އަދުގެ ޚާއްސަ

Print

ކަރުނައޭ މުޅި ޢުމުރު، އަޅުގެ ބައިވެރިޔަކީ...

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ

 
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ
ރާގު: ކަރުޗަލޭ ހަމްފިދާ


ކަރުނައޭ މުޅި ޢުމުރު އަޅުގެ ބައިވެރިޔަކީ،
            މަރުގެ ވޭނޭ މެޔާ ހިތުގެ އެކުވެރިޔަކީ،
                    ފަރުދުނޭ ބޭވަފާ ޢިޝްޤު ދިން ބަދަލަކީ،
                         އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،

ލޯބި ހީލަތުގެ ބާޒާރު ނޭނގޭކަމުން،
    ލޯބި ޢިއްފަތުގެ އިންފާރު މުގުރާކަމުން،
         ނޭނގިހުރެ ހިތުގެ އިޤްރާރު ކުރެވުނުކަމުން،
                   އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،

 އިއްޒަތާ އަބުރުވެރިކަމުގެ މޫރިތި ޙިޖާބު
       އިސްވެ ހުރެ ޝަރުޠު ކުރުމުން ދިނީ ދޮގުޖަވާބު،
              އިސްޖެހޭ މި އަދު ލަދުވެތިކަމުގެ ލިބި ޢަޒާބު،
                 އަރުތެރޭ އޭގެ  އަސަރޭ   ހިނގާ ޒަހަރަކީ،

ހޫނު ނަރަކައިގެ ގިނި ހޫނުކަން  ހަމަބޮޑޭ
       މޫނު އެނބުރޭ ލަދުގެ އަސަރުތައް މާބޮޑޭ
            ތޫނު ފިކުރެއްގެ މިބުނުމުގެ ޙިކްމަތް ބޮޑޭ  
                 އަރުތެރޭ     އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

 އުޑުދަށުން ނިކުމެގެން ގޮސް ފިލަންބޭނުމީ،
       ފުނޑުވެ ގޮސް ބިމުގެ ވެއްޔަށް ވެލަން ބޭނުމީ،
           ކަނޑުވެ ގޮތް ހުސްވުމުން ވާނެ ގޮތްނޫންހެމީ؟                                      
                  އަރުތެރޭ އޭގެ  އަސަރޭ ހިނގާ ޒަހަރަކީ،
   
ހާދަ އުންމީދެކޭ މި އަދު އަޅިޔަށްމިވީ
      ހާދަ ޖަޒުބާތެކޭ  ހޫނު އަނގުރަށްމިވީ
          އާދެ! މުޅި ދިރިއުޅުން ގެއްލި ފުނޑުފުނޑުމިވީ
                   އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،
  
ކީއްވެގެންހޭ މިހާ އަޅެ ރަޙުމްކުޑަވަނީ؟
     ކީއްވެގެންހޭ މި ކަރުނައިން އަސަރު ނުކުރަނީ؟
           ބީވެގޮސް  ޢިއްޒަތުންނަފުސު ނެތި ގެއްލުނީ،
                     އަރުތެރޭ އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

ހެޔޮ ނުވާނޭ މި ފަދަ ވޭން ހިތަށް ދޭކަށެއް،
     ހެޔޮ ނުވާނޭ މި އަނިޔާ މިހެން ދޭކަށެއް،
           ހެޔޮ ނުވާނޭ މި ފަދަ މަކަރުވެރިވާކަށެއް.
                    އަރުތެރޭ އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

ދެން މަޤާމެއް ކޮބާތޯއެ ހިނިތުންވެލަން،
     ދެން އަރާމެއް ކޮބައިތޯއެ  އިޙްސާސްވެލަން،
          ކޮށްލި ބަދުނާމުގައި ހަމަ  އޮތީ ހުސް ގިލަން،
                   އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،

ކިހިނަކުން ޙައްޤުވާނީ، ނުބައި ހީކުރުން،
     މި ހިތުގައިވާ ރިހުންތައް މި ކުށްވެރިކުރުން،
            މިހިރިމިހިރީ، ޙަޤީޤަތް ނުއެނގިހުރި ދުރުން،
                    އަރުތެރޭ އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

ވައިނުސާފުވެ ދިޔަސް އޭގެ ސަބަބެއް އޮވޭ،
        އޮއިބަދަލުވާ، ބަދަލުވުމުގެ ސިއްރެއް އޮވޭ،
            ގާތްވެފައި، ދުރުވި މިގުޅުމުގެ އަސްލެއް އޮވޭ،
                    އަރުތެރޭ އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

ރަނގަޅު އިންސާނުނަށް ދުނިޔެ އަނިޔާދެޔޭ
        ''ރަނގަޅު'' ޝައިޠާނުނަށް ބޮޑެތި ހަދިޔާދެޔޭ،
            ރަނގަޅު އަޚުލާޤު، ނީލަންކިޔަސް ނުވިކެޔޭ،
                    އަރުތެރޭ އޭގެ އަސަރޭ ހިނގާ ޒަހަރަކީ،

މުޅި ޢުމުރު ގެއްލުނީ، މުޅި ޙަޔާތްގެއްލުނީ،
        މުނިއުފާވެރިކަމުގެ ހިޔަނިވެސް ގެއްލުނީ،
            މުޅި ހިތާ ސިކުނޑިޔާ ނަފުސު ގިސްލެވިރޮނީ،
                   އަރުތެރޭ އޭގެ އަސަރޭ  ހިނގާ ޒަހަރަކީ،
------------------
18 މާރިޗު 2006

މި ލިޔުން:

    ލިޔުން:      އާދަމް ނަޞީރު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:   އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން:  އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ