Print

އެ ޤަތުލުގެ ސިއްރު (12)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް


                                                         (28 މާރޗް 2011 އާ ގުޅޭ....)
އަލިފާނުގެ އަނދަވަޅެއްގައި

މިސްޓަރ އެޑްމަންޑްގެ ކުއްލި މަރުވުމާ ވިދިގެން، އަޅުގަނޑުމެންގެ އަންވަރު ކުރާންފެށި ފުން ހިތާމަ އަކަށް ނިމުމެއް ނާދެ އެވެ. އޭނާގެ އެކުވެރި އަޙުމަދުގެ ފުރާނައިގެ އެއް ބައި ކަމަށްވާ ލީލާގެ ޤަތުލަށްޓަކައި ރައްކާކުރެވިފައިވާ ސިއްރުތައް އަތްމަތިވެފައި ގެއްލިގެން ދިޔަ ހިތްދަތި ގޮތް އެ ދެ މީހުންގެ ހިތުން ފިލައިގެނެއް ނުދެ އެވެ. ނަމަވެސް ދުނިޔޭގެ ދުވަސްތަކާ އެކު އެލްވިސް ހޮޓަލުގެ ބިރުވެރި ޙާދިސާ ހިނގި ރޭގެ ފަތިސް ވެސް ގުނިގެން ހިނގައްޖެ އެވެ. އާދެ! ތިން ދުވަސް މާޒީވެ ހިނގައްޖެ އެވެ.

. . . . . . . . . .  މިސްޓަރ އަޙުމަދު، ކޮޓަރީގައި ވަރަށް އަވަދިނެތި މަސައްކަތެއް ކުރަނީ އެވެ.
އާދެ! ފާލުބަލާ ދެ މީހުންގެ ނަމުގައި އައިސް މި އުޅޭ އުޅުމުގެ ތެރޭގައި އޭނާ އަށް ޚާއްޞަކުރެވިފައިވާ ހެދުން އަޅަނީ އެވެ. ކުޑަ މަތިމަކަކާއި ރަންދުނި ލީ އައިނެކެވެ. ދެން ހުދު ކުލަ ގަދަ ފަގުޑިއެކެވެ. ހަދައިފައިވާ މަތިމަސް މުޅިން ހަރުނުކުރެވި އުޅެނިކޮށް އަންވަރު ކޮޓަރިއަށް އައިސް ވަދެއްޖެ އެވެ.  ދެ އަތުގައި، އެއްޗެހި އަޅައި ފުރައިފައި އޮތް  ދެ ދަބަސް އޮތެވެ. ވަނުމާއެކު އެއް ދަބަސް އަޙުމަދުގެ އަތަށް އެއްލައިލައިފައި . . . . . . . . 

އަންވަރު:- ތިޔައީ ކަލޭގެ ދަބަހެވެ. މި އޮތީ އަހަރެންގެ ދަބަހެވެ. އަންހެން ކުދީންނަށް ފަރިދައްކަން ރީތި ފާޑުފާޑުގެ މަތިމަސް ޖަހާން ނޫޅެ ހަމަ މިހާރު ފުރާންވީ އެވެ. އަހަރެން މި އައީ ހޮޓަލުގެ މެނޭޖަރާ ހުރިހާ ވާހަކައެއް ދައްކައި ނިންމައިފައެވެ.

އަޙުމަދު:-  ވީ ކީއްހެއްޔެވެ؟ އަހަރެން ހިތުން ކަލޭގެ ބުއްދީގައި އަހަރެން ގޮވައިގެން ތިޔަ އުޅެނީ ދުނިޔޭގެ ވަށައިގެން ދަތުރެއްކޮށްގެން ފައިސާ އެއްކުރާށެވެ. ޤަތުލުގެ ސިއްރު ހޯދާކަށް ނޫނެވެ. އެހެން ނޫންނަމަ ދެ ދުވަހެއް ވަންދެން އެއް ތަނެއްގައި ތިބެވޭ ގޮތް ހެދީހެވެ.

އަންވަރު:- ބުނަންހެއްޔެވެ؟ އަހަންނާއި ކަލޭ މުޅި އިންޑިއާގެ ނަޒަރުގައި "މަރުވެފައި" ވީ ނަމަވެސް އެހެން ބަޔަކު ނުކުމެގެން ލީލާގެ ޤަތުލުގެ ސިއްރު ހޯދުމަށް މަސައްކަތްކުރާކަން އެ މީހުންނަށް އެނގިއްޖެ އެވެ. އެ ބަޔަކީ، ފާލުބަލަން މި އުޅޭ އަހަރެމެންގެ ދެ މީހުންކަން ވެސް ކަށަވަރުވެދާނެ އެވެ. ވީމާ ދެން އަޅަން އޮތް އެންމެ އަވަސް ފިޔަވަޅަކީ، މި ރަށުން ފުރައިގެން ދިޔުމެވެ. ލަސްނުކުރާށެވެ. ވަރަށް އާދަޔާ ޚިލާފު ކަޅިތަކެއް އުކާ ދެ މީހަކު ހޮޓަލުގެ މަތީބުރީ ބެރެންޑާއެބަ ތިއްބެވެ. އެ މީހުން ކުރިމަތިން އަޅައިފައި އަވަހަށް ދާން ހިނގާށެވެ! . . . . . . . .

ހެނދުނު 9 ގަޑީގެ ރޭލުން އަންވަރާއި އަޙުމަދު ފުރައިފި އެވެ. ދަތުރުމަތީގައި އޭނާ ދެން ކަންތައް ކުރާންވީ ގޮތުގެ އެއްވެސް މަޢުލޫމާތެއް އަޙުމަދަކަށް ނުދެއެވެ. ދާންވީ ތަނެއް، ނުވަތަ ދާން އުޅޭ ތަނެއް ވިޔަސް އޭނާއަކަށް ކުޑަކޮށް ވެސް ނާންގައެވެ.

ރޭލުގެ ދަތުރުގައި ތިން ދުވަސް ހޭދަކޮށްލުމަށްފަހު ހަތަރުވަނަ ދުވަހުގެ ހަވީރު އަޙުމަދު ގޮވައިގެން އިސްޓޭޝަނަކަށް އަންވަރު ފައިބައިފި އެވެ. އެ ރޭގެ ހަތަރު ދަން ވޭތިކޮށްލީ އިސްޓޭޝަން ކައިރީގައި ހުރި ކުޑަކުޑަ ހޮޓަލެއްގައެވެ. މީހުން ވަރަށް މަދު، މުއްސަނދި ކަމެއް ޢަމުދުން ނެތް، އާދައިގެ ހޮޓަލެއްގައެވެ. ނިދަން ތިބީ ދެ މީހުން އެއް ކޮޓަރިއެއްގައެވެ. ވަރަށް ކައިރިކައިރީގައި ހުރި ދެ އެނދުގައެވެ. ރޭގެ 9 ޖެހިތަނާ އަޙުމަދު ނިދަން އޮށޯވެއްޖެ އެވެ. އާދެ މި ދުވަސްތައް އޭނާއަށް ދީފައިވާ ވަރުބަލިކަން ފިލުވައިލުމަށްޓަކައި ތަންމަތީގައި ގުޅަޔަކަށް އޮށޯވެއްޖެ އެވެ. . . . . . .  

ނަމަވެސް އަންވަރު ސިނގިރެޓަކަށް ފަހު ސިނގިރެޓެއް ހުލިކުރަމުން އޭނާގެ އެނދުގައި އޮވެގެން ޚިޔާލުގެ ސަހަރާގައި ގަސް އިންދަނީ އެވެ. އިރުގަނޑެއް ވުމަށް ފަހު ޙަޤީޤީ ދުނިޔެއަށް އާދެވިގެން އަންވަރު ބަލައިލި އިރު އަޙުމަދު އޮތީ ނިދައިފައެވެ. އަވަސްއަވަހަށް ތެދުވެ ކޮންޑުގައާއި ފުންނާބުގައި ތަޅައިގެންފައި ..........

އަންވަރު:- ކެއްސުންބަލީގެ އުނދަގޫތައް މާ ގަދަވީ ހެއްޔެވެ؟ އެހެންޏާ ފަހެ، މިހާ އަވަހަށް ބުޅަލެއް މެންދުރު ނިދާހެން ނިދަންވީ ކީއްވެހެއްޔެވެ؟

އަޙުމަދު:- (ކުޑަކޮށް ރުޅި އައިސްފައި) ކަލޭ ވިސްނާނެ ވަރަކަށް ވިސްނައިފައި ދެއްކި އެނދެއްގެ ތަންދޮށަށް ވަނުމަށް އަހަރެން މި އޮތީ ތައްޔާރަށެވެ.

އަންވަރު:- މިހާރު ދެން ތިޔަހެން ނުހަދާށެވެ! ސަމާސާއަށްވުރެން ކަންތައް ބޮޑުވެއްޖެ އެވެ. އެކަށީގެންވާ ބަދަލު ހިފުމަށްފަހު ނޫނީ އެންމެ މިނިޓެއްގެ އިރު ވެސް އަރާމު ނުކުރުމަށް އަހަރެން ހުވައިކޮށްފީމެވެ. މާދަމާ ހެނދުނު އިންޑިއާ އަށް ދާން ފުރާންވީ އެވެ. ލަސްނުކޮށް އިންޑިއާ އަށް ގޮސް މިސްޓަރ ބޭކަރގެ މަސައްކަތަށް ފާރަނުލައި ތިބެއްޖެ ނަމަ، ނުރައްކާކަމުގެ ތެރެއިން އަނެއް ނުރައްކާ އުފެދިދާނެ އެވެ. . . . .  ޝައްކެއް ނެތެވެ. މިސްޓާރ ބޭކަރ އެއީ އަބަދު ވެސް އަހަރެން ބުނާ ފަދައިން މި މައްސަލައިގެ "ކާފަ" އެވެ. އޭނާގެ ފަރުދާގެ އަނެއް ފަރާތުގައި ޙަރަކާތްތެރިވާ ސިއްރު "ނައިޓް ކްލަބް" އެއީ މި ހުރިހާ ޤަތުލެއްގެ އިދާރާ އެވެ. އެޑްމަންޑް މަރައިލީ އަދި ލީލާ ޤަތުލުކުރީ  ނުވަތަ 'ސެވެން އެންޑް ބީ' އަށް ކަލޭ ގެންދިޔަ މީހާ އަދި ވަނީ ނޭނގުމާއި އަނދިރިކަމުގެ ތެރޭގައި ގެއްލިފައެވެ. ނަމަވެސް ބުނަންހެއްޔެވެ؟ އިންޑިއާގެ އެންމެ ލޭތިތްކެއް ނަމަވެސް އަހަރެންގެ ނާރުތަކުގައި ހިނގާ ކަމަށް ވަންޏާ އެ މީހެއްގެ ހުރިހާ ސިއްރުތަކެއް އަހަރެން އަތުލާނަމެވެ. އަދި ކަލެޔަށް އެކަށީގެންވާ ބަދަލު ހިފައިދޭނަމެވެ. އިރާދަކުރެއްވިއްޔާ މީގެ ފަހުން ދެން އަހަރެން ނިދާނީ ހައިކޯޓް ގައި އެ މީހާއާ މެދު ޝަރީޢަތްކޮށް ނިންމައިފައި ދެން އައިހެވެ.

އިސްޓޭޝަނަށް ދާދި ދެންމެއަކު މަޑުކޮށްލި ރޭލެއްގެ އެންމެ ދަށު ކުލާހުން ފައިބައިގަތް މީހުންގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަޙުމަދާއި އަންވަރު ވެސް ހިމެނެ އެވެ. ނޯކަރެއްގެ އަތަށް ފޮށިތައް ދީގެން ދެ މީހުން ގޮސް އޮބައިލައިފި އެވެ. . . . .

މެދުމިނުގެ ހުސްގެޔެއް ހިފައިގެން އުޅޭ ވަރަށް އެކަނިވެރި ދެ މީހެކެވެ. ގޭގެ ވެރިކަމާއި ގޭގެ ޚާދިމުކަން ކުރަނީ އޭގެ ދެ މީހުން އެކަންޏެވެ. އެކަކީ ދަނޑުވެރިކަމުގެ މަޢުލޫމާތު ހޯދުމަށްޓަކައި އައިސް އުޅޭ އެފްރިކާގެ މީހެކެވެ. ނަމަކީ ޒެބީ އެވެ. އަނެކަނީ އޭނާގެ ޅިޔަނެވެ. މީނާގެ ނަމަކަށް ކިޔަނީ މޮންޒޯ އެވެ. ދެ މީހުންގެ ދިރިއުޅުން ކިތަންމެހާ ވެސް އެކަނިވެރި އެވެ. އެ ދެ މީހުން ތިބޭގެ އާދެ! އެވަރބްލޫ ހުންނަނީ ވަރަށް ފަގީރު އަވަށްގަނޑެއްގެ ތެރޭގައެވެ. މީހުން ގިނައިން ހިނގައި ނޫޅޭ ހަނިހަނި ގޯޅިއެއްގައެވެ.  އާދެ! މި ދެ މީހުންގެ އަޞްލަކީ ތިޔަ ބޭފުޅުން ޝައުޤުވެރިކަމާއެކު ތިޔަ އިންތިޒާރުކުރައްވާ ދެ ބަޠަލުންނެވެ. ޒެބީ އަކީ މިސްޓަރ އަންވަރެވެ. މޮންޒޯ އަކީ އޭނާގެ އެކުވެރި އަޙުމަދެވެ.

އިރު އޮއްސި 8 ޖަހަނީ އެވެ. އަޙުމަދާއި އަންވަރު ވަރުގެ ކޮޅަށް ނަލަހެދެނީ އެވެ. ކޯޓުފަޓުލޫނުގެ ރޫތައް ތަރުތީބުކޮށް އަވަދިވެގެން ކޮންމެ މީހެއްގެ ޖީބަށް އެންމެ ފަހުން ވައްޓައިލީ އަތަށް ހެޔޮވަރުގެ ފިސްތޯލައެކެވެ. އަނެއް ޖީބަށް ޓޯޗެކެވެ. އެންމެ ފަހުން އަންވަރުގެ މޫނުމަތީގައި ވަރުގަދަ މަތިމަހެއް ޖަހައިފި އެވެ. އަޙުމަދު މަޝްހޫރު ފުޅިއެއް ފުރެންދެން ބޭސްވެސް އަޅައިފިއެވެ. ތައްޔާރުވެގެން ނުކުމެ އަތުގުޅައިލުމަށް ފަހު ފައިމަގުގައި ހިނގައިގެންފި އެވެ.

އަންވަރު:- މި ދަނީ މިސްޓަރ ބޭކަރ ގެ ނައިޓްކްލަބަށެވެ. ގިނައިން ހިނގާނީ ފައިމަގުގައެވެ. އަހަރެން ކުރި ސުވާލެއްގެ ޖަވާބުދޭން ނޫނީ، ނުވަތަ ބުނި ގޮތެއް ހަދަން ނޫނީ އަންގައިންބުނެގެން ނުވާނެ އެވެ. މަގޭ ފަހަތުން ހިނގުމާއި އާފުރެންވާ ކޮންމެ ފަހަރަކު ބޭސް ގުޅައެއް ކެއުން ނޫން މަސައްކަތެއް ކުރާނެ ކަމެއް ނެތެވެ.

ދެ މީހުން ހިނގައިގެންފި އެވެ. . . . . . . . ގަޑިން 10 ޖަހައިފި އެވެ. . . . . 11 ގަޑި ބައި ވެއްޖެ އެވެ. އަޙުމަދާއި އަންވަރު ތިބީ މިސްޓަރ ބޭކަރ ގެ އެއްކަލަ ތާރީޚީ ގޭގެ ދޮރުމަތީގައި އޮތް އޭނާގެ ކާރުގެ ކައިރީގައެވެ. ނޫން! މި ދެންނެވުނީ މުޅިން ރަނގަޅަކަށް ނޫނެވެ. އަޙުމަދު އެ ތާނގައި ބަހައްޓައިފައި އަންވަރުގެ ބޫޓު އޭނާގެ އަތަށް ދިނުމަށްފަހު ހުސްފައިގައި އެބަހަރަގެން އެނބުރެއެވެ. ގެ ވަށައިގެން އެނބުރުމަށް ފަހު ދާދި ކުޑަކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ އެ އޮތީ ވަރަށް އުހުގައި ހުރި އާނގައަކުން އެތެރެ ބަލާށެވެ. . . . . . . . .  ދުވެފައި އަތުވެއްޖެ އެވެ.

"ވަރަށް ކަވި މަސައްކަތެއްގައި ބޭކަރ އެބަ އިނެވެ. މިރޭ ނައިޓްކްލަބަށް ދާނެހެނެއް ހިޔެއް ނުވެއެވެ. އެކަމަކު އެހެން ވެއްޖެ ނަމަ އަހަރެމެންގެ މި ރޭގެ ހަމައެކަނި ހިނގުން ވެސް ބޭކާރުވީ އެވެ. . . . . . އެހެން ވިޔަކަ ނުދޭނަމެވެ." .... އިސްޖަހައިލައިގެން ތަންކޮޅެއް ދުރަށް އަންވަރު ހިނގައިލައިފި އެވެ.  ޢާއްމު ތެލިފޯންކުރުމަށްޓަކައި މަގުމަތީގައި ތައްޔާރުކޮށްފައިވާ ކޮޓަރިއެއް ކުއްލިޔަކަށް އަންވަރަށް ފެނިއްޖެ އެވެ. ކަނާތުން ފުއްޓަތްކެއްޖަހައިލުމާއެކު ވާތުން ބޮނޑިއެއް އަޅައިލުމެކެވެ. . . . . . .  ތެލިފޯން ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު އެތެރެއަށް ދެމިގެންފި އެވެ.

"ރީސް . . . . . . . ރީސް . . . . . . " ފޯނުން ގުޅައިލައިފި އެވެ. . . . .

"ހެލޯ. ވާހަކަދައްކަނީ ބޭކަރެވެ." (ހުށިޔާރު އަންވަރު ފޯނުން ގުޅައިލައިގެން އެހެރީ މިސްޓަރ ބޭކަރާއެވެ.)

އަންވަރު:- މި ވާހަކަދައްކަނީ ނައިޓްކްލަބުންނެވެ. ނިކަން އަވަހަށް މިތަނަށް ދުރުވެބައްލަވާށެވެ!

ބޭކަރ:-  އަހަރެން ގަސްތުކޮށްގެން މިހިރީ މި ރޭ ނުދާންކަމަށެވެ. ނަމަވެސް މިހާރު ލަހެއް ނުވެ މި ދަނީ އެވެ.

އަންވަރު:- އެންމެ ރަނގަޅެވެ. އެކަމަކު އަޅުގަނޑާ މާ ބޮޑަށް ސުވާލު ނުކުރައްވާށެވެ! ވަރަށް ގިނަ މީހުން ތިބުމުގެ ސަބަބުން މި ރެޔަކީ ވެސް ސިއްރު އަޑުގެ ބޭނުން ހިފަންޖެހިފައިވާ ރެޔެކެވެ.

ތެލިފޯން ބާއްވައިފައި އަންވަރު ދުވެފައި އައިސް ބޭކަރ ގެ ކާރުގެ ފަހަތުގައިވާ އެއްޗިހި ލާ ތަނުގެ މަތިގަނޑު ނަގައިފި އެވެ. ވަރަށް އަވަހަށް އަޙުމަދުގެ އަތުގައި ހިފައިގެން އައިސް ދެ މީހުން އެކީގައި އެ ތަނަށް ވަނުމަށްފަހު މަތިގަނޑު ޖަހައިފި އެވެ.

އަޙުމަދު:- ކަލެޔަށް ސާބަހެވެ. ދެން މި ކާރު މި ރޭ ދާނީ ޖަހަންނަމަޔަށް ނޫންކަން ވެސް ނޭނގެ އެވެ.

އަންވަރު: އަނގަ ބަންދުކުރާށެވެ! މިހާރު އަހަރެން މި އައީ ބޭކަރު ނައިޓް ކްލަބަށް ދިޔުމަށް ޓަކައި ތެލިފޯނުން އަންގައިފައެވެ. ލަހެއް ނުވެ އޭނާ މި ކާރުގައި އަހަރެމެން މި "ޢިއްޒަތުގައި" ބައިތިއްބައިގެން ނައިޓްކްލަބަށް ދާނެ އެވެ. އިރާދަކުރެއްވިއްޔާ ލަހެއް ނުވެ އޭނާގެ އެ ތަންވެސް ފެނިދާނެ އެވެ.  . . . .

ބޭކަރ އައިސް ކާރަށް އަރައިފި އެވެ. އިސްޓާޓުކޮށްލުމާއެކު ކާރު ދުއްވައިގެންފި އެވެ. 15 ވަރަކަށް މިނިޓުގެ ފަހުން ކާރު މަޑުކޮށްލައިފި އެވެ. ބަންލައިފައި ދޮރުފަތް ޖެހުމަށް ފަހު ކާރުން ފައިބައިގެން ދިޔައީ އެވެ.

. . . . . . . މި ހިނގި ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައިވެސް އަޙުމަދު ދެތިންފަހަރެއްގެ މަތީން އަވަހަށް ކާރުން ފޭބުމަށް ކުކުރައިމުގުރި އެވެ. ނަމަވެސް އަންވަރު ހައެއްކަ މިނިޓު ވަންދެން އޮތުމަށް ފަހު މަތިގަނޑު ހިއްލައިލައިފި އެވެ. . . . .

ކުރިމަތީގައި ހުރީ ދިއްލައި އަޅައިފައި ހުރި ބޮޑު ޢިމާރާތެކެވެ. އެތެރޭން މީހުންތައް ވާހަކަދައްކާ އަޑު އިވެ އެވެ. ތަނުގެ ބޮޑު ދޮރާ ދިމާގައި "ނައިޓް ކްލަބް" ނިވިދިއްލޭ ބޮކިތަކަކުން އަޅާއިފައި އޮތެވެ.

އެއްވެސް  މީހަކު ފެންނާން ނެތުމުން ދެ މީހުން މަޑުމަޑުން ކާރުން ނުކުމެއްޖެ އެވެ. ނުކުތުމަށްފަހު އަންވަރު ގަސްތުކުރީ އަދި އެ ތަނަށް ވަންނާކަށެއް ނޫނެވެ. އެ ތަނާ ދަންކޮޅެއް ދުރަށް ދެ މީހުން ގޮސް ހުއްޓިއްޖެ އެވެ. ދާދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ނައިޓްކްލަބުގެ ތެރޭން މީހަކު އެބަ ނުކުމެ އެވެ. "ހީވަނީ މިތާގެ ޚާދިމެއްހެންނެވެ." އަންވަރު އަމިއްލަޔަށް ބުނެލި އެވެ.

ދުރުން އައި ދެ މީހުން ކަމަށް ހީވާ ގޮތަށް އޭނާއާ ދިމާއަށް ދެވެރިން ގޮސް މަޑުކޮށްލުމަށްފަހު މި ތަނަށް އާދައިގެ މީހުންނަށް ވަދެވޭތޯ އާއި މިހާރު ވެސް ހުރީ ހުޅުވައިފައިތޯ އަހައިލި އެވެ.

ވަރަށް އުފަލާއެކު ނޯކަރު ޖަވާބު ދިނެވެ. "އާނއެކެވެ! ފަތިހު 4 ޖަހަންދެން ކޮންމެ ރެޔަކު މިތަން ހުޅުވިފައި ހުންނާނެ އެވެ. އަވަހަށް ވަންނާށެވެ! ބޭނުން ކުޅިވަރެއްގައި ބައިވެރިވެލައްވާށެވެ!"

ނޯކަރު މީހާގެ ފަހަތުން އަންވަރާއި އަޙުމަދު ހިނގައިގެންފި އެވެ. އޭނާގެ ކިބައިން އަންވަރު އެދުނީ އުނދަގޫ ކަމަކަށް ނުވާނަމަ ކްލަބްގެ އެކިއެކި ކޮޓަރިތައް، އާދެ! ހުއްދަ އޮތް އެންމެ ތަނަވަސް މިންވަރެއްގެ މަތީން ދައްކައިލަދިނުމެވެ. އެހެންކަމުން ނޯކަރު އެ ދެ މީހުން ގޮވައިގެން ކޮޓަރިތަކުގެ ތެރޭގައި ހިނގަމުން ތަންތަން ދައްކަމުން އެބަ ދެއެވެ. ކުއްލިޔަކަށް އެތެރޭގެ މަގަކުން ނުކުމެގެން އައި މީހަކު އަންވަރުމެންގެ ކައިރިން އަޅައިފައި ހިނގައްޖެ އެވެ. . . . . . . .  ހަމަ އެ ވަގުތު އަންވަރު ނޯކަރާ ސުވާލުކޮށްފި އެވެ. "އެއީ ކާކުހެއްޔެވެ؟" . . . . . .

ނޯކަރު:-  އެއީ މިސްޓރ . . . . . . . އުހު! . . އުނ . . . . . ސިންގަޕޫރުން އައިސް އުޅޭ އިންޖިނޭރެކެވެ.

އަންވަރު:- އޭނާ މި ތަނަށް ވަރަށް ގިނައިން އައިސް އުޅޭދޯ އެވެ؟

ނޯކަރު:- އާނއެކެވެ! އޭނާ އަކީ މިތާނގެ މެނޭޖަރާ ވެސް ވަރަށް ބޮޑު ރައްޓެއްސެކެވެ.

ނޯކަރު ކޮންމެ އެއްޗެކޭ ބުނި ނަމަވެސް، އެ މީހަކު ކިތަންމެ ތަޤްވާވެރިކޮށް ހިނގައިފައި ދިޔަ ނަމަވެސް އެއީ ރަތްލާ ޖެހި ބޭކަރު ކަން އަންވަރަށް ރަނގަޅަށް އެނގުނެވެ. އެހެންކަމުން ވާހަކަ ކުރިޔަށް ގެންދާކަށް އޭނާ މާ ބާރެއް ނާޅައެވެ. އަޙުމަދު ގޮވައިގެން، އެއް ކަނެއްގައި ހުރި ކެރަމްބޯޑެއްގެ ދޮށުގައި ބަޔަކު ނަގާ މަޖާގަނޑެއް ބަލައިލުމަށް އިށީނދެލައިފި އެވެ.

މެންދަމުން އަލިވެ 2 ޖަހަނީ އެވެ. ބޯޑުގެ ކައިރީން މީހުން މަދުވަމުން ގޮސް އެންމެ ފަހުން ތިބި ހަތަރު މީހުން ވެސް އެންމެ ފަހުން ހިނގައްޖެ އެވެ. މިހާރު ކުޅެން ތިބީ އަންވަރާއި އަޙުމަދެވެ. އަންވަރުގެ އަތުން ފޮތިތައް އަތުރައިލައިފައި ކުޅެން ފެށުމުގެ ގޮތުން ހުރިހާ ފޮތިތައް ރޫޅައިލައިފި އެވެ. . . . . . . "ވަކި ފޮއްޗެއްގައި ޖަހާނެ ކަމެއް ނެތެވެ. އަހަރެމެން ބޭނުން ދަނޑިވަޅު އަންނަންދެން މި ބޯޑުގެ ކައިރީގައި ތިބެން ޖެހޭނެކަން ހަނދާންކުރާށެވެ!  މީހަކު ބަލަން ހުރި ނަމަ އަހަރެމެން ކުޅެން ވާނީ ފޯރީ ހުރި ހޫނު ގަދަ ވާދައިގެ ކުޅުމެކެވެ." . . . . .

އާދެ! އަދިވެސް ދެ މީހުން ހޭވައްޓައިލައިފައި ކުރަމް ކުޅެނީ އެވެ. . . . .  އަންވަރުގެ އިނގިލިތައް ބޯޑުގެ ތެރޭގައި އޮތް ނަމަވެސް އޭނާގެ ދެ ލޯ ޙަރަކާތްކުރަނީ މުޅިން ނައިޓް ކްލަބްގެ ތެރޭގައެވެ.  އަޙުމަދު ފޫހިކަމާއެކު ފޮތީގައި ތަޅައިލަތަޅައިލައި އެބަ އިނެވެ.

ނައިޓްކްލަބްގެ ތެރޭގައި އޮތް މީހުންތަކަށް ވެރިވަމުން އައި ނިދީގެ އަސަރުތައް، އޮބި ނޯވެގެން ގޭގެޔަށް ދިޔުމަށްޓަކައި ވަރަށް ގިނަ ބަޔަކު އެ ތަނުން ނުކުމެއްޖެ އެވެ. ތަނުގެ ހިންގުމާ ޙާވާލުވެގެން ތިބި މީހުންތެރެއިން ވެސް އެންމެ ފަހުން ތިބި މީހުން ކުރެ އެކަކު ނުކުމެގެން ހިނގައްޖެ އެވެ. ދެން އިން މީހާ ވެސް އިނީ ރާފުޅިއެއްގެ ކައިރީގައި ނިދިފައެވެ.

މަޑުމަޑުން އަންވަރު ތެދުވެއްޖެ އެވެ. ފަރާތްފާރާތް ހޯދަމުން އަޙުމަދުގެ އަތުގައި ހިފައިގެން އެތެރެއަށް ދެމިގެންފި އެވެ. ވަދެވުނު ކޮންމެ ކޮޓަރިއެއް އެތެރޭން ތަންޑު އަޅުވަމުން ބޮކިތައް ނިއްވަމުން އޮވެގެން ދެއެވެ.

މިހާރު އެ ތިބީ ވަށައިގެން މޫނުބަލާ ލޯ ޖަހައިފައި ހުރި ކޮޓަރިއެއްގައެވެ. އެއް ސިޑި އެހެރީ މައްޗަށެވެ. އަނެއް ސިޑި އެހެރީ އަޑިއަށެވެ. ދެ މީހުންނަށް އެއްފަހަރާ ހިނގައިގަނެވުނީ އަޑިޔަށް ފައިބާން ހުރި ސިޑިއާ ދިމާއަށެވެ. އެ ގޮތް މި ގޮތަށް ގުދުލައިފައިވާ ސިޑީގެ ސާޅީހަކަށް ގަނޑު ހަރުފަތުން ފޭބުމަށް ފަހު މިހާރު އެ ތިބީ ބިންގަރާހުގެ އެތެރޭގައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތް ހުސް ކޮޓަރިއެކެވެ. ވަށައިގެން އަލަމާރިތަކާއި މޭޒުތައް އަތުރައިލައިފައި ހުއްޓެވެ. ނަމަވެސް އެންމެ އަލަމާރިއެއްގައި ވެސް ތަޅުދަނޑި ޖަހައިފައެއް ނެތެވެ. އަދި ތަޅުނުލައި ހުރި ކަމަކަށް ވެސް ނުވި އެވެ.  ނަމަވެސް އަންވަރާއި އަޙުމަދުގެ މަސައްކަތަކަށް ހުއްޓުމެއް ނާރުވައެވެ. އެކިއެކި އަލަމާރި ވަކިވަކިން ހުޅުވޭތޯ މަސައްކަތްކުރަނީ އެވެ. . . . . .

އާދެ! . . .  ކާމިޔާބުވެއްޖެ އެވެ. އަޙުމަދު ހުޅުވަން ހިފި އަލަމާރިއެއް ހުރީ މަތީ ތަންޑު ނޭޅުވިކަމުން ހުޅުވިއްޖެ އެވެ. . . . . .  ދުވެފައި އޭގެ ކައިރިއަށް އަންވަރު ހިނގައްޖެ އެވެ. އަލަމާރިއަކީ ފެންނަ ފެނުމުގައި ހުސް އަލަމާރިއެކެވެ. ނަމަވެސް ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އަލަމާރީގެ ބިއްދޮށު ބިތުން ހުޅުވޭން ހުރި ވަތްގަނޑުތަކެއް އަންވަރު މަޑުމަޑުން ހުޅުވައިފި އެވެ. އެއް ވަތްގަނޑު ފުރެންދެން ހުރީ ފިސްތޯލައެވެ. އަނެއް ވަތްގަނޑުތަކެއް އަނަވަރު މަޑުމަޑުން ދަމަން ފަށައިފި އެވެ. . . . . އެއް ވަތްގަނޑު ފުރެންދެން ހުރީ ފިސްތޯލައެވެ. އަނެއް ވަތްގަނޑުގައި އަޅުގަނޑުމެން ކިޔައި އުޅޭ "އަތު ބޮމެވެ."  ދެން ހުރި ވަތްގަނޑުގައި ހުރީ . . . . .  ސިޓީތަކެކެވެ. ކޮންމެ ސިޓީއެއްގެ ތިރީ ކަނުގައި ރަތް ތަރިއެއް ޖަހައިފައިވެއެވެ.ސިޓީތައް ފެނުމާއެކު  އަންވަރުގެ ހިތް އުފަލުން ނަށަން ފަށައިފި އެވެ. . . . . . . . ނަމަވެސް "ނައިޓް ކްލަބް" ، ނުރައްކާތެރިކަމުން ހުސްވެގެންނެއް ނުވެ އެވެ. އެހެރަ އިވެނީ، ދެތިން މީހަކު ބިންގަރާހަށް ފެއިބުމަށްޓަކައި ސިޑީން އަންނަ އަޑެވެ. ބިންގަރާސް ކޮޓަރި އަށް ފައިބާން ހުރި ސިޑީގެ ހަރުފަތްތަކުން ފިޔަވަޅުތަކުގެ އަޑު ގަދަވަމުން އައި އައިހެން މިސްޓަރ އަންވަރުގެ ޙަރަކާތްތައް ވެސް އަވަސްވަމުން އާދެ އެވެ. ލިބިފައިވާ މަދު ސިކުންތުކޮޅުގެ ތެރޭގައި އޭނާ މަސައްކަތްކުރީ އަތުޖެހުނު އެއްޗެއް، ހެދުމުގައި ރައްކާކުރެވޭތޯ އެވެ. ވަތްގަނޑު ފުރެންދެން އަޅައިފައި ހުރި ސިޓީތަކުން ދެ އަތުން ހިފައި ނެގުނު އެންމެ ގިނަ ޢަދަދެއްގެ ކަރުދާސް، ކޯޓުގެ އެތެރޭ ޖީބުގައި ރައްކާކޮށްފި އެވެ. ވަގުތުގެ ނުރައްކާތެރިކަމާއި ކުރިމަތިވެފައިވާ ބިރުގެ ބޮޑުކަން ތަން ދިން އެންމެ ތަނަވަސް ގޮތެއްގައި ނެގުނުހާ ގިނައެއްކޮށް ދެން ހުރި ވަތްގަނޑުން އަތުބޮން ވެސް ނަގައިފި އެވެ.

ސިޑީން ފައިބައިގެން އަންނަނީ ވާހަކަދައްކަމުން އަންނަ ދެތިން މީހެއްކަން އެނގެއެވެ. ދެން އެންމެ މިނިޓެއް ލަސްވެއްޖެ ނަމަ ވެސް އަންވަރަށް އަޙުމަދު ގޮވައިގެން ފިލާނެ ފުރުޞަތެއް ނުލިބޭނެކަން އޭނާއަށް ރަނގަޅަށް ޔަޤީންވެއްޖެ އެވެ. އެއް ގޮތެއްވެއްޖިއްޔާ މަރެވެ. އަނެއް ގޮތެއް ވިއްޔާ ކާމިޔާބީ އެވެ. މުޅި ކޮޓަރިތެރޭގައި ވެސް ނިވައިވެލެވޭނެ އެންމެ ތަންފުކެއް ވެސް ނެތެވެ.

މިހާރު ކޮޓަރިތެރޭން ފެންނާން ހުރި ބަޔަށް އެ މީހުން ފައިބާކަހަލައެވެ. ބޫޓުތަކުގެ އަޑު އިހަށްވުރެ ވެސް ގަދައެވެ. ވިސްނުންތެރި އަންވަރު އޭނާގެ ފައިދަށުގައިވާ ކަށްވަޅަށް ފުރޮޅައިނުލައި ވޭތޯ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފަދަ ނާމާން ދަނޑިވަޅުގައި އަޙުމަދު ހަމައެކަނި ވަހުތާނެއް ފަދަ ގޮތަކަށް މުޅި ކޮޓަރިތެރޭގައި އެނބުރެނީ އެވެ. އާދެ! ވަންނާނެ އެއްވެސް ތަނެއް ހަދާނެ އެއްވެސް ގޮތެއް ނެތިގެންނެވެ.


----------------------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

    ޓައިޕުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ