އަދުގެ ޚާއްސަ

Print

3D ދިވެއްސަކަށް ނުވަމާ ތޯއެވެ!

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް


އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
 
3D ދިވެއްސެކޭ މި ދަންނަވަނީ ހަމަ ގަސްތުގައެވެ.  3D އުފެއްދުންތަކަކީ، އެއްވެސް ފުރާނައެއް ނެތް އުފެއްދުންތަކެކެވެ. އޭގައި، އޭގެ އަމިއްލަށް ދެނެގަތުމާއި، މަސައްކަތުން ލިބިގަތުމުގެ ބާރެއް ނެތެވެ. ޙަރަކާތެއް ވާނަމަ (އެނިމޭޓު ކޮށްފައިވާނަމަ) އެޙަރަކާތަކީ، އޭގެ އަމިއްލަ ޒާތުގައި ހިނގާ ކަމެއް ނޫނެވެ. ޕްރޮގްރާމު ކުރިމީހަކު، އެއަށް ދިން ބާރެކެވެ. އެމީހާ އެ އެއްޗެއް ޙަރަކާތްތެރިކުރުވަން ބޭނުންވި ގޮތެވެ.  އޭގެ ބޭރުން އެއްވެސް ކަމެއް އެފަދަ އުފެއްދުމަކަށް ނުކުރެވޭނެއެވެ.

ކޮންމެއަކަސް، މި މަޒުމޫނުގައި އަޅުގަނޑު އެއްޗެއް ދަންނަވާލަން މި އުޅޭ މައްސަލައާމެދު އެއްޗެއް ދަންނަވާލާއިރު، ތަންކޮޅެއް ''ބަރު ބަސްތައް''، ލަދު ޢިބާރާތައް ގެންނަން އެބަޖެހެއެވެ. އެކަމަށްޓަކައި ތިޔަ ބޭފުޅުންގެ އަރިހުން މާފަށް އެދެމެވެ.

އިންސާނާއަކީ، މާތް ﷲގެ އުފެއްދެވުމެކެވެ. އެކަލާނގެ ޚަލްޤުކުރެއްވި މަޚްލޫޤެކެވެ. އެކަލާނގެ އިންސާނާއަށް، އަމުރު ކުރެއްވި ކަންކަމުގެ ތެރޭގައި އަމިއްލަޔަށް ހޯދައި ލިބިގަތުން ހިމެނެއެވެ. އަމިއްލަ މަސައްކަތުން ޢިލްމުގެ މާކަނޑަށް ފީނުން ހިމެނެއެވެ. ޚާއްޞަކޮށް ސަލާމްލެއްވި އާދަމުގެފާނު އުފައްދަވައި، ބިމުގައި ލެއްވިތަކެތީގެ ނަންތައް އެކަލޭގެފާނަށް، އުނގަންނަވައި ދެއްވުން ފާހަގަ ކޮށްލެވެއެވެ. ބަހުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެކަމުން އިންސާނާއާއި ބަހާ ދެމެދު ހުރި ގުޅުން އެނގެއެވެ. އެކަމަށް އޭނާ ދޭންޖެހޭ އަހައްމިއްޔަތު އެނގެއެވެ.  ވިސްނާ ފިކުރު ކުރާނަމަ އެވެ!

އަޅުގަނޑުމެންގެ ދިވެހި ބަހަކީ، ޤުދުރަތުން އަޅުގަނޑުމެންނަށް ދެއްވިބަހެވެ. ބަހެއްގައި ހުންނަންޖެހޭ ކަމަށް ޢިލްމުވެރިން ވިދާޅުވާ ހުރިހާ ސިފަތަކެއް މި ބަހުގައި ވެސް ހުރިކަމަށްވެއެވެ. އެހެންކަމަށްވާނަމަ، މި ބަހުގައި ވެސް ހަމަތަކެއް ހުންނާނެއެވެ. ސިއްރުތަކެއް ހުންނާނެއެވެ. އުނގެނި ދަސްކުރަންޖެހޭ ކަންތައްތަކެއް އޮންނާނެއެވެ. އެކަންކަން ދެނެގަތުމަށްޓަކައި އަމިއްލަޔަށް މަސައްކަތް ކުރުމީ ބަހުގެ އަހުލުވެރިންގެ ވާޖިބެކެވެ.  ބަސްބޭނުންކުރާ މީހުންގެ މަސްއޫލިއްޔަތެކެވެ. ސަބަބަކީ، އެފަދަ މަސައްކަތްތައް ކުރުމެއްނެތި، ބަހާމެދު ދޭންޖެހޭ ސަމާލުކަން ނުދީ ބަސް ބޭނުން ކުރުމުން ދިމާވާ ދެރަ ގޮތްތަކެވެ. އައިބު ގޮތްތަކެވެ. ލަދުވެތި ހާލަތްތަކެވެ.


މި މަޒުމޫނުގައި މިފަދަ ދެތިން ޙާލަތަކަށް އަލި އަޅުވާލެވޭތޯ ބަލާނަމެވެ.

އެއްބަހެއްގައި އެތައް މާނައެއް އޮވެދާނެއެވެ. އެއް ލަފުޒެއް އަނެއް ލަފުޒަކާ ގުޅޭ ގޮތަކުން މާނަ ވަދަލުވެދާނެއެވެ. މި ފަދަ ހާލަތްތަކާއި ހަމަތައް ދަސްކުރަން ޖެހެއެވެ. ބަސްބުނެ އާންމު ކުރުމުގެ ކުރީގައި ނުވަތަ ޝާއިޢު ކުރުމުގެ ކުރީގައި ކުރެވިފައިވާ ޢިބާރާތްތަކަށް ސަމާލުވާންޖެހެވެ.  އާންމުކޮށް ތިމާ އަށް އެނގިފައި އޮންނަ މާނަ ނޫން އެހެން މާނައެއް އެ ލަފުޒުން ނިކުމެދާނެ ތީއެވެ.  ނިކުންނަ މާނަ ތިބާގެ ޝަޚްޞިއްޔަތަށް ފުރައްސާރަ ކޮށްފާނެތީވެސްމެއެވެ.

މިސާލު:

ހ- މީހަކު ދިޔައީ އޭނާގެ މަންމަ ބަލިވެގެން ހޮސްޕިޓަލުގައި ބާއްފައި އޮތީމައެވެ. އޭނާ އައިސް، ތިމަން މިއައީ ހޮސްޕިޓަލަށް ވަދެފައޭ ބުނުމުން މައްސަލައެއް ނެތެވެ. މިސްކިތަށް ވަނަސް މައްސަލައެއް ނެތެވެ. އެކަމަކު ހޮސްޕިޓަލުގައި އޮތް ބަލިމީހާގެ ގާތަށް ވަދެފައޭ ބުނީމާ ނިކުންނަނީ މުޅިން ތަފާތު މާނައެވެ. ސަބަބަކީ، އިންސާނެއްގެ ގާތަށް ވިއްޔާ ދިވެހިން ކިޔާ އުޅެނީ ދިޔުމެވެ. އޭނާ ދިޔައީ މަންމަ ގާތަށެވެ. ބަލިވެ އޮތްނަމަ މަންމަޔަށް ގޮވާލަން ދިޔައީއެވެ. ''ވަނުން'' މި ލަފުޒު ބޭނުން ކޮށްފިއްޔާ ނިކުންނަނީ ހައްދުޖަހަން ޖެހޭވަރުގެ ހުތުރު މާނައެއް ނޫންތޯއެވެ.

ށ- މި  ވެނި ދަތުރެއްގައި ތިމަންނަމެން ރޭކުރީ އެވެނި ރަށެއްގައޭ ބުނުމުން މައްސަލައެއްނެތެވެ. ރޭކުރުމުގެ އެއްމާނަކީ، ރޭގަނޑު އެރަށުގައި ތިބުމެވެ. އެރަށުގައި މަޑުކުރުމެވެ. އެރޭގެ ނިދި އެރަށުގައި ނިދުމެވެ. އެކަމަކު، މި ޙާލަތުގައިވެސް މީހެއްގެ ގާތުގައި ރޭކުރީމޭ ބުނެފި ނަމަ، މާނަ ގޯސްވެއެވެ. ހުތުރުވެއެވެ. ސަބަބަކީ، މީހެއްގެ ގާތުގައި ރޭކުރުމަކީ، އޭނާގާތުގައި ނިދުން ކަމަށްވާތީއެވެ.

ނ-  ދާދި ފަހުން ރާއްޖޭގެ ޓީވީ ޗެނަލަކުން ދެއްކި ރިޕޯޓެކެވެ.  ޗައިނާއަށް އައި ބިންހެލުމެއްގައި ގެއެއްގެ ދަށުވި މީހަކު، ސަލާމަތްވެގެން ނިކުމެ ބަސްދީ ގަތުމެއްދެނީއެވެ. ދިވެހި ބަހުން އޭގެ ތަރުޖަމާއައެވެ. '' އަހަރެން އޮތީ ގޭގެ ދަށުގައި ފިތި ބާރުވެފާ. މީހުންނަށް ގޮވާ ހެދީމަ އަޑެއް ނީވުނު. އެންމެ ފަހުން އެހެން އޮވެފައި ހަދާލެވުނު ގޮތަކުން ފައިދަމައިގަނެވިއްޖެ. އެކަމަކު މަތީގައި އޮތްގަލުގެ ބަރުކަމުން ނުތެދުވެވުނު. އެންމެފަހުން އެހެން އޮވެފައި ވަރަށް މަސައްކަތުން ބަނޑުއަޅައިގެން ނިކުތީ''

ތިރީގައި ބަޔާންކުރެވުނު ތިން މިސާލަކީވެސް، މި ފަދަ ކޮންމެވެސް ގޮތަކުން އަޅުގަނޑަށް އިވިފައިވާތީ، ކިޔިފައިވާތީ، ހިމަނާފައިވާ ތިން މިސާލެވެ. ފަހު މިސާލުގެ އެންމެ ފަހު ބަހާމެދުވެސް ވިސްނާލައްވާށެވެ.  އޮޑި އެޅުމަކީ ހުތުރު ބަހެއް ނޫނެވެ. ލޯ އެޅުމަކީ ވެސް ހުތުރު ބަހެއް ނޫނެވެ. އެކަމަކު ބަނޑާ ގުޅުވައިގެން، ''އެޅުން'' މި ލަފުޒު އައިމާ އެބަސް އެންމެ އެކަށީގެންވަނީ، މާރުކޭޓުގެ މަސްކަނޑާ އަށިމައްޗަށް ދޮގެއްތޯއެވެ؟

މި ފަދަ ތަފާތުތައް ދެނެގަތުމަށްޓަކައި، ބަސްފޯރުކޮށްދޭ މީހުން މަސައްކަތްކުރަންޖެހެއެވެ. އަމިއްލަޔަށް އުނގެނި ދަސްކުރަންޖެހެއެވެ. ރޮބަޓުގެ ދުނިޔޭން ނިކުންނަންޖެހެއެވެ. 3 – D ވަންތަކަންވެސް ކަނޑުވަންޖެހެއެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ