Print

ހަމްދަރުދީ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ




ًعــبدالله صـــادق

ހޫނު މޫސުމުގެ ރެއެކެވެ. ނުހަނު ހިތްފަސޭހަ ވަޔެއް އެތައް އަސަރަކާއެކު ގައިގައި ފިރުމަމުން ޖެހެމުން ދެއެވެ. ކުދިކުދި ތަރިތައް ނޫކުލައިގެ ބޮޑު ފަރުދާއެއްގައި ވިދަވިދާ ހުއްޓެވެ. ދުވާލުގެ ގަދަފަދަ ހޫނުގެ ސަބަބުން ދަތިކަމާއި އުނދަގުލާ ކުރިމަތިލާން ޖެހިފައިވާ އިންސާނުންނާއި ޖަނަވާރުތައް އަރާމު ހުވަފެންތަކުގެ ހިތްގައިމުކަން ހޯދަމުން ގެންދެއެވެ.

އަލްމަދީނަތުލްމުނައްވަރާގެ ގޯޅިތަކުގެ ތެރޭގައި އިންސާނަކު ހިނގައިލަހިނގައިލާ ހުއްޓެވެ. އެއީ، މުސްލިމުން، އެބައިމީހުންގެ ވެރިޔަކަށް ހޮވާފައިވާ މީހާއެވެ.

އިސްލާމްދީނުގައި ހަމަޖެހިފައިވާ ގޮތުން ޤައުމުގެ ލީޑަރަކީ މުސްލިމުންގެ ޚާދިމެވެ. ޙަދީޘްގައި ވާރިދުވެގެންވާ ފަދައިން سيد القوم خادمهم އެވެ. މުސްލިމުންގެ މި ވެރިޔާ، ރޭގަނޑުގެ ވަގުތު ރައްޔިތުންގެ ޙާލުއަޙުވާލު ބެއްލެވުމަށް ގިނިކަންޏާ ނުކުމެވަޑައިގެން އުޅުއްވަނީ އެވެ. ޝަހަރުން ބޭރަށް ނުކުމެވަޑައިގެންނެވުނު ހިނދު އިސްތަށިފުޅާ ދިމާ މަތީގައި އޮތް އުޑު ތަރިތަކުން ފުރިފައިވާތަން، ފެނިވަޑައިގަތްހިނދު، ކުއްލިއަކަށް ޚިޔާލުކުރެއްވެން ފެއްޓެވީ، ކަލާނގެ ކުޅަދުންވަންކަމާ މެދުގައެވެ. މި ފަދަ ފުރިހަމަ މަންޒަރުތައް އެކަލާނގެ އިންސާނުންނަށްޓަކައި ލެއްވީތީ އެވެ. އެ ބޭކަލަކު ކަލާނގެ ކުޅަދުންވަންތަކަމުގެ ތެރެޔަށް ގެއްލިވަޑައިގެން ހުންނަވައި ޝަހަރާ މާދުރަށް ވަޑައިގެންނެވިއްޖެ އެވެ.

ކުއްލިއަކަށް ރޭގަނޑުގެ މި އަނދިރިކަމުގެ ތެރޭގައި ތަންކޮޅެއް ދުރުން އަނދައަނދައި ހުރި އަލިފާންގަނޑެއް ފެނިވަޑައިގެންނެވި އެވެ. އެ ބޭކަލަކު އެ އަލިފާންގަނޑާ ދިމާޔަށް އަވަސްއަވަހަށް ހިންގަވައިގަތެވެ. އެ ހިސާބަށް ވަޑައިގެން ބައްލަވައިލެއްވި އިރު ފެނިވަޑައިގަތީ ކުޑަކުޑަ ފޭލިގެއެކެވެ. ފޭލިގޭގެ ދޮރުމަތީގައި އާވާރާ ޢަރަތްބަކު އިށީނދެގެންއިނެވެ. އޭނާ އިނީ، މޫނުގައި ދެއަތް އަޅައިގެންނެވެ. އޭނާޔާ ދާދި ކައިރީގައި އޭނާގެ ޖަމަލުއޮތެވެ. އޭނާ އިނީ ޚިޔާލުތަކެއްގެ ތެރެޔަށް ގެނބިގެންނެވެ. އޭނާޔަކަށް މި ބޭކަލަކު ވަޑައިގެން ހުންނެވިކަމެއް ކުޑަކޮށް ވެސް ނޭނގެއެވެ.

"އައްސަލާމު ޢަލައިކުމް!" އެންމެފަހުން، އެބޭކަލަކު ވިދާޅުވިއެވެ. އެހެން ވިދާޅުވީ އެމީހަކު ޚިޔާލުތަކުގެ ތެރެއިން ހެއިލައްވައިލެއްވުމަށްޓަކައެވެ. އެހެންނަމަވެސް އޭނާއަކަށް އެކަމަކުން އެއްވެސް އަސަރެއް ނުކުރިއެވެ.

އެބޭކަލަކު އަނެއްކާވެސް "އައްސަލާމު ޢަލައިކުމް!" އޭ ގޮވައިލެއްވިއެވެ. އެހެންނަމަވެސް އޭނާ އެއްވެސް ޖަވާބެއް ނުދިނެވެ. ތިންވަނަ ފަހަރާ ހަމަޔަށް ދާންވާއިރަށް އެ ޢަރަބިކަލޭގެ ހިތަށްއެރިއެވެ. މިއީ ވާނީ ކޮންމެވެސް ދަތުރުވެރިޔަކަށެވެ. ނުވަތަ ކޮންމެވެސް ސަލާންޖަހާ މީހަކަށެވެ. އޭނާ ގަދަކަން ދައްކާލާފައި ބުންޏެވެ. "މިތަނުން ދާންއުޅޭ. ރައްކާވޭ! އަހަންނަށް އުނދަގޫ ނުކުރޭ!"

"ކިހިނެއްވީ ކޮއްކޯ؟ ކޮން މުސީބަތެއް ޖެހިގެން ކޮންކަމަކާ ކަންބޮޑުވެގެން ތިޔަ އުޅެނީ؟" އެބޭކަލަކު އައްސަވައިލެއްވިއެވެ.

"އަހަންނަށް ދަތިނުކުރޭ!" ޢަރަބިކަލޭގެ ބޯހަލުވާލާފައި ބުންޏެވެ. "ކަލޭ މިތަނުން ދާށޭ، އަހަރެން މިބުނަނީ އެންމެ ފަހަރަކު ނޫނެއްނު."

މިވެގެން އުޅެނީ ކީއްތޯ އެބޭކަލަކު އޮޅުން ފިލުއްވެވުމަށް އިތުރަށް ބާރު އެޅުއްވިއެވެ. އެއާއެކު އެ ޢަރަބިކަލޭގެ ފުންމައިގެން ތެދުވެއްޖެއެވެ. އަދި ފޭލިގެތެރެޔަށް ޖެހިލައިފައި ކަނޑި ހިފައިގެން އަތުވެއްޖެއެވެ.

"ބޯ ސަލާމަތް ކުރަން ބޭނުމިއްޔާ" އޭނާ ބުނެލިއެވެ. "ކަލޭ މިތަނުންދޭ. މަށަށް ހީވަނީ، ތިޔައީ ވަގެއްހެން. އެހެންނޫނީ ފޭރޭ މީހެއްހެން."

"ނޫނޭ ކޮއްކޯ!" އެބޭކަލަކު ކެތްތެރި ކަމާއެކު ޖަވާބުދެއްވިއެވެ. "އަހަންނަކީ، ފޭރޭ މީހެއްނޫން، ދަތުރުވެރިޔަކީމެއް ވެސް ނޫން، ސަލާންޖަހާ މީހަކީމެއް ވެސް ނޫން، އަހަންނަކީ މިރަށުގެ އަހުލުވެރިޔަކީން. މިހެން ހިނގަމުންހިނގަމުން މި ހިސާބަށް އާދެވުނީ. މި ސަހަރާއިން އަލިފާންގަނޑެއް ފެނިގެން އޭގެ ޚަބަރު ބަލައިލަން އައީ. އެއީ މިތަނަށް މި އާދެވުނު ސަބަބަކީ. އަނެއްކާ ކޮއްކޮއަކީ ކޮންމެވެސް މުސީބަތެއް ޖެހިފައިވާ މީހެކޭ ހީކޮށް އެކަމާ ބިރުން އެކުން މިއައީ. އަހަރެން ކޮންކަމެއް ކޮށްދޭނީ؟"

"ތިޔަހެންޏާ ތިޔައީ، މަދީނާގައި އުޅޭ މީހެއްތަ؟" ހިސާބަކަށް މަޑުމައިތިރި ވެލައިފައި އޭނާ އަހައިލިއެވެ. "ކަލޭ ތިޔައީ ކޮން މަސައްކަތެއް ކުރާ މީހެއް؟"

"ޝައްކެއްވެސް ނެތް. އަހަންނަކީ، މަދީނާގެ އަހުލުވެރިޔަކީން. އަހަރެންގެ ކަމަކީ، އެހެންމީހުންނަށް އެހީވެދިނުން." އެ ބޭކަލަކު ޖަވާބުދެއްވިއެވެ.

"އެހެންވިއްޔާ، ކަލޭ ތިޔައީ ކާކުގެ އަޅެއް؟" އެމީހާ އަހައިލިއެވެ.

"އަހަންނަކީ މުސްލިމުންގެ އަޅަކީން. އަހަރެންގެ މަސައްކަތަކީ މުސްލިމުންނަށް ޚިދުމަތްކުރުން." އެބޭކަލަކު ބުނުއްވިއެވެ.

"ކަލޭ މިތަނަށް އައިއިރު ގެނައީ ކޮންއެއްޗެއް؟" އޭނާ އަހައިލިއެވެ.

"ހުރިހައި އެއްޗެއް. އަހަރެން ކަލެޔަށް ޖެހިފައި ތިޔަވާ ހާލު އޮޅުންފިލުވައިލަން ބޭނުން. މި ސަހަރާގައި ކޮންފަދަ މުސީބަތެއް ޖެހިގެންތަ ތިޔައުޅެނީ؟" އެބޭކަލަކު އައްސަވައި ލެއްވިއެވެ. އެއާއެކު އެ ޢަރަބިކަލޭގެ ގާތުގައި އިށީންނެވިއެވެ. އެ ތާނގައި އިށީންނެވުމާއެކު އެ ފޭލިގޭ ތެރެއިން މީހަކު ކުކުރާ އަޑު އިވިއްޖެއެވެ. މިއީ އަންހެނެއްގެ އަޑެވެ.

"ކޮއްކޯ! އެ ކުކުރަނީ، އެހާވަރަށް އެރޮނީ ކާކު؟" އެބޭކަލަކު އައްސަވައިލެއްވިއެވެ.

"އަހަރެންގެ އަންހެނުން." އޭނާ ޖަވާބު ދިނެވެ.

"އަހަރެމެން ދަތުރުކޮށްފައި މިއަންނަނީ ވަރަށް ދުރުން. ދެން ކުއްލިޔަކަށް ބަނޑުގައި ރިއްސައިގަތީ. އަހަންނަކީ، ނިކަމެތި ފަޤީރަކީން. މިހިސާބުން ޝަހަރަށްގޮސް ބޭކެންބަކު ގެނެވޭހައި ފޯރާ މީހެއްނޫން. އެހެންވީމާ ސަހަރާގެ މިހިސާބުގައި މަޑުކޮށްލީ. އޭނާ އެއުޅެނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާތީ. މާތް ރަސްކަލާނގެ ކިބަފުޅަށް ދުޢާކޮށްދީ! މިސަހަރާގައި އޭނަޔަށް ކޮންމެވެސް މަދަދެއް ދެއްވައިތޯ."

"ތިޔަކަމާ ކަންބޮޑުނުވޭ." އެބޭކަލަކު ޖަވާބުދެއްވިއެވެ. "އަހަރެން ބޭކެންބަކު ދަންނަން. އޭނާ ގޮވައިގެން އެބަ އަންނަން."

"މަޑުކޮށްލާ!" އެ ޢަރަބިކަލޭގެ ބުންޏެވެ. "ބޭކެނބި ނުގެންނާތި! އަހަރެން އަތަކު އޭނާޔަށް ދޭނެ ފައިސާއެއްނެތް."
"ތިޔަކަމާ ވެސް ކަންބޮޑުނުވޭ." އެ ބޭކަލަކު ވިދާޅުވިއެވެ. "އޭނާ ތިޔަ ކަމަކަށް އެއްވެސް ފައިސާއެއް ނުހިފާނެ. އެކަން އެއްކިބައިގައި އޮއްވާ އޭނާ ކަލޭގެ އަނބިމީހާއަށް ވަރަށް ހެޔޮވާނެ."

އެ ބޭކަލަކު އެނބުރި ގެއަށް ވަޑައިގަތްއިރު ރޭގަނޑު ދެބައި ވެއްޖެއެވެ. އަނބިކަނބަލުން އޭނާގެ ފިރިކަލުންގެ އިންތިޒާރުގައި އަދިވެސް އޮންނެވީ ހޭލައްވައެވެ. ފިރިކަލުން ކަންބޮޑުވެފައިވާތަން ފެނިވަޑައިގެންފައި އަނބިކަނބަލުން، އެވެގެން އުޅޭގޮތެއް އޮޅުންފިލުވަން ސުވާލު ކުރެއްވިއެވެ. ފިރިކަލުން އެ ޢަރަބިމީހާގެ ވާހަކަ އަނބިކަނބަލުންނަށް ވިދާޅުވެދެއްވިއެވެ. އޭނާއަށް މިހާ ބޭނުންތެރިވެފައިވާ ވަގުތު އެ މާބަނޑުމީހާއަށް ކޮންމެހެންވެސް އެހީއެއް ވެދޭން ޖެހޭނެއެވެ. އަނބިކަނބަލުންނަކީވެސް އޭނާގެ ފިރިކަލުންފަދަ މާތް މުސްލިމެކެވެ. އެހެންކަމުން ހަމަ އެވަގުތު ވަޑައިގަތުމަށް އެކަމަނާ ވިދާޅުވިއެވެ.

"ހީވަނީ އެއީ ވަރަސް ނިކަމެތި ބައެއްހެން." ފިރިކަލުން ވިދާޅުވިއެވެ. "އެއްވެސް ކަހަލަ ކާއެއްޗެއް އެބަހުރިތަ އެމީހުނަށް ގެންދަން؟"

އަނބިކަނބަލުން-        ކަލޭގެފާނަށް ބެހެއްޓި ފަރިއްކޮޅު ހުރިގޮތަށް ހުންނާނެ.

ފިރިކަލުން-            ދެން އެހެން އެއްޗެއް؟
އަނބިކަނބަލުން-        ބަކަރި ކިރުފޮދެއް.
ފިރިކަލުން-            އަދި ކޮންމެވެސް އެއްޗެއް.
އަނބިކަނބަލުން-        ގޮދަންފުށްކޮޅަކާ، ޒައިތޫނި ތެޔޮފޮދެއް.
ފިރިކަލުން-            ގޭގައި އަދި އެހެން އެއްޗެއް އެބަހުރިތަ؟
އަނބިކަނބަލުން-        މާތްރަސްކަލާނގެ ގަންދީފައި ދަންނަވަން. މިނޫން އެކައްޗެއްވެސް ގެޔަކުނެތް.
ފިރިކަލުން-        އެންމެ ރަނގަޅު. ތިޔަ ހުރިހާ އެއްޗެއް ތައްޔާރު ކުރައްވާ، އަޅުގަނޑު ޖަމަލު ތައްޔާރު ކޮށްލާނަން.  ވަރަށް އަވަސްކޮށްލައްވާ.
އަނބިކަނބަލުން-       ކަލޭގެފާނު ފަރިއެއްނުކުޅުއްވާނުތޯ؟
ފިރިކަލުން-           އެފަކީރުން ރޭ ފަތިހުއްސުރެ މިހާތަނަށް ތިބީ އެއްވެސް އެއްޗެއް ކައިގެންކަން، ނުވަތަ ނޫންކަން އެންމެބޮޑަށް ދެނެވޮޑިގެންވާނީ މާތްރަސްކަލާނގެ.
އަނބިކަނބަލުން-       ދެން ކަލޭގެފާނު ކުޑަ ކިރުފޮދެއް ހިއްޕަވަންވީ ނޫންތޯ.
ފިރިކަލުން-          'އެފަގީރު، ނިކަމެތި އަންހެނާއަށް އެ ކިރުފޮދު މާބޮޑަށް ބޭނުންވާނެ. ތެދުވަމާ ހިނގާ. އަވަސް ކުރަމާ ހިނގާ." އެކަލޭގެފާނު ހުންނެވީ ވަރަށް ކަންބޮޑުވެ ވަޑައިގެންފައެވެ. "އަދި ބައްތިއެއްވެސް ގެންދަންވާނެ."

ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި ޖަމަލު ތައްޔާރު ކުރައްވައިފިއެވެ. ގެކޮޅުގައި ހުރިއްޔާ ހުރި އެއްޗެއް ހިއްޕަވައިގެން ދަތުރަށް ފައްޓަވައިފިއެވެ. ކުޑައިރުކޮޅަކަށްފަހު، އެދެކަނބަލުން ތިއްބެވީ އެ ޢަރަބިމީހާގެ ފޭލިގޭގައެވެ. އޭނާޔާ މުޚާޠަބު ކުރައްވަމުން އެބޭކަލަކު ވިދާޅުވިއެވެ.

"އަވަހަށް އަހަރެންގެ އަންހެނުންނަށް އެތެރެޔަށް ވަނުމުގެ ހުއްދަދީ. ކަލޭގެ އަންހެނުންނަށް އެހީވެވޭނީ އޭރުން."

"ކަލާ ވަރަށްވެސް ހެޔޮ. ނަމަެވސް ތިޔަ ހެޔޮކަމަށް ބަދަލެއް ދޭނީ ކިހިނަކުންކަމެއް އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގޭ. އަހަރެން މީނީ ނުވެސް ކައި."

"ބަދަލުދޭ ވާހަކަޔާ، އަގުދޭ ވާހަކަ ހުއްޓާލާ." އަހަރެންގެ އަންހެނުންނަށް އަވަހަށް އެތެރެޔަށް ވަދަވޭނެގޮތް ހަދައިދީ." އެބޭކަލަކު ވިދާޅުވިއެވެ.

އަނބިކަނބަލުން އެތެރެޔަށް ވެދެވަޑައިގަތެވެ. އެވަގުތު އެބޭކަލަކު މިގެންނެވި ކޮތަޅު ހުޅުވައި ލެއްވިއެވެ. ދެން އެކަލޭގެފާނު ފަރިއްކޮޅު ނަންގަވައި ބެހެއްޓެވިއެވެ. އެ ޢަރަބިމީހާ އެކަލޭގެފާނަށްވެސް ފަރިއްކުޅުއްވަން ދެންނެވިއެވެ. ނަމަވެސް އޭގައިހުރީ އެކެއްގެ ކޮއްތެވެ. މިހެންވެ، އެބޭކަލަކު ފަރިއްކުޅުއްވުމަށް އިންކާރު ކުރެއްވިއެވެ. އެތަންވަޅު ޢަރަބިކަލޭގެ ކައި ބަނޑުބޮޑުކޮށްލިއެވެ. ކައި ނިމުނީމާ އެކުވެރިކަމާއެކު ވާހަކަދައްކާން ފެށިއެވެ.

ޢަރަބިމީހާ-    ތިޔައީ، މަދީނާގައި އުޅޭ މީހެއްތަ؟

އެބޭކަލަކު-     ނޫނޭ، އަހަރެން އުފަންވީ މާތްވެގެންވާ މައްކާގައި.

ޢަރަބިމީހާ-    ކަލޭ މައްކާއިން އައީ ކީއްވެގެން؟

އެބޭކަލަކު-    މައްކާއިން މިރަށަށް އައީ އަހަރެންގެ ސާހިބާގެ އަރިހުގައި.

ޢަރަބިމީހާ-    ކަލޭގެ ސާހިބުމީހާ، ކަލޭ މިނިވަންކޮށްދިންތަ؟

އެބޭކަލަކު-    އެސާހިބާ އަހަރެން މުސްލިމުންނަށް ޚިދުމަތް ކުރަން ކަނޑައެޅުއްވި.

ޢަރަބިމީހާ-    ތިޔަހެންޏާ ކަލެއަށް ކައު އިތުރު رسولِ صلىﷲ عليه وسلم ގެ އަޞްޙާބު ބޭކަލަކު ދުށުމުގެ ފުރުޞަތެއް ލިބުނުތަ؟

އެބޭކަލަކު-    ޝައްކެއްވެސްނެތް. އެތައްފަހަރަކު.

ޢަރަބިމީހާ-    ކިހާ ނަސީބުވެރި، އަޅެ، އަހަންނަށް ކީރިތި ރަސޫލާ އުޅުއްވީ، ކޮންކަހަލަ އުޅުއްވުމެއްކަން ބުނެދީފާނަންތަ؟

އެބޭކަލަކު-    ކީރިތި ރަސޫލާ އުޅުއްވީ، ނުހަނު ސާދާ ދިރިއުޅުއްވުމެއް. ފަރިއްކުޅުއްވަނީ، އެހާ އާދައިގެ ތަކެތި. ތުރުކުރައްވަނީ އާދައިގެ ހެދުންކޮޅު. އެކަލޭގެފާނު، ސާފުކަމަށް ނުހަނު ލޯބި ކުރައްވާ. އިތުރު އެކަލޭގެފާނުފަތިހާ ތެދުވެ ވަޑައިގަނޭ. އެންމެ ފުރަތަމަ ކަމަކަށް ކުރައްވާކަމަކީ، ދަތްޕުޅު އުނގުޅުއްވައި، މޫނުފުޅު ދޮންނެވުން. އެކަލޭގެފާނު، ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާ. ކޮންމެ ކަމެއްވެސް ކުރައްވަނީ އަމިއްލަފުޅަށް އަތްޕުޅުން. ހެދުންކޮޅުގައި އަމިއްލަފުޅަށް ފޮތި އަޅުއްވާ، ފައިވާންޖޯޑުކޮޅު ރަފޫ ކުރައްވާ، ބަކަރިން ކިރުފެއްލަވާ، ގޭތެރެ ކުނިކައްސަވާ. رسولِ صلىﷲ عليه وسلم ޙަދީޘް ކުރައްވާ، އީމާންތެރިކަމާއެކު އެމީހެއްގެ ދިރިއުޅުމަށްޓަކައި މަސައްކަތް ކުރާ ކޮންމެ މީހަކުދެކެ މާތްރަސްކަލާނގެ ލޯބިވެ ވޮޑިގެންވެއޭ. ކީރިތި ރަސޫލާ ފަޤީރުންނަށް އެހީވެ ވަޑައިގެން ދެއްވާ، ޔަތީމުންނާ މިސްކީނުންނަށް މަދަދު ފޯރުއްވާ. އެކަލޭގެފާނަކީ، އަޅާލާނެ ވާލެއް އިޔާރެއް ނެތް މީހުންގެ އެހީތެރިޔާ. މާތްރަސޫލާގެ އަރިހަށް މީހެއްގެ ނުފޯރާކަމާއި ނިކަމެތިކަމުގެ ހާލު ހުށަހެޅުމަށްފަހު، ދުވަހަކުވެސް އެމީހަކު އުއްމީދު ކެނޑިގެން ދިޔަކަ ނުދެއްވާ. އަންހެނުންނަށް އިޙްތިރާމް ކުރައްވާ. އެކަލޭގެފާނު، އެންމެ ބޮޑެތި މުސީބާތުގެ ވަގުތުގައިވެސް މާޔޫސްވެ ވަޑައެއްނުގަންނަވާ. އެކަލޭގެފާނު އަބަދުވެސް ޢާއްމުންގެ ހެވާއި ލާބަޔަށް ޚިޔާލު ކުރައްވާ. އަދި ވިދާޅުވޭ، އެންމެހައި އިންސާނުންނީ، ހަމަހަމަ ބައެކޭ. މާތްރަސޫލާއަކީ ޢަރަބީންނާއި ޢަޖަމީންގެ ރަސްގެފާނު ކަމުގައި ވެވޑައިގަތުމާއެކުވެސް، އެކަލޭގެފާނަކީ، އެހެން މީހުންނަށްވުރެ، މާމޮޅު މީހަކަށް ވެވަޑައިގެން ނޫޅުއްވާ. އަވަހާރަވުމުގެ ދާންމަތިކޮޅުގައި އޮންނެވިއިރު އިޢުލާނު ކުރެއްވި. "ތިމަން ކަލޭގެފާނާ ބެހޭގޮތުން އެއްވެސް މީހަކުގެ ޝަކުވާއެއް އެބައޮތް ހެއްޔެވެ؟ އެއްވެސް މީހަކަށް، ތިމަން ކަލޭގެފާނަނަށް ކުށެއް ކުރެއްވިފައި އެބައޮތް ހެއްޔެވެ؟ އެހެން ކަމުގައިވާނަމަ އެކަންކަމުގެ ސަޒާ ލިބިވަޑައިގަތުމަށް ތައްޔާރެވެ. އެއްވެސް މީހެއްގެ އަމާނަތެއް ތިމަން ކަލޭގެފާނު އަތްޕުޅުގައި އޮތްނަމަ، އަނބުރާ ގެނދާށެވެ. ދަރަންޏެއް އޮތްކަމުގައި ވާނަމަ އަދާކުރައްވާ ހުށީމެވެ." މީ، އެކަލޭގެފާނުންގެ ތަޢުލީމީ. މިއީ، އެކަލޭގެފާނުންގެ މިނިވަންކަމުން ފުރިގެންވާ މަސައްކަތްތެރި ދިރިއުޅުއްވުމަކީ.

ޢަރަބިމީހާ-    ކަލޭގެ ތިޔަ ވާހަކައިގެ ނަމާދާ، ރޯދަޔާ، ޙައްޖާ ދެންވެސް މިކަހަލަ ކަންތަކާ ބެހޭގޮތުން އަދި އެއްވެސް އެއްޗެއް ބުނެއެއް ނުދެމެއްނު.

އެބޭކަލަކު-    އެކަލޭގެފާނު، ނަމާދު ވަރަށް ބަރާބަރަށް އަދާކުރައްވާ. އެކަލޭގެފާނު ޙަދީޘް ކުރައްވާ، ތިމަން ކަލޭގެފާނު ނަމާދު އަދާކުރެއްވީމާ، އޭގެ ސަބަބުން ރޫޙާނީ ޠާހިރުކަމެއް ލިބިވަޑައިގަނެއޭ. އޭގެ ފަހުގައި މުޅި ހަށިކޮޅު ސާފުވެދޭ. އަދި އެކަލޭގެފާނު މިހެންވެސް ވިދާޅުވޭ، ނަމާދަކީ ހަރުގަނޑެއްކަހަލަ އެއްޗެކޭ. އެހަރުގަނޑުން ޙަޔާތުގެ އެންމެ މަތިވެރި، އެންމެ ޢިއްޒަތްތެރި މަޤާމަށް މީހާ ގެންދެއޭ. އަދިވެސް ޙަދީޘް ކުރައްވާ، އަޅުކަން ކުރަމުން، ނަމާދު ކުރަމުން ގެންދާ މީހަކު ޔަތީމުންގެ މުސީބަތްތަކާ އެމީހުންގެ ބޭނުންތަކުން ޣާފިލުވެގެން ހުރެއްޖެނަމަ، އަދި އެމީހުންގެ އުނދަގޫތައް އިޙްސާސް ނުވާނަމަ އެމީހަކަށް ނަމާދެއްނެތޭ. ނަމާދު، އަހަރެމެން މަގަށް އަޅުވައެވެ. ނަމާދު، އަހަރެމެންނަކީ އީމާންތެރި މަސައްކަތްތެރި ބިރުކުޑަ ވަފާތެރި ވަގުތަށް ޙުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހަދައޭ. އެކަން ފިޔަވައި އަހަރެމެންގައި ލޯބި އުފައްދާ ބަނީނައުޢު އިންސާނުންނަށް ޚިދުމަތް ކުރުމުގެ ފިޅާވަޅު ދަސްކޮށްދޭ. އެކަލޭގެފާނު ޙަދީޘް ކުރައްވަނީ، ދީނުގެ މާނައަކީ، މާތްރަސްކަލާނގެ ދެކެ ލޯބިވުމާ، ބަނީ ނައުޢު އިންސާނުންނަށް ޚިދުމަތް ކުރުމޭ.

ފޭލިގޭ ތެރެއިން، އިވެމުންދިޔަ ކުކުރުމާ ވޭނުގެ އަޑުން މިވާހަކަތަކުގެ ސިލްސިލާ މެދުކެނޑިއްޖެއެވެ. ކުޑަކުޑަ އިރުކޮޅަކަށްޓަކައި، އެތަނަށް ހަމަހިމޭންކަން ފެތުރިއްޖެއެވެ. ކުއްލިއަކަށް އެ ޢަރަބިމީހާ ކޮޅަށް ތެދުވެއްޖެއެވެ. ކުޑައިރުކޮޅަކު ހިނގައިލުމަށްފަހު، އަނެއްކާވެސް އެބޭކަލަކު އަރިހުގައި އިށީނދެއްޖެއެވެ. ދެން މިގޮތަށް ވާހަކައިގެ ސިލްސިލާ ފެށިއްޖެއެވެ.

ޢަރަބިމީހާ-    ކަލޭ ޢުމަރުގެފާނު ދަންނަންދޯ؟ މީހުންބުނޭ އެއީ ވަރަށް ހަރުކަށި ބޭކަލެކޭ.

އެބޭކަލަކު-    ޝައްކެތްވެސްނެތް. އޭނާގައި ތިޔަ ބޮޑު އުނިކަން ހުރޭ!

ޢަރަބިމީހާ-    އެކަހަލަ ރުޅިދަގަމީހަކު، ޚަލީފާއަކަށް މިމީހުން އިންތިޚާބު ކުރިކަމާ ދޭތެރޭ އަހަރެން ހަމަ ހައިރާންވަން.

އެބޭކަލަކު-    އެމީހުންނަށް އެއަށްވުރެ ރަނގަޅު ޚާދިމަކު ނުލިބުނީ ކަމަށްވެސް ވެދާނެ.

ޢަރަބިމީހާ-    ޚާދިމޭ. ތިޔަބުނީ ކީކޭތަ؟ ޚަލީފާއަކީ، ކީރިތިކަމާއި މޫރިތި ކަމާއެކު ދިރިއުޅުއްވުން ވޭތުކުރައްވާ ބޭފުޅެއް ނޫންހެއްޔެވެ؟ އޭނާގެ އަތްޕުޅުގައި އެތައް ބައިވަރު ފައިސާއަކާ މުދަލެއް ހުންނާނެ ނޫންހެއްޔެވެ؟

މިހާސާބުން ފޭލިގޭ ތެރެއިން އަޑެއް އިވިއްޖެއެވެ. ކުޑަކުއްޖަކު އުފަންވީމަމުގެ ޚަބަރު ދިނީއެވެ.

"އަމީރުލް މުއުމިނީން" އެބޭކަލަކު އަނބިކަނބަލުން ގޮވާލެއްވިއެވެ. "ކަލޭގެފާނު އެކުވެރިޔާއަށް މުބާރަކުބާދު އަދާކުރައްވާ. މާތްރަސްކަލާނގެ ފަޟްލުވަންތަ ވެރިކަމުން އޭނާއަށް ފިރިހެން ދަރިއަކު ދެއްވައިފި."

އަމީރުލް މުއުމިނީންގެ ލަފްޒު އަޑުއިވުމާއެކު އެ ޢަރަބިމީހާ ސިއްސައިގެންގޮސް ކަންބޮޑުވެއްޖެއެވެ. މިބޭކަލަކީ މުސްލިމުންގެ ޚަލީފާތާއޭ، އޭނާ ހިތަށްއެރިއެވެ. ގަތްބިރުން އޭނާ ތުރުތުރުއަޅާން ފެށިއެވެ. ބިރުން ތުރުތުރު އަޅަމުން އޭނާ ދެންނެވިއެވެ.

"އަމީރުލް މުއުމިނީން! އަޅުގަނޑަށް މަޢާފުކުރައްވާ! އަޅުގަނޑަށް މަނިކުފާނާ މެދު ކަންތައް މި ބެހެއްޓުނީ ވަރަށް އަދަބު ކުޑަކޮށް."

"އެކުވެރިޔާ! ތިޔަކަމާ ކަލޭ ތިޔަވަރަށް ކަންބޮޑުނުވޭ!" ޢުމަރުގެފާނު އޭނާގެ ހިތްހަމަ ޖައްސައިދެއްވަމުން ވިދާޅުވިއެވެ. "އަހަންނަކީވެސް ހަމަ ކަލޭކަހަލަ އާދަމުގެ ދަރިޔެއް. މާތްރަސްކަލާނގެ ޙަޟްރަތުގައި މޮޅެއް ދެރައެއް ނެތް. ހުރިހާ އެންމެން އެއްވަރު. މާތްރަސްކަލާނގެ ލޯބިވެ ވޮޑިގެންވަނީ، އެކަލާނގެ މަޚްލޫޤުންދެކެ ލޯބިވާ މީހުންދެކެ. އަހަރެން ހަމައެކަނި އަހަރެންގެ ފަރުޟު އަދާކުރީ. މަތިވެރި މާތް އިސްލާމްދީނުގައި ވެރިޔާ، ނުވަތަ، ރަސްގެފާނުގެ މާނައަކީ، ޢާންމުންގެ ޚާދިމު.
----------------
(ނިމުނީ)

މި ލިޔުން:  
     އަލުން ޓައިޕުކުރުން:     ޢަބްދުލްޢަޒީޒު ޖަމާލަު އަބޫބަކުރު
     އަލުން ބެލުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެދިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:         ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ