އަދުގެ ޚާއްސަ

Print

އުފަލުގެ ޚަރަދު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ސަމާސާ އަދަބު


އަޙްމަދު ސަލީމް،  މުނިޔާގެ،  ކ.ގާފަރު

1990 ގެ އަހަރުތަކުގައި އަޅުގަނޑުގެ ރައްޓެއްސެއް ކަމުގައިވާ އަޙުމަދު މުނީޒް (އަޞްލު ނަމެއް ނޫން) އަޅުގަނޑަށް ކިޔައިދެއްވި ޙަޤީޤީ ޙާދިސާއެއް ތިޔަ ކިޔުންތެރީންނާ ޙިއްޞަކޮށްލާނަމެވެ. އާދެ! އޭނާ ކިޔައިދެއްވި ގޮތަށް އަކުރުން އަކުރަށް އަޅުގަނޑު ޢިބާރާތްކުރެވޭތޯ ބަލާނަމެވެ. އެއީ ކޮން ރަށެއް ކަމެއް އަދި އެއީ ކޮން އަތޮޅެއް ކަމެއް ވެސް އޅުގަނޑު ނުދަންނަވާނަމެވެ.

އަޙުމަދު މުނީޒު ކިޔައިދެއްވި އެވެ. އާދެ! ވިދާޅުވާށެވެ!
 
"އަޅުގަނޑު އޭރު މަސައްކަތްކުރީ އަޅުގަނޑުމެންގެ ރަށު ސްކޫލުގެ ޓީޗަރެއްގެ ގޮތުގައެވެ. އަޅުގަނޑުމެންގެ ރަށު ސްކޫލަކީ އެ ތަނުގެ އިސްވެރިންގެ ގޮތުގައި އެކި ދުވަސްވަރު ބިދޭސީން މަސައްކަތް ކުރައްވާފައިވާ ތަނެކެވެ. މި ގޮތުން ސްކޫލުގެ އިސްވެރިއެއްގެ ގޮތުގައި ބިދޭސީއަކު ހުންނެވި އަހަރެކެވެ. އެއީ އިންޑިޔާގެ ރައްޔިތެކެވެ. އޭނާ މަސައްކަތްކުރައްވައިފައި ވަނީ އެ އަހަރުގެ ފުރަތަމަ ޓާމުގައި އެކަންޏެވެ. ކުރިން އިނގިރޭސި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވީ ނަމަވެސް އޭނާ އަޅުގަނޑުމެން ސްކޫލަށް އޭރު ފޮނުއްވައިފައި ވަނީ ހެޑުމާސްޓަރެއްގެ ގޮތުގައެވެ. އޭނާ ހިސާބަކަށް ދިވެހިބަސް ދެނެވަޑައިގަންނަވައެވެ. އެހެންނަމަވެސް ދިވެހިބަހުން ވާހަކަދައްކަވައެއް ނޫޅުއްވައެވެ.

މި ދެންނެވި އިންޑިއާ ހެޑްމާސްޓަރގެ ދައުރުގެ ދުވަސްތަކުގެ ތެރެއިން، މުވައްޒަފުންގެ ބައްދަލުވުމެއް ސްކޫލުގައި ބޭއްވުނު ދުވަހެކެވެ. ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރަށް ދެމިގެން ދިޔަ މި ބައްދަލުވުން ނިންމައިލުމާއެކު، ފިނިހިއްޕެވުމެއް ނޯވޭތޯ ބައެއް މުވައްޒަފުން ސުވާލުކޮށް ވާހަކަދައްކަން ފެށި އެވެ. އަދި މިފަދަ ދުވަހެއްގައި ކޮންމެވެސް ކަހަލަ ބުއިމެއް އޮންނަންވާނެ ކަމަށް ވާހަކަދެކެވެން ފެށި އެވެ. ކުޑަވަގުތު ކޮޅެއްގެ ވިސްނައިވަޑައިގަތުމަކަށްފަހު، ހެޑުމާސްޓަރ ވަރަށް އުފާވެރި ޖަވާބެއް ދެއްވިއެވެ. ފިނިހިއްޕެވުމެއް ލިބިދާނެ ކަމުގެ އުފާވެރި ޖަވާބެވެ. އެ ޑިޔުކޭޝަނުން ސްކޫލަށް ދެއްވައިފައިވާ ފައިސާގެ ތެރޭގައި "އުފަލުގެ ޚަރަދު" އައިޓަމެއް އޮންނާނެ ކަމަށާއި، މިއީ އުފަލުގެ ކަމަކަށްވާތީ އެ އައިޓަމުން ޚަރަދުކުރާ ގޮތަށް ބުއިމެއް އިންތިޒާމުކުރާނީކަމަށް ވިދާޅުވި އެވެ.

މުވައްޒަފުންގެ މޫނުމައްޗަށް ގެނުވި އުފާވެރި ހިނިތުންވުމާއެކު އަވަސްވެގަތީ "ފިނިހިއްޕެވުން" ލިބިގަތުމަށެވެ. މެންދުރުގެ ހޫނުގަދަ ވަގުތުގައި ފިނިބުއިމަކުން ކަރުތެރެ ތެންމައިލުމަށެވެ. އޭރު ރަށުގައި ހޮޓަލެއް، ކެފޭއެއް ފަދަ ތަނެއް ނުހުރެއެވެ. އެހެންވެ އެފަދަ ކަންކަމުގައި އަޅުގަނޑުމެން ގެންގުޅޭ އުސޫލަކީ ކައިރި ފިހާރަޔަކަށް ގޮސް ދަޅުގަނެގެން ބުއިމެވެ. މި ގޮތުގެ މަތިން އެ ދުވަހު ވެސް ކައިރީގައި ހުރި ފިހާރަޔަކާ ދިމާއަށް އަޅުގަނޑުމެން މިޞްރާބުޖެހީމެވެ. އެކަމަކު ހެޑުމާސްޓަރ އެ ވިދާޅުވި ޖުމްލަޔާ މެދު ހިސާބަކަށް ނަމަވެސް ވިސްނައިލާން ޖެހިއްޖެ އެވެ. އަޅުގަނޑަށް އަޑު އިވިފައި ނެތް ފައިސާގެ އައިޓަމެއްގެ ވާހަކަ ވިދާޅުވީމައެވެ. "އުފަލުގެ ޚަރަދު" އައިޓަމްގެ ވާހަކައެވެ. އަޅުގަނޑަކީ ސްކޫލުގެ ފައިސާގެ ކަންކަމުގައި ދެތިން އަހަރަކު މަސައްކަތް ކޮށްފައިވާ މީހަކަށްވާތީ ފައިސާގެ އައިޓަމްތަކަށް ކިޔާ ނަންތަކަކީ އަޅުގަނޑު ވެސް ވަރަށް ރައްޓެހި ނަންތަކެކެވެ. މިނިސްޓްރީން ފައިސާ ދެއްވައިފައި ހުންނަނީ ތަފާތު ނަންނަން ކިޔޭ އައިޓަމްތަކަކަށް ފައިސާގެ ތަފާތު ޢަދަދުތަކެވެ. ޚަރަދު ކުރެވޭނީ އެ ކަމަކާ ގުޅޭ އައިޓަމަކުންނެވެ. އޭގެ ތެރޭގައި "އުފަލުގެ ޚަރަދު" ކިޔާ އައިޓަމެއް ނޯވެއެވެ.

އިސްވެރިޔާ ވިދާޅުވީމާ ދެން އެއާމެދު އަޅުގަނޑުމެންނަށް ދެންނެވޭނެ އެއްޗެއް ނޯންނާނެތާއެވެ. އަޅުގަނޑުމެންނަށް ވުރެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ އޭނާއަށް ނޫންްތޯ އެވެ؟ އެހެންވެ އަޅުގަނޑު އެއްޗެއް ނުދަންނަވަމެވެ. އެކަމަކު އޭރު ފައިސާގެ ކަންތައް ބަލަހައްޓަވަމުން ގެންދެވި ޓީޗަރު އެކަމާ ހެޑުމާސްޓަރާ ވާހަކަދެއްކެވި އެވެ. އެހެންނަމަވެސް ހެޑުމާސްޓަރުގެ މައްޗަށް ކުރި ހޯއްދެވޭ ގޮތެއް ނުވިއެވެ. ކޮންމެއަކަސް އެންމެން ވެގެން ވަރަށް ފޯރީގައި ފިހާރައިން ދަޅު ނަގައިގެން ބޮއިފީމެވެ. ސްކޫލަށް ބިލުކުރާ ގޮތަށް ފިހާރައިގެ ފޮތުގައި ނޯޓުކޮށްފައެވެ.

ޖެހިގެން އައި ދުވަހެވެ. ފިހާރައިން ސްކޫލަށް ބިލު ފޮނުވައިފިއެވެ. ފައިސާ ބަލަހައްޓަވާ ޓީޗަރު އެފައިސާ ޚަރަދުކުރަން ބެލިއިރު ހެޑުމާސްޓަރ އެ ވިދާޅުވާ "އުފަލުގެ ޚަރަދު" އައިޓަމެއް ނުފެނުނެވެ. ހެޑުމާސްޓަރު ގާތު އެވާހަކަ ދެންނެވުމުން، މިނިސްޓުރީން ފޮނުއްވާފައިވާ ފެކުސް އެއް ނަންގަވައިފިއެވެ. އެއީ އެ އަހަރުގެ ފުރަތަމަ 6 މަހަށް ސްކޫލަށް ބޭނުންވާ ފައިސާ ޖަމާކުރެއްވިކަން އެންގެވުމަށް މިނިސްޓުރީން ސްކޫލަށް ފޮނުއްވައިފައިވާ ލިޔުމެކެވެ. މި ލިޔުން ލިޔެފައި ހުންނަނީ ދިވެހިބަހުން ނަމަވެސް ލެޓިންއަކުރުންނެވެ. ތާނަ އަކުރަކުން ނޫނެވެ. އެހެންވެ ބިދޭސީންނަށް ވެސް ކިޔަން އެނގެއެވެ. މި ކިޔެނީ ކޯޗެއްކަން ނޭނގުނަސް ވެސް މެއެވެ. ފައިސާ ބަލަހައްޓަވާ ޓީޗަރު، ހެޑުމާސްޓަރ އެ އިޝާރާތް ކުރައްވާ އައިޓަމް ކިޔައިލި އެވެ. އެއީ "އުފުލުމުގެ ޚަރަދު" އެވެ. މިއީ އެއް ތަނުން އަނެއް ތަނަށް ސްކޫލުގެ ތަކެތި އުފުލަންޖެހޭ ޙާލަތްތަކުގައި ޚަރަދުކުރަން ޖެހިއްޖެ ނަމަ ޚަރަދުކުރުމަށް އޮންނަ އައިޓަމެކެވެ. ހެޑުމާސްޓަރަށް "އުފަލުގެ ޚަރަދު" ގެ ގޮތުގައި މި ފެނިވަޑައިގަތީ "އުފުލުމުގެ ޚަރަދެވެ."

މިހިސާބުން އަޅުގަނޑުމެންގެ ގާތަށް ހިނި އަޔަކަސް ހެޑުމާސްޓަރު އިންނެވީ ބަސްފުޅު ހުއްޓިފައެވެ. ސިކުނޑިފުޅު ސުމަކަށް ގޮސްފައެވެ. އަޅުގަނޑުމެން އުފަލުން ތިބެ، އުފަލުގެ ޚަރަދު އައިޓަމުން ބުއި ދަޅުގެ ފައިސާ ދައްކާނެ ގޮތަކާމެދު ބޯ ގޮވައިފައެވެ. އެ ވާހަކަ މުވައްޒަފުން ގާތު ދައްކައިގެން ފައިސާ ހޯދާކަށް ވެސް ނުކެރޭނެތާއެވެ. ނުވިތާކަށް ވެރިޔާގެ ފަރާތްޕުޅުން މުވައްޒަފުންނަށް ދެއްވި އެއްޗަކަށް ހައްދަވައިލައްވާކަށް ވެސް ކެރިވަޑައެއްނުގަތެވެ. އެންމެ ފަހުން އެ ބިލަށް ފައިސާ ދެއްކެވީ ފައިސާގެ ކަންތައްތައް ބަލަހައްޓަވާ ޓީޗަރުގެ އަމިއްލަ ޖީބުންނެވެ. އުފަލުގެ ޚަރަދުގެ ކަންތައް މި ނިމުނީ މަޖަލުގެ ޚަރަދަކަށް ވެގެނެވެ."
----------------------
(ނިމުނީ)

މި ލިޔުން:

    ފޮނުއްވުން:     އަލްފާޟިލް އަޙްމަދު ސަލީމް،  މުނިޔާގެ،  ކ.ގާފަރު
    އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ