މަރާ ބައްދަލު ތިމާ ނުވަނީސް ވުމަށް ތައުބާ އަވަސްވާށޭ!
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ނިދާފައި ނުތިބެ ދަރިފުޅުމެން ނިކަން ހޭލުންތެރިވެލާށޭ!
ވިދާހައި އެއްޗަކަށް ނުބަލައި "ޙަޤީޤަތަކަށް" ތަބަޢަ ވާށޭ!
ހިދާޔަތުގައި އަލުން ޤާއިމުވުމަށް ވިސްނުން ބަހައްޓާށޭ!
ވެވުނުހައި ފާފަޔާ މެދުގައި ޚަލާޞް ހިތްކޮށް ރޮމުން ދެލޮލުން
ދެވުނު ނުސިޔާނުހައި މަގުތައް މުޅިން ދޫކޮށް އަމާން މަގަކުން
ވެވުނުހައި ސީދަލެއް ކޮށްގެން ޢަމަލުތައް ދެން ބަހައްޓާށޭ!
ތިމާ "ނަފްސުލްމުޠުމައިންނާ"ގެ ގޮތުގައި ޖަންނަތަށް ދަންޏާ
ޙިމާޔަތް އުޚުރަވީ ގޮވަތިން ލިބޭނޭ މަގު އެދޭނެންޏާ
"އިމާމުލްމުއްތަޤީން" ދެއްކެވި މަގަށް އަވަހަށް އެނބުރިލާށޭ!
އިލާހީ މާތްވި ޙަޟުރަތުގައި ޚުޝޫޢޫވެރިކަން އިހަށް ނެރެގެން
ކިލާކަން ހިތް ތަޣައްޔަރުވީ، ފިލައިތޯ ޢަޒުމު އާކޮށްގެން
ބިލާހުން ދުރުވެ ޙައްޤު މަގަށް އަލުން އަނބުރައި ނުކުންނާށޭ!
ޚިޔާލުގެ ދޯދިޔާ ކަމަކުން، ހަވާނަފުސުގެ މަގަށް ދެވުމުން
ހިޔާވަހިކަން ލިބޭށަ ތިމާ އެދެންޏާ ޙަޝްރު މައިދާނުން
އިޢާދަވުމޭ އޮތީ ޙައްޤަށް، މިހެން ސާބިތުވެ ހުންނާށޭ!
ބަރާބަރުމަގު މިތާ ފެންނަން ދިމާއަށް ހާމަޔަށް އޮތުމުން
އަރާމާ ޢައިޝު ހުރި ތަނަކަށް ދެވޭނޭ ފުރުޞަތަށް އެދެމުން
މަރާ ބައްދަލު ތިމާ ނުވަނީސް ވުމަށް ތައުބާ އަވަސްވާށޭ!
------------------
(ނިމުނީ)
މިޅެން
ފޮނުވުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުން ބެލުން:ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
ޝާއިޢުކުރުން:ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު