އަދުގެ ޚާއްސަ

Print

އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ބޭއްވިދާނެތަ؟

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އިޖުތިމާޢީ

ހަމަ ހިތަށްއަރާ..

ބިންމާ އިބްރާހީމް ވަޙީދު
  
ބޭއްވިދާނެ ކަމުގައި އެކަކު ބުނެފިއްޔާ ނުބޭއްވޭނެ ކަމުގައި ދެ މީހުން ބުނާނެ އެވެ. ނުބޭއްވޭނެ ކަމުގައި ދެ މީހުން ބުނެފިއްޔާ، ބޭއްވޭނެ ކަމުގައި ތިން މީހުން ބުނާނެ އެވެ. މާނަ އަކީ، މިއީ ޖަވާބުދޭން އުނދަގޫ ސުވާލެކެވެ. ކަމަކާ ގުޅޭގޮތުން ސުވާލުކުރުމުން ތިމާ ދޭ ޖަވާބާއި، ތިމާ ކަންތައްކުރާ ގޮތާ ވެސް ތަފާތުވެ އެވެ. މަދުންނެއް ނޫނެވެ. އެއީ، ވަރަށް ގިނައިން ވާގޮތެކެވެ.
   
އެއްވެސް ކަމެއްގައި ދެ މީހެއްގެ ޚިޔާލު އެއްގޮތްވާކަށް ނުޖެހެއެވެ. ކޮންމެ މީހަކު ވެސް ވާހަކަދައްކާނީ، އެ މީހެއްގެ ތަޖުރިބާގެ އަލީގަ އެވެ. ނުވަތަ މަޢުލޫމާތުގެ އަލީގަ އެވެ. ދެ ޖިންސްގެ ދެ މީހުންގެ ދެމެދުގައި ރަޙުމަތްތެރިކަން ބޭއްވިދާނޭ ބުނާ މީހުން އެ ބުނަނީ އެ މީހުން އެކަން ކުރާތީ އެވެ. އެކަމަކު، އެ ފަދަ މީހުން، ނިސްބަތުން މަދެއްނޫންބާ އެވެ؟ އާންމުގޮތެއްގައި އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ބާއްވަންއުޅުމުގެ ތެރޭގައި ދެން ކަންތައް ވަނީ ކިހިނެތް ހެއްޔެވެ؟ އާނއެކެވެ. ދެ ޖިންސްގެ ދެ މީހުންގެ ދެމެދުގައި ރަހްމަތްތެރިކަން ނުބޭއްވެންވީ އެއްވެސް ސަބަބެއް ނެތެވެ. ބައެއް މީހުންނަށް އެކަން ކުރެވިދާނެ އެވެ. ގިނަ މީހުންނަށް ކުރެވޭނެ ހެއްޔެވެ؟
   
އެންމެ ފުރަތަމަ ވިސްނާލަންވީ "ރައްޓެހިކަން" އެކި މީހުން މާނަކުރާ ގޮތެވެ. ކައިވެންޏަކީ ކޮބައިކަން އެންމެންނަށް ވެސް އެނގެ އެވެ. ވަކި އުސޫލުތަކެއްގެމަތިން އެކަން ކުރެވޭތީ އެވެ. ކަނޑައެޅޭ ވަކި ކަންތައްތަކެއް ކުރެވި، ވަކި ހިސާބަކުން، ދެ މީހުން ދެމަފިރިންނަށް ވާތީ އެވެ. ދެމަފިރިންނަށް ވަންދެން އެއީ ރައްޓެހިކަމެވެ. އެ ހިސާބުން އެބަ އޮޅުންއަރައެވެ. ދެ ޖިންސްގެ ދެ މީހުން ފުރަތަމަ ބައްދަލުގެ، ކައިވެންޏަކާ ހަމައަށް ދިޔުމާ ދެމެދު، ވަރަށް ގިނަ މަރުޙަލާ ކަނޑައްތުކުރެވިދާނެ އެވެ. ކުރުކޮށް ބުނަންޏާ، ކައިވެނި ނުކުރަންޏާ އެއީ ރައްޓެހިކަން ހެއްޔެވެ؟
   
ބައެއް މީހުންގެ ނަޒަރުގައި، އެއްކޮށް ދަތުރުދިޔުމަކީ ވެސް ރައްޓެހިކަމެވެ. ހުރިހާ ވަގުތަކާއި ފައިސާއެއް، އަނެކާ އަށް ޚަރަދުކުރުމަކީ ވެސް ރައްޓެހިކަމެވެ. އަބަދު "އޭނަ" ހަނދާންވުމާއި، ފޯނު ބިލަން ހަތަރު ހާސް ރުފިޔާ އެރިޔަސް އެއީ ވެސް ހަމަ ރައްޓެހިކަމެވެ. މީހަކާ އިނދެގެން އުޅޭ މީހާ، އަނބިމީހާ ނުވަތަ ފިރިމީހާ އަށް ނުދޭ ވަރަށް "ރައްޓެހި މީހާ" އަށް ވަގުތު އެބަދެވެ އެވެ. ރައްޓެހިކަމުގަ އެވެ. އިނދެގެން އުޅޭ މީހާ އަށް ނުކޮށްދެވޭ ކިތަންމެ ޚިދުމަތްތަކެއް "ރައްޓެއްސަކަށް" އެބަ ކޮށްދެވެއެވެ. އެހެންކަމަށްވަންޏާ، އެއީ ހަމަ ރައްޓެއްސެއް ހެއްޔެވެ؟
   
ބައެއް އަންހެންކުދިންނަކީ ލޯބިވާން ކަމުނުދާ ކުދިންނެވެ. ބައެއް ފިރިހެންކުދިންނަކީ، ލޯބިން ބަލާލަން ކަމުދާ ވަރަށް ވުރެ ވެސް މާ ފީކަޅާ ކުދިންނެވެ. އެ ކަހަލަ ކުދިން ރައްޓެހިންނަށް ހަދައިގެން އުޅުމަކީ ކުރެވިދާނެ ކަމެކެވެ. ހަމަ އެގޮތަށް، ލޯބި ގަބޫލުނުކުރަން ދައްކާ ބަހަނާއެއްގެ ގޮތުގައި، "ފްރެންޑްޝިޕް ބޭއްވިދާނެ" ކަމުގައި ބުނެގެން ވެސް އުޅެވިދާނެ އެވެ. ނުވަތަ، ލޯބިވުމުން އޭނަގެ ފީކަޅާކަން އެނގުމުން، އެ ފަދަ މީހުން ވެސް ރައްޓެހިންނަށް ބަދަލުކުރެވިދާނެ އެވެ. އުމުރުން ވަރަށް ތަފާތު މީހުންނާއި، ނުފެންނަ ހިސާބުގައި ދިރިއުޅޭ މީހުން ވެސް ރައްޓެހިންނަށް ހެދިދާނެ އެވެ. ސުވާލަކީ، ތިމާ އަށް ވަރަށް ކަމުދާ، އަނެއް ޖިންސްގެ ކުއްޖަކާ، ހަމައެކަނި ރަޙުމަތްތެރިކަމުގެ ގުޅުން ބޭއްވިދާނެ ހެއްޔެވެ؟ "ޖަސްޓް ފްރެންޑްސް" ބުނެލަން ވަރަށް ފަސޭހަ އެވެ. އެ ގޮތަށް އުޅެވިދާނެބާ އެވެ؟
   
މިހެން ވިސްނާލަމާ ހެއްޔެވެ؟ ތިމާ އަކީ އަންހެނެކެވެ. ތިމާގެ އެކުވެރިންގެ ތެރޭގައި ވަރަށް ރީތި ފިރިހެނަކު އެބަހުރި ހެއްޔެވެ؟ "ރީތި" މާނަ މި ކުރަނީ ގަޔާވުން، ކަމުދިޔުން، ހިތްކިޔުން ފަދަ ހުރިހާ ބަހަކަށެވެ. ވަރަށް ކަމުދާ މީހަކާ ދިމާލަށް، ހަމައެކަނި ރަޙުމަތްތެރިއެއްގެ ނަޒަރުން ބެލެންޏާ އެއީ ކަނޑައެޅިގެން ދޮގެކޭ ނުބުނެވޭނެ ހެއްޔެވެ؟ ނުވަތަ އޭނަ އުޅެނީ ކަމެއް ފޮރުވައިގެންނޫން ހެއްޔެވެ؟
   
އެކަކު ބުނިގޮތުގައި، އަނެއް ޖިންސްގެ ރީތި މީހަކު، ރަޙުމަތްތެރިއެއްގެ ގޮތުގައެއް ނުގެންގުޅެވޭނެ އެވެ. އަންހެނުންނާއި ފިރިހެނުންނަކީ، ވަރަށް ތަފާތު ކަންކަމަށް ޝައުގުވެރިވާ ބައެކެވެ. އާދަކާދަ އާއި މިޒާޖު ވެސް ތަފާތުވާނެ އެވެ. ވާހަކަދައްކާ މިންވަރާއި، ދައްކާ ވާހަކައިގެ "ޓޮޕިކް" ވެސް ތަފާތުވާނެ އެވެ. އަންހެން އެކުވެރިންގެ ފަރާތުން އަންހެނުންނަށް ލިބޭ ލަނޑާއި، ފިރިހެން އެކުވެރިންގެ ފަރާތުން ފިރިހެނުންނަށް ލިބޭ ލަނޑު ވެސް ތަފާތުވާނެ އެވެ. މާނަ އަކީ، ރައްޓެއްސެއްގެ ގޮތުގައި ފިރިހެނަކު ހޯދާ އަންހެނެކަށް ރަޙުމަތްތެރިކަމެއް ނުވެސް ދެވޭނެ އެވެ. ދެވޭނީ ލޯތްބެވެ. ފިރިހެނެއްގެ ހަޔާތަށް އަންހެނަކު ނުވަތަ އަންހެނެއްގެ ހަޔާތަށް ފިރިހެނަކު އަތުވެއްޖެއްޔާ އެ ވާނީ ޢާއިލާގެ މީހަކަށެވެ. ނުވަތަ ލޯބިވެރިއަކަށެވެ. ނިމުނީ އެވެ. "ބެސްޓު ފްރެންޑް" ކިޔައިގެން އެހެން މީހުންގެ ލޮލުގައި އަނދުންއެޅުވުން އެއީ މުޅިން އެހެން ކަމެކެވެ.
   
ތިން ކުދިންގެ މަންމައެއް ބުނިގޮތުގައި، އިންސާނުންނަކީ އަމިއްލައެދުން ބޮޑުބައެކެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެ އެވެ. އަނެއް ޖިންސްގެ "ބެސްޓް ފްރެންޑް" އަށް ތިމާގެ ހުރިހާ "ޒާތީ" ކަންކަން ކިޔާދެވެނީ، "ފްރެންޑްޝިޕް" އަށް ވުރެ "ކްލޯސް" ގުޅުމަކަށް އުންމީދުކުރެވޭތީ އެވެ. ޙަޤީޤަތުގައި އެ ދެމެދުގައި އޮންނާނީ ލޯތްބެވެ. ރައްޓެހިކަމެއް ނޫނެވެ. އެ ކަމާ އެއްބަސްނުވުން އެއީ މުޅިން އެހެން ކަމެކެވެ.
   
"ގިނަ ފަހަރަށް "ކްލޯސް ފްރެންޑަކަށް" ހެދޭނީ ތިމާ އަށް ގަޔާވެވޭ ސިފަތަކެއް ހުންނަ މީހެއް. އެހެންވީމަ، އެ މީހާ އަކީ ތިމާގެ ޙައްޤަކަށް ހަދަން ދެން މަސައްކަތްކުރެވޭނީ. އެ ވަރިހަމަ މީހެއްގެ ފިރިއަކަށް ވިޔަސް. ފަހުންވާނެ ގޮތެއް ވިސްނާކަށް ބޭނުމެއް ވެސް ނުވާނެ. ގަހެއްގަ އިންނަ ރީތި މަލެއް ފެނުނީމަ ބިނދެލާހިތެއް ނުވޭތަ؟ އެނގޭނެ އޭރުން ފަހުން މޯޅިވާނެކަން ވެސް." އޭނަ ބުންޏެވެ.
   
31  އަހަރުގެ އަންހެނެއް ބުނި ގޮތުގައި، ދެ ޖިންސްގެ ދެމެދުގައި ރަޙުމަތްތެރިކަން ބޭއްވޭނެ އެވެ. އެކަމަކު، އެއީ، ދެމެދުގައި ދެކެވޭ ވާހަކަ، ވަކި އިމެއްގެ ތެރޭގައި ބޭއްވޭ ނަމަ އެވެ.
  
 "މިސާލަކަށް، އަހަރެންގެ ތިބޭނެ ވަރަށް ކްލޯސް ފިރިހެން ރައްޓެހިން. އެކަމަކު، އޭގެން އެއްވެސް މީހެއް ގާތަކު، އަހަރެންގެ ބޯއިފްރެންޑާ ޖެހޭ އެއްވެސް މައްސަލައެއް އަހަރެން ނުދައްކާނަން. އެ ކަހަލަ ވާހަކަދެއްކުނީމަ ދެން ވާގޮތަކީ، އަނެކަކު ދޭނެދޯ ޚިޔާލު. ދެން ހިތަށްއަރާނެ މީނަ ލިބިއްޖިއްޔޭ ހާދަ ރަނގަޅުވާނޭ. މިހާ ހިސާބުން ގޯސްވަނީ."

މީހުން ބުނެ އެވެ. އަންހެނަކާއި ފިރިހެނެއް އެކަނިވެއްޖެ ނަމަ، އެ ދެމެދަށް އިބިލީސް ވެރިވާނެ އެވެ. އާންމު އިންސާނެއްގެ ހައިސިއްޔަތުން ވިސްނައިފި ނަމަ، ހިތްނިޔަތް ޚަރާބު ވުމަކީ، ތިމާގެ އަމިއްލަ ބާރު ވެސް ނުފޯރާ ކަމެކެވެ. އެކުވެރިކަމޭ މި ކިޔަނީ ފުރަތަމަ ހަރުފަތަށެވެ. ދެން ލޯތްބެވެ. އެއީ ދެ ވަނަ ހަރުފަތެވެ. ތިން ވަނަ ހަރުފަތަކީ، ޖިސްމާނީ އެދުންތަކެވެ. އޯގާތެރިކަމާއި، އިޙުސާންތެރިކަމާއި، އަޅާލުމާއި، ކުލުނަކީ ދޭތެރެމެދު ނޫންބާ އެވެ؟ ސަބަބަކީ، ގުޅުމެއް ޚަރާބުވާން މާގިނައިރެއް ނުނަގަ އެވެ.
    
ގޮތަކަށް ވެސް މި ސުވާލުގެ ޖަވާބު ދެވިދާނެ އެވެ. ބައެއް މީހުން "ފްރެންޑުންނަށް" ހެދިދާނެ އެވެ. އަނެއްބައި މީހުން ނުހެދޭނެ އެވެ. ފުރިހަމަ ޖަވާބަކީ އެއީބާ އެވެ؟ ކޮންމެ އިންސާނަކީ ވަކި މީހެކެވެ. ހުރިހާ އެންމެންގެ ކުލަ، އުމުރު، ޖިންސް، ބައްޓަން، ބަރުދަން، ވިސްނުން އަދި މިޒާޖު އެއްގޮތެއްނުވާނެ އެވެ. އެހެންކަމުން، އެއް ތިލަފަތުން އެންމެން ކިރުމަކީ އިންސާފެއް ނޫނެވެ.
  
އިންސާނުންނާއި ޖަނަވާރުންނާ ދެމެދު ރައްޓެހިކަން ބޭއްވެންޏާ، އިންސާނުންނާ އިންސާނުންނާ ދެމެދު ރަޙުމަތްތެރިކަން ނުބޭއްވެންވީ ކީއްވެގެން ހެއްޔެވެ؟ މައްސަލަ އަކީ ވެސް އެއީ އެވެ. ބަސްމޮށުންތެރިކަން އެންމެ މޮޅަށް ދެއްވީ އިންސާނުންނަށެވެ. ބުއްދި ވެސް އެންމެ ފުރިހަމަ އަށް ދެއްވީ އިންސާނުންނަށެވެ. ގިނަ ފަހަރަށް، ލޯބިވެވެނީ ކޮންމެވެސް ސަބަބެއް އޮވެގެންނެވެ. ކޮންމެވެސް ސިފައެއް ގަޔާވެގެންނެވެ. ރައްޓެހިމީހާގެ ވެސް އެ ފަދަ ސިފަތައް ފެންނަން ފެށުމުން، ނުވަތަ އެނގެންފެށުމުން ހިތް ނުލެނބެންވީ ކީއްވެގެން ހެއްޔެވެ؟
  
 ހުރިހާ އެންމެންގެ ވިސްނުން ބަރާބަރު ނަމަ، ގޯސް އެއްވެސް ކަމެއް ދުނިޔެއަކު ނުހިނގީހެވެ. ފަހަށް ވިސްނާފައި، ކުރިން ފިޔަވަޅު އަޅާ ނަމަ ވެސް، ދިރިއުޅުމުގައި އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވާނެ އެވެ. އަނިޔާވެރިކަމެއް ނޯންނާނެ އެވެ. އެއްވެސް ޢާއިލާއެއް ނުރޫޅޭނެ އެވެ. ހިތާމަ އަކީ، އިންސާނުންނަކީ، "ޕާރފެކްޓް" ބައެއް ނޫނެވެ. ކިތަންމެ ވަރަކަށް ހިތް ކޮންޓްރޯލް ކުރަން އުޅުނަސް، އެކަމެއްނުވެ އެވެ.
  
 "ލޯބި ސިއްރުކޮށްގެން އުޅެފިއްޔާ، ވަރަށް ގިނަ ދުވަހު "ބެސްޓް ފްރެންޑް" އަށް ވެގެން އުޅެވިދާނެ. އަހަންނަށް ކުރެވުނު އެކްސްޕީރިއަންސަކީ، ރައްޓެހިކަން ލޯތްބަށް ބަދަލުނުވާ އެއްވެސް "ކްލޯސް ފްރެންޑެއް" މަށަކަށް ނުލިބުނު. ރައްޓެއްސެއް ކަމަށް ހެދިގެން އުޅެފަ، އެންމެފަހުން ޕްރަޕޯޒް ކުރާނީ. އެ ހިސާބުން ދެން އެ ފަނިވީ." މީހަކާ އިނދެގެން އުޅޭތާ ތިން އަހަރު ވެފައިވާ، އުމުރުން  25 އަހަރުގެ އަންހެނެއް ބުންޏެވެ.

އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ބޭއްވިދާނެތަ؟ މި ސުވާލަށް ދޭނެ ސީދާ ޖަވާބެއް ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ރައްޓެހިން ހޯދަނީ، ތިމާ އަށް ކުރިމަތިވާ އެކި ކަހަލަ މައްސަލަތަކުގެ ވާހަކަ ހިއްސާކޮށް، ޚިޔާލު ހޯދުމަށްޓަކާ އެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް، ލޯބިވެރިޔާ ނުވަތަ އަނބިމީހާގެ "ސިއްރުތައް" އެހެން ފިރިހެނަކަށް ކިޔައިދޭން ފިރިހެނުން ޖެހިލުންވާނެ އެވެ. ފިރިމީހާގެ އެ ފަދަ ވާހަކަތައް އަންހެނަކަށް ކިޔައިދޭން އަންހެނުން ވެސް ޖެހިލުންވާނެ އެވެ. ބައެއް މީހުން ބައެއް ވާހަކަތައް ކިޔައިނުދޭ ވާހަކައެއް ނޫނެވެ. ކިޔާދިނުމުގެ ސަބަބުން އެހެން މައްސަލަތަކެއް ނުކުންނަކަމީ ވެސް ޙަޤީޤަތެކެވެ. އަނެއް ޖިންސްގެ މީހެއް މުހިންމުވަނީ އެހެންވެގެންނޫންބާ އެވެ؟
  
 އަންހެނެއް ގާތުގައި ހުރެގެން އަންހެނަކު ރުއިމުން އޭނަ އަށް ހަމްދަރުދީ ލިބޭ ގޮތާއި، ފިރިހެނެއްގެ ފަރާތުން އޯގާތެރިކަމާއި ހަމްދަރުދީ ލިބޭ ގޮތް ވަރަށް ތަފާތުވާނެ އެވެ. ރައްޓެހިކަމަކީ، ނޭނގިހުއްޓައި ލޯތްބަށް ބަދަލުވާ އެއްޗެކެވެ. އެ ކަން ލޯބިވެރިޔާ އަށް އަންގަން ތިމާ އަށް ނުކެރުން އެއީ އެހެން ކަމެކެވެ. އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ނުބޭއްވުނަސް އެއީ މައްސަލައެއް ހެއްޔެވެ؟ މިހާ ހިސާބުން އުފެދޭ ސުވާލަކީ އެއީ އެވެ. ނޫނެކެވެ. އެއީ މައްސަލައެއް ނޫނެވެ.
   
ދެބީރައްޓެހިން ލޯބިވެރިންނަށް ވެއެވެ. ދެލޯބިވެރިން ދެމަފިރިންނަށް ވެއެވެ. ހަމަ އެހެންމެ، ދެމަފިރިން ދެބީރައްޓެހިންނަށް އަލުން ބަދަލުވާ ފަހަރު ވެސް އާދެއެވެ. ދެޖިންސް ދެމެދުގައި އޮންނަނީ ވަރަށް ނާޒުކު ގުޅުމެކެވެ. އެ ގުޅުމަށް ދޭނީ ކޮން ނަމެއްކަން ވެސް ބައެއްފަހަރު ނޭނގެ އެވެ. އެއް ގުޅުމުގެ ތެރެއަށް އަނެއް ގުޅުން ގެތި، ލާމެހިގެންދަނީ، ބަޔާންކުރަން އުނދަގޫވާހާ ބޮޑު ނޭނގުމެއްގެ ތެރޭގަ އެވެ. ތިމާ އަށް ނުވެސް އެނގި ހުއްޓައި، އެކުވެރިޔާ ލޯބިވެރިޔާ އަށް ބަދަލުވަންޏާ ދެން ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟ ވަގުތާއި، ތަނާއި، ހާލަތަކީ، އެކުވެރިކަމުގެ ރެސިޕީގައި ލޯބީގެ ރަހަޖައްސާލާ ޖާދުލެކެވެ. ވީމާ، އަންހެނަކާއި ފިރިހެނަކާ ދެމެދު ރައްޓެހިކަން ބޭއްވިދާނެހޭ އަހަފި ނަމަ، އެންމެ އެކަށީގެންވަނީ، ދޭނެ ޖަވާބެއް ނޭނގުމެވެ.
---------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ