އަދުގެ ޚާއްސަ

Print

ހާސްކަން ކަނޑުވާނީ ކިހިނެއް؟ (1)

ޝާޢިއުކުރީ ބިންމާ އިބްރާހީމް ވަޙީދު . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..

ބިންމާ އިބްރާހީމް ވަޙީދު

ހާސްކަމަކީ، އޭގެ ސަބަބުން ކިތަންމެ ކަމަކަށް ހުރަސްތައް ކުރިމަތިވާ ކަމެކެވެ. ކުރަން ހުންނަ ކަންތައް ނުކުރެވުމާއި، ކަންތައްތައް ބޮއްސުންލުމާއި، ފަހު ވަގުތު އަތުންފައިން ގޯސް ވެސް ހެދޭކަމެކެވެ. ޙަޤީޤަތުގައި، ހާސްވާން މެދުވެރިވާނީ ދެ ސަބަބެކެވެ. އެއީ، ޖިސްމާނީގޮތުން މައްސަލައެއް ދިމާވެފައި ހުރުން ނުވަތަ ނަފްސާނީގޮތުން ތިމާ އަށް ތައްޔާރުނުވެވުމެވެ. ފުރަތަމަ ކަންތައް ޙައްލުކުރުމަށްޓަކައި ޑޮކްޓަރެއްގެ އެހީ ބޭނުންވާނެ އެވެ. އެހެންނަމަވެސް، ނަފްސާނީގޮތުން އެ މީހާ ތައްޔާރުވުމަށްޓަކައި، އަމިއްލަ އަށް ކުރެވިދާނެ ކަންތައްތަކެއް ވެސް ހުރެއެވެ. މި ފަހަރު މި ބަލައިލަނީ އޭގެތެރެއިން ބައެއް ކަންތައްތަކަށެވެ.
   
ހޭލަން އޮންނަ ގަޑިއަށް ވުރެ، ވިއްސަކަށް މިނެޓް ކުރިން ތެދުވުމަކީ، ތެޅިފޮޅިނުގަނެ، ކުރަން ހުންނަ ކަންތައް ކުރެވިދާނެ ކަމެކެވެ. އަދި އިރުކޮޅަކު ނިދާލަން، އަދި އިރުކޮޅަކު އަރާމުކޮށްލަން ނޯވެ، ދުރާލައި ތައްޔާރުވާންފަށާށެވެ. ތައްޔާރުވެގެން ގެއިން ކިތަންމެ ކުރިން ނުކުމެވުނަސް، މަގުމަތީގެ ޓްރެފިކް އޮންނާނެ ގޮތެއް ނޭނގޭނެ އެވެ. ބައެއް މަގު ބަންދުވެފައި އޮވެދާނެ އެވެ. ހުއްޓާފައި އޮންނަ ކާރެއް ނުވަތަ ޕިކަޕެއްގެ ސަބަބުން، ކުރިއަށް ނުދެވިފައި ހުންނަންޖެހިދާނެ އެވެ. އެކްސިޑެންޓެއްގެ ސަބަބުން މީހުން އެއްވެފައި އޮވެދާނެ އެވެ. މިހިރީ ކުރިއަށް ވިސްނަންޖެހޭ ކަންތައްތަކެވެ.
   
ހެނދުނު ހޭލައިގެން އޮފީހަށް ނުވަތަ ސްކޫލަށް ދިޔުމުގެ ކުރިން ކުރަން ކަމެއް ނުބާއްވާށެވެ. ނިދަން އޮށޯތުމުގެ ކުރިން، ހެނދުނަށް ތައްޔާރުވާށެވެ. އިސްތިރިކުރަން އޮންނަ ހެދުން އިސްތިރި ކޮށްފައި ނިދާށެވެ. ޕާން ވެސް ރޭގަނޑު ގަނެފައި ބަހައްޓާށެވެ. ދަރިފުޅަށް ބޭނުންވާ އިންޓަރވަލާއި، ސައިކަލަށް އަޅަން ބޭނުންވާ ޕެޓްރޯލް ވެސް އަޅާފައި ނިދަން އޮށޯންނާށެވެ. ދުވާލު ކުއްލިއަކަށް ޖެހޭ ކަންކަން ނިންމަން މާގިނަ ވަގުތުދާނެ އެވެ.
   
އެއްގޮތަކަށް ވެސް ގަޔަށް ބާރު ހެދުން ނުލާށެވެ. ހެދުމުގެ ސަބަބުން، ހިނގަން ނުވަތަ އިށީންނަން އުނދަގޫވާ ވަރު ނުކުރާށެވެ. ޓައީ އަޅައިގެން މަސައްކަތް ކުރާނަމަ، ހުސްވަގުތެއް ލިބޭއިރަށް، ކުޑަކޮށް ޓައީ ދޫކޮށްލާފައި ބަހައްޓާށެވެ. ގިނަ ވަގުތު ބޫޓަށް އަރައިގެން އުޅެންޖެހޭ ނަމަ ވެސް، ލިބޭ ހުސްވަގުތުގައި، ނާޑުވާ ކުޑަކޮށް ދޫކޮށްލާފައި ބަހައްޓާށެވެ.
   
އޮފީހުގައި ބުރަކޮށް އުޅެންޖެހިފައިވާ މީހެއް ނަމަ، އެޕޮއިންޓްމަންޓްތައް ކުރިއަށް ރާވާށެވެ. އަބަދު ވެސް ވިސްނާށެވެ. ރައްކާވެތިބިއްޔާ ދަތުރެވެ. ކުއްލިކުއްލި އަށް ކަންކަންޖެހޭނެ އެވެ. ހުރިހާ ކަމެއް ހަނދާންހުންނާނެކަމަށް ނުވިސްނާށެވެ. ލިޔާށެވެ. ވެރިޔާއާ ބައްދަލުކުރަން ބޭނުންވިޔަސް، ސްޓާފް މީޓިންއަކަށް ދިޔަސް، ފޮތެއް ގެންގުޅޭށެވެ. ހަނދާން ހުންނާނެކަމަށް އެއްވެސް ކަމެއް ދޫކޮށް ނުލާށެވެ. ހަނދާންނެތޭނީ އެންމެ މުހިންމު ކަންތަކެވެ.
   
ހާސްވުމުން އެންމެ ފަސޭހައިން ހަނދާންނެތޭ އެކައްޗަކީ ތަޅުދަނޑި އެވެ. ނުވަތަ ތަޅުދަނޑި ބޭއްވޭ ތަނެވެ. ބައެއް ދޮރަކީ، ބޭރަށް ނުކުމެފައި ލެއްޕުމުން ތަޅުލެވޭ ގޮތަށް ހުންނަ ދޮރެވެ. ސައިކަލު ތަޅުދަނޑި އަކީ، ގެ އަށް ވަނުމާއެކު، ކޮންމެވެސް ތަނެއްގައި ބޭއްވޭ އެއްޗެކެވެ. އެންމެ ރަނގަޅު ބުއްދި އަކީ، ކޮންމެ ތަޅުދަނޑިއެއްގެ ވެސް ޑަބަލް ކީ ހެއްދުމެވެ. އަދި އާންމުކޮށް، އެއް ތަނެއްގައި ތަޅުދަނޑި އާއި ފޯނު ފަދަ އެއްޗެހި ބަހައްޓަން އާދަކުރުމެވެ.  އޭގެ އިތުރަށް، އާންމުކޮށް ދިއްލާ ވައްތަރުގެ އިތުރު ހޮޅިބުރިއެއް ނުވަތަ ބޮތްކެއް ގަނެފައި ބާއްވާށެވެ. ފާޚާނައިގަ ދިއްލާފައި ހުންނަ ވައްތަރުގެ އިތުރު ބޮތްކެއް ވެސް ރައްކާކޮށްފައި ބާއްވާށެވެ.
   
އޮފީހުގެ ހުރިހާ ކަންތައް އަމިއްލަ ބޮލުގައިނާޅާށެވެ. އަދި، ކުރަން ބުނާ ހުރިހާ ކަންތަކަށް އާނއެކޭ ނުބުނާށެވެ. ބައެއް ކަންކަމަށް "ނުވާނެ" ބުނަން އާދަކުރާށެވެ. ރައްޓެހިންނަށް ކަންތައްތައް ކޮށްދޭންޖެހޭނެ އެވެ. ރަނގަޅު ވާހަކައެކެވެ. އެކަމަކު، ހުރިހާކަމެއް ކުރަން ކުރިމަތިނުލާށެވެ. ތަންކޮޅެއް ގިނައިން "ނޫނެކޭ" ބުނާށެވެ.
   
އިންސާނާ މަރުނުވާހާ ހިނދަކު، ކުރަން ހުންނަ ކަންތައްތައް ހުހެއްނުވާނެ އެވެ. ވިސްނާލަންޖެހޭ ނުކުތާ އަކީ، ކިތަންމެ އަވަސްކުރިޔަސް، ހުރިހާ މަސައްކަތެއް ނުނިމޭނެ ކަމެވެ. އެންމެ މޮޅުގޮތަކީ، މުހިންމުކަންތަކަށް އިސްކަންދީގެން، އެ ތަރުތީބުން ކަންކަން ނިންމަމުން ގެންދިޔުމެވެ. ކަމެއް ފައްޓަން ވިޔަސް ގެންގުޅެންވާނީ އެ އުސޫލެވެ. އެއް ފަހަރާ ތިން ހަތަރު ކަންތައް ނުފަށާށެވެ. ކުރަވޭ ވަރުން ކުރަމުން ގެންދާށެވެ.
   
ޚިޔާލެއް އަހަން ބޭނުންވިޔަސް، ނުވަތަ ކަމަކަށް އެދެން ބޭނުންވިޔަސް، މާޔޫސްވެފައި ތިބޭ މީހުން ގާތަށް ނުދާށެވެ. ކަންކަމާ މާބޮޑަށް ދެރަވެފައި ތިބޭ މީހުންގެ ކައިރިން، ތިމާގެ ދިރިއުޅުމުގެ ކަންކަމަށް ޚިޔާލުނުހޯދާށެވެ. އެހެންނޫނީ ލިބޭނީ އިތުރު ހާސްކަމެކެވެ.
   
އަބަދު ވެސް ބުއްދީގެ ބޭނުންކޮށްގެން، ވަގުތުގެ ބޭނުން އެންމެ ފައިދާހުރި ގޮތުގައި ހިފާށެވެ. ވަގުތު ބޭކާރުނުކުރާށެވެ. ކަމެއް އެންމެ ފުރިހަމަ އަށް ކުރެވޭނެ ވަގުތު ނެތްކަން އެނގޭ ނަމަ، އެކަމަކާ ކުރިމަތިލުމުގެ ބަދަލުގައި، ކަން ކުރެވޭނެ ގޮތަށް ކުރަން ވިސްނާށެވެ. އެހެންނޫނީ ކަން އޮންނާނީ ނުނިމި އެވެ. ދެންޖެހޭނީ ހާސްވެގެން ތެޅިފޮޅޭށެވެ.
   
ޑަބަލް ތަލުދަނޑި ހައްދާފައި ބާއްވާހެން، މުހިންމު ލިޔެކިޔުންތަކުގެ ވެސް، ޑަބަލް ކޮޕީ ހައްދާފައި ބަހައްޓާށެވެ. އޭރުން އަސްލު ނުފެންނަ ފަހަރު، ކޮޕީއިން ފުއްދާލެވޭނެ އެވެ. އުފަންދުވަހާއި، އިމްތިޙާނުތަކުގެ ސެޓްފިކެޓް ފަދަ ލިޔެކިޔުންތަކަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެ އެވެ.
   
އަވަހަށް ހާސްވާ މީހުން، ކެއުމުގައި ވެސް ފަސޭހަ ގޮތްތަކެއް ގެންގުޅެވިދާނެ އެވެ. މިސާލަކަށް، އާދައިގެ ވަރަކަށް ކެއުމާއި، ކާއެއްޗިއްސަކީ، ފަސޭހައިން ހެފޭ، ދިރުވޭ، ހަޖަމުވާ އެއްޗިހިތޯ ބަލައިގެން ކާށެވެ. ބޯންވާ ވަރަށް ފެންބޯށެވެ. މާބޮޑަށް ފިނި ނުވަތަ ހޫނު އެއްޗެހި ނުކާށެވެ. އޭގެން ކޮންމެ އެއްޗަކީ ވެސް، އަވަހަށް ކާންއުޅެފި ނަމަ، އޭގެ ސަބަބުން އުނދަގޫތައް ކުރިމަތިވާނެ އެއްޗިއްސެވެ.
   
ތިމާ އަށް ބޭނުންވާނެ ކަންތައްތައް ކުރިއަށް ލަފާކުރާށެވެ. ދަތުރު ދާނަމަ، އެވެނި މިވެނި އެއްޗެއް ބޭނުންވެދާނެކަން ދަންނާށެވެ. ކާންއިށީންނައިރު ފެންތަށްޓެއް ކައިރީގައި ބަހައްޓައިގެން އިށީންނާށެވެ. އަބަދު ވެސް ދުރަށް ވިސްނައިގެން އުޅުމަކީ، ހާސްވުން ކުޑަކޮށްދޭނެ ކަމެކެވެ. އެއްޗެއް ގަންނަން ނުކުންނައިރު، ވޮލެޓްގައި ފައިސާ ނުވަތަ ކޭޝް ކާޑު އޮތްކަން ޔަގީންކުރާށެވެ. ފާޚާނާގައި ފެންބަންދެއް ނެތް ނަމަ ހަރުކުރާށެވެ. އިސްކުރެއް ހަލާކުވެގެން ނުވަތަ ނައްޓައިގެން ދިޔުމުން، ދެން ހަދާނެގޮތެއް ނޭނގިގެން ދުވާކަށް ނުޖެހޭނެ އެވެ. ވިއްސާރަކޮށް އޮންނަ ނަމަ، ވިއްސާރަ ކޯޓެއް ނުވަތަ ކުޑައެއް ހިފައިގެން ނޫނީ ގެއިން ނުނިކުންނާށެވެ. ހަނދާންކޮށް، ކުރި އަށް ތައްޔާރުވާށެވެ.
   
ގޭގައި ހުންނަ، ރަނގަޅަށް މަސައްކަތްނުކުރާ ހުރިހާ އެއްޗެއް މަރާމާތުކުރަން އާދަކުރާށެވެ. އޭގެ ބޭނުން ނުޖެހުނަސް ވެސް، ހަލާކުވެފައިހުރިކަން އެނގެންޏާ، ކުރީބައިގައި ހަދާފައި ބަހައްޓާށެވެ. ކަރަންޓު ނުދިޔަސް، ބައްތި ނުދިއްލޭ ނަމަ، އެއީ ކީއްވެގެންތޯބަލައި، މަރާމާތުކުރާށެވެ. އަބަދު ވެސް، ބައްތީގައި، ބާރުހުރި ބެޓެރި ހުރިކަން ޔަގީންކޮށްފައި ބަހައްޓާށެވެ. އެއް އުއްބައްތި އާއި އެއް ލައިޓަރު ގެންގުޅެން އާދަކުރާށެވެ.
   
ދިރިއުޅުމުގައި ކަންތައް ދިމާވާގޮތުން، އަދާކުރާހިތް ނުވާ ކަހަލަ ވަޒީފާއެއް އަދާކުރަންޖެހިއްޖެ ނަމަ، އެހެން މީހުންގެ އެހީ ހޯދައިގެން އުޅެން ފަރިތަކުރާށެވެ. ނޭނގޭކަންތައް، އަމިއްލަ އަށް ކުރަން ނުވިސްނާށެވެ. އަދި، ބޮޑެތިކަންތައް ބައިތަކަކަށް ބަހާލައިގެން ކުރަން އާދަކުރާށެވެ. އެހެން އުޅޭއިރު ދިމާވާ މައްސަލަތަކުން ހިތް މާޔޫސްވިޔަ ނުދޭށެވެ. ކޮންމެ ނާކާމިޔާބަކީ ގޮންޖެހުމެކެވެ. ކާމިޔާބަށް މަގުފަހިކުރުވާ ތަޅުދަނޑިއެކެވެ. އެއީ، ދުނިޔޭގެ ކާމިޔާބު ވެރިން ވެސް ގެންގުޅުއްވާ ފަލްސަފާއެކެވެ. މިހެން ވިސްނާށެވެ. ބައެއް ކަންކަން ދަސްވާނީ، "މިސްޓޭކް" ހެދިގެންނެވެ.
   
ހިނިތުންވުމަކީ އާދައަކަށް ހަދާށެވެ. ރުޅިއައިސް، ފުސްމޫނު ހަދައިގެން ނުހުންނާށެވެ. ހިތްދަތިވާ، އަނިޔާވެރި، ރަހުމްކުޑަ މަންޒަރުތައް ހުންނަ ފިލްމް ނުބަލާށެވެ. ބައެއް ޙަޤީޤަތްތަކަކީ، ބަލަން ކަމުދާ ކަންކަމެއް ނޫނެވެ. ހަމަ އެ ގޮތަށް، ބައެއް ކަންތައްތަކަކީ، މުހިންމުހެން ހީނުވިޔަސް، ވަރަށް މުހިންމު ކަންތައްތަކެވެ. ތުއްތުކުދިން ދެކެ ލޯބިވާށެވެ. ފެނިއްޖެ ނަމަ އުރާލާށެވެ. ގިލިގިލިކޮއްޓާލާށެވެ. އެ ކުދިންގެ ހުނުމުގެ އަޑަކީ، ސިކުނޑި އަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ.
   
އޮޅު ބުޅަލެއް ނުވަތަ މުސަޅެއް ކަހަލަ އެއްޗެއް ފެނިއްޖެ ނަމަ، ފިރުމާލާށެވެ. ރަހުމްކުރާށެވެ. ހަނދާންކުރައްޗެވެ. ލޯބި ދެންޏާ ލިބޭނީ ލޯތްބެވެ. ނަފްރަތުކުރަންޏާ ލިބޭނީ ނަފްރަތެވެ. ހަޔާތާއި އެކޯ އާއި އެއްގޮތްވާ ސަބަބަކީ އެއީ އެވެ. އެކޯ އަކީ، އިވޭ އަޑެއް އަލުން ތަކުރާރުވުމެވެ.
   
އެއްވެސް އިންސާނަކަށް ހުރިހާ ސުވާލެއްގެ ޖަވާބެއް ނޭނގޭނެ އެވެ. އޭގެ މާނަ އަކީ، ބައެއް ސުވާލަށް ދޭނެ ޖަވާބު ތިމާއަކަށް ވެސް ނޭނގޭނެ އެވެ. އެކަން ހަނދާންކުރައްޗެވެ. އޭރުން، ކަމެއް ތިމާ އަށް ނޭނގިގެން ލަދުން މަރުވާކަށް ނުޖެހޭނެ އެވެ. ސިކުނޑި އަށް ނުކަތާ ވަރަށް ކަންކަން ހަނދާންބަހައްޓަން އުޅޭކަށް ވެސް ނުޖެހޭނެ އެވެ.
   
ހަޔާތަކީ، އުސްތަކާއި އަޑިތަކުން ފުރިފައި އޮންނަ މަގެކެވެ. ކިތަންމެ ވިސްނައިގެން އުޅުނަސް، ހިތާމަތަކާ ކުރިމަތިލާންޖެހޭނެ އެވެ. އެހެންވިޔަސް، މާޔޫސްނުވާށެވެ. އެއް ދޮރު ބަންދުވާއިރަށް ހަތް ދޮރު ހުޅުވޭނެ އެވެ. އިންސާނުންގެ ސިކުނޑި އަކީ، ހައިރާންވާހާ ބާރުގަދަ އެއްޗެކެވެ. މަގު ކިތަންމެ ދިގަސް، ކޮންމެ މަގެއްގައި ވެސް ކޮޅެއް އޮންނާނެ އެވެ.
   
ކޮންމެ ދުވަހަކު ވެސް، މީހަކު އުފާވާ ކަހަލަ އެއްޗެއް ބުނައްޗެވެ. ލައިގެން ހުންނަ ހެދުން ރީއްޗޭ ބުނެލިޔަސް ފުދޭނެ އެވެ. ކަމެއް ކޮށްދިނުމުން ޝްކުރިއްޔާ ނުވަތަ ހާދަ ރަނގަޅޭ ވެސް ބުނެވިދާނެ އެވެ. މީހުންނަށް އިޚުތިރާމް ކުރުމަކީ، ވެސް، އަނެއް މީހާ އަށް ކޮށްދެވޭ ހެޔޮކަމެކެވެ. މީހުންދެކެ ރުޅިނައުމަކީ ވެސް ހަމަ އެ ފަދަ ކަމެކެވެ.
  
ކުޑަކުއްޖަކަށް ކަމެއް ދަސްކޮށްދޭށެވެ. ފަތަން ދަސްކޮށްދިނަސް، މަޑިއެއް ހަދަން އެހީވިޔަސް، އަކުރެއް އަޅަން ދަސްކޮށްދިނަސް، އެ ކުރެވުނީ ވެސް ވަރަށް ބޮޑު ކަމެކެވެ. ނުވަތަ ބައިސްކަލު ދުއްވަން ދަސްކޮށްދިނަސް، ހިނގަން ދަސްކޮށްދިނަސް ހިތަށް ހަމަޖެހުން ލިބޭނެ އެވެ.
   
ވާރޭ އަކީ، ވެހެން ފެށުމުން އެ އަށް ފިލަން ނުވަތަ ހިޔާވާން މީހުން ދުވާ އެއްޗެކެވެ. އޭގެ ބަދަލުގައި، ބައެއް ފަހަރު ވާރެއާ ތެމިލާށެވެ. އެހެން ހުރިހާ ފިކުރުތަކެއް ހުސްކޮށްލާށެވެ. މި ކިޔާދެވުނީ، އާންމުކޮށް ކަންކަމާ ހާސްވާ މީހުންނަށް، ހާސްކަމުން ސަލާމަތްވުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަމެވެ. ލިސްޓު އަދި ހުސްވާން ކައިރިނުވެ އެވެ. އިންތިޒާރު ކޮށްލާށެވެ. މީގެ ދެ ވަނަ ބައި ވަރަށް އަވަހަށް އަންނާނެ އެވެ.  

  ----------------
   (ނިމުނީ)



މި ލިޔުން:

      ފޮނުވުން:    އަލްފާޟިލް ބިންމާ އިބްރާހީމް ވަޙީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
      އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް
.

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ