އަދުގެ ޚާއްސަ

Print

މަކަރުގެ ދައު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްނު ޙަސަން ޔޫސުފު

މަކަރުގެ ދަލަކީ ފުޅާ ދަލެކެވެ. ނުރައްކާތެރި ދަލެކެވެ. ގޮޅިތައް ކުދި ދަލެކެވެ. ކުރަވި ވަރުގަދަ ބަރިތައް ބަރު ދަލެކެވެ. މި ނުރައްކާތެރި ދައު ފަތުރައި އުޅެނީ ހިޔަޅުގެ ބުއްދި ހުންނަ މީހުންނެވެ. ނުލަފާ މީހުންނެވެ. ކުށްކުރުމުގައި އިމެއް، މިނެއް ނެތް މީހުންނެވެ. ކޮންމެފަދަ ނުބައިކަމެއްވެސް ޖެހިލުމެއް ނެތި ކުރާ މީހުންނެވެ. ބޮޑެތިބޮޑެތި ކުށްކުށަށް ތާއަބަދު އަރައަރާ ތިބޭ ބޮޑެތި މުޖުރިމުންނެވެ.
މަކަރުވެރިން ފަތުރަނީ އާދައިގެ ދަލެއް ނޫނެވެ. މުޅި ޤައުމުގައި ފަތުރާލެވޭވަރުގެ ބޮޑެތި ދަލެވެ. ރަށެއްގައި އެއްކޮށް ފަތުރާލެވޭވަރުގެ ބޮޑެތި ދަލެވެ. ހަދައިއުޅެނީ ޖަމާޢަތުގެ އެންމެން އާޝޯޚުކޮށްލެވޭވަރުގެ މަކަރެވެ. ރަޙުމަތްތެރިއަކު ވިދާޅުވެދެއްވި މިފަދަ ޙަޤީޤީ ވާހަކައެއް ހިއްސާކުރަމެވެ. އޭނާ ވިދާޅުވިއެވެ. ބުއްދިވެރި މަކަރުވެރިންގެ ކިބައިން ސަލާމަތްވާނީ، އެފަދަ މީސްމީހުން ހަދާ މަކަރާއި ޙީލަތް ދަންނަ ހޭލުންތެރި މީހުންނެވެ.

މަކަރުވެރި ކަލޭގެއަކީ ރަށަކަށް އަރުވާލި ބޮޑު ކުށްވެރިއެކެވެ. އަރުވާލީ އެތައް ކުށެއް ތަކުރާރުކޮށް ކޮށްގެންނެވެ. އެކުށްތަކުގެ އަދަބުގައެވެ. އޭނާއަކީ ކުށްކުރުމުގެ ތަޖުރިބާކާރެކެވެ. އެރޮނގުގައި އެފަދަ ދެވަނައެއް ނެތްފަދަ ކުޅަދާނަ މީހެކެވެ. ޖެހިލުމެއް ނެތި ކުށަށް އަރައަރާ ހުންނަ މީހެކެވެ. މަކަރު ހަދާ މީހެކެވެ. ޙީލަތް ހަދާ މީހެކެވެ. ދޮގު ހަދާ މީހެކެވެ. ތެދު ބުނުމަށްވުރެ ދޮގު ހެދުން އޭނާއަށް މާފަސޭހަކަހަލައެވެ.

އެ ޒަމާނަކީ، މިހާރު މިކުރާވަރަށް ކުށްވެރިންނަށް އިޙްތިރާމު ކުރާނެ ބަޔަކު ތިބި ޒަމާނެއް ނޫނެވެ. އެހީތެރިވާނެ ބަޔަކު ތިބި ޒަމާނެއްވެސް ނޫނެވެ. އަޅާލާނެ ބަޔަކު ތިބި ޒަމާނެއްވެސް ނޫނެވެ. އެބައިމީހުން ދެކޭގޮތުގައި ކުށްވެރިއަކަށް އެހީތެރިވުމަކީވެސް ކުށެކެވެ. ކާއެތިކޮޅެއް ދިނުމަކީވެސް ކުށެކެވެ. ނިދާނެ ތަންކޮޅެއް ދިނުމަކީވެސް ކުށެކެވެ. ޝައްކެއް ނެތްގޮތުގައި ކުށްވެރިއަކަށް، މިފަދަ ރަށެއްގައި ދިރިއުޅޭކަށް ފަސޭހައެއް ނުވާނެއެވެ.

ރަށުގެ މީހުންގެ އިޙްތިރާމު ކުށްވެރިޔާއަށް ނުލިބުނެވެ. އެރަށުގައި އުޅެންޖެހުނީ އެކަނިވެރި ދިރިއުޅުމެކެވެ. ބިކަ ދިރިއުޅުމެކެވެ. ދަތި ދިރިއުޅުމެކެވެ. އާދައިގެ މަތިން ހިންތާއެއް ރޭވުމަށް އޭނާ ވިސްނަން ފެށިއެވެ. ރަށުގެ އެތަންމިތާނގައި ހިނގަން ފެށިއެވެ. ކާ އެއްޗެއް ހޯދުމަށް ވަލަށް ވަނެވެ. ރަށުގެ މީހުން ވަލަށް ވަދެ ހިނގާބިނގާވެ އުޅޭ މަގުތައް އޭނާއަށް ނޭނގޭތީ ވަލަށް ގޮސް އައިސް އުޅުނީ ގަސްތައް ހެދިފައިވާ ހަނި ދަތި އުނދަގޫ މަގުތަކަކުންނެވެ. ބައެއް ހިސާބުގައި މަގު ބެދޭވަރަށް ކަށިކެޔޮ ގަސް ހެދިފައި ހުރި މަގުތަކަކުންނެވެ. އެއްދުވަހަކު ވަލުތެރޭގައި ހިނގަމުން ދަނިކޮށް ފަޅުވަޅަކާ ހަމައަށް އޭނާއަށް ނުކުމެވުނެވެ. ވަޅަކީ ބަނޑުދުރަ ވަޅެކެވެ. މި ހިސާބަށް ވަރަށް ދިގު ތަނަވަސް މަގަކުން އެރަށުގެ މީހުން އައިސްގޮސް އުޅޭކަން އޭނާއަށް އެނގުނީ އޭގެ ދުވަސްކޮޅެއް ފަހުންނެވެ.

އަސުރު ނަމާދަށް މިސްކިތަށް ކުށްވެރިޔާ ދިޔައީ އޭނާގެ ސޫރަ ބަދަލުކުރުމުގެ ބޭނުމުގައެވެ. މިސްކިތު ވަޅުގެ ދާނި ނެގިއެވެ. ވުޟޫކުރަން ފެން ނަގަން ދާނި ގަންބާލިއިރު އެ ވަޅަކީވެސް ބަނޑުދުރަ ވަޅެކެވެ. އޭނާ ހިތަށް އެރިއެވެ. ކުރިމަތިވެފައިވާ އެކަނިވެރި ބިކަ ދަތި ދިރިއުޅުމުން ސަލާމަތްވާނެ މަގެއް މިއޮތީ ފެނިފައެވެ. އޭނާގެ ހިޔަޅު ސިކުނޑީގައި ބޮޑުވެގެންވާ މަކަރެއް ރާވާލީ ނުލާހިކު ފަސޭހަކަމާއެކުގައެވެ. 

ރަށުގެ ފިރިހެނުންގެ އާދައަކީ، އަސުރު ނަމާދުން ފައިބައިގެންދާ ގޮތަށް ގޮސް އަތިރިމަތީގައި ތިބުމެވެ. މަސްވެރިން މަހުން ލަފަންދެނެވެ. މަސްވެރިންގެ އިންތިޒާރުގައެވެ. އަސުރު ނަމާދުން ފައިބައިގެންދިޔަ މީހުންނާއެކު ކުށްވެރިޔާވެސް އަތިރިމައްޗަށް ނުކުމެއްޖެއެވެ. އަތިރިމަތީގައި ތިބި މީހުންނާ ވާހަކަދައްކަން ފެށީ ނުހަނު މަކަރުވެރިކަމާއެކުގައެވެ. ވިސްނުންތެރިކަމާއެކު ކުށްވެރިޔާގެ ބުންޏެވެ. މިރަށަކީ ވަރަށް އާދަޔާއި ޚިލާފު ރަށެކެވެ. މިރަށުގެ މާ މިސްކިތު ވަޅާއި ރަށުގެ ކޮޅުގައި، ވަލުތެރޭގައި ހުރި ފަޅުވަޅާ ހުރީ ގުޅިފައެވެ. އެކަމަކު އެކަކުވެސް ގަބޫލެއް ނުކުރިއެވެ. މިވާހަކަވީ ހައިރާންކުރުވަނިވި ވާހަކައަކަށެވެ. އަޖާއިބު ކުރުވަނިވި ވާހަކައަކަށެވެ. އިސާހިސަތު މުޅި ރަށަށް މިވާހަކަ ޢާންމުވެއްޖެއެވެ. ކުށްވެރިޔާގެ ގާތުން މިވާހަކަ އަހާ މީހުންވެސް ގިނަވާން ފަށައިފިއެވެ.

އެންމެފަހުން ކަށަވަރުކޮށްދޭން އެދެންވެސް ފަށައިފިއެވެ. ހެކި ދެއްކުމަށްވެސް އެދެން ފަށައިފިއެވެ. ކުށްވެރިޔާ ބުންޏެވެ. ކަލޭމެން އެންމެން އަހަރެންނާއެކު ވަލުތެރޭގައި ހުރި ވަޅު ދޮށަށް ހިނގާށެވެ. ހެކި ދައްކާނަމެވެ. ކުށްވެރިޔާގެ ބަހަށް، ކުށްވެރިޔާ ދައްކާ ހެކި ބެލުމަށް ރަށުގެ އެންމެންހެން ކަހަލަ ގޮތަކަށް އެވަޅުދޮށަށް ހިނގައްޖެއެވެ. ވަޅުދޮށަށް އެންމެން އައުމުން ކުށްވެރިޔާ ބުންޏެވެ. ކަލޭމެން އެންމެން ބިންމަތީގައި ބާރަށް ގުންފައިޖަހަމުން އައިމަގުން މާ މިސްކިތު ވަޅުދޮށަށް ދާށެވެ. ކަލޭމެން ގުންފައިޖަހާފައި ހިނގަމުންދާވަރާ އެއްވަރަށް އަހަރެން އަޑިން ދާނަމެވެ. މިހެން ބުނެފައި އެންމެން ބަލަން ތިއްބާ ވަޅުގެ ތަޣައްޔަރުވެފައިވާ ފެންގަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. ފީނައިގެންފިއެވެ. ގުންފައިޖަހާފައި އެންމެން ހިނގައިގެންފިއެވެ.

ގުންފައިޖަހާފައި ދިޔަ އެންމެންނަށް މާ މިސްކިތު ވަޅާ ހަމައަށް ދެވިއްޖެއެވެ. އެންމެން ހައިރާންވެ އާޝޯޚުވެއްޖެއެވެ. މާ މިސްކިތު ވަޅުގެ ތުންފަތުގައި ދެއަތް އަޅުވާފައި ބޯހިއްލާލީ އެންމެން ބަލަން ތިއްބާ ފަޅުވަޅަށް ފުންމާލި ކުށްވެރިޔާއެވެ. އޭނާ ބުންޏެވެ. މިއާދެވުނީ އެކުއެކީގައި ނޫންހެއްޔެވެ؟ އަޖާއިބުވެފައި ތިބެ ރައްޔިތުން އޭނާ ވަޅުން ނަގައިފިއެވެ. ކުށްވެރިޔާ އޭނާއާ ސުވާލެއް ކުރުމަށް ވަގުތެއް ނުދިނެވެ. އަވަސްއަވަހަށް ބުންޏެވެ. އަޑީ މަގުގައި ވަރަށްގިނަ ގަސްގަހުގެ މޫތައް އެބަހުއްޓެވެ. އެމޫތަކުގައި އަޅައިގަތް ތަންތަން މިހުރީ މެށިފައެވެ. ލޭ ކޮށިފައެވެ.

ކުށްވެރިޔާ ހެދީ ކިހިނެއްކަމަށްތޯއެވެ. ގުންފައިޖަހާފައި ހިނގައިގަތް މީހުންގެ އަޑުބަޑު މަޑުވުމުން ފަޅުވަޅުން އޭނާ އެރިއެވެ. ގުންފައިޖަހާފައި ދިޔަ ރައްޔިތުންނަށްވުރެ އަވަހަށް މާ މިސްކިތުވަޅާ ހަމައަށް ދިއުމަށް ކުށްވެރިޔާ ދުއްވައިގަތެވެ. އޭނާ ދުއްވައިގަތީ ވަލަށްގޮސް އައިސްވުމުގައި އޭނާއަށް ދަސްވެފައިވާ ކުރު މަގަކުންނެވެ. ކަށިކެޔޮގަސްތައް ހެދިފައިވާ ދަތި އުނދަގޫ މަގަކުންނެވެ. ބައެއް ފަހަރަށް ކަށިތައްވެސް ހެރެއެވެ. ބައެއް ފަހަރަށް ގަސްގަހުގެ މުލުގައި އަޅައިގެން ވެއްޓެއެވެ. ލޭވެސް އޮހޮރެއެވެ. އެކަމާ ކުށްވެރިޔާ އަޅައެއް ނުލައެވެ. އޭނާ ހިތްވަރުކޮށްފައި ކުރިއަށް ދެއެވެ. އިސާހިތަކު މާ މިސްކިތު ވަޅާ ހިސާބަށް އޭނާއަށް ދެވިއްޖެއެވެ. ވަގުތު ނަގާނުލައި މާ މިސްކިތު ވަޅަށް ފުންމާލިއެވެ. ވަރަށް ހުށިޔާރުކަމާއެކު ވަޅުގައި އޮތެވެ. ރައްޔިތުން އަންނަ އަޑު އިވިއްޖެއެވެ. ވަޅާ ހިސާބަށް ރައްޔިތުން އައުމުން އޭނާ ބޯ ހިއްލާލީއެވެ.

ކުށްވެރިޔާގެ މަކަރުގެ ދަލުގައި ރައްޔިތުން ޖެހި އޮޅިއްޖެއެވެ. ވާވަދެއްޖެއެވެ. އެންމެންގެ ނަޒަރުގައި ކުށްވެރިޔާއަކީ ވަރަށް މޮޅު މީހެކެވެ. ކަންކަން ދަންނަ މީހެކެވެ. ތަންދޮރު އޮޅުންފިލާފައި ހުރި ވިސްނުންތެރިއެކެވެ. އާޖުފާޖު ދަންނަ މީހެކެވެ. އިސާހިތަކު ރައްޔިތުންގެ މެދުގައި ބަސްކިޔާ މީހަކަށް ވެއްޖެއެވެ. ބޮޑެތިބޮޑެތި ކަންތައްތަކުގައި ލަފާދޭ ލަފާދާރަކަށް ވެއްޖެއެވެ. އިޙުތިރާމު ލިބިގެންވާ ގަދަރުވެރިއަކަށް ވެއްޖެއެވެ.

ރަށަކީ ޢާންމުކޮށް ކުށްވެރިން އަރުވާލާ ރަށެކެވެ. ރައްޔިތުންގެ މެދުގައި މަޤުބޫލު މީހަކަށް ކުށްވެރިޔާވީތާ މާގިނަ ދުވަހެއް ނުވަނީސް އެހެން ކުށްވެރިއަކު އެރަށަށް އަރުވާލައިފިއެވެ. އެއީ ހިސާބަކަށް ތަންދޮރުދަންނަ ކުށްވެރިއެކެވެ. ފަހުން އަރުވާލި ކުށްވެރިޔާގެ މިތުރަކަށްވީ ކުރިން އަރުވާލާފައިހުރި ކުށްވެރިޔާއެވެ. ކުރީގައި ހުރި ކުށްވެރިޔާ، ފަހުން އައި ކުށްވެރިޔާއަށް ޙަޤީޤަތް ކިޔައިދިނެވެ. އޭނާގެ މަކަރު ކިޔައިދިނެވެ. ޙަޤީޤަތް ހާމަނުކުރުމަށްވެސް އެދުނެވެ. އެގޮތަށް އޭނާ ޢަމަލުކުރިވެސްމެއެވެ.

ނުލާހިކު ސާދާ ދިރިއުޅުމެއްގައި ދެކުށްވެރިން އުޅެމުންދެއެވެ. ބައެއްފަހަރަށް ޖަމާޢަތުގައި ނަމާދުކުރަން ދާންވެސް ފަށައިފިއެވެ. މިމަގުން މިކަން ހިނގަމުން ދަނިކޮށް، މިސްކިތު މުދިމަށް ދިމާވި ކޮންމެވެސް ބޮޑުކަމަކާ ގުޅިގެން މެންދުރު ނަމާދަށް ނާދެވުނު ދުވަހެއް އަތުވެއްޖެއެވެ. މިސްކިތުގައި ތިބި މީހުންގެ ތެރެއިން އެންމެންގެ އިޙުތިރާމު ލިބިފައިހުރި މޮޅު މީހަކީ އެއްކަހަލަ ދެވަޅު ގުޅިފައި ހުރިކަން ސާބިތުކޮށްދިން މަކަރުވެރި ކުށްވެރިޔާއެވެ. އިސްވެ ނަމާދު ކުރުމަށް އޭނާއަށް ދެންނެވިއްޖެއެވެ. އޭނާވެސް ދެކޮޅު ހެދުމެއް ނެތި މެންދުރު ނަމާދުކުރަން ފެށިއެވެ.

އިސްވެ ނަމާދުކުރަންޖެހުމުން ކުށްވެރިޔާ ހުރީ ހިތް ނުތަނަވަސްވެފައެވެ. ހިތް އަވަސްވެފައެވެ. އެކަމަކު ވަރަށް ހިތްވަރުކޮށްފައި ނަމާދުކުރަން ފަށައިފިއެވެ. ފުރަތަމަ ދެރަކުޢަތުގައި އަލްޙަމްދާއި ސޫރަތް ކިޔެވީ އަޑުހަރުކޮށެވެ. އަޑުގެ ކޮޅަށެވެ. ފަހަތުގައި ނަމާދުކުރަން ތިބި މީހުންވެސް ޙައިރާންވެތިބެ އިމާމާއެކު ނަމާދުކޮށް ނިންމައިފިއެވެ. ނަމާދުން ނިމިގެން އެންމެން މިސްކިތުން ފައިބައިފިއެވެ. އެންމެން ބަލަންފެށިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާއަށް ވިސްނިއްޖެއެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިންތާއެއް ރާވާލިއެވެ. އޭނާގެ މިތުރު ކުށްވެރިޔާ ކައިރިއަށް ޖެހިލާފައި ތަންކޮޅެއް ބާރަށް ބުންޏެވެ. މިރަށުގެ މީހުންނަކީ ހާދަ ކޮސްބައެކެވެ. ހާދަ ތަންދޮރު ނުދަންނަ ބައެކެވެ. ދީނުގައި ނަމާދުކުރަން އޮންނަ ތަފާތު ގޮތްތަކެއްވެސް ނޭނގެއެވެ. އެންމެ ދުވަހަކު ޙަނަފީ ހަދާލީމާ އެތިބީ ހަދާނެގޮތެއް ނޭނގިފައެވެ. ހުރިހާ އެންމެން އިސްދަށަށް ޖެހިއްޖެއެވެ. ތަންދޮރު ނޭނގޭތީ ވީދެރައިން ހިނގައިގެންފިއެވެ. އޭނާގެ މިތުރު މަޑުމަޑުން ބުންޏެވެ. މިހާރު ތިދަނީ މާމައްޗަށެވެ. ތިހާ މައްޗަށް ދާކަމަށްވަންޏާ މަށަކަށްވެސް ކެތެއް ނުވާނެއެވެ. ޖެހޭނީ ޙަޤީޤަތް ކިޔައިދޭށެވެ. ހުރިހާކަމެއްގައި މަކަރުހަދައި އޮޅުވާލިޔަސް މީގެފަހުން ދީނީ ކަންތައްތައް އޮޅުވާނުލާށެވެ.

ދެކުށްވެރިން ނުލާހިކު އުފަލުގައި، ޢިއްޒަތުގައި ދުވަސްތައް ހޭދަކުރަމުންދެއެވެ. އަދަބުގެ މުއްދަތު ހަމަވެއްޖެއެވެ. ރަށުން ފުރައިފިއެވެ. ޙަޤީޤަތް ފާޅުވީ އޭގެ މާފަހުންނެވެ. ހިތާމަނުކުރާ އެކަކުވެސް ނެތެވެ. ބަލަންވާވަރަށް ނުބަލައި މަކަރުވެރި ކުށްވެރިޔާގެ ބަސް ގަބޫލުކުރެވުނީތީ ދެރަނުވާ އެކަކުވެސް ނެތެވެ. އެކަމަކު އޭރު އޮތީ ވަގުތު ފާއިތުވެފައެވެ. މަކަރުގެ ދަލުގައި ނުޖެހޭ އެކަކުވެސް ނެތެވެ.
------------------
(ނިމުނީ)

އިދާރާ

ވާހަކަ