އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ ޖުމުލައާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަހުގެ ގަވާއިދާއި ހަމަތައް އަލުން ދިރާސާކޮށް އެކަށައެޅުން މުހިއްމެވެ.

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް ލަފުޒުތައް ހުރިވަރު ހޯދައި ބަލައިގެން އެ ހިނދަކަށް ބޭނުންކޮށްއުޅޭ ހުރިހާ ލަފުޒުތަކެއް، އެއް ފޮތަކަށް ޖަމާކުރެވިދާނެ އެވެ. މި ގޮތުން ބަހެއްގައި ހުރި ހުރިހާ ލަފުޒުތަކުގެ (އަންދާޒާ) ޢަދަދު ކަނޑައެޅިދާނެ އެވެ. ނަމަވެސް އެ ލަފުޒުތައް ބޭނުންކޮށްގެން އުފެއްދޭނެ ޖުމުލައިގެ ޢަދަދު ހަމަ އެކަކަށް ވެސް އަންދާޒާކޮށްލާކަށް ވެސް ނޭނގޭނެ އެވެ. އެހެނީ ޖުމުލަ އުފެއްދުމަށް ވަކި މިނެއް މިންވަރެއް ނޯވެއެވެ. ބަހަކީ އުފެއްދުންތެރި އެއްޗެކޭ ބުނެވެނީ މި ފަދަ ކިތަންމެސަބަބުތަކަކާހުރެ އެވެ.


ބަހުގައި އެކުލެވޭ ޖުމުލައިގެ ޢަދަދު ކަނޑައަޅަން ނޭނގުނަސް، ޖުމުލަ އުފެދޭ ގޮތާއި ޖުމުލައިގެ ބާވަތްތަކާއި ޖުމުލައިގެ ބައިތަކަކީ ކަނޑައެޅި ބަޔާންވެފައި އޮންނަ އެއްޗެކެވެ. އަދި ޖުމުލައެއް އެތުރިފައި އޮންނަ ގޮތުގެ އުޞޫލުތަކުގެ މައްޗަށް ވެސް ވާހަކަ ދެކެވިދާނެ އެވެ. ޖުމުލައިގައި ލަފުޒުތައް އެތުރޭ ގޮތުގެ މައްޗަށް ބަލައި ހޯދާ ޢިލްމަށް ބަހަވީ ޢިލްމުގައި ކިޔައި އުޅެނީ ސިންޓެކްސް އެވެ.

ދިވެހިބަހުގެ ޤަވާއިދު (1984) ގައި ބަޔާންކޮށްފައިވާ ގޮތުން ޖުމުލައަކީ ފުރިހަމަ މާނައެއް ދޭހަވާ ގޮތަށް އަތުރައިލެވިފައިވާ ބަސްތަކަކަށް (ލަފުޒުތަކަކަށް) ކިޔާ ނަމެކެވެ. ބޭރުގެ ބައެއް ބަސްވާރުން ބަޔާންކޮށްފައިވާ ގޮތުގައި ޖުމުލައަކީ މައިގަނޑެއް (clause) ނުވަތަ މައިގަނޑުތަކެއްގެ މައްޗަށް އެކުލެވިފައިވާ، ގަވާއިދުގެ ކުޑަ ބަޔަކަށް ކިޔާ ނަމެކެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން ޖުމުލައޭ މި ކިޔަނީ މާނަ ދޭހަވާ ގޮތަށް އަތުރައިލެވިފައިވާ ލަފުޒު ސެޓަކަށެވެ. މާނައެއް ދޭހަ ނުވާ ގޮތަށް އާދެ! ފުރިހަމަ މާނައެއް ދޭހަ ނުވާ ގޮތަށް އަތުރައިލެވިފައިވާ ލަފުޒު ސެޓަކީ ޖުމުލަ އަކަށް ނުވެއެވެ. ޖުމުލައިން ވެސް މާނައެއް ދޭހަވާނީ މާނައެއް ދޭހަވާ ލަފުޒުތައް ހިމަނައިގެންނެވެ. އޮއްޓަރުގެ ލަފުޒުތަކުގެ މަސައްކަތަށް އެހީތެރިވެދޭ "މަސައްކަތު ލަފުޒުތަކުން" އެކަނި މާނައެއް ދޭހައެއް ނުކުރެވޭނެ އެވެ.

އޮއްޓަރުގެ ލަފުޒުތަކަކީ އެ ލަފުޒުގެ ބޭރުފުށުން މާނައެއް ފެންނަން އޮންނަ ލަފުޒުތައް ކަމަށް، މަޝްހޫރު ބަސްވާރެއް ކަމުގައިވާ އެޑްވަރޑް ފިނެގަން (1999) ބަޔާންކުރައްވައިފައިވެ އެވެ. ބަހުގައި ހުންނަ ދެ ވައްތަރުގެ ލަފުޒުތަކުގެ ތެރއިން ދެން ހުންނަ ބާވަތަކީ މަސައްކަތުގެ ލަފުޒު ނުވަތަ އެހީތެރިވެދޭ (functional) ލަފުޒުތަކެވެ. މި ބާވަތުގެ ލަފުޒުތަކަކީ އެ ލަފުޒެއް އެަކނި އޮންނައިރު މާނައެއް ދޭހަނުވާ، އެކަމަކު އޮއްޓަރުގެ ލަފުޒަކާ ގުޅިގެން ޖުމުލައެއްގައި އައުމުން (އެ ޖުމުލައަކުން) ފުރިހަމަ މާނަ ދޭހަވާ ލަފުޒުތަކެވެ. މިސާލަކަށް: އާއި، އެވެ، ވުރެ، ނަމަ، އަށް، ފަދަ، އީ، އަކީ މިފަދަ ލަފުޒުތަކެވެ. ދިވެހިބަހުގެ ގަވާއިދުގައި މި ބާވަތުގެ ލަފުޒުތަކަށް ކިޔަނީ "އަކުރު"ކަން ތިޔަ ބޭފުޅުން މާ ރަނގަޅަށް ދެނެވަޑައިގަންނަވާނޫ އެވެ.)

1-    ޖުމުލައިގެ ބާވަތްތައް:

ޖުމުލައިގެ ބާވަތްތައް ކަނޑައެޅުމުގައި ދެ ގޮތަކަށް ބަލައިލާން ޖެހެއެވެ. އެއީ ޖުމުލައިގެ ބޭނުމާއި މަޤުޞަދަށް ބަލައިގެން ޖުމުލައިގެ ބާވަތް ކަނޑައެޅުމާއި ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ބާވަތް ކަނޑައެޅުމަޢި މި ދެ ގޮތެވެ.

1.1    ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ޖުމުލައިގެ ބާވަތްތައް:

ދިވެހިބަހުގެ ގަވާއިދު (1984) ގައި ވާ ގޮތުން ޖުމުލައިގެ އޮނިގަނޑަށް ބަލައިގެން ޖުމުލަ ބެހެނީ ދެ ބައަކަށެވެ. އެއީ ސާދާ ޖުމުލަ އާއި ކޯނި ޖުމުލައެވެ. ނަމަވެސް އެޑްވަޑް ފިނެގަން (1999) ބަޔާންކުރައްވާ ގޮތުގައި ޖުމުލަ ރޭވިފައިވާ އޮނިގަނޑަށް ބަލާއިރު ތިން ބާވަތެއްގެ ޖުމުލަ ހުރެ އެވެ. އެއީ (ހ) ސާދާ ޖުމުލަ އާއި (ށ) އެކުވި ޖުމުލަ އާއި (ނ) ކޯނި ޖުމުލަ އެވެ. މި ގޮތުން ވިސްނައި ބަލާއިރު، ދިވެހިބަހުގެ ޖުމުލަތަކުގައި ވެސް މި ތިން ބާވަތް ފެންނަން އެބަހުއްޓެވެ. ނަމަވެސް ދިވަހިބަހުގެ ގަވާއިދުގައި މިހާތަނަށް ބަލަމުން އައިސްފައިވަނީ އެކުވި ޖުމުލަ އަޢި ކޯނި ޖުމުލަ އަކީ އެއް ބާވަތެއް ކަމުގައެވެ. އެހެންނަމަވެސް މި ދެ ވައްތަރުގައިވެސް ވަރަށް ބޮޑު ތަފާތެއް ހުރުމާ އެކު ދިވެހިބަހުގައިވެސް މި ދެ ބާވަތް ވަކިކުރުން މުހިއްމުކަމުގައި ދަންނަވާންޖެހެއެވެ.
(ހ) ސާދާ ޖުމުލަ:
ސާދާ ޖުމުލައަކީ އިސް ބަޔަކާއި ޚަބަރެއްގެ މައްޗަށް އެކުލެވިފައިވާ ޖުމުލައެވެ. ނުވަތަ ކަންކުރާއަކާއި ކަމެއް އެކުލެވޭ ޖުމުލައެވެ.  މި ވައްތަރުގެ ޖުމުލަ ބިނާވެފައި އޮންނަނީ އެންމެ މައިގަނޑެއްގެ މައްޗަށެވެ. މިސާލު: (1) މި އީ މަދަރުސާއެކެވެ. (2) ޢަލީ ނިދަނީ އެވެ.
އިނގިރޭސިބަހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ދިވެހިބަހުގައި ކަމެއް ނެތި ހަމަ އެކަނި ނަމުގެ ޖުމުލަ ހުއްޓަސް އިނގިރޭސި ބަހުގެ ކޮންމެ ޖުމުލައެއްގައި ކަމެއް އޮންނާނެ އެވެ. މިހެން ވިދާލުވާ ބޭފުޅުންނަށް ނުހަނު އިޙުތިރާމާއެކު ނުހަނު މަޢާފަށް އެދެމުން ދަންނަވައިލާން ޖެހނީ އިނގިރޭސިބަހުގައިވެސް ކޮންމެ ޖުމުލައެއްގައި "ކަމެއް" ނޯންނަ ވާހަކައެވެ. މިސާލަކަށް" .This is a school" މި ޖުމުލައިގައި އޮތް "ކަމަކީ" ކޮބައިތޯ އެވެ؟ ތިޔަ ވިދާޅުވާ އެއްޗެއް އަޅުގަނޑަށް ވެސް އެބަ ވިސްނެ އެވެ. ތިޔަ ވިދާޅުވަނީ "is" އެއީ "ކަމެއް" ނުވަތަ "ވާރބް ޓު ބީ" އެއް ކަމަށް ނޫންތޯ އެވެ؟ ތިޔަ ވާހަކަފުޅާ އަޅުގަނޑުވެސް އެއްބަހެވެ. ނަމަވެސް “is” އެއީ "ކަމެއް" ކަމަކަށް އަޅުގަނޑު ޤަބޫލެއް ނުކުރަމެވެ. ސަބަބަކީ "ކަން" ކިޔަނީ އެ ލަފުޒަކުން ކޮންމެވެސް ޢަމަލެއް ދޭހަވާ ލަފުޒުތަކަށެވެ.  މި ލަފުޒުން ދޭހަކޮށްދެނީ ކޮން ޢަމަލެއް ތޯ އެވެ؟ މަތީގައިވާ އިނގިރޭސި ޖުމުލައިގައި އެ އޮތް “is” އަދާކޮށްދޭ ވާޖިބު، އަންނަނިވި ޖުމުލައިގައި އެ އޮތް "އީ" މި ލަފުޒު ވެސް އަދާކޮށްދެ އެވެ.

"މި އީ މަދަރުސާއެކެވެ."

އެހެންވީމާ ސާދާ ޖުމުލަ ބަޔާންކޮށްދިނުމަށްޓަކައި ކޮންމެހެން ކަމެއްގެ ވާހަކަ ދައްކާކަށް ނުޖެހެއެވެ. އިސް ބަޔަކާއި ޚަބަރެއްގެ މައްޗަށް އެކުލެވޭ (އެއް މައިގަނޑު ހިމެނޭ) ކޮންމެ ޖުމުލަ އަކީ ސާދާ ޖުމުލައެކެވެ.

(ށ) އެކުވި ޖުމުލަ:
އެކުވި ޖުމުލަ (ކަމްޕައުންޑް ސެންޓެންސް) އަކީ އެ ޖުމުލައެއްގައި ދެ މައިގަނޑެއް އެކުލެވިފައިވާ ޖުމުލައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، އެ ޖުމުލައަކުން ވަކި މުސްތަޤިއްލު ދެ ޖުމުލަ ހެދިދާނެ ޖުމުލައެވެ. ދިވެހިބަހުގައި މި ފަދަ ޖުމުލަތައް އުފައްދައިފައި ހުންނަނީ "ނަމަވެސް' ، "އިރު"، "ގޮތުން"، "މާ" ފަދަ ކޮންމެވެސް ގުޅުވާ އަކުރަކުން ސާދާ ޖުމުލައިގެ ދެ ޖުމުލަ ގުޅުވައިލައިގެންނެވެ. މިސާލަކަށް: (1) އޭނާ އެހެން ބުނި ނަމަވެސް މުޙައްމަދު ވަޒީފާއިން ވަކިވާކަށް ނޫޅެއެވެ. (2) އަމީނާ މި ގެއަށް އައި އިރު ހަސީނާ އޮތީ ނިދައިފައެވެ. (3) އޭނާ އެކަން ކުރި ގޮތުން އަހަރެން ލަދުން މަރުވާވަރުވި އެވެ. (4) އޭނާ އައި މާ އަހަރެން ދާނަމެވެ.

އެކުވި ޖުމުލައިގައި އޮންނަ ދެ ބުނުން ވަކިކޮށްލިޔަސް ކޮންމެ ބުނުމަކުންވެސް މަކި މާނައެއް ދޭހަވާނެ އެވެ. ވަކި މުސްތަޤިއްލު ދެ ޖުމުލަ އުފެއްދޭނެ އެވެ. މިސާލަކަށް: 1.1 ގެ (ށ) ގެ 3 ވަނަ ޖުމުލައަށް ބަލައިލަމާތޯ އެވެ؟ "އޭނާ އެކަން ކުރި ގޮތުން އަހަރެން ލަދުން މަރުވާވަރުވި އެވެ." މި ޖުމުލަ އަށެވެ. މި ޖުމުލައިގައި ހިމެނޭ ގުޅުވާ އަކުރު ("ގޮތުން") އެ ޖުމުލައިން އުނިކޮށްލައިފި ނަމަ ވަކި މުސްތަޤިއްލު ދެ ޖުމުލަ އެބަ އުފެދެއެވެ. "އޭނާ އެކަން ކުރި" އާއި "އަހަރެން ލަދުން މަރުވާވަރުވިއެވެ." މި ދެ ޖުމުލައެވެ. މި ދެ ބުނުމުންވެސް ފުރިހަމަ މާނަ އެބަ ދޭހަވެ އެވެ. އެހެންވީމާ އެކުވި ޖުމުލައަކީ ސާދާ ޖުމުލައިގެ ދެ ޖުމުލަ، ގުޅުވާ އަކުރަކުން ގުޅުވައިލައިގެން އުފައްދާ ޖުމުލައެވެ.

(ނ) ކޯނި ޖުމުލަ:
ކޯނި ޖުމުލަ އަކީ މައިގަނޑު ބުނުމެއް އޮތުމާއެކު އެ ބުނުމަށް ބާރުދޭ އެހެން ބުނުމެއް ނުވަތަ ބުނުންތަކެއްގެ މައްޗަށް އެކުލެވޭ ޖުމުލައެވެ. މި ފަދަ މައިގަނޑުތައް ވާނީ އެއް މައިގަނޑު އަނެއް މައިގަނޑަށް ބަރޯސާކުރާ އަދި ގުޅި ލައިމެހިފައިވާ ބުނުންތަކެއް ކަމުގައެވެ. މިސާލަކަށް: "ޚަލީލާ އައިހާ އަވަހަކަށް އެކަން ކުރާނަމެވެ." މި ޖުމުލައިގައި މައިގަނޑު ދެ ބުނުމެއް (ދެ މައިގަނޑެއް) ވެ އެވެ. އެއް މައިގަނޑަކީ "ޚަލީލާ އައިހާ އަވަހަކަށް" މިއެވެ. އަނެއް މައިގަނޑަކީ "އަހަރެން އެކަން ކުރާނަމެވެ." މި ޖުމުލައިގެ މައިގަނޑު ބުނުމަކީ "އަހަރެން އެކަން ކުރާނަމެވެ."  މިއީ އެވެ. މި ބުނުމުން ފުރިހަމަ މާނައެއް އެބަ ދޭހަވެ އެވެ. ދެން އޮތް، "ޚަލީލާ އައިހާ އަވަހަކަށް"  މިއީ ޖުމުލައިގެ މައިގަނޑު ބުނުމަށް ނުވަތަ އަސާސީ މައިގަނޑަށް ބާރުދޭ މައިގަނޑެކެވެ. ބުނުމެކެވެ. މި ބުނުން ވަނީ އަނެއް ބުނުމަށް ބަރޯސާވެގެންނެވެ. އެހެންވީމާ ޖުމުލައިގެ މައިގަނޑު ބުނުންނެތި މި ބުނުން އެކަނި އޮވެގެން ފުރިހަމަ މާނައެއް ވެސް ދޭހައެއް ނުވާނެ އެވެ. މިއީ ޖުމުލައިގައިވާ މައިގަނޑަށް ބާރުދޭ ގޮތެއްގައި އެ ބުނުމުގެ މައްޗަށް ބަރޯސާވެފައިވާ ބުނުމެކެވެ. އެހެންވީމާ، އެކުވި ޖުމުލައާއި ކޯނި ޖުމުލަ އަކީ ތަފާތު ދެ ބާވަތެއްކަން މި މިސާލުން ވެސް ވަރަށް ރަނގަޅަށް އެބަ ހާމަވެ އެވެ.  އާދޭހެވެ! ކޯނި ޖުމުލައަކީ އެ ޖުމުލައިގައި އަސާސީ މައިގަނޑެއް އޮވެފައި އެ މައިގަނޑަށް ބާރުދޭ އެ މައްޗަށް ބަރޯސާވާ މައިގަނޑެއް ނުވަތަ މައިގަނޑުތަކެއް ހިމެނޭ ޖުމުލައެވެ.

1.2    ޖުމުލައިގެ މަޤްޞަދަށް ބަލައިގެން ޖުމުލައިގެ ބާވަތްތައް:
ބަސްވާރުން ވިދާޅުވާ ގޮތުގައި ޖުމުލައިގެ ބޭނުމަށް ބަލައިގެންޖުމުލައިގެ ބާވަތް ކަނޑައަޅަނަމަ، ބަހުގައި 4 ބާވަތެއްގެ ޖުމުލަ ހުރެ އެވެ. އެއީ: (ހ) ޤަރާރުގެ ނުވަތަ ބަޔާނުގެ ޖުމުލަ (ށ) ސުވާލުގެ ޖުމުލަ (ނ) އަންތަރީހުގެ ނުވަތަ އިސްތިޙުސާނުގެ ޖުމުލަ (ރ) އަމުރުގެ ޖުމުލަ، މި 4 ބާވަތެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ޝާއިޢުކުރައްވައިފައިވާ ދިވެހިބަހުގެ ޤަވާއިދު (1984) ގައި ޖުމުލައިގެ ބާވަތްތައް ބަޔާންކުރައްވައިފައި ވަނީ އަންތަރީހުގެ ޖުމުލަ ނުހިމަނުއްވައެވެ. ނަމަވެސް ޙައިރާންމާކު ޖަހާންޖެހޭ ތަނަތަން ބަޔާންކުރުމުގައި ދެއްވައިފައިވާ މިސާލުތަކުން ފެންނަނީ އަންތަރީހުގެ ޖުމުލައެވެ.

(ހ) ޤަރާރުގެ ނުވަތަ ބަޔާނުގެ (declarative) ޖުމުލަ:
ބަޔާނުގެ ޖުމުލަ އަކީ ކަމެއް އޮތް ގޮތް ބަޔާންކުރުމަށްޓަކައި ނުވަތަ ތަނާއި ވަގުތާއި ޒަމާނާއި މީހަކާއި ނުވަތަ ކަމާކާމެދު އެއްޗެއް އަންގައިދިނުމަށް ބުނާ ބުނުމެވެ، ނުވަތަ ކަނޑައަޅާ ކަނޑައެޅުމެވެ. ޖަވާބުގެ ޖުމުލަވެސް ހިމެނޭނީ މިބައިގައެވެ.
މިސާލު: ކޮކާކޯލާ އަކީ ޞިއްޙަތަށް ފައިދާ ހުރި އެއްޗެއް ނޫނެވެ.

(ށ) ސުވާލުގެ (interrogative) ޖުމުލަ:
ސުވާލުގެ ޖުމުލައަކީ ކަމެއް އޮޅުންފިލުވުމުގެ ގޮތުން (ޖަވާބު ބޭނުންވެގެން) އަހާ އެހުމެކެވެ.
މިސާލު: ކޮލެޖްގެ 3 ވަނަ ސެމެސްޓަރ ފެށޭނީ ކޮން ތާރީޚެއްގައިހެއްޔެވެ؟

(ނ) އަންތަރީހުގެ (exclamatory) ޖުމުލަ:
އަންތަރީހުގެ ޖުމުލައަކީ ޙައިރާންކަމާއި އިސްތިޙުސާންގެ ޝުޢޫރުތައް ހާމަކޮށްދޭ ޖުމުލައެވެ. މި ބާވަތުގެ ޖުމުލަ، ބަޔާނުގެ ޖުމުލައަށްވުރެ އަސަރުކުރުމުގެ ބާރު މާ ގަދަވާނެ އެވެ.
މިސާލު: ފަތިހުގެ ފިނިކަމަކީ ހާދަހާވާ އަރާމު ފިނިކަމެކެވެ!

(ރ) އަމުރުގެ (imperative) ޖުމުލަ:

އަމުރުގެ ޖުމުލަ އަކީ ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް އެންގުމަށްޓަކައި ބުނާ ބުނުމެވެ.
މިސާލު: ހަމަ މިހާރު މިތަނުން ތެދުވާށެވެ!

2-    ޖުމުލައިގެ ބައިތައް:

ޖުމުލަ އަކީ އަޅުގަނޑުމެން އެންމެން ވެސް އެއްބަސްވާ ފަދައިން މާނަ ދޭހަވާ ގޮތަށް އެތުރިފައިވާ ލަފުޒު ސެޓެކެވެ.މިއީ އަޅުގަނޑުމެން އެންމެން ދަންނަ ކަމެކެވެ. މި ކަން އެނގުނު ނަމަވެސް ޖުމުލައެއްގައި ހިމެނޭ ލަފުޒުތައް ވަކިކޮށް އެ ޖުމުލައެއްގައި އެ ލަފުޒެއް އަދާކުރާ ދައުރު ދެނެގަތުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ދިވެހިބަހުގެ ޖުމުލަތަކުގެ ލަފުޒުތައް ބައިބަޔަށް ބަހައިލުމުން  މައިގަނޑު 8 ބާވަތެއް ފާހަގަކުރެވެއެވެ.އެއީ : (1) ނަން (2) ކަން (3) ނަންއިތުރު (4) ކަންއިތުރު (5) ނަންއިތުތުގެނަން (6) މަސްދަރު (ނުވަތަ ކަމުގެ ނަން) (7) އިތުރު (8) އަކުރު މި ބައިތަކެވެ. މިއިން ކޮންމެ ބަޔަކީ ބަހަވީ ޢިލްމުން ބަލާއިރު ކޮންސްޓިޓުަންޓެކެވެ. ކޮންސްޓިޓުއަންޓަކީ ޖުމުލައެއްގައި އެކުލެވޭ އެންމެ ކުޑަ ޔުނިޓެވެ.

ޖުމުލައެއްގައި އެކުލެވޭ ކޮންސްޓިޓުއަންޓްސް (ލަފުޒުތައް) އެ ޖުމުލައިގައި އަދާކުރާ ދައުރު ދެނެގަނެވޭނީ ދިރާސާއެއްކޮށްގެންނެވެ. މި ފަދަ ދިރާސާއަށް ކިޔަނީ ލަފުޒުގެ އޮނިގަނޑުގެ ދިރާސާ ނުވަތަ ކޮންސްޓިޓުއެންޓްސް ސްޓްރަކްޗަރަލް އެނޭލިސިސް އެވެ. ނުވަތަ ޓްރީ އެނޭލިސިސް އެވެ. މިފަދަ އެނޭލިސިސް އެއް ނވަތަ ދިރާސައެއް ކުރުމުން ޖުމުލައިގައި ހިމެނޭ އެކި ބައިތަކުގެ މެދުގައިވާ ގުޅުން ވަރަށް ރީތިކޮށް ދައްކައިދެއެވެ. މި ކަމަށް ބަހަވީ ޢިލްމުގައި ކިޔައި އުޅެނީ ޕަރސިންގ އެވެ. އެހެންވީމާ ޕަރސިންގަކީ ޖުމުލައެއް ގައިވާ މައިގަނޑު ބައިތަކުގެ މައްޗަށް ޖުމުލަ ބަހައިލައި ބަހުގެ ގަވާއިދާއި ހަމަތަކުގެ މަތީން ބަޔާންކޮށް ބުނެދިނުމެވެ.

ޖުމުލައެއް ގަވާއިދުގެ ބައިތަކަށް ބަހައިލައި އެނޭލިސިސް އެއް ހެދުމުން ޖުމުލައިގެ ވަކިވަކި ބައިތައް ފާޅުވެއެވެ. އަދި ކޮންސްޓިޓުއެންޓް ތަކާއި އެކަހެރި ލަފުޒުގެ ގަވާއިދުވެސް ފާޅުވެއެވެ. އަދި ކޮންމެ ލަފުޒެއްގެ މަސައްކަތްވެސް ވަރަށް ސާފުކޮށް ހާމަވެއެވެ. މި ފަދަ އެނޭލިސިސް އެއް ހެދުމަށް ބޭނުންކޮށް އުޅޭ އެންމެ ޢާއްމު އެއް ގޮތަކީ "ގަސްހޫލަ"އިގެ ބޭނުން ހިފުމެވެ.

3-    ގަސްހޫލަ:

 ގަސްހޫލައަކީ އެއްޗެއްގެ ތަފްޞީލީ ބައިތައް ބެހިފައިވާ ގޮތް ދައްކައިދޭ ކުރެހުމެކެވެ. މި ފަދަ ކުރެހުމެއްގައި  މައިގަނޑަކުން ދެ ކަތްޕަށް ނުވަތަ އެޔަށްވުރެ ގިން ކަފިކަތްޕަށް ބެހިފައިވާތަން ދައްކުވައިދޭނެ އެވެ. ގަސްހޫލައަކީ ހަމައެކަނި ބަހަވީ ޢިލްމުގައި ބޭނުންކުރާ އެއްޗެއް ނޫނެވެ. ކީމިޔާ ޢިލްމާއި އިޖުތިމާޢީ ޢިލްމާއި ހިސާބު ޢިލްމު ފަދަ ތަފާތު އެތައް މާއްދާއެއްގައި ގަސްހޫލައިގެ ބޭނުން ހިފިދާނެ އެވެ. އެހެންނަމަވެސް މި ލިޔުމަކީ ބަހާބެހޭ ލިޔުމެއް ކަމަށް ވާޓީ އަޅުގަނޑުގެ މި ލިޔުމުގައި ކުރު ގޮތަކަށް ބަލައިލާނީ ބަހަވީ ޢީލްމުގައި ގަސްހޫލަ އަދާކުރާ ދައުރުގެ މައްޗަށެވެ.

3.1 ބަހަވީ ޢީލްމުގައި ގަސްހޫލަ:
ބަހަވީ ޢިލްމުގައި ގަސްހޫލައަށް ވަރަށް ގިނަ ނަންނަން ކިޔައިފައި ހުރެއެވެ. މި ދެންނެވީ ގަސްހޫލައިގެ ވަރަށް ގިނަ ވައްތަރުތައް ހުންނަ ވާޙަކައެވެ. މިސާލަކަށް "ނިޒާމީ ހޫލަ" (ސިސްޓެމެޓިކް ޑައިގްރަމް)، "ދަރަޖަ ގަސް" (ހައިރާކީ ޓްރީ)، "ގަހުގެ ދިރާސާ" (ޓްރީ އެނޭލިސިސް)، "ދިރާސާކުރާ ގަސް" (އެނޭލެޓިކަލް ޓްރީ)، ޕާރސް ޓްރީ، "ގުންގުރެޓް ސިންޓެކްސް ގަސް" (ކޮންކްރީޓް ސިންޓެކްސް ޓްރީ) އަކީ މި ދެންނެވި ފަދަ ބައެއް ނަންނަމެވެ.

ކޮންމެއަކަސް ބަހަވީ ޢިލްމުގައި ގަސްހޫލައަކީ ބަހެއްގައި ޖުމުލަ އަދާކޮށްދޭ ދައުރާއި ޖުމުލައިގައި ލަފުޒުތައް އަދާކުރާ ވަޒީފާއާ ބެހޭ ގޮތުން ދިރާސާކޮށް ތަޙުލީލުކުރުމަށްޓަކައި ބޭނުންކުރާ ކުރެހުމެކެވެ. މި ކުރެހުމުން، ޖުމުލަ ރޭވިފައިވާ ގަވާއިދުގެ (ސިންޓެކްސްގެ) އެކި ބައިތަކުގެ މަޢުލޫމާތު ހާމަކޮށްދޭނެ އެވެ. ޢާއްމު ގޮތެއްގައި ގަސްހޫލައިން ދައްކައިދެނީ ގަވާޢިދުގެ 3 ބާވަތެއްގެ މަޢުލޫމާތެވެ. 
އެއީ:
(ހ) ޖުމުލައިގައި ލަފުޒުތައް އެތުރިފައިވާ ތަރުތީބު
(ށ) ޖުމުލައިގައި ގަވާއިދުގެ ބައިތައް ތަރުތީބުވެފައިވާ ގޮތް
(ނ) ގަވާއިދުގެ ބައިތަކަށް ލަފުޒުތައް ތަރުތީބުކުރެވިފައިވާ ގޮތް،   މި 3 ބައެވެ.
މި ބައިތައް "ގަސްހޫލަ"އިން (ކުރެހުމުން) ދެއްކުމުގެ ޤާބިލުކަން ކޮންމެ ބަހަކަށްވެސް ލިބިގެންވެ އެވެ. އެހެނީ ކޮންމެ ބަހެއްގައި ވެސް ލަފުޒާއި  ޖުމުލައިގެ މައިގަނޑު (ފްރޭޒް) ތަކާއި ޖުމުލަވެސް ހުރެއެވެ. އަދި ކޮންމެ ބަހެއްގައިވެސް  ގަވާއިދެއް އޮވެ އެވެ.

މަޢާފުކުރެއްވުން އެދެމެވެ. ގަސްހޫލަ އަކީ ކޮބައިކަމާއި ގަސްހޫލައިގެ ތަފުޞީލުތައް ގެނައުމަކީ މި މަޒުމޫނުގައި އަޅުގަނޑުގެ މަޤްޞަދެއް ނޫނެވެ. (ގަސްހޫލައާ ބެހޭ ގޮތުން މީގެ ކުރިން ފަންވަތުގައި އަޅުގަނޑު ލިޔެފައި ވާނެ އެވެ.) އަޅުގަނޑު މި މަސައްކަތް ކުރީ ޖުމުލައިގެ ބާވަތަށް ބަލާއިރު، ސާދާ ޖުމުލަ އާއި އެކުވި ޖުމުލަ އާއި ކޯނި ޖުމުލަ ދިވެހިބަހުގައި ވެސް ހުންނަކަން ފާހަގަކޮށް އެކަން ހާމަކުރެވޭތޯ އެވެ. އަދި ޖުމުލައިގެ މަޤްޞަދަށް ބަލާއިރުބަޔާނުގެ ޖުމުލައާއި ސުވާލުގެ ޖުމުލަ އާއި އަންތަރީހުގެ ޖުމުލައާއި އަމުރުގެ ޖުމުލައާއި މި ހަތަރު ބާވަތް ހިމެނޭކަން ހާމަކުރެވޭތޯ އެވެ. އަދި ޖުމުލައިގައި ހިމެނޭ ކޮންމެ ކުޑަ ބަޔަކީ ކޮންސޓިޓުއެންޓެއް ކަމާއި، ޖުމުލަ އެތުރިފައިވާ ގޮތް ބަލައި ދިރާސާކުރެވޭނީ ޖުމުލައިގެ އޮނިގަނޑު ދިރާސާކޮށްގެންކަމަށް ވެސް ދަންނަވައިލުމަށެވެ.
----------------------
(ނިމުނީ)
މި ލިޔުން:            
      ފޮނުވުން:      ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާޅު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ