އަދުގެ ޚާއްސަ

Print

ހުމާޔޫން ރަސްގެފާނާއި، ދުޝްމިނު ސިފައިންގެމީހާ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



عــبدالله صـادق

މިއީ މުޣަލް ރަސްކަލެއް ކަމުގައިވާ ހުމާޔޫންގެ ދުވަސްވަރު ހިނގި ހާދިސާއެކެވެ. ޝޭރުޝާހްސޫރީގެ ދިދައިގެ ދަށަށް މުޅި އަފްޣާން އެކައްޗަކަށްހަދައި އެއްކޮށްލިއެވެ. އެއަށްފަހު އެމީހުން ރަނގަޅަށް ހަނގުރާމަ ފަށައިފި އެވެ. އަދި މުޣަލް ރަސްކަމުގެ އެއްބަޔަށް އެމީހުން ވެރިވެގެންފިއެވެ. ޝަހެންޝާހް ހުމާޔޫން ބީރަމްޚާންގެ މަޝްވަރާގެ މަތިން އެއްކުރެއްވި ލަޝްކަރަކާއިގެން ކުރިޔަށް ވަޑައިގަތެވެ. ދާދިއަވަހަށް އަފްޣާނުގެ ވަރަށް މުހިއްމު ކިއްލާއަކަށް ހަމަލަ ދެއްވައިފިއެވެ.

އެ ތަނުން އެލަޝްކަރާ ކުރިމަތި ލެއްވީ ޝާހްސޫރީގެ ފިރިހެންދަރިކަލުންނާއި އަދި އެނޫންވެސް ތަޖްރިބާ ހުރި ޖަނަރަލުންނެވެ. މި ހަނގުރާމައިގައި ކަމިޔާބުލިބިވަޑައިގަތީ ހުމާޔޫން އަށެވެ. އަފްޣާނުންނަށް ޖެހުނީ ބަލިވުމާ ކުރިމަތިލާށެވެ.

ހަވީރުވަގުތު ހުމާޔޫން ހަނގުރާމައިގެ މައިދާން ބައްލަވައިލައްވަން ވަޑައިގަތެވެ. އެތާނގައި ދުޝްމިނުންގެ ކަށްތައް ކުނިތަކެއް އުކާލައިފައި އޮތްހެން އުކިފައި އޮތެވެ. ހިންގަވަމުން ވަޑައިގަންނަވަނިކޮށް ކަންފަތްޕުޅުގައި މީހަކު ކުކުރާއަޑު ޖެހުނެވެ.

ހުމާޔޫން ހަމަ ކުއްލިއަކަށް ހުއްޓިވަޑައިގަތެވެ. ބައްލަވައިލެއްވި އިރު އެއީ ވަރަށްބޮޑަށް ޒަޚަމްވެފައިއޮތް އަފްޣާނު ހަނގުރާމަވެރިއެކެވެ. އެއީ، އެމީހުންގެ ވެރިއެކެވެ. ކުކުރަކުކުރައި މި އޮތީ އޭނާ އެވެ. ހަމަ ވަގުތުން ބީރަމްޚާނަށް އެންގެވިއެވެ. ޒަޚަމްވެފައި މި އޮތް ސިފައިންގެ މީހާ ޝާހީފޭލިގެ އަށް އަވަހަށް ގެންދާށެވެ! އެހުކުމްފުޅާއެކު އެކަމަށް އަމަލު ކުރެވިއްޖެއެވެ. ޒަޚަމްވެފައިވާ މީހާ ޝާހީފޭލިގެއަށް ގެންދެވި ބޭސްއަޅައިދީ ހެދިއްޖެއެވެ.

އަފްޣާނުގެ މި ވެރިޔާއަށް ހޭވެރިކަން ވުމާއެކު އޭނާއަށް ފެނުނީ ބޭސްއަޅައި، ތަންތަން އައްސައި ހަދައިފައި އޮއްވައެވެ. ވަރަށްގިނަ ތަންތަން ޒަޚަމްވެފައިވެސް އެބަހުރިކަން އެނގެއެވެ. އޭނާ މިހާލުގައި އޮއްވާ ފެނުމާއެކު، ހައިރާންވެފައި ސުވާލުކޮށްލިއެވެ. "އަހަރެން މިއޮތީ ކޮންތަނެއްގައިތަ؟" ކުއްލިއަކަށް ސިފައިންގެމީހަކު ކުރިޔަށް ޖެހިލާފައި ބުންޏެވެ. "ތިޔައީ ހުމާޔޫން ރަސްގެފާނުގެ ލަޝްކަރުގެ މީހަކީމު" ދެން އޭނާ، އެ އަފްޣާނު މީހާޔަށް ހުރިހައި ވާހަކައެއް ފެށުނީއްސުރެން ނިމެންދެން ކިޔައިދިނެވެ. އަފްޣާނުގެ މި، ވެރިޔާގެނަމަކީ، ގުލްޝޭރުހާނެވެ. އޭނާއަށް މިހުރިހައި ތަފްސީލެއް ލިބުމާއެކު އަޑުގެކޮޅަށް ހަޅޭއްލަވައިގަތެވެ. "ނޫންނޫން! އަހަރެން މުޣުލުންދެކެ ފޫހިވޭ، އެމީހުންދެކެ ރުޅިއަރާ އަހަރެން މިތާނގައި އެންމެ އިރުކޮޅަކުވެސް ނުހުންނާނަން" އަފްޣާންވެރިޔާ ހަޅޭއްލަވަން ފެށީމާ އެހެންގޮތެއް ނެތިގެން އޭނާ ރަސްގެފާނު އަރިހަށް ހާޒިރުކޮށްފިއެވެ.

ހުމާޔޫން ނުހަނު އޯގާވެރިކަމާއެކު އޭނާއާދޭތެރޭ ކަންތައް ކުރެއްވިއެވެ. އަފްޣާނުވެރިޔާ ދެންނެވިއެވެ. "އަޅުގަނޑު ހައިރާންވެއްޖައިން. ރަސްގެފާނު! އަޅުގަނޑަކީ މަނިކުފާނުގެ ޖާނީ ދުސްމިނަކަށް ވާއިރު އަޅުގަނޑުމަރުވިޔަ ނުދެއްވީ ކީއްވެގެންތޯ؟ އަޅުގަނޑު ފޮނުވާލައްވާ. އަޅުގަނޑު ދިޔަދީ. އަޅުގަނޑު އެންމެ އިރުކޮޅަކަށްވެސް މިތާނގާ މަޑުކުރާކަށް ބޭނުމެއްނޫން."

"އޭތް! އަފްޣާނުގެ ހަނގުރާމަ ވެރިޔާ! އަހަންނާއި ކަލެޔާ ދެމެދު ދުޝްމިނުކަން އޮންނާނީ ހަމައެކަނި ހަނގުރާމައިގެ މައިދާނުގައި. ކަލޭތިޔަވަނީ ޒަޚަމްވެފައި. އެހެންވީއިރު ބޭސްވެރިކަމުގެ ގޮތުން އެހީވުމަކީ އިންސާނިޔަތުކަމުގެ ޖަޒުބާތެއް. އެއީ އިންސާނިޔައްތުކަމުގެ ކަމެއް. އަހަރެން، އަހަރެންގެ ވާޖިބުއަދާކުރީ. ކަލޭ ގަދަވަންދެން މިތާނގައި މަޑުކުރޭ! އޭގެފަހުން ފެންނަގޮތަކަށް ކަންތައްކުރޭ!" ރަސްގެފާނު ހިނިތުންވެ ވަޑައިގަތުމާއެކު ވިދާޅުވިއެވެ.

މިޖަވާބުގެ އަޑުއަހާފައި އަފްޣާންވެރިޔާ ހަމަހިމޭންވެއްޖެ އެވެ. ދެން ދުވަސްކޮޅަކުން އޭނާ މުޅިން ރަނގަޅުވެއްޖެ އެވެ. އޭނާ ހުމާޔޫންގެ އަޚްލާޤުގެ މާތްކަމަށްޓަކައި އެ ރަސްގެފާނުދެކެ، ވަރަށްބޮޑަށް ލޯބިވެއްޖެ އެވެ. ދެންއޭނާ ހުމާޔޫންގެ އަރިހަށް ހާޒިރުވެ ދެންނެވި އެވެ.

"މާތް ރަސްގެފާނު އެވެ! ރަސްގެފާނުގެ އަޚްލާޤު، އަޅުގަނޑުގެ ރުޅިވެރިކަން ލޯތްބަށް ބަދަލުކުރައްވައި ފީމުއެވެ. މިހާރު އަޅުގަނޑު މަނިކުފާނާ ދޭތެރޭ، ދުސްނިމުންކަން ހިތަށްވެސް ނުވެއްދޭ. އަޅުގަނޑު، މަނިކުފާނުގެ ވަފާތެރިންގެ ތެރޭގައި ހިމަނުއްވައިދެއްވާ"

މިއަޑު އައްސަވައިފައި އޭނާ އެދުނު އެދުން ޤަބޫލުފުޅު ކުރެއްވިއެވެ. އަދި އޭނާ، އެމަނިކުފާނުގެ ލަޝްކަރުގައި ހިމެނުއްވިއެވެ.    
ތެދެކެވެ. ރީތި ބަހުރުވަ އާއި މާތް އަޚްލާޤު އިންސާނާ އަބަދުވެސް އިއްޒަތްތެރި ކުރުއްވައެވެ.
---------------------
(ނިމުނީ)

މި ލިޔުން:  
     އަލުން ޓައިޕުކުރުން:     ޢަބްދުލްޢަޒީޒު ޖަމާލަު އަބޫބަކުރު
     އަލުން ބެލުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:         ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ