www.fanvai.info

Print

ތަޢުލީމީ ނިޒާމުގެ ތެރެއިން ކިޔަވާ ކުދިންގެ ކިބައިގައި ރަނގަޅު އަޚްލާޤީ ސިފަތައް އަށަގެންނެވުން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު



މައިމޫނާ ޙުސައިން - ބ. ތުޅާދޫ

ތަޢުލީމީ ނިޒާމު ބައްޓަން ކުރެވިފައިވާ ކޮންމެތަނެއްގެ އެންމެ މުހިއްމު އެއް ވާޖިބަކަށްވާންޖެހޭނީ އެތަނެއްގައި ކިޔަވާކުދިންގެ ކިބައިގައި ރަނގަޅު ތަރުބިއްޔަތެއް އަށަގެންނެވުމެވެ. އަދި މިއީ އެބަޔެއްގެ އެންމެ މުހިއްމު މަޤްޞަދަކަށް ވެސް ވާންޖެހޭނެކަމެކެވެ. އެ ބަޔެއްގެ މާޙައުލުގެ ތެރެއިން ތަރުބިއްޔަތުވެގެން ނިކުންނަ ކޮންމެ ދަރިވަރަކީ މުޖުތަމަޢުގެ ތެރޭގައި ހިނގާ ނުބައި އޮއިވަރުން ސަލާމަތްވުމުގެ މަގު ތަނަވަސްވެ ސިކުޑިއާއި ލޯ ހުޅުވިފައިވާ ހަރުދަނާ ކުދިބަޔަކުކަމުގައި ވާންޖެހޭނެ އެވެ. އަދި ހަމަ އެހެންމެ އެ މުޖުތަމަޢެއް ޤަބޫލުކުރާ ސިފަތައް އެ ކުދިންނަށް ކާމިޔާބުކަމާ އެކު ލިބިދިނުމަކީ ވެސް މުހިއްމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމުގައި ހަދަންޖެހެއެވެ.

ކުދިންގެ އަޚްލާޤީފެންވަރު ރަނގަޅުކުރުމުގެ ވާހަކަދައްކާއިރު "އަޚްލާޤް" މިލަފުޒު މާނަކުރެވޭ ގޮތާ މެދު ވެސް ކުޑަކޮށް ބަލައިލަންޖެހެއެވެ. މިގޮތުން މި ލަފްޒު ތަފާތު މާނައިގައ ބޭނުންކުރެވެއެވެ. މިސާލަށް ތިމާގެ އަމިއްލަ ނަފްސު އެހެންމީހުންނަށް ހުށަހަޅާގޮތް، ނުވަތަ މުޖުތަމަޢު ޤބޫލްކުރާގޮތަށް އެމީހެއްގެ އުޅުން ބައްޓަންކުރާ ގޮތް މެއެވެ. ބޭރުގެ ތަޖުރިބާކާރުން ވިދާޅުވާގޮތުން އެމީހެއގެ އަމިއްލަ ދިރިއުޅުމާއި، އެހެންމީހުންނާއި މުޢާމަލާތުކުރުމުގައި ގެންގުޅޭ ސިފަތަކާއި، ގޮތްތަކަކީ "އަޚްލާޤް" މާނަކުރެވޭ ގޮތްތަކެވެ.

ކުދިންގެ އަޚްލާޤީ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމަކީ ކޮންމެ ސްކޫލެއްގައި ވެސް ހަމަޖެހިފައި އޮންނަންވާނެ ހަރުދަނާ ނިޒާމަކަށް ވާން ޖެހޭނެއެވެ. ހަމަޔަޤީނުން ވެސް މިއީ ކޮންމެ ސްކޫލަކުން ވެސް ކުރާނެ ވަރަށް ފޮނި އުއްމީދެކެވެ. އެހެންކަމުން ދުނިޔެ ބަދަލުވަމުން މިދާ އޮއިވަރާއ ގުޅިގެން ދިވެހި މުޖުތަމަޢު އާއި ދިވެހިވެއްޓަށް ފެތޭ ފަދަ ހަރުދަނާ ގޮތެއްގައި އެކަމަށް އެންމެ އެކަށީގެންވާ ޙަރަކާތްތައް ހިންގުމަކީ ސްކޫލްތަކުން މިއަދު ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެކެވެ.

ކުދިންގެ އިޞްލާޙަށްޓަކައި ސްކޫލްތަކުން ހަދާ ޤަވާޢިދުތައް ވާންޖެހޭނީ ކުދިންނަށް އެކަށީގެންވާ އަދި ޢާއިލާ އާއި މުޖުތަމަޢު ބަލައިގަންނަ ފަދަ ހަރުދަނާ ޤަވާޢިދުތަކަކަށެވެ. ރިވެތި އަޚްލާގާއި ރިވެތި ސިފަތައް ކަނޑައެޅުމުގައި މުޖުތަމަޢުގެ އެކިއެކި ފަރާތްތަކުންގެ ޚިޔާލު ތަފާތުވެއެވެ. އެހެންކަމުން ކުރިން ދެންނެވި ފަދަ ހަރުދަނާ، ހަރުދަނާ ނިޒާމެއް ކަނޑައެޅުން ވަރަށް ދައްޗެވެ. ސްކޫލެއްގެ މަޤްޞަދު އެންމެ ކާމިޔާބުކަމާއެކު ޙާޞިލްކުރުމަށް އެ ތަނެއްގައި އުޅޭ އެންމެންގެ އަޚްލާޤީ މިންގަނޑު ރަނގަޅުވުން ކޮންމެހެން ލާޒިމްވާނެ އެވެ. މިސާލަކަށް ކުއްޖަކަށް ކުރެވޭ ގޯސްކަމަކުން އޭގެ އަސަރު އެހެންކުއްޖަކަށް ކުރުން، ނުވަތަ އެއް މުވައްޒަފެއްގެ ފަރާތުން ކުރެވޭ ކަމަކުން އަނެއް މުވައްޒަފެއްގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ މައްސަލައެއް ކުރުމަކީ ވެސް ހަމަ ނުރަނގަޅު ޢަމަލެކެވެ. މުޖުތަމަމަޢުގެ ހުރިހާ އަފުރާދުންގެ ރުހުން ލިބޭނީ ރަނގަޅު އަޚްލާގަކާއެކު ސްކޫލް ނިންމައިލެވޭ ދަރިވަރުންނަށެވެ.

ސްކޫލްތަކުން ހަދާ ޤަވާޢިދުތަކަށް ޢަމަލުކުރުމުގައި އަބަދުވެސް އެއް އުޞޫލެއް (މާނައަކީ ހުރިހައިކުދިންނަށް ވެސް ހަމަހަމަވާ އުޞޫލެއް) ގެންގުޅެން ޖެހެއެވެ. އަދި ސްކޫލްތަކުން ހަދާ ކޮންމެ ޤަވާޢިދެއް އެންމެ ފުރިހަމަ ގޮތެއްގައި ކުދިންނަށް އެނގުން ވެސް މުހިއްމެވެ. ސަބަބަކީ އެފަދަ ގަވާއިދުތައް ކުދިން ޤަބޫލުކުރާނީ ވެސް އެ ޤަވާއިދުތައް ކުދިންނަށް އެނގިގެން ކަމަށްވާތީއެވެ. ޤަވާއިދުތަކަށް ޢަމަލުކުރުމުގައި އެކިފަހަރު އެކިގޮތައް ބޭނުންކުރެވެން ފަށައިފިނަމަ އެ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ ބަދަލުގައި އެ ފަދަ ޤަވާޢިދުތައް މުގުރާ ބަޔަކުކަމުގައި ބައެއްފަހަރު ކުދިންވެގެން ދެއެވެ. އެހެންކަމުން ޤަވާޢިދުގެ ޙަޤީގީ މާނަ ކުދިންނަށް އޮޅި ކުއްޖާއާއި ސްކޫލާ ދެމެދު އިތުބާރު ގެއްލި އިތުރު މައްސަލަތައް ކުރިމަތިވެގެންދެއެވެ. އެހެންކަމަށްވާނަމަ ސްކޫލުގެ މާޙާއުލުގައި އިތުރަށް މައްސަލަތައް ފެންމަތިވެ އެތަނެއްގެ އަޚްލާޤީ މައްސަލަތައް ފުނިޖެހިގެން ދެއެވެ. މިއީ ވެސް ކުދިންގެ އަޚްލާގް ގޯސްވުމަށް އެތަނަކުން ކުދިންނަށް ދެވޭ "ތަޅުދަނޑި" އަކަށް ވެދާނެ އެވެ.

ކުދިންގެ ކިބައިގައ ރަނގަޅު އަޚްލާޤި ސިފައެއް އަށަގަނެވޭނީ ހަމަ އެކަނި ސްކޫލްތަކުން ހަދާ ޤަވާއިދުތަކަކުންނޫނެވެ. އޭގެ އިތުރުން ސްކޫލްގެ މާހާއުލުން ފެންނަ ކޮންމެ ކަމަކުން ކުދިންގެ އަޚްލާގަށް ރަނގަޅު އަސަރު ކުރުވާކަންތައް ހަމަޖެހިފައި އޮތުން ކޮންމެހެން ބޭނުންވާނެއެވެ. ޙާއްޞަގޮތެއްގައި ސްކޫލްގެ ކޮންމެ މުވައްޒަފެއްގެ ފުށުން ފެންނަ ކަންތައް ފަސޭހައިން ކުދިން ދަސްކުރާނެއެވެ. އެހެންކަމަށްވާއިރު މުވައްޒަފުންގެ ދައުރުވެސް ވަރަށް ބޮޑެވެ. ޚާއްޞަގޮތެއްގައި ހެދުންއަޅާ ގޮތާއި ، ބަރާބަރަށް ގަޑިއަށް ޙާޒިރުވުމާއި، މުޢާމަލާތުކުރާ ގޮތްތަކުން ކުދިންނަށް ރަނގަޅު މެސެޖެއް ދެވޭ ފަދަ ގޮތްތަކެއް ދެއްކެންޖެހޭނެ އެވެ. މިއީ ކޮންމެ މުވައްޒަފެއްގެ ވެސް ނަމޫނާއަކަށް ވާންޖެހޭނެކަމެކެވެ.

ކުދިންގެ ރަސްމީ ގަޑިތަކާއި އަދި ނުރަސްމީ ގަޑިތަކުގައިވެސް ކުދިންނަށް ބައިވެރިވެވޭ ފަދަ އަދި ކުދިންނާ ގުޅޭފަދަ ޙަރަކާތްތައް ރޭވިފައި ނެތްނަމަ ކުދިންގެ ފަރާތުން ރަނގަޅު ސިފަތަކެއް ފެނުމުގެ ބަދަލުގައި ގޯސް ސިފަތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށްވާއިރު މިފަދަ ކަންތައްތަކަށް ވިސްނައި، ކުދިންގެ ޢުމުރާ ގުޅޭފަދަ އިތުރު ޙަރަކާތްތައް ފިލާވަޅުގެ ތެރެއިންނާއި އަދި ފިލާވަޅުން ބޭރުންވެސް ކުދިންނަށް ކުދިންނަށް ލިބިދޭ ފަދަ ނިޒާމެއް ހަމަޖެހިފައި އޮތުމަކީ ކުދިންގެ އަޚްލާޤު ރަނގަޅުވުމަށް އެޅޭ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެ އެވެ. މިސާލަކަށް ތަފާތު ކްލަބުތަކުގައި ބައިވެރިވެގެން ހިންގޭ ޙަރަކާތްތައް ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ.

ކުދިންކުރާ ކުށްތަކަށް އަދަބުދިނުމުގެ ކުރިން ކުއްޖާ ކުރިކުށަކީ ކޮބައިތޯ ރަނގަޅަށް ބަލައި އޭގެ ޙަޤީޤަތް ހޯދަން ޖެހޭނެ އެވެ. އޭގެ ބަދަލުގައި ކުއްޖަކަށް ކުރެވޭ ކުށެއްގެ ސަބަބުން ހަމަ ވަގުތުން އޭގެ ޙަޤީޤަތް ނުބަލައި، ކުށުގެ ނިޔާ ކަނޑައެޅުމަކީ ނަފްސާނީގޮތުން ކުއްޖާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއަކަށް ވެގެންދެއެވެ. މިފަދަ ނިޔާ ކަނޑައެޅުމުގެ ނަތީޖާ އަކީ ކުށްކުރުމަށް ކުއްޖާ އަށް ލިބޭ ބާރަކަށް ވެގެންދިއުމެވެ.

އަޚްލާޤިގޮތުން ކުއްޖަކަށް ކުރެވޭ ކަމެއްގެ ސަބަބުން އަޚްލާޤީ ފިޔަވަޅު އަޅަންޖެހުނީ ކުއްޖާގެ ގޯސްކަމުން ނޫންކަމާއި، އަދި ކުއްޖާއާ މެދު ހިތްހަމަޖެހިގެން ނޫން ކަމާއި، ކުއްޖާ އަށް ކުރެވުނު ކަމަކީ ކަމަކީ ގޯސް ޢަމަލަކަށް ވާތީ ކަން ކުއްޖާ އަށް ރަނގަޅަށް އޮޅުންފިލުވައި ދެވިފައި އޮންނަންވާނެ އެވެ. އަދި ކުއްޖާ އަށް ކުރެވުނު ޢަމަލުގެ ސަބަބުން މުޅި ސްކޫލް، ކުއްޖާއާ މެދު ހިތްހަމަނުޖެހުމުގެ ނަޒަރަކުން ބަލައިގެން ނުވާނެ އެވެ. އެފަދަ ގޮތަކަށް ޢަމަލުކުރެވިއްޖެ ނަމަ ކުއްޖާ އިސްލާޙްކުރުމަށް ދެވޭ ފުރުޞަތު ދެވަނަ ފަހަރަށް ގެއްލިގެން ދިއުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ.

ރަނގަޅުގޮތެއްގައި ކުދިން ތަރުބިއްޔަތު ކުރެވޭނީ މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަމާއި އެއްބާރުލުން އެންމެ އެކަށީގެންވާގޮތުގައި ކުއްޖާ އަށް ދެވިގެންނެވެ. ކުދިންނަށް ކުރެވޭ ކުށްތަށް ފޮރުވުމުގެ ބަދަލުގައި ކުއްޖާ އިސްލާޙްކުރުމުމަށް ހުޅުވައިދެވެންހުރި ހުރިހައި މަގެއް އެންމެ ފުޅާގޮތުގައި ހުޅުވައިދެވިގެންނެވެ. މިކަ މަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްތަނަކީ ސްކޫލްތައް ކަމަށްވާއިރު މިކަން ސްކޫލްތަކުން މިހާރަށްވުރެ ބޮޑަށް ހަރުދަނާ ގޮތެއްގައި ބައްޓަންކުރުމަކީ އެތަނެއްގެ އެންމެ އިސް ވާޖިބުކަމުގައި މިއަދު ހަދާން ވެއްޖެއެވެ. ކުދިންގެ ކުރިމަގު އެންމެ އުޖާލާ ވާނީ އުނގެނުމުގެ ތެރެއިން ކުދިންނަށް ދެވޭ ތަރުބިއްޔަތުންކަމީ ދެބަސްވެވޭނޭ ކަމެއްނޫނެވެ. ވީމާ މިކަމަށް މިއަދު ހުރިހާ ފަރާތަކުން ވެސް ލޯހުޅުވަން މަޖުބޫރުވެއްޖެ އެވެ.
---------------------
(ނިމުނީ)

މި ލިޔުން:

    ފޮނުވުން:      އަލްފާޟިލާ މައިމޫނާ ޙުސައިން (ފަންވަތުގެ މެހުމާން ލިޔުންތެރިއެއް)
    އަލުންބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

www.fanvai.info