އަދުގެ ޚާއްސަ

Print

ދިވެހީންގެ އަޞްލު ދެނެގަތުމާ މެދު ޚިޔާލެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދިވެހީންގެ ޤަދީމީ ތާރީޚަކީ ނޭނގުމާއި އަނދިރިކަމުގެ ތެރެއަށް ގޮސް އޮޅުންބޮޅުންވެފައިވާ އެއްޗެކެވެ. ދިވެހީން މާތްވެގެންވާ އިސްލާމް ދީނަށް އެނބުރުމުގެ ކުރީގެ މަޢުލޫމާތެއް ހަރުދަނާ އަދި ސާބިތު ގޮތެއްގައި ފެންނާކަށް ނެތެވެ. ރާއްޖޭގައި ހުރި ޤަދީމީ އާސާރުތައް ވެސް އަޅުގަނޑުމެންގެ މި ޒަމާނަށް އައި އިރު ހުރީ ވީރާނާ ވެފައެވެ. ބައެއް ތަންތަން ވަނީ މުޅިން ނެތި ގޮސްފައި ވެސް މެއެވެ. ކަން މިހެން ހުރުމާއެކު ދިވެހީންގެ އަޞްލަކީ ކޮބައިތޯ ކުރެވޭ ބޮޑު ސުވާލަށް އަދިވެސް ވަނީ އެކަށީގެންވާ ޖަވާބެއް ނުލިބި އެވެ. އެހެންކަމުން މި ސުވާލުގެ ޖަވާބު ލިބިދާނެ ބައެއް ދިމަދިމާއަށް އަޅުގަނޑުމެންގެ ވިސްނުން މިޞްރާބުކުރެވޭތޯ މަސައްކަތެއް ކުރަމާ ހިންގަވާށެވެ!

ދިވެހިރާއްޖެއަކީ އެފްރިކާ އާއި އޭސިޔާ އާ ދެމެދުގައި އިންޑިއާ ކަނޑުގެ މުހިއްމު ނުކުތާއެއްގައި އޮންނަ ޤައުމެކެވެ. މި ސަބަބަށްޓަކައި، ބައެއް މުއައްރިޚުން ދެކެވަޑައިގަންނަވަނީ އިންޑިއާ ކަނޑު ހުރަސްކޮށް އުތުރުކަރަ(އިންޑިއާ)އަށް ނާފަހަރުގައި މީހުން ދަތުރުކުރާން ފެށީއްސުރެ ދިވެހި ރާއްޖޭގައި ދިރިއުޅެންފަށައިފައިވާނޭ ކަމުގައެވެ. އަދި ދިވެހި ރާއްޖޭގައި މީހުން ވަޒަންވެރިވީ ދުވަސްވަރެއް އެނގިއްޖެ ނަމަ އިންޑިއާ ކަނޑުގައި މީހުން ދަތުރުފަތުރުކުރާން ފަށައިގަތް ދުވަސްވަރެއް ވެސް އެނގޭނެއެވެ.

އޮޅުދޫކަރައިގެ ނުވަތަ ސިލޯނުގެ (މިހާރުގެ ނަމުންނަމަ ސްރީ ލަންކާ ގެ) އެންމެ މުހިއްމު ތާރީޚީ އެއް ފޮތް ކަމުގައިވާ "މަހަވަންސާ"ގައި ވާ ގޮތުން މީލާދީ ސަނަތުގެ 500 އަހަރުކުރިން އުތުރު އިންޑިއާގެ އަމީރެއް ކަމުގައިވާ ވިޖެޔާ އޮޅުދޫކަރަޔަށް ވަޑައިގެންނެވި އިރު އެ މަނިކުފާނުގެ މީހުން ދަތުރުކުރި ނާތަކުގެ ތެރެއިން ނަމެއް ދިވެހި ރާއްޖެއަށް އައެވެ. "ފިރިހެން ކުދީންގެ ނާ ދަތުރުކުރީ ނަގަދީޕާ (ލަންކާ) އަށެވެ. އަންހެންކުދީންގެ ނާ ދަތުރުކުރީ މަހިލާވްދިވީޕިކާ (ދިވެހިރާއްޖެ) އަށެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ނަމަވެސް  "މަހަވަންސާ" އަކީ ސިންގަޅައިންގެ ވެއްދާއިންނާއި ބުރަހުމަނުންގެ އަތްއަތް މަތީން ލިޔެ ރައްކާކޮށްފައިވާ (އަޅުގަނޑުމެންގެ ރާދަވަޅި ފަދަ ތާރީޚީ) ފޮތެކެވެ. އެހެންވީމާ މި ފޮތުގައި ލިޔެފައިވާ މި ފަދަ ފުލޯކު ވާހަކަތަކުގައި ވެސް ކޮންމެވެސް ވަރެއްގެ ޙަޤީޤަތެއް އޮތުމަކީ ވަރަށް އެކަށީގެންވާކަމެއްކަމަށް ނަސީމާ މުޙައްމަދު (2007) ދެކެވަޑައިގަންނަވައެވެ.

ސިންހަޕްރަ (ގުޖްރާތު) ރަސްގެފާނުގެ ދަރިކަލުން އަމީރު ވިޖެޔާގެ ޢަމަލުތަކާމެދު އެ ރަދުން ކޯފާވެވަޑައިގެން، އަމީރު ވިޖެޔާ އާއި އެ މަނިކުފާނުގެ އެކުވެރިންގެ ތެރެއިން 700 ވަރަކަށް ބޭފުޅުންނާއެކު ފޮނުވައިލެއްވީ ކަމަށާއި މިއީ އަމީރު އަމިއްލަފުޅަށް ވަޑައިގަތް ވަޑައިގަތުމެއް ނޫންކަމަށް ނަސީމާ މުޙައްމަދު (2007) ބުރަވެވަޑައިގެންނެވި އެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން އިންޑިޔާގެ ގުޖްރާތު ސަރަހައްދަކީ އިންދޫސް ވާދީ ރަށްވެހިކަމުގެ އަސަރު ވެސް އެ ހިސާބުގަނޑަށް ފޯރައިފައިވާ، ތަރައްޤީ އާއި ރަށްވެހިކަމުގެ ނާރެހެކެވެ. މިސަރަޙައްދުގެ ރަސްކަލުންގެ ޢިއްޒަތްތެރިކަމާއި ހައިބަތަށް ވިސްނާއިރު ރަސްގެފާނުގެ ދަރިކަލުން ރަސްމީ ޢިއްޒަތުގައި އަރުވައިލެވޭއިރު 700 ބޭފުޅުން އެންމެ 2 ނަވަށް ބައްސަވައިލައްވައިގެން ދަތުރުފުޅު އިންތިޒާމު ކުރައްވައިފައިވާތީ އެ ނާފަހަރުގެ ބޮޑުކަމާއި ފުރިހަމަކަން އަންދާޒާކޮށްލާކަށް އުނދަގުލެއް ނޫނެވެ.

އިންޑިޔާގެ ގުޖްރާތު ސަރަޙައްދުން ފުރައިގެން ރިޔާ ނެގި އުޅަނދެއްގައި ދަތުރުކުރާ ބަޔަކަށް އޮޅުދޫ ކަރަޔަށް ދިޔުމަށްވުރެ ދެ މޫސުމުގައިވެސް ފަސޭހަވާނީ ރާއްޖެއަށް ދަތުރުކުރާށެވެ. އެހެނީ ޢާއްމު ގޮތެއްގައި ވައިޖެހެނީ ހުޅަނގާއި އިރުން ކަމަށްވާތީ ކޮންމެ މޫސުމެއްގައި ވެސް އުތުރުން ދެކުނަށް ދަތުރުކުރުން ފަސޭހަވާނެތީ އެވެ.

"ދިވެހި ތާރީޚަށް އައު އަލިކަމެއް" ގައި ބަޔާންކޮށްފައި ވާ ގޮތުން މީލާދުގެ ކުރީގެ ފަސް ވަނަ ނުވަތަ ހަ ވަނަ ޤަރުނުގައި ސިލޯނުން (ސްރީލަންކާއިން) ރާއްޖެއަށް ފުރަތަމަ އައީ ޢާރިޔަނުންނެވެ. ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. އެ ފޮތުގައި ބަޔާންކޮށްފައިވެއެވެ. "ދިވެހިރާއްޖެއަށް ފުރަތަމަ އައީ ޢީސާގެފާނުގެ ކުރީގެ ފަސްވަނަ ނުވަތަ ހަ ވަނަ ޤަރުނުގެ ތެރޭގައި ސިލޯނުން ޢާރިޔަނުން އައި ދުވަސްވަރު އޭގެ މީހުންނެވެ. (ޢާރިޔަނުންނަކީ  ވަރަށް އިހު ޒަމާނުއްސުރެ އެއް އުޞޫލެއްގެ މައްޗަށް ބިނާކޮށްފައިވާ ބަސްތަކަކުން ވާހަކަދައްކާ ބަޔެކެވެ. މިބައިމީހުންނަކީ ދުނިޔޭގެ ވަރަށް ގިނަ ދިމަދިމާއަށް ފެތުރިގެން ދިޔަ ބަޔެކެވެ.) ނުވަތަ ހަމަ ސީދާ ސިންގަޅައިންނެވެ. މިއީ މި ޒަމާނުގައި ޝައްކުކުރަން ތަން ލިބިގެންވާ ތަނެއް ނޫނެވެ." (ދިވެހި ތާރީޚަށް އައު އަލިކަމެއް (1990) ޞަފުޙާ 36) މި ވާހަކައަކީ ޚާއްޞަ ދިރާސާއެއްގެ އަލީގައި ބަޔާންކޮށްފައި އޮތް ވާހަކައަށް ވުރެ ބޮޑަށް ވައްތަރީ ހީއެއްގެ މައްޗަށް ފާޅުކޮށްފައިވާ ޚިޔާލެއްކަމުގައެވެ. އެހެނީ މި ވާހަކަ ސާބިތުކޮށްދޭނޭ ހެތްކެއް ބަޔާންކޮށްފައެއް ނުވެއެވެ.

ދިވެހި ރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ ސިލޯނު މަގުން ކަމަށް ވުމީ ވަރަށް އެކަށީގެން ނުވާކަމެކެވެ. ސަބަބަކީ އެބައިމީހުންނަކީ ކުރީ ޒަމާނުގައި ކަނަޑުދަތުރުފަތުރުކޮށް އުޅުނު ބައެއް ކަން ތާރީޚީ ގޮތުން އެނގޭން ނެތުމެވެ. ބޮޑަށް ޤަބޫލުކުރެވޭ ގޮތުގައި ދިވެހިރާއްޖެއަށް ޢާރިޔަނުން އައިސްފައިވާނީ ސިލޯނަށްވެސް ޢާރިޔަނުން ދިޔަ ދުވަސްވަރު ހަމަ އިންޑިއާ މަގުންނެވެ. އެހެނީ ރާއްޖެއަށް ޢާރިޔަނުން އައީ ސިލޯނު މަގުން ކަމަށް ވާނަމަ މި ވާހަކަ މަހަވަންސާގައި ބަޔާންކޮށްފައި އޮތީހެވެ. ނަސީމާ މުޙައްމަދު (2007) ވެސް ބޮޑަށް ބުރަވެވަޑައިގަންނަވަނީ މި ޚިޔާލަށެވެ.

ސްރީލަންކާގެ އާސާރީ ލިޔުމެއްކަމަށްވާ ދީޕަވަންސާ (400 މކ) ގައި ވެސް ދިވެހި ރާއްޖޭގެ ވާހަކަ "ގަސްގަހާގެހި ގިނައިން ހެދިފައިވާ 'ގިރި' ނަމަކަށް ކިޔާ ރަށެއް"ގެ ގޮތުގައި ސިފަކޮށް އެވާހަކަ ގެނެސްފައިވެއެވެ. މިއީ ތާރީޚީ ފުލޯކު ވާހަކައެއް ކަމަށް ވިޔަސް މީލާދީ ސަނަތުގެ ކުރިންވެސް ދިވެހިރާއްޖެއަކީ ލިޔުންތެރީން ދަންނަ، މީހުންނަށް އެނގޭ ޤައުމެއްކަން މި ވާހަކައިން ވެސް ދޭހަވެއެވެ.

ދިވެހި ތާރީޚާ ބެހޭ މުހިއްމު ގިނަ މަޢުލޫމާތު ލިބޭ އެއް ވަސީލަތަކީ އެޗް ސީ ޕީ ބެލް ގެ މޮނޮގްރާފް(1940)ކަމަށް ބެލެވެއެވެ. މި ފޮތުގައި ވެސް ދިވެހި ރާއްޖެއަށް ޢާރިޔަނުން އައިސްފައިވަނީ މީލާދީ ސަނަތުގެ ކުރިން ކަމަށް ބަޔާންކުރައްވައިފައިވެއެވެ.  އެކަމަކު ޢާރިޔަނުން ރާއްޖެ އައީ ލަންކާއިން ކަމެއް ނުވަތަ އިންޑިއާއިން ކަމެއް ބެލް ކަނޑައަޅުއްވައިފައެއް ނުވެއެވެ.

ޢީސާއީ ސަނަތުގެ ކުރީން ދިވެހިރާއްޖެއަށް އާރިޔަނުން އައި ކަމަށާއި އެ މީހުންގެ ތެރޭގައި ޑްރެވީޑިއަނުން ހިމެނޭ ކަމަށް ޙަބީބާ ޙުސައިން ޙަބީބު (ތާރީޚަށް އަވަސްކަޅިއެއް ޞަފުޙާ 2) ގައި ބަޔާންކުރައްވައިފައިވެއެވެ. މިއީ އެޗްސީޕީ ބެލްގެ ލިޔުއްވުމުގެ އަލީގައި ލިޔުއްވައިފައިވާ ލިޔުއްވުމެއްކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

އަލްމަސްޢޫދީ ލިޔުއްވައިފައިވާ "މުރޫޖުއްޛަހަބް" ގައި ރާއްޖެ އިސްލާމްވުމުގެ ކުރީގެ ތާރީޚާ ބެހޭ ވާހަކަތައް ގެންނަވައިފައި ވިޔަސް، ރާއްޖޭގައި ވަޒަންވެރިވީ ކޮންދަރިކޮޅަކުން އައި ބައެއްކަމާއި، ރާއްޖެ އާބާދުވި ދުވަހަކާއި ރާއްޖޭގެ ވެރިކަމަށް ވީ މުއްދަތު ފަދަ މަޢުލޫމާތުތައް އެ ފޮތުގައި ވެސް ބަޔާންކުރައްވައިފައެއް ނުވެއެވެ.

މުޙައްމަދު އަމީން ("ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް) ބަޔާންކުރައްވައިފައިވަނީ "މިހާތަނަށް ކުރެވިފައިވާ ތަޙުޤީޤުތަކުން އަޅުގަނޑުމެންނަށް ޔަޤީންވާން އުޅެނީ  ކޮންމެވެސް ޒަމާނެއްގައި ސިލޯނުން ސިންގަޅަ ބަޔަކު ދިވެހި ރާއްޖެއަށް އައިސް ރާއްޖެ ޢިމާރާތްކުރިކަމެވެ. ޢީސާގެ ފާނު ދުނިޔެއަށް ވަޑައިގަތް ދުވަސްވަރާ ގާތް ދުވަސްވަރެއްގައި އެ ބަޔެއްގެ ވެރިކަން ދިވެހި ރާއްޖޭގައި ދެމި އޮތްކަމެވެ."

މުޙައްމަދު އަމީނުގެ މި ޚިޔާލުފުޅަކީ ސާބިތު ހެތްކެއްގެ މައްޗަށް ފާޅުކުރައްވައިފައިވާ ޚިޔާލުފުޅެއް ނޫނެވެ. އަދި އެގޮތަށް އަމީންގެ ވިސްނުންފުޅު ހުރި ކަމަށް ވިޔަސް އެ ގޮތަށް އޭނާ އަށް ވެސް ސާބިތެއްނުވެއެވެ. "އަޅުގަނޑުމެނންނަށް ޔަޤީންވާން އުޅެނީ" އޭ ވިދާޅުވެފައިވުމުން ޔަޤީންނުވާކަމާއި އެ ގޮތަށް ސާބިތު ނުވާކަން ކަނޑައެޅިގެން ދޭހަވެއެވެ.

ދިވެހިރާއްޖޭގެ އަޞްލު ވަޒަންވެރީންނަކީ ކޮންތާކުން ކޮން އިރަކު އައި ކޮން ބަޔެއްކަން އަދި ސާބިތުވެފައި ނުވިޔަސް ގަބޫލުކުރެވޭ ހަގީގަތްތަކެއް ވެސް އެބަހުއްޓެވެ. އެއީ ކޮންމެ ބަޔަކު ނަމަވެސް އެ ބަޔަކު ދިވެހިރާއްޖޭގައި ވަޒަންވެރިވުމަށް ފަހު އެބަޔަކީ ދީވީން(ދިވެހީން)ކަމެވެ. އަދި އެބަޔަކީ އެހެން ޤައުމަކާ ނުގުޅި އެހެން ޤައުމެއްގެ ބަޔެއްގެ ގޮތުގައި ނުހިމެނި، އަމިއްލަ ވެރިކަމެއް ޤާއިމުކޮށްގެން އަމިއްލަވަންތަކަމާއި އަމިއްލަ ފުދުންތެރިކަމާއެކު އެޅެމުން ގެންދިޔަ ބައެއް ކަމެވެ. މި ގޮތަށް "ދީވީން" އުޅެމުން އައި އިރު އެ ބައި މީހުންގެ ވަށައިގެންވާ އަވަށްޓެރި ގައުމުތަކުގެ ވެރީންނާއި  އަދި އެ ދުވަސްވަރު އިންޑިއާ ކަނޑަށް ބާރު ފޯރުވައިގެން އުޅުނު ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވެރީންނާއެކު "ދީވީން"ގެ ރަސްރަސްކަލުން ވަޑައިގަތީ އެކުވެރިކަން ދަމަހައްޓަވަމުންނެވެ. ފެށުނީއްސުރެ ރާއްޖޭގައި ހަރުދަނާ ރަސްކަމެއް ފެށި އެ ރަސްކަން ދެމިގެން އައި ކަމެވެ.

މީލާދީން 1980 ގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖެ ވަޑައިގަތް ޕްރޮފެސަރ ތޯރ ހައިދާލް ލަފާކުރެއްވި ގޮތުގައި އިންޑިއާ އާއި ޕާކިސްތާނު ހިމެނޭ ސަރަޙައްދުގައި އިހަށް އޮތް ރަށްވެހިކަން (އިންޑަސް ވެލީ ސިވިލައިޒޭޝަން) އުވިގެން ދިޔައިރު ދިވެހި ރާއްޖެއަށް އެ ހިސާބުން މީހުން އައިސްފައިވެދާނެއެވެ. ތޯރ ހައިދާލްގެ މި ޚިޔާލަށް މި ރާއްޖޭގައި އޮތް ފޯކްލޯރއަކުން ބާރު ލިބޭކަމަށް ނަސީމާ މުޙައްމަދު  ދެކެވަޑައިގަންނަވައެވެ.(ފަތްތޫރަ، 306، ސެޕްޓެމްބަރ 2004). "މި ވާހަކައިގައި ބުނާ ގޮތުގައި ދިވެހި ރާއްޖެއަށް ފުރަތަމަ އައީ، އިންޑަސްވާދީގެ ކޯރެއް ކަމުގައިވާ ސަރަސްވަތީ ކޯރުގެ އައްސޭރީގައި އޮތް 'ކާލީބަންގަން' ނަމަކަށް ކިޔުނު ރަށެއްގެ މީހުންނެވެ. އިންޑަސް ވާދީގެ ރަށްވެހިކަން އުވިގެން ދިޔައީ މީލާދީ 1400 އަހަރު ކުރިންނެވެ."

"ވާހަކައިގައި ބުނާ ގޮތުގައި ދިވެހި ރާއްޖޭގައި ރަސްކަމެއް ފުރަތަމަ އުފެއްދީ އިރުމަތީ އިންޑިއާގެ ކާލިންގާއޭ ކިޔާ ސަރަޙައްދުން (މިހާރުގެ އޮރިއްސާ) ވަޑައިގެންނެވި ސޫރިޔަވަންޝަ (އިރު ވަންހަ) ދަރިކޮޅުގެ އަމީރެކެވެ. މި ރަސްގެފާނުގެ ނަންފުޅުކަމަށް ވާރިދުވެފައިވާ ވާހަކައިގައި ބުނެފައިވަނީ ސޫރުދަސަރުނަ ރަދުންނެވެ.

މީލާދީން 1925 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނުގައި 'ދަސަ ރަދުން' ކިޔުނު ރަސްކަލެއް ރައްޔިތުންނަށް ބިންތަކެއް ދެއްވި ވާހަކަ ލިޔެފައިވެއެވެ. އެހެންކަމާއެކު އެ ލޯމާފާނުގައި އެ ވަނީ އެ ޒަމާނުގައިވެސް އެވޭލާ ކަމަށް ހިމެނުނު ދުވަސްވަރެއްގައި އުޅުއްވި ސޫރުދަސަރުނަ ރަދުންގެ ވާހަކަކަމަށް ވެދާނެބާ އެވެ؟" (ނަސީމާ މުޙައްމަދު، ފަތްތޫރަ، 306، ސެޕްޓެމްބަރ 2004)

"ދިވެހި ތާރީޚަށް އައު އަލިކަމެއް"ގައި ދިވެހި ބަހަކީ ސިންގަޅަބަހުން އުފެދުނު ބަހެއް ކަމަށް ނިންމައިފައި ވީނަމަވެސް މިއަދުގެ ހޯދުންތައް މިޔާ މުޅިން ތަފާތެވެ. މުޙައްމަދު އިބްރާހީމް ލުޠުފީ، ފަތްތޫރައިގައި "ދިވެހި ތާރީޚުގެ ތެރެއިން ހޯދުން" މި ސިލްސިލާގެ ދަޑުން ލިޔުއްވައިފައިވާ "ކޮއިމަލާކަލޯއަކީ ކާކުބާ" މި މައިގަނޑުނަމަށް ލިޔުއްވައިފައިވާ ތާރީޚީ ލިޔުމެއްގައި ބަޔާންކުރައްވައިފައިވެއެވެ. "އޮޅުމެއް ނެތް ގޮތުގައި ދިވެހި ބަހުގެ މައިގަނޑަކީ އެވޭލާ ސިންގަޅަ ބަހެވެ. ތަޢައްޞުބެއް ނެތި މިކަން ގަބޫލުކުރާންޖެހެއެވެ.އެވޭލާ ސިންގަޅަ ބަހުގެ ލަފުޒުތަކާއި އެ ބަހުގެ ހަމަތަކާއި ހަމަތައް ދިވެހި ބަހުގައި ވާކަން އެނގޭއިރު ޕާލީ ބަހާއި ސާންސްކިރިތާއި ޕާކިރިތާއި ހިންދީ އާއި މެލޭ އާއި ފާރިސީ އާއި އުރުދޫއާއި ޢަރަތްބާއި ޕޯޗުގީޒާއި އިނގިރޭސި މި ބަސްބަހުގެ ލަފުޒުތަކާއި ހަމަތައް ދިވެހިބަހާ އެކުވެފައިވެއެވެ.

ދިވެހި ބަހަށާއި ދިވެހި ރާއޖޭގައި ހުރި އާޘާރުތަކަށް ބަލާއިރު މީލާދީން ގާތްގަނޑަކަށް 900 – 800 ގެ ފަހުގައި އެވޭލާ ސިންގަޅަ ބަހާއި ދިވެބި ބަސް ވަނީ ވަކިވެފައެވެ. ސިންގަޅައިން އެބައި މީހުންގެ އެވޭލާ ބަސް ތަރައްޤީކުރަމުން ދިޔަ ފަދައިން ދިވެހީންވެސް އެބައި މީހުންގެ މުސްކުޅި ދިވެހި ބަސް ތަރައްޤީކުރަމުން ގެންގޮސްފައިވަނީ ލިޔެކިޔުމަށް އަމިއްލަ އަކުރެއް އުފައްދައިގެން ކުރީގެ ބަހަށް ބަދަލުތަކެއް ގެންނަމުންނެވެ. މިއީ ބަސް ބަސް އުފެދި ތަރައްޤީވަމުން އަންނަ ހަމައެވެ."

 އިސްވެ ދެންނެވުނު ތާރީޚީ ލިޔުންތަކާއި ދިވެހި ބަހުގެ އުޞޫލުތަކާއި ބަހުގެ ތާރީޚާމެދު ފުންކޮށް ވިސްނައިލުމުން ވަރަށް މުހިއްމު ނުކުތާއެއް އެބަ ހާމަވެއެވެ. އެއީ ދިވެހި ރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އިންޑިއާގެ ނުވަތަ ލަންކާގެ ބަޔަކަށްވުމަކީ ވަރަށް ކައިރިކަމެއް ކަމެވެ. އެހެން ނަމަވެސް ދިވެހި ރާއްޖެއަށް ފުރަތަމަ މީހުން އައިސްފައިވަނީ ކޮން ދުވަސްވަރެއްގައިކަން ބަޔާންކުރުމަކީ އަދި ފަސޭހަކަމެއް ނޫނެވެ. އިންދޫސްވާދީ ރަށްވެހިކަމުގެ އަހުލުވެރީންނަކީ ކަނޑުދަތުރުފަތުރު ކޮށް އުޅުނު ބަޔަކަށް ވާތީ ދެކުނު އިންޑިއާ އާއި ދިވެހިރާއްޖެއާ އޮންނަލެއް ކައިރިކަމުން އިންޑިއާގެ އައްސޭރި ފަށުން މަސްވެރިން އެކި ދުވަސްވަރު ބެހިގެންވެސް ރާއްޖެ އައިސްފައިވުމަކީ ވަރަށް އެކަށީގެންވާކަމެކެވެ. މިކަން މި ގޮތަށް ހިނގައިފައިވާނަމަ އެއީ ޑްރެވީޑިއަނުންކަމަށްވުމީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. އެހެނީ ރާއްޖޭގެ ރަށްރަށުގެ ނަންތަކަށް ބަލާއިރު ޑްރެވީޑިއަން ނަންތައް ހުރިކަން އެބަ ފާހަގަކުރެވެއެވެ.
 
ދިވެހީންގެ އާދަކާދަތަކާއި އުޞޫލުތައް ހުރި ގޮތުން ދިވެހިންގެ ތެރެއަށް ޚާއްޞަކޮށް ދިވެހި ބަހަށް އިންޑޯ ޢާރިޔަނުންގެ އަސަރުކޮށްފައި ވާކަން ހާމަވާން އެބަހުއްޓެވެ.  އަޅުގަނޑުމެންގެ ސަގާފަތުގައި ހިންދީ ދީނުގެ އަސަރުތަކާއި ބުދު ދީނުގެ އަސަރުތައް ފެނިފައިވެއެވެ. މިކަންކަމުން ދޭހަވަނީ ދިވެހީންގެ އަޞްލަކީ އިންޑިއާއިން ނުވަތަ ލަންކާއިން އައި މީހުންކަމަށް ވުމަކީ އެކަށީގެންވާ ކަމެއްކަމެވެ.

މިއަދުގެ ހޯދުންތަކުގެ އަލީގައި ވަކި ކޮޅަކަށް ނިންމައި ސިއްކަޖެހުމަކީ ވެވޭނޭ ކަމެއް ނޫންކަން ކަށަވަރެވެ. ލިޔެފައި ހުރި އެކި ލިޔުންތެރީންގެ ދިރާސާތަކަށް އެކަނި ބަރޯސާވެގެން މިފަދަ ނިންމުމެއް ނިންމޭކަށް ނެތެވެ.

އިސްވެ ދެންނެވުނު ވާހަކަތަކުގެ އަލީގައި އެއްޗެއް ދަންނަވާނަމަ، ދީވީންނާއި ސަރަންދީވީންނަކީ އެއް ދިމާއަކުން ދެކަފިވެގެން އައި ތިމާގެ ދެ ދަރިކޮޅު ކަމަށް ބެލިދާނެއެވެ. އަދި މި ބަޔަކު ފުރަތަމަ އައީ އިންޑިއާއިންކަމަށް ވެސް ދެންނެވިދާނެއެވެ.
އެއްވެސް ޝައްކެއް ނެތެވެ. މި މައުޟޫޢާމެދު ހޯދައި ބަލައި ދިރާސާކުރުމުގެ ކޮޅުތައް ފެންނާން އެބައޮތެވެ. ދިވެހީންގެ ތެރޭގައި ޢާރިޔަނުންނާއި ޑްރެވީޑިއަނުންނާއި ޢަރަބީންނާއި ޢަޖަމީން (ފާރިސީން) އުޅެފައިވާކަން އެނގެއެވެ. އަދި ދުނިޔޭގެ އެހެން ހުރިހައި ނަސްލުތަކެއްގެ މަސްހުނިވުންވެސް ދިވެހީންގެތެރެއިން އެބަފެނެއެވެ. މި ހުރިހައި ނަސްލުތަކެއް އެކުވެގެން އުފެދިފައިވާ ދިވެހީންނަކީ މިއަދު އެއް ބަހެއްގެ އެއް ދީނެއްގެ އަހުލުވެރިންނެވެ.

ކޮންމެއަކަސް މިއަދު ދިވެހީންނަކީ، އެއްބައެއްވަންތަ، ބަޔެކެވެ. އާދެ! ސައްތައިން ސައްތަ މުސްލިމު ދިވެހީންނެވެ. އެހެންނަމަވެސް އަދި އަދަށް ދާންދެންވެސް ދިވެހީންގެ އަޞްލު (ޔަޤީންކަމާއެކު) ކަނޑައެޅުމަކީ އަދި މާ ފަސޭހަކަމެއް ކަމެއްކަމަކަށް ނުވެއެވެ. އެކަމަކު އެކަން ހޯދައި ބަލައި ދިރާސާކޮށް ދެނެގަތުމަކީ މި ޖީލުގެ ކޮޑުގައި އެޅިފައި އޮތް ވަރަށް ބޮޑު އަމާނާތެކެވެ.
-----------------------
(ނިމުނީ)

ޙަވާލާ:
ނަސީމާ މުޙައްމަދު. (2002). ދިވެހީންގެ އަޞްލު 2. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ނަސީމާ މުޙައްމަދު. (؟). އިހުގެ ވަޒަންވެރީން. ފަތްތޫރަ 2.
އަޙުމަދު ޝަފީޤު، (؟)، ސާސްތުރަ    މާލެ: ؟
މުޙައްމަދު އަމީން. (1978)"ދިވެހި ރާއްޖޭގެ ތަންޤީޙުކުރެވުނު ތާރީޚުގެ ތަންތަންކޮޅު" ، (1978)، ޞ 21 ން 22 އަށް)
http://www.wikipedia.com ނެގީ 16 އޮގަސްޓް 2008 ން.


މި ލިޔުން:
     ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްއަޡިޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ