އަދުގެ ޚާއްސަ

Print

ދުނިޔޭގެ އެންމެ ފުރަތަމަ ޢަޖާއިބު .... ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ 7 ޢަޖާއިބުގެ ތެރެއިން އެންމެ މަޝްހޫރު އެއް ތަނަކީ ސީނުކަރައިގެ ބޮޑުފާރު ކަމީ އެއްވެސް މީހަކު ދެބަސްވާނެ ޙަޤީޤަތެއް ނޫނެވެ. އެއީ ހަނދުގައި ތިބޭ އިރު ދުނިޔޭގެ ބިމުން އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ފެންނަ ތަން ކަމަށް ބުނެވެ އެވެ. މިއަދު އަޅުގަނޑު ދަންނަވަން މި އުޅެނީ ދެހާސް އަހަރަށް ވުރެ ދިގު ތާރީޚެއް އޮތް، އަދި ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި 1987 ންފެށިގެން ޔުނެސްކޯއިން ފާހަގަކޮށްފައިވާ ބޮޑު ފާރުގެ ވާހަކައެއް ނޫނެވެ. އެކަމަކު ދެންނެވޭތޯ މި ބަލަނީ
ސީނުކަރައިގެ އެހެން ތަނެއްގެ ވާހަކަ އެވެ. އާދެ! ސީނުކަރައިގައިވާ ހިލައިގެ ޖަންގަލީގެ ވާހަކަ އެވެ.

ހިލައިގެ ޖަންގަލި ނުވަތަ ސްޓޯން ފޮރެސްޓް (ޗައިނާ ބަހުން: 石林; pinyin: Shílín) އަކީ ޙައިރާންކުރުވަނިވި އާދަޔާ ޚިލާފު ތަނެކެވެ. ނަސީބު ދިމާކުރި ގޮތުން އެތަން ލޮލުން ދެކެލުމުގެ ފުރުޞަތު މި އަހަރު (2011) ޖެނުއަރީމަހު އަޅުގަނޑަށް ލިބިފައިވާތީ އެ ތަނާ ބެހޭ ބައެއް މަޢުލޫމާތު ކިޔުންތެރީންނާ ޙިއްޞާކޮށްލަން ބޭނުންވީ އެވެ. އެއީ ހަމަ ޙަޤީޤަތުގައި ވެސް ޢަޖާއިބެއް ކަމަށް ޤަބޫލުކުރެވުނީތީ އެވެ.

ޗައިނާގެ ޔުންނާން ޕްރޮވިންސްގެ މަރުކަޒީ ރަށްކަމަށް ވާ ކުންމިން އަށް ފަތުރުވެރިންގެ ޚާއްޞަ މަޤްބޫލުކަމެއް ލިބިފައިވަނީ ޗައިނާގައި އެންމެ ޢާއްމުކޮށް އެންމެ ފިނިކަން ކުޑަ ސަރަޙައްދަށް އެ ތަން ވާތީކީ އެއް ނޫނެވެ. އެއީ، އެ ޕްރޮވިންސަށް ޤުދުރަތުން ދެއްވައިފައިވާ، ބަލައި ފޫހި ނުވާނޭ ފަދަ ޤުދުރަތީ ރީތި މަންޒަރުތަކުގެ ސަބަބަކުން އެކަންޏެއް ވެސް ނޫނެވެ. އެކަމަކު އެއީ ޗައިނާގެ "މިންގ" ވަންހައިގެ ރަސްކަމުން (1368-1644 A.D.)  ފެށިގެން ދުނިޔޭގެ ފުރަތަމަ ޢަޖާއިބު ކަމުގައި އެބައިމީހުން ބަލަމުން އަންނަ ހިލައިގެ ޖަންގަލި (ސްޓޯން ފޮރެސްޓް) ނުވަތަ އެ މީހުން ކިޔާ ގޮތުންނަމަ "ޝިލިން" އޮންނަނީ އެ ޕްރޮވިންސްގައި ކަމަށް ވާތީ އެވެ.

ސްޓޯން ފޮރެސްޓް އޮންނަކީ "ކުންމިން" އިން ފެށިގެން 75 މޭލު (120 ކިލޯމީޓަރ) ދުރުގައި އޮންނަ "ލޫނާން ޔީ ނޭޝަނަލިޓީ އޮޓޮނޮމަސް ކަންޓްރީ" ގައެވެ. ކުންމިން އިން ފެށިގެން 3 ގަޑި ބައި ހާއިރުގެ ދަތުރަކުން އެ ހިސާބަށް ފޯރައެވެ. ސްޓޯން ފޮރެސްޓްގެ ބޮޑު މިނަކީ ގާތްގަނޑަކަށް 400 އަކަކިލޯމީޓަރެވެ. (96000 އޭކަރެވެ.) މި ތަނުގައި ކުދި، ބޮޑު ހިލަތަކުން ގަހުގެ ސިފައިގައި އުފުލިފައި ހުންނަ އުސް އަދި ތިރި ހިލަތަކުގެ ޢަޖާއިބުކުރުވަނިވި، ބަލައި ފޫހި ނުވާނެ މަންޒަރުތައް އެހެން މީހަކަށް ސިފަކޮށްދިނުމަކީ ވެސް ހަމަ ވަރަށް އުނދަގޫ ކަމެކެވެ. މިފަދަ ހިލައިގެ "ގަސް"ތަކާއި ދޭތެރެ ދޭތެރޭގައި ހުންނަ ކުދިކުދި ފުން "ކަނޑު"ތަކަކީ މީހަކު ބަލައި ފޫހިނުވާނޭ މަނަޒަރުތަކެވެ. އަދި މިނޫނަސް ބަލާ ހިތްވާ އެތައް މަންޒަރުތަކެއް ލޮލަށް ފެނުމުން އަޅުގަނޑުގެ ހިތަށް ވެރިވީ ހަމަ ﷲ ގެ ކުޅަދުންވަންތަކަމުގެ މަތިވެރި ކަމެވެ. ވިހި ތިރީސް ފޫޓަށް އުފުލިފައި ހުންނަ ހިލަތަކާއި ބިންދައިގެން ގޮސް ދެންމެ ދެންމެ ވެއްޓެނީހެން ހީވާ ތަނތާގެ ދަށުން ވަދެގެން ދާއިރު ބިރު ވެސް ހީވެ އެވެ. އެ ރަށުގެ މީހުން ބުނާ ގޮތުން ނަމަ ކުށެއް ނެތް މީހަކަށް ނޫނީ ނުދެވޭނެ ތަންތަން ވެސް ހުރެ އެވެ. އެ ބުނާ ހުރިހާ ތަނެއްގެ ދަށުން އަޅުގަނޑުމެން ހިނގީމު އެވެ. އަލްޙަމްދު ލިﷲ އެވެ.

ކުންމިން ގެ ރަށްވެހިން ބުނާ ގޮތުންނަމަ "ކުންމިން އަށް ޒިޔާރަތްކޮށް ސްޓޯން ފޮރެސްޓަށް ޒިޔާރަތް ނުކޮށް އެއްވެސް މީހަކު އަނބުރައި ހިނގައްޖެ ނަމަ އެއީ އޭނާގެ ވަގުތު ބޭކާރުކޮށްލީއެވެ."

މި ހިލައިގެ ޖަންގަލީގައި ހިނގަމުން ދާއިރު އެކި ސިފަސިފައިގައި ހުންނަ ބޮޑެތި ހިލަތަކާއި ކުދި ހިލަތައް ތަފާތު ސިފަ ސިފައިގައި ހުރެ އެވެ. މިފަދަ ވަކިވަކި އެކި ސަރަހައްދުތަކުގައި ބޮޑެތި ނީލަގެރި އެތާއި އެހެނިހެން ޖަނަވާރުތަކުގެ ސިފައިގައި އަދި އިންސާނުންގެ ސިފައިގައި ހުންނަ ހިލަތައް އެ މީހުން ދައްކައި ހަދައެވެ. އެކަމަކު އަޅުގަނޑަށް ވަރަށް މަދު ހިލަތަކަކުން ނޫނީ އެ ފަދަ ސިފަތަކެއް ފާހަގައެއް ނުކުރެވުނެވެ. އަޅުގަނޑަށް ހުރިހާ ހިލަތަކެއްވެސް (ނޫން ގިނަ ހިލަތައް) ސިފަވަނީ ސަހަރާ ބިމުގައި ހެދިފައި ހުންނަ ބޮޑެތި ކެކްޓަސް ގަސްތައް ހަރުވެ ހިލަޔަށް ވެފައި ހުންނަ ފަދަ ގޮތަކަށެވެ.

މި "ޖަންގަލީ" ގައި ބޮޑެތި ހޮހޮޅަތަކާއި އިސްކޮޅު ޖެހޭ ވަރަށްވުރެ މާ ފުން "ކަނޑު"ތައް ވެސް ހުރެ އެވެ. އަދި މި ދެންނެވި ފަދަ ހޮހަޅައިގެ ސަރަޙައްދު ގެ ބޮޑުމިން 720 އޭކަރު ވަރު ވާނެ ކަމަށް އެ ރަށު މީހުން ބުނެ އެވެ.

ފަތުރުވެރީންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި 1989 ން ފެށިގެން އަތުން ލިޔެ ބިންވަޅު ނަގައިގެން ތަފާތު ސޫރަތައް ވެސް ހަދައިފައި އެބަ ހުއްޓެވެ.

ކޮންމެއަކަސް، ޗައިނާގެ "ސްޓޯން ފޮރެސްޓް" އެއީ ޙައިރާންކަމުން ފުރިގެންވާ، ޢަޖާއިބުކުރުވަނިވި އާދަޔާ ޚިލާފުތަނެކެވެ. މިތަން ސިފަކޮށްދިނުމަށް އަޅުގަނޑު ހަމަ ގައިމު ވެސް ނުކުޅެދިގެންވާކަމަށް އިޢުތިރާފުވަމެވެ. (އިތުރު ފޮޓޯ ބައްލަވަން އެދިވަޑައިގަންނަވާނަމަ ޙަވާލާ ދީފައިވާ ސައިޓަށް ޒިޔާރަތްކޮށްލައްވާށެވެ! ނުވަތަ އަޅުގަނޑުގެ ޗައިނާ އަލްބަމް  http://www.facebook.com/album.php?id=1258013004&aid=2075545  މި ލިންކުން ބައްލަވާށެވެ!)
-----------------------
(ނިމުނީ)

ޙަވާލާ:
ފޮރިން އެފެއަރޒް ބިޔުރޯ އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ދަ ނޭޝަނަލް ޕީޕަލްސް ކޮންގްރެސް އޮފް ޗައިނާ
www.travelchinaguide.com/attraction/yunnan/kunming/stone_forest.htm



މި ލިޔުން
   ފޮނުވުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ