އަދުގެ ޚާއްސަ

Print

ހަނދާނުގެތެރެއިން... (1) : މާވަށު ބޮޑު މާލޫދު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އާދަކާދަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ފެށުން:

ބޮޑު މާލޫދަކީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ވެސް "ބާއްވަމުން" އައި ވަރަށް މުހިއްމު އިޖްތިމާޢީ ޢީދެކެވެ. ބޮޑު މާލޫދުގެ ސަބަބުން "ތުންބުރި ކާޅަށް ވެސް ކާންލިބޭނެ އެވެ." (މިއީ ހައްދުންމަތީގައި ބޭނުންކުރާ ބޯދާބަހެކެވެ. މާނައަކީ އެންމެ އާދައިގެ މީހާއަށް ވެސް މޮޅު ކެއުން ލިބޭނެ ވާހަކައެވެ.) މިކަމުގެ ސަބަބުން އިޖުތިމާޢީ ރޫޙު އާލާވެ އެކުވެރިކަން ބަދަހިވެ އެވެ. ދަސްވެފައި ހުންނަ ވަރަށް ގިނަ ހުނަރު ފަރިތަކޮށްލުމުގެ ފުރުޞަތު ފަހިވެއެވެ. އެކަމަކު އިޤްތިޞާދީ ގޮތުން ގެއްލުންތަކެއްވެސް  ވެއެވެ. އަދި ނޭދެވޭ ބައެއް ކަންކަން ހިނގުމަށް ފުރުޞަތު ފަހި ވެސް ވެއެވެ. ކޮންމެ ކަމެއްގައި ވެސް އެ ކަމުން ފޯރާނެ ހެޔޮ ރަނގަޅު އަސަރާއި ނުރަނގަޅު އަސަރު ހުންނަ ފަދައިން ބޮޑުމާލޫދުގައި ވެސް މި ދެ ބައި އެކުލެވިފައިވާނެ ކަމާ މެދަކު ޝައްކެއް ނެތެވެ.

އަޅުގަނޑުގެ މައުޟޫޢަކީ ބޮޑު މާލޫދުގެ ފައިދާ އާއި ގެއްލުންތަކުގެ މައްޗަށް ވާހަކަދެއްކުމެއް ނޫނެވެ. މިއީ ދިވެހީންގެ ސަގާފަތުން މިހާރު ނެތިފައިވާ ކަމަކަށް ވާތީ މިކަމުގެ މަޢުލޫމާތު ޙިއްޞާކޮށްލުމަށް ޓަކައި އަދި މި މަޢުލޫމާތުތައް ތާރީޚަށްޓަކައި ރެކޯޑްކޮށްލުމަށްޓަކައި ލިޔާ ލިޔުމެކެވެ. މި ލިޔުން ވިދާޅުވާ ބޭފުޅުން މި ނަޒަރުން މި ލިޔުމަށް އިންސާފުކޮށްދެއްވާނެ ކަމަށް އުންމީދުކުރަމެވެ.

މުއްދަތު:

ހައްދުންމަތީ ބޮޑު މާލޫދަކީ ކުރީ ޒަމާނުގައި އަހަރަކު އެއްފަހަރު އޮންނަ އެއްޗެކެވެ. ދެ އަވަށް ވަކީންނެވެ. ތުނޑީ އަވަށުން 1 އަހަރު އަނެއް އަހަރު "ބޮޑޭލު" (ބޮޑުވެލު) އަވަށުންނެވެ. މި ގޮތަށް ބޮޑު މާލޫދުގެ ދަޢުވަތު ދެނީ ކޮންމެ ބަޔަކު ވެސް އަނެއް އަވަށުގެ ރައްޔިތު ފިރިހެނުންނަށެވެ. ބޮޑޭލު ރައްޔިތުންގެ ބޮޑު މާލޫދުގައި ދަޢުވަތުދޭނީ އަނެއް އަވަށަށެވެ.

ފައިސާ ހޯދާ ގޮތް:

ބޮޑުމާލޫދަށް ފައިސާ ހޯދަނީ މަސްދޯނި ފަހަރުން އަޅާ  މަސްބައި ކައްކައި ހިއްކައިގެން އެ މަހަށް ލިބޭ ފައިސާ ގިނަކޮށްގެންވެ. އަދި އެހެނިހެން ގޮތްގޮތުންވެސް ރައްޔިތުންގެ ނަމުގައި ލިބޭ ފައިސާ ވެސް މިކަމަށް ޚަރަދުކުރުމުގައި ހިމެނިދާނެ އެވެ. ކޮންމެ މަސްދޯންޏަކުންވެސް ދެ މާލޫދު ބައެއް އަޅައެވެ. އެއީ ދޯނި މާލޫދުބަޔާއި ރައްޔިތުންގެ ބޮޑުމާލޫދުބަޔެވެ. ދޯނި މާލޫދަކީވެސް އެ ދޯނި ފަހަރުގެ ވެރިން އަހަރަކު 1 ފަހަރު ނުވަތަ އެކަށީގެންވާ ވަރަށް ފައިސާ ލިބުމުން ބާއްވާ ކަމެކެވެ.

ތައްޔާރުވުން:

މާލޫދު ބަޔަށް އެކަށިގެންވާ ވަރަށް ފައިސާ ލިބުމުން (ގިނަ ފަހަރަށް އަހަރަކު 1 ފަހަރު) އެ ފައިސާއަށް ތަކެތި ގަންނަން މާލެދާނެ އެވެ. މާލެ ދާނީވެސް މަސްދޯނިފަހަރުގައެވެ. ދޯނި އުސްކޮށްލުމަށް ޓަކައި ފަށްގަނޑެއް (އުސް ފިލައެއް) ޖަހައި ހިޔަލެއްވެސް ހަދައިގެންނެވެ. މިހާ ހިސާބުން ރަށުގެ ހުރިހާ ރައްޔިތުންވެސް މިކަމުގެ ތައްޔާރީތައް ވާނަފަށައެވެ.

ތައްޔާރީތައް ކުރިޔަށް ދާ ގޮތް:

ކޮންމެ އަވަށެއްގައިވެސް މި ކަމަށް ރައްޔިތުން ކުރީއްސުރެ ބިނާކޮށްފައި ހުންނަ މާލޫދު ހަރުގެއެއް ހުރެ އެވެ. ބޮޑު މާލޫދުގެ ތައްޔާރީތައް ވުމުގެ ގޮތުން މާލޫދު ހަރުގެ ދޮވެ ތާހިރުކުރާނެ އެވެ. އަދި ތަނބިތަކާއި ވަށައިގެން ދަމާން ހަދައިފައި ހުންނަ ފޮތުތައް ދޮވެ ނުވަތަ އަވީލައި މަރާމާތުކޮށް ތައްޔާރުކުރާނެ އެވެ.

މާލެ ދިޔަ ދޯނިފަހަރު މުދާ ހިފައިގެން އައުމާއެކު، ބޮޑު މާލޫދުގެ ޙަރަކާތްތެރިކަން އިތުރުވީއެވެ. ލިބުނު މުދަލުގެ ނިސްބަތަށް ބަލައިގެން ދަންތަކުގެ ޢަދަދު ކަނޑައަޅައި މާލޫދުގެ ތާރީޚުވެސް ކަނޑައަޅާނެ އެވެ. ދަމަކީ އެކި އިރުވަރުގެ ކެޔުމަށް ނިސްބަތްކޮށް ކަނޑައަޅާ އެއްޗެކެވެ. މަދުވެގެން 3 ދަން ނުވަތަ ގިނަވެގެން 10 ދަން ދޭ ކަމަށް ވެ އެވެ. މި ގޮތުން ބާއްވާ ދަންތަކަށް ކިޔާ ނަންތައްވެސް މިތާނގައި ފާހަކަކޮށްލާނެމެވެ.

1-    އިރާދަން: (މިއީ ފުރަތަމަ ބާއްވާ ދަމެވެ. މި ދަން އޮންނާނީ ރޭގަނޑު ޢިޝާނަމާދަށް ފަހު އެވެ.) އިރާދަމުގެ ބޮޑުކެއިމުގެ ތެރޭގައި ހިމެނޭ މުހިއްމު ތަކެއްޗަކީ؛ ކޯރާ ހަނޑުލު ބަތް، ފޮނިރޮށި، ކުޅި ރޮށި، ބިސްފޮޅި، ބިސްގަނޑު، ކުދި ރޮށި، ލޮނުއަސާރަ (ފަޅޯ ސަޓަނި)، ފޮނި އަސާރަ (ގާނައިފައި ބޯކޮށްފައި ހުންނަ ފަޅޯ)، މެޓާގަނޑު (އަލަ، ނުވަތަ، ކަށިކެޔޮ، ނުވަތަ، މާޅޮސްކެޔޮ ނުވަތަ މިފަދަ ކޮންމެވެސް އެއްޗެއް)، ގުޅަ ރިހަ، އަދިވެސް ތަފާތު ރިހަތައް، ހަނާކުރި ނުވަތަ ރޯސްކުރި ކުކުޅު، ފިހުނުމަސް (ލޮނުމިރުސް އެޅި މަސް)، ކަނޑުކުކުޅު (ނުވަތަ މުސައްމާ)، ދޮންކެޔޮ، ހަކުރު، ފަނި (ލުނބޯހުތު ފަނި ނުވަތަ ހަކުރު ފެނަށް ގިރައިފައި) ފަދަ ތަކެއްޗެވެ.

2-    ފޮޅި ދަން: (މި ދަން ޢާއްމުކޮށް އޮންނާނީ މެންދުރު މަގުތު މެންދުރު ނަމާދަށް ފަހުގެ ވަގުތެއްގައެވެ.) މި ދަމުގައި ހުންނާނީ ފެންފޮޅި އާއި ފޮނިކިރާއި (މާވަށު ބަހުރުވައިން "ފޮނިރިހަ") ކުޅި ރިހަ އާއި، ހިކިރިހަ އާއި ބަތާއި ކުކުޅެވެ.

3-    ރިހަބަތް ދަން: މި ދަން ވެސް އޮންނަނީ މެންދުރު ވަގުތުގައެވެ. މިދަމުގައި ޢާއްމު ގޮތެއް ގައި ހުންނާނީ ބަތާއި ރިހައެވެ. މި ދަމުގައި މާ ގިނަ ސާމާނެއް ނުހުންނާނެއެވެ.

4-    ދޮލަނގު ދަން: މިއީ ހެދިކާގެ ދަމެވެ. މި ދަން ޢާއްމުކޮށް އޮންނާނީ ވެސް މެންދުރު ވަގުތުގައެވެ. މި ދަމުގައިވެސް ކޮންމެވެސް ވަރަކަށް ބަތާއި ރިހަ ހުރެ އެވެ. މި ދަމުގައި ހުންނަ ހެދިކާތަކުގެ ތެރޭގައި ފަނިއާރަމާއި މެޓައާއި އިޑިއައްޕަނާއި އުޅާއްޔާއި ފޮނިފޮޅިއާއި ކުފުރާއި މިނޫނަސް އެބަޔަކަށް ހެދުނުހާ ފޮނި ހެދިކާތަކެއް ހަދައިފައި ހުރެ އެވެ.

5-    ޒިކުރު ދަން: ޒިކުރުދަމަކީ މާލޫދުގެ އެންމެ ފަހު ދަމެވެ. ކޮންމެ ދަމެއް ނިމިގެން މާލޫދުކީ ކަމުގައި ވިޔަސް ޒިކުރުދަމުގައި ކިޔާނީ "ޒިކުރެވެ." އެއީ "މަދާއިޙުއްޛިކުރު" ކިޔާ ޢަރަބި ޅެންތަކެކެވެ.

ޢާއްމު ގޮތެއްގައި މި ދަންނަވައިލެވުނީ 5 ދަން އޮންނަ މާލޫދެއްގައި ދަންތައް ބެހިފައިވާ ގޮތެވެ. ބައެއް މާލޫދުގައި 8 ދަން ނުވަތަ 10 ދަންވެސް އޮވެ އެވެ. އަދި 3 ދަންވެސް އޮވެ އެވެ. މާދޫދުގެ ދަންތަކުގެ ޢަދަދު ކަނޑައެޅުން ބިނާވެފައި އޮންނަނީ މާލޫދަށް ޖަމާވެފައި ހުންނަ ފައިސާގެ ގިނަމަދު މިނުގެ ނިސްބަތުގެ މައްޗަށެވެ.

ކައްކަންހަރަގެ (ކައްކާ ހަރުގެ) އެޅުން:
ބޮޑު މާލޫދަށް ތަކެތި ބަލައި ދޯނިފަހަރު މާލެ ފުރުމާއެކު މާލޫދަށް ކެއްކުމަށްޓަކައި ވަގުތީ ހަރުގެ އެއް އެޅުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނެ އެވެ. އެއީ މާ ގިނަ ތަކެތި މާ ފުޅާ ދާއިރާއެއްގައި ކެއްކުމުގެ މަސައްކަތް ކުރާން ޖެހޭތީ އެވެ. މުޑިޖަހައި ފަންޖަހައި ޓިނުން ނުވަތަ ފަނުން ފުރާޅު ހިޔާކުރުމަށް ފަހު އުނދުންތައް ވެސް ތއްޔާރުކުރާނެ އެވެ. ކައްކަނީ މުޅިންވެސް ދަރު އުނދުނުން ކަމަށް ވާތީ އަލިފާނުގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅުތަކާމެދު ވެސް ވިސްނުން ބަހައްޓައިގެންނެވެ. ކެއްކުމަށް ބޭނުންވާނޭ ތަކެތި ހަމަކޮށް ދަރުވެސް ހޯދައި ތައްޔާރުކުރާނެ އެވެ.

ކޭލަށް ދިޔުން:

ކުރީން ވެސް ދެންނެވި ފަދައިން މާލޫދަށް މާލެ ދިޔަ ދޯނިފަހަރު އައުމުން މާލޫދުގެ ދަންތަކުގެ ޢަދަދު ކަނޑައަޅައި މާލޫދަށް ކައްކާނެ ތާރީޚު ކަނޑައަޅާނެ އެވެ. އެޔަށްފަހު ދެން އޮންނާނީ ކޭލަށް ދިޔުމެވެ. ކޭލަށް ދިޔުމަކީ ބޮޑު މާލޫދަށް ބޭނުންވާ ދޮންކެޔޮ ގަތުމަށް މަސްދޯނިފަހަރުގައި އަތޮޅުތެރޭގެ ރަށްރަށަށް ދިޔުމެވެ. އެއީ މާލޫދަށް ތައްޔާރުވާން ފަށާ ހިސާބުން ފެށިގެން "ކާނެވަރަކަށް ކާން" ދޮންކެޔޮ ބެހެއްޓުމަކީ އާދަކާދައިގެ ގޮތުން ހިންގަމުން އަންނަ ކަމެއް ކަމަށް ވެފައި ވާތީ މާވަށުން އެކަނި އެ މިންވަރަށް ދޮންކުރާނެ ކެޔޮ ނުލިބޭނެތީ އެވެ. މާވަށުން މި ގޮތަށް ފުރައިގެން ދަނީ ހިތަކުނާންދޫ (ހިތަދޫ އާއި ކުނަހަންދޫ) އަށާއި ފޮނަގާދޫ (ފޮނަދޫ އާއި ގާދޫ) އަށެވެ. ނަމަވެސް އިސްދޫކަލައިދޫ އާއި ދަނބިދޫ އާއި ގަން ފަދަ އެހެން ރަށްރަށަށް ވެސް ބައެއް މީހުންދާނެ އެވެ. މި ދަތުރުގައި ކެޔޮގަތުމުގެ ތެރޭގައި ރައްޓެހިންގެ ފަރާތުން ހިލޭ ލިބޭ ކޭލެއް ވެސް މަދެއް ނޫނެވެ. އަދި މޭޓާހިލާނެ އަލައާއި ދަނޑިއަލުވިފަދަ ތަފާތު ބާވަތްބާވަތުގެ ތަކެއްޗާއި ކުޅުޅުހާ ފަދަ އެހެން އެހީތައް ވެސް ލިބެ އެވެ. އަދި ބޮޑުމާލޫދު ކެއްކުމުގައި ބައިވެރިކުރަން ބޭނުންވާ ރައްޓެހިން ވެސް މި ފަދަ ދަތުރުގައި ގެންދާނެ އެވެ.

ކޮންމެޔަކަސް ކޭލަށް ގޮސްފައި ދޯނިފަހަރު އަނބުރައި ރަށަށް ދާނީ ދޯނިތައް ކޭލުން ފުރާލައިގެންނެވެ. ކެޔޮ ދަތުރު ނިންމައިފައި ރަށަށް ދާއިރު ފަނި ހިފައިގެން ރަށުގެ އަންހެންވެރީން އަރިރިމައްޗަށް ނުކުމެ ތިބޭނެ އެވެ.

ކެޔޮ ދޮންކުރާން ލުން:

ކޭލަށް ގޮސްފައި އައުމަށް ފަހު ދެން އެންމެ އަވަސްވެ ގަންނަނީ ކެޔޮ ދޮންކުރާން ލުމަށެވެ. ބައެއް ކެޔޮގަނޑުގަނޑު ދޮންވެފައިވެސްހުރެ އެވެ. މިފަދަ ތަކެތި ކައްކާ ހަރުގޭގައި އެލުވާނީ އެވެ. އެހެން (ދޮން ނުވާ) ކެޔޮ ގަނޑުތައް ބިމުގައި ވަޅުކޮނެ އަޑީގައްޔާއި އަރިއަރިމަތީގައި ކެޔޮ ފަތް ޖަހައި ކުރުނބާ ފިހި ކޮށައިފައި އެޅުމަށްފަހު މަތީގައި އަނެއްކާ ކެޔޮފަތް އެޅުމަށްފަހު (ކެޔޮގަނޑުތަކުގައި ވެލި ނެޖެހޭ ގޮތަށް) މައްޗަށް ފަސްއަޅައި ވަޅުލައި ބަންދުކުރާނީ އެވެ. ތިންދުވަސް ފަހުން ކެޔޮތައް ވަޅުން ނަގާނީ މާލޫދުގެ ފުރަތަމަ ދަން (އިރާދަން) ކައްކާ ދުވަހު އެވެ.

ދަޢުވަތުދިނުން:

މާލޫދުކައްކަނީ އެންމެންނަށް އެނގިގެން ކަމަށް ވިޔަސް ހަރުގެޔަށް (ބޮޑުކެއިމަށް) ދިޔުމަށްޓަކައި ދަޢުވަތުދިނުން އޮވެ އެވެ. މާވަށުގައި މިކަންކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. ރޭގަނޑު އޮންނަ ކެއިންތަކަށް (ދަމަށް) ދަޢުވަތު ދޭނީ ޢަސުރު ނަމާދުން ފައިބައިގެން މަގުތަކުގައި އަޑުހަރުކޮށް ކިޔާ ރީތި ޅެމަކުންނެވެ. މެންދުރު ދަންތަކަށް ލަވަ ކިޔާނީ މެންދުރުކުރިން 10 ޖަހާލާހާއިރު އެވެ. މި ކަމަށްޓަކައި ޚާއްޞަ (އަޑު ރީތި) ޓީމެއް އޮންނާނެ އެވެ. ކޮންމެ ދަމަކަށް ވަކި ޚާއްޞަ ޅެމެއް އޮންނާނެ އެވެ. އެކި ރާގުތަކަށެވެ. މި ޅެމުގައި އޮންނާނީ މާތް ﷲ އަށް ޙަމްދު ޘަނާގެ ބަސްތަކަކާއި ނަބިއްޔާއަށް ޞަލަވާތާއި ސަލާމުގެ ޢިބާރާތްތަކާއި އާލުއަސްޙާބުންނަށް ރުއްސުއްލެއްވުން އެދި ކުރެވޭ ދުޢާގެ ބަސްތަކަށް ފަހު ހަރުގެޔަށް ދިޔުމަށް ދަޢުވަތުދޭ ކަމަށް ބަޔާންކޮށްފައި އޮންނަ ބަސްތަކެކެވެ. ގަޑިއާއި ތަން ވެސް ބަޔާންކޮށްފައެވެ. މިއީ ޢާއްމުކޮށް ދެވޭ ދަޢުވަތެކެވެ. މީގެ އިތުރުން ކޮންމެ ދަމެއްގައި ވެސް ޚާއްޞަ ދަޢުވަތެއް އޮވެ އެވެ. އެއީ މާލޫދު ކިޔާ މީހުންނަށް ދެވޭ ދަޢުވަތެވެ. މި ދަޢުވަތު ދޭނީ އެ މީސްމީހުންގެ ގެޔަށް ގޮސް އެ މީހުންނަށް ދެވޭ ފަންޏާއި ހެދިބިލަތުންނެވެ. ފަންޏަކީ ފެނުގައި ފޮނިގަދަކޮށް ހަކުރު ގިރައިގެން ނުވަތަ ބައެއް ފަހަރު ލުނބޯ ހުތް ފިތައިގެން ގިރައިފައި ހުންނަ އެއްޗެކެވެ. މި ދަޢުވަތު ލިބުމަކީ ވަރަށް ބޮޑު ފަޚުރެކެވެ. މުޖުތަމަޢުގައި ބުރަދަންހުރި ބަޔަކަށް އެބައިމީހުން ވާތީ އެވެ.

މާލޫދު ހަރުގެއަށް ބޮޑުކެއިން ގެންދިޔުން:


ކެއިން ހަރުގެއަށް ގެންދާނީ ވަރަށް ވަރަށް ރަނގަޅަށް ތައްޔާރުކޮށްގެންނެވެ. ލަކުޑި މަލާފަތެއްގެ ތެރޭގައި ޒިންކު ދޮލަނގެއް ބަހައްޓައި އެ ދޮލަނގަށް ބަތްއަޅައި ރޮއްޓާއި އެހެނިގެން ތަކެތި ހަމަޖެހިފައިވާ އުޞޫލަކުން ބަތުގެ މަތީގައި ޖަހައި އަތުރައި ހަދައިގެންނެވެ. މަތީގައި ކެޔޮ ފޮތްގަނޑެއް އަޅައި ލަކުޑިމަތިގަނޑު ޖަހައިގެންނެވެ. އޭގެ ބޭރުން ކެއިން ބަންނަ ފޮތިގަނޑަކުން ބަނދެގެންނެވެ. މި ފޮތިގަނޑަކީ ވެސް، މި ކަމަށް ޚާއްޞަކޮށް ފަހައިފައިވާ ފޮތިގަނޑެކެވެ. މި ފޮތިގަނޑު ފަހައިފައި ހުންނަނީ ހުދު ރިޔާ ފޮތީންނެވެ.

ކެއިން ހަރުގެޔަށް ގެންދާނީ ކެއިން އަޅައި ކެއިން ހަރުގެޔަށް ގެންދިޔުމަށް ރަށުތެރޭގައި ގޮވައިލެވޭނެ އެވެ. ކެއިން ގެންދާއިރު އެހެން ސާމަނުތައް އެހެން އެއްޗެހީގައި ބަނދުކޮށްގެން ގެންދާނެ އެވެ. ތަޅުމުގައި ފޮތި ނުވަތަ ސާންތި ނުވަތަ ފަންގި އަޅައިފައި އޮތް ނަމަވެސް ކެއިން ބަހައްޓާ ސަރަހައްދުގައި ކުނާއަޅަން ކުނާ ގެންދާނެ އެވެ. އިސް ސަފުގެ ކެއިންތައް ބަހައްޓާ ތަނތާނގައި އަޅަނީ ޚާއްޞަ ތުނޑުކުނަލެވެ.

އެކި ކެއިންތައް ހަރުގޭގައި އަތުރާނީ ވެސް ވަރަށް ތަރުތީބުންނެވެ. އިސް ސަފު ކެއިމާއި ކަނު ކެއިމަކީ އެންމެ ޤަދަރުވެރި ކޭއިމެވެ. އިސް ސަފު ކެއިމަކީ އެންމެ އިސް މީހުން (ޤަދަރުވެރީން) ތިއްބަވާ ކެއިމެވެ. މި ކެއިން ހުންނާނީ ހަރުގޭގެ އެންމެ ހުޅަނގު ކޮޅު މެދުގައެވެ. ސަފެއްގައި ހުންނާނީ 3 ކެއިމެވެ. އިސް ސަފު ކެއިން ހުންނާނީ އިސް ސަފު މެދުގައެވެ. ދެ ފަރާތުގައި ހުންނާނީ ކަނު ކެއިމެވެ. ހުޅަނގު އުތުރު ކަނުގައްޔާއި ހުޅަނގު ދެކުނު ކަނުގައެވެ. މި ދެންނެވި 3 ކެއިމަކީ އެންމެ ޤަދަރުވެރި 3 ކެއިމެވެ. މި 3 ކެއިން ކައްކަން ޙާވާލުކޮށްފައި ހުންނަނީވެސް އަމިއްލަޔަށް ޚަރަދުކޮށްގެން ފުރިހަމަ ކުރެވޭ ފެންވަރުގެ ގޭގެޔަށެވެ.

ކެއިން ކެއުމާއި ކޭއިން ބޭލުން:

ކަތީބު ހަރުގެޔަށް ދުރުވެ އިސް ސަފު ކެއިމުގައި އިށީންނެވުމާއެކު، ލޮއިކުރަޔާއި ލޯގަނޑު ހިފައިގެން ގޮސް އެންމެން އަތްދޮއްވާނެ އެވެ. ތަށިމަތިބަލަހައްޓާން ތިބޭ މީހުން ކެއިމުގެ މަތިނަގާނެ އެވެ. ނެގުމާއެކު ހަރުއަޑުން "ބިސްބިﷲ އައްރަޙުމާނުއްރަޙީމް" ކިޔުއްވުމާއެކު ބޭބިސްކުރަނޑި ތަށިން ކެއިން ބައްލަވަން ފައްޓަވާނެވެ. އެއިން ފެށުނީ އެވެ.

ކެއުމުފެ ފޯރި އެންމެ ގަދަވާ ވަގުތު "ކުކުޅު ނެގުން" އޮންނާނެ އެވެ. ކުކުޅުނެގުމަކީ، ތައްޔާރުކޮށްފައި އޮތް (ރޯސްކުރި ނުވަތަ ހަނާކުރި) ކުކުޅު ލައިފައި ހުރި އެއްޗަކުން ކުކުޅު ނަގައިގެން ކެއުމުގެ މަތީގައި ބެހެއްޓުމަށެވެ. ކުކުޅު އޮންނާނީ ގުނަވަންތައް ވަކިނުކޮށް ހަންނޮޅައި ހަވާދުލައި ރޯސްކޮށްފައެވެ.

ކުކުޅު ނެގުމާއެކު ފަނި ދިނުން އޮންނާނެ އެވެ. އެ ކއިމެއް ކައްކާ ގެޔަކުން ތައްޔާރުކުރާ އެންމެ މޮޅަކަށް ފަނި ގިރައިފައި ހުރެ އެވެ. ލުނބޯހުތު ފަނޏާއި އަލަނާސި ފަންޏާއި ފޭރުފަނި ފަދަ ފަނިތައް ގިރައިފައި ހުރެ އެވެ. ކައި ނިމޭ އިރުވެސް ގިނަފަހަރަށް ވަރަށް ކުޑަ މިންވަރެއް ނޫނީ އެ ކެއިމުނ މަދެއް ނުވާނެ އެވެ. ކައި ނިމުމުން ކުރިންވެސް ހުރި ގޮތަށް ކެއިމުގައި ތަކެތި އަތުރައި ކެއިމުގެ މަތިޖަހައި ކެއިން ބަނދެގެން ކެއިން ބާލައިގެން ގޭގެޔަށް ގެންދާނީ އެވެ. ކެއިން ބޭލީމާ އެވީ އަންހެންވެރީން ކާށެވެ. އަދި ކެއްކުމުގައި ޙަރަކާތްތެރިވީ މީހުންގެ ގޭގެޔަށް ކާ ތަކެތި ގެންދާނެ އެވެ.
 
މާލޫދު ކިޔުން:

ކެއިން ބާލައި ހަމަ ޖެހުމާއެކު އިމާމު މީހާ، (ގިނަ ފަހަރަށް ކަތީބު ނުވަތަ މުދިމު) ބިސްމި ޞަލަވާތް ފާތިޙާ ކިޔެވުމަށް ފަހު "لقد جاءكم رسول من أنفسكم ........." މި އާޔަތުން ފަށައިގެން ކުރިޔަށް ގެންދާނީ އެވެ. އޭނާގެ އަޑު ދަށުން މާލޫދުކިޔުމަށް ކަނޑައެޅިފައި ތިބި އެނެމެން ކިޔާނެ އެވެ. ހަރުގެޔަށް އައި ގިނަ މީހުން މާލޫދު ދެބައިވަންދެން ބޮލުގައި ތާކިހާ ނުވަތަ ރުމާ އަޅައިގެން ތިބޭނެ އެވެ. ދެބައިވުމޭ ކިޔަނީ މާލޫދުގައި ރަސޫލާ ދުނިޔެއަށް ވަޑައިގަތްވާހަކަ ބަޔާންކުރާ މާލޫދުބުރިޔަށެވެ.

މާލޫދު ދެބައިވުމަށް ފަހު މާލޫދުކިޔާ ޓީމު ތިބެފައި އެހެން މީހުން ދާނީ އެވެ. ދެން ތިބޭނީ ސައިދިނުމަށް ޚާއްޞަކޮށްފައި ތިބޭ އެހީތެރީންނެވެ. އަބަދުވެސް ސައި ތައްޔާރަށް ހުންނާނެ އެވެ. މާލޫދު ކިޔަން ތިއްބަވާ ބޭކަލުން ބޭނުންވެލައްވާ ކޮންމެ ވަގުތަކު ސައި ލިބިލައްވަން ހުންނާނެ އެވެ.

ނިންމުން:

މާލޫދުގެ ހުރިހާ ކަންކަން ވެސް ހިނގާނީ މި ފަދަ ގޮތަކަށެވެ. މި ގޮތުގެ މަތީން މާލޫދަށް ކަނޑައެޅިފައިވާ އެންމެ ފަހުދަން ޒިކުރުދަން ނިމުނީމާ އެ ނިމުނީ އެވެ. މާލޫދު ނުމުމުން ކުރަން ހުރި ކަންކަންކޮށް ތެލިތަށި ދޮވެ ރައްކާކުރަން ހުރި ތަކެތި ރައްކާކޮށް ނިމޭ އިރު ރަށަށް އޮންނާނީ އިޤްތިޞާދީ ގޮތުން ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ސަބަބަކީ ރަށުގައި އާމްދަނީ ހޯދުމަށް ކުރާ ހުރިހާ މަސައްކަތްތަކެއް ހުއްޓިފައި ގިނަ ދުވަސްތަކެއް ހޭދަވެފައި ވާތީ އެވެ. ނަމަވެސް ރައްޔިތުން ހިއްވާރާއެކު މަސައްކަތްކޮށް އަލުން ޢާއްމު ޙާލަތަށް ވަރަށް އަވަހަށް ގެނެވޭނެ އެވެ.

މި ދަންނަވައިލެވުނީ ބޮޑު މާލޫދުގެ ކަންކަން މާވަށުގައި ހިނގި ކަމަށް އަޅުގނޑުގެ ތަޖުރިބާއިން ފެނިފައިވާ ގޮތެވެ. އަޅުގަނޑުގެ ޙަނދާނުގައި މާވަށުގައި ކެއްކީ ދެ ބޮޑު މާލޫދެކެވެ. އަޅުގަނޑުގެ އެންމެ ދުރު ހަނދާނަކީ ވެސް ބޮޑުވެލު އަވަށު ބޮޑު މާލޫދަށް މާލޫދު ހަރުގެ ދޮވުނު ތަނަށް ބައްޕަޔާ އެކު ދިޔަ ހަނދާނެވެ. ދެން އަޅުގަނޑުގެ ހަނދާނުގައި ތުނޑީ އަވަށު ބޮޑު މާލޫދެއް ކެއްކި އެވެ. އެހެންކަމުން މި ދެ މާލޫދަކީ އަޅުގަނޑަށް އެ މާލޫދުގެ ކަންކަން ލޮލަށް ފެނިފައިވާ  ދެ މާލޫދެވެ. އެހެންކަމުން މި ދެ މާލޫދުގެ ވާހަކަ ލިޔެފައި މިވަނީ އަޅުގަނޑަށް ތަޖުރިބާކުރެވިފައިވާ ގޮތަށެވެ. މިކަންކަން ވަރަށް ކައިރިން ފެނުމުގެ ނަސީބުއަޅުގަނޑަށް ލިބިފައިވާތީ، ފެނިފައިވާ ގޮތަށް ލިޔުނީ އެވެ. އިޞްލާހުކޮށްލަންޖެހޭ އެއްވެސް ތަންކޮޅެއް އޮތްނަމަ، މިކަން ތަޖުރިބާކުރައްވައިފައިވާ ބޭފުޅަކު މި ލިޔުމަށް ޚިޔާލުހުށަހަޅުއްވައިދެއްވުން ވަރަށް ބޮޑަށް އެދެމެވެ.
-------------------------
(ނިމުނީ)

މި ލިޔުން:

       ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
       އަލުންބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
       ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


   

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ