އަދުގެ ޚާއްސަ

Print

އައްޝައިޚް މަލިންގޭ ޙުސައިންދީދީ އިންޑިޔާގައި

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ދިވެހި


ޢަލީ މަނިކުފާނު، މުރައިދުގަނޑުވަރު / މަލިކު
   (4 ސެޕްޓެންބަރު 2010)

އިންޑިޔާގެ ޓެމިލްނާޑޫގެ ވެއްލޫރު ކައިރީގައި އޮންނަ އުމަރުއާބާދުގެ ޖާމިޢާ ދާރުއްސަލާމްއިން ކިޔަވައިވިދާޅުވުމަށް ފަހު މަލިންގޭ ހުސައިން ދީދީ، ކާލީކޯޓު ކައިރީގައި، ޗަލިޔާރުކޯރުގެ އަނގަމަތީގައި އޮންނަ ބޯދާ ބަނދަރު ރަށެއްކަމުގައިވާ ބޭޕޫރަށް ވަޑައިގަތެވެ. އެދުވަސްވަރު ވަރަށް ގިނައިން ދިވެހިރާއްޖެ އާއި މަލިކުގެ އުޅަނދުފަހަރު ބޭޕޫރަށް އައިސްގޮސްވެއެވެ. ޗަލިޔާރުކޯރުގެ އަނެއް ބިތުގައި އޮންނަނީ ބޯދާ ބަލްދާއެއް (ޓައުނެއް) ކަމުގައިވާ ޗަލިޔަމްއެވެ. މިހާރު ޗަލިޔަމްއިން ޕަރައްޕަނަންގާޑީއަށް ބަހުގެ ދަތުރުތައް ވަރަށް ގިނައިން އޮވެއެވެ. ޕަރައްޕަނަންގާޑީއަކީ މަލިންގޭ ޙުސައިންދީދީގެ ޙަޔާތުގެ ފަހު ބައި ހޭދަކުރެއްވި ރަށެވެ.

ކީރިތި ޤުރުއާނުގެ ތަރުޖަމާ އާއި ތަފްސީރު އެންމެ ފުރަތަމަ ދިވެހިބަހަށް ތަރުޖަމާ ކުރެއްވީ އައްޝައިޚް މަލިންގޭ ޙުސައިންދީދީއެވެ.


ބޭޕޫރުން ޙުސައިންދީދީއާ މަލިކުގެ ބަޔަކާ ދިމާވިއެވެ. އެމީހުންނާއެކު ޙުސައިންދީދީ މަލިކަށް ވަޑައިގަތީ އެސް.ވީ ޑޮލްފިން ނަމަކަށް ކިޔާ ނަވެއްގައެވެ. އެ ނަވުގެ ވެރިޔަކީ އޭރު މަލިކުގެ އަމީންކަމުގެ މަގާމުގައި ހުންނެވި، ބައުގޭ ދޮން މަނިކުފާނެވެ. ނަވުގެ މާލިމީއަކީ އޭނާގެ ދަރިކަލުން ފުރައްކާޑު އަލީ މަނިކުފާނުއެވެ. މަލިންގޭ ޙުސައިންދީދީ އެންމެ ފުރަތަމައަށް މަލިކަށް ވަޑައިގަތީ 1937 ވަނަ އަހަރުއެވެ. އޭރު އެދީދީއަކީ 23 އަހަރުގެ ޒުވާނެކެވެ.

އަޅުގަނޑު (މުރައިދުގަނޑުވަރު ޢަލީ މަނިކުފާނު) އުފަންވީ 16 މާރިޗު 1938 ގައެވެ. އަޅުގަނޑުގެ ބައްޕައަށް މަލިކުގެ އަމީންކަމުގެ މަގާމު ލިބިވަޑައިގަތީ ހަމަ އެއަހަރުގައެވެ.
މަލިކުގައި ހުންނެވި ދުވަސްވަރު، މަލިންގޭ ޙުސައިންދީދީ، ދީނީ ތައުލީމުގެ ކިލާސްތަކެއް ހިންގެވިއެވެ. ވަރަށް ގިނަ ބަޔަކު ޙުސައިންދީދީގެ މިދަރުސްތަކުގެ ފައިދާ ލިބިގަތެވެ. ޙުސައިންދީދީގެ ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ. އެދީދީގެ ދަރިވަރުންގެ ތެރޭގައި އަޅުގަނޑުގެ މަންމަ ވެސް ހިމެނެއެވެ. މަލިންގޭ ޙުސައިންދީދީ ވަނީ މަލިކުގެ އެކި ތަންތަނުގައި ދީނީ ތަޤްރީރުތައް ކުރައްވާފައެވެ. މަލިކުގައި މިހުންނެވިއިރު ޙުސައިންދީދީ އިންޑިޔާގެ މައިކަރަށް ދޭތެރެދޭތެރެއިން ދަތުރުކުރައްވައެވެ. މީގެ ތެރެއިން އެއް ދަތުރުގައި، އެސް.ވީ ކޮޓިޔަ ސަފީނާ ނަމަކަށް ކިޔާ ނަވަކުން، އަޅުގަނޑުގެ ބާފާނު (ބައްޕަފަރާތު ބޮޑުބޭބެ) ބޮޑުގަނޑުވަރު ހަސަންމަނިކުފާނާއެކު ވެސް މައިކަރައަށް ވަޑައިގަތެވެ. އެނަވުގެ މާލިމީއަކީ އޭނާއެވެ. މަލިކަށް އައިސްގޮސްވުމުގައި މިހާރު މިއޮންނަ ހުރަސްތަކެއް އޭރަކު ނޯވެއެވެ.

މަލިކުގައި އޭރު އޮތީ ބިދުޢަތާކާއި ޝިރުކުތަކާއި ޚުރާފާތްތައް ވަރަށް ޢާއްމުވެފައެވެ. ނައިޓްކުލަބުތައް ހިނގައެވެ. މިފަދަ ތަންތަނުގައި ހިލޭ އަންހެނުންނާއި ހިލޭ ފިރިހެނުންގެ ގައިގޯޅިވުން އޮތީ ވަރަށް ވެސް އާއްމުވެފައެވެ. ވަލީވެރީންގެ ދަރުގާތައް ހަދައިގެން އެތަންތަނަށް ކަމޭހިތައި، އަޅުކަންކޮށް އުޅުނެއެވެ. އެމީހުންގެ އިއުތިގާދުގައިވާގޮތުން ކަނޑުގަދައިރު އެމީހުންގެ ނައުފަހަރު ސަލާމަތްވަނީ އެފަދަ މާތް ވަލީވެރިންގެ ބަރަކާތުގެ ސަބަބުންނެވެ. އެހެންކަމުން އެތަންތަނަށް ނަދުރުބުނެ، ހަދިޔާތައް ވަގުފުކޮށް ހަދައެވެ. މިއީ ދީނާ ޚިލާފުކަންކަން ކަމަށް ވިދާޅުވެ ޙުސައިންދީދީ ގެންދެވީ، މިކަންކަމާ ދެކޮޅަށް ވާހަކަދައްކަވަމުންނެވެ. އެހެންކަމުން މަލިކުގައި އެވަގުތު އިސްކޮށްތިބި ހަރު މީހުންގެ ނުރުހުމާއި ރުޅިވެރިކަން ޙުސައިންދީދީއަށް އަމާޒުވިއެވެ.

14 އޮކްޓޯބަރު 1941 (23 ރަމަޟާން 1360) ގައި އެމީހުންގެ މިރުޅިވެރިކަން ކޮންޓްރޯލުން ނައްޓައިގެންދިޔައެވެ. އެރޭ ޙުސައިންދީދީ ހުންނެވީ އަޅުގަނޑުމެންގެ ގޭގެ  (މުރައިދުގަނޑުވަރުގެ) ގޯތިތެރޭގައި ތަޤުރީރުކުރައްވާށެވެ. އެހެން ހުންނަވަނިކޮށް މީހުން އައިސް ގާ އުކައިގަތެވެ. އަދި މުރައިދު ގަނޑުވަރުގެ އުސް އަދި ދިގު ފާރު އެއްކޮށް ބިމާހަމަކޮށްލިއެވެ. މިޙަމަލާއަކުން ޙުސައިންދީދީގެ ހަށިކޮޅަކަށް އެއްވެސް ގެއްލުމެއް ލިބިވަޑައެއް ނުގަންނަވައެވެ. މުރައިދުގަނޑުވަރާ ޖެހިގެން ހުރިގޭގެ ފާރުމަތީން އެގޭގެ ގޯތިތެރެއަށް ހުސައިންދީދީ ވަޑައިގަތެވެ. ޙުސައިންދީދީއަށް ތާއީދުކުރާ މީހުން ހުސައިންދީދީއަށް ރައްކައުތެރިކަން ހޯދައިދިނެވެ. އެހެން ނަމަވެސް ދެން އެންމެ އަވަހަށް ފުރި ނަވުން ޙުސައިންދީދީއަށް ޖެހިވަޑައިގަތީ މަލިކުން ފުރާށެވެ.

މަލިކުގައި ދިމާވި މިހާދިސާއަށް ފަހު ޙުސައިންދީދީ ދެން ވަޑައިގަތްކަމަށް ލަފާކުރެވެނީ މާލެއަށެވެ.

ވަރަށް މުޢުތަބަރުކޮށް ޚަބަރުލިބޭ ގޮތުގައި ޙުސައިންދީދީ އާއި އަދިވެސް ދެމީހަކު 1954 ހާތާނގައި މާލެއިން ފިލައިގެން ދޯންޏަކުން ޓްރިވެންޑްރަމަށް ވަޑައިގަތެވެ. އެތަނަށް ދޯނި ދޫކޮށްލެއްވުމަށް އެބޭފުޅުން ވަޑައިގަތީ ޕަރައްޕަނަންގާޑީއަށެވެ. މަލިންގޭ ޙުސައިންދީދީއާއެކު އުމަރުއާބާދުގައި ކިޔެވި، މަލަބާރުގެ ނަހާ ދަރިކޮޅުގެ މީހަކު ޙުސައިންދީދީއަށް ޕަރައްޕަނަންގާޑީގައި ހުންނެވޭނެގޮތް ހަމަޖައްސައިދިނެވެ. (މަލިންގޭ ޙުސައިންދީދީއަކީ ވެސް މަލަބާރުގެ ނަހާ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެކެވެ. އެހެނީ މަލިންގޭ ޙުސައިންދީދީއަކީ މަލަބާރުގެ ނަހާ ދަރިކޮޅުގެ ބޭފުޅެއް ކަމުގައިވާ އައްސައްޔިދު މުޙައްމަދު ނަހާ އަލްމަލާބާރީ (ހޮޅި ނަހާ) ދިވެހިރާއްޖެއަށް ވަޑައިގެން، ރ. އަތޮޅު ފަސްމަންދޫ އަންހެނަކާ ކައިވެނި ބައްލަވައިގެން ލިބިލެއްވި، ފަސްމަންދޫ އަލްވަޒީރު ޙަސަން ހަކުރާތަކުރުފާނުގެ އަލްވަޒީރު ހޮޅި ހަކުރާ މަނިކުފާނުގެ އަލްވަޒީރު ޢަލީ ދޮށިމޭނާ މަނިކުފާނުގެ ވީރު އިބްރާހީމް ދީދީގެ ވީރު ޙަސަންދީދީގެ ޢަލީ މަލިމް މަނިކުފާނުގެ މަލިންގޭ އަޙްމަދުދީދީގެ މަލިންގޭ މޫސާދީދީގެ ބޭފުޅެކެވެ. ނަހާ ދަރިކޮޅަކީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ބާޢަލަވީ ސައްޔިދު ދަރިކޮޅެއް ކަމުގައިވާ ޝައްޤާފު ވަންހައިގެ ނަޚުދާއަކު އިންޑިޔާގެ މަލަބާރަށް ވަޑައިގެން މަލަބާރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅުންގެ ދަރިކޮޅެވެ.)

ޕަރައްޕަނަންގާޑީގައި ޙުސައިންދީދީ ދިރިއުޅުއްވުމަށް ޓަކައި ގެއެއް އަޅާނެ ބިމެއް ހަމަޖައްސައިދީ، އެބިމުގައި ގެއެޅުމުގެ ކަންތައް ވެސް ކޮށްދިނެވެ. ޕަރައްޕަނަންގާޑީގައި ޙުސައިންދީދީ ހުންނެވީ އެރަށުގެ މުޖާހިދު މަސްޖިދުގެ އިމާމަކަށެވެ. ކީރިތި ޤުރުއާނުގެ ތަރުޖަމާ އާއި ތަފްސީރު ލިޔުއްވުމުގެ މަސައްކަތް ޙުސައިންދީދީ ފެށްޓެވީ މިދުވަސްވަރުއެވެ. އަޅުގަނޑުގެ ބާފާނު އަދި މަލިކު ބާޑައަވަށުގެ ޖުމްޢާ މަސްޖިދުގެ ބާނީ ބޮޑުގަނޑުވަރު އިބްރާހީމް މަނިކުފާނުގެ އެދިވަޑައިގަތުމާވެސް އެކީގައެވެ. (މަލިކު ބަހުރުވައިގައި ބާވަ އަކީ ބައްޕަފަރާތު ބޮޑު ބޭބެއެވެ. ބާފާނު އަކީ މިނަން މާތް މީހުންނަށް ނިސްބަތްކުރާ ގޮތެވެ.) އެންމެ ފުރަތަމަ މުޖައްލަދު ޝާއިޢުކުރެއްވީ 10 ރަބީޢުލްއައްވަލް 1378ހ. (23 ސެޕްޓެންބަރު 1958) ގައެވެ. އެންމެ ފަހު މުޖައްލަދު ޝާއިޢު ކުރައްވާފައިވަނީ 1381/1962 ގައެވެ. ޗާޕުގެ ޚަރަދު ދީފައިވަނީ މަލިކުގެ ބާޑަ ޖަމާޢަތުންނެވެ.

މަލިންގޭ ޙުސައިންދީދީ މަލިކުން ފުރާވަޑައިގަތް ފަހުން، ބާޑަ އަވަށުގެ ވަށަންގެ މިސްކިތަކަށް ބަދަލުކޮށް، ބޮޑުގަނޑުވަރު އިބްރާހީމް މަނިކުފާނުގެ އިމާމުކަމުގައި ބާޑައަވަށުގެ މީހުން، މަލިކުގެ އެހެންމީހުންނާ ވަކީން ހުކުރު ކުރަން ފެށިއެވެ. މީގެ ސަބަބުން މަލިކުގެ މުޖުތަމަޢު ދެބަޔަކަށް ބެހި އެތައް މައްސަލަތަކެއް ކުރިމަތިވެގެން ދިޔައެވެ. އެހެންނަމަވެސް މިކަމަކީ އޭގައި ޙުސައިންދީދީގެ އެއްވެސް ދައުރެއް އޮތް ކަމެއް ނޫނެވެ.

ފަހުން މަލިކުގެ ދެކަތީބުން ޞުލްޙަވެ، އެދެބޭފުޅުން އެކުގައި މަސައްކަތް ކުރައްވައިގެން މަލިކުގެ އުތުރުކޮޅާއި ދެކުނުކޮޅުގެ މީހުންގެ މެދުގައި އޮތް އަރައިރުންތަކާއި، ބިދުޢަތައް ނައްތާލައި އެކުވެރިކަން ގާއިމުކުރިއެވެ. 1958 ގައި މަލިކުގެ ހުރިހައި އަވަށެއްގެ މޫޕަނުން (އަވަށު ވެރިން) މަލިކަށް ޙުސައިންދީދީ އަލުން ގެނައުމުގެ ހުއްދައަށް ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރގެ ކިބައިން އެދުނެވެ. އެމީހުން ބޭނުންވީ ޙުސައިންދީދީއަށް ލިބިވަޑައިގެންފައިވާ ޢިލްމުން މަންފާ ހޯދާށެވެ. އެޑްމިނިސްޓްރޭޓަރ މރ. މުރްކޮތު ރައްމުނީ، އެ ހުއްދަ އެމީހުންނަށް ދެއްވިއެވެ. އެވަގުތު އަޅުގަނޑުހުރީ މަލިކުގެ އަމީންގެ ކާތިބު (ކަނަކުފުޅޭ) ކަމުގެ މަގާމުގައެވެ. ޙުސައިންދީދީ އަޅުގަނޑާ ވަރަށް ގާތްކަން ބޭއްވިއެވެ. އެއްފަހަރަކު މައިކަރައިން މަލިކަށް އަޅުގަނޑުމެން އެއްކޮށް ދަތުރެއް ވެސް ކުރީމެވެ.

މަލިންގޭ ޙުސައިންދީދީ މިފަހަރު މަލިކަށް ވަޑައިގެން ހުންނެވީ ބާޑައަވަށުގެ ކަތީބުގެ އަންހެނުންގެ ގެ ކަމުގައިވާ ކަނަކުފުޅޭގޭގައެވެ. ފަހުން ބާޑައަވަށުގައި ޙުސައިންދީދީއަށް ވަކިން ގެއެއް ދެވުނެވެ. ޙުސައިންދީދީއަކީ މަލިކުގެ އެންމެންގެ މެދުގައި ވެސް ވަރަށް މަޤުބޫލު ބޭފުޅަކަށްވިއެވެ. އެންމެން ވެސް ލޯބިވާ އަދި ޤަދަރުކުރާ ބޭފުޅަކަށްވިއެވެ. މަލިކުގެ ދެ ހުކުރު މިސްކިތުގައި ވެސް ޙުސައިންދީދީ އިމާމުވެ ހުކުރު ކުރައްވަމުން ގެންދެވިއެވެ. މި ގޮތުން ދެ ހަފްތާއިން އެއް ހަފްތާގައި އެއް މިސްކިތުގައި، އަނެއް ހަފްތާގައި އަނެއް މިސްކިތުގައި ހުކުރު ކުރައްވަމުން ގެންދެވިއެވެ.

ޙުސައިންދީދީ އަމިއްލަފުޅަށް ވަކިނަމާދަކަށް ޚާއްޞަކޮށްގެން ދާއިމީކޮށް ގުނޫތު ވިދާޅު ނުވިޔަސް އެހެންމީހުން ގުނޫތު ކިޔެއްކަމަކު އެކަމަކާ ބެހިވަޑައެއް ނުގަންނަވައެވެ. މަލިކުގެ އުތުރުކޮޅުގެ މީހުންގެ މެދުގައި ވެސް އަދި ދެކުނުކޮޅުގެ މީހުންގެ މެދުގައި ވެސް ޙުސައިންދީދީގެ މަގުބޫލުކަން ދިޔައީ އިތުރުވަމުންނެވެ. އަދި މަލިކުގެ ތާސީލްދާރު ވެސް ހުސައިންދީދީއަށް ވަރަށް ކަމޭހިއްތަވައެވެ. ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ޙުސައިންދީދީ ހިންގެވި ކިލާސްތަކުގައި ޚުދު ތާސީލްދާރު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. އެއަހަރު އިންޑިޔާގެ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ހުސައިންދީދީ ވަރަށް ފުރިހަމަ ތަގުރީރެއް ވެސް ދެއްވިއެވެ. ޙުސައިންދީދީ ވަނީ މަލިކުގެ އެއްބައިވަންތަކަން ކުރިއެރުވުމަށްޓަކައި ވަރަށް އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

1959 ވަނަ އަހަރު ކަނަކުފުޅޭގޭ ޙައްވާމަނިކެއާ ޙުސައިންދީދީ ކައިވެނި ބައްލަވައިގަތުމުގެ ނަތީޖާއަކަށްވީ އަނެއްކާ ވެސް މަލިކު ދޫކޮށް މައިކަރައަށް ބަދަލުވެވަޑައިގަތުމަށް ޙުސައިންދީދީއަށް މަޖުބޫރުވެވަޑައިގަތުމެވެ. ކަނަކުފުޅޭގޭ ޙައްވާމަނިކެއަކީ ބޮޑުގަނޑުވަރު އިބްރާހީމް މަނިކުފާނުގެ އަންހެނުންގެ ކޮއްކޮއެވެ. މިކަންވީގޮތަކީ، ބާޑައަވަށުގެ މޫޕަން ޙުސައިންދީދީގެ ކައިވެންޏަށް ހުއްދަހޯދުން އެދި ތާސީލްދާރު މރ. ވެލަޔުދާ މެނަންއަށް ހުށަހެޅީއެވެ. ޙުސައިންދީދީއަކީ ޚާއްޞަ ހުއްދައެއްގެ ދަށުން މަލިކުގައި ހުންނެވި ބޭފުޅަކަށް ވާތީއެވެ. މިކަމާ ގުޅިގެން ތާސީލްދާރު ވިދާޅުވީ އެޑްމިނިސްޓްރޭޓަރުގެ ހުއްދަ ލިބެންދެން ކައިވެނި ފަސްކުރުމަށެވެ. އެހެން ނަމަވެސް އެޑްމިނިސްޓްރޭޓަރުގެ ހުއްދަ ނުލިބެނީސް ބާޑައަވަށުގެ މީހުން ޙުސައިންދީދީގެ ކައިވެނީގެ ކަންތައްކޮށް ނިންމައިލިއެވެ. އަމުރަށް ނުކިޔަމަންތެރިވިކަމުގެ ކުށުގައި ތާސީލްދާރު ޙުސައިންދީދީ މަލިކުގައި ހުންނެވުމަށް ލިބިފައިވާ ހުއްދަ ބާޠިލުކުރެއްވިއެވެ. އެހެންކަމުން ޙުސައިންދީދީއަށް ޖެހިވަޑައިގަތީ ދެވަނަ ފަހަރަށް މަލިކު ދޫކުރައްވައި ވަޑައިގަންނަވާށެވެ. މިއަށް ފަހު ޙުސައިންދީދީ އާއި އަނބިކަނބަލުން ޕަރައްޕަނަންގާޑީގައި ވަޒަންވެރިވިއެވެ.

ކީރިތި ޤުރުއާނުގެ ތަރުޖަމާ އާއި ތަފްސީރުގެ އިތުރުން ޞަޙީޙް ބުޚާރީ އާއި ޞަޙީޙް މުސްލިމް ވެސް މަލިންގޭ ޙުސައިންދީދީ ދިވެހިބަހަށް ތަރުޖަމާ ކުރެއްވިއެވެ. އެހެން ނަމަވެސް ޗާޕްކޮށް އާއްމު ނުކުރެވި އޮތުމުގެ ސަބަބުން އެދެފޮތް ހަލާކުވެ ނެތިގެންދިޔައީއެވެ. ޙުސައިންދީދީ އަވަހާރަވީ ޢުމުރުފުޅުން ގާތްގަނޑަކަށް 65 ނުވަތަ 66 އަހަރުގައެވެ. ފަސްދާނުލެވިފައިވަނީ ޕަރައްޕަނަންގާޑީގެ  ޖުމްޢާ މަސްޖިދު ގަބުރުސްތާނުގައެވެ. މާތް ﷲ ޙުސައިންދީދީގެ ފާފަ ފުއްސަވައި ސުވަރުގޭގެ ނިޢުމަތް ދެއްވާށިއެވެ! އާމީން.
---------------
(ނިމުނީ)

މި ލިޔުން:

     ފޮނުވުން:    މުޙަންމަދު (މަލިކު)
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
     ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ