އަދުގެ ޚާއްސަ

Print

ފަރުބަދަމަތީގެ ސިންގާ (5)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


މުޙަންމަދު ޝާހިދު ޙަލީމް (1983)

(26 މާޗު 2011 ހޮނިހިރުދުވަހުގެ ބަޔާ ގުޅޭ)
 
ދެން ހުރިހައި ފަރާތަކުން އެއް ފަހަރާ އެ ވެލިފުންޏަށް ހަމަލަދޭން ފެށްޓެވެ. އެހެން ބޯޓުތައް އޭގައި ހުރި ހުރިހައި ބޮމެއް އެތަނަށް އޮއްސައިލިއެވެ. އެއްވެފައިވާ ވެލިގާތައް ފުނޑުފުނޑުވެގެން ބުރަބުރައިގެން ދާން ފެށްޓެވެ. އިޓަލީސިފައިން، ކުރިން ގޮސްގޮސް ހުރި ޓޭންކުތަކުން، ފަސްފުންޏަށް ހުރިހައި ދިމާއަކުން ބަޑިޖަހާން ފެށްޓެވެ. ވެއްޔާއި ދުމުގެ ވިލާތައް ވަށައިގެން ފެތުރުނެވެ. ފަޒާ ބަޑިބޭހުގެ ވަހުން އެއްވަސްވިއެވެ. ފަސްފުނިމަތީގައި އޮށޯވެގެން އޮތް އެންމެ މުޖާހިދެއް ހިނިތުންވާން އޮތެވެ. މުޢުޖިޒާތެއް ކަހަލަ ގޮތަކަށް، އޭނާ އަދިވެސް އޮތީ ސަލާމަތުންނެވެ. ދުމުގެ ފައިދާ ހޯދައިގެން އޭނާ ހަލުއިކަމާއެކު ތިރިއަށް ފައިބާން ފެށްޓެވެ. އޭނާ އެކަނި އިޓަލީ ސިފައިންގެ މަތިންދާބޯޓަކާއި، އެތައް ލައްކަ ބަޔަކާ ހަނގުރާމަކުރަން ފުދޭހައި ވަޒަނާއި ބަޑިބޭސް އިޓަލީސިފައިންގެ އަތުން ނަގައިލައިފިއެވެ.

ކުރިއަށް ދިޔަ އިޓަލީ ލަސްކަރު އެ ފަސްފުނީގެ ކުރިއަށް ދިޔުމުން ކަނާތްފަރާތުގައި ހުރި ކުޑަ ފަރުބަދައަކުން ކުއްލިއަކަށް ވަޒަންތައް ފޮނުވާން ފެށްޓެވެ. ސަމާލުވެވުމުގެ ކުރިން އިޓަލީ ސަވާރުންގެ ވަރަށް ގިނަ މީހުން ބިންމަތީގައި ތެޅޭން ފެށްޓެވެ. އަސްތައް ބިރުން ދުއްވައިގަތުމުން އެ މީހުން މުޅިން ހޯބޯލަވައިގަތެވެ. އެކަމަކު ވަރަށް އަވަހަށް ޓޭންކުތަކުން ހުރިހައި ދިމާއަކުން އެ ފަރުބަދައަށް ބަޑިޖަހާން ފެށްޓެވެ. އިޓަލީސިފައިން ޖާގަހަދައި، އެބައިމީހުންގެ މެޝިންބަޑި ހިންގައިލިއެވެ. ގާތްގަނޑަކަށް ބައިގަޑިއިރު ވަންދެން ވަޒަން ބަދަލުކުރެވެމުން ދިޔައެވެ. ދެން ފަރުބަދަމައްޗަށް ހަމަހިމޭންކަން ވެރިވިއެވެ.
 
އިޓަލީސިފައިން ދެ ފަރާތުން ފަރުބަދަ ވަށައިލައި އުންޑަ އޮއްސަމުން ކުރިއަށް ދިޔައެވެ. އެބައިމީހުންނަށް އަނެއް ފަރާތަށް ދެވުމުން އެ ތަނުން މުޖާހިދުންގެ ތިން މަސްގަނޑު ފިޔަވައި އިތުރު އެއްޗެއް ނުލިބުނެވެ. އެބައިމީހުން ހައިރާންވެފައި އަދި ތިއްބައި ކުއްލިއަކަށް ކޮންމެވެސް މީހަކު ހަޅޭއްލަވައިގަތެވެ. ވަގުތުން އެންމެންގެ ކަޅި ފިލައިގެންދާ ފަނަރަވަރަކަށް ސަވާރުންގެ މައްޗަށް ހުއްޓުނެވެ. އެބައިމީހުން ދަނީ ދެ ފަރުބަދަ ދޭތެރޭ އޮތް މަގާ ދިމާއަށެވެ. އެބައިމީހުން އޭރު ތިބީ ބަޑީގެ އުންޑަ ފޯރާ ހިސާބުން ދުރަށް ނިކުމެއެވެ. ކެޕްޓަން ބުރޫނޯ ރުޅިއައިސްގެން ހަޅޭއްލަވައިގެންފައި އޭނާގެ ބައިވެރީންނަށް ކުރިއަށް ދިޔުމަށް އެންގިއެވެ. އެބައިމީހުން ހަލުއިކަމާއެކު މަގާ ދިމާއަށް ދާން ފެށްޓެވެ. މައިދާނުގައި ތިބި ޔުނިޓުގެ އެންގުމަށް މަތިންދާބޯޓުތައް އަނެއްކާ ވެސް އެއް ފަހަރު ދުރުން ފެންނާން ހުރި ފަރުބަދަތައް މަތިން ބުރުޖަހައިފިއެވެ. އަދި ބައެއް ތަންތަނަށް އޮށްހެޔޮކޮށް ބޮންއެޅިއެވެ. އެކަމަކު ޖަވާބުގައި އެންމެ ބަޑިއެއް ވެސް ނުޖެއްސެވެ.
 
ކައިރީގައި ހުރި ފަރުބަދަމަތީގައި ފިލާއޮތް ޙަސަން އެބައިމީހުންގެ ރޭވުން ކާމިޔާބުވުން އެދި ދުޢާކުރަމުން ގެންދިޔައެވެ. މައިދާނީ އަވަށްތަކުގައި ހިނގި ބަރުބާދީއާއި ވީރާނާކަމުގެ ޚަބަރުތައް އޭނާއަށް ވަނީ ލިބިފައެވެ. އެ ފަރުބަދަތައް މަތީ ވަނީ ޖަންގައްޔެވެ. އެހެންކަމުން ފަޒާގައި ދުއްވަމުން ގެންދާ މަތިންދާބޯޓުތަކަށް އެބައިމީހުން ހޯދުމުގައި ކާމިޔާބެއް ނުކުރެވުނެވެ. އެކަމަކު ކާމިޔާބީ ބިނާވެފައި ވަނީ އިޓަލީން، ދެ ފަރުބަދަ ދޭތެރޭ މަގަށް ވަނުމުގެ މައްޗަށެވެ. އެޅި ބޮންތައް އަދި ގޮވައި ނުނިމިގެން އުޅެނިކޮށް ޓޭންކުތަކުން ވަޒަންތައް އޮއްސާން ފެށްޓެވެ. ފިލާން ދާ ސަވާރުން ޖަވާބުގައި ބަޑިޖެހީ އެންމެ ފަހަރަކުއެވެ. މެޝިންބަޑީގެ ވަޒަންތަކުން ދެ މުޖާހިދުން ވައްޓައިލިއެވެ. އެބައިމީހުންގެ ބައިވެރީން ހަލުއިކަމާ އެކު އެ ދެ މީހުން ނަގައިގެން ދެ ފަރުބަދަ ދޭތެރޭ މަގުގެ ކަންމަތިން އިޓަލީސިފައިންގެ ލޯމަތީން ގެއްލުނެވެ.
 
އިޓަލީ ލަސްކަރު ތިބީ ފަތަޙައިގެ މަސްތުން ފުރިފައެވެ. ހެނދުނުއްސުރެން ފެށިގެން ހުރަހަކާދިމާވި އެއީ ފުރަތަމަ ފަހަރެވެ. ފަޒާގެ ގޮތުން ވެސް އެމީހުންނަށްވަނީ ގަދަކަން ލިބިފައެވެ. އެހެންކަމުން ރުޅިއައިސް ރަތްވެފައި ވާ ކެޕްޓަން ބުރޫނޯ ނަގޫރޯޅިއެއް ފަދައިން ކުރިއަށް ދިޔައެވެ. އަނެއްކާ ވެސް މަތިންދާބޯޓުން ބޮންއަޅާން ފެށްޓެވެ. ބަޑީގެ އަޑުން ފަޒާ ގުގުމައިލިއެވެ. ޓޭންކުތަކަށް އެ މަގަށް ވަދެވުމާ އެކު އެބައިމީހުންނަށް ފިލައިގެންދާ ސަވާރުން ފެނިއްޖެއެވެ. އޭރު އެބައިމީހުން މަގުގެ އަނެއްކޮޅަށް ހިނގައްޖެއެވެ. އެ މީހުންގެ އަދަދު ވެސް މިހާރު ގިނަވެއްޖެއެވެ. އިޓަލީސިފައިން ހަލުއިކަމާއެކު ކުރިއަށް ދިޔައެވެ. މުޖާހިދުން ފިލަނީކަން އެބައިމީހުންނަށް ޔަގީންވިއެވެ.
 
ޓޭންކުތައް ބާރަށް ކުރިއަށް ދެއެވެ. މަގުގެ މެދަކާ ހިސާބުން ރާސްތާ ތަންކޮޅެއް ތަނަވަސްވިއެވެ. އެހެންކަމުން އެއްފަހަރާ ތިން ޓޭންކު އެކީގައި ދުއްވަމުން ދަނިކޮށް ކުއްލިއަކަށް ބިންހެލުމެއް އައި ކަހަލައެވެ. ކުރިން ގޮސްގޮސް އޮތް ތިން ޓޭންކު އެއްފަހަރާ އަނދަވަޅުގެ ތެރެއަށް ވެއްޓުނެވެ. އަދި ވެއްޓުނުގޮތުން އެ އެއްޗެހީގެ ފަހަތު ބައި ފަޒާއަށް އުފުލިގެން ދިޔައެވެ. ފަހަތުން އައި އެއްޗެހިތައް ބާރު ދުވެލީގައި އައިސް އޭގައި ޖެހުނެވެ. ހަމަ އެ ވަގުތު ފަޒާގައި ވަރުގަދަ އަޑުފަށްގަނޑެއް ގުގުމައިލިއެވެ. ފަރުބަދައިގެމަތިން ބޮޑެތިބޮޑެތި ހިލަބުރިތައް ފުރޮޅެމުން ތިރިއަށް އައެވެ. ދެ ފަރުބަދަ ދޭތެރޭގެ މަގު ބަންދުވިއެވެ. އަދަދެއް ނެތްހައި ގިނަ އިޓަލީސިފައިންނާ ސިފައިންގެ އެތަކެއް އުޅަނދު އެ ހިލަތަކުގެ ދަށުވެއްޖެއެވެ. ދެން ހުރިހައި ދިމާއަކުން އުންޑައިގެ ވާރޭވެހޭން ފެށްޓެވެ. ހާސްވެފައި ތިބި އިޓަލީ ސަވާރުން ސަލާމަތްވާން ވެގެން އެކި ދިމަދިމާއަށް ދުވަނީއެވެ. އެކަމަކު އެބައިމީހުންނަށް އެއްވެސް ތަނަކުން މުޖާހިދުންގެ ވަޒަންތަކުން ސަލާމަތެއް ނުވެވުނެވެ. އެއްފަހަރާ ހުރިހައި ދިމާއަކުން ބަޑިޖަހަނީއެވެ. މަގުގެ ބޭރުގައި ތިބި ސިފައިންގެ ލަސްކަރު އެނބުރިފައި ދުއްވައިގަތުމުން ކުރިމަތީގައި ހުރި ފަރުބަދައިން ޙަސަނާއި އޭނާގެ ބައިވެރީން، އެބައިމީހުން އަމާޒުފަތްގަނޑަކަށް ހަދައިގެން މަރާން ފެށްޓެވެ. ހުރިހައި ފަރާތަކުން އިވޭ ހަޅޭއްފަޅޭކާއި ބަޑީގެ އަޑުން ފަޒާ ތުރުތުރުއަޅަނީއެވެ. މުޖާހިދުން ފަށްފަށްކޮށް ތަކުބީރުގެއަޑު އުފުލަމުން ހަމަލަދެމުން ގެންދެއެވެ. ގާތްގަނޑަކަށް އެއްގަޑިއިރު ވާންދެން  ވަރުގަދައަށް ހަނގުރާމަ ކުރި އިރު އިޓަލީސިފައިންގެ ނަމާއި ނިޝާން ވެސް ފޮހެވިގެން ހިނގައްޖެއެވެ. މަރު ނުވެ ތިބި ޒަޚަމުވެފައި ވާ ފަނަރަވަރަކަށް ސިފައިން ހަތިޔާރު ބަހައްޓައިފިއެވެ. ސޭފާލޯގެ މަސްގަނޑު އޭނާގެ އަސް ކައިރީގައި އޮތެވެ. އޭނާގެ ހުޅުވިފައިވާ ދިރުމެއްނެތް ދެ ލޯ އުޑާ ދިމާއަށް ބަލަނީއެވެ. މަތިވެރިވެ ވޮޑިގެންވާ މާތްރަސްކަލާނގެ ޙަޟުރަތުން ސަލާމަތަށް އެދެނީ ކަހަލައެވެ.  ތިމާގެ މަކުރޫހަ އަނިޔާވެރިކަމުގެ މައްޗަށް ލަދުވެތިކަން ފާޅުކުރަނީ ކަހަލައެވެ.
 
ފަރުބަދައިގެ މަތިން ފައިބައިގެން އައި މުޖާހިދުން އިޓަލީ ސިފައިންގެ ހަތިޔާރު އެއްކުރާން ފެށްޓެވެ. އެބައިމީހުން މިހައިތަނަށް ކުރި ގިނަ ހަނގުރާމަތައް ކުރީ އިޓަލީ ހަތިޔާރުންނެވެ. އެކަމަކު ޙަސަނާއި އޭނާގެ ބައިވެރީން އަދިވެސް ފަރުބަދަމަތީގައި ތިބީއެވެ. އެބައިމީހުންނަށް ދުރުން ސަހަރާގެ ތެރެއިން އުފުލެމުން އަންނަ ވެލިތައް ފެނުނެވެ. އެބައިމީހުން ހީކުރީ އިޓަލީ ލަސްކަރަށް އާ އެހީއެއް އަންނަނީ ކަމުގައެވެ. އެކަމަކު ސަވާރުންގެ ބައިގަނޑު ކައިރިއަށް އައުމާއެކު އެބައިމީހުން އެނގިއްޖެއެވެ. އެއީ ސަނޯސީ މުޖާހިދުންނެވެ. ޢުމަރުލް މުޚްތާރު އެހީއާއިގެން ވަޑައިގަތީއެވެ. ޙަސަން އުފަލުން ފުރިގެން ތަކުބީރުގެ އަޑު އުފުލައިލިއެވެ. އޭނާގެބައިވެރިން ޖަވާބުގައި ފުރިހަމަ ޖޯހާއެކު الله اكبرގެ އަޑު އުފުލައިލިއެވެ. ޖަބަލުލް ޚިޟްރުގެ ފަރުބަދަތައް ތަކުބީރުގެ އަޑުން ގުގުމައިގެންދިޔައެވެ.
 
ޢުމަރުލްމުޚްތާރު ޙަސަން މޭފުޅުގައި ޖައްސައިލެއްވިއެވެ. ކާމިޔާބު ހަނގުރާމައިގެ އުފާވެރި ޚަބަރު އައްސަވައިފައި އޭނާ ވިދާޅުވިއެވެ. "މަރުޙަބާ! މަރުޙަބާ!"

* * * * *

ޖަޣްބޫބުގައި އެ ރެއަކީ ވަރަށް އުޖާލާ ރެއެކެވެ.

އެކަމަކު އެކަކުވެސް އުފަލެއް ނުކުރެއެވެ. ވީރާނާވެގެން ދިޔަ އާބާދީތަކުން ސަލާމަތްވެގެން އައި އަންހެނުންނާއި ކުޑަކުދީން އަނިޔާގެ ފޮޓޯއަށް ވެގެން ތިއްބެވެ. އެބައިމީހުންގެ ހިތްހަމަޖައްސައިދޭ އަންހެނުން އެ މީހުންނަށް ކެތްތެރިވެ ޝުކުރު ކުރުމަށް ނަސޭހަތްތެރިވަމުން ގެންދެއެވެ. ހާމައަށް އޮތް މައިދާނުގައި ވަނީ އަލިފާންރޯކޮށްފައެވެ. އެ ތަނުގައި ޢުމަރުލް މުޚްތާރު މުޖާހިދުންނާއި އެބައިމީހުންގެ ލަސްކަރުތަކުގެ ކޮމާންޑަރުންގެ މެދުގައި އިންނަވައިގެން ހަނގުރާމައިގެ ތަފުސީލުތައް އަޑުއައްސަވަނީއެވެ.
 
"އަހަރެމެންނަށް ނަސްރާ ކާމިޔާބު ދެއްވި މާތްރަސްކަލާނގެއަށް ޝުކުރުހުރި." އޭނާ ވިދާޅުވިއެވެ. "އެކަމަކު ހަމަލަ ނާކާމިޔާބުވުމުން އިޓަލީން އަދި މާ ބޮޑަށް ރުޅިއަންނާނެ. ދެން ހަމަލަދޭނީ ކުރިއަށް ވުރެ ވެސް ބޮޑަށް ތައްޔާރުވެގެން. އަހަރެމެން ވެސް ޖެހޭނީ އިހަށް ވުރެ ބޮޑަށް ހުސިޔާރުވެ ތައްޔާރުގަ ތިބެން."

"ސާހިބާ ތި ވިދާޅުވީ ރަނގަޅަށް." ކޮމާންޑަރެއް ބުންޏެވެ. "އަޅުގަނޑުމެން ގާތުގަ މުޖާހިދުން މަދެއްނޫން. އެބައިމީހުންގެ ހިތްވަރު ވެސް ނުހަނު ވަރުގަދަ. އެކަމަކު އަޅުގަނޑުމެންގެ އަތުގަ ހަތިޔާރު ވަރަށް މަދު. އަނެއްކާ އިޓަލީން މިހާރު މަތިންދާބޯޓާ ޓޭންކު ވެސް އެބަ ބޭނުންކުރޭ. މައިދާނީ ހިސާބުގަނޑުގަ އެ މީހުނާ ހަނގުރާމަކުރަން ވަރަށް އުނދަގޫވާނެ."

"ތިއަކު އޮޅުމެއް ނެތް. ހަތިޔާރުގެ ގޮތުން އަހަރެމެނަކަށް އެ މީހުނަކާ މުގާބަލާއެއް ނުކުރެވޭނެ." ޢުމަރުލް މުޚްތާރު ވިދާޅުވިއެވެ. "އެކަމަކު އަހަރެމެންނަށް ވަނީ މަޖުބޫރުވެފަ. އަހަރެމެން އިތުބާރު ކުރަންޖެހޭނީ ޢިއްޒަތްވަންތަ މާތްރަސްކަލާނގެއަށް. އަހަރެމެންނަށް މަދަދު ދެއްވާނީ އެ ކަލާނގެ."

" މިސުރުން ހަތިޔާރު ހޯދަން އަޅުގަނޑުމެނަށް މަސައްކަތްކުރެވިދާނެތޯ؟" އެހެން މީހަކު ސުވާލުކުރިއެވެ.
 
"ނޫން. މިސުރުމީހުންނަށް އަހރެމެންނަށް ހަމްދަރުދީއެއް ނުވެވޭނެޭ. ތުރުކީއާއި މިސުރެއް އަހަރެމެނަށްޓަކާ އިނގިރޭސިވިލާތާ އިޓަލީއާ ދެކޮޅުވެރިއެއް ނުވާނެ." ޢުމަރުލް މުޚްތާރު ވިދާޅުވިއެވެ. "ކަލޭމެން ހަނދާން ހުންނާނެކަންނޭނގެ. ކުޑަ ދުވަސްކޮޅެއް ކުރިން ސައްޔިދު އަޙްމަދު އަހަރެންނަށް މެސެޖެއް ފޮނުއްވި. އޭގަ އެދިވަޑައިގެންފަ އޮތީ ކަންތައްތައް ހުރި ގޮތުން އަހަރެން ޠަރާބުލުސް ދޫކޮށް މިސުރަށް ބަދަލުވާން. އަހަރެން އޭރު ވެސް ދިން ޖަވާބަކީ إنّا للّه وإنّا إليه راجعون އޭ. މިއަދު ވެސް އަހަރެން މި ބުނާ ވާހަކައަކީ އަހަރެމެން މިލްކުވެ ވޮޑިގެން ވަނީ މާތް ﷲ އަށޭ އަދި އަހަރެމެން އެނބުރި ދާނީ ވެސް އެކަލާނގެ ޙަޟްރަތަށޭ. އެހެންވީމަ ބަލިވެދާނެތީ ބިރުން އަހަރެމެންގެ ވަޒަނުގެ ބިން ދޫކޮށްލާކަށް އަހަރެމެންނަކަށް މަޖުބޫރެއް ނުކުރެވޭނެ. އަހަރެމެން މި ހަނގުރާމަކުރަނީ އަހަރެމެންނަށްޓަކައެއް ނޫން. އަހަރެމެންގެ ވަޒަނުގެ މިނިވަންކަމަށްޓަކާ. އަހަރެމެން މި މަގުގަ ޝަހީދުވިޔަސް މާތް ﷲގެ ޙަޟްރަތުގަ އަހަރމެންގެ ޒިންމާއިން ބަރީއަވެވޭނެ."

"އަޅުގަނޑުމެން އެންމެން ސާހިބާއާ އެއްބަސް." ޙަސަން ޖޯހުން ފުރިފައިވާ ރާގެއްގައި ބުންޏެވެ.
 
"އަހަރެންނަށް އެނގޭ ދަރިފުޅާ. އަހަރެން ހިތްހަމަޖެހިގެން މި އިންނަނީ އެހެންވެގެން." ޢުމަރުލް މުޚްތާރު ވިދާޅުވިއެވެ. "އަހަރެމެން ޖެހޭނީ އަބަދު ވެސް ދުސްމިނުންގެ ރޭވުންތައް އެނގިގެން ތިބެން. އަހަންނަށް ހީވަނީ ގްރަޒިޔާނީގެ ލަސްކަރު ހަލާކުވި ޚަބަރު ލިބުމުން އޭނަ މޮޔަވާނެހެން. މިއަދުގެ ކާމިޔާބީގެ ތާޖު ބެހެއްޓޭނީ ޙަސަނުގެ ބޮލުގަ. އަހަރެމެން މޮޅުވީ ޙަސަނުގެ ހަނގުރާމައިގެ ޙިކުމަތުޢަމަލީގެ ސަބަބުން. ދެން އަވަހަށް ބިންޣާޒީއަށް ގޮސް މިހާރު އެ ތަނުގަ ކަންތައް ހުރި ގޮތް އޮޅުންފިލުވާނެ މީހަކު ހަމަޖައްސާ!"

"ސާހިބާ ހިތްޕުޅުހަމަޖައްސަވާ. އަޅުގަނޑު ކުރިއްސުރެ ވެސް އޮންނާނީ އެ ކަން ހަމަޖައްސާފަ." ޙަސަން ޖަވާބުދިނެވެ. "ދުސްމިނުން ދެން ކަން ކުރާ ގޮތް އަޅުގަނޑުމެނަށް އެނގެމުންދާނެ."

ޒުބައިރު ސިހިފައި ސުވާލުގެ ކަޅިއަކުން ޙަސަނަށް ބަލައިލިއެވެ. ޙަސަން ހިނިތުންވެ ލިއެވެ.
 
އެބައިމީހުން އެތައް އިރެއްވާންދެން ހަނގުރާމައިގެ ރޭވުންތަކާ މެދު ވާހަކަދައްކާން ތިއްބެވެ. ޢުމަރުލް މުޚްތާރު އެބައިމީހުންނަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. އެންމެ ފަހުން އޭނާ ފޭލިގެއަށް ވަޑައިގަތުމުން ޒުބައިރާއި ޙަސަން އާބާދީއާ ދިމާއަށް ހިނގައްޖެއެވެ. ޢުމަރުލް މުޚްތާރު ވަޑައިގަތީ ޢާއިޝާއާއި ލައިލާ ގޮވައިގެން ކަމާއި އެ މީހުން ތިބީ ކޮން ގެއެއްގައި ކަން އޭނާ އެބައިމީހުން ގާތު އޮތީ ވިދާޅުވެފައެވެ.
 
ޙަސަނާއި ޒުބައިރު ގެއަށް ވަނުމާ އެކުގައިހެން ރާބިޢާ އާއި ޖުނައިދު އުފަލުން ހަޅޭއްލަވަމުން އައިސް އެ މީހުންގެ ގައިގައި އޮޅުލައިގަތެވެ. ލައިލާ ޒުބައިރާ ސަލާންކުރުމުން އޭނާ ރާބިޢާއާ އެކު ލައިލާ ވެސް ކަރުގައި ޖައްސައިލިއެވެ. އެ ވަގުތު ލައިލާގެ ކަޅި ޙަސަނާ ދިމާއަށް ހުއްޓުނެވެ. ޙަސަނު ހުރީ ފުރަގަހުގައެވެ. ދެ މީހުންގެ ހަތަރުކަޅިހަމަވުމާ އެކު ލައިލާގެ މޫނު ލަދުން ރަތްވިއެވެ. ޢާއިޝާ އަށް އެ ތަން ފެނުމުން ހިނިތުންވެލިއެވެ.
 
"ލައިލާ ވަރަށް ބޮޑަށް ޒުބައިރުގެމަތިން ހަނދާންކުރޭ." ޢާއިޝާ ޒުބޭރަށް ބުންޏެވެ. "އެކަމަކު މި ހާ އަވަހަށް ބައްދަލުވެދާނެ ކަމަކަށް އަޅުގަނޑުމެން ހިތަށް ވެސް ނާރާ."

"ވަރަށް ރަނގަޅު. އެހެންވިއްޔާ އަހަރެން މަތިން ހަނދާންކުރަނީ ހަމައެކަނި ލައިލާތަ؟" ޒުބައިރު އަންހެނުންނާ ދިމާއަށް ބަލައިލަމުން ބުންޏެވެ.
 
"އަޅުގަނޑު ވެސް ހަނދާންކުރިން ބޭބޭ!" ރާބިޢާ ހަޅޭއްލަވައިގަތެވެ.
 
"އެއީ ދޮގެއް ބޭބޭ! ހަނދާންކުރީ އަޅުގަނޑު." ޖުނައިދު ވަގުތުން ދެކޮޅުހެދިއެވެ.
 
"ޒުބޭރު ވަރަށް ނަސީބު ރަނގަޅު." ޙަސަން ލޮލުގެ ކުޑަކޮޅުން ލައިލާއަށް ބަލައިލަމުން ބުންޏެވެ.
 
"އަޅުގަނޑު ގަހުވަ ހަދައިގެން އަންނާނަން." ލައިލާ އަވަހަށް ގޯތިތެރެއާ ދިމާއަށް ދަމުން ބުންޏެވެ.
 
"އަދި ކާން ވެސް. ވަރަށް ބޮޑަށް އެބަ ބަނޑުހައިވޭ." ޙަސަން ހަޅޭއްލަވައިގެންފައި ބުންޏެވެ.
 
"ޙަސަނުމެން އަތްފައި ދޮވެލާ ތާޒާވެލާ. ކާން ހުރީ ތައްޔާރުވެފަ." ޢާއިޝާ ބުންޏެވެ. "ކައިގެން އަހަރެމެންނަށް ހަނގުރާމައިގެ ވާހަކަތައް ކިޔާދޭންވާނެ."

"އަހަރެމެންވެސް ބޭނުން؛ ވާހަކަކިޔައިދޭން މަޑުކޮށްލަން. އެކަމަކު އަހަރެމެން ވަރަށް އަވަހަށް ފުރަންޖެހޭ." ޙަސަން ބުންޏެވެ.
 
"މި ރޭ ވެސް މަޑެއް ނުކުރާނަންތަ؟"

"އާނ. އަހަރެންގެ ދައްތާ! އަހަންނަށް މަޑުކޮށްލެވޭނީ ދެތިންގަޑިއިރު. ޢުމަރުލް މުޚްތާރު ވަރަށް މުހިންމު މަސައްކަތެއް ހަވާލުކުރައްވާފަ އެބަ އޮތް. އެހެންވީމަ އަހަރެން އެބަ ދާން ޖެހޭ."

"އަހަންނަށް ފެންނަނީ ޙަސަނު މިރޭ އަރާމުކޮށްލަން. ފަތިހު ފަތިހާ ދަތުރަށް ފަށާނީ." ޒުބައިރު ބުންޏެވެ.
 
ޙަސަން ހިމޭންވިއެވެ. ކެއުމަށްފަހު އެ އެންމެން އިޓަލީންގެ ހަމަލަތަކާ ބެހޭ ގޮތުން ވާހަކަދައްކާން ތިއްބެވެ. ލައިލާ ގަހުވަ ހަދައިގެން އަތުވެއްޖެއެވެ. ޢާއިޝާ ކުއްލިއަކަށް ވާހަކައިގެ މިސްރާބު ބަދަލުކޮށްލަމުން ބުންޏެވެ.
 
"ޙަސަން. އަހަރެން ވަރަށް ގިނަ ދުވަހުއްސުރެ ވިސްނާ ކަމެއް އެބަ އޮތް. އެކަމަކު ޙަސަނުމެން އުޅޭލެއްެ އަވަދިނެތިކަމުން މި އުޅެނީ ބުނާނެ ދަނޑިވަޅެއް ނުލިބިގެން."

"ތިހާ ގިނަ ދުވަހުއްސުރެ ތި ވިސްނާ ކަމަކީ ކޮބާ؟" ޙަސަން ހިނިތުންވެލައިފައި އެހިއެވެ.

"ފުރަތަމަ އަހަރެން ބުނާ ވާހަކަ ގަބޫލުކުރަން އެއްބަސްވޭ."

"ދައްތާ! ތީ އަހަރެންގެ ދައްތަ. އަނެއްކާ އެހެން މީހެއްގެ ވާހަކަ ގަބޫލުކުރަން، މިހާރު ދައްތަ ނޫން އެހެން ކާކު – ހުރީ. ބުނެބަލަ، ކޮން ކަމެއްތަ؟"

"ޙަސަނު މީހަކާ އިނުން."

"މީހަކާ އިނުން." ޙަސަން ހެމުން ބުންޏެވެ. ދައްތާ! ދައްތައަށް ވެސް އެނގޭނެ؛ އަހަރެންގެ ދިރިއުޅުން ވަގުފުވެފަ މި ވަނީ ..."

"އަހަރެން ދެނަހުރިން." ޢާއިޝާ ޙަސަނުގެ ވާހަކަ މެދުކަނޑައިލައިފައި ބުންޏެވެ. "ޒުބޭރާ އެހެން މުޖާހިދުންނަކީ ވެސް ހަމަ މިނިވަންކަމުގެ ޖިހާދުގެ ސިފައިން. އެ މީހުންނެއް މީހުނަކާ ނީނދޭތަ؟"

"އެކަމަކު..."

"އަަހަރެން އެއްވެސް ބަހަނާއެއް ގަބޫލެއް ނުކުރާނަން." ޢާއިޝާ ބުންޏެވެ. "މިހާރު ކަންތައް މި ވާ ގޮތަށް ބަލާ އިރު މި ކަން މާ ބޮޑަށް ބޭނުން ވޭ. އެހެންނޫނަސް ލައިލާއަކީ ވެސް އަހަރެމެންގެ ޒިންމާއެއް."

ލައިލާ ވަގުތުން އެ ތަނުން ތެދުވެގެން އަނެއް ކޮޓަރިއަށް ހިނގައްޖެއެވެ. ޒުބައިރު ހިނިތުންވެލިއެވެ. ޙަސަން ވިސްނާން ފެށްޓެވެ. ލައިލާ އޭނާ ދެކެ ލޯބިވެއެވެ. އެ ކަން ވަރަށް ކުރިއްސުރެ އަންނަނީ ޙަސަނަށް އެނގެމުންނެވެ. އޭނާ ލައިލާއާ ރުހޭ ވެސް މެ އެވެ. ޝައްކެއް ނެތް ގޮތުގައި އޭނާ އަކީ އެބައިމީހުންގެ ޒިންމާއެއް ވެސް މެ އެވެ. އެކަމަކު އޭނާގެ ސިކުނޑީގެ ފަރުދާއަށް އިރުއިރުކޮޅާ ތަސްވީރެއް އަރަމުން ދަނީއެވެ. ފުރަންޒާގެ ރީތި މޫނު އޭނާގެ ލޮލުގެ ކުރިމަތީގައި އެނބުރެމުން ދަނީއެވެ. ފުރަންޒާއަށް ޓަކައި ހިތުގައި އުފެދެމުންދާ ރިހުމަށް ދޭނީ ލޯބީގެ ނަން ކަމެއް ނުވަތަ ހަމްދަރުދީގެ ނަން ކަމެއް ނިންމުމަކީ އޭނާއަށް އުނދަގޫ ކަމަކަށް ވެއްޖެއެވެ.

"ވިސްނަންވީ ކޮން އެއްޗެއް؟" ޢާއިޝާ އަނެއްކާ ވެސް އެއްސެވެ.
 
"އެއްވެސް އެއްޗެއް ނޫން. ބިންޣާޒީ އަސް ގޮސްފައި އެނބުރި އައިސް ތި ކަމަށް ޖަވާބެއް ދޭނަން." އޭނާ ތެދުވަމުން ބުންޏެވެ. "އަހަރެން މި ދަނީ ދެން އަރާމުކޮށްލަން."

ޙަސަންގެ ވާހަކައިން ލައިލާގެ ހިތުގައިޖެހުނެވެ. ޙަސަން ކައިވެނިކުރާން ފަސްޖެހެނީ ކީއްވެގެންކަން އޭނާއަށް އެނގެއެވެ. އޭނާއަށް އޭނާގެ ދިރިހުރުމާ މެދު އިތުބާރެއް ނެތީއެވެ. އެހެން ކަމަށް ވިޔަސް އެ ކަމުންް އޭނާގެ ހިތުގައި ޖެހުނެވެ. ޙަސަން ވަޒަނަށް ޓަކައި ޖިހާދުކުރަމުން ގޮސް ޝަހީދުވިޔަސްް އޭނާ ފަޚުރުވެރިވާނެއެވެ. މަރަށް ވަކިކުރެވޭނީ އިންސާނާ އެވެ. ލޯތްބެއް ވަތްކެއް ނުކުރެވޭނެއެވެ. އެ ގުޅުމަކީ އަބަދުގެ ގުޅުމެކެވެ. ޙަސަން ލިބިފައި ނެތް ނަމަވެސް އޭނާ ހުންނާނީ ޙަސަނު ދެކެ ލޯބިވޭވެއެވެ.
 
ހެނދުނު ޙަސަން ފުރާން ތައްޔާރުވަނިކޮށް ލައިލާ އެ ކޮޓަރިއަށް ވަދެއްޖެއެވެ. ޙަސަން ސިހިފައި އޭނާ އަށް ބަލައިލިއެވެ. "ލައިލާ. އާދޭ. ދޮރުމަތީގަ ތިހިރީ ކީއްވެފަ؟ އަހަރެން ދެކެ ރުޅިއައީތަ؟"

"ނޫން. އަޅުގަނޑަށް ފަހަރެއްގަ ވެސް ޙަސަނު ދެކެ ރުޅިއެއް ނާދެވޭނެ. ޙަސަނަކީ މަތިވެރި މުޖާހިދެއް. އަޅުގަނޑު ޙަސަނަށް ޓަކާ ފަޚުރުވެރިވަން." ލައިލާ ބުންޏެވެ. "އަޅުގަނޑު --- އަޅުގަނޑު މި އައީ، ޙަސަން ޙަސަނުގެ ވާޖިބަށް ސަމާލުކަން ދެއްވާށޭ، އަޅުގަނޑާ މެދު ފިކުރު ނުކުރައްވާށޭ ނަންގަންނާންވެގެން."

ޙަސަނުގެ ހިތަށް ތަދުވިއެވެ. "އަހަންނާ ދޭތެރޭ ކުށް ހީއެއް ނުކުރޭ. އަހަރެން މި ދަނީ ކަމަކު. އެނބުރި އާދެވޭނެކަން ނުވަތަ ނޫންކަން ވެސް ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެ."

" ޙަސަނު އެނބުރި ދުރުވާނެކަން ކަށަވަރު. إنشاالله. މާތްރަސްކަލާނގެ ޙަސަނު ސަލާމަތުން ލަހައްޓަވާށި." ލައިލާ އެސްފިޔަތައް އުފުލައިލި އިރު އޭނާގެ ލޮލުގައި ކަރުނަ ވިދަވިދައި ހުއްޓެވެ. އޭނާ އަވަސް އަވަހަށް ކޮޓަރިން ބޭރަށް ނުކުތެވެ.
 
ޙަސަން ފިނި ނޭވާއެއް ލިއެވެ. އޭނާ އާ ހާސްކަމެއްގައި ހައްޔަރުވެއްޖެ އެވެ.

* * * * *

(ނުނިމޭ)

މި ލިޔުން:

ފޮނުވުން:    މުޙަންމަދު ޝާހިދު ޙަލީމް
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ