އަދުގެ ޚާއްސަ

Print

"ލިޔުންތެރީންގެ ގުޅުމުގެ" މެންބަރުންގެ ތެރެއިން ................(1): އަލްފާޟިލް ޢަބްދުﷲ ޞާދިޤު، ހ. އާމުލީގެ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑަށް އެންމެ ފުރަތަމަ ޞާދު މުދައްރިސް ތަޢާރުފުވީ އަޅުގަނޑުގެ މަދްރަސީ ދައުރުގައެވެ. އީޕީއެސްގައި އަޅުގަނޑުމެންގެ މުދައްރިސެއްގެ ގޮތުން ކިޔަވައިދެއްްވުމުގެ ތެރެއިންނެވެ. ދެން އައީ ތަމްރީނުގެ ދައުރެވެ. މުދައްރިސުން ތަމްރީނުކުރާ ކޯހުގައި އަޅުގަނޑުމެންގެ ދިވެހި ޓީޗަރ އެޑިޔުކޭޓަރެއްގެ ގޮތުން މަޢުލޫމާތުދެއްވައި ދިވެހިބަސް ކިޔަވައިދެއްވީ ވެސް ހަމަ ޞާދު މުދައްރިސެވެ. އޭގެ ފަހުންް ޤައުމީ މަރުކަޒުގެ އަދަބީ އެކި ޙަރަކާތްތަކުގެ ތެރެއިން ވެސް އަޅުގަނޑާ ޞާދާ ދިމާވާގޮތްވީ އެވެ. މިއަދު ވެސް އެއީ ހަމަ އަޅުގަނޑުގެ ލޮބުވެތި މުދައްރިސެވެ. މުދައްރިސަކާއި ދަރިވަރަކާ ދެމެދު އޮންނަންޖެހޭ އެ ގުޅުމަކަށް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. އެހެނީ ޞާދު މުދައްރިސަކީ ސާދާކަމާއި ސީދާކަމާއި ގުޅުން ދަމަހައްޓަވަން އެނގިވަޑައިގަތުމުގެ ނަމޫނާ މިސާލެކެވެ. ނަޒާޙަތްތެރި އެކެވެ. މުރުއްވަތްތެރި އެކެވެ.

އަދަބީ އަދި ބަހުގެ ހަމަތަކުގެ މައްސަލަތަކުގެ ޙާއްލު ވަރަށް ފަސޭހައިން ހޯއްދަވައެވެ. ހަމަ ވަގުތުންނެވެ. މިވާހަކަދަންނަވައިލުމުން ކުރީގެ ހަނދާނެއް އާވާ ގޮތްވެއްޖެ އެވެ. މުދައްރިސުން ތަމްރީނުކުރާ ކޯހުގައި އުޅުނު ދުވަސްވަރު އަޅުގަނޑުމެން ދަރިވަރުން މަޖައްލާއެއް ނެރެން ގަސްތުކޮށްގެން އެމަސައްކަތް ފަށައިގަނެ ކިޔާނެ ނަމެއް ހޯދާ ހިސާބަށް ދެވިއްޖެ އެވެ. އަޅުގަނޑުމެން ނިންމީ ޞާދު އަރިހަށް ދާށެވެ! ހިނގައްޖައީމެވެ. ހަނދާންވާ ގޮތުން އެއީ އަޅުގަނޑާއި އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމާއި ފަރެސް މުޙައްމަދު ޢާމިރު އަޙުމަދެވެ. 3 މީހުންނެވެ. ނުވަތަ އެހެން ބޭފުޅަކާއެކު 4 މީހުންނެވެ. މަޖައްލާ އަށް ކިޔުން އެންމެ ރަނގަޅު ނަމަކީ "މުޑި" ކަމަށް ވިދާޅުވި އެވެ. ދެ މާނަވެސް ފުރިހަމަ ކަމުނަ ކަމަށް ވިދާޅުވި އެވެ. ކާށީގައި އޮންނަ މުޑިއަކީ ވެސް ވަރަށް ހަރުދަނާ ކަމާއެކު އެތެރެ ފުރިފައި އޮންނަ އެއްޗެކެވެ. ފުޅައް އަޅަން ޖަހާ މުޑިއަކީ ފުޅަށް ހިފަހައްޓާ ބާރެވެ. އެހެންވީމާ އެ ނަމާ އަޅުގަނޑުމެން ވެސް ރުހިއްޖައީމެވެ. މަޖައްލާގައި ހިމަނަން ހުރި ލިޔުންތައް ބައްލަވައިލެއްވުމުން އަޅުގަނޑުމެން އެނބުރި ދިޔުމަށް ހިނގައިފީމެވެ. ކުއްލިޔަކަށް އަދި އައިސްބަލާށޭ ވިދާޅުވެ ގޮވައިލައްވައިފި އެވެ. އެނބުރި ގޮސް އަރިހުގައި ހުއްޓިއްޖައީމެވެ. ...... މަޖައްލާއަށް ކިޔަން އެންމެ ރަނގަޅީ "ބަންދަލްމުޚުތާރު"ކަމަށް ވިދާޅުވެއްޖެ އެވެ. އަޅުގަނޑުމެންވީ ޙައިރާނެވެ. ޢަރަބި ނަމެއް ވިދާޅުވީމައެވެ. ކިހިނެއް ވީތޯ ދެންނެވީމާ ވިދާޅުވީ، އެކި ބާވަތުގެ ލިޔުންތައް މަސްހުނިވެފައި ހުންނަ މަޖައްލާ އަކަށް ހަމަ އެ ނަން މާ ބޮޑަށް ވެސް ގުޅެނީއެވެ. އެއީ ޢަރަބި ނަމެއް ނޫންކަމަށާއި އެއީ ދިވެހި ނަމެއް ކަމަށް ވިދާޅުވެއްޖެ އެވެ. އިތުރު ތަފުޞީލުދެއްވަމުން ޞަލާޙުއްދީނު ލިޔުއްވައިފައި އޮންނަ ކޮންމެވެސް ކުރު ވާހަކައެއްގެ ހާދިސާ ވިދާޅުވެ އެ ނަމުގެ ތާރީޚު އޮޅުންފިލުވައިދެއްްވި އެވެ. އާދެ! "ފީ އާރޮހެއް ކަމަކު ބަންދަލްމުޚުތާރަށް ހަދައިލީމާ ވިކިދާނެ އެވެ." އެ ނަމުގެ މުޅި މަފުހޫމަކީ މިއީ އެވެ.

އެ މަޖައްލާއަށް ކީ އެ ނަމެވެ. އާދެ! ބަންދަލްމުޚުތާރެވެ. އެ ނަމުގައި އެ މަޖައްލާ 10 އަހަރުވަންދެން މުދައްރިސުންގެ ތަޢުލީމީ މަރުކަޒުގެ ދަސްކުރާ މުދައްރިސުން ނެރުނެވެ. މިފަދަ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. އަކުރެއްް ނެތިގެން އެއް ދުވަހަކު ކުއްޖެއްގެ ބަނޑު ނުބައިވި ގޮތް ވެސް މިހާރުވެސް ހަނދާނުގައި އެބަ ހުއްޓެވެ. ނަމަވެސް އެ ވާހަކަތައް ލިޔާނެ ޖާގައެއް މި ޞަފުޙާތަކަަކު ނެތެވެ. މަޢާފުކުރެއްވުން އެދެމެވެ!

އިސްވެ ދެންނެވުނު ފަދަ ދިގު ގުޅުމަކުން ޞާދު މުދައްރިސާ އަޅުގަނޑާ ދެމެދު ޚާއްޞަ ގުޅުމެއް އޮތުމާއެކު އޭނާއާ ބެހޭ ގޮތުން އަޅުގަނޑު މި ފަދަ ބަޔާނެއް ލިޔުމަކީ އެއް ގޮތަކަށް ވެސް އައިބު ކަމެއް ކަމަކަށް ނުދެކެވެ.

ލިޔުންތެރީންގެ ގުޅުމުގެ މުސްތަޝާރެއްގެ މަޤާމުގައި މިހާރު ހުންނެވި އަދި އެ ޖަމްޢިއްޔާގެ އެއް މުއައްސިސް ކަމުގައިވާ ހ. އާމުލީގޭ އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ނުވަތަ ޞާދުބެ) އަކީ އެއްވެސް ދިވެއްސަކަށް އާ ޝަޚުޞިއްޔަތަކަށް ނުވާނެކަން ކަށަވަރެވެ. މިއަދު ދިވެހިބަހޭ ބުނެވޭ ކޮންމެ ހިންދެއްގައި އަދި އެފަދަ ކޮންމެ ދަނޑިވަޅެއްގައި "ޞާދު" ގެ ނަންފުޅު ހިތްމައްޗަށް އަންނާނެ އެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. ދިވެހިބަސް ކިޔަވައިދެއްވުމަކީ އޭނާގެ ޠަބީޢަތާ ވަކި ނުކުރެވޭނެ ކަމަކަށް ވަނީވެފައެވެ.  ޞާދުގެ އަރިހުގައި ހިނދުކޮޅަކަށް މަޑުކޮށްލިޔަސް ބަހުގެ މައުޟޫޢެއްގެ ތެރެއަށް ނުވަދެ ސަލާމަތެއް ނުވެވޭނެ އެވެ.

އަލްފާޟިލް ޢަބްދުﷲ ޞާދިޤު އޭނާގެ މަދުރަސީ ދައުރުންފެށިގެން އަދަބީ ދާއިރާއަށް ވަދެވަޑައިގެންފި އެވެ. ޢަމަލީ މައިދާނަށް ނުކުމެވަޑައިގަތީ "ސަރުކާރުގެ ޗާޕުޚާނާ"ގެ ތެރެއިން ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ތެރެއަށެވެ. އަތުލިޔުން ރީތިކަމުން ޗާޕަށް ލިޔުއްވާ ކާތިބެއްގެ މަސައްކަތުގެ އިތުރުން ދުވަހު ނޫސް "ވިޔަފާރި މިއަދު" ގައި ޚަބަރާއި ރިޕޯޓްފަދަތަކެތި ލިޔުންވަމުން މި ދާއިރާގައި ކުރިޔަށް ވަޑައިގަތެވެ.

ޙަޔާތުގެ ގަދަ އޮއިވަރުުގައި ވެސް މާލޭގެ ތަފާތު އެކި މަދަރުސާތަކުގައި ކިޔަވައިދެއްވަމުންގެންދެވީ ހުސް އެންމެ ވަގުތުކޮޅެއް ވެސް ދޫނުކުރައްވައެވެ. އަދި އަދަށް ދާންދެން ވެސް ކިޔަވައިދެއްވުމުގެ މި ސިލްސިލާ ކުރިޔަށް އެބަ ގެންދަވައެވެ. މިހާރު ވެސް "އާމުލީގޭ ޓިޔުޝަން ކްލާހު"ގެ ނަމުގައި ކިޔަވައިދެއްވުމުގެ ޢަމަލީ މަސައްކަތުގައި ޙަރަކާތްތެރިވެވަޑައިގަންނަވައެވެ.

އަދަބީ ދާއިރާއަށް ނަޒަރު ހިންގައިލާއިރު ޞާދުގެ އަދަބީ މުތްތަކަކީ ބަލައިލި ކޮންމެ ދިމާއަކުން ފެންނަން ހުރި އަގުބޮޑު ޖަވާހިރުތަކެކެވެ. ދިވެހިބަހުގެ ގަވާއިދާއި ހަމަތަކާ ބެހޭ ގޮތުން ލިޔުއްވި ބަހުގެ ހަމައިގެ އަތްމަތީ ފޮތާއި އެކިއެކި މަޒުމޫނުތަކާއި ވާހަކަފޮތާއި ސަމާސާ އަދަބާއި ދިވެހިބަސް ކިޔަވައިދިނުމަށާއި ޅެންވެރިކަން ދަސްކޮށްދޭ ބަޔަކަށް ބޭނުންވާނޭ ގިނަގުނަ އެހީތަކެއް އޭނާ ވަނީ މުޖުތަމަޢަށް ދޫކުރައްވައިފައެވެ. މިފަދަ ލިޔުންތަކަކީ އެ ތަކެތީގެ ސަބަބުން ދިވެހި އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދީފައިވާ އަދަބީ ތަރިކަތަކެއްކަން ކަށަވަރެވެ.

ޞާދުގެ ތަރުޖަމާތަކަކީ ވެސް މަދު އެއްޗެއް ނޫނެވެ. އޭނާގެ "ހިފެހެއްޓުމެއް ނެތް ކަރުނަ" ކިޔައިފި ކޮންމެެ މީހެއްގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އަންނާނެކަން ކަށަވަރެވެ. އުރުދޫބަހުން ދިވެހިބަހަށް ތަރުޖަމާކުރެއްވުމުގައި އޭނާގެ ކުޅަދާނަފުޅުކަން ހަމަ އެކަނި މި ފޮތުން ވެސް ހާމަވާނެ އެވެ. މިފަދަ ކިތަންމެ ފޮތެކެވެ.

ދިވެހިބަހުގެ ހަމަތަކާއި ޅެންވެރިކަމާއި ރައިވަރު މާނަކުރުމާ ބެހޭ ގޮތުން މިއަދު ވެސް އެންމެ ފަސޭހައިން ބަލައިލެވެން އޮތީ އޭނާގެ ތަޞްނީފުތަކަށެެވެ. ހަރުުބަހާއި މަޖާޒާއި މިސާލުބަހާއި ޅެން ޝަރަޙަކުރުމާއި ރައިވަރު މާނަކުރުމާއި ޅެން ހަދަން ދަސްކުރުން ފަދަ ހުރިހާ މައުޢަކަށްވެސް އޭނާ ވަނީ އިންޞާފުކުރައްވައިފައެވެ.

ޅެންވެރިކަމުގެ ރޮނގުންވެސް ޞާދަކީ އާދަޔާ ޚިލާފު ބޭފުޅެކެވެ. ސާދާ ޞަރީޙަ ކުރު ޢިބާރާތްތަކަކުން ގިނަ މާނަތައް ޝަރަޙަކުރެވޭ ގޮތަށް ހައްދަވއިފައިވާ ޅެންތައް ގިނަ ގުނައެވެ. ހުރިހާ ބާވަތެއްގެ މައުޟޫޢަކަށެވެ. ޞާދުގެ ޅެމެއް ކަމުގައިވާ "ދެންވެސް ކިޔަނީ އިސްލާމުންނޭ!" މި ޅެމުގެ މައިގަނޑު (ބައިތު)ގެ މައްޗަށް ވިސްނައިވަޑައިގެންބައްލަވާށެވެ.

    "އެންމެން ކިޔެވީ އެއް ފޮތަކުންނޭ
            ފެންނަ ގޮތުން ދިހަ ބާރަ ފޮތުންނޭ
                    ނެތް ނުކުރާކަ ކަމެއް މަދަރީންނޭ
                            ދެން ވެސް ކިޔަނީ އިސްލާމުންނޭ"

މި ބައިތު ކިތަންމެ ސާދާވެފައި ޞަރީޙަވިޔަސް، މި މައުޟޫޢުގައި ދިގު މަޒުމޫނެއް ލިޔާހައި މަޢުލޫމާތު މި ބައިތުގައި ޖަމާކުރައްވައިފައި އެބަހުއްޓެވެ. މިފަދަ ކިތަންމެ ޅެމެކެވެ. މިސާލަކަށް "ރަށްފުށު ދިރިއުޅުމުގެ ގަލަމީ ތަޞްވީރެއް"، ގައި ސިފަކޮށްދެއްވައިވާ ސިފަކުރެއްވުންތަކާއި "އަޅުގަނޑު" މިޅެމުގައި އޭނާގެ ޙާލަތު ބަޔާންކުރައްވައިފައިވާ މަޖާގޮތާއި "ބައިޓަނު ހަމަނުވާ އަތް ގާޑިޔާ'، ފަދަ ޅެންތަކަކީ އެއްފަހަރު ކިޔައިލައިގެން އަލާކެނޑޭ ވަރަށްވުރެ ފުރިހަމަ ޅެންތަކެކެވެ. އަދި ކުޑަކުދީންނަށް ކަމުދާ ގޮތަށް ހައްދަވައިވައިވާ ޢިބްރަތްތެރި އެހެނަސް މަޖާ ޅެންތައް ވެސް އެތައް ބައިވަރެކެވެ. "މެއްސަށް ކެއްސެއް"، ޗުއީންގަމް"، "މޮހޮރަކާ ހެދި"، ފަދަ ވެސް އެތައް ބައިވަރެކެވެ.

މިޒާޖުގެ ގޮތުން ބަލާއިރުވެސް ޞާދަކީ ސަމާސާ މިޒާޖުގެ ވަރަށް ސާދާ ބޭފުޅެކެވެ. އޭނާގެ މި މިޒާޖުން ވެސް އަދަބިއްޔާތަށް ވަނީ ހަދިޔާކުރައްވައިފައެވެ. "ހަޔާތުގެ އެންމެ ތޫނު ކަށިތައް" ވިދާޅުވުމަށް ދަޢުވަތުއަރުވަމުން އަޅުގަނޑު މިވަގުތު ފުއްދައިލާނަމެވެ.

11 ޖެނުއަރީ 1935 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ޢަބްދުﷲ ޞާދިޤު، ދިވެހިބަހަށް ކުރެއްވި އަދި ކުރައްވަމުންގެންދަވާ މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެެ ގޮތުން "ދިވެހިބަހަށް ޚިދުމަތްކުރުމުގެ ރޮނގުން ޢާއްމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމު 1980 ގައްޔާއި 1983 ގައި ވަނީ ލިބިިވަޑައިގެންފައެވެ. އަދި މި ރޮނގުން ޝަރަފުވެރިކަމުގެ އިނާމު 1998 ގައި ވަނީ ޙާޞިލުކުރައްވައިފައެވެ.

އާދޭހެވެ! އަދިވެސް ޞާދުގެ ގަލަންކޮޅުގެ ދޯރިއެއް ނުޖައްސަވައެވެ. އެ ގަލަންކޮޅުގެ ދެއްޔެއްވެސް ނުހިކެ އެވެ. ލިޔުންތެރިކަން މިހާރުވެސް ވަނީ ހަމަ މެކުހަށް ޖައްސަވައިފައެވެ. މިއަހަރުގެ "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ތެރޭގައި ވެސް އޭނާގެ ފޮތްތަކެއް ވަނީ ވުޖޫދަށް އައިސްފައެވެ.

އާދޭހެވެ! ޞާދުގެ ޙަޔާތާއި އަދަބީ އަދި ޤައުމީ ޚިދުމަތްތަކާމެދު މި ބަޔާންކޮށްލެވުނީ އެންމެ އިންސައްތައެއްހައި ކުޑަ މިންވަރެކެވެ. ގިނަ ފަހަރަށް އަދީބުންގެ ވާހަކަ މީހުން ލިޔަނީ އެ އަދީބެއް ދެމި އޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީމައެވެ. އެހެންކަމުން ޞާދު ދުނިޔޭގައި ހުންނަވަނިކޮށް މި ފަދަ ލިޔުމެއް ކުރުކުރުކޮށް ނަމަވެސް ލިޔެލާނަމޭ އަޅުގަނޑު ހިތަށް އެރީއެވެ.
 
އަޅުގަނޑު އެދެނީ އަލްފާޟިލް ޢަބްދުﷲ ޞާދިޤަށް ދިގު ޢުމުރުފުޅަކާއި ދުޅަހެޔޮ ޞިއްޙަތެކެވެ! ޤައުމީ ޚިދުމަތުގައި ދެމި ހުންނެވުމުގެ ހިތްވަރާއި މި ދާއިރާއިން އިތުރު ކާމިޔާބީތަކެވެެ! އަދަބީ މަސައްކަތްޕުޅަށް އިތުރު ހަލުވި ކަމަކާއި ފާގަތިކަމެވެ!
------------------
(ނިމުނީ)

މި ލިޔުން:
     ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ