އަދުގެ ޚާއްސަ

Print

ބަހަވީ ޢިލްމުގައި ގަސްހޫލައިގެ މުހިއްމުކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ސިންޓެކްސްގައި "ގަސްހޫލަ":

"ބަހަކީ އޭގެ ޠަބީޢަތުގައި ވެސް ވަރަށް އޮޅުން ބޮޅުން ބޮޑު އެއްޗެކެވެ. ބަހެއް، އާދެ! ހަމަ އެއްވެސް ބަހެއް، އޮޅުންފިލުވައިދިނުމަކީ ފަސޭހަ، ލުއި މަސައްކަތެއް ނޫނެވެ." {ލިންޑާ ތޯމަސް. (1993)، ބިގިނިން ސިންޓެކްސް، (ޞ.1)}. ބަހެއް ތަޢާރަފުކޮށް އެނަލައިޒްކުރުމަށްޓަކައި ތަފާތު ބައިތަކަކަށް ނުވަތަ ތަފާތު ދާއިރާތަކަކަށް ބަސް ބަހައިލުމަކީ ބޭނުންތެރިކަމެއްކަމުގައި، ލިންޑާ ތޯމަސް(1993) ލަފާދެއްވައިފައިވެއެވެ. މި ދެންނެވި ބައިތަކުގައި ހިމެނެނީ ފޮނޮލޮޖީ އާއި މޯރފޮލޮޖީ އާއި ސިންޓެކްސް އާއި ސެމެންޓިކްސް އާއި ޕްރެގްމެޓިކްސް އެވެ.

ފޮނޮލޮޖީ ގައި ބަލައިލާނީ ބަހެއްގައި އަޑުގެ ނިޒާމު ހަމަޖެހިފައިވާ ގޮތުގެ މައްޗަށެވެ. މޯރފޮލޮޖީ އަކީ ބަހުގެ ލަފުޒުތައް އުފެދޭ ގޮތުގެ މައްޗަށް ބަލައިލާ ދާއިރާއެވެ. ސިންޓެކްސް ގައި ބަލައިލާނީ ޖުމުލައެއް އުފެދުމަށްޓަކައި ލަފުޒު އެކުވެ ހަމަޖެހޭ ގޮތާއި ޖުމުލައިން ދޭހަވާ މާނައިގެ މައްޗަށެވެ. ސެމެންޓިކްސް އާއި ޕްރެގްމެޓިކްސް އަކީ މާނަ ދިރާސާކުރާ ދާއިރާއެވެ.

މި ދެންނެވި ބައިތައް ބައިކޮށް ވަކިވަކި ޢިލްމުތަކެއްގެ ގޮތުގައި ނުވަތަ ވަކިވަކި ދާއިރާތަކެއްގެ ގޮތުގައި ބެލި ކަމުގައި ވިޔަސް މިއިން ކޮންމެ ބަޔަކީވެސް އެއް ބަޔެއް އަނެއް ބަޔަކާ ފުށުއަރައި، ގުޅި، ލާމެހިފައިވާ ބައިތަކެކެވެ.

ކުރިންވެސް ދެންނެވި ފަދައިން ސިންޓެކްސް އަކީ ޖުމުލައެއްގައި ލަފުޒާއި ޖުމުލައިގެ ގިނަބަސް (ފްރޭޒް) އެތުރޭ ހަމައެވެ. ސިންޓެކްސް ((syntax އަކީ ގްރީކް ބަހުގެ ސީން syn (މާނަ: އެކުގައި) އާއި ޓެކްސިސް taxis (މާނަ: ރާވައި ތަރުތީބުކުރުން) މި ދެ ލަފުޒު ގުޅިގެން އުފެދިފައިވާ ލަފުޒެއްކަމަށް www.wikipedia.com ގައި ބަޔާންކޮށްފައިވެއެވެ.(Syntax - Wikipedia, the free encyclopedia.htm). ކޮންސައިޒްޑް އޮކްސްފޯރޑް ޑިކްޝަނަރީ އޮފް ލިންގުއިސްޓިކްސް" (1999) ގައި ބަޔާނކޮށްފައިވާ ގޮތުގައި "ސިންޓެކްސް އަކީ ޖުމުލައެއްގައި ހިމެނޭ ލަފުޒުތަކާއި، އެހެން ބައިތަކާ (ލަފުޒުނޫން ބައިތަކާ) ދެމެދު ގަވާއިދުގެ ގޮތުން ހުންނަ ގުޅުންތަކާ ބެހޭ ހޯދުންތަކެވެ.

ގަސްހޫލައަކީ ކޮބާ؟

ގަސްހޫލައަކީ އެއްޗެއްގެ ތަފްޞީލީ ބައިތައް ބެހިފައިވާ ގޮތް ދައްކައިދޭ ތަފްޞީލީ ކުރެހުމެކެވެ. މިފަދަކުރެހުމެއްގައި މައިގަނޑަކުން ދެކަތްޕަށް ނުވަތަ އެޔަށްވުރެ ގިނަ ކަފިކަތްޕަތް ކަފިވެފައިވާ ތަން ދައްކައިދޭނެއެވެ. މިއިން ކޮންމެ ކަތްޕެއް އިތުރު ދެކަތްޕަށް ނުވަތަ އެޔަށްވުރެ ގިނަ ކަފިކަތްޕަށް ބެހިފައިވާ ތަން ދައްކައިދޭނެއެވެ. މިއީ ބަހަވީ ޢިލްމުގެ އިތުރުން ހިސާބު ޢިލްމާއި އިޖްތިމާޢީ ޢިލްމާއި ކީމިޔާ ޢިލްމާއި ތަފާތު އެތައް މާއްދާއެއްގައި ބޭނުންކުރެވިދާނެ ކުރެހުމެކެވެ. މިސާލަކަށް: ހިސާބު ޢިލްމުޢީލްމުގައި 5x25=125 މި ޢަދަދު "ގަސްހޫލަ"އަކުން އަންނަނިވި ގޮތަށް ދެއްކިދާނެއެވެ.


އެހެންނަމަވެސް މި މަޒުމޫނުގައި އަޅުގަނޑު މިބަލައިލަނީ ހަމައެކަނި ބަހަވީ ޢިލްމުގައި ގަސްހޫލަ އަދާކުރާ ދައުރުގެ މައްޗަށެވެ.

ބަހަވީ ޢިލްމުގައި ގަސްހޫލަ:

ބަހަވީ ޢިލްމުގައި "ގަސްހޫލަ"އަށް، ވަރަށް ގިނަ ނަންނަން ކިޔައެވެ. "ނިޒާމީ ހޫލަ"(ސިސްޓަމެޓިކް ޑައިގްރަމް)، "ޓްރީ އެނޭލިސިސް"، "އެނެލިޓިކަލް ޓްރީ"، "ދަރަޖަ ގަސް"(ހައިރާކީ ޓްރީ) ފަދަ ކިތަންމެ ނަންނަމެއް ކިޔައިފައި ހުރެއެވެ.(Tree Giagram – ASQ.htm) އަދި "ޕާރސް ޓްރީ" ނުވަތަ "ކޮންކްރީޓް ސިންޓެކްސް ޓްރީ" އޭ ވެސް "ގަސްހޫލަ" އަށް ކިޔައިފައި ހުރެއެވެ. (Pasrse tree – Wikipedia, the free encyclopedia.htm)

ކޮންމެއަކަސް "ގަސްހޫލަ" އަކީ ބަހެއްގައި ޖުމުލަ އަދާކޮށްދޭ ދައުރާއި ޖުމުލައިގައި ލަފުޒުތައް އަދާކުރާ ވަޒީފާއާ ބެހޭ ގޮތުން ދިރާސާކޮށް އެނަލައިޒްކުރުމަށްޓަކައި ބޭނުންކުރާ ކުރެހުމެކެވެ. މި ކުރެހުމުން ސިންޓެކްސްގެ (ޖުމުލަ ރޭވިފައިވާ ގަވާއިދުގެ) އެކި ބައިތަކުގެ މަޢުލޫމާތު ހާމަކޮށްދޭނެއެވެ. ޢާއްމު ގޮތެއްގައި "ގަސްހޫލަ"އިން ދައްކައިދޭނީ ގަވާއިދުގެ ތިން ބާވަތެއްގެ މަޢުލޫމާތެވެ.

އެއީ:
(1)    ޖުމުލައިގައި ލަފުޒުތައް އެތުރިފައިވާ ތަރުތީބު
(2)    ޖުމުލައިގައި ގަވާއިދުގެ ބައިތައް ތަރުތީބުވެފައިވާ ގޮތް
(3)    ގަވާއިދުގެ ބައިތަކަށް ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތް.   މި ތިން ބައެވެ.
މި ބައިތައް "ގަސްހޫލަ"އިން (ކުރެހުމުން) ދެއްކުމުގެ ގާބިލުކަން ކޮންމެ ބަހަކަށްވެސް ލިބިގެންވެއެވެ. އެހެނީ ކޮންމެ ބަހެއްގައިވެސް ލަފުޒާއި، ޖުމުލައިގެ ގިނަ ބަހާއި(ފްރޭޒް)، ޖުމުލަވެސް ހުރެއެވެ. އަދި ކޮންމެ ބަހެއްގައިވެސް ގަވާއިދެއްވެއެވެ.

ގަސްހޫލައިން އަންގައިދެނީ ކޮންކަމެއް؟
ގަސްހޫލައިން ފެންނާނީ ޖުމުލައިގައި ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތެވެ. މި ތަރުތީބަށް ބެލުމުން ގަވައިދުގެ ބައިތައް ޖުމުލައިގައި އެތުރިފައިވާ ގޮތް ހާމަވެގެންދާނެއެވެ. ހަމަ މިފަދައިން ޖުމުލައިގެ ލަފުޒުތައް ގަވައިދުގެ ބައިތަކަށް ބަހައިލައި (ގްރޫޕްކުރެވި)ފައި ވާ ގޮތް ވެސް ސާފުކޮށް އެނގޭނެ އެވެ. މިކަންކަން ހޯދުމަށް ޓަކައި، އެ ބަހެއްގެ ހަމަތަކާއި އުޞޫލުތަކަށް ތަބައަވެގެން އަތުރައިލެވިފައިވާ ޖުމުލައެއް އިޚުތިޔާރުކުރުން މުހިއްމެވެ. އެ ޖުމުލައަކުން ހަމައެކަނި މާނައެއް ދޭހަވާ ޖުމުލައެއްގެ މައްޗަށް ގަސްހޫލަ ކުރަހައިގެން ޙަޤީޤީ މަޤްޞަދު ޙާޞިލެއް ނުވާނެއެވެ. އެހެނީ ގަވައިދުގެ ގޮތުން ފުރިހަމަ ޖުމުލައަކުން ނޫނަސް ބައެއް ފަހަރު މާނައެއް ދޭހަވެދާނެއެވެ. މިސާލަކަށް: މުހައްމަދަށް ގޮނޑި ފެނުނީ އެނދުދަށުގައެވެ. އަދި މާނައިގެ ގޮތުން ފުރިހަމަ ނޫނަސް ގަވާއިދުގެ ގޮތުން ފުރިހަމަ ޖުމުލަވެސް ހުރެދާނެއެވެ. (މިސާލަކަށް: ވަޔަކީ އިސްކޮޅުން ކުރު ފަލަ ދޮން ރީތި އަންހެންކުއްޖެކެވެ.) އެހެންވީމާ ތަޙުލީލުކުރުމަށް "ރަނގަޅު" ޖުމުލައެއް ޚިޔާރުކުރުން މުހިއްމެވެ.

ކުރިންވެސް ދެންނެވި ފަދައިން ގަސްހޫލައެއް ކުރަހާއިރު އެންމެ ފުރަތަމަ މައިގަނޑު ދެ ކަތްޕަށް ނުވަތަ އެޔަށްވުރެ ގިނަ ކަތްޕަށް ބައިކޮށްލެވެއެވެ. މިއިން ކޮންމެ ކަތްޕެއްވެސް ދެކަތްޕަށް ނުވަތަ އެޔަށްވުރެ ގިނަ ކަތްޕަށް ބައިކޮށްލެވެއެވެ. މިގޮތަށް ކުރަހަމުން ގެންގޮސް ދެން އިތުރަށް ފެޅުވޭނެ ކަތްޕެއް ނުވަތަ ޖުމުލައިން ބައިކުރެވޭނެ ވަކިބައެއް (ގަވާއިދުގެ ގޮތުން) ނެތި ހުސްވަންދެން ކުރެހުން ކުރިޔަށް ގެންދެވެއެވެ.  ބައެއް މިސާލު ތިރީގައި އެވަނީއެވެ.

އެންމެ ފުރަތަމަ އިނގިރޭސި ޖުމުލައެއްގެ މައްޗަށް ބަލައިލާނަމެވެ. .John hit the ball ވަރަށް ސާދާ ޖުމުލައެކެވެ.


މި ޖުމުލަ ފުރަތަމަ ބައިކޮށްލީ މައިގަނޑު ދެބަޔަކަށެވެ.ޖުމުލައިގެ އިސްބައި John މިއީ ނަމުގެ މައިގަނޑެކެވެ. ޖުމުލައިގެ ޚަބަރު އެއީ ކަމުގެ މައިގަނޑެކެވެ. ކަމުގެ މައިގަނޑު ދެކަފިކޮށްލުމުން އެއް ބަޔަށް ދިޔައީ ހަމަ އެކަނި ކަމެކެވެ. އަނެއް ކަފީގައި އޮތީ ނަމުގެމައިގަނޑެކެވެ. މި ނަމުގެ މައިގަނޑު (ނމ) ގައި ހިމެނެނީ އަކުރަކާއި ނަމެކެވެ.

        ދެން ދިވެހި ބަހުގެ މިސާލެކެވެ. "މިގޭ ހަސީނާއަށް ވަޒީފާއެއް ލިބިއްޖެ އެވެ." މި ޖުމުލަ ގަސްހޫލައަކުން ކުރަހަމާ ހިންގަވާށެވެ.
(ކުރެހުން ނުފެންނަނީ. މާފުކުރައްވާ!)

މިސާލެއްގެ ގޮތުން ގަސް ހޫލައިގައި ޖުމުލައިގެ ބައިތައް ލިޔެ ދެއްކި ނަމަވެސް، ގަސްހޫލައިގައި ލިޔަންޖެހެނީ ޖުމުލައިގެ ޢިބާރާތްތައް ކޮޕީނުކޮށް އެ ޢިބާރާތަށް ނުވަތަ ޖުމުލައިގެ ބައިތަކަށް ކިޔާ ރަމްޒުނަމެވެ. މިސާލަކަށް: "މިގޭ ހަސީނާ އަށް" މިހެން ލިޔުމުގެ ބަދަލުގައި (އެއީ ޖުމުލައިގެ "ނަމުގެ މައިގަނޑު" ކަމަށްވާތީ) ލިޔާނީ "ނމ" މިހެންނެވެ. ކަމުގެ މައިގަނޑަށް "ކމ" މިގެންނެވެ. އަކުރުގެ މައިގަނޑަށް ނަމަ "އމ" މިހެންނެވެ. އަކުރެއް ނަމަ "އ" މިފަދަ ގޮތަކަށެވެ.

ތިރީގައި އެވަނީ މަތީގައި އެވާ "ގަސްހޫލަ" ރަމްޒު އަކުރު ބޭނުންކޮށްގެން ދައްކައިފައެވެ. ހަމަ އެ ޖުމުލައެވެ.
(ކުރެހުން ނުފެންނަނީ. މާފުކުރައްވާ!)
   
މި ގޮތަށް ޖުމުލައެއް ގަސްހޫލައިން ކުރަހައިގެން ދެއްކުމުން ޖުމުލައިގައި ލަފުޒުތައް އެތުރިފައިވާ ތަރުތީބާއި ޖުމުލައިގައި ގަވާއިދުގެ ބައިތައް (grammer) ތަރުތީބުވެފައިވާ ގޮތާއި ލަފުޒުތައް ގަވާއިދުގެ ބައިތަކަށް ގްރޫޕްކުރެވިފައިވާ ގޮތް ވަރަށް ރީތިކޮށް ފެންނާނެއެވެ. އެހެންވީމާ ގަސްހޫލައަކީ ބަހެއް (Language) އެނަލައިޒްކޮށް ދިރާސާ ކުރުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ އެއްޗެކެވެ.

ސިންޓެކްސް ގައި ޖުމުލަތައް ތަޙުލީލުކުރުމަށްޓަކައި ތަފާތު ގޮތްތައް ބޭނުންކުރެވެއެވެ. އޭގެތެރެއިން އެއް ވައްތަރަކީ ބްރެކެޓްކުރުމެވެ. މި ފަދަ ނަމޫނާއެއް މި ތިރީގައި ވާނެއެވެ. އަދި ބަހެއް ދިރާސާކޮށް އެނަލައިސްކުރުމަށްޓަކައި ބޭނުންކުރަނީ ޕާރސިންގ ކަމަށާއި ޓްރީޑައިގްރަމް އަކީ ޕާރސިންގ ގެ ވައްތަރެއްކަމަށް އާމިނަތު ޢަލީ (2007) ވިދާޅުވެފައިވެއެވެ. ނަމަވެސް އަޅުގަނޑުގެ މިއަދުގެ މައުޟޫޢަކީ ހަމައެކަނި "ގަސްހޫލަ" ކަމަށްވާތީ މިދެންނެވި އިތުރުބައިތަކުގެ ތަފްޞީލަށް ދިޔުމުގެ ފުރުޞަތެއް ނެތެވެ.

މި ލިޔުން މި ނިންމާލަނީ "ގަސްހޫލަ"އިގެ ތަފާތު ވައްތަރުތައް ދަންނަވައިލުމަށްފަހުގައެވެ.
1-    ޢާއިލީ ގަސްހޫލަ،   2-ގަސްބޮނޑި ގަސްހޫލަ،  3-ގަސް ގަސްހޫލަ      4- މޫސުން ގަސްހޫލަ    5-  ހިސާބު ގަސްހޫލަ،   6- ތަފާތު އެކި ގަސްހޫލައިގެ ވައްތަރުތައް

ބުރެކެޓް ބޭނުންކޮށްގެން ޖުމުލައެއް، ކޮންސްޓިޓުއަންޓްތަކަށް ބަހައިލައިފައިވާ ގޮތާއި އެ  ޖުމުލަ ތިރިން މައްޗަށް ގަސްހޫލައަކުން ކުރަހައިފައިވާ ގޮތް ބައްލަވާށެވެ!
 "ޙައްވައާއި ޢަލީ މިއަދު އޮފީހަށް ދިޔައީ ވަރަށް ބާރަށް ހިނގައިފައެވެ."
(މަތީގައިވާ ޖުމުލައާއި އިތުރު މިސާލުތަކުގެ ކުރެހުންތައް ޓެކްނިކަލް ސަބަބަކާ ހުރެ ޝާއިޢުނުކުރެވެއެވެ. ނަމަވެސް އެ ކުރެހުންތައް ލެވޭތޯ އެބަ މަސައްކަތްކުރަމެވެ.)
----------------------
(ނިމުނީ)

ރުޖޫޢަވި ވަސީލަތްތައް                   

ލިންޑާ ތޯމަސް. (1993). ބިގިނިންގ ސިންޓެކްސް. ލަންޑަން: ބްލެކްވެލް ޕަބްލިޝިންގ.
ކޮންސައިޒްޑް އޮކްސްފޯރޑް ޑިކްޝަނަރީ. (1999). ލާހޯރ: އޮކްސްފޯރޑް ޔުނިވަރސިޓީ ޕްރެސް
www.Wikipedia.com(17 އޮކްޓޯބަރު 2007 ން ނަގާފައި)
ޕައުލް އާރ.ރޮޖަރ. (2004) އެނަލައިޒިންގ ސިންޓެކްސް: އަ ލެކްސިކަލް-ފަންކްޝަނަލް އެޕްރޯޗް. ލަންޑަން: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

ކެރިތު ބްރައުން އަދި ޖިމް މިލާރ. (1996). ސިންޓެކްސް: އަ ލިނގުއިސްޓިކް އިންޓްރޮޑަކްޝަން ޓު ސެންޓެންސް ސްޓްރަކްޗަރ (ދެވަނަ އެޑިޝަން). ލަންޑަން: ރޫޓްލެޖް
Tree Diagram – ASQ.htm  (16 އޮކްޓޯބަރ 2007 ން ނަގާފައި
Pasrse tree–Wikipedia, the free encyclopedia.htm (16 އޮކްޓޯބަރ 2007 ން ނަގާފައި)

މި ލިޔުން:
     ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ