އަދުގެ ޚާއްސަ

Print

ދިވެހި ސަގާފަތުން ގެއްލި އުވިފައިވާ އުފެއްދުންތެރި އަދި ފުދުންތެރި ދިރިއުޅުމުގެ ހަނދާންތަކެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިއްޔެ ދިވެހީންނަކީ ވަރަށް  ސާދާ ދިރިއުޅުމެއް އުޅެމުން އައި އަބުރުވެރި ބަޔެކެވެ. މަސައްކަތްތެރި މުރާލި ބަޔެކެވެ. އުފެއްދުންތެރި ފުދުންތެރި ބަޔެކެވެ. ބޭރު ތަކެއްޗަށް ރޭރު ނުވެ، އޭރު ލިބުނު އެއްޗަކުން ބޭނުންތައް ފުއްދައިގެން އުޅުނު ބަޔެކެވެ. ކާބޯތަކެތީގެ ގޮތުގައި ބޭނުންކޮށް އުޅުނީ ކަނޑުފަޅުންނާއި ދަނޑުފަނގުން ލިބޭ ތަކެއްޗެވެ. ބޭނުންކޮށް އުޅުނު ސާމާނާއި އާލާތަކީ އަމިއްލަ އުފެއްދުންތެކެވެ. އޮޑިދޯނިފަހަރު ބަނުމަށާއި ގެދޮރުއެޅުމަށް ބޭނުންކުރަނީ އަދި ހިފައިގެންގުޅޭ ސާމާނު ތައްޔާރުކުރަނީ ވެސް އަމިއްލަޔަށް އަމިއްލަ ތަކެތީންނެވެ. މި ހުރިހައި ކަމަކަށް ބޭނުންވާ މައިގަނޑު ވަސީލަތް (އަޞްލު މާއްދާ) ހޯދަނީވެސް ދިވެހި މާޙައުލުންނެވެ.

ދިވެހި ކާބަފައިން އެބައި މީހުންގެ އަބުރުވެރި ދިރިއުޅުން ވޭތުކުރުމުގައި ބޭނުންވާ ސާމާނު ހޯދުމުގެ އެންމެ މުހިއްމު ވަސީލަތެއް ކަމުގައި ދިވެހި ރުއް ހިމެނިފައިވި އެވެ. ރުކުގެ މޭވާއިން ކާނާގެ ތަފާތު ބާވަތްތައް އުފައްދައި ބޭނުންކުރި އެވެ. ބައެއް ތަކެތި ބޭރަށް ފޮނުވައިގެން ވިއްކައި ހެދި އެވެ. މިސާލަކަށް ކުފުރާ އާއި ދިޔާ ހަކުރެވެ. ކާށި ތެލެވެ. އެ ތެލުން ތެލުލައިފައިވާ ތެއްލި ބަނބުކޭލެވެ. ބޮނޑިއެވެ. ފަތުލި ހަކުރެވެ. ރާހުތެވެ.

އެކި ބޭނުންތަކަށް ބޭނުންވާ ސާމާނު އެ ރުުކުން ލިބެ އެވެ. ރުކުގެ ތައްޗެވެ. ރުއްވަކަރެވެ. (ނިރޮޅެވެ.) އެ ރުކުގެ ފަނެވެ. ދޮން ފަނެވެ. ހިކި ފަނެވެ. ރޯ ފަނެވެ. ބޮންތި ފަނެވެ. ފަން ތޮއްޓެވެ. (އޮއްޓެވެ.) ފަންވަތުގެ އިލޮއްޓެވެ. އިލައެވެ. ފުޅަތްޕެވެ. އިހަލެވެ. އިހާ ގޮނޑި އެވެ. ބޮތްނބެވެ. ބޮނބި ނަރެވެ. ބޮނބި ކުނޑިއެވެ.  އެ ރުކުގެ މޭވާގެ ތޮށިން (ކާށީގެ ބޮނބިން) ތައްޔާރުކުރި އެކި ވައްތަރުގެ ރޯނެވެ.

ރުކަކީ އިހުގެ ދިވެހި ދިރިއުޅުމުގެ މައިގަނޑު ވަސީލަތްކަމަށްވެފައިވާތީ ރުކުން ލިބޭ ތަކެތީން (ރުކުގެ ބައިތަކުން) ކުރާ ބޭނުންތަކަށް ކުރު ގޮތެއްގައި ބަލައިލާނަމެވެ.

1-    ވަކަރު (ނިރޮޅު):
      އޮޑިވަޑާމަށާއި ގެދޮރު އެޅުމުގައި މުޑި ޖެހުމަށާއި
      ގޭގެ މަތިވަޑާންގަނޑު ހެދުމާއި
      ނިދަން ބޭނުންކުރާ އެނދު، އަށި ޖެހުމަށް

2-    ދޮން (ނުވަތަ ކުޑަކޮށް ހިކި) ފަން:
     މަސްވެރީން އަތްދަބަހެއްގެ ގޮތުގައި ބޭނުންކުރާ ވަޑިގޮނާއި ކުނިއުކައިލުމަށާއި މޭވާ ތަރުކާރީފަދަ ތަކެތި އުފުލުމަށް ގެންގުޅޭ "އަތްގަނޑު"، މުޅޯށި ފަދަ ތަކެތި ވިޔުމަށާއި މިފަދަ ކިތަންމެ ބޭނުމަކަށް.
     ގެ ހިޔާކުރުމަށް ބޭނުންކުރާ "ފަންގި" ވިނުމަށް

3-    ހިކި ފަން:  
      މަސްހިފަން ރޭގަނޑު އަލިފާނުން އަލިކޮށްގެން (ރޭހުޅާ) ދާއިރު އަލިކުރަން ގެންގުޅޭ އާލާތެއްގެ ގޮތުގައި.
      އޮޑިހަރުގެ ހިޔާކުރުމަށް.
      ފުޅަށް އަޅާއިރު، "ކޮޅުވަން" ޖެހުމަށް (ބެއްދުމަށް)
      އަލިފާން ރޯޯކުރުމަށް

5-    ރޯ ފަން:
      ދޯނީގެ ރިޔާ ވިޔުމަށް
      މުޅޯށި، ގޮށި، ވަށި، މުޅި ފަދަ ހިފައި ގެންގުޅޭ ތަކެތި އުފެއްދުމަށް
      ކުޅިވަރުގައި ބޭނުންކުރާ ތަފާތުވައްތަރުގެ ތަކެތި އުފެއްދުމަށް
      އާދައިގެ ގެ ހިޔާކުރާން ނުވަތަ ބިތް ބައްދާއް ތޮށަލި ވިޔުމަށް
      މަސްކަނޑާ ތޮށަލި ވިޔުމަށް
      އިލޮށި މެށުމަށް (އިލޮށިފަތި ހެދުމަށް)
      ފަންކާ ހެދުމަށް
      ތޮފިހެދުމަށް
      ކަނޑިފާރު ބޭހަށް (ފަންވަތު ގުއި ނުވަތަ ފަންވަތުން ކަހާކުނޑި އަކީ ވަރަށް މޮޅު ކަނޑިފާރު ބޭހެކެވެ.)

6-    ބޮންތި (ޅަ ފަން):
      ކުރުވިލި، ގޮން ފަދަ ހިފައިގެންގުޅޭ ސާމާނު ވިޔުމަށް
      ކުޅޭ ސާމާނު (މިޒަމާނުގެ މީހުން ކިޔާ ގޮތަށް ޓޯއީޒް) ހެދުމަށް
      ކުޅިވަރުކުޅޭ ބަށި، ސުވާ ވިޔުމަށް،
      ފަންކާ ހެދުމަށް

7-    ރުކުފަތި (އޮށީގެ ބުރަކަށިފަރާތުންނާއި ދަށްފަރާތުން ނަގާ ހަރު އަދި މަޑު ފަތި):
      މުކައްބަ، ގޮށި، ބަތްޕޮޅި (ހަނޑުފޮޅަން ގެންގުޅޭ)، އެކި ފާޑުގެ ދަޅާއި އެކިއެކި ފެހާމާނު (ހިފައިގެންގުޅޭ ތަކެތި) ހެދުމަށް

8-    ފަންތޮށި (ނުވަތަ އޮށި):
      ގެ ހިޔާކުރާއިރު ފުރާޅުގައި ފަތި އެޅުމަށް
      ކެއްކުމަށް ބޭނުންކުރާ ދަރަށް
      ގޭގޭގެ ބިތް ގެތުމަށް
      ފުޅަށް އެޅުމަށް
      ދޮރުފަތް ހެދުމަށް
      ފުޅަލިގަނޑު ހެދުމަށް

9-    އިލޮށި:
      (ކާތަކެތީގެ މަތީގައި ޖަހާ) މުކައްބަ ވިޔުމަށް
      ކުނިކަހަން ބޭނުންކުރާ އިލޮށިފަތި ހެދުމަށް
      ދަތްކޮއްޓުމަށް
      ދަތް އުނގުޅާ ބުރުހަކަށް
      ކުނިކަހާ ދަތި ހެދުމަށް

10-   އިލާ:
      ގަރުދިޔަ، ރިހާކުރު، ކިރު، ތެޔޮ ފަދަ ތަކެތި ފުރާނާ ފުރޭންޏަކަށް
      އަތްތެރި މަސައްކަތުގެ ބައެއް ބާވަތްތައް ހެދުމަށް

11-    ފުޅަފި:
      ގޭގޭ ބަދިގެއިން އަލިފާން (އަނގުރު) ގެނައުމަށް
      އަލިފާން ރޯކުރުމަށް
      ތަންތަން ކޮނުމަށް
      ކުނިނަގަން ބޭނުންކުރުމަށް
      ކަޅުބިލަމަސް ބާނާއިރު ފެން އެއްލުމަށް (އައިނަށް ލޮނު ވިއްސުމަށް)
      އެދުރުގޭގޭގައި ކިޔަވާ ފިލާތައް ލާން ގެންގުޅޭ ހަރަކަށް
      އެއްޗިހި އަޅާ ކަންވާރަކަށް

12-   އިހާ:
     ކުނިކެހުމަށް (ބޮޑެތި ކުނި)
     އަތްތެރި މަސައްކަތަށް

13-   އިހާގޮނޑި:
     އެއްޗިހި އުނގުޅާ އަދި ކަޑ، ދެލިި ފަދަ ތަކެތި (ދަވާދު) ލާ ފިއްސަކަށް (ބުރުހަކަށް)

14-   ވައްޕާ (އިހަލުގެ އެންމެ އެތިކޮޅެއް):
     ދަތްއުނގުޅާ ބުރުހަކަށް
     އެކިކަންކަމަށް ބޭނުންކުރާ ބުރުހަކަށް (ނުވަތަ ފިއްސަކަށް)

15-  ހިކި ބޮނބި:
     ދަރަށް:
     ގަސްކާނާ އަށް
     ތަކެތި އުނގުޅައި ސާފުކުރުމަށް
     އަތްތެރި މަސައްކަތުގެ ތަފާތު އެއްޗެހި އުފެއްދުމަށް

16-  ރޯ ބޮނބި:
     ރޯނުވެށުމަށް ބޭނުންވާ ނަރު ލިބުމަށް

17-  ބޮނބި ކުނޑި:
    ގަސްކާނާ އަށް

18-  ބޮނބިނަރު:
     ރޯނުވެށުމަށް
     ބައެއް ތަކެތި ފުރޭނުމަށް

19-  ރޯނު:
     ފަންގިވިނުމަށް
     ދޯނިބަނުމަށް
     ދޯނިފަހަރުގެ ވާވެލާވެލި އެޅުމަށް
     ފައިފުހި، ކުނިކަހާ ފިހިގަނޑު ފަދަ ތަކެތި ހެދުމަށް
     ދިރިއުޅުމުގައި ބޭނުންވާ ގިނަ އެއްސުނަތްކާއި ބަނުންތަކަށް
     އަތްތެރި މަސައްކަތަށް

20-  ކާށި:
     ކެއުމުގައި ބޭނުންކުރާ މައިގަނޑު އެއްޗަކަށް
     ސިހުރުހާހޫރަ ހެދުމަށް

21-  ނާށި:
     ބަދިގޭގައި ގެންގުޅޭ އުނދުޅި ފަދަ ގިނަ ކަންވާރުތައް ގެދުމަށް
     ފެން ނަގަން ބޭނުންވާ ތުޅާ، ދާނި ފަދަ ތަކެތި ހެދުމަށް
     މަސްވެރިކަމުގައި ބޭނުންކުރާ "ފެން އެއްލި" ހެދުމަށް
     ދަރަށް
     އަތްތެރި މަސައްކަތަށް


މި ދަންނަވައިލެވުނީ ދިވެހީން ރުކުގެ ބައިތަކުން ކޮށްއުޅުނު ބޭނުންތަކުގެ ތެރެއިން ހަމަ ކުއްލިޔަކަށް ހިތަށް އައި ބޭނުންތަކާއި ތަކެއްޗެވެ. ބައެއް ތަކެއްޗާއި ބޭނުންތަކެވެ. މިޔަށްވުރެ މި ދާއިރާ މާ ފުޅާވާނެކަން ކަށަވަރެވެ. އޮޑި ދޯނި ފަހަރުގެ ރިޔަލާއި ދޯނި ބަނުން ފިޔަވައި އެހެން ކަންކަމާއި ތަކެއްޗަކީ އަޅުގަނޑު ވެސް ދެކެ ތަޖުރިބާކޮށްފައިވާ ތަކެއްޗެވެ. އެހެންކަމުން ދިވެހި ސަގާފަތުގައި ހިމެނިފައިވި މިދެންނެވި ފަދަ އުފެއްދުންތެރިކަމާއި ފުދުންތެރިކަމުގެ މަޢުލޫމާތު މި ޖީލުގެ ދަރީންނަށް ވާޞިލުކޮށްދިނުމަށް ޓަކައި އަޅުގަނޑަށްވެސް ލިބި ހުރި މަޢުލޫމާތެއް ޙިއްޞާކޮށްލީއެވެ. މި ދާއިރާއިން އިތުރު ލިޔުންތައް ތަޖުރިބާކާރު ލިޔުންތެރީން ލިޔުއްވުމަށް ދަޢުވަތު އަރުވަމުންނެވެ.
----------------------------
(ނިމުނީ)
މިލިޔުން:
   ފޮނުވުން:       ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   އަލުންބެލުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ