އަދުގެ ޚާއްސަ

Print

ސްޕޭންގެ ވިޔަފާރިވެރިޔާ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

ދުވަސްވަރަކީ، ސްޕޭންގައި މުސްލިމުންގެ ވެރިކަމާއި ބާރުއޮތް ދުވަސްވަރެވެ. ވެރިކަންކުރާ ރަށް ޤުރްޠަބާގައި ވަރަށް މަޝްހޫރު ބުއްދިވެރި ބޮޑު ވިޔަފާރިވެރިޔަކު އުޅުނެވެ. އޭނާގެ ނަމަކީ ޝައިޚް އިދްރީސްއެވެ. ނަމަވެސް ޢާއްމު ގޮތެއްގައި އޭނާއަށް ކިޔައިއުޅެނީ ސްޕޭންގެ ޝައިޚެވެ.

އިދްރީސްއަކީ ޚާންދާނުގެ ގޮތުން މާ މާތް މީހެއްނޫނެވެ. އޭނާ ޙާޞިލްކޮށްފައިވާ ހުރިހާ އެއްޗަކީ ވެސް އޭނާގެ ހިންމަތާއި މިންނަތުގެ މޭވާ އެވެ. އޭނާއަކީ ނަންގެއްލިފައިވާ ޢަރަބީންގެ ޚާންދާނަކުން ދުނިޔޭގެ އަލިކަން ދެކެފައިވާ މީހެކެވެ. އޭނާގެ މައިންބަފައިން ދިރިއުޅުނީ އަތްމަތި ދަތިކަމާއެކު ނުހަނު ދަތި ޙާލުގައެވެ. އޭނާ ދުވާލެއްގެ ފުރާގު ހޯދުމަށްޓަކައި ވަޒީފާއެއް ލިބޭތޯ އެތަންމިތަނަށް ހިނގައި ވެސް އޭނާއަކަށް ކާމިޔާބެއް ނުތްވެވެ. ކަން އެހެން ހުރުމާއެކު ވެސް ކުޑައިރު އިސްލާމީގޮތުން އޭނާޔަށް ލިބިފައިވާ ތަރުބިއްޔަތަށް ކުޑަ ވެސް ފަރަގެއް ނައެވެ. ކޮންމެ އުއްމީދު ކެނޑުމަކާ ގުޅިގެން އޭނާޔަށް ވިދަމުން އަންނަ އުއްމީދުގެ ދަޅައެއް ފެނެއެވެ. އޭނާ ތަބާވަމުންދަނީ ކީރިތި ޤުރުއާންގެ މާތް އިރުޝާދުތަކަށެވެ. އެހެންކަމުން ވަޒީފާއެއް ނުލިބުނަސް އޭނާ އެކަމަކަށް ފިކުރު ބޮޑެއް ނުކުރެއެވެ. އޭނާގެ ރިޒުޤު ކަނޑައެޅިފައިވާ ކަމަށް އޭނާ ޤަބޫލުކުރެއެވެ. އަދި ކީއްތޯއެވެ؟ މާތްރަސްކަލާނގެ ރަސްކަންފުޅަށް ފުރިހަމަ އިޢުތިޤާދު އޮވެއެވެ. ކޮންމެ ނާކާމިޔާބީއަކަށް ފަހު އޭނާގެ ހިތުގައި އާ ޖަޒުބާތެއް އާޖޯޝެއް އުފައްދައެވެ. ދެން ކުރިއަށްވުރެ މާ ވަރުގަދަ ހިތްވަރަކާއެކު ބަދުނަސީބާ އިދިކޮޅަށް ހަނގުރާމަ ފަށައެވެ.

އޭނާ އަށް އެރަށުގެ ހުރިހައި ކަމަކުން ބަދުނަސީބު ކުރިމަތިލާންޖެހި ނާކާމިޔާބުގެ މޫނު ދެކެން ޖެހުނު ހިނދު އިދްރީސް ނަސީބުގައި ވަކަރު ޖަހައިލުމަށްޓަކައި ޝާމަށް ހިނގައްޖެ އެވެ. އެ ރަށުން އޭނާގެ ނަސީބު ބަދަލުވުމުގެ ވަގުތު އަތުވެއްޖެ އެވެ.

އެއްދުވަހަކު އޭނާ މިސްކިތުގައި އިންދައި އެތަނުން، ބޮޑު ވިޔަފާރިވެރިޔަނާ ބައްދަލުވެވޭގޮތް ވެއްޖެ އެވެ. އޭނާ އިދްރީސްގެ ވާހަކަތައް އަޑުއަހައިފައި އެ ވާހަކަތަކަށް ވަރަށް ޝައުޤުވެރިވިއެވެ.  

ވިޔަފާރިވެރިޔާ: ދެން ކޮންކަމެއް ކުރަން ގަސްތުކުރަނީ؟ ހިސާބަކަށް ވެސް ލިޔެކިޔަން ދަންނަމުތަ؟

އިދްރީސް: އަޅުގަނޑު ވަރަށް ހިތާމަކުރަން. އަޅުގަނޑަކަށް ލިޔެކިޔާކަށް ނޭގޭ. އަޅުގަނޑަށް ކަނޑިހެވިކަން ރަނގަޅަށް އެނގޭ. ނޭޒާހެވިކަން ވެސް ރަނގަޅަށް އެނގޭ.

ވިޔަފާރިވެރިޔާ: ވަރަށް ރަނގަޅު. ތިޔަހައި ކުޅަދާނަ މީހަކަށްވެ ހުރެތަ ތިޔަ ވަޒީފާއެއް ހޯދަން އުޅެނީ؟

އިދްރީސް:  ވާނީ ނަސީބުގައި ލިޔުއްވާފައި ހުރި ގޮތެއްނޫންތޯ؟ އެކަލާނގެ އިރާދަކުރެއްވައިފިއްޔާ ހުރިހާ ކަމެއް ވެސް ރަނގަޅުކޮށް ދެއްވައިފާނެ. ރަނގަޅު މުސްލިމެއްނަމަ، ހުންނާނީ އަބަދު ވެސް އެކަލާނގެ މިންވަރުފުޅަށް ރުހިގެން.

ވިޔަފާރިވެރިޔާ: ބުނަން. އަހަރެން އުޅެނީ އަންދަލުސްގައި. ދެތިން  ދުވަހެއްގެ ތެރޭގައި ރަށަށްދާން ގަސްތުކުރަން. އަހަންނާއެކީ އިދްރީސް ދާނެނަމަ އަހަރެން ވަރަށް އުފާވާނެ.

އިދްރީސް:  އަޅުގަނޑަކީ ކަލާގެ ޚާދިމެއް. އަޅުގަނޑަށް ދެއްވާނީ ކޮންކަމެއްތޯ؟

ވިޔަފާރިވެރިޔާ: ތިމަންނަޔަކީ، ކަނޑި ހެވިކަމަށް ކުޅަދާނަ ނޭޒާ ހެވިކަމަށް ކުޅަދާނަ މީހަކީމޭ ބުނީ ހަމަ ދެންމެޔަކުނޫން. ކަލޭގެ ވަޒީފާއަކީ އެއީ. ތިޔައީ ރޭގަނޑު އަހަރެން ބަލަހައްޓައިދޭ މީހާ.

އިދްރީސް:  ކަލާޔަށް އަޅުގަނޑަކީ ވާޖިބު އަދާކުރާ، ކަމަށް ކަމޭހީކުރާ، ވަފާތެރިއެއް ކަމުގައި ފެނިލައްވާނެ.

ކުޑަދުވަސްކޮޅެއްފަހުން ސާހިބު މީހާގެ އަރިހުގައި އިދްރީސް އަންދަލުސްއަށް ދަތުރުކުރަން ފައްޓައިފި އެވެ. މި ކުޑަ ގާފިލާ ދުވާލު ދަތުރުކުރަނީ އެވެ. ރޭގަނޑު ކޮންމެ ވެސް ރަށެއްގައި މަޑުކޮށްލައިގެން ތިބެ އަރާމުކުރަނީއެވެ. އިރުއޮއްސޭއިރަށް އިދްރީސް އަހަށް އަރައިގެން ނޭޒާ ހިފައިގެން ވިޔަފާރިވެރިޔާގެ ފޭލިގެ ބަލަހައްޓަމުން ގެންދިޔަ އެވެ. މި ވޭތިވެގެން ދިޔަހައި ދުވަހުގެ ތެރޭގައި ސާހިބަށް އެއްވެސް ޝަކުވާއެއް ކުރައްވާނެ ދަނޑިވަޅެއް އިދްރީސް ނުދެއެވެ. އޭނާ އުފަންވީ ތެދުވެރި މުސްލިމް ގެއެއްގައެވެ. އެންމެ ކުޑައިރުއްސުރެ، މަސްއޫލިއްޔަތު އަދާކުރުމާއި ކަމަށް ކަމޭ ހީކުރުމުގެ ތަޢުލީމު ވަނީ ދީފައެވެ. ސާހިބު މީހާގެ ކުރިމަތީގައި އިދްރީސް އޭނާގެ ވަފާތެރިކަމާއި ވާޖިބު އަދާކުރުމުގެ އެންމެ ފުރިހަމަ ނަމޫނާ ދެއްކި އެވެ. ނަމަވެސް ވަރަށް އަވަހަށް އޭނާޔަށް ބޮޑު އިމްތިޙާނެއް އެބަ ކުރިމަތިވިއެވެ. ވިޔަފާރިވެރިޔާ ގާފިލާޔާއިގެން ގޮނޑުދޮށުގައި ފޭލިގެ ޖަހައިފި އެވެ. އޭނާގެ އަތުގައި ވިޔަފާރީގެ އަގުހުރި ތަކެތީގެ އިތުރަށް ނުހަނު ގިނަ ރަނާއި ހަމަ އެހައި ގިނަ އަލިމަހާއި ޖަވާހިރު ވެސް ހުއްޓެވެ. އެމީހުން ދަތުރު ކުރަންވާ ނައު ދެތިން ދުވަހެއްގެ ތެރޭގައި އަންނާނެ އެވެ.

އެއްދުވަހެއްގެ މެންދުރު ވަރަށް ދުރުން އުދަރެސް ކައިރިން ކޮންމެވެސް ނިޝާނެއް ފެންނަން ފަށައިފިއެވެ. ކައިރިޔަށް އައިއައިހެން ރީތިކޮށް ފެންނަމުން އައެވެ. އެއީ ފޭރޭމީހުންގެ ނަވެކެވެ.

ގޮނޑުދޮށް ބަލަހައްޓާ އޮފިސަރު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި ޖަމާޢަތެއް ހޮވި އެވެ. އިރުއޮއްސެންދެން އެޖަމާޢަތުން އެހިސާބުގަނޑުގައި ފޯރިމަރަމުން ގެންދިޔައެވެ. ނަމަވެސް ފޭރޭމީހުންގެ ނައު އޭރު ވެސް ހުރީ ވަރަށް ދުރުގައެވެ. އިރުއޮއްސި ވީ އަނދިރިޔާއެކު އެތަނަށް ފައިބާ އަނެއްކާ ޙަމަލަ ނުދޭނެބާއޭ ވެސް ހިތަށް އަރައެވެ. އޮފިސަރު، އެމީސްކޮޅު ދިހަ ގުރޫޕަށް ބަހައިލިއެވެ. އަދި އަމުރު ކުރެއްވިއެވެ. ދަންބަހައިލައިގެން މުޅި ރޭގަނޑު މި ތަން ބަލަހައްޓަމުން ގެންދާށެވެ! ވިޔަފާރިވެރިޔާ އެ ހުރިހައި މީހުންނަށް، އިދުރީހާއެކު އިރުއިރުކޮޅުން ބައިބަޔަށް މުޅި އެ ހިސާބުގަނޑު ބަލައި ހަދަން އަމުރުކުރިއެވެ.

މިއީ، ވަރަށް އަނދިރި ބިރުވެރި ރެއެކެވެ. ހުރިހައި ފޭލިގެތައް ރޭގަނޑު އަނދިރިކަމުގެ ތެރޭގައި ފޮރުވިފައި ހުއްޓެވެ. އުޑުމަތީން ތަރިތައް ވިދަވިދައި ހުއްޓެވެ. ކުއްލިއަކަށް އަތިރިމަތީން ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެ ހަޅޭއް ލަވައިގަތުމުގެ އަޑާއެކު ފެތުރިފައި އޮތް ހަމަހިމޭންކަން މުޅިން ފުނޑުފުނޑުވެގެން ހިނގައްޖެ އެވެ. ކަނޑުފޭރޭ މީހުން އެއްގަމަށް ފޭބީ އެވެ. އެ މީހުން ހަމަލަދިނީ އެވެ. ވިޔަފާރިވެރިޔާގެ ފެލިގެ ހުރީ، ގޮނޑުދޮށާ މޭލެއްހާ ހިސާބު ދުރުގައެވެ. އިދްރީސް، އާދައިގެ ގޮތުގެ މަތީން ވިޔަފާރިވެރިޔާގެ ދެތިން މުލާޒިމުންނާއެކު ފޭލިގޭގެ ފޯރިމަރައިލަމަރައިލާ ހުއްޓެވެ. އޭނާ ދެންތިބި ރަޙުމަތްތެރީންނަށް ގޮވައި ހޭލެއްވިއެވެ. އެއާއެކު އެންމެން ނޭޒާއިން ހަތިޔާރު އަޅައިގެން އެ ހިސާބުގަނޑު ބަލަހައްޓާން ފަށައިފި އެވެ. އެ ވަގުތު ފޭރޭމީހުންގެ ބައިގަނޑެއް ދަތުރުވެރީންގެ ފޭލިގެތަކަށް ވަދެގަތެވެ. ވިޔަފާރިވެރިޔާ ދުވެފައި ގޮސް އޭނާގެ ފޭލިގޭ ދޮރުމައްޗަށް އަރައިފި އެވެ. ދެން ކަނޑީގައި ހިފައި، އެހެން މީހުންނަށް ވެސް ތައްޔާރުވެ ތިބުމަށް އަމުރުކުރި އެވެ.

ބަނދަރަށް ވަދެނޫޅޭ ދިމާޔަކުން ކަނޑުފޭރޭ މީހުން ބަނދަރަށް ވަދެ ނަގިލިލައިފި އެވެ. އަތިރިމަތި ބަލަހައްޓާން ތިބި މީހުންނަށް ނޭނގި އައި ގޮތަށް އައިސް އެ ތާނގައި ތިބި ދަތުރުވެރީންނަށް ޙަމަލާދިނެވެ. އެއީ، ސްޕޭނަށްދާން ފުރަން ތައްޔާރުވެފައި ތިބި މީހުންނެވެ. މި ޤާފިލާއިން ދަތުރުކުރި ގިނަ މީހުންގެ ގާތުގައި ޚާދިމުން ތިއްބެވެ. އިދްރީސްގެ ސާހިބު މީހާ ފަދައިން، ގިނަމީހުން، ހައެއްކަ އަށެއްކަ، މީހުން ޚާދިމުންގެ ގޮތުގައި ގެންގޮސްފައި ތިއްބެވެ. ފޭރޭމީހުންގެ ސަރުދާރު އެމީހުންނާ ދިމާއަށް ހަޅޭއްލަވައިގެންފައި ބުންޏެވެ. "ކަލޭމެން އަހަރެމެންނާ ބައިވެރިވަނިކޮށް މިތަނުން ލިބޭ މުދަލުގެ ވަރަށް ބޮޑު ބައެއް ކަލޭމެންނަށް ދޭނަމެވެ. މީގެ ޖަވާބުގައި ވަރަށްގިނަ ފޭލިގެތަކުން "ރަނގަޅޭ، ރަނގަޅޭ" ގޮވާއަޑު އިވުނެވެ. "އަހަރެމެންނަކީ ތިޔަ ބޭކަލުންގެ ޚާދިމުންނެވެ." ގޮވަމުން އަޑުގަދަވަމުން ދިޔުމުގެ ނަތީޖާއަކަށްވީ މި ޚާދިމުންތައް ފޭރޭމީހުންނާ ގުޅުމެވެ. އަދި އެމީހުންގެ ސާހިބުންނާ ޙަމަލަދީ އެމީހުންގެ މުދާކޮޅު ފޭރޭން ފެށުމެވެ.

އިދްރީސްގެ ސާހިބުމީހާ ވެސް މި ކެހިވެރިކަމުގެ ޝިކާރައަކަށްވެއްޖެ އެވެ. އޭނާގެ ޙަބްޝީ ޚާދިމުން، އޭނާޔާ ހިފައިގަތެވެ. އަދި ބިންމައްޗަށް ވައްޓާލައި ރަނގަޅަށް ބަނދެލިއެވެ. އެތަނުން އެކަކު ކަނޑިހިފައިގެން އޭނާ ގާތުގައި ހުއްޓެވެ. އަނެއްބަޔަކު އޭނާގެ މުދާކޮޅާ އެހެނިހެން ތަކެތި ބޮނޑިއަކަށް ބަންނަމުން ދިޔައެވެ.

އެވަގުތު އިދްރީސް ފޯރިމަރަންހުރި ފޭލިގެއަކީ އިދްރީސްގެ ސާހިބުމީހާގެ ހުރިހާ މުދަލެއް ހުރި ފޭލިގެއެވެ. އޭނާޔަކަށް އިދްރީސް އަށްވީގޮތެއް ނޭނގެއެވެ. ފޭރޭމީހުންގެ ހަތްމީހުން ނޭޒާއިން އޭނަޔަށް ހަމަލަދީފިއެވެ. ނަމަވެސް އިދްރީސް އެ ހަތްމީހުންނާ ކުރިމަތިލިއެވެ. އޭނަޔަކީ ނޭޒާ ހެވިކަމަށް ނުހަނު މޮޅު މީހެކެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ނޭޒާއިން އެތަނުން ތިން މީހުންގެ ދުވަސް ދުއްވައިލައިފި އެވެ. ދެން ތިބި މީހުންނަށް މި ތަން ފެނުމުން ދުވެ ރައްކާވެއްޖެ އެވެ.

މިހުރިހައިކަމެއް ހިނގައި ދިޔައިރު ވެސް އޭނާގެ ސާހިބު މީހާގެ އެއްވެސް ޚަބަރެއް ނުވެގެން، އިދްރީސް ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާގެ އެއްވެސް އަޑެއް މި ނީވެނީ ކީއްވެގެންބާއޭ އޭނާގެ ހިތަށްއެރި އެވެ. މިކަމާ ފިކުރުބޮޑުވެފައި ހުއްޓާ އޭނާގެ ރައްޓެހި ޚާދިމަކު އަތުވެއްޖެއެވެ. މީ ވެސް ފާރަޔަށް ހުރި އެކެކެވެ. އޭނާ ބުންޏެވެ.

"އިދްރީސް. ކަލޭ މިތާނގައި ވަގުތު ނަގާލަން ތިޔަ ހުންނަނީ ކީއްވެފައި؟ މިކަހަލަ ދަނޑިވަޅެއް މުޅި ޙަޔާތުގައި ވެސް އަންނާނީ އެންމެ ފަހަރަކު."

އިދްރީސް: ތިޔަދައްކަނީ ކޮންކަހަލަ ވިޔާނުދާ ވާހަކައެއް؟ ކީކޭ ބުނަން ތިޔައުޅެނީ؟

ޚާދިމު:  އަހަރެމެންނާ އެކީގައި މިމުދާކޮޅު ލޫޓުވާލަން އާދޭ. މީއްޗިހި ހަމަހަމައަށް ބަހާލާނީ. އެއްބައި ކަލެޔަށް. އަނެއްބައި އަހަންނަށް. ކީކޭ؟ ވިޔަފާރިވެރިޔާއަކަށް ހިރިޔެއްވެސް ނުލެވޭނެ. އެކަލޭގެ އެއޮތީ އަހަރުމެންގެ ބާރުގެ ދަށުގައި. މިކޮޅަށް އާދޭ. ކަލޭ ހަދަން ގަސްތުކުރަނީ ކިހިނެއް؟

މިނުރައްކާތެރި ރޭވުމުގައި އޮތީ ހަމަ އެންމެ ޖަވާނެއްކަން އިދުރީސްއަށް އެނގެއެވެ. އެބާޣީ ޚާދިމު އޭނާގެ ވާހަކަކޮޅު ހަމަ ނިންމާލާއިރަށް އިދްރީސްގެ ނޭޒާ އޭނާގެ މެއި ފޫއަޅުވައިލައިފައި ހިނގައްޖެއެވެ. ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އިރުކޮޅަކުން އެކަލޭގެ އޮތީ ބިންމަތީގައެވެ. ކަތިލައިފައިއޮތް ކުކުޅެއްހެން ތެޅިފޮޅެނީއެވެ.

އޭރު، ފޭރޭމީހުން އެމީހުން ލޫޓުވާލާފައި ހުރި މުދާތައް އެއްކޮށް ބަންނަނީއެވެ. ބަނދެގެން ގޮނޑުދޮށަށް ގެންދަނީއެވެ. އިދުރީސް ދުވެފައިގޮސް ސާހިބުމީހާގެ ފޭލިގެޔަށް ވަދެއްޖެއެވެ. ވަދެ ބަލައިލިއިރު ޣައްދާރު ޚާދިމު މުދާކޮޅާ ފައިސާކޮޅާ އެއްކޮށްގެން ބަންނަނީއެވެ. ފިލައިގެންދާން ތައްޔާރުވަނީއެވެ. އޭނާއަށް އިދްރީސް ފެނުނީމާ ހިތަށްއެރީ އެއައީ ރަޙުމަތްތެރިޔާ ބުނިގޮތަށް އެއްބަސްވެގެން ކަމަށެވެ. (އޭނާއެއޮތީ ލެޔާ ކިލަލު ތެރޭގައި ހިނަހިނައެވެ. މިކަމެއް އޭނާއަކަށް ނޭނގެއެވެ.)

"އިދްރީސް! ކަލޭ ތައްޔާރުތަ؟ ވިޔަފާރިވެރި ކަލޭގެ އޮތީ ރަނގަޅަށް ބަނދެލާފަ. ބިންމައްޗަށް އަނގަވަތަށް ވައްޓާލާފާ." އެތަނުން އެކަކު ބުންޏެވެ.

ސާހިބުމީހާއަށް ޖެހިފައި މިއޮތް ހާލު ފެނިފައި އިދުރީސްގެ ހިތަށް ހީވީ އެއްޗެއް ހަރައިލި ހެންނެވެ. އެތަނުން އެއްޚާދިމަކު ސާހިބުމީހާގެ ބޮލާ ދާދި ކައިރީގައި، އުރައިން ދަމައިގެންފައިވާ ކަނޑިޔެއް ހިފައިގެން ކޮޅަށް ހުއްޓެވެ. އަނެކަކު ސާމާނު ބަންނަނީއެވެ. ސާހިބުމީހާ ސަލާމަތްކުރާން މަސައްކަތްކުރުމަކީ މާފަސޭހަ ކަމެއްނޫނެވެ. އޭނާ ކުރަން މިއުޅެނީ ކީއްކަން އިދުރީސްއަށް ރަނގަޅަށް އެނގެއެވެ. އޭނާގެ އެންމެ އާދައިގެ ޙަރަކާތަކާ އެކުވެސް ސާމާނުތައް އެއްކޮށް ބަންނަން އެތިބަ މީހުންތައް އެއްފަހަރާ އިދްރީސްގެ މައްޗަށް ވެއްޓިގެންނާނެކަން ރަނގަޅަށް ވިސްނެއެވެ. އަނެއްކޮޅުން އޭނާ އެމީހުންނާ އެއްބައިވެއްޖެނަމަ، އެއްދުވަހަކުން އޭނާއަކީ މިލިޔުނަރަކަށް (މަހުޖަނަކަށް) ވާނެއެވެ. އެމުދަލުގެ ދެބައިކުޅަ އެއްބައި ލިބޭނެއެވެ. އަދި ސާމާނު އަރުވާ ފުރާފައިވާ އެތައް ޖަމަލެއް އޭނާޔަށް ލިބޭނެއެވެ.

ފޯރިމަރާ ފަގީރަކު ބޮޑު މަހުޖަނަކަށްވުމަކީ، އާދައިގެ ކަމެއްނޫނެވެ. ނަމަވެސް އިދުރީހަކީ އެހައި ދަށް މީހެއްނޫނެވެ. އެއަށްވުރެ މާ މަތީގައި ހުރި މީހެކެވެ. އޭނާއަކީ، ފައްކާ މުސްލިމެކެވެ. އޭނާ އަމިއްލައަށް އެހާބޮޑު ނިކަމެއްޗަކަށް ވާކަށް ބޭނުމެއްނޫނެވެ. އޭނާވަނީ ސާހިބުމީހާއަށް ވަފާތެރިވުމަށް އަޙްދު ކޮށްފައެވެ. މުސްލިމެއްގެ އަނގައިން ނުކުންނަ ބަސްކޮޅަކީ އެއަށް އެމީހަކު ޖާމިނުވާންޖެހޭ އެއްޗެކެވެ. ދެން ކަންތައް ކުރަންވީގޮތުގެ މަގު އޭނާޔަށް އޮތީ ސާފުވެފައެވެ. މުދަލާއި ފައިސާޔަށް ނުހަނު ދަށް ނަޒަރަކުން ބަލައިލިއެވެ. ދެން އޭނާގެ އަޙްދަށް ތެދުވެރިވާން ތައްޔާރުވެއްޖެއެވެ.

އިދުރީހަކީ މަތިވެރި ހަރުދަނާ ޢަޒުމެއްގެ ވެރިއެކެވެ. އޭނާޔަކީ، ފިނޑިޔެއްނޫނެވެ. ޢަޤީދާއަށް ހަރުދަނާ ކަމާއެކު ޢަމަލުކުރަން ދަންނަ މީހެކެވެ. މި ކެހިވެރިކަމާއި އަނިޔާވެރިކަން ފެނިފައި އޭނާގެ ލެއި ކެކިގެންފިއެވެ. އެސާހިތު މިނިކާވަގެއްހެން ފުންމައިގެން އައިސް ސާހިބުމީހާ ބަލަހައްޓަންހުރި މީހާގެ ކަނޑި އަތުލައިގަތެވެ. ހަމަ އެޔާއެކު އޭނާގެ ބޮލާއި ހަޑިގަނޑު ދެތަންކޮށްލިއެވެ. ދެން އަވަސް އަވަހަށް ސާހިބުމީހާ ބަނދެފައިވާ ވާތައް ކޮށާލައި މިނިވަންކޮށްލިއެވެ. ދެން ރަނގަޅަށް ނޭޒާގައި ހިފާ ތައްޔާރުވެލުމަށްފަހު ފޭރޭމީހުންގެ ދެންތިބި މީހުންނަށް ހަމަލަ ދިނުމަށް ދަޢުވަތު ދިނެވެ. އެއަޑު އިވިގެން ފޭރޭމީހުން އެދިމާއަށް ދުވާ އައެވެ. މިހާރު އިދުރީހާއެކު އޭނާގެ ސާހިބު މީހާވެސް އެބަހުއްޓެވެ. އޭނާއަކީވެސް ނުހަނު ހިތްވަރުގަދަ މީހެކެވެ. ކުޅަދާނަ މީހެކެވެ. ދެމީހުން ގުޅިގެން ފޭރޭ ގްރޫޕްގެ ތިންމީހުން ވަގުތުން މަރާލީއެވެ. މިތަން ދެކެފައި ދެންތިބި މީހުން ގަތްބިރުން އަތިރިމައްޗާ ދިމާއަށް ދުއްވައިގަތެވެ.

އަނެއްދުވަހު ހެނދުނު ފަތިހު އެރަށާ ތަންކޮޅެއް ދުރުން ނަވެއް ދަތުރުކޮށްފައި ދާތީ ފެނުނެވެ. އެއީ ފޭރޭމީހުންގެ ނަވެވެ. ރޭގައި ލޫޓްމާރު ކޮށްގެން އަތުލައިގަނެވުނު ތަކެތި ހިފައިގެން ދަނީއެވެ. އެމީހުންގެ އެތައް ރަޙުމަތްތެރިންނެއް މަރުވެފައި، އަދި ޒަޚަމްވެފައި ތިއްބާ އެމީހުންވެސް ދޫކޮށްލާފައެވެ. އެމީހުންގެ ހަމަލައިންނާ ލޫޓްމާރު ކުރުމުން އެއްވެސް ދަތުރުވެރިޔަކަށް ސަލާމަތެއް ނުވެވުނެވެ. ސަލާމަތްވި ހަމައެކަނި މީހަކީ އަންދަލުސްގެ ވިޔަފާރިވެރިޔާއެވެ. އެ ލޭބޯމީހުންގެ އަތްދަށުން އޭނާ ސަލާމަތްވީ އިދްރީސްގެ ހިތްވަރުގަދަ ކަމާއި ކުޅަދާނަކަމާއި ވަފާތެރިކަމުގެ ސަބަބުންނެވެ. ހުރިހާ މީހުންވެސް އިދްރީސްގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަމާއި ކެރުމަށާއި އޭނާގެ އަޚްލާޤަށް ތަޢުރީފު ކުރިއެވެ. ނަމަވެސް އިދްރީސް މި ތަޢުރީފުގެ އަޑުއަހާފައި ޖަވާދީ އުޅެނީ މިހެންނެވެ. އިސްލާމެއްގެ ހައިސިއްޔަތުން އޭނާ ހަމައެކަނި އަދާކުރަންޖެހޭ ފަރުޟެއް އަދާކުރީއެވެ. ކޮންމެ ޙާލަތެއްގައި މީހާވީ ކަމުގައިވިއަސް ކޮންމެ އިސްލާމަކުވެސް އޭނާގެ އަމުރުގެ މަތީގައި ސާބިތުވެ ހުންނަން ޖެހޭނޭކަން ކީރިތި ޤުރުއާނުން އޭނާވަނީ ދަސްކޮށްފައެވެ. އަދި އޭނާއަކީ އަލްއަމީންގެ ލަޤަބު ލިބިވަޑައިގެންފައިވާ ނަބީކަލޭގެފާނާ އިޤްތިދާވެގެންހުރި މީހެކެވެ. އޭނާގެ ސާހިބުމީހާގެ ނަމުގައި އިދްރީސްގެ ބޭވަފާތެރިކަމާއި ފިނޑިކަމުގެ އެންމެ އަކުރެއްވެސް އައުމަކީ އޭނާއަށް ކެތްކުރެވޭވަރުގެ ކަމެއްނޫނެވެ. މިހާރު ވިޔަފާރިވެރިޔާ އިދްރީސްގެ ދަރަޖަ ވަރަށްބޮޑަށް މައްޗަށް ޖައްސައިލައިފި އެވެ. މިހާރު އޭނާ ވަނީ ފޯރިއަށް ހުންނަ މީހެއްގެ ވަޒީފާއިން އޭނާގެ ޒާތީ މުޝީރަކަށް ބަދަލުކޮށްފައެވެ. މިހާރު އޭނާއަކީ ވިޔަފާރިވެރިޔާ އެންމެ ގާތްކޮށް މަޝްވަރާކުރާ މީހާއެވެ. ކޮންމެއަކަސް އެމީހުންނަށް އަމްނާއި އަމާންކަމުގައި އަންދަލުސްއަށް ދެވިއްޖެއެވެ. އެތާނގައި ވިޔަފާރިވެރިޔާގެ ބޮޑެތި ޢިމާރާތްތަކާއި ރީތި ބަގީޗާތައް ހުއްޓެވެ. އޭނާއަކީ އެރަށުގެ އެންމެބޮޑު ވިޔަފާރިވެރިޔާ އެވެ. އޭނާގެ ސާހިބުމީހާގެ ސަބަބުން އިދްރީސްއަށްވެސް އެތާނަގއި ދިރިއުޅޭން ޖެހުނީ އެވެ. މިހާރު އެ ވިޔަފާރިވެރިޔާ ކޮންމެ އަހަރަކުވެސް އެދުވަސް ފާހަގަކޮށް އުފާފާޅުކޮށް ހަދައެވެ. މިއީ އޭނާގެ އާދައެކެވެ. މިއުފާ ފާޅުކުރުމުގައި ރަށުގެ ބޮޑެތި ބޮޑެތި މީހުން ބައިވެރިކުރެއެވެ. އެންމެން ޖަމާވީމާ އިދްރީސްގެ ސާހިބުމީހާ އޭނާގެ ނޯކަރުގެ ވަފާތެރިކަމުގެ ވާހަކަ ނުހަނު ޝައުޤުވެރިކަމާއެކު ކިޔައިދޭން ފަށައެވެ. މި ގޮތަށް ދުވަސްތައް ހަފުތާޔަށް، ހަފުތާތައް މަސްމަހަށް، މަސްތައް އަހަރު އަހަރަށް ބަދަލުވަމުން ދިޔައެވެ. މިހާރު އިދުރީހަކީ ޤަދަރުހުރި ޢިއްޒަތްތެރިއެކެވެ. އޭނާގެ ކިބައިގައި ހުރި އިސްލާމީ އަޚްލާޤަށް އެންމެ ތާރީފުކުރާ މާތް މީހެކެވެ. ނަމަވެސް އިދްރީސްގެ ޙަޔާތުގެ ފޮތަށް އޮތީ އަދި އެހެން ބާބެއް އިތުރުވާން ވެފައެވެ. އެއީ އަސަރާ ހިތާމަޔާ ހިތްދަތިކަން އެކުލެވިގެންވާ ބާބެކެވެ.
-------------------
(ނުނިމޭ)
މިވާހަކައިގެ މިބައި:

     ޓައިޕުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ