އަދުގެ ޚާއްސަ

Print

ސްޕޭންގެ ވިޔަފާރިވެރިޔާ (2 ވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ވާހަކަ



ޢަބްދުﷲ ޞާދިޤު

ޝަހަރުގެ ވަށައިގެންވާ، ދަތި އަނދިރި ހިސާބާ ދުރުގައި ތަނަވަސް މައިދާނެއް އޮވެއެވެ. އެތާނަގއި ހެދިފައިވާ ރީތި ކުދި ގަސްތަކާއި ވިނައިގެ ސަބަބުން އެތަން ވަކީން ރީތިކޮށްދެއެވެ. އިސްޕޭނުގެ އިސްލާމީ ވެރިކަމުގެ ފަރާތުން އެތަން ޚާއްޞަކޮށްފައި އޮންނަނީ ކުޅިވަރަށެވެ. އެހިސާބުގަނޑުގެ ކުދި ރަށްތަކާއި ބޮޑެތި ޝަހަރުތަކުގެ މީހުންނަށް ބައިވެރިވެވޭގޮތަށެވެ. އެމައިދާނުގެ އުތުރުފަރާތުގައި ވަރަށް ބޮޑު ޢިމާރާތެއް ހުރެއެވެ. އެ ޢިމާރާތުގެ އެކި ދިމަދިމާގައި މީހުންނަށް އިށީނދެވޭގޮތަށް ހަރުފަތްތަކާއި ގުންޒަރުތައް ހެދިފައިވެއެވެ. އެދުވަސްވަރު އިސްޕޭނުގައި ކުޅިވަރު މުބާރާތްތައް ބޭއްވުމަކީ ވަރަށް ޢާއްމު ކަމެކެވެ. މުބާރާތް ތަކުގައި ބައިވެރިވުމަށް ދޮނާ ކަޅަށް ވަކިގޮތެއް ޚާއްޞަކުރެވިފައެއް ނޯވެއެވެ. އެތާނގައި އެދުވަސްވަރު އޮތީ، އިސްލާމީ ވެރިކަމެއް ކަމުގައިވިޔަސް ޔަހޫދީންނާއި ނަޞާރާއިންނާއި ޙަބްޝީންނަށް އެމީހުންގެ ނަސްލަކަށް ކުލަޔަކަށް ބެލުމަކާނުލައި، އެ މުބަރާތްތަކުގައި ބައިވެރިވެވެއެވެ. ކުޅިވަރުތައް ފެށޭއިރު އިސްލާމީ ދިދަ އެންމެ އުސް އިމާރާތެއްގެ އެންމެ މަތީގައި ވިހުރެވޭތީ ފެންނާނެއެވެ.

ކޮންމެ އަހަރެއްގެ ފިޠުރުޢީދާއި ގުލިގެން ޓޫނަމެންޓް ބޭއްވެއެވެ. ސިފައިންގެ ޕެރޭޑަށްފަހު ކުޅިވަރުތަކާއި ސިފައިންގެ ތަފާތު ހަތިޔާރުތައް ދައްކާލުންވެސް އޮވެއެވެ. ނަޞާރާއިންގެ ހުނަރުވެރިންނަށާއި އެހެނިހެން ދީންތަކުގެ ހިތްވަރުގަދަ މީހުންނަށް އަސްދުއްވުމާއި ނޭޒާ އުކުމާ މިނޫންވެސް މިފަދަ ކުޅިވަރުތަކުގައި އެކުވެރިކަމާއެކު ބައިވެރިވުމަށް މުސްލިމުންގެ ވެރީން ދަޢުވަތު ދެއްވައެވެ. ދުރާ ކައިރީގެ މީހުން ޖަމާވެއެވެ. އެހުރިހައި މީހުންނަށް ހުރިހާ ބާވަތެއްގެ ފަސޭހަތަކެއް ލިބޭނޭގޮތް ހަމަޖައްސަވައި ދެއްވައެވެ. ރަށުގެ މި ދުރުހިލޭމީހުން މުސްލިމުންގެ ވެރީންގެ ގޭގޭގައި ބައިތިއްބަވައެވެ. އަދި ނުހަނު މީރު ކާބޯތަކެތި ދެއްވައި ހައްދަވައެވެ. އެގޭގެޔަށް ނުދާ މީހުންނަށް ކެއިންބުއިންފަދަ ކަންތައްތައް ހަމަޖެއްސުވުމަށް ހޮޓާތައް ހުޅުވާފައި ހުރެއެވެ.

ރަމަޟާންމަސް ނިމުމަކަށް ދާއިރު ފިޠުރުޢީދަށް ހުރިހާ އެންމެންވެސް ނުހަނު ޝައުޤުވެރިކަމާއެކު އިސްތިޤްބާލް ކުރުމުގެ ތައްޔާރީތައް ކުރަމުން ގެންދާނެއެވެ. ހަމަ ކޮންމެ މީހަކުވެސް މެހްމާނުންނަށް ކަމޭހީކުރުމުގައި މަޝްޣޫލުވެގެން އުޅެއެވެ. އެކަން އޮންނަގޮތަކީ، ބޭރުމީހަކު ޓޫނަމެންޓްގައި ބައިވެރިވާން ގަސްތުކުރާނަމަ އެންމެ ފުރަތަމަ އޭނާގެ ރަޙްމަތްތެރިޔަކަށް އެޚަބަރު ދޭނީއެވެ. އޭނާޔަށް އެރަށުގައި ހުރެވޭނެގޮތް ހަމަޖައްސައި ދިނުމަށެވެ.  ފިރިހެނުން ކުޅޭ ކުޅިވަރުތައް އިޝްތިހާރު ކުރުމަށް ޚާއްޞަ ޕްރޮގްރާމެއް ޝާއިޢުކުރެވެއެވެ. އޭގެ ތެރޭގައި އަސްދުއްވުން، ނޭޒާ އުކުން، ތީރު އުކުންފަދަ ކުޅިވަރުތަކަކީ، ޚާއްޞަ ގޮތެއްގައި ޢާއްމުންގެ ސަމާލުކަން އަތުލައިގަންނަ ކުޅިވަރުތަކެވެ. ފިޠުރުޢީދު އަންނަން ދެތިންދުވަހަށް ވާއިރަށް ޓޫނަމެންޓްގައި ބައިވެރިވާ ނަޞާރާއިންގެ ޢިއްޒަތްތެރިންނާއި ބޮޑެތި މީހުންގެ ނަންތައް މުޅި ރަށުގައި އިޝްތިހާރު ކުރެވެއެވެ.

ކުޅިވަރުތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެވެސް ދުލުކުރީގައި އޮންނަ ނަމަކީ އިދްރީސްގެ ދަރިފުޅުގެ ޠަލްޙާގެ ނަމެވެ. އެއީ ސާހިބު މީހާޔާއެކު އިސްޕޭނަސް ދިރިއުޅޭންއައި އިދްރީސްގެ ދަރިފުޅެވެ. ސާހިބުމީހާގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކައި އޭނާ މިހާރު ހުންނަނީ ސާހިބުމީހާގެ އެންމެ އަރިސް މުޝީރުގެ ގޮތުގައެވެ.

ކުޑަދުވަސްކޮޅަކަށްފަހު ސާހިބުމީހާ ނިޔާވެއްޖެއެވެ. އެއާއެކުގައި އިދްރީސްގެ އަތަށް ނުހަނު ގިނަ މުދާ އެރިއެވެ. މިހާރު އޭނާއަކީ އެންމެ އަރާހުރި ވިޔަފާރިވެރިޔާއެވެ. އިދްރީސްގެ މުދަލާއި ފައިސާގެ ގިނަބައި ބަހާލީ ރަށުގެ ފަގީރުންނާއި ބޭނުން ޖެހިފައިވާ މީހުންނާއި ނިކަމެތީންނަށެވެ. ކޮންމެ އަހަރެއްގެ ޙައްޖު މޫސުމަށް ވަރަށް އަގުހުރި ހަދިޔާތައް މާތްވެގެންވާ މައްކާއަށް ފޮނުވައެވެ.

އޭނާގެ ކާވެނި ވެއްޖެއެވެ. އޭނާއަށް ކުއްޖަކު ނުލިބި ވަރަށް ދިގު މުއްދަތެއް ވޭތުވެގެން ދިޔައެވެ. މާތްރަސްކަލާނގެ އޭނާއަށް ކުއްޖަކު ދެއްވީ، އޭނާގެ އުމުރުން ސާޅީސް ފަސްވަނަ އަހަރުގައެވެ. އެދަރިފުޅުގެ ނަމަކަށްވީ، ޠަލްޙާއެވެ. އިދްރީސް ނުހަނު ރައްކާތެރި ކަމާއެކު އޭނާޔަށް އިސްލާމީ ތަޢުލީމުދީ ފުރިހަމަ ކުރިއެވެ. އެއީ ކީރިތި ރަސޫލާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރެއްވި ތަޢުލީމެވެ. އޭގެ އިތުރަށް ފިރިހެނުން ކުޅެއުޅޭ ކުޅިވަރުތައް ދަސްކޮށްދިނެވެ. މިސާލަކަށް އަސްދުއްވުން، ނޭޒާއުކުން، ތީރުއުކުންފަދަ ކަންތައްތަކެވެ. ޠަލްޙާއަކީ މިކަންކަމަށް ވަރަށް ކުޅަދާނަ މާހިރެކެވެ. އަދި އެއީ ބާރުހުރި ހުޝިޔާރު ޒުވާނެކެވެ. މިބަޔާން ކުރެވުނު ކުޅިވަރުތައްފަދަ ކުޅިވަރުތަކުގައި އޭނާގެ ނަންވަނީ ވަރަށްބޮޑަށް މަޝްހޫރުވެފައެވެ.

އޭނާވަނީ ވިދިވިދިގެން ދެއަހަރު ތަށި ހޯދާފައެވެ. ނަމަވެސް މިއަހަރު ރަށުގެ އެންމެންތިބީ ކަންބޮޑުވެފައެވެ. އެއީ މިފަހަރު ދުރުދުރުން ނަޞާރާއިންގެ ވަރަށް ކުޅަދާނަ ޒުވާނުންވެސް މިކަމުގައި ބައިވެރިވާތީއެވެ.

ފިޠުރުޢީދު ދުވަސް ޚާއްޞަ ކުރެވިފައިވަނީ ތީރުހެވިކަމުގެ ޖޯޝުން ފުރިފައިވާ މުބާރާތަށެވެ. ހެނދުނު ފަތިހާ މީހުންތައް އެމައިދާނަށް އެބިމަށް، ޖަމާވާން ފަށައިފިއެވެ. ގަނޑުވަރުތެރޭ ލަވަފޮށިން ނުހަނު ރީތި ރާގުތައް ޢާއްމުންގެ ކަންފަތަށް ވިރުވައި އަޅައިދެމުން ގެންދެއެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލިބުނު އެންމެ ރީތި ހެދުމަކުން ޒީނަތްތެރިވެގެން އެމައިދާނަށް އެއްވަމުން ދިޔައެވެ. އެދިމާޔަށް އޮހެމުންދާ އަންހެނުންތައްވެސް ފެންނަނީ ނުހަނު ޝައުޤުވެރިކަމާއެކު އުފަލުން ފުރިފައި ތިއްބައެވެ. ރީތި ހެދުންތަކުން ޒީނަތްތެރި ވެގެން ތިއްބައެވެ. ފިރިހެނުންނަށްވުރެ އަންހެނުން ކުޅިވަރަށް މާ ޝައުޤުވެރިކަމަށް ދައްކައެވެ. މިތާނގައި އަންހެނުންނަށް ވަނީ ވަކިން ގޮނޑި އަތުރައި ޚާއްޞަ ކުރެވިފައެވެ. ދެންހުރި ގޮނޑިތައް ޚާއްޞަ ކުރެވިފައިވަނީ ރަސްކަމުގެ ތެރޭގެ ބޮޑުންނާ ޝާހީ މެހްމާނުންނަށެވެ.

ދިހައެއް ޖަހާން ކައިރިވިއިރު މުޅި މައިދާންވަނީ އަންހެނުންނާއި ފިރިހެނުންނާއި ކުޑަކުދީން އެއްވެ ފުރި ބާރުވެފައެވެ. ވާދަކުރާ ހުރިހާ ޒުވާނުން ތިބީ ތައްޔާރަށެވެ. ހުރިހާ ޒުވާނުން އެބަޔެއްގެ ޤައުމެއްގެ ހެދުންލައި އެންމެ ރަނގަޅު އަސްތަކަށް ސަވާރުވެގެން މުސްލިމުންގެ ޚަލީފާގެ ވަޑައިގަތުމަށް އިންތިޒާރުކޮށްކޮށް ތިއްބެވެ. ރަސްގެފާނު އިށީނގެ ވަޑައިގަތުމަށް ހަމަޖެހިފައިވާ ބޮޑުފޭލިގެކޮޅު ކައިރީގައި އެމީހުން ސަފުސަފަށް އެތުރިގެން ތިއްބެވެ. ކުޑައިރުކޮޅަކަށްފަހު، ރަސްގެފާނު ވަޑައިގަންނަވާކަން ބެރެއްގެ އަޑުން އިޢުލާނުވެގެން ހިނގައްޖެއެވެ. މިވަޑައިގަންނަވާ ޢިއްޒަތްތެރީންގެ އެންމެ ކުރީގައި ތިބީ ޝާހީގާޑެވެ. މި ޝާހީ ގާޑު އެކުލެވިގެންވަނީ ހަމައެކަނި ޢަރަބި ޒުވާނުންގެ މައްޗަށެވެ. އެމީހުން ތިބީ ކަންފަތް މައްޗަށް ކަނޑި ދަމާލައިގެން ޢަރަބި އަސްތަކަކަށް ސަވާރުވެގެންނެވެ. އެމީހުންގެ ފަހަތުގައި ތިބީ ފައިމަގުގައި ތިބި ސިފައިންނެވެ. އެމީހުންގެ ތެރޭގައި ފާހަގަކުރެވޭފަދަ ހިތްވަރުގަދަ ކަންތައް ކޮށްފައި ތިބި މީހުން ހޯދާފައިވާ މެޑަލްތައް މޭމަތީގައި އެލުވާލެވިފައިވެއެވެ.  އެމީހުންގެ ފަހަތުގައި ތިއްބެވީ ބޮޑެތި ވެރިންނެވެ. އެއާ ޖެހިގެން ތަސްގެފާނުގެ ބޮޑީގާޑުން ވަރަށް ފުރިހަމަ ހެދުމަކުން ޒީނަތްތެރިވެގެން ތިއްބެވެ. އަތުގައިވަނީ ނޭޒާއެވެ. އުނަގަނޑުގައި ވަނީ ޚަންޖަރެވެ. މީގެ ސަބަބުން މި ޖުލޫސްގެ ޒީނަތްތެރިކަން ވަކިންބޮޑަށް އިތުރުކޮށްދެއެވެ. އެންމެ ފަހަތުގައި ތިއްބެވީ ރަސްގެފާނު، އާދެ، މުސްލިމުންގެ ޚަލީފާއާއި އޭނާގެ ބޭފުޅުންނާއި އެނޫންވެސް ޝާހީ ބޭފުޅުންނެވެ. ސަވާރުވެ ވަޑައިގެން ތިއްބެވީ ހުދު ގަނޑުފެނަށްވުރެވެސް ހުދު އަސްތަކަކަށެވެ. މިބޭފުޅުން ތުރުކުރައްވައިގެން ތިއްބެވީ ގަނޑުވަރުތެރޭ ހެދުންކޮޅެވެ. އުރަކޮޅުގައި ކުރެހުން އަޅާފައިވާ ކަނޑިކޮޅެއް އުނަގަނޑުފުޅުގައި އެލުވައިލައްވާފައިވެއެވެ. ރަސްގެފާނުގެ ނިތްކުރިފުޅުގައި ބޮޑު އަލިމަހެއް ވިދަވިދާ ހުއްޓެވެ. މި، ޖުލޫސްއަށް މަރްޙަބާ ކިއުމުގެ ގޮތުން މިހުން އިށީނދެތިބި ގޮނޑިތަކުންނާ ގުންޒަރުތަކުން اﷲ اكبر ގެ އަޑު މައްޗަށް އަރައިގެން ދިޔައެވެ. އަންހެނުންވެސް އެކަނބަލުންގެ ރުމާތައް ހޫރުވަމުން ރަސްގެފާނަށް މަރްޙަބާ ދެންނެވިއެވެ. ރަސްގެފާނު ގޮނޑިކޮޅުގައި އިށީނދެވަޑާއިގަތުމާއެކު އިސްމީހަކު މި ވާދައިގައި ބައިވެރިވާ ޒުވާނުންގެ ތެރެއިން މީހަކަށްފަހު، މީހެއް ރަސްގެފާނުގެ އަރިހަށް ޙާޟިރު ކުރިއެވެ. އެތާނގައި ގިނައީ ކުރީގެ ވާދަކުރުންތަކުގައި ބައިވެރިވެފައިވާ ޒުވާނުންނެވެ. އެހެންކަމުން ރަސްގެފާނަށް އެތަނުން ގިނަ ޒުވާނުން އެނގިވަޑައިގަނެއެވެ. އަލަށް ބައިވެރިވި ޒުވާނުންގެ ބައްޕަޔާ ކާފަގެ ނަން އިޢުލާނު ކުރެވެމުން ދެއެވެ. ޠަލްޙާ ހުރީ މި އެންމެންގެ ތެރެއިން އެންމެ ފުރަތަމަ ޒުވާނެއްގެ ގޮތުގައެވެ. އޭނާވަނީ ވޭތުވެދިޔަ ދެއަހަރު ދުވަހު ދުނިހެވިކަމުގެ މުބާރާތުން އެއްވަނައަށް އައިސްފައެވެ. ޠަލްޙާ އަމީރުލް މުއުމިނީންގެ ކުރިފުޅުމަތީގައި އަދަބު އަދާކުރުމަށް ގުދުވެލި ހިނދު އަމީރުލް މުއުމިނީން ވިދާޅުވިއެވެ.

"ޠަލްޙާ! ވޭތުވެދިޔަ އަހަރުވަނީ މިކަމުގެ ކުޅަދާނަކަން އަހަރެމެންނަށް ހާމަކޮށްދީފާ. މިފަހަރުގެ މުބާރާތުގައި ކާމިޔާބު ހޯދަން ތަންކޮޅެއް ދަތިވާނެކަންވެސް ނޭނގޭ. މިފަހަރު ވާދަކުރަން ދުނިހެވިކަމުގެ ވަރަށް މޮޅުމީހުން އައިސް އެބަތިބިކަމަށް ހީވޭ."

ޠަލްޙާ ދެވަނަ ފަހަރަށް އަދަބަށް ތިރިވެލާފައި ދެންނެވިއެވެ. "އަމީރުލް މުއުމިނީން! މަނިކުފާނު ތިޔަދެއްވި ހިތްވަރާއެކު، އަޅުގަނޑަށް ވެވުނުހާ ރަނގަޅަކަށް ވާދަކުރާނެ ވާހަކަ ދަންނަވަން. އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެ."

ބެރުގެ އަޑު އިވުމާއެކު ކުޅިބަލާން ތިބި މީހުންގެ ކުރިމަތީގައިވާ މައިދާނަށް ކުޅޭމީހުންގެ ފުރަތަމަ ގްރޫޕް ނުކުމެއްޖެއެވެ. މިގްރޫޕުން ފަސްދޮޅަސް ޒުވާނުންގެ ތެރެއިން ކާމިޔާބު ހޯދީ ދިހަ ޒުވާނުންނެވެ. އޮތީ ވަރަށް އުނދަގޫ މުބާރާތެކެވެ. ކުޅޭ މައިދާނުގެ ދިމާ މެދުގައި ޖަހާފައިހުރި އޮނެއްގެ އެންމެ ކުރީގައި ފަށުވިން ހަދައިފައިވާ ބާވަތެއްގެ ދޫންޏެއް އޭގައި ހަރުކޮށްފައި އެބައިނެވެ. އެދޫނި ވައިޖެހުނީމާ އެނބުރި އެނބުރި ހުރެއެވެ. އުދުހެމުންނެވެ. ބައިވެރީންނަށް ކުރަންޖެހޭކަމަކީ އެއަށް ދުނި އަމާޒުކުރުމެވެ. އެކަކަށްފަހު އަނެކަކަކު ކުރިމަތިލަމުން ގޮސް ދުނި ހެވިންގެ ފަސްމީހުން ނާކާމިޔާބުވެއްޖެއެވެ. މިހާރު ނުވަވަނަ މީހާއަށްފަހު ދިހަވަނަ މީހާއަށް ޖެހިއްޖެއެވެ. އެއީ ޠަލްޙާއެވެ. އޭނާ މިދިޔަފަހަރު އައީ އެއްވަނަޔަށްކަމުން ކުޅިވަރުގެ ޤަވާޢިދުން މިފަހަރު އޭނާޔަށް ބައިވެރިވެވޭނީ އެންމެ ފަހުންނެވެ. އޭނާ ކުރިޔަށް ޖެހިލުމާއެކު اﷲ اكبر ގެ ގަދަފަދަ އަޑުން މުޅި ފަޒާ ގުގުމައިގެން ދިޔައެވެ. އޭނާ ދުނިދަނޑީގައި ދުނި ރުވައިލުމާއެކު އެއްވެތިބި މީހުންގެ މައްޗަށް ހަމަހިމޭންކަން ފެތުރިގެން ހިނގައްޖެއެވެ. ދުނި އަމާޒުކޮށްލުމާއެކު ހުރިހާ އެންމެންގެ ނޭވާވެސް ހުއްޓިއްޖެ ކަހަލައެވެ. ދެލޯ ބޮޑުކޮށްގެން އެންމެން ބަލަންތިބީ އޮނުގެ ކުރީގައި ވަޔާއެކު ފިޔަޖަހަޖަހާއިން ފަށުއި ދޫންޏާ ދިމާއަށެވެ. ޠަލްޙާ ތޫނު ބެލުމަކުން ދޫންޏާއި ދިމާއަށް ބަލާލުމަށްފަހު، އޭނާގެ ވަރުގަދަ އަތުން ކޮށްލި ޙަރަކާތެކެވެ. ދުނި، ވައިކަފާލާފައި އެދިޔަގޮތަށްގޮސް ހެރުނީ ދޫނީގެ އެއްފިޔައަށެވެ. ހުރިހާ ފަރާތްފަރާތަކުން ސާބަސްސާބަހުގެ އަޑުތައް އަރައިގެން ދިޔައެވެ. ނަމަވެސް މި ހާހިސާބުން މި މުބާރާތުގެ ޝަރުޠު  އަދި މި ހަމަވީއެއްނޫނެވެ. ދޫނި ބިމަށް ވެއްޓޭން ޖެހެއެވެ. ޠަލްޙާ ނަސީބުގައި ވަކަރު ޖަހާލުމަށްޓަކައި ދެވަނަ ދުނި ރުވާލިއެވެ. އަދި ނުހަނު ބާރަށް ސީދާ ދޫންޏަށް ފޮނުވާލިއެވެ. ދިޔައީ ދޫނީގެ މޭފަޅާލާފައެވެ. އަނެއްކާވެސް ސާބަހުގެ އަޑު އުފުލިގެންދިޔައެވެ. ނަމަވެސް ދޫނި ހަމަ އެތާނގައި އަދިވެސް ފިޔަޖަހަޖަހާ އެބައިނެވެ. ތިންވަނަ ދުނި އެބަ ފޮނުވާލިއެވެ. މިފަހަރު އެ ދުނި އަމާޒުކުރީ ދޫނި ހައްޔަރުކޮށްފައި ހުރި ބަޔަށެވެ. ދޫނި އުދުހި އުދުހި އިންނަނީ އޭގެ މަތީގައެވެ. اﷲ اكبر ގެ އަޑު އަރައިގެން ދިޔުމާއެކު ދޫނި އެތަނުން ވަކިވެގެން ބިމާ ދިމާއަށް އަންނަން ފަށައިފިއެވެ. ޠަލްޙާ ނުހަނު ފިރިހެން ގޮތެއްގައި ތެދުވެ ހިންދެމިލިއެވެ. އަދި ޚަލީފާގެ ކުރިފުޅު މަތީގައި އަދަބުވެރިކަމާއެކު ބޯލަނބައިލިއެވެ. ޚަލީފާ އޭނަޔަށް ރަންތައްޓަކާއި ޓޯނަމެންޓްގެ ޓްރޮފީ ދެއްވިއެވެ. ޠަލްޙާއަށް މި ތަކެތި ލިބުމުން ދެވަނަ ފަހަރަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ގުދުވެލިއެވެ. ދެން ރަޙްމަތްތެރިންނާ އެކުވެރިންނާ އޭނަޔަށް ތާއިދުކުރާ މީހުންގެ ބޮޑު ބައިގަނޑެއްގެ ތެރޭން އަޅައިފައި ގެއަށް ހިނގައްޖެއެވެ.

އިދްރީސްގެ ހުންނަނީ ޝަހަރާ ތަންކޮޅެއް ދުރުގައެވެ. ރަށްފުށު ހިސާބުގެ އަވަށެއްގައެވެ. އޭނާގެ ވަރަށް ގިނަ ޢަދަދެއްގެ ރަޙްމަތެރީން ވަރަށް އަވަހަށް އެގެއަށް ޖަމާވެއްޖެއެވެ. ޠަލްޙާ ގެއަށް އައުމުގެ ކުރިން، ދަރިފުޅުގެ ކާމިޔާބީގެ އުފަލުގައި އިދުރީހަށް މުބާރަކްބާދު އަދާކުރިއެވެ. އިދްރީސް މިހާރު ވަރަށް މުސްކުޅިއެވެ. އެހެން ކަމާއެކުވެސް އޭނާގެ ހިތް އުފަލުން ނަށަނަށައި އޮތެވެ. ދެން އަވަސްއަވަހަށް ބޭރު ދޮރޯށިދޮށުން ދަރިފުޅަށް މަރުޙަބާ ކިޔޭގޮތަށް އިންތިޒާމުކޮށްލިއެވެ. އުފަލުން ފުރިފައިވާ ޖަމާޢަތެއް އެތަނަށް އަތުވެއްޖެއެވެ. ޠަލްޙާ އަހުން ފައިބައިގެން ދުވެ ގޮސް އޭނާގެ ބައްޕަޔަށް އަދަބު ތަޢުޒީމު އަދާކުރިއެވެ. އިދްރީސް ވެސް ދަރިފުޅުގެ ރީތި ކޯތާފަތުގައި ލޯބިން ދޮނެއްދިނެވެ. އެއްވެފައިތިބި މީހުންތައް އެކި ދިމަދިމާއަށް ދިއުމުގެ ކުރީން ޢަރަބި ޤަވާޢިދުގެ މަތީން އެމީހުންނަށް ގަހުވަދީ މޭވާ ބަހައި ހެއްޖެއެވެ.

އިދްރީސް މެންދުރު ނަމާދު ކުރުމަށްފަހު، ދަރިފުޅު ބަލައި ފޮނުވައިގެން ގެނެސްފިއެވެ. އަދި ބުންޏެވެ.

"ލޯބިވާ ޠަލްޙާ! އަހަރެންގެ ދިރިއުޅުމުގެ ފަތިސް މިހާރު ހަވީރަށް ތަންދީފި އެވެ. މަރުގެ ދަޢުވަތު އަންނާނީ ކޮންދުވަހެއްގެ ކޮން ވަގުތަކު ކަމެއް އެއް ގޮތަކަށް ވެސް ނޭނގެއެވެ. އަހަރެންގެ ހިތުގެ އެދުމަކީ އަހަރެންގެ ލޮލުގެ ކުރިމަތީގައި ދަރިފުޅު ކާވެނިވުމެވެ."

ޠަލްޙާ ހަމަހިމޭން ވެއްޖެއެވެ. މިވަގުތުކޮޅުތެރޭ ވަރަށް މާތް ހިނިތުންވުމެއް އޭނާގެ ތުންފަތް މަތީގައި ކުޅެލަކުޅެލައި ހުއްޓެވެ. އޭނާގެ މުސްކުޅި މަންމަ، ބޯމަތީގައި އަތްބާއްވައިލިއެވެ. އަދި ލޯބިން ފުރިގެންވީ ލަފުޒުތަކަކުން ބުނެލިއެވެ.

"މަންމަގެ ލޯބިވާ ދަރިފުޅާ! ދަރިފުޅުގެ ބޮޑުބޭބެ ޝައިޚް މަންޞޫރު މިއަދު ހަވީރު ދަރިފުޅުގެ ޝަރަފްގައި ޕާޓީއެއް އެބަ ބާއްވާ. ވަރަށް ގިނަ އެކުވެރިންނަށްވެސް ވަނީ ދަޢުވަތު ދީފާ. އެހެންނަމަވެސް ތިޔަ އުޅެނީ ހެދުން ބަދަލުކޮށްގެން ޝަހަރަށް ދާންކަމަށްތަ؟ ނަމަވެސް ހަނދާންކުރާތި! އިރުއޮއްސުމުގެ ކުރިން ގެއަށް އަންނަންވާނެ."

"އަންނާނަން މަންމާ! ނަމަވެސް ލޯބިވާ މަންމާ އަޅުގަނޑަށް ކަނޑައެޅިގެން ވަޢުދުކުރާކަށް ނުކެރޭނެ." ޠަލްޙާ ހިނިތުންވެލުމާއެކު ޖަވާބުދިނެވެ.

"އަޅުގަނޑު އަންނަން ބޭބެ ހުއްދަދެއްވިހާ އަވަހަކަށް އަންނާނަން."

"ހަވީރަށް އަންނަންވާނެ." މަންމަ ޖަވާބުދެމުން ބުނެލިއެވެ.

"ދަރިފުޅުގެ ކާމިޔާބީގެ އުފަލުގައި ދެއްވާ ކެއުމެއްވެސް މިރޭ އޮންނާނެ."

ޠަލްޙާ ފެންވަރާލައި ހެދުން ބަދަލުކޮށްލައި ހަދައިފިއެވެ. އެއަށްފަހު ޢަރަބި އަހަކަށް އަރައިގެން ޝަހަރަށް ހިނގައްޖެއެވެ.

އޭނާގެ ބޭބެއަކީ ވަރަށްބޮޑު ޢިއްޒަތްތެރިއެކެވެ. އޭނާގެ އިނީ ހަމައެކަނި އެންމެ އަންހެން ކުއްޖެކެވެ. މިއަންހެން ދަރިފުޅާއި ޠަލްޙާގެ ކައިވެނިވުމަށް ވަނީ ކަނޑައެޅިފައެވެ. ވުމާއެކު ވާންއުޅޭ ދަނބިދަރިފުޅުގެ ކާމިޔާބީގެ އުފަލުގައި އޭނާ ޕާޓީއެއް ބާއްވަން ނިންމީއެވެ. މިޕާޓީއަށް އެހިސާބުގައި ތިބި އެންމެ އިސް ކަމުވޮށިވެގެންވާ މީހުނަށް ވަނީ ދަޢުވަތު ދީފައެވެ. ޠަލްޙާއަށް އެތަނަށް ދެވުމާއެކު، މެހްމާނުން ޖޯޝުން ފުރިގެންވާ ހޫނު އަތްތިލަބަޑިއަކުން ޠަލްޙާއަށް އިސްތިޤްބާލް ކުރިއެވެ. ޕާޓީ ނިމުމާއެކު އެކަކަށްފަހު އަނެކަކު އަލްވިދާޢު ކިއެވެ. ދެން ޠަލްޙާވެސް ބޭބެއަށް އަލްވިދާޢު ކިޔައިފައި އަހަށް ސަވާރުވެގެން ގެއަށްދާން މިސްރާބު ޖަހައިފިއެވެ. އޮއްސެމުންދާ އިރުގެ އެންމެފަހުގެ ދަޅަތައް ފަރުބަދަތަކަށް އެޅިއެޅި ހުއްޓެވެ. ދޫނިތައްވެސް އިރުއޮއްސުމުގެ ކުރިން އެސޮރުމެންގެ ހާއްޔަށް ފޯރާތޯ ބާރަށް އުދުހެނުން ދަނީއެވެ. ޠަލްޙާ ޝާހީ ޤަބުރުސްތާނުގެ ކައިރިން ދަތުރުކުރަމުން ދެއެވެ. ކުއްލިއަކަށް އޭނާގެ އަހަށް ކޮންމެވެސް އެއްޗެއް ފެނިގެން ސިހިއްޖެއެވެ. އަދި ތެޅިފޮޅޭން ފަށައިފިއެވެ. ބުރަކަށި މައްޗަށް ސާމާނު އަރުވައިގެންދާ ދަތުރުވެރިޔަކު ގައިގައިޖެހި އެކްސިޑެންޓްވީއެވެ. އެއާއެކު އެއްޗިއްސާއެކު އޭނާވެސް ބިންމައްޗަށް ވެއްޓެންދަނީއެވެ. ޠަލްޙާ އަހުގެ ލަގަނުގައި ހިފައި މަޑުކޮށްލުމަށްފަހު އޭނާ ކިބައިން މަޢާފަށް އެދެމުން ބުންޏެވެ. "މިހެން ދިމާވީތީ އަހަރެން ވަރަށްބޮޑަށް ހިތާމަކޮށް މަޢާފަށް އެދެން. މާބޮޑުކަމެއް ނުވޭދޯ!"

ދަތުރުވެރިޔާ: އަހަންނަށް ހީވަނީ ކަލެގެ ލޮލަށްވެސް ނުފެންނަނީހެން.  ކިބުރުވެރިކަމުންގޮސް ހިތްއަރާ ތިއޮތީ އާސްމާނުގައިދޯ!
ޠަލްޙާ:     ތިޔައީ މިހިސާބުގަނޑަށް ބީރައްޓެއްސެއްދޯ! ކޮންތާކުން ތިޔަ އަންނަނީ؟
ދަތުރުވެރިޔާ: ކަލޭ މިހިސާބަށް ގެނައީ ކޮން އިބިލީހެއްބާއޭ މަގޭ ހިތަށްއަރާ. ކަލޭގެ ކިބައިގައި ތިޔަބޮޑާކަމާ ކިބުރުވެރިކަން ހަރުލާފައި ހުރިގޮތް ބުނެދީފާނަން. ތިޔައީ މިހާރު ތަންކޮޅެއް މަތީގައި އުޅޭ ބައެއްގެ ދަރިއެއްދޯ؟ ތިޔަ މަޤާމުން ކަލޭ ވަރަށް އަވަހަށް ވެއްޓި ހަލާކުވެގެން ހިނގައިދާނެކަން އެނގޭތަ؟
ޠަލްޙާ:     އެކުވެރިޔާ! ތިޔަހާ މައްޗަށް ގެނދިޔުމެއް ރަނގަޅެއް ނޫން! ތިޔައީ ދަތުރުވެރިޔެއްނު. އޯގާވެރި ކަމާއެކު އަހަންނަށް މައާފުކޮށްދީ! ތިޔަ ކަންތަކުގެ ބަދަލުގައި އަހަރެން ފައިސާ ދީފާނަން.
ދަތުރުވެރިޔާ: މިހިރަ މޮޔަޔާ! އަހަރެންމީ އަންދަލުސްގެ މީހެއް ކަމަށްތަ ތިޔަ ހީކުރަނީ؟ އަހަރެންމީ އިސްލާމެއްގެ އަތުން އެއްޗެއް އަތުލުމުގެ މައްޗަށް ފަކުރުން ކުޅުޖަހާވަރު ރަށެއްގެ މީހެއް. އެނގިއްޖެތަ؟
ޠަލްޙާ:     ތިޔަދޫ އޮބެހެއްޓޭތޯ ބަލާ! ތިޔަ ބުނި އެއްޗެއްގެ މާނަޔަކީ ކޮބާ؟
ދަތުރުވެރިޔާ: ކަލޭ އަހަރެންގެ ދޫ އޮބެހެއްޓޭތޯ ބަލާ! ރާމަން ކަލާނގެ ގަންދީ ބުނަން. އަހަރެން މުޅި ޙަޔާތުގައިވެސް ތިޔަހާ ބޮޑު ފިނޑިއެއް ނުދެކެން.
ޠަލްޙާ:     ދެން ތިޔަދާ މަގުން ދެވޭތޯ ބަލާ! އަހަރެންގެ ދީނަކީ ދަތުރުވެރިންގެ މައްޗަށް އަތް އިސްކުރަން އެއްގޮތަކަށްވެސް ހުއްދަދެ ދީނެއްނޫން. ނޫންނަމަ ކަލޭގެ ދޫ އިނދުނުތަނުން އުފުރާ އެއްލާލީމުސް.
ދަތުރުވެރިޔާ؛ ކަލޭ ތިޔައީ، ބޮޑު ފިނޑިއެއް. ތިޔަ ބިރުގަންނަވަން ދައްކާ ވާހަކައަކުން އަހަރެން ބިރެއް ނުގަނޭ. ތިޔައީ ތިޔަބުނާވަރުގެ މީހެއްނަމަ ތިޔަ އަހުން ނިކަން ފައިބަބަލަ! އޭރުން މައްސަލަ ސާފުވެދާނެ.
ޠަލްޙާ:     އަހަރެން މާގިނަ ވާހަކަ ދައްކާކަށް ބޭނުމެއްނޫން. ދަތުރުވެރިޔާ މިހެން ބުނިތަނާ ޠަލްޙާ އަސްމަތިން ފައިބަން އުޅެނިކޮށް އަވަސް އަވަހަށް ދެވިފާގޮސް ދަތުރުވެރިޔާ ޠަލްޙާއާ ކައިރިއަށް ޖެހިލިއެވެ. އޭނަޔަށް ރަނގަޅަށް ބިންމައްޗަށް ނުފެބިގެން އުޅެނިކޮށް ޠަލްޙާގެ ބުރަކަށްޓަށް ޚަންޖަރު ހަރާލިއެވެ. ޠަލްޙާ ވަގުތުން ބިންމައްޗަށް ވެއްޓިއްޖެއެވެ. އޭނާގެ ވިދަވިދާހުރި ދެލޯ އަބަދަށްޓަކާ އަނދިރިވެގެން ހިނގައްޖެއެވެ.

އިސްޕޭނުގެ މަޝްހޫރު ވިޔަފާރިވެރިޔާ އިދްރީސްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަހާ ދާދި ކައިރީގައި ވެއްޓިއޮވެ ހިރަފުހާ ލެޔާ ތަތްތެޅެނީއެވެ. އޭނަޔާ ހަމަލަދިން ދަތުރުވެރިޔާ މިހާރުހުރީ ވަރަށް ކަންބޮޑުވެފައެވެ. ފިލަން ދުއްވައިގަންނާނެ ދިމާއެއް ހޯދަހޯދައެވެ. އެތާކު އެވަގުތަކު އެއްވެސް މީހެއްނެތެވެ. ޠަލްޙާގެ ނޯކަރު، ފަހަތުން ޠަލްޙާގެ ތަކެތި ހިފައިގެން އާދެއެވެ. އޭނާ ފެންނަންހުރީ ވަރަށް ދުރުންނެވެ. އޭނާ މިހާރު ވަރަށް ބާރަށް މިދިމާއަށް އެބައާދެއެވެ. ދަތުރުވެރިޔާ ޠަލްޙާއަށް ޙަމަލަ ދިނުމަށްފަހު، އެންމެ މިނިޓެއްވެސް ނަގާނުލައި ހުރިހާ އެއްޗެއް އެތަނަށް ދޫކޮށްލާފައި ދުވެ ރައްކާވެއްޖެއެވެ. މައްސަލައޮތީ އޭނާޔާ ޠަލްޙާގެ ނޯކަރާ ދެމެދުގައިކަން އޭނާޔަށް ރަނގަޅަށް އެނގެއެވެ. އޭނާގެ ނަޒަރުގައި އެއީ އޭނަޔަށް ލިބުނު ޣަނީމައެއްކަހަލަ ވަގުތެކެވެ.

އޭރު އާނާގެ ދަރިފުޅު އެނބުރި އައުމަށް އިދްރީސް ކެތްތެރިކަމެއް ނެތް ގޮތުގައި އިންތިޒާރު ކޮށްކޮށް ހުއްޓެވެ. އެއީ އޭނާގެ އާދަ މެއެވެ. މިހާރު އޭނާގެ ލޮލުގެ ކުރިމަތީގައި އެދަރިފުޅު މުޅި ދިރިއުޅުމުގެ އުއްމީދު ޚަންޖަރަކުން ޒަޚަމްވެގެން ކިލަލާވެއްޔާ ލެއިން ތަތްތެޅޭ މަންޒަރު ސިފަވަމުން އެބަދެއެވެ. އިރުއޮއްސިއްޖެއެވެ. އަނދިރިކަން ފެތުރެމުން ދަނީއެވެ. އެހެންވުމާއެކު އިދުރީސްގެ ކަންބޮޑުވުން ވަކީން ބޮޑުވިއެވެ. އެތައް ފަހަރަކު ގެއިން ބޭރަށް ނުކުމެވެސް ހެދިއެވެ. ދަރިފުޅު ގެއަށް އަންނަ މަންޒަރު ދެކޭހިތުންނެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް އޭނާގެ ނަޒަރު ނާކާމިޔާބުވެގެން އެނބުރި އަންނަނީއެވެ. އެންމެފަހުން އޭނާ ނޯކަރަކަށް ގޮވައިގެން ވުޟޫ ކުރާނެ ފެން ގެނުވިއެވެ. ނޯކަރު ނަންގަތެވެ. "ނަމާދު ކުރައްވާނީ ކޮޓަރީގައިތޯ، ނޫނީ މިސްކިތަށް ދުރުވާނީތޯ؟"

"މިސްކިތަށް ދާނީ" އިދްރީސް ޖަވާބު ދިނެވެ.

"ފަހެ މާތް ރަސްކަލާނގެ ސަލާމާއި ޞަލަގވާތްލެއްވި އަހަރެމެންގެ ކީރިތި ރަސޫލާ ޙަދީޘެއް ނުކުރައްވާތަ؟ ޖަމާޢަތުގައި ނަމާދުނުކޮށް ގޭގައި ނަމާދުކުރާ މީހުންގެ ގޭގޭގައި ރަނގަޅުވާނީ އަލިފާން ޖެހިއްޔާއޭ"

"އެކަމަކު އަދި ކުޑައިރުކޮޅަކު އިންތިޒާރު ކޮށްލައްވާ!" އޭނާ ވާހަކަ ކުރިޔަށް ގެންދަމުން ނަންގަތެވެ. "މާބާރަކަށް ދުވެފައި މިއޮއް އަންނަނީ ކާކުތޯ؟ ހީވަނީ ބީރައްޓެއްސެއްހެން." ނޯކަރު ޖަވާނު ދިނެވެ.

"އެކަމަކު އެމީހަކު އެއަންނަނީ ވަރަށް ކަންބޮޑުވެގެން."

މިހާރު ޠަލްޙާ ޤަތުލު ކޮށްލި މީހާ، ގޭގެ ބޭރު ދޮރާ ހަމަޔަށް އަތުވެއްޖެއެވެ. އޭނާގެ އަތާއި ހެދުންވަނީ ލެއިން ތަތްތެޅިފައެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވޭވެ ހުއްޓެވެ. އޭނާ ބޮލުން ފެށިގެން ފައިގެ ނިވާބޮނޑިއަށް ދާންދެން ތުރުތުރު އަޅައަޅައި ހުއްޓެވެ. ގެންފައިވާ ބޮޑު ބިރެއްގެ ސަބަބުން އަނގައިން އެންމެ ބަހެއްވެސް ނުބުނެވުނެވެ. މުސްކުޅި ވިޔަފާރިވެރިޔާ ފެނުމާއެކު އެދިމާއަށް ތިރިވެ ކަކޫ ޖަހައިލިއެވެ. ދެން ދެއަތް ޖޯޑުކޮށްފައި އެއްޗެހިތަކެއް ކިޔައިގަތެވެ. އެކީ އެއްޗެއް އޮޅުންފިލާވަރެއް ނުވިއެވެ.

އެމީހާ:     ސާދާގަރު! އަޅުގަނޑަކީ މިރަށަށް މުޅީން ބީރައްޓެއްސެއް..... އަޅުގަނޑު މިހިރަތަނާ ގެޔާ ވަރަށްދުރު.... އަދި..... އަދި.....
ވިޔަފާރިވެރިޔާ: އަދި، ކީކޭ؟ ބުނޭ! ބިރުގަންނާނެ ކަމެއްނެތް.... ވެގެން ތިޔައުޅެނީ ކީއް؟ އެތެރެއަށް ވަދޭ! އާދޭ! ރަނގަޅަށް ހަމަޖެހޭ.
އެމީހާ:     އަޅުގަނޑު ސަލާމަތް ކޮށްދެއްވުން އެދެން. މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑު ސަލާމަތް ކޮށްދެއްވާ! އަޅުގަނޑަކީ ކުށްވެރިއެއް ނޫން! محمد (صلىﷲ عليه وسلم) ގެފާނަށްޓަކައި އަޅުގަނޑު މިންޖުކޮށްދެއްވާ! އޯގާވެރި އަޅުގަނޑަށް އޯގާވެރިވެދެއްވާ!
ވިޔަފާރިވެރިޔާ: ކަލޭ ސަލާމަތް ކޮށްދޭނަން! ހަމަ ތެދެއް މިބުނީ. ރަނގަޅަށް މިބުނީ. މުސްލިމަކު އަނިޔާ ލިބިފައިވާ މީހަކު އަންނަތަން ފެނުނީމާ ފަހަރެއްގައިވެސް، ގޭގެ ދޮރުލައްޕައި ތަޅުލައެއް ނަހަދާނެ. ތިޔަވަރަށް ބިރުގަތުމުގެ ބޭނުމެއްނެތް. ދެން ނިކަން ބުނެބަލަ! ކަލެޔަށް ކިހިނެއް ވެގެންތަ ތިޔަ އުޅެނީ؟ (އެތާހުރި ނޯކަރަކަށް ބުންޏެވެ.) ދޭ! ގޮސް މީނަޔަށް ފިނި ފެންތަށްޓެއް ހިފައިގެން އާދޭ!

    ނޯކަރު ވަރަށް އަވަހަށް ވަރަށް ފިނި، ތާޒާ ޝަރްބަތު ތަށްޓެއް ހިފައިގެން އަތުވެއްޖެއެވެ. އެ ބޮއިލުމާއެކު މި މީހާގެ ދުލާއި ޙަލްގައިގެ ތެރެ ތާޒާވެގެން ހިނގައްޖެއެވެ. އެއަށްފަހު، ވާހަކަދައްކާން ފަށައިގަތެވެ.

އެމީހާ:     ސައުދާގަރް! ކަލާ ތިޔައީ މިރަށުގެ ވެރިމީހާ ނޫންތޯ؟ އަޅުގަނޑަކީ، އަރާހުރި ބީރައްޓެއްސެއް. ހަމަ ދެންމެ މިއައީ. އަޅުގަނޑާ މަގުމަތިން ދެތިން މުސްލިމަކާ ބައްދަލުވި. އަޅުގަނޑު ހުރީ އެކަނި. އެމީހުން އަޅުގަނޑު ގައިގައި ތަޅައި ހެދި. އަދި އެވަރަށް އެއްޗެހިވެސް ގޮވި.
ވިޔަފާރިވެރިޔާ: (މާތްރަސްކަލާނގެ އެހެން އިރާދަ ނުކުރައްވާށި.) އެއީ ކޮންކަހަލަ ވިޔާނުދާ ބައެއް؟ އެހެން މީހުންގެ ހިތަށް ތަދުކުރާ މީހުންނަކީ ކޮންކަހަލަ މުސްލިމުންނެއް؟
އެމީހާ:     ވިޔަފާރިވެރިޔާ! އަޅުގަނޑަށް އެމީހުންގެ ވިޔާނުދާ ވާހަކަތަކުން ވަރަށް ބޮޑަށް އަސަރުކުރި. އަލުގަނޑު އެތައްފަހަރަކު އެކަހަލަ ވާހަކަ ނުދައްކާންވެސް ބުނިން. އެހެން ބުނީމާ އެމީހުން މާބޮޑަށް ރުޅިއައީ. އެއާއެކު އަޅުގަނޑު ގައިގައި ތަޅަންވެސް ފެށި. އެތަނުން ބައެއް މިހުން އަޅުގަނޑު މަރަލަން ވަޅިއެއްވެސް ނެގި. އަޅުގަނޑުވެސް އަމިއްލ ނަފްސުގެ ދިފާޢުގާ ޚަންޖަރު ނެގިން. ކަންދިމާވިގޮތުން އަޅުގަނޑުގެ ޚަންޖަރު ހޫރާލެވުނުގޮތުން، އެތަނުން ކޮންމެވެސް މީހަކުގެ ގަޔަށް ހެރުނު. އެއާއެކު އޭނާ ހަމަ ވަގުތުން މަރުވި. އަޅުގަނޑު ފުރާނަ ސަލާމަތް ކުރުމަށްޓަކައި އަވަހަށް ދުއްވައިގަތިން. މާތްރަސްކަލާނގެ ހެކިވެ ވޮޑިގަންނަވާނެ، އަޅުގަނޑަކީ އެއްވެސް ކުށެއްނެތް މީހެއްކަން. އަޅުގަނޑު ގަސްތުގައި އޭނާ މަރާލީކީނޫން. މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކާ އަޅުގަނޑު ސަލާމަތް ކޮށްދެއްވާ. އަޅުގަނޑަކީ ބީރައްޓެއްސަކީން.

ވިޔަފާރިވެރިޔާއަށް އޭނާގެ ވާހަކަތަކުން ވަރަށް ބޮޑަށް އަސަރުކުރިއެވެ. މިމީހާގެ އަތުން އެމަރުވީ މި ވިޔަފާރިވެރިޔާގެ ލޯބިވާ ދަރިފުޅުކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެހެންކަމާއެކު ނުހަނު މަޑުމައިތިރި އަޑަކުން އެހާމެ އޯގާވެރި ބަސްތަކަކުން އެ ޤާތިލުގެ ހިތްހަމަޖައްސައިދިނެވެ.

ވިޔަފާރިވެރިޔާ: ކޮއްކޯ. އަވަހަށް އެތެރެއަށް ވަދޭ. ތިޔައީ ނަޞާރާދީނުގެ މީހަކަށް ވިޔަސް އަހަންނަކަށް ފަރުވާލެއްނެތް. މާތްރަސްކަލާނގެ ސަލާމާއި ޞަލަވާތްލެއްވި އިތުރު ރަސޫލާ ހަދީޘް ކުރައްވަނީ ހުރިހާ އިންސާނުންނަކީވެސް، މާތްރަސްކަލާނގެ އަޅުން ކަމުގާ. އަދި ހައްތާވެސް އަޚުން ކަމުގާ. އެތެރެއަށް ވަދޭ. ހިތްހަމަޖެހުމާއެކު އިށީނދެލާ. މިހާރު ކޮއްކޮ ތިޔަހުރީ އަހަރެންގެ ރައްކާތެރިކަމުގެ ދަށުގާ. މިތާނގައި ހުއްޓާ ހަމަ އެކަކަށްވެސް ކޮއްކޮއަށް ގެއްލުމެއްދޭކަށް ނުކެރޭނެ.

މިހެން ބުނުމާއެކު ޤާތިލުގެ ހަމަނުޖެހިއޮތް ހިތަށް ހިސާބަކަށް ހަމަޖެހުމެއް ލިބިއްޖެއެވެ. ވިޔަފާރިވެރިޔާ ވާހަކަ ކުރިޔަށް ގެންދަމުން އަހާލިއެވެ. "ކަންބޮޑުވެފައި ތިޔަ ހުންނަނީ ކިއްވެގެން. އެތެރެއަށް ވަދޭ. ތިހިރީ ސަލާމަތްވެފާ. ރައްކާތެރި ވެފާކަމަށް ހީކުރޭ. އެމަރުވި މީހާގެ ތިމާގެ މީހުން މިތަނަށް އައިކަމުގައިވިޔަސް އަހަރެން ކަލެއެއް އެމީހުންނަކާ ޙަވާލެއް ނުކުރާނަން. އެއްވެސް މީހަކަށް ކަލެއަށް އުނދަގޫ ކުރާކަށް ނުކެރޭނެ. އެމީހަކަށް ޚުދު އަހަރެން ޖަވާބުދޭނަން. ރަނގަޅު މުސްލިމަކުދޭ ޖަވާބު ނުވަތަ ބުނާ ބަސްތައް ރަނގަޅު ޖާމިނު ވުމަކަށް ފުދޭނެ. މާތްރަސްކަލާނގެ މަދަދުން ކަލެއަށް އަހަރެން މިބުނި ބަހުގައި ސާބިތުވެގެން ހުރިކަން ދައްކަވާނެ."

ޤާތިލް އަނެއްކާވެސް ބޯތިރިކޮށްލިއެވެ. އޭނާގެ ހެދުމުގެ ފަސްބައިގައި ބޮސްދިނެވެ. އަދި ނޯކަރާ އެކުގައި ހީވެސް ނުކުރާކަހަލަ ގޮތަކަށް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އިދްރީސް ޠަލްޙާގެ ކާމިޔާބީގެ އުފަލުގައި ވަރަށް މިނިވަން ގޮވާލުމަކަށް ކައްކާފައި އޮތެވެ. މިގޮވާލުމުގައި އެސަހަރުގެ އިސް މީހުންނަށް ދަޢުވަތު ދީފައިވެއެވެ. ޢިއްޒަތްތެރި މެހްމާނުން ގޮނޑިގޮނޑީގައި އިށީނދެ ވަޑައިގެން ތިއްބަވާ ޠަލްޙާއަށް އިންތިޒާރު ކުރައްވަނީއެވެ. އޭނާ މިކޮޅަށް އައުން އާދަޔާ ޚިލާފަށް ލަސްވެއްޖެކަމަށް މިހާރު އެންމެނަށްވެސް ޤަބޫލު ކުރެވެއެވެ. ހަމަޖެހިފައި އޮތްގޮތުން އިރުއޮއްސުމުގެ ކުރިން ޠަލްޙާއަށް ގެއަށް އަންނަން ޖެހޭނެއެވެ. މިއީ އޭނާ މިހާބޮޑަށް ލަސްވި އެންމެ ފުރަތަމަ ފަހަރެވެ. އަދިވެސް ޠަލްޙާއެއް ނާދެއެވެ. އޭގެ ސަބަބުން މުސްކުޅި ބައްޕަ ވަރަށް ކަންބޮޑުވެއްޖެއެވެ. އަދި ޒާތްޒާތުގެ ޚިޔާލުތައް އޭނާގެ ސިކުނޑިއަށް ވަންނާން ފަށައިފިއެވެ. އެވަގުތު ކުއްލިއަކަށް ދޮރުމަތިން މާބާރަށް ހަޅޭއްލަވާ ގަތުމާއެކުގާ އޭނާގެ ޚިޔާލުގެ ސިލްސިލާ ކުދިކުދި ވެއްޖެއެވެ. ކާކޮޓަރީގައި ކަންބޮޑުވުމާއި ހާސްކަމުގެ ރާޅެއް ނެގިކަހަލައެވެ.

"ކިހިނެއްވީ އަނެއްކާ؟ ކުދިންނޭ." ވިޔަފާރިވެރިޔާ ކަންބޮޑުވެފައި ސުވާލުކޮށްލިއެވެ.

"ޠަލްޙާގެ ދިރިއުޅުން ކަތިމުވެއްޖެ." ނޯކަރު، ކަރުނަ ފޮހެލައިފައި ހިތާމައިން ފުރިގެންވާ ރާގެއްގައި ޖަވާބު ދިނެވެ. މި ޖަވާބު، ވިޔަފާރިވެރިޔާގެ ހިތް، މުޅިން ޒަޚަމު ކޮށްލައިފިއެވެ. އޭނާ މެހްމާނުންގެ ފަހަތުން ހޯދަމުން ހޯދަމުން ދިޔައެވެ. އުފުއްލާ އަށިގަނޑެއްގެ މަތީގައި ޠަލްޙާގެ ފުރާނައެއްނެތް މަސްގަނޑު އޮތެވެ. ލެއިން ތަތްތެޅިފައެވެ. ވަށައިގެން އެތައް މެހްމާނުންނަކާއި އެތައް މީހުންނެއް ބޮނޑިވެފައި އޮތެވެ. ތުރުތުރު އަޅައަޅާއޮތް ދެއަތުން، ގަބުރު މަތީގައި އޮތް ފޮތިގަނޑު އޭނާ އެއްފަރާތް ކޮށްލިއެވެ. އެންމެ ހެޔޮ އިސްލާމީ ތަޢުލީމާ އެއްގޮތަށް ވިޔަފާރިވެރިޔާ انا ﷲ و انااليه راجعون އޭ ކިޔައިލިއެވެ. އެޔާއެކު އޭނާގެ ލޮލުގެ ކުރިމަތީން އަނދިރިކަން ފެތުރިގެން ދިޔައެވެ. އިރުކޮޅެއް  ވަންދެން އެހުދުބޯ ތިރިކޮށް އިސްދަށަށް ޖަހައިލިއެވެ. ދެއަތް މޫނުގައި އަޅައި ދެއަތުން މޫނު ފޮރުވައިލިއެވެ. އެއަށްފަހު، އިސް އުފުލާލައިފައި އަހައިލިއެވެ.

"މީ ކިހިނެއް ވީކަމެއް؟ މި މަރުވެފައި އޮތް މަސްގަނޑު ފެނުނީ ކޮންތާކުން؟ ޠަލްޙާ ޤަތުލުކުރީ ކާކު؟"

ޠަލްޙާއާ އެކުގައި ދިޔަ ޚާދިމު ކުރިއަށް ޖެހިލައިފައި ނަންގަތެވެ. "ސާހިބާއެވެ! އަޅުގަނޑަށް ފެނުނީ ވަރަށް ދުރުން. އެ ސާހިބާ ހުންނެވީ ކޮންމެވެސް މީހަކާ ވާހަކަ ދައްކަވަން. އަޅުގަނޑަކަށް އެވާހަކައެއް އަޑެއް ނީވޭ. އެއަށްފަހު، އެ ސާހިބު އަސްމަތިން ފައިބަންނަވަނިކޮށް އަޅުގަނޑު ދުށިން. ނަމަވެސް ރަނގަޅަށް ނުފެއިބެންނެވިގެން އުޅުއްވަނިކޮށް އެމީހަކު ސާހިބާ ގަޔަށް ޚަންޖަރު ހަރާލި. އަޅުގަނޑަށް އެހިސާބަށް ނުދެވިގެން އުޅެނިކޮށް އެމީހާ ފިލައި ރައްކާވެއްޖެ."

ކުއްލިއަކަށް އިދްރީސް އަށް ޚިޔާލެއް އަތުވެއްޖެއެވެ. ދެން ކުޑައިރުކޮޅަކަށްފަހު، ބުނެލިއެވެ.

"ހެޔޮ ކޮންމެ ހެއްދެވި ގޮތެއްމެވާނީ ހައްދަވާނީ، سبحان من اني"
އެވަގުތުކޮޅުގެ ތެރޭގައި ޠަލްޙާގެ ގާތްތިމާގެ މީހުން އެތަނަށް ޖަމާވެއްޖެއެވެ. އޭނާގެ އެތައް އެކުވެރިންނެއް ޠަލްޙާގެ ޤާތިލް ހޯދަން ނުކުމެއްޖެއެވެ. ޝައިޚްގެ ގެވަނީ މޮޅިޔާއި ހިތާމައިން ފުރިގެންވާ ވިލާތަކެއް ވަށައިލާފައެވެ. ޖެހިގެންހުރި ކޮޓަރީގައި ރައްކާތެރިކޮށް ދީފައިވާ ނަޞްރާނީ ކަލޭގެހުރީ ވަރަށް ކަންބޮޑުވެ ޙައިރާންވެފައެވެ. އޭނާގެ ހިތްވަނީ ބިރުވެރިކަމާއި ކަންބޮޑުވުމުން ފުރިފައެވެ. "އަނެއްކާ މިއީ އަހަރެން މި ޤަތުލުކުރި މީހާގެ ގެބާ؟" ހިތާހިތާ އޭނާޔަށް ބުނެލެވުނެވެ. "އެހެން ކަމުގައިވަންޏާ ޤަތުލުކޮށްލި މީހާގެ ތިމާގެ މީހުން އަހަރެން ކުދިކުދި ކޮށްލާނެކަން ގައިމު." ނަޞްރާނީ ޒުވާނާ މި ޚިޔާލުތަކުގެ ތެރެއަށް ގެނބިއްޖެއެވެ.

ކުއްލިޔަކަށް އެކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ވިޔަފާރިވެރިޔާ ބައްތިޔެއް ހިފައިގެން އެކޮޓަރި ތެރެޔަށް ވަދެއްޖެއެވެ.

"ކަލޭ، މަރާލިކަމަށް ތިޔަބުނަނީ އެކަނިހުރި މީހަކުތަ؟" ބީރައްޓެހި ޒުވާނާކުރެން އެއްސެވެ.

"ނުވަތަ، އޭނާ ގާތުގައި އަދި އެހެން މީހަކުވެސް ހުރިތަ؟"

ބީރައްޓެހި ޒުވާނާ: ނޫން! އޭނާހުރީ އެކަންޏެއްނޫން. އެއީ ގާތްގަނޑަކަށް ދެތިން ހަތަރު މީހުން. އަޅުގަނޑު ޚަންޖަރު ނެގީ ޖާނު ސަލާމަތް ކުރަން.... އެހެން ނަމަވެސް.... އެހެން ނަމަވެސް.... މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި އަޚޅުގަނޑު އެމީހުންނާ ހަވާލު ނުކުރައްވާ! އަޅުގަނޑު.... އަޅުގަނޑަކީ ކުށްވެރިޔެއްނޫން!

ތުރުތުރު އަޅައަޅާހުރި ދެފައިން ސާދާގަރުގެ ފަސްފަހަތުން އޭނާ ހިނގާލަ ހިނގާލާ ހުއްޓެވެ. ކޮޓަރީގެ ދޮރާ ދާދި ކައިރީގައި ޠަލްޙާގެ ގަބުރު އޮތެވެ. އިޝާރަތް ކޮށްލައިފައި އޭނާ ގާތުގައި އެތާނގައި ކޮޅަށް ހުރުމަށް އެންގިއެވެ. ދެން ޚުދު ސާދާގަރު އެކޮތަރިޔަށް ވަނެވެ. އެއަށްފަހު އެތާނގައި ޤުރުއާން ކިޔަވާން ތިބި ހަތަރުމީހުން ބޭރަށް ފޮނުވައިލިއެވެ. އެތާނގައި އެހެން އެއްވެސް މީހަކު ނެތްކަން ޔަޤީންވީމާ، އެ ޒުވާނާޔަށް އެތެރެޔަށް ވަންނަން އަމުރު ކުރިއެވެ. ދެން ޠަލްޙާގެ މޫނުމަތީގައި އަޅައިފައި އޮތް ފޮތިގަނޑު ނަގައިފައި ދައްކާލިއެވެ. އަދި ސުވާލު ކޮށްލިއެވެ. "މި މީހަކު ދަންނަވަންތޯ؟"

މަރުވެފައި އޮތް މިޒުވާނާ ފެނުމުން އޭނާގެ މޫނުމަތީގެ ކުލަ ކުއްލިއަކަށް ރީނދޫ ކުލަޔަށް ބަދަލުވެގެން ދިޔައެވެ.

"ކަލޭ މަރާލި މީހަކީ މީތަ؟" ސާދާގަރު އަހައިލިއެވެ. "ބިރުގަންނާނެ ކަމެއްނެތް.... ވީކަމެއް ވީގޮތަށް ތެދަށް ބުނޭ!"

އެޒުވާނާ: ލައް-ލައްބަ.... ލައް-ލައްބަ.... ނަމަވެސް މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑުގެ މައްޗަށް ރަޙުމު ބަހައްޓަވާ! އަޅުގަނޑަކީ ކުށްވެރިޔެއްނޫން. އޭނާ އަޅުގަނޑަށް އެއްޗެހި ގޮވީ. އަދި...."
ވިޔަފާރިވެރިޔާ: ދެން ކަލޭ ކުރިންވެސް ހުރި ކޮޓަރިޔަށްދޭ! އަދި ރޭގަނޑުން ވަރަށް ބޮޑުތަން ބާކީ އެބައޮތް. ފަތިހު، ރައްކާތެރިކަމާއެކު ކަލެޔަށް ފިލައިގެން ދެވޭނެގޮތް ހަމަޖައްސައިދޭނަން.

ޠަލްޙާ ޤަތުލުކޮށްލި މީހާ ހިތަށް އެރިއެވެ. އަނެއްކާ އަހަރެންގެ ނަސީބު މިއުޅެނީ، ކޮންކަހަލަ ކުޅިވަރެއް ދައްކާން ބާވައޭ! ސަދާގަރު އޭނާގެ ދަރިފުޅުގެ ގަބުރު ކައިރީގައި ނަމާދު ކުރާން ހުއްޓެވެ. ފަތިސްވީމާ ނޯކަރުން އެންގެވިއެވެ. ބާރަށްދުވާ ޖަމަލަކާއި ފެންހަމެއް ބޭރުދޮރު ކައިރިޔަށް ގެންނާށެވެ. ނޯކަރު އަސްތަބަލަށް ދިޔަ ވަގުތު ރުފިޔާކޮތަޅަކާއި އަދިވެސް އެހެން ކޮތަޅެއް ގެނައެވެ. އެކޮތަޅުގައި ހުރީ ދަތުރުމަތީގައި ކާން، ދީފައިހުރި މޭވާއެވެ. ދެން މިތަކެތި ހިފައިގެން ސާދާގަރު އިންތިޒާރު ކޮށްކޮށް ހުއްޓެވެ. ބާރަށްދުވާ ޖަމަލު ގެނައިމާ ޝައިޚް ނޯކަރު ގާތުގައި ބުންޏެވެ. އެކޮޓަރިޔަށް ގޮސް ބީރައްޓެހި ކުއްޖާ ގޮވައިގެން އަންނާށެވެ. ޤާތިލު ހުރީ މުޅިރޭ އެންމެ ލޮލުފިޔައެއްވެސް ނުޖަހައެވެ. ނޯކަރު ފެނުމާއެކު އެންމެ ފަހުވަގުތު އައީކަން އޭނާއަށް ވިސްނުނެވެ. އެހިނދު އޭނާގެ ދީނުގައި އޮންނަގޮތަށް އަޅުކަންކޮށް ނިންމައިލިއެވެ. ދެން މަރަށް ތައްޔާރުވިއެވެ. އޭނާ ބިރުންގޮސް ތުރުތުރު އަޅަނީއެވެ. ވިޔަފާރިވެރިޔާ ޖަމަލުގެ ލަގަނުގައި ހިފައި ހުރަހަށް ހުރި ފާރުގައި ލައްވެލައިގެން ހުއްޓެވެ. އެވަގުތު ނޯކަރާއި ޤާތިލް އެތަނަށް އަތުވެއްޖެއެވެ. ސާދާގަރު ނޯކަރަށް އެތަނުން ދުރަށްދާން އިޝާރާތްކޮށްލިއެވެ. އެއަށްފަހު، ޤާތިލާ މިގޮތަށް ވާހަކަދައްކާން ފެށިއެވެ.

"ނުލަފާކުއްޖާ! ކަލޭތިޔަ ޤަތުލުކުރީ އަހަރެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ޠަލްޙާ. އަހަންނަށް ކަލޭ ތިޔަކުރި އަނިޔާ ހިތަށްވެސް ނުގެނެވޭނެ. ކަލޭ އަހަންނާ ތިޔަ ވަކިކޮށްލީ އަހަރެން މުސްކުޅިވީ ދުވަހު ލިބެންއޮތް ހަމައެކަނި އެހީ. އެއާގުޅިގެން އަހަންނަށް މިކުރަމުންދާ އަސަރުތައް ކަލެއަކަށް ފަހަރެއްގައިވެސް އަންދާޒާއެއް ނުކުރެވޭނެ. ނިކަން ބަލާބަލަ. ޠަލްޙާ އަހަރެންގެ ލޮލުގެ ކުރިމަތީގައި ކޮޅަށް ތެދުވެހުރެ ބަދަލު ހިފައިދިނުން އެދި އެހެރަ ހަޅޭއްލަވަނީ. ނުފެނޭތަ؟

ޠަލްޙާދެކެ އަހަރެން ލޯބިވަނީ އިންތިހާ ދަރަޖައަށް. އޭނާ ހަޅޭއްލަވަލަވާފައި ގޮވަނީ ކަލޭ ޖައްލާދާ ހަވާލުކޮށްދޭށޭ. ޠަލްޙާއަކީ އަދި ހަމަ ޅަޒުވާނެއް. ޒުވާންކަން އެހެރީ އެންމެ ފުރިހަމަ ދަރަޖައިގައި. އަހަރެމެން އެންމެން މިތިބީ އޭނާގެ އުފާވެރި ކައިވެނީގެ އިންތިޒާރުގާ. އަހަރެން މިހރީ ޙަޔާތުގެ އަޞުރުން ތިރިވެ އިރުއޮއްސުމާ ކައިރި ހިސާބެއްގައި. ޠަލްޙާއަކީ އަހަރެންގެ ފިރިހެން ދަރިފުޅު. އެއީ އަހަރެންގެ ޙަޔާތުގެ އަލިކަމުގެ އެންމެ ފަހު ދަޅަ. ކަލޭ ތިހިރީ އަހަރެމެންގެ މުޅި ޚާންދާނު ހަލާކުކޮށް ބަރުބާދުކޮށްފާ. އަހަރެންގެ ލޭ މިހިރަ ހޫނުވަނީ، ކެކެނީ. ނަމަވެސް މާތްރަސްކަލާނގެއާއި އެކަލާނގެ ރަސޫލާގެ ނަންފުޅުގެން ކަލޭ ރައްކާތެރި ކޮށްދިނުމަށް ޢަހުދު ކުރެވުނީތީ އަހަރެން މިބަލަނީ އެކަންތައް ފުރިހަމަ ކުރެވޭތޯ. އަން، މި ރުފިޔާގައި ހިފާ. އަދި މިހިރީ މޭވާކޮޅެއް. މި، ކަލޭގެ ދަތުރަށް ފުދޭވަރުވާނެ. މިއޮތީ ކަލޭގެ ދަތުރުގެ ސަވާރީ." މިހެން ކިޔަފައި އެއްކަލަ ޖަމަލުގެ ލަގަން އޭނާ އަތަށް ދިއްކޮށްލިއެވެ. އަދި ބުންޏެވެ. "މިއީ ވަރަށް ބާރަށް ދުވާ އެއްޗެއް. މީގާ އަވަހަށް ރައްކާވޭ. ސަރުކާރުގެ ސިފައިން ޠަލްޙާގެ ޤާތިލް ހޯދަން ނުކުންނާނެ ކަންނޭގެ މިހާރު. އެއަށްވުރެކުރިން ކަލެއަށް ރައްކާތެރި ހިސާބަކަށް ފޯރާފާނެ ތޯއްޗެއް."

ނަޞްރާނީ ޒުވާނާ ޙައިރާންވެގެން އަންތަރީސް ވެގެންގޮސް އިދުރީސްގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ.
"ފިލާ. ރައްކާވޭ. ލަސްނުކުރޭ." އިދުރީސް ހަޅޭއްލަވައިގެންފައި ބުންޏެވެ. "އެހެންނޫނީ ބަދަލުހިފުމުގެ ޖަޒުބާތު އަހަރެންގެ ޤަޞްދު ބަދަލުކޮށްލަން މަޖްބުރުކޮށްފާނެ."

"އަޅުގަނދު އެއްތާކަށްވެސް ނުދާނަން ސާހިބާ!" ނަޞްރާނީ ޒުވާނާ ތުރުތުރުއަޅައަޅާ ހުރި އަޑަކުން ބުންޏެވެ. އެއަށްފަހު އޭނާ އިދުރީސްގެ ފައިތިލަ މައްޗަށް ވެއްޓިގަތެވެ. އިދުރީސް އޭނާ ނެގިއެވެ. އެވަގުތު އޭނަ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފޮހެމުން ބުންޏެވެ.

"އަޅުގަނޑުގެ މާތް ސާހިބާ! މުސްލިމުންނަކީ ތިޔަހާ ހިތްވަރުގަދަ ބައެއްކަމެއް އަޅުގަނޑަކަށް ކުޑަކޮށްވެސް އެނގިފައެއް ނެތް. ތިޔަހާ ރަހުމާއި ހަމްދަރުދީ ހުންނާނޭކަމެއް، ތިޔަހާ ކެތްތެރި ބަޔަކަށް ވާނެކަމަށް މީހަކު ބުނާތީ ވެސް އަހާފައެއް ނެތް. ނިކަމެތި އަޅުގަނޑުގެ ކުށް މަޢާފުކޮށްދެއްވާ! ނިކަމެތި އަޅުގަނޑަށް މަނިކުފާނުގެ އަޅެއްގެ ޢިއްޒަތްދެއްވާ! އަޅުގަނޑު އެއްވެސް ތާކަށް ދާކަށްނެތިން. ދުނިޔޭގައި ބެހެއްޓެވިއަސް މެރުއްވިޔަސް ފަރުވާލެއްނެތް. އެ ކަން އޮތީ މަނިކުފާނުގެ އިޚްތިޔާރުގައި. ބައްލަވާ އަޅުގަނޑު މަނިކުފާނުގެ ކުރިފުޅުމަތީގައި لااله الاﷲ محمد رسول اﷲ ކިޔައި މި އިސްލާމްވީ."

އިދުރީސް އޭނާ ގެނެސް މޭގައި ޖައްސައިލިއެވެ.

--------------
(ނުނިމޭ)
މި ވާހަކައިގެ މިބައި:

      ޓައިޕުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
      އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ