އަދުގެ ޚާއްސަ

Print

ސިކުނޑީގެ "އެންޓިވައިރަސް"

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އަޅުގަނޑުމެންގެ ސިކުނޑިއަކީ ކޮންޕިޔުޓަރުގެ ހާޑްޑިސްކިޓް ފަދަ އެއްޗެކެވެ. ހުސްކޮށް އޮންނަ އެތައް ބިލިޔަން ނުވަތަ ޓްރިލިޔަން ގިގަބައިޓެއްގެ ހާޑެކެވެ. (ޙަޤީޤަތުގައި ކޮމްޕިޔުޓަރ ހާޑް އުފައްދައިފައިވަނީ ސިކުނޑީގެ މިސާލުން ޚިޔާލު ލިބިގެންނެވެ.) ކޮންމެއަކަސް ކަޮންޕިޔުޓަރަށް "މަޢުލޫމާތު އަޅާ" ފަދައިން އިންސާނާގެ ސިކުނޑިއަށް މަޢުލޫމާތު "އަޅަނީ" އެވެ. އޭނާގެ މާޙައުލުން ލިބޭ މަޢުލޫމާތެވެ. އިވޭ އަޑުތަކުންނެވެ. ފެންނަ ފެނުންތަކުންނެވެ. ކުރެވޭ ތަޖުރިބާތަކުންނެވެ.

ކޮންޕިޔުޓަރަށް މަޢުލޫމާތު އަޅަނީވެސް ކޮންމެވެސް "ޕްރޮގްރާމެއްް"ގެ އެހީގައެވެ. ހަމަ އެފަދައިން އިންސާނާގެ ސިކުނޑިއަށް ވެސް މަޢުލޫމާތު ވެއްދުމަށް (ނުވަތަ އިންސްޓޯލްކުރުމަށް) ޕްރޮގްރާމެއް ބޭނުންވެ އެވެ. އެއީ ބަހެވެ. ޚާއްޞަކޮށް މާދަރީބަހެވެ. އިންޑިޔާގެ މުޤައްރަރާ ބެހޭ ފޮތަކާ ޙާވާލާދެއްވައި ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވެ އެވެ. "ކުޑަކެއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުގަދަކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީ ބަސް މާދަރީ ބަހަކަށް ވަނީ މަންމަގެ ބަހަށް ވާތީކީއެއް ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރަތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެ (ބަސް) ވާތީއެވެ. އެ ކުދީންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އިޖާދީ ޙަރަކާތްތަކާއި ވިސްނުމާއި ކަންކަން ތަޙުލީލުކުރުން އެންމެ މަތީ ފެންވަރަކަށް ތަރައްޤީކުރެވެނީ މާދަރީ ބަހުންނެވެ."

އެހެންވީމާ ސިކުނޑިއަށް މަޢުލޫމާތު ޖަމާކުރުމަށް ބަސް، ޚާއްޞަކޮށް މާދަރީ ބަސް އެބަ ބޭނުންވެ އެވެ. މި ބަސް ބޭނުންކޮށްގެން ސިކުނޑިއަށް މަޢުލޫމާތު ފޯރުކޮށްދެވެނީ އަޑުއަހައިގެން ބަލައިގެން ކަންކަން ތަޖުރިބާ ކޮށްގެންނެވެ. ތިމާގެ މާޙައުލުންނެވެ. މިޔަށްވުރެ އިތުރަށް މަޢުލޫމާތު ލިބިގަނެ ސިކުނޑި މުއްސަނދިކުރެވޭނެ ވަސީލަތަކީ ފޮތްތެރިކަމެވެ. އެކި ދާއިރާތަކުން މަޢުލޫމާތު އެއްކުރައްވައި އެކި ޢިލްމުވެރިން ނުވަތަ ތަޖުރިބާކާރުން ތަޞްނީފު ކުރައްވައިފައިވާ ފޮތްތަކުންނެވެ. ޢިލްމީ ޚަޒާނާގެ ބޮޑުބައެއް ފޮތްތަކުގައި ރައްކާކުރެވިފައި ހުރެއެވެ. ފޮތެއްހުޅުވައިލުމާއެކު އެހުޅުވައިލެވެނީ، ޢިލްމީ ޚަޒާނާއެއްގެ ތަނަވަސް ދޮރެކެވެ. އެއިން އެތައް ކަމެއް ހާމަވެގެންދާނެއެވެ. ނުދަންނަ އެތައްް ކަމެއް އެއްފަހަރާ ދަސްވަމުންއަންނާނެއެވެ. ޝައްކެއް ނެތް ގޮތުގައި ފޮތްތަކުގައި ލިޔެފައި އެ ހުންނަނީ ކޮންމެވެސް ބަޔަކު އެތައް ޒަމާނެއް ވަންދެން ކޮށްފައިހުރި ތަޖުރިބާތަކަކުން އެއްކޮށްފައި ހުންނަ މަޢުލޫމާތެވެ. އެފަދަ މަސައްކަތްތަކުގެ ނަތީޖާ އެވެ. ނުވަތަ އެފަދަ މަޢުލޫމާތުގެ ނަކަލެކެވެ.

އެހެންވީމާ، ސިކުނޑީގައި ހުންނަ މަޢުލޫމާތު ތާޒާކުރެވޭނީ ތަފާތު ބާވަތްބާވަތުގެ ތަފާތު ފޮތްތައް ކިޔައިގެންނެވެ. ފޮތާ ރައްޓެހިވުމުގެ ސަބަބުން ނުވަތަ ފޮތްކިޔުމުގެ ސަބަބުން ތިމާގެ މަޢުލޫމާތު އަންނާނީ އެއްދުވަހުން އަނެއްދުވަހަށް މުއްސަނދިވަމުންނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޢިލްމާއި މަޢުލޫމާތުގެ ގޮތުން މުއްސަނދިކަން ހޯދަން އެދޭ ކޮންމެ މީހަކީ ފޮތްތެރިައަކަށް ވުން ލާޒިމެވެ. އަދި ތަފާތު ވަސީލަތްތަކުން ތަޢުލީމު ހޯދައިފައިވާ ކޮންމެ މީހަކުވެސް، ޢިލްމާއި މަޢުލޫމާތާ ބީރައްޓެހި ނުވެ ދެމިހުރުމަށްޓަކައި ފޮތާ ރައްޓެހިވާންޖެހެ އެވެ. އެންމެ ގާތް އެކުވެރިޔަކީ ފޮތްކަމުގައި ދެކެން އެބަ ޖެހެއެވެ. ކިތަންމެ މޮޅަށް ތަޢުލީމު ޙާޞިލުކޮށްފައި ހުއްޓަސް ފޮތްބަލައި ފޮތްކިޔައި ހަދަންޖެހެ އެވެ. އެއީ ކޮންޕިޔުޓަރު "ރިފްރެޝް" ކުރާ ފަދައިން ސިކުނޑި ވެސް އަލުން ތާޒާކޮށްލުމަށްޓަކައެވެ. ސިކުނޑިއަށް ޙަމަލާދޭ "ވައިރަސް"ތަކުން ސަލާމަތްވެވޭނެ "އެންޓިވައިރަސް" އަކީ ވެސް ހަމަ ފޮތެވެ.

ކަން މިހެން ހުރުމާއެކު ދެ ދުނިޔޭގެ  ބާއްޖަވެރިކަން ހޯދަން އެދޭ، އަދި ދިރިއުޅުން އަރުތަވެރިިކުރަން އެދޭ، ކޮންމެ މީހެއްގެ މައްޗަށް ލާޒިމުވެގެންވަނީ ފޮތާ ރައްޓެހިވުމަށެވެ. ފޮތްތެރިއަކަށް ވުމަށެވެ. އެހެނީ ފޮތާ ބީރައްޓެހި ވެއްޖެ ކޮންމެ މީހަކީ މަޢުލޫމާތުގެ ގޮތުން ފަޤީރު މީހަކަށް ވާނެއެވެ. ކުރިން ޙާޞިލުކޮށްފައި ހުރި ޢިލްމެއްވެސް "ވައިރަސް" ގެ ސަބަބުން "ކޮރަޕްޓް"ވެދާނެ އެވެ. ހަނދާންނެތިދާނެ އެވެ. ފޮތަށް އަހުލުވެރި ނުވާމީހަކު ނަމަ އޭނާ އެއްދުވަހުން އަނެއްދުވަހަށް ދާނީ ދުނިޔެއާ ބީރައްޓެހިވަމުންނެވެ. ތަންދޮރު ނޭނގުމުގެ ސަބަބުން ވާނުވާ އޮޅުން ނުފިލުމުގެ ސަބަބުން ވާވަންނަމުން މަގުއޮޅެމުންނެވެ.

ސްކޫލުގެދަރިވަރުންނަކީ އެކިއެކި ލިޔުންތައް ކިޔަން މަޖުބޫރުވެފައިވާ ބައެކެވެ. ނަމަވެސް ގިނަކުދީން މި ކަމަށް ސަމާލުކަމެއް ނުދެއެވެ. އަމިއްލައަށް ކިޔައިލުމަށްވުރެ ތާނަފަރިތަ ކޮންމެވެސް އެހެން މީހަކު ލައްވައި ކިޔުއްވައިލުން ވެސް ގިނަ ކުދިންގެ ހިތަށް މާފަސޭހަ ކަހަލައެވެ. އެކަމަކު އިމްތިޙާނެއްގައި ދޭހައިގެ ބަޔާން ކިޔައިލާންވީމާ އެކަން ކޮށްދޭނޭ ދެވަނަ މީހަކު ނުހުންނާނެކަން ކުރިޔަކުން ހަނދާނެއް ނުހުރެ އެވެ.

މި ކަމަކީ މިއަދު އަޅުގަނޑުމެން ސަމާލުކަން އިތުރުކުރަންވެއްޖެ މައްސަލައެކެވެ. ދަރިވަރުން ތާނައަށް ކޮށިވަނީ ކީއްވެގެންތޯ އެވެ؟ ފޮތާ ބީރައްޓެހި ވަނީ ކޮން ސަބަބަކާ ހުރެތޯ އެވެ؟

ދަރިވަރުން ކިޔާ ހިތްވާކަހަލަ ފޮތް ނުހުންނަ ކަމުގެ ޝަކުވާ ވަރަށް ގިނައިން ކުރެ އެވެ. ނަމަވެސް ޙަޤީޤަތަކީ އެޔެއް ނޫނެވެ. ފޮތްތައް ބައިވަރެވެ. ހުންނަކަން ނޭނގެނީ އެވެ. ބަލަން ބޭނުންވެސް ނުވަނީ އެވެ. މާދަރީ ބަހަކީ ސަމާލުކަމެއް ނުދިނަސް އެނގޭނެ އެއްޗެއް ކަމަށް ދެކެނީ އެވެ. މި ނުރަނގަޅު ހީކުރުމުގެ ނޭދެވޭ ނަތީޖާ ފެންނަނީ ސާނަވީ އިމްތިޙާނުގައި ދިވެއްސާއި އިސްލާމް ސުވާލުކަރުދާސް އަތަށް އެރީމައެވެ. ޞަފުޙާއެއް ދެ ޞަފުޙާއެއްގެ ދޭހައިގެ ބަޔާން ކުޑަ ހިންދުކޮޅަކުން ކިޔައިލުމުގެ ބަދަލުގައި ދޭހަވާ ގޮތަށް ކިޔައިވެސް ނުލެވެނީ އެވެ. އެތައް ވަގުތެއް އެ ކަމަށް ހޭދަކުރެވެނީ އެވެ. އެހެނިހެން ސުވާލުތައް ވެސް ކިޔައިގެން ސުވާލުގެ މާނަވެސް ނޭނގެނީ އެވެ. ނަތީޖާ އަކަށްވަނީ އެނގޭ މަޢުލޫމާތަކުން ވެސް ޖަވާބުދޭން ނޭނގުމެވެ. ހިތާމަހުއްޓެވެ. ނަމަވެސް ނަތީޖާ ލިބުމުން ބަދުނާމުވަނީ މުދައްރިސުންނެވެ. މުމްތަޙިނުންނެވެ. ނުވަތަ މުޞައްނިފުންނެވެ. ނުވަތަ މުޤައްރަރު ފަރުމާކުރާ މާހިރުންނެވެ.

ތަންކޮޅެއް ކުރީ ޒަމާނުގައި ކިޔުމުގެ ޚާއްޞަ ކްލާސްތައްވެސް ބާއްވާކަމަށްވެ އެވެ. "ތާނަފަރިތަކަން" ދެއްކުމުގެ މުބާރާތްތައް ވެސް ބޭއްވެ އެވެ. އޭރު "ކުދީން" ފެންފޮދެއްހާ ފަސޭހަކޮށް ކިޔައިލައެވެ. ނަމަވެސް ....... މިއަދު . . . . . .

ކިޔުންތެރިކަން ދެކެ ފޫހިވުމުގެ ނުވަތަ ފޮތްކިޔާ ހިތް ނުވުމުގެ އެންމެ ބޮޑު އެއް ސަބަބެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެނީ ކިޔުމަށް ކޮށިވުމެވެ. ޅަފަތުއްސުރެ ކިޔުމަށް ފަރިތަކުރުވިއްޖެ ނަމަ ކިޔުން ދެކެ ފޫއްސެއް ނުވާނެ އެވެ. މާދަރީބަހުން ފަރިތަކޮށް ކިޔައިލުމުގެ ހުނަރު ދަސްވެސްޖެ ނަމަ އެ ހުނަރު ބޭނުން ކޮށްގެން އެ މީހަކަށް އެނގޭ އެހެން ބަސްބަހުން ލިޔެފައި ހުންނަ ފޮތް ވެސް ފަރިތަކަމާއެކު ކިޔައިލެވޭނެ ކަމަށް ބަސްވާރުން ވިދާޅުވެއެވެ. އެހެނީ ކޮންމެ ބަހެއްގައިވެސް ކިޔުމުގައި ބޭނުންކުރަނީ އެއް ހުނަރެކެވެ. މިކަމާބެހޭ ގޮތުން ކުރީގެ މަޒުމޫނެއްގައި އަޅުގަނޑު ލިޔެފައި ވާނެ އެވެ.

ކޮންމެއަކަސް ފޮތްތެރިކަމަކީ ނުވަތަ ކިޔުންތެރިކަމަކީ މި ހުރިހާ ކަމެއްގެ އެނެމެ އެދެވޭ ޙައްލެވެ. ޅަފަތުއްސުރެ ކިޔުންތެރިިކަމުގެ އާދަ އަށަގަންނުވައި ފޮތާ ރައްޓެހިކުރުމަށް ބެލެނިވެރީން ސަމާލުކަންދޭންވީ އެވެ. ސްކޫލްތަކުންވެސް މިފަދަކަންކަމުގެ ތަފާތު ޙަރަކާތްތައް އިތުރުކުރަންވީ އެވެ. ފަރިތަކޮށް ކިޔުމުގެ މުބާރާތްތައް ވެސް ބާއްވަންވީ އެވެ. ފޮތްތެރިކަމުގެ އާޖީލެއް އުފެއްދުމަށްޓަކައި އެންމެން މަސައްކަތްކުރަންވީ އެވެ.

އެއްވެސް ޝައްކެއް ނެތެވެ.  ފޮތަކީ މައުލޫމާތުގެ ޚަޒާނާއެކެވެ. ދުވަހަކު ދެގޮތެއްނުވާ އެކުވެރިއެއްވެސްމެއެވެ. ސިކުނޑީގައި ހުންނަ މަޢުލޫމަށް "ހިރަފުސް އެރުމުން" އަލުން ތާޒާކޮށްލާ "އެންޓިވައިރަސް" އެވެ. ވީމާ ތަޢުލީމީ އާ ޖީލެއް ބިނާކުރުމަށްޓަކައި ފޮތާ ރައްޓެހިވަމާތޯއެވެ؟ ފޮތް ކިޔުމުން ހިތްހަމަޖެހުން ހޯދަމާތޯ އެވެ؟
---------------------
(ނިމުނީ)

މި ލިޔުން:
     ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     


ހަމަމިގަލަމުން

އިދާރާ

ވާހަކަ