އަދުގެ ޚާއްސަ

Print

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިވެހި

ދިވެހި އަދަބީ އުދަރެހުން އެރި ފަތިހުގެ ތަރި



ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. ޢުމުރުފުޅުން އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ދައުލަތުން ދެއްވި އެވެ.

ނަސަބުފުޅު


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހިރާއްޖެ ދުށް އެންމެ ޢިލްމުވެރި ޚާންދާނުކަމުގައިވާ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން އަލްކަބީރު، ބޮޑުފަނޑިޔާރުތަކުރުފާނުގެ ދަރިކޮޅަށާއި، ދިޔަމިގިލީ ރަސްދަރިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ބައްޕާފުޅަކީ، އަލްޙާފިޡް މުޙައްމަދުލްމިޞްރީގެ ފުތް އެދުރު ޙަސަން ނާއިބު ރަނަހަމާދި ތަކުރުފާނުގެ ފުތް އައްޝައިޚް އަލްފަޤީހް އަލްޤާޟީ މުޙައްމަދު ޝަމްސުއްދީން ބޮޑުފަނޑިޔާރު ތަކުރުފާނުގެ ދަރިކަނބަލުން އަލްޙާފިޡާ ބޮޑު ފާޠިމާފާނުގެ ދަރިކަނބަލުން ޒުލައިޚާބީގެ ދަރިކަނބަލުން އަތިރީ ޙައްވާބީގެ ދަރިކަނބަލުން އަތިރީ ކަމަނާއާ، އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅިނަހާ) ގެ ފުތް ފަސްމަންދޫ އަލްވަޒީރު ޙަސަން ބޮޑު ހަކުރާ ތަކުރުފާނު ކައިވެނި ބައްލަވައިގެން، މި ދެކަނބަލުންނަށް ލިއްބެވި ފާޠިމާ މާވާކިލެގެފާނުގެ ދަރިކަނބަލުން ޢާއިޝާ ކަނބާފާނުއާ، އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނުގެ ދަރިކަލުން އައްސުލްޠާން އިބްރާހީމް އިސްކަންދަރު (2 ވަނަ) ކައިވެނިފުޅު ބައްލަވައިގެން، މި ދެކަނބަލުންނަށް ފުރަސޫތާވި ދަރިކަނބަލުން ޢާއިޝާ ރަންދިކަނބާފާނުގެ ދަރިކަނބަލުން މާވާ މަރްޔަމްދީދީގެ މާވާ ޙުސައިންދީދީގެ އާމިނާ މެދު ދީދީގެ ބޮޑުގަލު މޫސާ ދީދީއެވެ.

ޞަލާހުއްދީންގެ މަންމާފުޅަކީ ދަރަވަންދޫ ޙުސައިން އެދުރުކަލޭފާނުގެ ޒަކަރިއްޔާކަލޭފާނުގެ މުސާކަލޭފާނުގެ، ދަރަވަންދޫގޭ ތުއްތު މަނިކެ އެވެ.

ޞަލާހުއްދީންގެ ތަޢުލީމީ ޙަޔާތްޕުޅު

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާހުއްދީނު ކިޔަވައިވިދާޅުވީ ދިވެހިރާއްޖެއިންނެވެ. އޭރު ރާއްޖޭގައި ތިއްބެވި އެންމެ ބޮޑެތި ޢިލްމުވެރިންގެ އަރިހުންނެވެ. ޞަލާހުއްދީންގެ ފުރަތަމަ އުސްތާޒަކީ އަލްފަޤީހު އިބްރާހީމް ބިން ޙުސައިން ތަކުރުފާނު (އައްޑު މީދޫ އައިސާބީ ގެދަރު ދޮންބެއްޔާ) އެވެ. އޭގެ ފަހުން ކިޔަވައި ވިދާޅުވީ އައްޝައިޚު މުޙައްމަދު ޖަމާލުއްދީން (ނައިބު ތުއްތު) ގެ އަރިހުންނެވެ. 


ދައުލަތަށް ކުރެއްވި ޚިދުމަތް

ޙުސައިން ޞަލާޙުއްދީނު ދައުލަތަށް ޚިދުމަތް ކުރަން ފެއްޓެވީ ޢުމުރުން 18އަހަރުފުޅުގައެވެ. ފުރަތަމަ ލިބިވަޑައިގަތީ ދައުލަތުގެ ބަންޑާރަ ނައިބުކަމެވެ. އެއީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (6)ގެ ރަސްކަމުގައެވެ. އެމަޤާމުގައި ހުންނަވަނިކޮށް، އެރަސްކަން ބަދަލުވެ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3) ދެވަނަފަހަރަށް ތަޚުތުގައި ވެޑުވުނެވެ. އެރަސްކަމަށް ކޮލިލެވިގެން އަހަރުތަކެއްނުވެ ޞަލާޙުއްދީނާއި ފަޑިޔާރުކަމާ މަތިކުރެއްވިއެވެ. އެއީ، 4 ރަޖަބު 1347ހ. (17 ޑިސެމްބަރު 1927މ.) ވީ ހޯމަދުވަހުއެވެ. ޝަމްސުއްދީނުގެ ރަސްކަމުގައި، ދިވެހި އުއްމަތުގައި ދުސްތޫރީ ޙުކޫމަތެއް ޤާއިމުވެ 22 ޑިސެމްބަރު 1932ގައި ޤާނޫނު އަސާސީ އިޢުލާންކުރުމާއި ގުޅިގެން، އެޤާނޫނުގައި ބަޔާންވެގެންވާ ވަޒިރުލް ޙައްޤާނިއްޔާ ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވީ ޙުސައިން ޞަލާޙުއްދީން އުއްތަމަ ފަޑިޔާރު މަނިކުފާނެވެ.

ދުވަސްކޮޅެއްގެ ތެރޭގައި ޤާނޫނީ ފުރަތަމަ ސަރުކާރު އުވިގެންދިޔައެވެ. އަދި ޤާނޫނު އަސާސީއަށްވެސް ބަދަލުތަކެއްއައެވެ. އުވިގެންދިޔަ ބައެއް މަޤާމްތެރޭގައި ވަޒީރުލް ޙައްޤާނިއްޔާކަމުގެ މަޤާމުވެސް އުވުނެވެ. އަދި ފަހުން ރަސްކަންވެސް ބަދަލުވެގެން ދިޔައެވެ. ދެން ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2)އެވެ. (1935މ. އިން 1943މ.އަށް)
އާދެ! ޙަސަން ނޫރައްދީނުގެ ރަސްކަމުގައިއައި، 18 މުޙައްރަމު 1355ހ. (11 އެޕުރީލް 1936މ.) ގައި ޞަލާޙުއްދީނާއި އުއްތަމަ ފަޑިޔާރުކަމާއި މަތިކުރެއްވިއެވެ. އެދުވަހުން ފެށިގެން އެމަނިކުފާނު އަވަހާރަވުމަށް ދާންދެން އުއްތަމަ ފަޑިޔާރަކީ އެމަނިކުފާނެވެ. ދައުލަތަށް ޚިދުމަތްކުރުމުގެ ގޮތުން ގިނަ ރޮގުތަކެއްގައި، އެމަނިކުފާނަށް އުޅުއްވަން ޖެހިވަޑައިގަތެވެ. ދިވެހި ސަރުކާރުން ފުރަތަމަ އުފެއްދެވި ސްކޫލް، މަދަރުސަތުއް ސަނިއްޔާ (ފަހުން މަދްރަސަތުލް މަޖީދިއްޔާ، ނުވަތަ މަޖީދިއްޔާ ސްކޫލް) ހުޅުވާލެވުނީ، އެމަނިކުފާނު އެތާންގެ ނާޡިރަކަށް ހުންނަވައިގެންނެވެ. އެއީ 17 ޛުލްޙިއްޖާ 1346ހ. (1927މ.) ގައެވެ. ދިވެހި ރާއްޖެގެ ދުސްތޫރީ ޙުކޫމަތެއް ޤާއިމު ކުރެއްވުމަށް، ޤާނޫނު އަސާސީ ލިޔެ އެކަށައެޅުމަށް މުޙައްމަދު ޝަމްސުއްދީނު ރަދުން އުފެއްދެވި މަޖުލިސްގެ އެއް މެމްބަރަކު ކަމަށާއި އަދި އެމަޖުލިސްގެ ސެކްރެޓަރީއަކުކަމަށް ރަދުން ޢައްޔަން ކުރެއްވީ އެމަނިކުފާނެވެ. ދިވެހި ރާއްޖެގެ ތާރީޚުލިޔެ އެކަށައެޅުމަށް ދައުލަތުން އެކަށައެޅުއްވި ކޮމެޓީތަކުގެ އިސް މެމްބަރުކަމާއި، ދައުލަތާއި ޝަރީޢަތް ހިންގުމުގައި މަހާރަދުންނަށް ލަފާދެއްވާ ބޭފުޅަކުކަން، އަދި ދިވެހި ބަހާއި އަދަބަށް ޚިދުމަތްކުރުމަށް ސަރުކާރުން އެކިފަހަރުމަތިން އެކަށައެލުއްވި ކޮމެޓީތަކުގައި މުސްތަޝާރަކަށް، ނުވަތަ ރައީސަކަށް އެމަނިކުފާނު ޚިދުމަތް ކުރެއްވިއެވެ.

ތަޢުލީމީ ޚިދުމަތް


ދިވެހި ދަރީންނަށް ދީނީ ޢިލްމު އުގަންނައި ދެއްވުމުގައި އެމަނިކުފާނުގެ މުޅި ޙަޔާތްފުޅު ހޭދަކުރައްވައި އެކަމުގައި އުފުއްލެވި ބުރަތަކަކީ، ދިވެހި ރާއްޖޭގެ ދިގު ތާރީޚުގައި ވަރަށް މަދުމީހަކުވެސް ކޮށްފައި ނުވާފަދަ ޖިހާދެކެވެ. މިކަމުގެ ނަތީޖާއެއްގެގޮތުން ޢިލްމު އުގެނިގެންތިބި ދިވެހި ދަރިންތަކެއް މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި އުފެދިގެން ދިޔައެވެ. އަދި ކީއްތޯއެވެ. އެމަނިކުފާނުގެ އަރިހުން ދަރިވަރުވެގެންނާއިއެކު މަތީ ތަޢުލީމު ހޯއްދެވި ޢިލްމުވެރިންތަކެއްވެސް އުފެދިގެން ދިޔައެވެ. އޭގެތެރޭގައި ފަޟީލަތުއްޝައިޚު ޙުސައިން ރަހާ، ފަޟީލަތުއްޝައިޚު މުޙަންމަދު ވަހީދު ނައިފަރު، ފަޟީލަތުއްޝައިޚު އިބުރާހިމް ލުޠުފީ، ފަޟީލަތުއްޝައިޚު އަބުދުﷲ ފަހުމީ (ފަހުން ޢަބުދުﷲ ޖަލާލުއްދީނު) ފަޟީލަތުއްޝައިޚު މުޙައްމަދު ސަޢީދު ދީދީ، މިއިން ކޮންމެ ބޭފުޅަކީ، ޙުސައިން ޞަލާޙުއްދީނުގެ އަރިހުން ދަރިވަރު ވެގެން، މިޞްރަށް ވަޑައިގެން ޖާމިޢުލް އަޒުހަރުން ތަޢުލީމު ނިންމެވި ޢިލްމު ވެރީންނެވެ. އިސްވެ ދެންނެވި ބޭފުޅުންގެ އިތުރައްވެސް، އަޅުގަނޑުމެންގެ ރާއްޖެދުއް ޢިލްމުވެރީންތަކެއްގެތެރޭ އެމަނިކުފާނުގެ ދަރިވަރުންކަމުގައިވި، އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ، އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، އައްސައްޔިދު އަބުދުލް ޤައްޔޫމު ދޮންސީދީ، އައްނަބީލު މަލިން މުޙައްމަދު ދީދީ، އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނު، އައްސައްޔިދު ކަޅުހުރާގޭ ތުއްތު ސީދީ، އައްޝައިޚު މުޙައްމަދު ނަސީރުމަނިކު، އައްޝައިޚު އަބުދުﷲ ދީދީ (ދަރަވަންދޫގޭ) އަލްފާޟިލް ޢަބުދުލް ޙަކީމް ކާންނާ ކަލޭފާނު، މިބޭބޭފުޅުން ހިމެނެއެވެ. މީގެތެރެއިން، އަޙުމަދު ކާމިލްއާއި ޙުސައިން ޙިލްމީ ފިޔަވައި އެހެން ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެތާކުން ކިޔަވައި ވިދާޅުވުމެއްނެތި، ޢިލްމުވެރީންގެ ސަފުގައި ހިމެނުނު ބޭފުޅުންނެވެ.

ދިވެހިން ހެއިލުންތެރިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތަކުގެ ތެރެއިން


ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޒަމާނަކީ، އަދި އެމަނިކުފާނު މި ދިވެހި ފަސްގަނޑުގައި އުޅުއްވި ދުވަސްވަރަކީ، ދިވެހީންގެ އާއްމުންގެ ތެރޭގައި މާ ބޮޑު ހޭލުންތެރިކަމެއް އޮތް ޒަމާނެއް ނޫނެވެ. ކުތުބުޚާނާތަކެއް ނެތެވެ. މާގިނަ އިލްމުވެރިންނަކާއި އިލްމީ ފޮތްތަކެއް ނެތެވެ. އިލްމީ ބަހުސްތަކަކާއި ދިރާސާކުރުންތަކެއް ނެތެވެ. އިލްމީ ވާހަކަތަކެއް އާއްމުންގެ މެދުގައި ދެއްކުން އެއީ ނެތް ކަމެކެވެ. މިފަދަ ޒަމާނެއްގައި، އަދި ކަރުދާހާއި ގަލަން ފަދަ ލިޔެކިޔުމަށް ބޭނުންކުރާ ވަސީލަތްތައް ވެސް މަދު ޒަމާނެއްގައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ދިވެހިން އިލްމުގެ މައިދާނަށް ލޯހުޅުވައިދެއްވުމަށް ކުރެއްވި ހިއްމަތާއި މިންނަތަކީ ދިވެހި ގައުމު ދެމި އޮތް ހައި ހިނދަކު، އެމަނިކުފާނަށް ޝުކުރުވެރިވުން ޙައްޤުކަމެކެވެ.

ދިވެހިން ހޭލުންތެރިކުރެއްވުމަށް ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން ކުރެއްވި އެންމެ މުހިއްމު އެއް މަސައްކަތްޕުޅަކީ އުރުދޫބަހާއި ފާރިސީބަހާއި އަރަބިބަހުން ހުރި މޮޅު އަދި އިބްރަތްތެރި ލިޔުއްވުންތައް ދިވެހިބަހަށް ތަރުޖަމާ ކުރައްވައި، ބޭރު ބަހެއް ނޭނގުމުގެ ސަބަބުން އިލްމުގެ ކަންވާރުން ފެންބުއިމުގެ ނަސީބު ލިބިފައި ނެތް ދިވެހީންނަށް އެއުރެންގެ މާދަރީބަހުގެ ދޮރޯށިން އިލްމާއި ޙިކުމަތުގެ ހަވޭއްޔަށް ވަދެވޭނެ ފުރުސަތު ހޯއްދަވައިދެއްވި ދެއްވުމެވެ. އެމަނިކުފާނުގެ މިފަދަ ތަރުޖަމާތަކުގެ ތެރެއިން ތަންކޮޅެއް މިތަނުގައި މިސާލެއްގެ ގޮތުން ހުށަހަޅައިލާނަމެވެ.

[އަރަހުށި ހުސް ޠާހިރުވަންތަ މާތް ރަސްކަލާނގެ އިންސާނުންނަށް ދަތުރުގެ މޮޅުކަން އަންގަވައި އެކަންތައް ކުޅައުމުގެ މައްޗަށް ހިތްވަރުދެއްވައި އަދި އިންސާނުންކުރެން ކަންނެތްކަމާއި ނިކަމެތިކަމުގެ ފޮށާގަނޑުލައިގެން ދެރަކަމާއި އަޅުވެތިކަމުގެ އަޑިގަނޑުގެ ތެރެއަށް ތިމާމެންގެ ހަށިގަނޑު ވައްޓައިލައިގެން ދުނިޔޭގެ ކަންކޮޅުތަކަށް ހިނގައިބިނގައިވެ ހެލިފެލިވުން ފިއަވައި އިރީނދެ ހަމަހިމޭންވެގެން ތިބުމުން މީރުކަން ލިބިގަނެގެން ތިބޭ ވިޔަޔާ ނުދާ މީހުންނަށް ނުރުއްސަވާކަމުގެ ބަޔާންތައް ކަނޑައަޅުއްވައި ވަޙީ ކުރެއްވި، އެތައް އާޔަތެއް ކީރިތި ޤުރުއާނުގައިވެއެވެ. އެއި ތެރެއިން އެއް އާޔަތަކީ أَفَلَمْ يَسِيرُوا އެމީހުން ހިނގައި ދަތުރު ނުކުރަނީ ހެއްޔެވެ؟ فِى الأَرْضِ ބިމުގައި فَتَكُونَ لَهُمْ ފަހެ އެމީހުންނަށް ވެއޭ قُلُوبٌ ހިތްތަކެއް يَعْقِلُونَ بِهَا އެ (ހިތްތަކު) އިން އެމީހުން ބުއްދިކުރާނޭ. އަދި ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބީކަލޭގެފާނުން ހަދީސް ކުރައްވައިފައިވެއެވެ. سَافِرُوا ތިޔަބައިމީހުން ދަތުރުކުރާށެވެ! تَصِحُّوا ތިޔަބައިމީހުންގެ ހަށިތައް ޞައްޙަވާނެއެވެ. وَتَغْنَمُوا އަދި ތިޔަބައިމީހުންނަށް މުދައު ލިބި. އިލްމުވެރިންނާއި ޙަކީމުންނާއި އަދަބުވެރީންގެ މީސްތަކުން ދަތުރުގެ މޮޅުކަމުގެ މައްޗަށާއި އެކަމުގެ މައްޗަށް ހިތްވަރު ދިނުމުގެ ގިނަ ވާހަކަތައް ދައްކަވައިފައިވެއެވެ. އެއިތެރެއިން ޝާފިޢީ އިމާމު ވިދާޅުވިކަމުގައި ރިވާވެގެންވާ ޅެމަކީ ފުރިހަމަ ޅެމެކެވެ. އެޅެމަކީ.

تَغَرَّبْ عَنِ الاَوْطَانِ فِيْ طَلَبِ اْلعُلا
        وَسَافِرْ فَفِي الأَسْفَارِ خَمْسُ فَوَائِد
تَفَرُّجُ هَمٍّ واكتساب مَعِيشَة
        وَعِلْمٌ وَآدابٌ وَصُحْبَةُ مَاجِد

މިއެވެ. މި ޅެމުގެ މަޢުނައީ تَغَرَّبْ ބީރައްޓެހިވެގެންނާށެވެ. عَنِ الاَوْطَانِ ވަޒަންތައް ފިއަވައި فِيْ طَلَبِ اْلعُلا މަތިވެރި ދަރަޖަ ހޯދައިގަތުމުގައި وَسَافِرْ ދަތުރުކުރާށެވެ. فَفِي الأَسْفَارِ ފަހެ ދަތުރުގައި ވެއެވެ. خَمْسُ فَوَائِد ފަސް ފައިދާއެއް. تَفَرُّجُ هَمٍّ އެއީ ހިތާމަތައް ފިލުމެވެ. واكتساب مَعِيشَة ދުނިޔޭގެ އުޅުންތައް ލިބުމާއި، وَعِلْمٌ އިލްމާއި وَآدابٌ އަދަބުތަކާއި وَصُحْبَةُ مَاجِد މާތް މީހުނާ އެކުގައި އުޅެވުމާ، މިއެވެ. މިހެން ވީއިރުގައި ދަތުރުފަތުރުކޮށް ކަންތައް ދެކެ ފިކުރުކޮށް އިބާރާތް ކުޅައުމީ ދީނުގެ ފަރާތުން ވެސް އަމުރުވެވިގެންވާ ކަމެއް ނޫންތޯއެވެ؟ ފަހެ ދަތުރުވެވޭނޭ މަގު ނެތް އަޅުގަނޑުމެން ފަދަ މީހުންނަށް މީހުންކުރާ ދަތުރުގެ ޚަބަރުތައް ބެލުމާއި ލިއެފައިހުރި ތަކެތި ކިއުމާއި އެއީ މޮޅުކަމެއް ކަމުގައި ނޫނީ ނުވާނެއެވެ.]

އަދަބީ ޚިދުމަތް


އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އަދި އެންމެ ޚިދުމަތްތެރި އަދީބަކީ މި މަނިކުފާނެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ކުރުކޮށް ބުނަނީ ނަމަ، ދިވެހި އަދީބުންގެ ތެރެއިން އެންމެ އިސްވެ ހުންނެވި އަދި އެންމެ އުފެއްދުންތެރި އަދީބަކީ، މި މަނިކުފާނެވެ. ދަރަވަންދޫގޭ ޙުސައިންދީދީ އަކީ ވެސް، މިރުޒާ ޝަކީބަކީ ވެސް، ދިވެހި ޅެންވެރިކަމުގެ ފަތިހުގެ ތަރިއަކީ ވެސް މިމަނިކުފާނެވެ.

މި މަނިކުފާނުން އެކި މައުޟޫޢުތަކަށް ހައްދަވާފައިވާ ގިނަގުނަ ޅެންތަކެވެ. މީގެ ތެރެއިން ވަރަށް ގިނަ ޅެން، "އަންޖުމަން އަމީން" ގެ ފަރާތުން ނެރުއްވި "ފަތިހުގެ ތަރި" މި ނަން ކިޔާ ފޮތުގެ އެއްވަނަ ބަޔާއި ދެވަނަ ބައިގައި ވެއެވެ. ފުރަތަމަ ބައި 1959 މ. ވަނަ އަހަރު، ދެވަނަ ބައި 1960 މ. ވަނަ އަހަރު ޗާޕުވެ ޝާއިޢުވެފައިވެއެވެ. އެމަނިކުފާނުންގެ ޅެންތަކުގެ ތެރެއިން ޗާޕުވެ، ޝާއިޢު ވީ ބަޔަށް ވުރެން ޝާއިޢު ނުވެހުރި ތަކެތި އަދި ވެސް މަދެއް ނޫނެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ، ދިވެހި ބަހާއި، އަރަބި ބަހާއި، އުރުދޫ ބަހާއި، ފާރިސީ ބަހުން ޅެން ހެއްދެވި ޝާޢިރެކެވެ. އެ މަނިކުފާނުގެ ދަރިކަލުން މުޙައްމަދު ސަޢީދުދީދީ، ބަޣުދާދުގައި ހުންނަވައިފައި، މިޞްރަށް ކިޔަވައިވިދާޅުވާން ވަޑައިގަންނަވާން ވެގެން، އެކަމުގެ އިޒުނައަކަށް އެދިވަޑައިގަތުމުން ޖަވާބުދެއްވާފައިވަނީ، ޅެމަކުންނެވެ.

إِنْ أَرَدْتَ المسِيْرَ وَ الإِرْتِحَالاً – فِى طِلاَبِ العُلاَ فَسِرْ أَنْتَ حَالاً

މި ނޫނަސް އަރަބިބަހުން ކިތަންމެ ޅެމެއް ހައްދަވައިފައިވެއެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނަކީ މާ ގިނައިން ނުކިޔުއްވިކަމުގައި ވިޔަސް ރައިވަރު ވެސް ކިޔުއްވި ބޭފުޅެކެވެ. އެމަނިކުފާނުގެ ރައިވަރުގެ އުސްތާޒަކީ ނައިބުތުއްތުއެވެ. ޞަލާޙުއްދީން ކިޔުއްވި ރައިވަރުތަކުގެ ތެރެއިން އަޅުގަނޑުމެންނާ ހިސާބަށް އައިސްފައިވަނީ ވަރަށް މަދު ރައިވަރުކޮޅެކެވެ. އޭގެ ތެރޭގައި މި ކިޔާ ރައިވަރު ހިމެނެއެވެ.

ދާވި ބަބުޅާ އެކީ
އާލަމަށް ނަތްތެރި މިޒީ
ތާޖެކޭ ބުގެ ހެއު ނަސީ
ޗާލު އަދަބުގެ ލިބުނުމީ
ގާށަ އަން މި ބުނަނީ ލުންއަ
ހާށެ ކޮޔާ އުފަލުންއަ

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ޅެންތަކުގެ ތެރެއިން ނަމޫނާ ދެއްކުމުގެ ގޮތުން ހުށަހަޅާނެ ޅެމަކާ މެދު މީހަކު ފިކުރުކޮށްފި ނަމަ ފެންނާނީ ހުސް ޖަވާހިރު ބިމަކަށް ވަދެ، ޖަވާހިރު ހޮވަން އުޅުން ފަދައިންނެވެ. ނަވަރަންނައިގެ އަގުމާތް ޖަވާހިރުތައް ކަމުގައިވާ، ޔާގޫތާއި، މަރުވާރީދާއި، މަރުޖާނާއި، ނީލަމާއި، ޒަބަރުޖުދާއި، ޒުމައްރަދާއި، އަލިމަހާއި، ވައިދެރިޔާ އާއި، ދީކުން ފުރިފައިވާ އެބިން ވަށައިގެން ހޯދައި ވެސް، ހޮވާނޭ ވަކި މިވެނި ޖަވާހިރެއް ގަސްތުކޮށް ނިންމާކަށް ނޭނގެއެވެ. ހުރިހައި އެއްޗެއްމެ ފުރިހަމަކަމުގައި އެކަތި އަނެކައްޗަކަށް ދުލެއް ނުކުރެއެވެ. އެހެން ކަމުން އެންމެ ފަހުން ދެލޯ މަރައިގެން ހުރެ ގުދުވެފައި އެންމެ ފުރަތަމަ އަތު ޖެހުނު އެއްޗެއް ނެގުނު އިރު،

"އަދަބުވެރިކަން ނެތުނު މީހާ ދެ ދުނިޔެއިން ގެއްލި ނިމިދާނޭ،
                މަދަރުވެރިކަން ނެތީވިއްޔާ، ގަދަރު ނެތިގެން ހިނގައިދާނޭ"

މިފަދަ ކިތަންމެ ބައިތެކެވެ.


"ޢިޝްޤުގެ ޚަބަރު އަހާށެ ކަލޭނޭ މަގޭ ކުރެން،
                       ވިސްނައި މަދޭހުށީމެ ގޮތުން އެނގި މަށަށް މިވީ

ނުދުށުމެ އެއީ ތިމާގެ  ވުޖޫދާއި  ހަސްތިޔަށް،
                       ވެގަތުމެ ތިމާ ހިޔަނިކަމަށް  މިތުރާގެ ވަކި ނުވީ"

ދެން އެހެން ބާވަތެކެވެ.


"ހިރިނުލައި ވެއްޓިތަނެއްގައި އޮވެގެން އަބަދު ނިދާން،
                      ބިރި ރަނގަޅުޔާނުގެ   ކާނާ ލިބުމޭ ދެން ރަނގަޅީ
މާމުޔާ ގިތެޔޮ އުޑުން  ވެހިވެހި   ވާރޭ  ކަމުގައި،
                      ކާނެ ވަރަކަށް ކެއުމަށް   ވާނަމައޭ ހަމަ  ރަނގަޅީ
ކަންނެތެއް ކަމަކު އަޖައިބެއް ފަދަ ކަންނެތްކަމުގައި
                      ވަންހަ ނިމިދާ އިރު ވެސް ސޮހޮލުވެތިބުމޭ ރަނގަޅީ"

އަނެއްކާ ވެސް އެހެން ބާވަތެކެވެ.


"ހިއްމަތާ އެކުވެރި ކަންކަމުގައި ށޭ ވެހިފާ
                      ދިންނަވާނޭ މަގަކީ ތެދުވެރިވުމުނޭ ވެ ލަފާ
ބިން މަތީގައި މިތިބޭ ހިނދުކޮޅު ހީވާގިވުމޭ
                      މިންޖުވާނޭ ގޮތަކީ ރީތި އުޅުން ގެންގުޅެފާ"

އަދި މީގެ އިތުރުން އެމަނިކުފާނުން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަސް ބަޔާންކުރައްވައި ހައްދަވައިފައިވާ ދެ ބައިތަކީ ވެސް އެމަނިކުފާނުންގެ ޅެންވެރިކަމުގެ ހުނަރާއި ވިސްނުންފުޅުގެ ތޫނުކަމާއި ހިކުމަތްތެރިކަމާއި ދިވެހިބަހަށް ކުޅަދާނަ މިންވަރު ދައްކައިދޭ ދެބައިތެވެ.
 

ފުރަތަމަ ބައިތުގައި އެ ވިދާޅުވަނީ "ޖުމާދަލްއޫލާ މަހުން 15 (ވީ) ބުރާސްފަތި (ދުވަހު) މޫސާގެ ދަރި ޙުސެންދީ (ބޮޑުގަލު މޫސާދީދީގެ ޙުސައިން ޞަލާހުއްދީން) ވަރަށް އަވަހަށް ވިލާދަތި ވިއެވެ. (އުފަންވެ ވަޑައިގަތެވެ.)"  މިހެންނެވެ. ޅެންބައިތުގައި އެ އޮތް "އަވަށަހަ" ލިޔުއްވައިފައި އެވަނީ އަކުރު އޮޅުއްވައިގެން "އަވަހަށަ" (އަވަހަށް) މި ލަފުޒެވެ. އެ އަކުރުތައް ލިޔުއްވައިފައި ވަނީ "އަވަށަހަ" މި ގޮތަށް ޢަރަބި ވިޔަ އަކުރުން ތާނައިގައި ޖަހާ ގޮތަށް ފިލިޖައްސަވައިގެންނެވެ. އ އަކީ ޢަރަބި ވިޔަ އަކުރު 8 އެވެ. ވ އަކީ 9 އެކެވެ. ށ އަކީ 2 އެވެ. ހ އަކީ 1 އެވެ. ނަތީޖާ އަކީ 1298 ނޫންތޯ އެވެ.

 ދެން އޮތީ 2 ވަނަ ބައިތެވެ. އެ ބައިތަށް ބަލައިލަމާތޯ އެވެ! އާދެ! އެ ބައިތުގައި ވިދާޅުވަނީ "އެ ޤަރުނުގައި ހިޔައަހަރު (96) ވީ އެމަނިކުފާނުގެ ޢުމުރުފުޅުން 15 އަހަރުފުޅުގައި ކަމަށާއި، އެ ދުވަސް ގޮސް މުލާޤާތިވަނީ (ބައްދަލުކުރަނީ)އެ އަހަރުގެ އޭޕްރީލް މަހު 14 އާ ކަމުގައެވެ."  މިބައިތުގައި ވެސް "ހިއައަހަރު"ގެ ފުރަތަމަ 4 އަކުރު ލިޔުއްވައިފައި އޮތީ ޢަރަބި ވިޔަ އަކުރުން ތާނައިގެ ފިލިޖައްސަވައިގެންނެވެ. ހ  އަކީ 1 އެވެ. އ އަކީ 8 އެކެވެ. އަނެއްކާވެސް ހަމަ އަނެއް އ އެވެ. 8 އެވެ. ދެން ހ އެވެ. 1 އެވެ. ނަތީޖާ އަކީ 1881 ނޫންތޯ އެވެ؟ ހަމަ އެހެންމެ 1881 ގައި އުފަންވެވަޑައިގަތް ބޭފުޅަކަށް ޢުމުރުފުރުން 15 އަހަރު ފުރޭނީ 1896 ގައެވެ. ދިވެހިން "ހިޔަ" ކިޔަނީ 96 އަށެވެ. އެހެންވީމާ އެ ޤަރުނުގައި "ހިއައަހަރު" އެއީ 1896 ނޫންތޯ އެވެ. އޭރު ޞަލާޙުއްދީނުގެ ޢުމުރުފުޅުން 15 އަހަރުފުޅެވެ. ވީއިރު މިއީ ކިހާ ފުރިހަމަ ބަޔާންކުރެއްވުމެއްތޯއެވެ!

ތެދުތެދަށް ބުނަނީ ނަމަ، މީހަކު ޅެން ހަދައިގެން ކިޔައިފާނެ ހުރިހައި ރޮނގެއްގައި، ހުރިހައި މައުޟޫޢެއްގެ، ޅެން މި މަނިކުފާނު ވިދާޅުވެފައިވެއެވެ.

ޅެން ނޫން ނަޘްރުގެ ގޮތުން ލިޔާ ބަހުރުވައިން ލިޔުއްވާފައިވާ ލިޔުއްވުންތައް އަދި މާ ގިނައެވެ. ހުރިހައި މައުޟޫޢެއްގެ ލިޔުއްވުމެވެ. ދީނީ ފޮތްފޮތާއި އަދަބީ ފޮތްފޮތެވެ. ޚުޠުބާތަކެވެ. ތަޤްރީރުތަކެވެ. މަޒުމޫނުތަކެވެ. ވާހަކަތަކެވެ. މިހެން ގޮސް ހިމަނައި ނުލެވޭ ފަދަ ގިނަ ލިޔުންތައް ލިޔުއްވިއެވެ. ޑައިރީ ލިޔުއްވުމަކީ ވެސް ވަރަށް ޝައުގުވެރިކަމާއެކު އެމަނިކުފާނު ކުރެއްވި ކަމެކެވެ. މިއަދު އެ ޑައިރީތައް ވަނީ އެ ޒަމާނުގެ ތާރީހަށް ނަޒަރު އަމާޒުކޮށްދޭނޭ ފުރިހަމަ ދުރުމީތަކަށްވެފައެވެ.

ޞަލާޙުއްދީން ލިޔުއްވި ފޮތްތަކުގެ ތެރެއިން، "ޝައިޚުޒުބައިރު" މި ނަން ދެއްވާފައިވާ ފޮތަކީ ފާހަގަކޮށްލެވޭ ފޮތެކެވެ. އެއީ 1362 ހ. ވަނަ އަހަރު ލިޔުއްވި ފޮތެކެވެ. ފޮތް ފެށޭ ތާނގައި ލިޔުއްވާފައިވެއެވެ.

ށީމެ ނެރެދޭމަކޮށް ތިލަ
ހީނަށަވެ ފިކުދި ވާރު މޮޅު
ވީ ޝައިޚު ޒުބައިރު މޮޅު

މި ފޮތުގައި ލިޔުއްވައިފައިވަނީ، ބަނޑޭރި ޙަސަން މަނިކުފާނުގެ ދިޔޯގެ ރައިވަރު ފޮތާއި، ދިވެހި އަރުމާޒު ރައިވަރު ފޮތާއި، ނައިބުތުއްތޫގެ ސިއްކަމޮހޮރީ އާއި ސުއްކަތުރާ ހަބަރާއި ތަގުވީމުއްލިސާނިއާ މި ރައިވަރު ފޮތްފޮތެވެ. ވަރަށް އަގުހުރި މައުލޫމާތު ލިބެނިވި މުގައްދިމާއެއް ލިޔުއްވާފައިވެއެވެ. ޞަލާޙުއްދީން ވަނީ މި ނޫނަސް އެތައް ފޮތަކަށް މުގައްދިމާ ލިޔުއްވާފައެވެ. މުގައްދިމާ ލިޔުމުގެ އަދަބުގައި ވެސް އެމަނިކުފާނަށް ވުރެ އިސް އެހެން އަދީބަކު ފެންނާކަށްނެތެވެ. އެމަނިކުފާނުގެ ކޮންމެ މުގައްދިމާއަކީ ވެސް، ވަރަށް އަގުހުރި މައުލޫމާތުތަކެއް ލިބޭ އެއްޗެކެވެ.

މީގެ އިތުރަށް އެތައް ވާހަކައެއް ލިޔުއްވިއެވެ. ދޮންބީފާނު (ކަރީމުއްދީން) ވާހަކަ އާއި ނޫމާނު ވަ މަރްޔަމް ވާހަކަ އާއި ޣާޒީ ބަންޑާރައިންގެ ވާހަކަ ފަދަ ވާހަކަތައް މި ގޮތުން ފާހަގަކުރެވެއެވެ. އަދި އެތައް ވާހަކައެއް ތަރުޖަމާކުރެއްވިއެވެ. "ރޮކަމްބޯލްގެދަރި" ފަދަ އެތައް ވާހަކައެކެވެ.

ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ ދިވެހިބަހުން ލިޔުއްވި ކޮންމެ ލިޔުމަކީ ވެސް ދިވެހި ބަހާއި އަދަބަށް އިތުރު ކުރިއެރުމެއް ގެނެސްދިން ލިޔުމެކެވެ. ޞަލާޙުއްދީނަކީ މިހައި ތަނަށް ދިވެހީން ދުށް އެންމެ އުފެއްދުންތެރި އަދީބެވެ.

އަވަހާރަވުން


މި ފަނާވަނިވި ދުނިޔެއަށް އަލްވަދާޢުވިދާޅުވެ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 16 ޛުލްޤައިދާ 1367 ހ. ގައެވެ. އެއީ 20 ސެޕްޓެންބަރު 1948 އެވެ. އަވަހާރަވީ އިރު ހިޖްރީ ގޮތުން 69 އަހަރުފުޅެވެ. މީލާދީގޮތުން 67 އަހަރުފުޅެވެ. ފަސްދާނުލެވިފައިވަނީ އޮޅުދޫކަރައިގެ ކޮޅުނބުގެ ކުއްޕިޔަވައްތޭ ޤަބުރުސްތާނުގައެވެ.
 
ޙުސައިން ޞަލާޙުއްދީން ލިޔުއްވި ބައެއް ފޮތްތަކުގެ ކުރު ބަޔާނަކާއި އެ ފޮތްތަކުގެ ފިހުރިސްތު

1-    އައްދުއްރަތުލް ބަހިއްޔާ ފީ ތަރްޖަމަތިލް އަޙްކާމިއްޝަރްޢިއްޔާ (ޞަފްޙާ 56) މި ފޮތަކީ ފިގުހުގެ ކުޑަ ރިސާލާއެކެވެ. މިއީ ދައުލަތުގެ ފަރާތުން ޗާޕުކުރައްވައިގެން މުޅި ރާއްޖޭގެ ކޮންމެ ގެއަކަށް ފޮތެއް ވާނޭ މަގުން ބެއްސެވި ފޮތެކެވެ. މިއީ މިފަދަ ފޮތެއް ރާއްޖެތެރެއަށް ބެއްސެވުމަކީ، ކޮންމެހެން ބޭނުންކަމެއް ކަމުގައި، އެއިރު ދައުލަތުގެ ކަންތައް ހިންގަވާން އިސްވެ ހުންނެވި އަލްއަމީރު ޢަބްދުލްމަޖީދުދީދީ ބިން އަލްއަމީރި އަލްޙާއްޖި އިބްރާހީމް ދޮށިމޭނާކިލެގެފާނުންނަށް ފެނިވަޑައިގެން ކުރެއްވި އަމުރުފުޅަށް އެކުލެއްވި ފޮތެކެވެ.

2-    އަލްބުރުހާނު ޢަލަލް އީމާނި (32 ޞަފްޙާ) މި ފޮތަކީ، ޅަކުދީންނަށް އީމާންކަމާއި އިސްލާމްކަން ދަސްކުރާން ފަސޭހަވާނޭ މަގުން އެކުލަވައިފައި އޮތް ފޮތެކެވެ. މި ފޮތް ޗާޕުކުރީ 1350 ހ. ވަނަ އަހަރު މާލޭގައެވެ.

3-    އަލްޙަސަނާތު ފީ ތަރްޖަމަތިލް އަޛްކާރި ވައްދަޢަވާތިލް ވާރިދަތި، ފިއްޞަލަވާތިލްމަފްރޫޟާތި (100 ޞަފްޙާ) މި ފޮތަކީ، ފަރުޟު ނަމާދުގައި ކިޔެވޭ ޒިކުރުތަކާއި ނަމާދުގެ ފަހުގައި ކިޔަވާ ޒިކުރު ތަޞްބީޙަތަކާއި ދުޢާތައް ދިވެހިބަހުން ތަރުޖަމާކުޅަ ފޮތެކެވެ. މި ފޮތް ދެފަހަރުމަތީން ކަލްކަތާގައި ޗާޕުކުރުވައިގެން މާލެގެނެސް ވިއްކިއެވެ. ޗާޕުކުރުވީ ދަރަވަންދޫގޭ ޢަބްދުﷲ ކަމާލުއްދީން ބަންޑާރަނައިބު މަނިކުފާނެވެ. އެއީ 1348 ހ.، 1350 ހ.، މި ދެއަހަރުގައެވެ. ކޮންމެ ފަހަރަކު 1000 ނަކަލެވެ.
4-    އަންނަހުޖަތުއްސަވިއްޔާ ފީ ތަރްޖަމަތިލް އަރްބަޢީން ނަވަވިއްޔާ (62 ޞަފްޙާ) މި ފޮތް 1334 ހ. ވަނަ އަހަރު ކަލްކަތާގައި ޗާޕުކުރެއްވީ ހެންވޭރުގޭ މުޙައްމަދު ޢަބްދުއްޞަމަދުދީދީއެވެ.

5-    ތަސްދީދުލްއަޛްހާނި، ފީ ތަޖްވީދިލްޤުރްއާނި (48 ޞަފްޙާ) ޗާޕުވީ 1350 ހ. ގައި މާލޭގައެވެ.

6-    އިލައިކުމް އައްޔުހައްނުވާބު (24 ޞަފްޙާ) ކާވަނީގެ ޙުކުމްތަކެއް. ދައުލަތުގެ ފަރާތުން ރަށްރަށުގެ ނާއިބުންނަށް ބެއްސެވި ފޮތެއް. މިފޮތް 1344 ހ. ވަނަ އަހަރު ކަލްކަތާގައެވެ.

7-    ކާވަނީގެ ސުވާލުތައް: (40 ޞަފްޙާ) ކާވަންޏަށް ފަނޑިޔާރުގެއަށް އަންނަ މީހުންނާ ކުރެވޭ ސުވާލުތަކާއި އޭގެ ޖަވާބުތަކުގެ މިސާލުތަކުގެ މައްޗަށް އެއްކުރެވުނު ފޮތެކެވެ. ޗާޕުކުޅައީ މާލޭގައެވެ.

8-    އައްތުޙްފަތުލްއަދަބިއްޔާ ލިޠުއްލާބިއްލުޣަތިލްމަޙަލްދީބިއްޔާ (48 ޞަފްޙާ). މި ފޮތަކީ ދިވެހިބަސް ލިޔެކިޔައި އުޅުމުގެ މަގުތައް ހިސާބަކަށް ބަޔާންކޮށްފައިވާ ފޮތެކެވެ. ޗާޕުކުރެއްވީ ކޮޅުނބުގައި، އަލްއަމީރު ޢަބްދުލްމަޖީދުދީދީއެވެ. 1347 ހ. ގައެވެ. މި ފޮތް އެކަށައަޅުއްވައި ހެއްދެވީ 1352 ހ. ވަނަ އަހަރު ކޮޅުނބުގައެވެ.

9-    ޖައުހަރަތުއްތައުޙީދި. (28 ޞަފްޙާ) ތައުޙީދު ޢިލްމުގެ ކުޑަ މަންޒޫމާއެކެވެ. ދިވެހިބަހުން، މަޘްނަވީގެ ވަޒަނަށް ޅެމުން އެކަށައަޅުއްވައި، ހައްދަވާފައިވާ ފޮތެކެވެ. މި ފޮތް ކަލްކަތާގައި ޗާޕުކުޅައީ ހިމިތީ މުޙައްމަދު އިސްމާޢީލް ކަލޭގެފާނުއެވެ. 1358ހ. މިވަނަ އަހަރުގައެވެ. ނަކަލުގެ ޢަދަދަކީ 1000 އެވެ.

10-    އައްސުލްޠާން ޙަސަން ނޫރުއްދީން ރަދުންނަށް ރަސްކަމުގެ ކޮލިލުމަށް ފަހު ރަދުންގެ ފަރާތްޕުޅުން މާލޭގެ ހަތަރު އަވަށާއި، ރާއްޖެއަށް ނެރުއްވި އަމުރުފުޅުތައް (28 ޞަފްޙާ) ޗާޕުކުޅައީ މާލޭގައެވެ.

11-    އައްސީރަތުއްނަބަވިއްޔާ އަލްމުތަރްޖަމަތި ބިއްލުޣަތިލްމަޙަލްދީބިއްޔާ، މި ފޮތުގެ 3 މުޖައްލަދު. މި ތިން މުޖައްލަދުގައި 950 ޞަފްޙާ. މިއީ ދައުލަތުގެ ފަރާތުން ޗާޕުކުރައްވައި، ރާއްޖޭގެ ކޮންމެ ރަށަކަށް ދެފޮތް ވާނޭ މަގުންނާއި، އަދި މާލޭގައި ތިއްބެވި ގަދަރުހުރި މީހުންނަށް ބެއްސެވި ފޮތެކެވެ. ޗާޕުކުރީ 1356ހ. ވަނަ އަހަރު ކަލްކަތާގައެވެ.

12-    ތަސްބީޙު ތަހްލީލު ކިޔާ ގޮތް (ކުދި 8 ޞަފްޙާ) ޗާޕުކުރީ 1357ހ. ވަނަ އަހަރު މާލޭގައެވެ.

13-    ދިންނަވާނޭ މަގު: އަޅުކަމާބެހޭ ފޮތެއް. (58 ޞަފްޙާ) 1354 ހ. ވަނަ އަހަރު ކޮޅުމަޑުލު އޮމަދޫގައި ހުންނަވައި ތުއްތުގޮމައަށް ލިޔެދެއްވި ފޮތެކެވެ. ޗާޕުވީ މާލޭގައެވެ.

14-    ޝަރަފުލްއަނާމް މިއީ ތުޙުފަތުލްކިރާމްގެ ތަރުޖަމާއެކެވެ. (ޞަފްޙާ 24) މިއީ 1354ހ. މިވަނަ އަހަރު އޮމަދޫގައި ހުންނަވައި ލިޔުއްވި ފޮތެކެވެ.

15-    ތާނަ ޚުޠުބާ ފޮތް.

16-    ތައުބާ ނަމާދު.

17-    އުތީމު އަލްޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުންގެ ވާހަކަ (349 ޞަފްޙާ) ފުލުސްކޭޕް ސައިޒުގެ.

18-    ރިވާޔަތު ކަރީމުއްދީން (340 ޞަފްޙާ) ފުލްސްކޭޕް ސައިޒް. މި ވާހަކަ ލިޔުއްވާފައިވަނީ 1329 ހ. ގައެވެ.

19-    ރިވާޔަތު ނުޢުމާން ވަމަރްޔަމް (338 ޞަފްޙާ) މިއީ 1352ހ. ވަނަ އަހަރު ސިލޯނުގައި ހުންނަވައި ލިޔުއްވި ވާހަކައެކެވެ.

20-    ސަފަރު ނާމާއެ ޢަބްދުލްމަޖީދު: (289 ޞަފްޙާ) މި ފޮތަކީ އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރިކިލެގެފާނުން 1347ހ. މިވަނަ އަހަރު ކުރެއްވި ޙައްޖު ދަތުރުފުޅުގެ ވާހަކައެވެ. މި ފޮތުގެ މުސްވައްދާ ލިޔުއްވީ ކިލެގެފާނެވެ. ތަރުތީބުކުރައްވައި ޢިބާރާތް ހަމަޖެއްސެވީ ޞަލާޙުއްދީނެވެ.

21-    އައްލަމްޢަތުއްޡާހިރާ ފީ ތަރްޖަމަތި ކިތާބިއްދުއްރަތިލް ފާޚިރާ ލިލް އިމާމި ޙުއްޖަތިލް އިސްލާމި އަލްޣަޒާލީ (216 ޞަފްޙާ) އާޚިރަތުގެ ވާހަކަ. މިއީ 1361ހ. ވަނަ އަހަރު ލިޔުއްވި ފޮތެކެވެ.

22-    ފަތުޙުލްމަލިކިލް މުޖީބި ފީ ތަރްޖަމަތި މަސްލަކުލްޤަރީބް. އަޅުކަމާބެހޭ ފޮތެއް. މިއީ 1324 ހ. މިވަނަ އަހަރު އައްޑޫމީދޫގައި ހުންނަވައި އެރަށު އެޅެގޭ މުޙައްމަދުދީދީ ވިދާޅުވެގެން ތަރުޖަމާކޮށްދެއްވި ފޮތެކެވެ. 162 ޞަފްޙާގެ މި ފޮތުގެ ފަހަތުގައި މަންހަޖުލް އާބިދީން ލިލް އިމާމި އަލްޣަޒާލީ މި ފޮތުގެ ޢަޤަބަތުއްތައުބާ ތަރުޖަމާ ކުރައްވައިފައިވެއެވެ.

23-    ކިތާބުއްނަޡަރާ ލިއަހްލިއްތަފައްކުރި ވަލްޢިބްރާ. (278 ޞަފްޙާ) މި ފޮތަކީ، ގަލޮޅުގޭ މުޙައްމަދުދީދީ ވިދާޅުވެގެން ލިޔުއްވި ފޮތެކެވެ. މި ފޮތުގައި ލިޔުއްވައިފައިވަނީ އިސްލާމްދީނުގެ ޢަޤީދާތަކުގެ ވާހަކައެވެ.

24-    ސޫރަތުލް ފާތިޙާގެ މަޢުނަ (ޞަފްޙާ – 12) 1359ހ. ގައި ލިޔުއްވި ފޮތެއް.

25-    ތަރްޖަމަތުއްސިޔާސަތިއްޝަރްޢިއްޔާ ލިލްޢައްލާމާ ޖަމާލުއްދީން އަލްއަފްޣާނީ (ޞަފްޙާ – 67) 1340 ހ.

26-    ހާރުދަމުގެ ވައި، ޚިޔާލީ ވާހަކައެއް. (ޞަފްޙާ 18) 1340ހ.

27-    ހިދާޔަތުއްރަޙްމާނި އިލާ ތަރްޖަމަތި ރަސާއިލިއްސައްޔިދި އަޙްމަދު ޒައިނީ ދަޙްލާން. މި ފޮތަކީ މިޞްރުގައި ހުންނަވައި އަލްއަމީރު ޢަބްދުލްމަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު ފޮނުއްވައިގެން 1359ހ. ވަނަ އަހަރު ތަރުޖަމާކުރެއްވި ފޮތެކެވެ.

28-    ނަމާދު – މުތަރްޖަމަތުން މަންޤޫލަތުން މިންކިތާބި ޚުލާޞަތިލް ކަލާމި ފީ އަރްކާނިލް އިސްލާމި. 1359 ހ.

29-    އައްތަރްޤިޔަތު ފިއްތަރްބިއްޔަތި. މާ ބަނޑުމީހުން އުޅެންވީ ގޮތާއި ކުދީން ބޮޑުކުރުމުގެ ވާހަކަ (ޞަފްޙާ – 129) މުޅިން ނުނިމި އޮތް ފޮތެއް.

30-    އެކިއެކި އެދުރުންގެ ކިބައިން ލިބިފައި ހުރި ބޭހުގެ ނުސްޚާ ޖަމާކުރި ފޮތް. (ޞަފްޙާ 171) 1358ހ.

31-    އަލްޢިބްރަތު ލި އަހްލިލް ޚިބްރާ (ޞަފްޙާ 135) 1337 ހ. މި ފޮތަކީ ބޮޑު ހަނގުރާމައިގެ ބައެއް ވާހަކަ އާއި އެދުވަސްވަރު ރާއްޖެއަށް ޖެހުނު ތަދު ޙާލުގެ ވާހަކަ ބަޔާންކޮށް ލިޔުއްވި ފޮތެވެ.

32-    ތަރުޖަމާ އަލްބުރުހާނުލް މުބީން ފިއްރިސާލަތި ނަބިއްޔިނާ މުޙައްމަދިން ކާނަތު ރަޙްމަތައްލިލްޢާލަމީން (ޞަފްޙާ 48) މިއީ އައްސައްޔިދުލްޢައްލާމާ ޞަދަޤާތު ދަޙްލާން ހެއްދެވި މިޢުރާޖު މައުލޫދުގެ ތަރުޖަމާއެވެ. 1348 ހ.

33-    ދިވެހިބަހުން ތަރުޖަމާކޮށްފައި ހުރި ޚުޠުބާތަކެއް ލިޔުއްވި ފޮތް. މި ފޮތަކީ މާލޭ ހުކުރު މިސްކިތުގައި އެކިއެކި ދުވަހު ކިޔައިފައި ހުރި ޚުޠުބާއެވެ. (ޞަފްޙާ 339)

34-    އައްތަޤްރީރާތުލްމަދްރަސިއްޔާ (ޞަފްޙާ – 254) މަދްރަސަތުއްސަނިއްޔާގައި އެކި ދުވަހު ދެއްވައިފައި ހުރި ތަޤްރީރު.

35-    ތަޤްރީރާތެ ޞަލާޙުއްދީން. (ޞަފްޙާ 450) މިއީ ދައުލަތުގެ އެކިއެކި ކަންކަމުގެ ތެރޭގައި ދެއްވައިފައިވާ ތަޤްރީރުތަކެވެ. މި ފޮތް ލިޔުއްވުމަށްފަހު ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަށް ވެދުމަށް އެރުއްވެވީއެވެ. 1359 ހ.

36-    ފުރަ ބަންޑާރަ ފަރާތުން މާލޭގައި ކިޔާ ހަތަރު މައުލޫދުގެ ތަޤްރީރު (ޞަފްޙާ 58)

37-    ސުވޭހު ކައިވެނިފުޅު (ޞަފްޙާ 141) އައްސުލްޠާން އަލްޙާއްޖު މުޙައްމަދު ޢިމާދުއްދީން ރަދުންގެ ސުވޭހު ކައިވެނިފުޅުގެ ޚަބަރުތަކާއި އެރަދުންގެ ރަސްކަން ބަދަލުވީ ދުވަސްވަރުގެ ޚަބަރުތައް. އެ ދުވަސްވަރު ޞަލާޙުއްދީން ހުންނެވީ ރަދުންގެ އަރިސް ބޭފުޅެއްގެ ގޮތުގައި ރަދުންގެ ނުހަނު ރުއްސުވުމާއެކުގައި ކަމަށް ވެފައި، ރަދުންނަށް ޚުޝާމަދުކުރައްވައި ދޮގުތާރީފުކުރެއްވުމުގެ ބަދަލުގައި ޞަލާޙުއްދީން މި ފޮތުގައި ލިޔުއްވާފައިހުރީ މުޅީންމެ ޙަޤީޤަތެވެ. ރަދުންނަށް ކުރެއްވުނު ގޯސް ކަންތައްތަކުގެ ވާހަކަ އެއްވެސް ފޮރުވުމެއް ނެތި ހާމަކުރައްވާފައިވެއެވެ. މި ފޮތް ބައްލަވާފައި ޢިމާދުއްދީން ރަދުން ވިދާޅުވި ކަމަށްވަނީ މިއީ އަހުރެންގެ މައްޗަށް ތާރީފެއް ކޮށްފައި އޮތް ފޮތެއް ނޫނެއް ކަމަކު ތާރީހަށް ޓަކައި ކުރެވިފައި އޮތް ބޮޑު ހިދުމަތެކެވެ. ތެދުވެރި މުވައްރިހުންގެ ލިޔުއްވުންތައް ހުންނާންވީ މަގަކީ މިއެވެ.

38-    އިބްނު ބަޠޫޠާގެ ދަތުރުނާމާއިން ދިވެހިރާއްޖޭގެ ވާހަކަ ހުރި ހިސާބުގެ ތަރުޖަމާ. (ޞަފްޙާ 98) 1340ހ.

39-    އައްޑޫމީދޫ އެދުރުގޭ އައްޝައިޚް އަލްފަޤީހް އަޙްމަދުދީދީ އެފްރިކާގެ މުމްބާސާގައި އަވަހާރަވީ ވާހަކަ އާއި ދެކުނު ހަތް އޮޑި އެފްރިކާއަށް ބެހުނު ވާހަކަ، މި ފޮތުގެ މުގައްދިމާ. 1342ހ.

40-    ދިވެހީންގެ ސަފަރުނާމާ (ޞަފްޙާ 120) ދިވެހީންގެ 42 މީހުންނާއި، ޞަލާޙުއްދީނުގެ ބައްޕާ ބޮޑުގަލުގޭ މޫސާދީދީއާ ގޮވައިގެން ޙައްޖަށް ކުރެއްވި ދަތުރުގެ ވާހަކަ. މި ދަތުރުކުރެއްވީ 1346 ހ. ގައެވެ. ފޮތް ނިންމަވައިފައި ވަނީ 1347 ހ. ގައެވެ.

41-    ކުދި ވާހަކަ ފޮތް. (ޞަފްޙާ 224) މި ފޮތުގައިވަނީ 28 ވާހަކައެވެ. ލިޔުއްވާފަައިވަނީ 1358 ހ. ވަނަ އަހަރުގައެވެ. (މިފޮތް މިހާރުވަނީ ޗާޕުވެފައެވެ.)

42-    ރޮކަމްބޯލްގެ ދަރީގެ ވާހަކައިގެ ތަރުޖަމާ – (ޞަފްޙާ 153) 1358 ހ. ގައި ލިޔުއްވި ވާހަކައެކެވެ.

43-    ބައްތި އުނދުނާއި ބަދިގޭ އުނދުން (ޞަފްޙާ 47) 1348 ހ.

44-    ޙައްޖުގެ ވާހަކަ އާއި ތަޔައްމުމުގެ ވާހަކަ (ޞަފްޙާ 68) ފާޠިމަތު ސަޢީދުދީދީ ޙައްޖަށް ވަޑައިގަންނަވާން އުޅުއްވިއިރު ލިޔުއްވި ފޮތެއް.

45-    އަލްޢުމްދާ ފީ ތަރްޖަމަތިލް ބުރްދާ (ޞަފްޙާ 91) ފުލްސްކޭޕް ސައިޒް. 1348 ހ.

އަރަބިބަހުން ލިޔުއްވި ތަކެތި


1-    ހުކުރު ޚުޠުބާފޮތް (2) މި އިން ކޮންމެ ފޮތެއްގައިމެ 48 ޞަފްޙާ. މި ފޮތް 1345ހ. ވަނަ އަހަރު ޗާޕުކުރީ ކަލްކަތާގައެވެ. މިއީ، ރާއްޖޭގެ ޚަޠީބުންނާއި މުދިމުންނަށް ދައުލަތުގެ ފަރާތުން ބެއްސެވި ފޮތެކެވެ.

2-    މާލޭގައި ޗާޕުކުރެއްވި ޚުޠުބާފޮތް (ޞަފްޙާ 54) މިއީ ވެސް ރާއްޖޭގެ ޚަޠީބުންނާއި މުދިމުންނަށް ދައުލަތުގެ ފަރާތުން ބެއްސެވި ފޮތެކެވެ.

3-    އަޙްސަނުލްޢިބަރިފީ ޚައިރިވިލާދަތި ސައްޔިދިލްބަޝަރި – ކުރު މާލޫދެއް – މި ފޮތް ޗާޕުކުރީ ބުމްބާގައެވެ. ވޯރާ ވިޔަފާރިވެރިއެއްގެ ހަރަދުގައެވެ. ޗާޕުކުރީ 2000 ނަކަލު.

4-    ރަބީޢުލްއައްވަލުމަހުގައި ކިޔާ ދުޢާތައް. 8 ދުޢާ. މީގެ ތެރޭގައި ފޮނަދޫ ޚަޠީބުކަން ކުރެއްވި އަލްފަޤީހު ސިރާޖުއްދީން ހެއްދެވި މުނައްޒަހު ދުޢާ އާއި އައްޝައިޚް އަލްފަޤީހް އަލްޤާޟީ އިބްރާހީމް މަޖްދުއްދީން ފަނޑިޔާރުތަކުރުފާނު ހެއްދެވި މުޤައްދަސް ދުޢާ އާއި ދެކުނުގޭ ދޮންމަނިކު ހެއްދެވި ދުޢާއަކާ އޮންނާނެއެވެ.

5-    އަންނަފްޙަތުލް ޢަންބަރިއްޔާ ފީ އަޚްބާރި ވިލާދަތި ޚައިރިލް ބަރިއްޔާ. މާލޫދެއް.

6-    ނަފްޙަތުލް މިސްކިއްޒަކިއްޔި ފީ ބަޢުޟި މަންޡޫމާތި އައްޝައިޚް ޢަލީ އައްނުސްކިއްޔި ވަ ކިތާބު އިރުޝާދުލް އަރީބި އިލާ މިންނަޡުފިއްޝިޢާރި ބިލް ޢަރަބިއްޔަތި މިން ޢުލަމާއި މަޙަލްދީބަ. (ޞަފްޙާ 231) 1357 ހ.
--------------------
  (ނިމުނީ)


މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް އިޔާޒު ނަސީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެފަރާތުން)
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ