ. މިއީ ޚުދު ޞަލާޙުއްދީން އެ ތާރީޚު ބަޔާންކުރައްވައިފައިވާ ގޮތް ކަމަށް ވާތީ އެވެ.

ކޮންމެ އަކަސް މި، އާދަޔާ ޚިލާފު މޮޅު ޢިލްމުވެރި އަދީބު މި ފަނާވަނިވި ދުނިޔޭގައި 67 އަހަރު ހޭދަކުރެއްވުމަށް ފަހު ދެމި އޮތުމުގެ ޢާލަމަށް ދަތުރުފުޅުކުރެއްވީ 20 ސެޕްޓެމްބަރ 1948 ގައެވެ. ހިޖުރީ ގޮތުން 16 ޛިލްޤަޢިދާ 1367 ގައެވެ.

ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ، މަރުޙޫމު ޙުސައިން ޞަލާޙުއްދީނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށި އެވެ!
----------------------
(ނިމުނީ)
މި ލިޔުން:
   ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ