އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (15)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް

                                                        (18 އޭޕްރީލް 2011 އާ ގުޅޭ...)

އަންވަރު:- އެންމެ ރަނގަޅެވެ. ދެން އެ ވާހަކައެއް ނުދައްކާނަމެވެ. ހަވީރުވެސް ވެއްޖެ އެވެ. އަހަރެމެންނަށް ލިބުނު ސިޓީތައް ބަލަމާ ހިނގާށެވެ! ވަގުތުކޮޅު ކުޑަކަމުން ނެގުނު ސިޓީތައް ވަރަށް މަދެވެ. ނަމަވެސް އޭގައިވެސް އަގުހުރި ތަކެތި ހުންނާނެ އެވެ. . . . . . . . . . .  

ދެ މީހުން ވެގެން ދަގަނޑު ފީފާ ވަޅުން ނަގައިފި އެވެ. ހުރިހާ ސިޓީތައް ބަލަން ފަށައިފި އެވެ.

އޭނާގެ ކަމަކީ މީހުން މެރުމެވެ.

މިސްޓަރ އަންވަރާއި އަޙުމަދަށް ލިބުނު ކުޑަކުޑަ ފުރުޞަތުގެ ތެރޭގައި  "ނައިޓް ކްލަބް"ގެ އަލަމާރިން މާ ގިނަ ސިޓީތަކެއް  ނެގިފައެއް ނެތެވެ. އަދި އެ އަލަމާރީގެ ތެރޭގައި ތިބި އިރުވެސް ވަތްގަނޑު ދަމައިލާން ނުކެރުމުގެ ސަބަބުން އެ ވަގުތުކޮޅުގެ ތެރޭގައި ވެސް އިތުރު ސިޓީއެއް ނުނެގުނެވެ. . . . . . . . .  ވަރަށް ގިނަ ޢަދަދެއްގެ "ކަރުދާސް"ތަކެއް ގެނެވިފައި އެބަ ހުއްޓެވެ. ނަމަވެސް ގިނަ ސިޓީތަކުގައި ހުރީ އެއްވެސް މަޢުލޫމާތެއް ނެތި ހަމަ އެކަނި "އެންމެ ރަނގަޅެވެ." ލިޔެފައި ރަތްތަރިޖަހައިފައެވެ. އެކަމަކު ވަރަށް ފަރުވާ ބަހައްޓައިގެން ތާރީޚު ޖަހައިފައި ހުއްޓެވެ. ސިޓީއަކަށް ވާހަކަހަލަ އޮތީ އެންމެ ތިން ސިޓީ އެވެ. އެ ތިން ސިޓީ ވަރަށް ފަރުވާތެރިކަމާއެކު ދެ މީހުން ކިޔަން ފަށައިފި އެވެ. އިރުކޮޅަކާ އަޙުމަދު ތެދުވެ ދެކޮޅު ހޯދައި ބަލައިލައެވެ. ސިޓީ ކިޔަން ތިބޭ އިރު ވެސް ދެ މީހުންގެ އަތުގައި ފިސްތޯލަ ތައްޔާރަށް އޮވެއެވެ.

ފުރަތަމަ ސިޓީ

މާދަމާ ހަވީރު އަހަރެން ފިންލެންޑަށް ދާން ފުރާނަމެވެ. ކަލޭގެ އިރުޝާދާ އެއް ގޮތްވާ ގޮތުގެ މަތީން މިސްޓަރ ބެންޒޯ މަރައިލާނީ އޭނާގެ ފައުނުތައް ލާ ތިޖޫރީގެ ތަޅުދަނޑި އަތުލައިފައެވެ. އަހަރެން ގަސްތުކޮށްފައި ވަނީ އޭނާ މަރައިލުމުގެ ކުރިން އިނގިރޭސިވިލާތަށް ކިޔަވަން ގޮސް ހުރި އޭނާގެ ދަރިފުޅުގެ ސިފައަށް އަހަރެންގެ ސިފަ ބަދަލުކޮށްގެން އޭނާގެ ގެޔަށް ގޮސް އުޅުމަށެވެ. އަހަރެން އޭނާގެ ދަރިފުޅަށް ވެގެން އުޅެނިކޮށް  އެ ތަޅުދަނޑިއާއި އަދިވެސް ވަރަށް ގިނަ ތަކެތި ލިބިދާނެ އެވެ. ވީމާ ދެން ދެތިން ދުވަސް ކޮށްފައި އޭނާ މަރައިލާނީ އެވެ.
                                                          އުންމީދުން ފުރިފައިވާ
                                                              (ރަތްތަރި)

ދެވަނަ ސިޓީ

އެޑްމަންޑް ގެންދިޔަ ރޭ އެ ބަޔަކަށް ކަލޭގެ ގޭގެ ސިއްރުތައް އެނގުނު ސަބަބެއް އަހަންނަށް ހަމަ ނުވިސްނުނެވެ. ކަލެޔަށް ތިޔަހެން ހީވި ނަމަވެސް އަހަންނަށް ހީވަނީ އެހެންނެއް ނޫނެވެ.  އެޑްމަންޑް ސެވެން އެންޑް ބީ އަށް ގެންދިޔަރޭ، އެތާގެ މަސައްކަތް އޮންނަ ރޭރޭ ކަލޭ އެ ތަނަށް އާދަވެ  ގެންގޮސް އުޅޭ ޖޯން އެ ތާނގައި ހުރި ނޫންހެއްޔެވެ؟ އަދި އެޑްމަންޑް ހޭނައްތައިލައިފައި ކަލޭގެ ގެޔަށް ގެންދިޔަ އިރުވެސް  އޭނާ ދިޔައެވެ. އަދި އެ ސިއްރު ކޮޓަރިއަށް ލީ އިރުވެސް މަސައްކަތްކުރީ ކަލެއާއި އަހަންނާއި ޖޯނެވެ. އަދި ޖޯނަކީ އެހެން މީހުންނާ ޚިލާފަށް "ނައިޓް ކްލަބް"ގެ ބިންގަރާސް ކޮޓަރި ހިތުދަސް މީހެކެވެ. ވީމާ، ޔަޤީނާ ގަތަށް ހީވަނީ އޭނާ އެވާހަކަ ބެޒާރުކުރީހެންނެވެ. އަދި ޚާއްސަކޮށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ އެއްރެއަކު އޭނާ ނައިޓްކުލަބްއިން ނުކުމެގެންގޮސް އެހެންމީހަކާ ވާހަކަ ދައްކަން ހުއްޓާ އަހަރެން ކަރުގާވެސް  ދާދިކާރިން ދުށީމެވެ. އެއީ ކުރުފަޓްލޫނެއް  ލައިގެން ބޭލާއެއް ހިފައިގެންހުރި އިންޑިޔާގެ ޒުވާން ފިރިހެން ކުއްޖެކެވެ. ވީމާ، އަހަންނަށް ފެންނަނީ ޖޯންއާއި މެދު ވަރަށް ވިސްނަމުން ގެނދިއުމެވެ.
                                                         އުންމީދުންފުރިފައިވާ
                                                            (ރަތްތަރި)

ތިންވަނަ ސިޓީ

ކެލިފޯނިޔާ އަށް އާދެވުނީ އަދު ހެނދުނު އެވެ. ޚާއްޞަ އިތުރު ޚަބަރެއް ނެތެވެ.  ސެންތޯނިޔާ މަރައިލައިފީމެވެ. ނަމަވެސް އެރޭ  "ވޮޝިންޓަން"ގެ ފުލުހުންނަށް އަހަންނާ މެދު  ޝައްކުވިއެވެ. ވަރަށް ގިނަ ބަޔަކު އަހަރެން ތަހުޤީޤްކޮށް ބެލުމަށް އުޅެއެވެ. ސިފަ ބަދަލުކޮށްލެވޭނޭ ގޮތެއް ނެތުމުގެ ސަބަބުން ޖަލަށް ނުލީ ކިރިޔާއެވެ. ސަލާމަތްވީ މުޅިބޮލުގެ ހުރިހާ އިސްތަށި ބާލައިގެން ކޮރު މުސްކުޅިއަކަށް ވެގެންނެވެ. މީގެ ތަންކޮޅެއް ކުރިން އިންޑިޔާގައި އުޅުނު އެކަނިވެރި އެމެރިކާގެ އަންހެން ކުއްޖަކު އޭނާގެ   ހުރިހާ މުދާތަކެއް ވިއްކައިލައިފިއެވެ. އިންޑިޔާއަށް ދާން އެބަ ފުރައެވެ. އޭނާއާ އަހަރެން ވާހަކަ ދެއްކީމެވެ. ނަމަކީ އޮފީލިޔާއެވެ. އޭނާ ހުންނާނީ އާދައިގެ ގެއެއްގައެވެ. ޑޯރެންސީ ހޮޓަލަކީ އޭނާ ޒަމާނުއްސުރެ ރައްޓެހި  ހޮޓެލެއްކަމުން ނިދުންފިޔަވައި ހުރިހާ ކަމެއް ބަހައްޓާނީ އެ ހޮޓަލުގައި ކަމަށް އޭނާ ބުންޏެވެ. މީނާގެ އަތުގައި ހަމަކަށަވަރުން ވެސް 10 ލައްކަ ރުފިޔާގެ ޗެކެއް އެބަ އޮތެވެ. އެ ޗެކާއި އޭނާގެ ފުރާނައަށް އަހަރެން ވަރަށް ދަހިވެތި ވެއްޖެ އެވެ. އަދި އަހަންނަށް ދެވޭނީ ހަފުތާއެއްހާ ދުވަސް ފަހުންނެވެ. އެއީ އަތްމަތީގެ ޚަރަދަށްޓަކައި މި ތާގެ މުސާފިރުޚާނާގައި އުޅޭ އަންހެން ކުއްޖެއްގެ ގަހަނާކޮޅު އަތުލައި ގަނެގެންނެވެ. ބޭކަރެވެ! އަހަރެން ދާއިރަށް ސިފަބަދަލުކުރާ ބޭސް ތައްޔާރުކުރާށެވެ! މިހާރު މި އުޅެންޖެހެނީ  އަސްލު ސިފައިގައެވެ. މާ ބިރުބޮޑުވެއްޖެ ނަމަ ތުބުޅިއަކާއި މަތިމަހެއް ޖަހައިގެން، ނުވަތަ ލޯކަނު ނުވަތަ، ވާ މީހަކަށް  ހެދިގެން ސަލާމަތްވަނީ އެވެ. މި ބުނި އޮފީލިޔާ ދުކޮށްލައިގެން ނުވާނެ އެވެ. އޭނާގެ އަތުގައި ފަންސަވީހަކަށް ލައްކަ ރުފިޔާ ހުންނާނޭ ކަމާމެދު  ޝައްކެއްނެތެވެ.
                                                         ކަލެއަށް ހެޔޮއެދޭ  
                                                            (ރަތްތަރި)
               
ސިޓީ ކިޔައި ނިމުނުއިރު  އަޙުމަދުއިނީ މުޅީން ހިމޭންވެ ޙަރަކާތް ނެތި ހުއްޓިފައެވެ.

އަންވަރު:- ކަލޭ ތިޔައިނީ ކީއްވެފައި ހެއްޔެވެ؟ ބިރުން ހެއްޔެވެ؟  ބަލަ ބިރުގަންނާކަށް ނުވެއެވެ.
ހާސްވާން ކައިރިއެއް ނުވެއެވެ. މަސައްކަތް އަދި ކިރިޔާ ފެށުނީއެވެ. ވަންނަންވީ ތަންތަނާއި ދާންވީ ތަންތަން އަދި ކިރިޔާ ފެނުނީއެވެ.

އަހުމަދު:- އަހަރެންތަ؟    އަހަރެން މިހާރު އެއްވެސް ކަހަލަ ބިރެއްނުގަނެއެވެ.
މިވިސްނަނީ އެހެން  އެއްޗެކެވެ. އަނެއްކާ ކަލެއައްވުރެ ކުރިން މި ބާވަތުގެ އެއްޗެއް ވިސްނުމަކީ ވެސް އާދަޔާ ޚިލާފުކަމެއްދޯ އެވެ؟ އަހަންނަށް ވިސްނޭގޮތުގައި މިސްޓަރ ޖޯނާ މެދު ލިޔެފައިވާ ސިޓީގެ ޒަރީއާއިން އަހަރުމެންނަށް "ނައިޓްކްލަބް" ގެ ސިއްރިތައް ހޯދޭނޭ ވަރަށް ތަނަވަސް ދޮރެއް ހުޅުވިދާނެއެވެ.

އަންވަރު:-  އަހަންނަށް ވެސް އެ ސިޓީ ކީއިރު  ތިޔަ ޚިޔާލެއް އައެވެ. އެސިޓީގެ އަލިން އަހަރުމެންނަށް އެތަކެއް ހާސް ނުކުތާ  ސާފުވެދާނެ އެވެ. މި ހުރިހާ ސިޓީއެއް ލިޔެފައިވާ "ރަތްތަރި" އަކީ ލީލާ މަރައިލި މީހާ އެވެ!  މިރޭ ގަބުރުސްތާނު ކޮންނަ ތަނަށް ވެސް އޭނާ ދާނެ އެވެ. ދެރައީ ސިފަބަދަލު ކުރާ މީހެއްކަމެވެ. މިސްޓަރ ބޭކަރުގެ ކައިރީގައި ވަރަށް ގިނައިން އޭނާ ހުންނާނެކަން ކަށަވަރެވެ. މި ވަގުތު  ބަލަންވީ އަހަރުމެންގެ މައްޗަށް ޝައްކެއްވިޔަ ނުދީވޭތޯ އެވެ. އެ ބުނާ އޮފީލިޔާ މާދަމާ ރޭ މަރާލާނޭކަން ކަށަވަރެވެ. އެތަނުން "ރަތްތަރި"  ހިފިދާނޭހެން ވަރަށްބޮޑަށް ހީވެއެވެ. ސިޓީލިޔާފޮތެއް ގެންނާށެވެ. "
ފުލުހުންގެ ވެރިޔާއަށް ސިޓީއެއް ފޮނުވުމަށެވެ. ވަރަށް އަވަހަށް އަންވަރު ސިޓީލިޔާން ފެށިއެވެ................
                       
" އިއްޒަތް ތެރިޔާއެވެ!
މަސައްކަތް ކުރިޔަށް އެބަދެއެވެ. މިސްޓަރ  ބޭކަރުކިޔާ  ހިޖާޒްކަރައިގެ ހިސާބު މުދައްރިސާ މެދު ކުޑަކޮށް ޝައްކުވާ ވާހަކަ ކުރީދުވަހެއްގައި ލިޔުނީމެއް ނޫންހެއްޔެވެ؟ ނަމަވެސް މިހާރު ކުރެވުނު  މަސައްކަތުން އެނގުނީ އޭނާ އަކީ އެއްގޮތަކަށް ވެސް މިކަމާ ބެހޭ މީހެއްނޫންކަމެވެ. އަހަރުމެންގެ މަސައްކަތް ވަރަށްބޮޑަށް ކާމިޔާބުވަމުން އެބަދެއެވެ. ނަމަވެސް ހިތާމައަކީ ހޮޓަލެއްގެ ތެރޭގައި ބޮކިތައް ނިއްވައިލައިގެން އުޅެނިކޮށް ދުޝްމަނުންގެ މީހުން ގޮއްވާލި ފިސްތޯލައަކުން އަހަރުމެންގެ މިސްޓަރ އަޙުމަދު މަރުވެއްޖެ އެވެ. އެހެންނަމަވެސް މިހާރު އެހެން ސިއްރުވެރިޔަކު އަހަންނާ އެކު އެބަގެންގުޅެމެވެ. އަދި އަހަރެންގެ ވެސް މުޅި މޫނުވަނީ ފިހިގެން ބޮޑުލަކުނެއް ލައިފައެވެ. . . . . . . . . ސެވެންއެންޑްބީ، ބެލެހެއްޓުމަށްޓަކައި އަދިވެސް  ފުލުހުން ފޮނުވާކަށް ނުވެއެވެ. އެ ތާނގައި ފޯރިމަރަން ފަށާނީ ފަނަރަވަރަކަށް  ދުވަސް ފަހުންނެވެ. އަހަރެން އަންގާލީމައެވެ.

                                                         ޑާކްރެއިން "

ސިޓީލިޔެ ނިންމައިލުމުން އަޙުމަދު އިނގިލިކުރީގައި ދައިގެންފައި އަހާލި އެވެ. " އަހަރެން "މަރުވީ" ވާހަކަ ތިޔަ ލިޔުނީ ކީއްވެގެން ހެއްޔެވެ؟ .................. ކަލޭގެ މޫނު ފިހުނީ ކޮންއިރަކު ހެއްޔެވެ؟ ތިޔަ ހެދީ ކޮންފަދަ ދޮގުތަކެއް ހެއްޔެވެ؟ ..............."

އަންވަރު :- މި ކަހަލަ އެއްވެސް ކަމެއްގައި އަހަރެން އެކަކަށްވެސް އިތުބާރެއް  ނުކުރަމެވެ. އެހެންވީމާ ފުލުހުންގެ ވެރިޔާއަށް ވެސް އޮޅުވައިލީ އެވެ. މިހާރު އޭނާއަށް އަހަރުމެން ފެނުނަސް ވެސް ނޭނގޭނެއެވެ. . . . . . . . . . .

އަޙުމަދު :- ސިޓީގެ ތިރީގައި ތިޔަލިޔުނު "ޑާކްރެއިން" ގެ މާނަޔަކީ ކޮބައިހެއްޔެވެ؟

އަންވަރު:- ކަލޭހަނދާން ނެތުނީހެއްޔެވެ؟ އަހަރެން ސޮއިކުރަން އަޅާނީ އެހެންކަމަށް އޮންނާނީ ބުނެފައެވެ.

ޤަބުރުކޮނުން:

"ސެވެންއެންޑްބީ" އަކީ ކުރީން ވެސް ދެންނެވިފަދައިން ވަރަށް ބިއްދޮށު ޖަންގަލީގައި ހުންނަ ފަޅު އިމާރާތެކެވެ. އެ ހިސާބުގެ ނާމާންކަމުގެ ބޮޑުކަމުންނާއި ނުރައްކައުތެރިކަމުން ގިނަ މީހުން ގޮސް ނޫޅޭ ހިސާބެއްގައި ފޮރުވިފައި ހުންނަ އިމާރާތެކެވެ. އެތާގެ ބިއްދޮށުގައި ވަރަށް ގިނަ ޒަމާންވީ ޤަބުރުސްތާނެއް އޮވެއެވެ. އިސްލާމުންގެ ބައެއް މީހުންގެ ތެރެއިން، ނުރައްކާތެރި ބަލިޖެހިފައި މަރުވާ ބައެއް މީހުން، އެ ޤަބުރުސްތާނުގައި  ހާލުހާލުން ވަޅުލައި އުޅެއެވެ.

 ރެއަކީ އަންވަރާއި އަޙުމްދު  ސިޓީތައް ކީ ދުވަހުގެ ރެއެވެ. ކަޅުފޮއި  އަނދިރި ރެއެކެވެ. ބޭރުގައި ވަރަށް ގިނައިރު އުޅުމަށްފަހު  އެގާރަޖަހަން ކައިރިވެފައި ހުއްޓައި އަންވަރު އައިސް އަޙުމަދަށް ގޮވައިލައިފި އެވެ. "އަވަހަށް ދާން ތައްޔާރުކުރާށެވެ. އަލިފާން އާވިފުޅުއަކާއި ދެފިސްތޯލަ އާއި ހައެއްކަ އަތުބޮން ގެންދަންވާނެއެވެ. އަޙުމަދު ހައެއްކަ މިނިޓްއިރުގެ ތެރޭގައި ތައްޔާރުވެގެން ނުކުމެއްޖެއެވެ. އަންވަރު ގެނެސްފައި އޮތީ ކުލީ "މޮޓަރސައިކަލް" އެކެވެ.

"މިރޭގެ މަސައްކަތަކީ  ޤަބުރުކޮންނަތަން ބެލުމެވެ." އަންވަރު  ސައިކަލްއަށް އަރަމުން ބުންޏެވެ. "ވަރަށް ބާރަށް ބައިސްކަލް ދުއްވާނަމެވެ. ނުވެއްޓި  ހިފަހައްޓައިގެން އިންނާށެވެ." އިރުގަޑެއް  ވަންދެން ދުއްވުމަށްފަހު "ސެވެންއެންޑްބީ" ހުންނަ ހިސާބަށް ދެވިއްޖެއެވެ. މޮޓޯސައިކަލް އެއްފަރާތެއްގައި ހުރި ގަސްތަކެއްގެ ތެރެއަށް ދޫކޮށްލުމަށްފަހު  ދެމީހުން ފައިމަގުގައި ހިނގަންފަށައިފި އެވެ.

އަޙުމަދު :-  މިހާރު އެމީހުން ޤަބުރު ކޮނެގެން ބޭނުންއެއްޗެއް ނަގައިގެން ހިގައިދަނެއެވެ.

އަންވަރު :-  އެގޮތް އެގުނީ ކިހިނެއްހެއްޔެވެ؟

އަޙުމަދު :-  މިހާދަންވާ އިރު އެކަހަލަ ކަމެއް ނުކޮށް ތިބޭނެއޭ ހީނުވަނީއެވެ.

އަންވަރު :- މިރޭ އަހަރެން، އެމީހުންގެ ޚަބަރު ބެލީމެވެ. މިސްޓަރ ބޭކަރް ޤަބުރުސްތާނަށް ދާނީ މިރޭގެ މެންދަމުން އަލިވެ ދޭއްޖަހާ އިރުއެވެ.  ............................................ ދެންވާހަކަ ނުދައްކާށެވެ.

މުޅި ހަށިގަޑު އަދިނރި ކުލައިގެ ހެދުމުން  ނިވައިކޮށްފައި ތިބި އިސްކޮޅުންދިގު ހަތަރު މީހުން "ސެވެންއެންޑްބީ"ގެ ފެންޑާމަތީގައި އެބަ ތިއްބެވެ. މަޑުމަޑުން ދެކެވޭ ވާހަކަޔާއި އެއްގޮތްވާ ގޮތުގެ މަތީން އެމީހުންގެ އަތް ވެސް ހަރަކާތްތެރިވަމުންދެއެވެ. މިސްޓަރ އަންވަރާއި އަޙުމަދު  ފިލަފިލައިގެން  އެތާގެ  އެއްފަރާތުގައިވާ ވަޅުގަނޑެއްގެ ތެރެއަށް ފައިބައިފިއެވެ.
             
ފެންޑާމަތީގައި ތިބި ހަތަރުމީހުންގެ ތެރެއަށް އައި ވަކިދިމާއެއް ނޭނގި  ފަސްވަނަ މީހަކު އިތުރުވެއްޖެ އެވެ. އެއް ދެ މީހުން މެޔާ ހަމައަށް ފިސްތޯލަ އުފުލައިގެން މޫނުމައްޗަށް ތޮފީގެ ނިތްގަޑު  އަރިކޮށްލައިގެން އެތާގެ ތެރެއަށް ވަންނަން ހުރި ބޮޑު ދެގަހުގެ ދެފަރާތަށް ގޮސް ދޮރު ބައްދައިލައިފި އެވެ. ދެންތިބި  ތިން މީހުން މަޑުމަޑުން ހިނގައިފައި ގޮސް ޤަބުރުސްތާނުގެ ތެރެއަށް ވަދެއްޖެ އެވެ. އަޙުމަދާއި އަންވަރު ވެސް ބައެއް ފަހަރު ފިރުކެމުން، އަނެއް ފަހަރު ފަތަމުން ކަހަލަ ގޮތަކަށް ގޮސް ޤަބުރުސްތާނުގެ ވަރަށް ކައިރީގެ ހިސާބަކުން އަނެއްކާވެސް ތަންކޮޅެއް ދުރުގައި ފިލައިފިއެވެ.

އެކަކު ޓޯޗަކުން މުޅި ޤަބުރުސްތާނުގެ ތެރެއަށް އަލި ކުރަމުންގޮސް  ދާދިފަހުން ވަޅުލާފައިވާ މީހެއްގެ މަހާނަ ކައިރިއަށް ހުއްޓިއްޖެ އެވެ.
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
       ޓައިޕްކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު/ޢާއިޝަތު ރުޝްދީ
       އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
       ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ