އަދުގެ ޚާއްސަ

Print

މޫސާގެފާނުގެ އަސާކޮޅު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ދިރާސާ


އަޙްމަދު ޢަބްދުﷲ ސަޢީދު

"އަހަރެންގެ އަތުގައި މޫސާގެފާނުގެ އަސާކޮޅެއް ނޯވެއެވެ." މިއީ، އެ މީހަކަށް ނުކުޅަދާނަ ކަމެއް ކުރުމަށް އަނެކުން ބާރު އެޅުމުން، ނުވަތަ އެފަދަ ކަމެއް ނުކުރެވިގެން މީހުން އެއްޗެހި ކިޔައި ފާޑުކިޔަން ފެށުމުން ބައެއް މީހުން ބުނެއުޅޭ ބަހެކެވެ. ސަބަބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ، މޫސާގެފާނަށް ދެއްވި ޢަޞާކޮޅުން، އެ ކަލޭގެފާނު އަމިއްލަ ޒާތުފުޅަށް ކުރެއްވުން ނުކުޅަދާނަ ކިތަންމެ ކަމެއް ކުރެއްވޭތީ އެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. "އޭ މޫސާގެފާނެވެ! ކަލޭގެފާނުގެ ކަނާތްޕުޅުގައި ތިޔަ އޮތީ ކޮން އެއްޗެއްތޯއެވެ؟ އެ ކަލޭގެފާނު ވިދާޅުވި އެވެ. އެއީ އަޅުގެ އަސާއެވެ. އޭގެ މައްޗަށް މިއަޅާ ބުރަވެ، މިއަޅާގެ ބަކަރިތަކަށް (ކާންދިނުމަށް) އެއިން (ގަސްގަހުގެ) ފަތް ބިންނަމެވެ. އަދި އެހެން ބޭނުންތައް ވެސް މިއަޅާ އަށް އޭގައިވެ އެވެ."

މި ދެންނެވި އާޔަތުގައި މޫސާގެފާނު ވިދާޅުވެފައި އެވާ "އެހެން ބޭނުންތައް" މާނަކުރެވެނީ ކޮން ގޮތަކަށްތޯއެވެ؟ މި ކަމުގައި ތާރީޚު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތެވެ.
   
އިހުގެ ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މޫސާގެފާނު ވިދާޅުވާ އެހެން ބޭނުންތަކުގެ ތެރޭގައި ވަރަށް ގިނަ ކަންތައް ހިމެނެ އެވެ. އެ ގޮތުން އެ އަސާކޮޅުން ބިމުގައި ޖެއްސެވުމުން އެ ކަލޭގެފާނަށް ބޭނުންފުޅުވާ ފެން އެ ބިމުން ނުކުމެއެވެ. އަދި އެ އަސާކޮޅު ދެ ކަފިވެ އެއް ކަފިން މާމުއި އަނެއް ކަފިން ކިރު ނުކުމެއެވެ. އަދި އެ އަސާކޮޅު ބިޔަ ނާގަ ހަރުފައަކަށް ބަދަލުވެ އެއަށް ވުރެ ކުދި ހަރުފަތައް ކައިލައެވެ.
  
އަދި މޫސާގެފާނު ތަންތަނަށް ހިންގަވާ އިރު އެ އަސާކޮޅު އެކަލޭގެފާނަށް ދަންނަވާކަމަށްވެ އެވެ: ތިޔަ މަގުން ވަޑައިނުގަންނަވާށެވެ! ތިޔަ މަގު އަމާނެއް ނޫނެވެ. އެހެން މަގެއް ހިއްޕަވާށެވެ!
   
އަދިވެސް އެ އަސާކޮޅު މޫސާގެފާނަށް ދަންނަވާކަމަށްވެއެވެ: ތިޔަ މަގުގައި ސިންގާ އާއި މިނިކާވަގު އުޅެއެވެ. ސަމާލުވެ ރައްކާތެރިވެވަޑައިގެން އެ ތަކެއްޗާ ދުރުން ވަޑައިގަންނަވާށެވެ.
   
ބުނެވޭ ގޮތުގައި މޫސާގެފާނުގެ އަސާކޮޅުގެ ދިގުމިނުގައި 10 ފޫޓު ހުރެއެވެ. އެއީ މޫސާގެފާނުގެ އިސްކޮޅުފުޅު ކަމަށް ވެސް ބުނެވެއެވެ. އަދި އެ އަސާކޮޅަކީ ސުވަރުގޭގެ ލިވަޒް (އަލްމޮންޑް) ގަހެއްގެ ލަކުޑިންވާ އަސާކޮޅެއްކަމަށްވެއެވެ. އެއީ އާދަމްގެފާނުންގެ ކިބައިން އެ ކަލޭގެފާނުގެ ދަރިދަރިކަލުންނަށް ވާރުތަވަމުން އައިސް، ސަލާމްލެއްވި ޝުއައިބުގެފާނަށް ވާރުތަކޮށްފައިވާ އަސާކޮޅެކެވެ.
   
ސަލާމްލެއްވި މޫސާގެފާނު، ޝުޢައިބުގެފާނުގެ އަރިހުގައި މަދްޔަނު (މިހާރު ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު ބިތުގެ ރަށެއް ކަމަށްވާ ތަބޫކުގެ ތެރޭގައި ހިމެނޭ ސަރަހައްދެއް) ގައި އުޅުއްވި ދުވަސްވަރު، އެ އަސާކޮޅު ދެއްވުމަށް ޝުޢައިބުގެފާނުގެ އަރިހުން އެދިވަޑައިގަތެވެ. އަދި އެ ކަމަށް ޝުޢައިބުގެފާނު ދެކޮޅުހެއްދެވިއެވެ.
   
ނަމަވެސް އެ ކަލޭގެފާނު ގެންގުޅުއްވާ އަސާކޮޅުތަކުގެ ތެރެއިން އެހެން އަސާކޮޅެއް ނެންގެވުމަށް މޫސާގެފާނަށް ޝުޢައިބުގެފާނު ދެންނެވިއެވެ. އެ ހިނދު މޫސާގެފާނު އަސާކޮޅެއް ނަންގަވަން އަތްޕުޅު ދަންމަވައިލައްވާ އިރަށް، އެ ކަލޭގެފާނާ ދިމާއަށް އަންނަނީ އެއްކަލަ އަސާކޮޅެވެ. އަދި އެ އަސާކޮޅުގައި ނުހިއްޕަވައި އެހެން އަސާކޮޅެއް ނެންގެވުމަށްޓަކައި އެހެން ދިމާޔަކުން އަތްޕުޅު ދަންމަވައިލައްވާ އިރަށް ހަމަ އެއްކަލަ އަސާކޮޅު މޫސާގެފާނާ ދިމާއަށް ކައިރިވެއެވެ.
   
މި ކަމުގައި އިތުރު ގޮތެއް ފެނިވަޑައިނުގަތުމުން އެންމެ ފަހުން ޝުޢައިބުގެފާނަށް މަޖުބޫރުވެވަޑައިގަތީ އެ އަސާކޮޅު މޫސާގެފާނަށް ދެއްވުމަށެވެ. އަދި މޫސާގެފާނަކީ ތެދުވެރި ރަސޫލެއް ކަން ޔަގީންކުރެއްވުމުން އެ އަސާކޮޅު މޫސާގެފާނަށް ދެއްވިއެވެ.
   
މޫސާގެފާނުގެ އަސާކޮޅަކީ ރޭގަނޑަށް އަލިކޮށްދޭ އަލިގަދަ ދަންމަރެކެވެ. އަނިޔާވެރިން އިނދަޖެއްސުވި ވަރުގަދަ ސިލޭހައެއް ފަދަ މުޢުޖިޒާތެކެވެ. މިސްރުގައި އޮތް ފިރުއައުނީ އުންމަތުގެ ވަސް ބިމުން ފުހެލި ބާރުގަދަ ވަސީލަތެކެވެ. ތެދުމަގު ލިބިގަތް މިސްރުގެ ރައްޔިތުންނަށް، ބިޔަ ކަނޑެއްގެ މެދުން އަމާންކަން ހޯދައިދިން މަދަދުގާރެކެވެ.
   
ނަމަވެސް މިއަދު މިސްރަށް ކުރިމަތިވެފައިވާ މައްސަލަތައް ހިނދުކޮޅެއްގެ ތެރޭގައި ފިލުވައިލުމަށް، މޫސާގެފާނުގެ އަސާކޮޅެއް ނެތެވެ.
----------
 ނިމުނީ


މިލިޔުން:

   ފޮނުވުން:     އަލްފާޟިލް އަޙްމަދު ޢަބްދުﷲ ސަޢީދު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލްބޯޑުގެފަރާތުން)
   ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް


އިދާރާ

ވާހަކަ