އަދުގެ ޚާއްސަ

Print

ހަމަ ކޮންމެ މީހެއްގެވެސް ޒިންމާ އެކެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުށުގެ ޢަމަލުތައް ކުރާމީހުން އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. އަދި ކުށުގެ ވައްތަރުތަކާއި މީހުން ކުށް ކުރުމުގެ ވައްޓަފާޅިވެސް ދަނީ ބަދަލުވަމުންނެވެ. މީހުން މެރުމާއި، މީހުން ރަހީނުކުރުމާއި، "ފާޅުކަން ބޮޑު ގޮތެއްގައި" ބަދުއަޚުލާޤީ ޢަމަލުތައް ހިންގުމާއި، ފޭރުމާއި، މަސްތުވާ އެއްޗެތި އަމިއްލައަށް ހަދައިގެން އޭގެ ބޭނުން ކުރުމާއި، އިންޓަރނެޓާއި ޓެކްނޯލޮޖީގެ އެހެނިހެންވެސް ވަސީލަތްތަކުގެ ޛަރީޢާއިން ހިންގާ ކުށުގެ ޢަމަލުތަކާއި، ގޭންގު ހަދައިގެން ކުށްތައް ކުރުމާއި، ހަތިޔާރުގެ ބޭނުންކޮށްގެން މީހުންނަށާއި ތަންތަނަށް ޙަމަލާ ދޭން މަސައްކަތް ކުރުމާއި މިފަދަ ކުށްތަކަކީ އަޅުގަނޑުމެންގެ މި ދިވެހި އިސްލާމީ މުޖުތަމަޢަށް "އަލަށް" އުފަންވި ކުށްތަކެއް ކަމުގައި ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އިސްވެ ދެންނެވުނު ކުށްތަކުގެ އިތުރުން، ޒިނޭއާއި، ލިވާޠު ކުރުމާއި، ވައްކަން ކުރުމާއި، މާރާމާރީއާއި، މަސްތުވާ ތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރުމާއި، ރިޝްވަތާއި، މީހުންގެ މުދަލަށް ގެއްލުން ދިނުމާއި، ޢާއްމު ރައްޔިތުންގެ މަންފާއަށް ހެދިފައި ހުންނަ [ސަރުކާރުގެ] ތަކެއްޗަށާއި ތަންތަނަށް ގެއްލުން ދިނުމާއި މިހެންގޮސް ދުނިޔޭގައި ލެއްވިހާ ކުށްތަކަށް އަރައިގަތުމަކީ ފެޝަނެއްކަމުގައި ދެކިގެން އުޅޭ މީހުންވެސް މިހާރަކު މަދެއްނޫނެވެ.

ކުށްކުރާ މީހުންގެ ތެރޭގައި ދެޖިންސުގެ އެކި ޢުމުރުފުރާގެ މީހުން ޝާމިލުވާއިރު، މީގެތެރޭގައި ހިމެނޭ ޒުވާނުންގެ ޢަދަދު ގިނަ ކަމީ ނުހަނު ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އެހެނީ ޢާއިލާތައް ނަގަހައްޓައި ޤައުމު ބިނާކޮށް އުއްމަތުގެ ދިފާޢުގައި މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަން ތިބި ބަޔަކީ ޒުވާނުންކަމަށްވީ ހިނދު، މިފަދަ ބޮޑު ޒިންމާއެއް ޙަވާލުވެފައިވާ ބަޔަކު "ކުށުގެ އަޅުން" ކަމުގައި ވެއްޖެނަމަ އަޅުގަނޑުމެންގެ މުސްތަޤުބަލު ބަނަވެގެން ދާނެކަމީ ޝައްކެތްވެސް އޮތް ކަމެއްނޫނެވެ. ހާމަކަން ބޮޑު ގޮތެއްގައި މިކަމުގެ ހެކިތައް މިހާރުވެސް އަޅުގަނޑުމެންގެ ތެރެއިން މިދަނީ ފެންނަމުންނެވެ.

އަޅުގަނޑުމެންގެ ދިވެހި އިސްލާމީ މުޖުތަމަޢުތައް "ކުށުގެ ހާލި" ތަކަކަށް ބަދަލުވެ، މިކަމުގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި އަޚުލާޤީ ގޮތުންނާއި އަދި މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބި، މިފަދަ މުޖުތަމަޢެއްގައި އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ދަރަޖައަށް ކަންތައް ދާއިރު، މި މައްސަލަޔާ މެދު ފުންކޮށް ވިސްނައި މިކަމަށް ޙައްލެއް ހޯދަން އެބަ ޖެހެއެވެ. މިއީ "އަވަސް ނިޔާގެ" މައްސަލައެއް ކަމުގައި ދެކިގެން ކޮންމެ މީހަކުވެސް އެމީހަކަށް ކުޅަދާނަ ވީ ވަރަކުން މި ކަމުގައި ޤުރުބާނީތަކެއް ވާން އެބަ ޖެހެއެވެ.

އަޅުގަނޑުމެންގެ މުޖުތަމަޢުތަކަށް ކުރިމަތިވެފައިވާ ކުށުގެ ނާމާންކަމުން ސަލާމަތް ވުމަށްޓަކައި ލިބެން ހުރި ހުރިހައި ވަސީލަތްތަކެއްގެ ބޭނުން ހިފައިގެން މިހާރުން މިހާރަށް ފިޔަވަޅު އެޅުންނޫން އެހެން އެއްވެސް އިޚުތިޔާރެއް އަޅުގަނޑުމެންނަށް ނެތެވެ. މިކަމަށްޓަކައި ހުރިހައި ފެންވަރެއްގައި މަޝްވަރާތައް ކުރެވެން އެބަ ޖެހެއެވެ. ތަކުރާރުކޮށް ދެކެވޭ ވާހަކަތަކެއްގެ ގޮތުގައި މި ވާހަކަތައް ދައްކައި އެންމެންގެ ސަމާލުކަމަށް މިކަން ގެންނަން އެބަ ޖެހެއެވެ. ތިމާ ކުށްތަކުން ސަލާމަތްވެ ހުރެ އެހެންމީހުންވެސް ކުށްތަކުން ސަލާމަތް ކުރުމަށްޓަކައި މަސައްކަތް ކުރުމުގެ ވަރުގަދަ ރޫޙެއް މީހުންގެ ހިތްތަކުގައި އަށަގަންނުވަން އެބަ ޖެހެއެވެ. މިކަމުގައި ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބަ އޮތްކަމުގައި ޤަބޫލުކޮށް އެންމެން އެއްރޫޙެއްގައި މަސައްކަތް ކޮށްގެންނޫނީ ކާމިޔާބުވުމަކީ ދުރުކަމެކެވެ.

ހަމަ މިނޭވައިގައި ދަންނަވައިލާން ޖެހޭ ވަރަށް މުހިއްމު އެހެން ވާހަކައެއްވެސް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ތެރޭގައި ކުށް ކުރުން ޢާއްމުވެ މުޖުތަމަޢުގެ ޙާލަތު ގޯސް ވުމުގެ ޒިންމާ، އެކެއް އަނެކެއްގެ ބޮލުގައި އަޅުވައިގެން އެކަމާ ބަޙުޘް ކުރުމުގައި ވަގުތުތައް ދުއްވާލެވެން ނެތް ވާހަކަ އެވެ. އަޅުގަނޑުމެންނާ ކުރިމަތިވާ ކޮންމެ ކަމެއްގައި، "ސިޔާސީ ކުލަ" ޖައްސައިގެން މައްސަލައިގެ މައްޗަށް މައްސަލަ އިތުރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ވާހަކަ އެވެ.

އިންސާނީ މުޖުތަމަޢުތަކުގައި ކުށް ކުރުން ޢާންމުވެ މުޖުތަމަޢުގެ އަމަން އަމާންކަމަށް ބުރޫ އަރާ ހިސާބަށް ކަންތައް ދާން މެދުވެރި ސަބަބުތައް ވަރަށް ގިނައެވެ. އެހެންނަމަވެސް މީގެތެރެއިން ވަރަށް މުހިއްމު އެއްކަމަކާ މެދު އެއްޗެއް ދަންނަވައިލާނަމެވެ.

ހުޅަނގުގެ ޤައުމުތަކެކޭ އެއްގޮތަށް އިސްލާމީ ދައުލަތްތަކުގައިވެސް [ތަރައްޤީގައި] އިހުމާލު ކުރެވިފައިވާ އެންމެ މުހިއްމު ދާއިރާއަކީ އިންސާނާގެ "ރޫޙާނީ ތަރައްޤީ" ގެ ބައެވެ. މިއީ އިންސާނާގެ ނަފުސަށް [ފުރާނައަށް] ގެނެސްދޭ ތަރައްޤީ އެވެ. ރޫޙާނިއްޔަތުގެ އަސާސަކީ އިންސާނާއާ އޭނާގެ ޚާލިޤާ ދެމެދުގައިވާ ގުޅުން ވަރުގަދަ ކޮށްދިނުމެވެ. އިސްލާމީ މުފައްކިރުންނާއި އަދި ހުޅަނގުގެ މަޝްހޫރު ބައެއް މުފައްކިރުންވެސް ވިދާޅުވާ ގޮތުގައި މިކަމުގައި ހަމަ ހުރިހައި ދައުލަތްތަކެއްވެސް މިއަދު ވަނީ "ފޭލް" ވެފައެވެ. މީގެ ނަތީޖާއަކީ އިންސާނާ އޭނާގެ ކޮންމެ ކަމެއްވެސް "މާއްދިއްޔަތު" ގެ ތަރާދުން ވަޒަން ކުރުމެވެ. ބޭނުންތައް ފުއްދުމަށްޓަކައި ހިތަށް އެރި ކޮންމެ ގޮތެއް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެކޭން ފެށުމެވެ. ހަމަޔާއި އިންޞާފު ކަނޑައަޅައިދޭ ހަމަ އެކަނި ވަސީލަތަކީ ތިމާގެ "ބުއްދި" ކަމުގައި ޤަބޫލު ކުރުމެވެ. މިހާ ހިސާބުން އިންސާނާ އެވަނީ [ޙަޤީޤަތުގައި] އޭނާގެ ބުއްދީގެ ތަވާޒުން [Balance] ގެއްލިފައެވެ.

މި ދެންނެވި ދަރަޖައިގައިވާ އިންސާނާ ކޮށްފައި ނުކުރާކަށް ވަކި ކަމެއް ނޯންނާނެއެވެ. ހުއްދަ އާއި މަނާ [ޙަލާލާއި ޙަރާމް] ދެނެގަންނާނެ ކުޅަދާނަކަމެއް އެފަދަ މީހާގެ ނުހުންނާނެއެވެ. އޭނާއަށް ހިތް ހަމަޖެހުން ލިބޭނެ ހަމަ އެކަނި ގޮތަކީ ކިތަންމެ ބޮޑު "ކުށެއް" ކޮށްގެންނަމަވެސް އޭނާ އެ ބޭނުންވި ކަމެއް ޙާޞިލު ކުރުމެވެ. އާޚިރު ނަތީޖާއަކީ، އިންސާނީ މުޖުތަމަޢުތަކުގައި ޖަންގަލީގެ އުޞޫލުތައް ހިންގާން ފެށުމެވެ. އިންސާނާއަކީ އިންސާނާގެ އެންމެ ބޮޑު "ދުޝްމަނު" ކަމުގައި ވުމެވެ. 

ސުވާލަކީ އިންސާނާއަށް ރޫޙާނީ ތަރައްޤީ ގެނެސްދީ އޭނާއަކީ އޭނާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވެ، އޭނާއާ ޙަވާލުވެފައިވާ ޚިލާފަތުގެ މަސްއޫލިއްޔަތު ހެޔޮ ގޮތުގައި އަދާ ކުރާނެ މީހަކަށް އޭނާ ހަދައިދޭނީ ކާކު ހެއްޔެވެ؟ ޖަވާބަކީ މިކަމަށް ބޭނުންވާނެ ވަސީލަތްތަކާއި މަގުތައް ތަނަވަސްކޮށްދިނުމުގެ ޒިންމާދާރު ފަރާތަކީ އެމީހަކު ނިސްބަތްވާ ދައުލަތެވެ. [ވެރިކަމުގެ ނިޡާމެވެ.] ދައުލަތުގެ [ނުވަތަ ދައުލަތުގެ ވަކީލުންގެ] ސީދާ ބެއްލެވުމުގެ ދަށުން، އެކަން ތަންފީޛު ކުރުމުގެ ޒިންމާދާރު ފަރާތަކީ އެތަނެއްގެ ރައްޔިތުންނެވެ. މަންމައިންނާއި ބައްޕައިންނެވެ. ޢިލްމުވެރިންނާއި މުދައްރިސުންނެވެ. މަސްވެރިންނާއި ދަނޑުވެރިންނެވެ. އެއްވެސް މީހަކު އިސްތިޘްނާ ނުވާނޭހެން، ތަކްލީފު ލިބިގެންވާ ހަމަ ކޮންމެ މީހެކެވެ.
ކަން މިހެން ހުރި އިރު، އިސްވެ ދެންނެވުނު ލަނޑުދަނޑިތައް ޙާޞިލުކޮށް، އިސްލާމްދީނަށް ތެދުވެރި، އިންސާނިއްޔަތަށް ފައިދާ ކުރަނިވި ރައްޔިތަކު އުފައްދައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ މައްސަލަތައް ހުއްޓުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކުގައި ހަމަ ކޮންމެ މީހެއްގެވެސް ޒިންމާއެއް އެބަ އޮތެވެ. ތިމާ އަމިއްލައަށް ކުރަންޖެހޭ [ތިމާގެ އަމިއްލަ] ކަމެއް ކޮށްދޭން އެހެންމީހަކު އަންނާނެކަމަށް އިންތިޒާރުކޮށްގެން ހުރުމީ ބުއްދިވެރީންގެ ގޮތެއްނޫނެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމަޢެވެ. މިތަނުގައި އުޅެނީ އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނެވެ. މަންމައިންނާއި ބައްޕައިންނެވެ. އަވަށްޓެރިންނާއި ރަޙުމަތްތެރިންނެވެ. މިއިން އެއްވެސް ފަރާތަކަށް ކިތަންމެ ކުޑަ މިންވަރަކުންވިޔަސް ގެއްލުމެއް ލިބުމަށް އެދޭނީ ކާކުތޯއެވެ؟ މި ހުރިހައި އެންމެންގެ ޙައްޤުގައި، އިސްލާމީ އުއްމަތުގެ ޙައްޤުގައި، އަދި މުޅި އިންސާނިއްޔަތުގެ ޙައްޤުގައި، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމީ އަޅުގަނޑުމެންގެތެރެއިން ހަމަ ކޮންމެ މީހެއްގެ ކޮނޑުގައިވެސް އެޅިފައިވާ ވާޖިބެކެވެ.

الله ތަޢާލާގެ ވަޙީ ބަސްފުޅުގެ މާނައިގައި ވެއެވެ. "އަދި ހެޔޮކަންތައް ކުޅައުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"(އަލްމާއިދާ: 2)
............
(ނިމުނީ)

ޙަވާލާ :
[1] ޢަލީ، މުޙައްމަދު މުމްތާޒު [2010] . "އިސްލާމިކް ކްރިޓިކަލް ތިންކިންގ" ، މުޙާޟަރާތައް. އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ، މެލޭޝިޔާ.
[2] الحازمي ، خالد بن حامد ،  "أصول التربية الإسلامية" ، الطبعة الأولى (1420 هـ ، 2000 م) ، دارعالم الكتب ، المملكة العربية السعودية .

        
މި ލިޔުން:

      ފޮނުވުން:    އަލްފާޟިލް އަޙްމަދު ޝާޒު ޢަބްދުލްޣަފޫރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
      ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

ވާހަކަ