އަދުގެ ޚާއްސަ

Print

ބަހަވީ ޢިލްމުގެ ތެރެއިން...: ސެމެންޓިކްސްއަކީ ކޮބާ؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


1- ފެށުން

ބަހަވީ ޢިލްމުގައި ހިމެނޭ "ބަހާއި މުވާޞަލާތު" ގެ ތެރޭައި ސެމެންޓިކްސް އަކީ ވަރަށް މުހިއްމު މާއްދާއެކެވެ. އެހެންކަމުން މި މަޒުމޫނުގައި ބަލައިލެވިފައިވާނީ ބަހަވީ ޢިލްމު (ލިންގުވިސްޓިކްސް) ގެ ތަފާތު ދާއިރާތަކުގެ ތެރެއިން ސެމެންޓިކްސްގެ މައްޗަށެވެ. މި ގޮތުގެ މަތިން ސެމެންޓިކްސްއަކީ ކޮބައިކަމާއި ޖުމުލައިގައި ހިމެނޭ ސިފަ ބަޔާންކޮށްދޭ މާނައާއި އިޖްތިމާޢީ މާނައާއި ޖަޒުބާތީ މާނަ، ތަފާތު މިސާލު ދައްކައިގެން އޮޅުންފިލުވައިދެވިފައިވާނެއެވެ. އަދި މާނައިގެ ގުޅުމުގެ ތެރޭގައި ހިމެނޭ ހައިޕޮނީމީ އާއި އެންޓޮނީމީ އާއި ސިނަނީމީ އާއި ޕާޓްހޯލް(މުޅިއެތީގެ ބައެއް) ގެ ބައިތައް ވެސް

މިސާލުދައްކައިދީގެން ރަނގަޅަށް އޮޅުން ފިލުވައިދެވޭތޯ މަސައްކަތްކޮށްފައިވާނެ އެވެ.

2-    ސެމެންޓިކްސް އަކީ ކޮބާ؟

އިންސާނާ އޭނާގެ މަޢީޝަތު ކުރިއަރުވައި ތަރައްޤީކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރަނީ މުވާޞަލާތުކުރުންކަމީ އެންމެން ދަންނަ ޙަޤީޤަތެކެވެ. މި މުވާޞަލާތުކުރުން ބިނާވެފައި އޮންނަނީ އޭނާގެ އަޑުގެ ނިޒާމުން އުފައްދާ އަޑުތަކުން އުފެއްދޭ ލަފުޒުތައް ބޭނުންކޮށްގެން އުފައްދާ ޖުމުލަތަކުން ދޭހަވާ މާނައިގެ މައްޗަށެވެ. މިދެންނެވި މާނަ ދިރާސާކުރަނީ "ސެމެންޓިކްސް"ގެ އެހީގައެވެ. އެހެންކަމުން އެލަން (1991) ހާމަކުރައްވާ ގޮތުގައި "ސެމެންޓިކްސް" އަކީ އިންސާނުން ވާހަކަދައްކައި އުޅޭ ބަސްބަހުގައި (Languages) ހިމެނޭ ލަފުޒުތަކާއި ޖުމުލައިގެ ގިނަބަސް (phrase) ތަކާއި ޖުމުލަތަކުގެ މާނަ ދިރާސާކުރާ ޢިލްމެވެ. މި ޢިލްމުގައި ބަލާނީ ބަހެއްގެ ލަފުޒުތަކާއި ޖުމުލަތައް މާނަކުރާނޭ ގޮތުގެ މައްޗަށްކަމަށް އެޑްވަރޑް ފެނެގަން (1999) ބަޔާންކުރައްވައިފައިވެއެވެ. އެންމެ ސާދާ ޖުމުލައަކުން ސެމެންޓިކް ތަޢާރަފްކުރާނަމަ ދެންނެވޭނީ ސެމެންޓިކްސްއަކީ ބަހަވީ ޢިލްމު ބެހިގެންވާ މައިގަނޑު ބައިތަކުގެތެރެއިން މާނަ ދިރާސާކުރުމުގެ އެއް ދާއިރާ ކަމުގައެވެ. މާނަ ދިރާސާކުރުމާބެހޭ ޢިލްމު ކަމުގައެވެ. (ލިންޑާ ތޯމަސް. (1993). ބިގިނިންގ ސިންޓެކްސް. ލަންޑަން: ބްލެކްވެލް ޕަބްލިޝިންގ.)

3-    ލަފުޒުގެ ބާވަތްތަކާއި މާނަ:

އިންސާނުން ވާހަކަދައްކަން ބޭނުންކުރާ ކޮންމެ ބަހެއްގެ ޖުމުލަތަކުގައިވެސް ހިމެނެނީ މައިގަނޑު ދެވައްތަރެއްގެ ލަފުޒެވެ. އެއީ މަޢުލޫމާތުގެ ނުވަތަ އޮއްޓަރުގެ (content) ލަފުޒާއި އެހީތެރިވެދޭ ނުވަތަ މަސައްކަތުގެ((functional ލަފުޒެވެ.

އޮއްޓަރުގެ ލަފުޒުގެ ތެރޭގައި ހިމެނެނީ ނަމާއި ކަމާއި ނަންއިތުރާއި މަސްދަރާއި ނަންއިތުރުގެނަމާއި މިފަދަ (އެ ލަފުޒެއްގައި އޮއްޓަރެއް ނުވަތަ މާނައެއް ހިމެނޭ ) ލަފުޒުތަކެވެ. މިސާލަކަށް: ރިހާކުރު، ކައްކަނީ، ލިޔުން، ރަތް، ދުނިޔެ މިނިވަންކަން، ހަރުވާޅު ފަދަ ލަފުޒުތަކެވެ. މި މިސާލުގައި ބަޔާންކުރި ކޮންމެ ލަފުޒަކުންވެސް އެ ލަފުޒެއް ހަމަ އަޑުއިވޭއިރަށް އެ ލަފުޒުގެ މާނަ ހިތަށް ސިފަވެގެން އަންނާނެއެވެ. މިސާލަކަށް "ރިހާކުރު"ގެ އަޑު އިވޭއިރަށް އެއީ ގަރުދިޔަ ކައްކައި އޮލަކޮށްގެން ހަދާ އެއްޗެއްކަމާއި ހުންނާނީ ކަޅުރަތްކުލައިގައިކަމާއި އެޔާބެހޭ ހުރިހާ ސިފަތަކެއް ހިތްމައްޗަށް ސިފަވެގެން އާދެއެވެ. އަދި އެ ލަފުޒެއްގެ ބޭރުފުށުން ފެންނަ މާނައިގެ އިތުރުން އިޖްތިމާޢި މާނައާއި ޖަޒްބާތީ މާނަވެސް ދޭހަވާނެއެވެ. މިޔާ ޚިލާފަށް މަސައްކަތު ލަފުޒަކީ އެލަފުޒެއް އެކަނި އޮންނައިރު ވަކި މާނައެއް ދޭހަވާ ލަފުޒުތަކެއް ނޫނެވެ. މި ފަދަ ލަފުޒުތަކުން މާނައެއް ދޭހަވާނީ އޮއްޓަރުގެ ލަފުޒަކާގުޅިގެން އަތުވެއްޖެނަމަ އެވެ. މި ފަދަ ލަފުޒުތަކަކީ ދިވެހި ބަހުގައި ޢާއްމުގޮތެއްގައި އަކުރުގެ މާނަ ދީފައިވާ ލަފުޒުތަކެވެ. މިސާލަކަށް: އާއި، އެއް، ތައް، މެން، ފަހަރު، ދެން، އަކީ، ނަމަ، ވެސް، ގައި  މިފަދަ ހުރިހާ ލަފުޒުތަކެވެ. މިއިން ކޮންމެ ލަފުޒަކީވެސް އެހެންލަފުޒަކާ ގުޅިގެން ޖުމުލައެއްގައި އަތުވެއްޖެނަމަ ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. އަދި މަސައްކަތުގެ ލަފުޒުތަކަކީ އެކަހެރިކޮށް އޮންނައިރު ފުރިހަމަ މާނައެް ދޭހަ ނުވިޔަސް، ފުރިހަމަ ޖުމުލަތައް އެކުލަވައިލުމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާއެއްޗެއްވެސް މެއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ މަސައްކަތުގެ ލަފުޒަކީ ވަކިން އޮންނަ އިރު އެ ލަފުޒުން މުސްތަޤިއްލު ވަކި މާނައެއް ދޭހަނުވާ ލަފުޒުތަކެވެ.

ސެމެންޓިކްސް ކޮށްދޭކަމަކީ މި ފަދަ މާނަތަކާ ބެހޭ ހޯދުންތައް ހޯދުމެވެ. ސެމެންޓިކްސްގެ މައިގަނޑު އެއް މަޤްޞަދަކީވެސް ބަހަކުން ދޭހަވާ މާނަ ތަފާތުކޮށް ދެނެގަންނަން އެނގުން ކަމަށް އާމިނަތު ޢަލީ (2001) ހާމަކުރައްވައެވެ.

4-    ލަފުޒާއި ޖުމުލައިގެ މާނަ:

ލަފުޒުތަކާއި ޖުމުލަތަކަކީ ގުޅިލާމެހިފައިވާ އެއްޗެކެވެ. އެހެނީ ކޮންމެ ޖުމުލައަކީ ލަފުޒު ސެޓެކެވެ. އެކަމަކު ކޮންމެ ލަފުޒު ސެޓަކީ ޖުމުލައެއް ނޫނެވެ. ޖުމުލައަކަށްވަނީ މި ދެންނެވި ލަފުތައް ފުރިހަމަ މާނައެއް ދޭހަވަ ގޮތަސް އަތުރައި ތަރތީބުކޮށްލެވުނިއްޔާއެވެ. އެހެންކަމުން ޖުމުލައިގައި ހިމެނޭ މި ދެންނެވި ލަފުޒުތަކުން ދޭހަވާ މާނައާއި ޖުމުލައިން ދޭހަވާ މާނައާ ވަރަށް ބޮޑު ގުޅުމެއްވެއެވެ. އެކަމަކު ކޮންމެ ޖުމުލައަކުން ވެސް ދޭހަވާ މާނަ ތަފާތު ތިން ބަޔަކަށް ބަހައިލެވިދާނެ އެވެ. މިދެންނެވީ ސެމެންޓިކް ނަޒަރަކުން ވިސްނާއިރު ކޮންމެ ޖުމުލައެއްގައިވެސް ތަފާތު ތިންވައްތަރެއްގެ މާނަ އެކުލެވޭ ވާހަކައެވެ. އެއީ ބޭރުފުށުން ފެންނަ ނުވަތަ ޙަވާލާދޭ ނުވަތަ ސިފަބަޔާންކުރާ މާނަ (referencial meaning) އާއި އިޖްތިމާޢީ މާނަ (social meaning) އާއި ޖަޒުބާތީ މާނަ (affective meaning) އެވެ.

4.1- ސިފަ ބަޔާންކުރާ މާނަ(Referencial Meaning):
ސިފަކުރާ މާނައަކީ ޖުމުލައާއި ޖުމުލައިގައި ހިމެނޭ ލަފުޒުތަކުގައި އެކުލެވޭ މަސައްކަތުގެތެރެއިން ނެގޭ މާނައެވެ. މިއީ ބޭރުފުށުން ފެންނަން އޮންނަ މާނައެވެ. އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވާގޮތުގައި އޮއްޓަރުގެ ކޮންމެ ލަފުޒެއްގައިވެސް އެ ލަފުޒެއްގެ ބޭރުފުށުން ފެންނަން އޮންނަ މާނައެއް ނުވަތަ ޝުޢޫރެއް ހާމަވާން އޮންނާނެއެވެ. ޖުމުލައަކުން ދޭހަވާ މިބާވަތުގެ މާނައަށް "ބޭރުފުށުންފެންނަ" (denotative) މާނައޭ ވެސް ކިޔައެވެ. ސިފަ ބަޔާންކުރާ މާނައޭ ކިޔަނީ މި ބާވަތުގެ މާނައަށެވެ. އަންނަނިވި މިސާލުތަކަށް ބަލައިލަމާތޯއެވެ؟
1.ސަރުކާރު މުވައްޒިފުންގެ މުސާރަ 2008 ވަނަ އަހަރުންފެށިގެން ބޮޑުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ  ކަނޑައަޅުއްވައިފިއެވެ.
2.އައިލެންޑް އެވިއޭޝަން ސަރވިސަސް ލިމިޓެޑަށް އަނެއްކާވެސް މުޅިން އައު މަތިންދާބޯޓެއް ގެނެސްފިއެވެ.
ފުރަތަމަ މިސާލުގައި އެވާ ޖުމުލަ ހަމަ އަޑުއިވުމާއެކު އެއީ ރާއްޖޭގެ ކަންކަން ހިނގުމުގެ ބާރު އޮތް ފަރާތުން އެ ފަރާތުން ރައްޔިތުންނަށް ޚިދުމަތް ދިނުމަށް އެކި މަސައްކަތާ މަތިކޮށްފައިތިބި ހުރިހާ އެންމެންނަށް އެމީހުންކުރާ މަސައްކަތުގެ އުޖޫރައެއްގެ ގޮތުން ދޭ ފައިސާ އަންނަ އަހަރުން ފެށިގެން ދޭ މިންވްރު އިތުރުކުރުމަށް އެ ބާރު ލިބިފައިވާ ފަރާތުން ހަމަޖެއްސެވީކަން ސާފުވެއެވެ.
ދެވަނަ މިސާލުން ދޭހަވަނީ ވައިގެ އުދުހުންތަކުގެ ޚިދުމަތް ދިވެހި ރާއްޖޭގައި ދިނުމަށް އުފައްދައިފައިވާ ރަސްމީ މުއައްސަސާގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށްޓަކައި މީހުން އަރުވައިގެން ވައިގެ ތެރޭގައި ދަތުރުކުރާ އުދުހޭ މެޝިނެއް މުޅިން އަލަށް ރާއްޖެއަށް ގެނައިކަމެވެ.
މިބާވަތުގެ ޖުމުލައިން ދޭހަވަނީ ހަމައެކަނި ޖުމުލައިގެ ބޭރުފުށުންފެންނަ މާނައެވެ.

އެހެން މިސާލަކަށް ބަލައިލަމާތޯއެވެ؟
3.މިއީ ކޮންތާކުން ގެނައި މުޑިތަކެއްހެއްޔެވެ؟
މި މިސާލު ކުރީ މިސާލުތަކާތަފާތެވެ. ސަބަބަކީ މި ޖުމުލައިގެ ބޭރުފުށަށް ބަލާއިރު މި ޖުމުލައިން ދެ ގޮތަކަށް މާނަކުރެވިދާނެތީއެވެ. އެއީ ކާއެއްޗެއް (ކާށިން ކޯދު އެރީމާ އެތެރޭގައި އުފެދޭ އިސްޕަންޖް ފާޑުގެ ފޮނިރަހަލާ ކާއެއްޗެއް) ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެއީ ފުޅަފެއް އެޅުމަށްޓަކައި ބިމަށް ޖަހަން ކޮޅު ތޫނުކޮށްފައި ހުރި ދިގު ދަނޑިތަކެއް ކަމަށް ވެސް ވެދާނެ އެވެ. މި ބާވަތުގެ ޖުމުލަ އަށް ކިޔަނީ އެމްބިގިއުއަސް ޖުމުލައެވެ. އެއީ އެ ޖުމުލަ ދެގޮތަކަށް މާނަކުރެވިދާނެތީއެވެ.

4.2- އިޖްތިމާޢީ މާނަ(Social Meaning)
އިޖްތިމާޢީ މާނައަކީ މުޖްތަމަޢުގެ އެކި ފަރުދުންގެ ވާހަކަދެއްކުމުގައި ބޭނުންކުރެވޭ ބަހުގެ މާނަ އެވެ. މިއީ އިޖްތިމާޢީ ތަފާތު ސިފަތައް ބަޔާންކޮށްދިނުމުގެ މަޢުލޫމާތާއި ޙާލަތާއި ވަގުތުގައި ބަސް ބޭނުންކުރެވޭ ގޮތުގެ މާނަ ކަމަށް އާމިނަތު ޢަލީ (2001) ހާމަކުރައްވައިފައިވެއެވެ. މިފަދަ ކޮންމެ ބުނުމަކުން އެބުނުމެއް ބުނާ މީހެއްގެ ނުވަތަ ބައެއްގެ ފަންތިއާއި ގިންތިއާއި ދަރަޖައާއި ފެންވަރާއި ޖިންސާއި މަޤާމާއި ސަގާފަތާއި އާދަކާދަކަންކަން ފަދަ އިޖްތިމާޢީ ޙާލަތު އަންގައިދޭނެކަމަށް އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވެއެވެ.
މިސާލު: 1: އޭ މަރީ! ލިންގުއިސްޓިކް އެސައިންމަންޓް ނިންމީތަ؟ ފިރިހެންކުދިން ނިންމާހައި އަވަހަކަށް އަހަރެމެންނަކަށް ނުނިންމޭނެދޯ؟
     2 :މިއަދު މުޅި ކަނޑުގައި ދުއްވައިގެން ވެސް މަހެއް ބަޑިއަޅައިލި ތަން ވެސް ނުފެނުނު.
   3:މާދަމާ ސްޓާފް މީޓިންގ އަށް ވަޑއިގަންނަވާއިރު ހުރިހާ ބޭފުޅުންވެސް ލެސަންޕްލޭންތައް ނިންމަވައިގެން ވަޑައިގަންނަވާތި!

ފުރަތަމަ މިސާލުން، އެ ވާހަކަދެއްކި މީހަކީ މަތީތަޢުލީމުގެ ކޯހެއްގައި އުޅޭ ދަރިވަރެއްކަން ވަރަށް ސާފުކޮށް އެނގެއެވެ. އަދި އެއީ ތަޢުލީމީ ޒުވާނެއްކަންވެސް އެނގެއެވެ. މީގެ އިތުރަށް އެއީ ޒުވާން އަންހެންކުއްޖެއްކަންވެސް އެނގެއެވެ. ދެވަނަ މިސާލުގައި އެއީ މަސްވެރި ފިރިހެނަކު ދެއްކި ވާހަކައެއްކަންވެސް އެނގެއެވެ.  ތިންވަނަ މިސާލުން ދޭހަވަނީ އެ ވާހަކަދެއްކި މީހަކީ މުޖްތަމަޢުގައި ގިންތީގެ ގޮތުން ތަންކޮޅެއް މަތީ މީހެއްކަމާއި އެއީ ތަޢުލީމީ ދާއިރާގައި ސީނިއަރމެނޭޖްމަންޓް ފެންވަރުގައި މަސައްކަތްކުރާ މުވައްޒިފެއްކަމެވެ.

އިސްވެ ބަޔާންކުރެވުނު ޖުމުލަތަކުން އެ ބަސްބުނި މީހެއްގެ ނުވަތަ ބައެއްގެ ފެންވަރާއި ގިންތިއާއި ފަންތިއާއި ޙާލަތާއި ޖިންސް ފަދަ އިޖްތިމާޢީ ވަރަށް ގިނަ މަޢުލޫމާތު އެބަ އެނގެއެވެ. ފަންތިއާއި ގިންތިއާއި ޖިންސާއި ފެންވަރާއި ޙާލަތަކީ އިޖްތިމާޢީ ކަންކަމެވެ. އިޖްތިމާޢީ ޙާލަތެވެ. އެހެންވީމާ ބުނާ ބުނުމަކުން ނުވަތަ ޖުމުލައަކުން ދޭހަވާ މިފަދަ މާނަތަކަކީ އިޖްތިމާޢީ މާނައެވެ.

4.3- ޖަޒުބާތީ މާނަ (Affective Meaning)

އިފެކްޓިވް މާނައަކީ ވަކިކަހަލަ ޙާލަތަކާއި ވަކިކަހަލަ މަޢުލޫމާތަކާ ބެހޭ ގޮތުން ބަސް ބޭނުންކުރާ މީހާގެ ހިތުގައިވާ ޚިޔާލާއި ޝުޢޫރާއި ޖަޛުބާތު ދޭހަވާ މާނައެވެ. ނުވަތަ އެ ބުނި ބުނުން ރައްދުވާ މީހާގެ ހިތުގައި އުފެދޭ ޖަޛުބާތާއި ޝުޢޫރު ހާވަވާ މާނައެވެ ރާމިޒު ޢަލީ (2007) ބަޔާންކުރައްވާ ގޮތުގައި ޖަޛުބާތީ މާނައަކީ ބުނާ ބުނުމުން އޭގައި އަސަރެއް އެކުލެވިގެންވާ، ނުވަތަ ބުނާ ގޮތުންނާއި ބުނާ ރާގުން ވާހަކަދައްކާ މީހާ ކަމަކާމެދު ދެކޭ ގޮތް ނުވަތަ އަޑުއަހާ މީހާއަށް އެ ވާހަކައަކުން ކުރާ އަސަރު ދޭހަވާ މާނައެވެ. އެޑްވާރޑް ފިނެގަން (1999) ހާމަކުރައްވާ ގޮތުގައި ޖަޒުބާތީ މާނައަކީ ބުނާ ބުނުމަކުން އެ ވާހަކަދައްކާ މީހާގެ ޝޫޢޫރާއި ޖަޒުބާތާއި އަސަރާއި ބުނާ ޙާލަތު އަންގައިދޭ މާނައެވެ.

މިސާލަކަށް:
(ހ) މިހާރުދެން މާ ތާހިރެއްނު!
(ށ) ދެން އެންމެ ފިޔަވަޅެއްވެސް ކުރިޔަށް އަޅައިފި ނަމަ ހަދާލާ ގޮތް ދައްކައިލާނަން!
(ނ) މިހާރު މިހިރީ ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހި، ކަތިވަޅިގެއްލި މަރިޔަނބު ގެއްލި ކޮށި ދަނޑުވެސް ގެއްލިފައި.

މި 3 މިސާލުންކުރެ (ހ) ގައި އެވާ ބުނުމަކީ މަލާމާތުގެ ބުނުމެއްކަން އެބަދޭހަވެއެވެ. އަދި ބޮޑަށް މި ޖަޒުބާތު ހާމަވާނީ އެ ބުނާ ރާގަކުންނެވެ. (ށ) ގައި އެވަނީ ރުޅިވެރިކަމުގެ ޝުޢޫރު އިންތިހާއަށް ގޮސްފައިވާކަން ދޭހަކޮށްދޭ ބުނުމެކެވެ. (ނ) ގައަި އެވަނީ ހިތާމައާއި ހިތަދަތި ކަމުގެ ޝުޢޫރު އިންތިހާއަށް ދޭހަކޮށްދޭ ބުނުމެކެވެ.

ފަހުން މި ދެންނެވި ދެ ބާވަތުގެ މާނައަށް (އިޖްތިމާޢީ މާނައާއި ޖަޒުބާތީ މާނައަށް) ބަސްވާރުން (ލިންގުއިސްޓުން) ޙަޤީޤީ މާނަ (connotative meaning) އޭ ކިޔައިފައި ހުރެއެވެ. އެހެނީ ބުނާ ބުނުމެއްގެ ޙަޤީޤީ މާނަ އަކީ މިއީ ކަމަށް ވާތީއެވެ. މި ފަދަ ކޮންމެ ބުނުމަކުން ވެސް އެ ބުނުމެއްގެ ފުރިހަމަ ޖަޒުބާތާއި އަސަރު އެންމެ ބޮޑަށް ހާމަވާނީ އެ ބުނާ ބުނުމެއް ދުލުން ފާޅުކުރާ ރާގާއި އަޑާއި އަސަރުގެ މައްޗަށް ބިނާކޮށްގެންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ބުނާ ބުނުމަކުން ޙާލަތާއި ޝުޢުރާއި ޖަޒްބާތު އަދި ދެކޭ ގޮތާއި، ޙަރަކާތް ބަހައްޓާ ގޮތް ދޭހަކޮށްދިނުމަށް މަސައްކަތްކުރަނީ ހަމައެކަނި ބޭނުންކުރެވޭ ލަފުޒުތައް އެކަންޏެއް ނޫނެވެ. ބުނާ ގޮތާއި ރާގޢި އަޑުގެ ދެމުންތަކުން ވެސް މާނައަށް ބަދަލުތަކެއް އަންނާނެއެވެ. ޖުމުލައިގައި ހިމެނޭ މާނައާއި ޖަޒުބާތު ހާމަކޮށްދިނުމުގައި "ރާގު" ވެސް މުހިއްމު ދައުރެއް އަދާކުރާކަމަށް ޤަބޫލުކުރާންޖެހެއެވެ.

5-    މާނައިގެ ގޮތުން ހުންނަ ގުޅުން (Sense Relations)

ޖުމުލައިގައި ހިމެނޭ ދޭދޭ ލަފުޒުތަކުގެ މެދުގައި މާނައިގެ ގޮތުން ހުންނަ ގުޅުމަށް މި ކިޔަނީ ސެންސް ރިލޭޝަންސްއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ  ސެމެންޓިކް ގޮތުން އެއް ޢާއިލާއެއްގައި ހިމެނޭ ނުވަތަ މާނައިގެ ގޮތުން ތިމާގެ ލަފުޒު ސެޓެއް މި ބެލެވެނީ ލެކްސިކަލް ފީލްޑްސްގެ ތެރެއިންނެވެ، މިސާލަކަށް : ކާޅު، ގުރާ، މާރަނގަ، ކުރަނގި، ވައްލަ ކޮތަރު މިއީ މުޅިންވެސް ދޫނިސޫފާސޫފީ ގެ ބާވަތްތަކެވެ. މި ލަފުޒު ސެޓްގައިވާ ޢާއްމު ސިފަތަކުގެ މެދުގައި ގުޅުމެއްވެއެވެ. އެކަމަކު: ކޯރާޑި، މަންމަ، ވިލާ، މިނިވަންކަން، ރަތް، ސަބްމެރީން، ރުޅި މި ސެޓްގައިވާ އެއްވެސް ލަފުޒެއް އަނެއް ލަފުޒަކާ އެއްވެސް ގޮތަކުން ތިމާގެ ކަމެއް ނެތެވެ. އެހެންނަމަވެސް ފުރަތަމަ ދެންނެވި ލަފުޒު ސެޓުގައި އެވަނީ ވަރަށް ތިމާގެ (އެއް ޢާއިލާއެއްގެ) ލަފުޒު ތަކެކެވެ. އެހެންކަމުން ފަހުން މި ދެންނެވި ހުރިހާ ލަފުޒުތަކަކީވެސް ލެކްސިކަލް ފީލްޑެއްގެ ތެރޭގައި ލަފުޒުތަކެކެވެ. އެހެންނަމަވެސް އެއް ޢާއިލާއެއްގައި ހިމެނުނަސް ލެކްސިކަލް ފީލްޑެއްގެ ތެރޭގައި ހިމެނޭ ހުރިހާ ލެކްސިކަލް އައިޓަމްތަކަކީ އެއް ދަރަޖައެއްގެ ލަފުޒުތަކަކަށްވުން ލާޒިމެއް ނޫނެވެ.

ލެކްސިކަލް ފީލްޑްގެ ތެރޭގައި ތަފާތު ބާވަތްތަކެއްވެއެވެ.

5.1- ޕޮލިސެމީ(Polysemy)
ޕޮލިސެމީއަކީ ގްރީކް ބަހުން ނެގިފައިވާ ލަފުޒެކެވެ. މި ބަހުގެ ލަފުޒީ މާނައަކީ "ގިނަގުނަ މާނަތައް" ކަމަށް http://en.wikipedia.org/wiki/Polysemy ގައި ބަޔާންކޮށްފައިވެއެވެ. "ޕޮލިސެމީ" އަކީ ބަހަވީ ޢިލްމާއި އިޖްތިމާޢީ ޢިލްމާއި "މީޑިއާ ސްޓަޑީޒް" ގައި ބޭނުންކުރާ މަފްހޫމެކެވެ.
ބަހަވީ ޢިލްމުގައި "ޕޮލިސެމީ" އަކީ ގުޅުންހުރި ގިނަ މާނަތަކެއް އެކުލެވޭ ލަފުޒުތަކާއި ޖުމުލައިގެ ގިނަ ބަސް ((phrase ތަކާ ބެހޭ ދާއިރާއެވެ. މިފަދަ ލަފުޒަށް ކިޔަނީ "ޕޮލިސީމް"(polyseme) އެވެ.
މިސާލަކަށް: ބޭންކް މިއީ މާލީ އިދާރާއަކަށް ކިޔާ ނަމެކެވެ. މި އިދާރާއިން މާލީ ޚިދުމަތް ދޭ ޢިމާރާތަށްވެސް ކިޔަނީ ހަމަ "ބޭންކް" އެވެ. އެހެންވީމާ ބޭންކް މިއީ ޕޮލިސީމް އެކެވެ. އެކަމަކު، ކޯރުގެ އައްސޭރިއަށް އިންގިރޭސި ބަހުގައި "ބޭންކް" (River Bank) ކީ ކަމުގައި ވިޔަސް އެއީ ޕޮލިސީމްއެއް ނޫނެވެ. އެއީ ހޯމޮނީމްއެކެވެ. އެއީ ލިޔުމާއި ކިޔުމުގައި މުޅިން އެއް ގޮތްވެފައި މާނައިގެ ގޮތުން މުޅިން ތަފާތުވީމައެވެ.

އެހެންވީމާ ޕޮލިސެމީ އަކީ އެއް ލަފުޒަކުން ގުޅުންހުރި، އެއް މާނައަށްވުރެ ގިނަ މާނަމެދުވެރިވާ ޙާލަތްތަކެވެ. މި ފަދަ ޙާލަތްތަކުގެ ދެ ޕްރޮސެސް އެއް ވެއެވެ.
އެއީ:
(ހ) ރޭޑިއޭޝަން: މިއީ ލަފުޒުގެ އިބްތިދާއީ މާނަ މެދުގައި އޮވެފައި އެޔާ ގުޅޭ އެހެން މާނަތައް އޭގެ ވަށައިގެން އައުމެވެ. މިގޮތުން ރޭޑިއޭޝަންގެ ސާނަވީ މާނަތަކަކީ މިނިވަން މުސްތަޤިއްލު އެއްޗެއް ކަމުގައި ވިޔަސް، މިއިން ކޮންމެ މާނައަކުންވެސް ފަސް އެނބުރި އޭގެ އިބްތިދާއީ މާނައާ ގުޅުވައިލެވޭނެއެވެ.
މިސާލު: ރަނގަޅު، ފުރިހަމަ، ހިތްގައިމު

(ށ) ކޮންކޭޓަނޭޝަން: މިއީ ލަފުޒުގެ އިބްތިދާއީ މާނައިން މަޑުމަޑުން މާނަ ދުރަށްދަމުން ދުރަށް ދަމުން ގޮސް، އަސްލު ލަފުޒުގެ މާނައާ ގުޅުން ކެނޑޭ ހިސާބަށް މާނަ ބަދަލުވެގެން ދާ ގޮތެވެ. މި ގޮތަށް މާނަ ބަދަލުވަމުން ގޮސް އެންމެ ފަހު ލަފުޒާއި އަސްލު ލަފުޒާ ގުޅުމެއް ނުހުންނާނެއެވެ.
މިސާލު: ރަނގަޅު،  ރީތި،  ހިތްގައިމު  ހިތްއުފާ  ހިތްފަސޭހަ، ހިތްއަލި، މޭދާގަދަ،ވަރުގަދަ، ވަރުގަދަ، ބާރުގަދަ، ހަކަތައިތުރު

މި މިސާލަށް ބަލާއިރު، ރަނގަޅުގެ އެއް މާނައަކީ ރީއްޗެވެ. ރީތީގެ މާނައަކީ ހިތްގައިމެވެ. ހިތްގައިމު ގެ މާނައަކީ ހިތްއުފަލެވެ. ހިތްއުފާގެ މާނައަކީ ހިތް ފަސޭހައެވެ. ހިތް ފަސޭހައިގެމާނައަކީ ހިތްއަތްޔެވެ. ހިތްއަލީގެ މާނައަކީ މޭދާގަދަ އެވެ. މޭދާ ގަދައިގެ މާނައަކީ ވަރުގަދައެވެ. ވަރުގަދައިގެ މާނައަކީ ބާޜުގަދައެވެ. ބާރުގަދައިގެ މާނައަކީ ހަކަތަ އިތުރެވެ. މި ހިސާބަށް އަންނައިރު "ހަކަތަ" މިލަފުޒުގެ މާނައާ "ރަނގަޅު"ގެ މާނަ އެ އޮތީ ދުރުވެގެން މާ ދުރަށް ގޮސްފައެވެ.

5.2- ހޯމޮނީމީ(Homonymy)
އެއްގޮތަށް ލިޔާ ނުވަތަ އެއްގޮތަށް ކިޔާ އެކަމަކު މާނައިގެ ގޮތުން ތަފާތު ލަފުޒުތައް ހުރެއެވެ. މި ފަދަ ލަފުޒުތަކަށް ކިޔަނީ ހޯމޮނީމް(homonyms) އެވެ. ހޯމޮނީމްގެ 3 ވައްތަރެއް ހުރެއެވެ. އެ ވައްތަރުތަކަކީ، ފުރިހަމަ ހޯމޮނީމްސް އާއި ހޯމޮގްރާފްސް އާއި ހޯމޮފޯން އެވެ.
(ހ)  ފުރިހަމަ ހޯމޮނީމްސް (perfect homonyms) : މިއީ ލިޔުމާއި ކިޔުމުގައި އެއްގޮތް އެކަމަކު މާނައިގެ ގޮތުން ތަފާތު ލަފުޒުތަކެވެ.

މިސާލަކަށް: (1) މުޙައްމަދަކީ ވަރަށް ބޯ ހަރު މީހެކެވެ.
        (2) މިއަދު ކެއްކި ބަތް ހަރުކަމުން ނުވެސް ކެވުނެވެ.
މި ދެ މިސާލުގައިވެސް "ހަރު" ލިޔެފައި އޮތީ ހަމަ އެއް ގޮތަކަށެވެ. ހަމަ އެއް އަކުރުތަކަކާއި އެއް ފިލިތަކަކުންނެވެ. ކިޔަނީވެސް ހަމަ އެއް ގޮކަށެވެ. ނަމަވެސް މާނަ ވަރަށް ތަފާތެވެ. ފުރަތަމަ މިސާލުގައި އެ އޮތް "ހަރު" މާނަކޮށްދެނީ މީހެއްގެ ކިބައިގައި ހުރި ހަރުކަށިކަމާއި ގޮތްދޫނުކުރުން ކަމަށެވެ. ނަމަވެސް ދެވަނަ މިސާލުގައި އެވާ "ހަރު" މި ލަފުޒުން ދޭހަވަނީ ކައްކައިފައި ހުރި ބަތް، ކާން ފަސޭހަ މިންވަރަށް މަޑުވެފައި ނެތްކަމެވެ.

އިތުރު ބައެއް މިސާލުތައް:
(1) މުޑި: ކާށިން ކޯދުއެރީމާ އެތެރޭގައި އުފެދޭ އިސްޕަންޖް ފާޑުގެ ކާއެއްޗެއް
   މުޑި: ފުޅަށް އަޅާއިރު ފުޅައް ބިމުގައި ހަރުލައްވައިފައި ބެހެއްޓުމަށް ތޫނުކޮށްފައި   ބިމަށް ޖަހާ ދަނޑި

(2) ކޯޓު: ތަފާތު ޤަޟިއްޔާތައް ފައިޞަލާކުރުމަށް 2 ޚަޞްމުންނާއެކު ޤާޟީ     ޝަރީޢަތްކުރައްވާ ތަން
   ކޯޓު: ވަކި ބާވަތްތަކެއްގެ ކުޅިވަރުތައް ކުޅުމަށް ޚާއްޞަކޮށްފައިވާ ތަން

(ށ)  ހޯމޮގްރާފްސް (homographs): މިއީ ލަފުޒުލިޔުމުގައި އެއް ގޮތް ނުވަތަ ކައިރިގޮތެއް ހުންނަ އެކަމަކު އަޑާއި މާނައިގައި ތަފާތު ހުންނަ ލަފުޒުތަކެވެ.

މިސާލު: (1) ވަން (ކިޔާނީ: ވަންގގ) : ހަވާދު، މަސްކުރޮޅިފަދަ ތަކެތި ތަޅައި ހިމުންކުރުމަށް ޚާއްޞަ އާލާތެއް
         ވަން:(ކިޔާނީ: ވަންނނ): އިނގިރޭސި ބަހުން 1 އަށް ކިޔާނަން

     (2) ބަން:(ކިޔާނީ: ބަންގގ): ބޮޑު އެއްޗެއް ވެއްޓުނީމާ އިވުނު އަޑުގެ ބާރުކަން އަންގައިދިނުމަށް ބޭނުންކުރާ ލަފުޒެއް.
         ބަން: (ކިޔާނީ: ބަންތްތް..) އޮޑިދޯނިފަހަރު އުފެއްދުމަށް ކިޔާ ނަން.

(ނ) ހޯމޮފޯންސް ((homophones: މިއީ ކިޔާއިރު އަޑު އެއްވައްތަރު އެކަމަކު ލިޔާއިރުގައްޔާއި މާނައިގެ ގޮތުން ތަފާތު ލަފުޒުތަކެވެ. ތަފާތުކޮށް ލިޔެ، އެއް ގޮތަށް ކިޔާ ލަފުޒުތަކެވެ.
        މިބާވަތުގެ ލަފުޒުތަކުގެ މިސާލެއް އަޅުގަނޑަށް ދިވެހި ބަހަކުން ނުފެނުނެވެ. (ދިވެހި ބަހަކީ ލިޔާގޮތަށް ކިޔާ އަދި ކިޔާ ގޮތަށް ލިޔާ ބަހެއްކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.) އެހެންކަމުން މީގެ މިސާލެއް އިނގިރޭސިބަހުން ލިޔެލާނަމެވެ.
(1)    Kettle, cattle
Rite, right    (2)
Week, weak    (3)

5.3- ސިނޮނީމީ(Synonymy)
މިއީ މާނައިގެ ގޮތުން ލަފުޒުތަކުގައި ހުންނަ އެއްގޮތްކަމާއި ގާތްކަމެވެ. މިފަދަ ލަފުޒުތަކަށް ކިޔަނީ ސިނޮނީމް (synonym) އެވެ. ސިނޮނީމަކީ ލަފުޒުގެ އަސާސީ މާނައިގައި އެއް ގޮތަކަން ނުވަތަ ވަރަށް ގާތްކަމެއް ހުންނަ ލަފުޒުތަކެވެ.

މިސާލަކަށް:  ރީތި، ނަޔާ، ޗާލު، ފަރި، ލޯބި، ސަޅި، ފުރިހަމަ، މި ލަފުޒުތަކުގައި އެއްގޮތް ނުވަތަ ވަރަށް ކައިރި މާނަތަކެއްވާކަން އެނގެއެވެ. ނަމަވެސް އެކި ޙާލަތްތަކުގައި ބޭނުންކުރަނީ އެކި ލަފުޒެވެ. ސަބަބަކީ މާނަ ކިތަންމެ އެއްގޮތްކަމަށް ބެލިޔަސް ތަފާތުތަކެއް ހުންނަ ކަން ފާހަގަކުރެވެއެވެ. އެހެންވީމާ އެކި ޙާލަތްތަކުގައި ބޭނުންކުރަނީ އެކި ލަފުޒެވެ. ތިމާ ލޯބިވާ އަންހެންކުއްޖާއާއެކު ބާއްވާ ބައްދަލުވުމެއްގައި އޭނާއަށް ތަޢުރީފުކުރަމުން މިއީ ހާދަ ލޯބިލޯބި ދަތްދޮޅިއެކޭ ބުނާ ބުނުމުން އެ ދޭހަވާ އަސަރެއް، މިއީ ހާދަ ރީތިރީތި ދަތްދޮޅިއެކޭ ބުންޏަކަސް ހާމައެއް ނުކުރެވޭނެއެވެ. އެހެންވީމާ އެ ލަފުޒުތަކުން އެ ދޭހަވަނީ ހަމަ ބަރާބަރު އެއް މާނަތަކެއް ނޫންކަން އެބައެނގެއެވެ. ނަމަވެސް އެއްފާޑެއްގެ ނުވަތަ ވަރަށް ކައިރި މާނަތަކެއް ކަމަށް ބުނެވިދާނެއެވެ. ބަސްވާރުންނާ ޙަވާލާދެއްވައި ރާމިޒު ޢަލީ (2007) ވިދާޅުވަނީ ބަހެއްގައި އެއް މާނަ ދޭހަވާ އެތައް ލަފުޒެއް ހުރިކަމުގައި ވިޔަސް ބަރާބަރަށް އެއް މާނަ ދޭހަވާ ލަފުޒު ވަރަށް ނުހުންނާނޭ ކަމަށެވެ.

މިކަހަލަ އިތުރު މިސާލެއް ހާމަކޮށްލަމެވެ.
ޤައުމު، ރާއްޖެ، ވަޠަން،

5.4- އެންޓޮނީމީ (Antonymy)
އެންޓޮނީމީއަކީ ލަފުޒެއްގެ އިދިކޮޅުމާނަ އަނެއް ލަފުޒަކުން ދޭހަވާ ދޭހަވުމެވެ. މިވައްތަރުގެ ލަފުޒަށް ކިޔަނީ އެންޓޮނީމް އެވެ.
މިސާލަކަށް: ލަފާ - ނުލަފާ،  ހުދު - ކަޅު،  ރީތި - ހުތުރު،  ތާހިރު - ހަޑި، މިއިން ކޮންމެ ލަފުޒަކަށް ކިޔަނީ އެންޓޮނީމެކެވެ.

އެންޓޮނީމުގެ ތަފާތު ވައްތަރުތަކެއްވެސް ހުރެއެވެ. އެއީ، (1) ކޮންވާރސް، (2) ދަރަޖަކުރެވޭ އެންޓޮނީމް، (3) ކޮމްޕްލިމެންޓަރީ އެންޓަނީމް މި 3 ބާވަތެވެ.
    (ހ) ކޮންވާރސް (Converse)
    މިއީ އެއް ލަފުޒުގެ މައްޗަށް ބަރޯސާވުމާއެކު އިދިކޮޅު މާނަ ދޭހަވާލަފުޒުތަކެވެ. މީގެ މާނައަކީ އެއް ލަފުޒު އޮވެގެން ނޫނީ އަނެއް ލަފުޒަށް ޖާގައެއް ނޯންނަ ލަފުޒުތަކެވެ.
މިސާލަކަށް: (1) އަނބި މީހާ -  ފިރި މީހާ
        (2) މަންމަ    -  ދަރިފުޅު
        (3) ދަރިވަރު  -  މުދައްރިސް

ފުރަތަމަ މިސާލަށް ވިސްނައިލުމުން ފިރިއެއް ނެތި އަނތްބަކު ނުހުންނާނެކަން އެނގެއެވެ. އެހެނީ އަނތްބަކާއި ފިރިޔެއްގެ މަޤާމު ދެ މީހުންނަށް ލިބެނީ ކާވެނިކޮށްގެންނެވެ.

ދެވަނަ މިސާލުގައި މަންމައަކު ނެތި ދަރިއަކު ނުހުންނާނޭކަން އެނގެއެވެ. އެހެނީ ދަރިންނަކީ މަޔެއްގެ ބަނޑުން އުފަންވާ ކުދީންނެވެ.

ތިންވަނަ މިސާލުން ސާފުކޮށް އެނގެނީ މުދައްރިސުންނޭ ކިޔަނީ ބަޔަކަށް ކިޔަވައިދޭ މީހުންނަށެވެ. ކިޔަވާނެ ބަޔެއް ނެތި ކިޔަވައެއް ނުދެވޭނެއެވެ. އެހެންވީމާ މުދައްރިސްކު ނެތިއްޔާ ދަރިވަރުންނެއް ނުތިބޭނެއެވެ.

(ށ) ދަރަޖަކުރެވޭ އެންޓޮނީމް (gradable antonym)
މިއީ ދަރަޖައިގެ ގޮތުން ތަފާތު މިންވަރު އެކުލެވިފައިވާ އެންޓޮނީމެވެ.
މިސާލަކަށް: ކަޅު - ރަތް

(ނ) ކޮމްޕްލިމެންޓަރީ އެންޓޮނީމް (Complementary antonyms)
    މިއީ އެއްޗެއްގައި އެއް ސިފަ އެކުލެވިފައިވާނަމަ އިދިކޮޅު ސިފަ ބޭނުން ނުކުރެވޭނެ އެންޓޮނީމެވެ.
މިސާލަކަށް: ދިރިހުރުން - މަރުވުން

މީހަކު ދިރިހުރިނަމަ އޭނާގެ ޙާލަތަކީ ދިރިހުރުމެވެ. މަރުވެފައެއް ނުވާނެއެވެ. ވަރުވެފައިވާނަމަ ދިރިހުރި ކަމަކަށް ނުވާނެއެވެ. އެހެންވީމާ ދިރިއުރުމާއި މަރުވުމާއި މި ދެކަންތައް އެކުވެފައެއް ނުވާނެއެވެ. މި ބާވަތުގެ ލަފުޒުތަކަކީ އެންޓޮނީމްސްގެ ތެރޭގައި ހިމެނޭ ކޮމްޕްލިމެންޓަރީ ބައި ކަމަށް ބަސްވާރުން ވިދާޅުވެއެވެ.

5.5- ހައިޕޮނީމީ (Hyponymy)
ހައިޕޮނީމް ޙަވާލަ ދެނީ ސެމެންޓިކް ގޮތުން އެއްލަފުޒު އަނެއް ލަފުޒެއްގެ މައްޗަށް ބަރޯސާވެގެންވުމެވެ. ރާމިޒު ޢަލީ (2007) ވިދާޅުވާ ގޮތުގައި ހައިޕޮނީމީއަކީ ހައިރާކީ ގޮތުން (ދަރަޖައިގެ ގޮތުން) މައި ލަފުޒަށްވުރެ ދަށް ގްރޫޕަކަށް ނިސްބަތްވާ ނިސްބަތްވުމެވެ. މިފަދަ ގްރޫޕެއް ދަރަޖަކުރުމުން އޭގެ އިބްތިދާއީ ނުވަތަ މައި ލަފުޒަކީ ހައިޕަރނީމް (Hypernym) އެކެވެ. ދަށުގައިވާ ކޮންމެ ޔުނިޓަކީ ހައިޕޮނީމް (hyponym) އެކެވެ. އަންނަނިވި ހޫލައަށް ބައަލަވާށެވެ!

ހޫލަ:1                     




ހޫލަ:2                       


                   

ހޫލަ:3                        




5.6 – މުޅިއެތިން ބައެއް (Part-whole)
"މުޅިއެތިން ބައެއް" ނުވަތަ ޕާޓްހޯލަށް ކިޔާ އަނެއް ނަމަކީ މެރޮނީމީ ((meronymy އެވެ. މެރޯނީމީއަކީ މުޅިއެއްޗާއި އެއެއްޗެއްގެ ބަޔަކާ ދެމެދުގައިވާ ގުޅުމެވެ. މެރޮނީމީއަށް "މުޅިއެތީގެ ބައެކޭ" ނުވަތަ ޕާޓްހޯލޭ ކިޔަނީ މައި އެއްޗާއި އޭގެ އެކި ބައިތަކާ ދެމެދުގައިވާ ގުޅުން ދޭހަކޮށްދޭތީއެވެ. މި ގުޅުމަށް ބަސްވާރުން ދީފައިވާ ނަމަކީ ޕާޓްހޯލް ރިލޭޝަން (part-whole relation) އެވެ.   ޕާރޓްހޯލް އިން ދައްކައިދެނީ އެކަތި އެކައްޗަށްވުރެ ގިނަ ތަކެއްޗަކީ އެހެން ކޮންމެވެސް އެއްޗެއްގެ ބައެއް ކަމެވެ. މިސާލަކަށް މަހަކީ ކަނޑުގެ ބަޔެކެވެ. އެހެންވީމާ ކަނޑާއި މަހާ ދެމެދު "ޕާޓްހޯލް" ގުޅުމެއް އެބަ އޮތެވެ.

ތަފްޞީލުކޮށް ދަންނަވާނަމަ ދެލަފުޒުގެ ދެމެދުގައިވާ ގުޅުމެއް ދައްކައިދެނީ އޭގައިވާ ކުޑަ، ބޮޑު، ގިނަ މަދު މިނުގައިވާ ގުޅުމުންނެވެ. މިކަހަލަ ލަފުޒުތަކުގެ މިސާލެއްގެ ގޮތުގައި ކޮންޕިޔުޓަރާއި ކީބޯޑް ނެގިދާނެއެވެ. ކީ ބޯޑަކީ ކޮންޕިޔުޓަރުގެ ވައްތަރެއް ނޫނެވެ. ވީމާ ކޮންޕިޔުޓަރާއި ކީބޯޑާ ދެމެދުގައިވާ ގުޅުމަކީ ހައިޕޮނިމިކް ގުޅުމެއް ނޫނެވެ. އެއީ މުޅި އެއްޗާއި އޭގައިވާ ބަޔެއްގެ ގުޅުމެވެ. އެހެންވީމާ މިއީ ޕާޓްހޯލް ގެ ގުޅުމެވެ.
އަންނަނިވި މިސާލަށް ބައްލަވާށެވެ!

ހޫލަ:4                   



6-    ނިންމުން:

"ސެމެންޓިކްސް" އަކީ އިންސާނުން ވާހަކަދައްކައި އުޅޭ ބަސްބަހުގައި (Languages) ހިމެނޭ ލަފުޒުތަކާއި ޖުމުލައިގެ ގިނަބަސް (phrase) ތަކާއި ޖުމުލަތަކުގެ މާނަ ދިރާސާކުރާ ޢިލްމެވެ. މި ޢިލްމުގައި ބަލާނީ ބަހެއްގެ ލަފުޒުތަކާއި ޖުމުލަތައް މާނަކުރާނޭ ގޮތުގެ މައްޗަށެވެ. ލަފުޒުތަކާއި ޖުމުލަތަކުގެ މާނައިގެތެރޭގައި ސިފަ ބަޔާންކުރާ މާނައާއި އިޖްތިމާޢީ މާނައާއި، ޖަޒްބާތީ މާނަ ހިމެނެއެވެ.
ޖުމުލައިގައި ހިމެނޭ ދޭދޭ ލަފުޒުތަކުގެ މެދުގައި މާނައިގެ ގޮތުން ޚާއްޞަ ގުޅުމެއް ވެއެވެ. މިފަދަ ގުޅުމަށް މިކިޔަނީ ސެންސް ރިލޭޝަންސް އެވެ. މިގޮތުން ޖުމުލައިގެ ތެރޭގައި ހިމެނޭ، މާނައިގެ ގޮތުން ތިމާގެ ލަފުޒުތައް މި ހިމެނެނީ ލެކްސިކަލް ފީލްޑްގެ ތެރޭގައެވެ. ލެކްސިކަލް ފީލްޑްގެ ތެރޭގައި ތަފާތު ބާވަތްތަކެއްވެއެވެ. އޭގެތެރޭގައި ޕޮލިސެމީއާއި ހޯމޮނީމީ އާއި ސިނޮނީމީއާއި އެންޓޮނީމީ އާއި ހައިޕޮނީމީ އާއި ޕާޓްހޯލް (ނުވަތަ މެރޯނީމީ) ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ. މިއިން ކޮންމެ ބާވަތެއްވެސް ތަފާތު ބައިތަކަކަށް ބެހިފައިވެއެވެ.
މި ދެންނެވި ހުރިހާ ބައިތަކަކީވެސް ބަހުގައި އެކުލެވޭ ޖުމުލައާއި ޖުމުލައިގައި ހިމެނޭ ލަފުޒުތަކުގެ މާނަ ދިރާސާކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ އެއްޗިއްސެވެ. މި ހުރިހައި ބާވަތެއްވެސް ހިމެނެނީ ސެމެންޓިކްސްގެ ތެރޭގައެވެ. ސެމެންޓިކްސް އަކީ ބަހަވީ ޢިލްމުގެ ތަފާތު ބައިތަކުގެ ތެރެއިން މާނަދިރާސާ ކުރުމާ ބެހޭ ޢިލްމު ކަމަށް ބަސްވާރުން (ލިންގުއިސްޓުން) އެއްބަސްވެވަޑައިގަންނަވައެވެ.
-------------
(ނިމުނީ)
ރުޖޫޢަވީ ވަސީލަތްތައް:                   

ލިންޑާ ތޯމަސް. (1993). ބިގިނިންގ ސިންޓެކްސް. ލަންޑަން: ބްލެކްވެލް ޕަބްލިޝިންގ.
ދިވެހިބަސްފޮތް. (2006(. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު،
ކޮންސައިޒްޑް އޮކްސްފޯރޑް ޑިކްޝަނަރީ. (1999). ލާހޯރ: އޮކްސްފޯރޑް ޔުނިވަރސިޓީ ޕްރެސް
www.Wikipedia.com (އޮކްޓޯބަރު،17، 2007 ން ނަގާފައި)
އެޑްވަޑް ފިނެގަން. (1999). ލެންގުއޭޖް އިޓްސް ސްޓްރަކްޗަރ އެންޑް ޔޫޒް. (ތާރޑް އެޑިޝަން). އޮސްޓްރޭލިއާ: އިއާލް އެމްސީ ޕީކް، ހާޚޯޓްބްރޭސް ކޮލެޖް ޕަބްލިޝަރ.
www.wbw.com.cn (ނޮވެމްބަރ 4، 2007 ން ނަގާފައި)
www.google.mv  (ނޮވެމްބަރ 4، 2007 ން ނަގާފައ)
އާމިނަތު ޢަލީ. (2001). ދިވެހި ޑިގްރީކޯހުގެ އަތްމަތީ ކަރުދާސް،
ރާމިޒު ޢަލީ. (2007). ދިވެހި ޑިގްރީކޯހުގެ އަތްމަތީ ކަރުދާސް،


މި ލިޔުން:
      ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުންބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:  ޢަބްދުލްޢަޒިޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ