އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (18)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
 
                                                        (9 މެއި 2011 އާ ގުޅޭ)
އާދެ! މިސްޓަރ އަޙްމަދު އެވަގުތު އޮތީ ކިތަންމެ ރީއްޗެއްކޮށްވެސް ފުލުހުމީހާ މެރިކަމުގެ ތުހުމަތުން އެތަކެއް ހެތްކާއެކު ބެދެވިފައެވެ. ސަލާމަތްވާނެ ހަމައެންމެ ތަންފުކެއްވެސް ނެތެވެ. އަދި އަންވަރުގެ އަމުރާ އެއްގޮތްވާ ގޮތުގެމަތިން އޮފީލިޔާ ނުބެލެހެއްޓުނު ކަމުގެ ހިތާމަ އާއި ދެރަ އޭނާއަށް ލިބިފައިވަނީ އުއްމީދު ކެނޑޭފަދަ ދަރަޖައަކަށެވެ. . . . . . .  ހޭލެވުނުއިރު ފުލުހުން ސުވާލުކުރަނީއެވެ. އެހެން ކަމުން މިސްޓަރ އަޙްމަދު ގަސްތުކުރީ ޖެހިލުމެއްނެތި  ޖަވާބުދިނުމަށެވެ.
އަޙްމަދު:-   ތިޔަފުލުހު މީހާގެ މަރާ ވިދިގެން އެއްޗެއް ހޯދަން ބޭނުންނަމަ، އަހަންނާ ސުވާލު ނުކުރާށެވެ.
         އެހުރިހާ ސުވާލެއް އަހަރެން އެއްބަނޑު އެއްބަފާ ފުރޭތައެއް ފަދަ ބޭބެއާ ކުރާށެވެ.

ފުލުހުން:-   ތިޔަ ބުނާ ބޭބެ ކޮބައިހެއްޔެވެ؟

އަހްމަދު:-   އަހަންނާ އެކުގައި އަހަރެންގެ ގެއަށް ގޮސްދޭށެވެ!
         މިހާރުވެސް އޭނާ ގޭގައި އޮންނާނެއެވެ. މުޅިމޫނުގައި ހުދުކުލަ ޖަހަންދެން ފުއްޖަހައިގެން  ހަރުވާޅުބުރިއެއް ލައިގެން ނިދަން އޮންނާނެއެވެ.

މިހެން ބުނުމުން ފުލުހުން 3 މީހުން އަހުމަދު ގޮވައިގެން އޭނާގެ ކާރުގައި އޭނާ ދައްކާ މަގަކުން ދަތުރުކުރަން ގފަށައިފިއެވެ. ނަމަވެސް ދިޔަ މަގުމަތީގައި އޙްމަދު ކާރުގެ ތެރޭގައި އޮތީ ހަތަރެސްފައި  ބަދެފައެވެ. އަޙްމަދު ހުޝިޔާރު ކަމާއެކު މަގު ދައްކަމުން ދެއެވެ. ވިއްސަކަށް މިނިޓްގެ ދުއްވުމަކަށްފަހު އެވަރބްލޫގެ ކައިރިއަށް ކާރުމަޑުކޮށްލައިފިއެވެ.އަދި ފުލުހުން ބޭރުގައި ތިބެން އަންގާފައި މީނާ ބޭބެއަށް ގޮވަމުން ގޭތެރެއަށް ވަދެގެން ހިގައްޖެއެވެ. (އާދެ! ގެޔާހަމައަށް އައިސްފައި އަޙްމަދުގެ އަތްފައި މޮހައިލައިދިނެވެ.)
           
ތިޔަބޭފުޅުންނަށްވެސް އެގިވަޑައި ގަންނަވާނެ ފަދައިން އެވަގުތު އެވަރބްލޫގައި އެކަކުވެސް ނެތެވެ. ނަމަވެސް މިސްޓަރ އަހްމަދު އެތެރެއަށް ވަދެގެން  ދިޔައީ އަޑުގައި ނެތްތަނަށް ބޭބެއޭ ދެންފިލާ ނުއޮވެ ނުކުންނާށޭ ގޮވަމުންނެވެ. ފުލުހުން އައިސްތިބި ވާހަކައާއި، މިރޭ ހައްޔަރުކޮށްފައި މާދަމާ އިރާދަކުރެއްވިއްޔާ ބޭބެ ދަންޖައްސާނޭއޭ ވެސް ގޮވައެވެ.  މިކަހަލ ރުޅިވެރި ބަސްތަކަކުން ހަޅޭއްލަވަމުން އަޙްމަދު ހެދުން ބާލައި ހުސްހަރުވާޅު ބުރިއަކަށް ހަދައިލައިފިއެވެ. އަދި ފުށްދަޅެއް ހުސްވަންދެން މޫނުގައި ފުއްވެސް ޖަހައިފިއެވ. މިގޮތަށް އޭނާގެ ސިފަ ބަދަލުކޮށް ބޭބެއަށް  ވުމަށްފަހު ގޭގެ ދެކުނުފަރާތުން ކޮޓަރިއެއް ތަޅުލައިފައި ތަޅުދަނޑި ފައިކޭޓަށް ލައިގެން އެބަހަރަ ނުކުމެއެވެ. މިހާރު އޭނާވާހަކަ ދައްކަނީ، "ބޭބެއެއް" ގެ ފަލައަޑުންނެވެ. ހިނގަނީ ކުޑަކޮށް ކޮރުހިނގުމެކެވެ. ފެންޑާމައްޗަށް ނުކުތުމާއެކު ފުލުހުން ސުވާލު ކުރަން ފަށައިފިއެވެ.

ފުލުސް:-   ކިޔަނީ ކޮންނަމެއް ހެއްޔެވެ؟

ބޭބެ:-     ކަލޭމެންވެސް އަހަންވީ މަގޭ ނަން ހެއްޔެވެ؟ ބަލަ ތިޔަމީހާ މަރައިލި ކަލޭގެ މަގޭ ބޮލުގައި ތުހުމަތު އަޅުވައިފައި ކޮޓަރިތަޅުލައިގެން ވަދެ ދަންޖެހެން އެއޮއް އުޅެނީއެވެ. އެއީ، އަހަރެންގެ އެއްބަނޑު އެއްބަފައި ކޮއްކޮ ނަމަވެސް ކަންހުރި ގޮތަށް މިކިޔައިދެނީއެވެ. މިރޭ އޭނާ  ނުކުތީ ޑޯރެންސީ ހޮޓަލުން މިގެއަށް އަންނަ ބޮޑުމަގުގެ ހަތަރުއަގޮޅީގައި ހުންނަ ފުލުހުމީހާ ދެކެ ކަމަކާ ރުޅިއައިސްގެން އޭނާ މަރައިލުމަށް ގަސްދުކޮށްގެން ނެވެ. އަދި އޭނާއާއި އޭނާގެ ރަޙުމަތްތެރި އަޝޯކް މިގޭގައި ތިބެގެން  އެއްބަސްވީގޮތުން ކަންތައް ކުރި ކަމަށްވަންޏާ ފުލުހުމީހާ މަރާލައިފައި އޭނާ ވެސް އޮންނާނީ ހޭނެތިގެން ކަމަށް ހަދައިގެން ވެއްޓި ޚަބަރު ހުސްވެފައެވެ.

ކޮންމެއަކަސް ބޭބެ މިކިޔައިދިން ވާހަކައާއި، އަދި ފިސްތޯލައިގެ މުށްގަޑުގައި ހުރި ނިޝާނާ ވަރަށްބޮޑަށް ދިމާވެ، ބޭބެގެ ބަސް ޤަބޫލުކުރެވިއްޖެ އެވެ. މިހާރު އޭނާ ދަންޖެހުނީ ކަމަށް ބޭބެ ބުނުމުން ފުލުހުން އަވަހަށް އެ ކޮޓަރިއާ ދިމާއަށް ދުއްވައިގެންފިއެވެ. ނަމަވެސް ދޮރެއް ނުހުޅުވުނެވެ. އެވަގުތު ބޭބެގޮވާލިއެވެ. "ތިޔަދޮރުގެ ތަޅު ހުޅުވޭވަރުގެ ތަޅުދަޑިއެއް މިގެންނަނީއެވެ. މަކަރުވެރި ނުލަފާ ކަލޭގެ މިރޭ ސަލާމަތްވިޔަކަ ނުދޭނަމެވެ."  މިހެން ގޮވަމުން ގެއިން ނުކުމެއްޖެއެވެ.

ލަސްތަކެއްނުވެ ލިބުނު ފުރުސަތުގެ ބޭނުން ހިފައިފިއެވެ. އޭނާ ކާރަށް އަރައިފައި އޭގެ އެންމެ މަތީ ގިއަރުގެ  ބޭނުން ކޮށްފިއެވެ. . . . . . . .
އާދެ! ފުލުހުމީހުންގެ އަތްދޮށުންނާއި އެއްވެސް ގޮތަކުން އަޙްމަދުއާ ގުޅުމެއްނެތް މަރެއްގެ ތުހުމަތުން ސަލާމަތް ވެވުނު ކަމާމެދު އޭނާ އިންތިހާ ދަރަޖައަށް އުފާކުރަމުން ހުދު ކަރުދާހެއްގެ ކުލަ އަންނަންދެން ވަނީ ފުއްޖަހައިފައެވެ. ހަށިގަނޑުގައި ނިވައިކޮށްލުމަށްޓަކައި އޮތީ ހަމައެކަނި ބައު ހަރުވާލު ބުރިއެކެވެ. އެހެންކަމުން އެތަކެއް މޭލު  ދުރަށްގޮސްފައި އޭނާ ކޮންމެވެސް ގޮތަކުން ހެދުން ބަދަލުކޮށްލައިފިއެވެ. ދެން އަވަސްވެގަތީ އޮފީލިޔާ ޖަހައިގަނެގެން ދިޔަ ޚަބަރު މިސްޓަރ އަންވަރަށް ދިނުމަށްޓަކައި އަވަހަށް ޑޯރެންސީ ހޮޓަލަށް ދިއުމަށެވެ.
. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

މިސް އޮފީލިޔާ އަތުލައި ގަނެގެން ގެންދިޔުމުގެ ސަބަބުން އަޙްމަދަށް ލިބިފައިވާ ހިތާމަ ކިތަންމެހާވެސް ބޮޑެވެ. އެހެންކަމުން ވަރަށް އަވަހަށް ކާރުން ފުންމާލައިގެން، ޑޯރެންސީ  ހޮޓަލްގެ ތެރެއަށް އޭނާ  ވަދެގެން ހިގައްޖެއެވެ.  އާދެ!  މިސްޓަރ އަންވަރު އާއި ބައްދަލު ކުރުމަށެވެ. އެހާކަށަވަރު ގޮތެއްގައި އެތަނަށް ދާން އެގުނީ އަންވަރުމިރޭ އެތާއުޅޭނެ  ކަމަށް ބުނެފާ އޮތުމުގެ ސަބަބުންނެވެ. ހޮޓަލްގެ ބޮޑުކޮޓަރިއަށް ވަނުމާއެކު އޭނާއަށް ލިބުނީ  އަދި އޭގެކުރިން  މިސްޓަރ އަޙްމަދަށް ތަޖުރިބާ ކުރެވިފާ ނެތްފަދަ ބޮޑު ޙައިރާން ކަމެކެވެ. އާދެ! މިރޭ 10 ޖެހިފަހުން އޭނާގެ ކާރުގައި ގެންދަނިކޮށް ވަގުންގެ މީހުން ޖަހައިގަނެގެން  ގޮވައިގެން  ދިޔަ މިސްއޮފީލިޔާ  ހަމަ އެންމެ ރީތިކޮށް ނަލަހެދިލައިގެން ކޮޓަރި ތެރޭގައި އެބައިނެވެ. އަދި އޭނާގެ ކައިރީގައި ދެވަނއފުރައިގެ  އެހެންމީހަކުވެސް އިނެވެ.  އެތަނަށް އަޙްމަދު ވަނުމާއެކު އޮފީލިޔާ  ތެދުވެ ސަލާމްކޮށްލައިފިއެވެ. އަދި އަވަހަށް އެމޭޒްދޮށުގައި ބައިންދައިފިއެވެ. އުފާވެރިކަމާއެކު ދެމީހުން އެކަކު އަނެކަކަށް  ތަޢާރަފްކޮށްދޭން ފަށައިފިއެވެ. ( ކައިރީގައި އިން މީހާއަށް އިޝާރާތް ކޮށްލާފައި )  މިއިނީ އހަރެންގެ އެއްބަޑު އެއްބަފާ ބޭބެއެވެ. ފަނަރަވަރަކަށް ދުވަހުގެ  ދަތުރެއް ސިނގަޕޫރަށް ކޮށްލުމަށްފަހު، މިރޭ ހަމަ ދެންމެއަކު އައީއެވެ. ނަމަކީ، ވިލިއަމްއެވެ، އަހަރެންގެ އުމުރާއި ޙަޔާތުގެ ހުރިހާވެސް  އުފަލަކީ އަދި އުއްމީދަކީ ވެސް ހަމައެކަނި މި ބޭބެއެވެ.

 (އަޙްމަދުއާ ދިމާއަށް އިޝާރާތްކޮށްލާފައި ) ބޭބެއެވެ! މިއިނީ ދެންމެ އަހަރެން ކިޔާދިން ނުރައްކާތެރިކަމުން އަހަރެން ސަލާމަތް ކޮށްދިން ދެމީހުން ކުރެ އެކެކެވެ. އާއެކެވެ! މިރޭ މިދެމީހުން  އަހަންނާއި އެހީނުވިނަމަ، ބޭބެއަށް އާދެވުނުއިރު އަހަރެންއޮތީހީ  ހަމައެކަނި ފުރާނަ ހުސްވެ ފިނިވެފައިވާ  މަސްގަނޑުކަމާމެދަކު  ޝައްކެތް ނެތެވެ.

ކޮންމެއަކަސް  އޮފީލިޔާގެ ބޭބެވެސް މިސްޓަރ އަޙްމަދަށް ވަރަށް ޝުކުރުއދާކުރި އެވެ. އަދި އޭނާގެ ކޮއްކޮ އޮފީލިޔާ  މަރުން ސަލާމަތް ކޮށްދިން  ދެމީހުންގެ ނަންވެސް އެއްސެވެ. ނަމަވެސް އަޙްމަދު އޭނާގެ ނަންބުނީ އޮޅުވާލައިގެންނެވެ. އާދެ! އޭނައަކީ ރޮބަޓްކަމަށެވެ. އަދި އެނެކަކީ ޖޯންކަމަށެވެ. ސބަބަކީ، އޮފީލިޔާގެ ބޭބެނަމަވެސް އަދި އޮފީލިޔާ ނަމަވެސް، މިސްޓަރ އަންވަރުގެ އަމުރަކާ ނުލާ އެއްވެސް މައުލޫމާތެއް ދިނުމަށް ނުފެނުނުކަމަށެވެ.

އާދެ!  ހަމައެދަނޑިވަޅުގައި މިސްޓަރ ޖޯން ކޮބައިތޯ އޮފީލިޔާގެ ބޭބެ  ސުވާލުކޮށްފިއެވެ. މި ސުވާލާއެކުގައި  އަޙްމަދުއަށް ވެސް ހަމަ  އެ ސުވާލު ކުރެވުނެވެ. ނަމަވެސް އޮފީލިޔާގެ ފަރާތުން ލިބުނު ޖަވާބުން ހައްތަހާވެސް ލިބުނީ ހައިރާން ކަމެވެ. އާދެ! އޮފިލިޔާ ވަރަށް ކުރުކުރު ކޮށްބުނީ ، މިސްޓަރ ޖޯން އިރާކޮޅު ވަގުންގެ ދެމީހުންނާއެކުގައި ނުކުމެގެން ދިޔަކަމަށެވެ. އަދި ކާރަށް އެރީ ވެސް މިސްޓަރ ޖޯން ކަމަށެވެ. އޮފީލިޔާ އޭނާގެ ކޮޓަރީގައި އިނީ ކަމަށެވެ. އަދި ބުންޏެވެ. އޭނާ އެޅީވެސް ހަމަ އަހަރެން ލައިގެންހުރި ކަހަލަ ސާޅިއެކެވެ. އަހަރެން ކޮޓަރިއަށް ވަނުމުން އޭނާ އަހަންނަށް ވެގެން  ނުކުތީ އެވެ. މިސްޓަރ އަހްމަދަށް ނެގިފައޮތް އެތަކެއް ސިއްރު އޮފީލިޔާގެ ވާހަކައިން އެގިއްޖެއެވެ. އާދެ! އޭނާގެ ކާރުގައި އޮފީލިޔާއަށް ހެދިގެން އިނީ މިސްޓަރ އަންވަރުއެވެ. ވަގުންގެ މީހުން އޮފީލިޔާކަމަށް އަތުލައި ގަނެގެން އެގެންދިޔައީވެސް އަންވަރެވެ.އެހެންކަމުން އެ ކުޑަކުޑަ ވަގުތުކޮޅުގެ ތެރޭގައި އަޙުމަދު އަނބުރައިގަތުމާ ކައިރިވިއެވެ. ހަދާނެ ގޮތް މުޅިން ހުސްވެގެންނެވެ. އޭނާގެ ހިތަށް އެރިއެވެ. . . . . .  . . . . . "ދެރަކަމުގެ ކޮޅެއް ނެތެވެ. އަންވަރުގެ ހުޝިޔާރުކަން ބޮޑުކަމުން ގޮސް އަހަންނަށްވެސް އޮޅުވައިލާން ހަދައިގެން މިރޭ އޭނާއާއި އަހަންނާ ދެ މީހުން ދެތަންވާން ޖެހުނީ އެވެ. އަދި ކުރިހާ މަސައްކަތް ނާކާމިޔާޞުވެސް ވީ އެވެ. ވަގުންގެ މީހުން މިސްޓަރ އަންވަރަށް ހަދާނީ ކިހިނެއް ކަމެއްވެސް ނޭނގެ އެވެ. އަދި އޭގެ އިތުރަށް އޭނާ ހައްޔަރުކުރީ ކިހާ ހިސާބެއްގައި ހުރި ކޮންފަދަ ތަނެއްގައި ކަމެއްވެސް ނޭނގެ އެވެ. އާނއެކެވެ. އަންވަރަށް ފެނުނު ހުވަފެން ކިތަންމެހާވެސް ތެދެވެ. އޭގައި ފެނުނު ހުރިހާ ގޮތެއް އައިސް، ވެ ނިމުނީ އެވެ. ދެން އެންމެ ދެރަކަމަކީ މި ރޭ ނިދައިލާން ވަންނާނެ ގެޔެއްވެސް ނެތްކަމެވެ. "އެވަރބްލޫ"ގައި މިހާރު ފުލުހުން ފޯރީމަރާނެ އެވެ. އެ ތަނަށް ވަދެއްޖެ ނަމަ މަރުގެ އަނގަވަޅަކަށް ވެއްޓުނީ އެވެ. ދެން އޮތީ މިތާނގައި ނިދުމެވެ. މިތަންވެސް ބިރުވެރިކަމުން ހުސްވެގެން ވާހެނެއް ހިޔެއް ނުވެއެވެ."

މި ކަހަލަ ޚިޔާލުތަކެއްގައި އަޙުމަދު ހިމޭންވެފައި އިންދައި އޮފީލިޔާ އަނެއްކާވެސް ސުވާލުކޮށްލައިފިއެވެ. " މިސްޓަރ އެވެ. މިރޭގެ ފިނިކަން ކުޑަކޮށްލުމަށްޓަކައި އަހަރެން ދެބެންނާއެކު ކޮފީތައްޓެއް ބުއިން ކީއްތޯއެވެ؟

މިސުވާލުގެ ޖަވާބަކަށް އާއެކޭބުނެ ނުނިންމާ އުޅެނިކޮށް އޮފީލިޔާގެ ބޭބެވެސް  ރައްޓެހިކަން  އިތުރުވަމުން  ދާ ރާގަކަށް  ސުވާލު ކޮށްލައިފިއެވެ. " އަހަރެންގެ  ކޮއްކޮގެ ފުރާނަ ސަލާމަތް  ކޮށްދިން ރަޙުމަތްތެރިޔާއެވެ! މިހާރުފަހެ  މިސްޓަރ ޖޯން ކޮބައިހެއްޔެވެ؟ އޭނާގެ މައްޗައް އެއްވެސް ނުރައްކަލެއް  އައިހެއްޔެވެ؟

މި ސުވާލުގެ  ޖަވާބަކަށްޓަކައި އަގަހުޅުވާލުމަށް އަހްމަދުގެ ހިތަށް އެރީ މިސްޓަރ އަންވަރުގެ ޕޮލިސީއެވެ. އޭނާ  އަބަދުވެސް ގެންގުޅޭ  އެންމެންނަށް ކަންތައް  އޮޅުވާލުމުގެ  ވަރުގަދަ ޕޮލިސީއެވެ. އެހެން ކަމުން ............ އެވަގުތު ގަސްދުކުރީ އޮފީލިޔާމެންނަށްވެސް ކަންތައް އޮޅުވައިލުމަށެވެ. އެހެން ކަމުން ހަމަޖެހިލައިފައި ބުންޏެވެ.

"މިސްޓަރ ޖޯންކަން އެނގެނީ މިހާރުއެވެ. އޭރު އަހަރެން ހީކުރީ އޮފީލިޔާކަމަށެވެ. ކޮންމެއަކަސް  އހަރުމެންނާ  ކިތަންމެހާ ވެސް ރީއްޗެއްކޮށް  ވަގުންގެ ދެމީހުން  ހަމަލަދިނެވެ. ނަމަވެސް މިސް އޮފީލިޔާ  (ނުވަތަ މިސްޓަރ ޖޯން) ގެ ދެއަތުގައި އޮތް  ދެފިސްތޯލައިން އޭގެ ދެމީހުންގެ  ދުވަސް ދުއްވައިލައިފިއެވެ. އެކަމަކު އެސަކަރާތްގަނޑުގެ ތެރޭގައި "އޮފީލިޔާ" އަހަންނަށް ވެސް  ފިލައިގެން އެބައިމީހުން  އައިކާރުގައި ރައްކާތެރި ވެއްޖެއެވެ. އަހަރެން މިހާ އަވަހަށް  މިތަނަށް މިއައީވެސް އޮފީލިޔާ  މިތަނަށް އައިތޯ  އާއި، އަދި މިސްޓަރ ޖޯން ކޮބައިތޯ ބެލުމަށެވެ. ނަމަވެސް މިހާރު މި އެނެގެނީ ޖޯން އަހަންނަށް ފިލީ ކަމެވެ.

މި ހިސާބަށް ވާހަކަ ދިޔައިރު ތިން މީހުންނަށްވެސް އާފުރޭން ފެށިއްޖެ އެވެ. ނިދީގެ އަސަރުތައް އެތަކެއް ގޮތުން އުނދަގޫ ކުރާން ފަށއިފި އެވެ. އެހެންކަމުން އޮފީލިޔާ އެދުނީ ނިދުމަށްޓަކައި އޭނާގެ ގެޔަށް ދެބޭން ދިޔުމުގެ އަމުރު ދިނުމަށެވެ. ހަމަ އެޔާއެކު މިސްޓަރ އަޙުމަދުވެސް އެދުނީ އެ ދެބެންނާ އެކުގައި މި ރޭ އެގޭގައި ދިނުމަށް ގަބޫލުވުމަށެވެ.ސަބަބަކީ ފަތިހު ޖޯން ފަހަރެއްގައި އަތުވެދާނެތީ އެވެ. (ނަމަވެސް ހަގީގަތަކީ މިއީއެއް ނޫނެވެ. ތިޔަ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މި ރޭ އެވަރ ބްލޫގެ ނާމާންކަމެވެ.)

އޮފީލިޔާއާއި އޭނާގެ ބޭބެއާއި މިސްޓަރ އަޙުމަދު އެ ގެޔަށް ހިނގައްޖެ އެވެ. އެއީ ޑޯރެންސީއާ ދެތިން މޭލެއްގެ ދުރުގައި ހުރި އާދައިގެ ދެބުރި ގެއެކެވެ. މުޅި ގެ ވަނީ އޮފީލިޔާ އެކުގައި ހިފައިފައެވެ. އާދެ! ހުރިހާވެސް ކަމަކީ އޭނާގެ މުއްސަނދި ކަމެވެ.

ސިޑިން އަރައިގެން މަތީބުރީގައި ޖެހިޖެހިގެން ހުރި 3 ކޮޓަރިއަށް ތިން މީހުން ވަދެއްޖެ އެވެ. ކޮންމެ މީހަކުވެސް ނިދުމަށް ޓަކައި އޮށޯވެއްޖެ އެވެ. ފިނީގެ އަސަރުތައް ދިފާޢުކޮށްލެވޭތޯ ސުވިޓަރެއްގެ އެހީތެރިކަމާ ލައިގެން ހިސާބަކަށް ގުރުވެލައިގެން އަޙުމަދު ވެސް އެބަ އޮތެވެ. ގިނަ އިރުތަކެއް ނުވެ އޭނާއަށްވެސް ނިދިއްޖެ އެވެ. . . . . . . . .

އެންމެ އަރާމު ނިދީގައި އޮއްވައި އަޙުމަދަށް ހޭލެވުނީ ބާވަތެއްގެ ބިރެއް ހިތަށް ވަދެގެންނެވެ.ހޭލެވުމާއެކު އެންމެ ފުރަތަމަވެސް އޭނާ އަވަސްވެގަތީ ކޮޓަރީގެ އިލެކްޓްރިކް ދިއްލައިލުމަށެވެ. ނަމަވެސް. . .  ހިތާމަ ހުއްޓެވެ! ސުވިޗް ކޮޅުކޮޅަށް ހިންގައި ވެސް ބޮތްކެއް ނުދިއްލުނެވެ. މުޅި ކޮޓަރި ވަނީ ކަޅު އަނދިރިގޫލައަކަށް ވެފައެވެ. އެއްވެސް ފަރާތަކުން އަޑެއްބަޑެއް ނީވެއެވެ. ނަމަވެސް ބޮކި ނުދިއްލުމުން ލިބުނު ހައިރާންކަމުގެ ތެރޭގައި އަޙުމަދު ތެދުވެ އެނދުގައި އިށީނދެއްޖެ އެވެ. . . . . . . .

ކޮޓަރީގެ ދޮރުމަތީގައި މީހަކު ހިނގާ ކަހަލަ އަޑެއް އެބަ އިވެއެވެ. ތަންކޮޅަކަށް ހުއްޓޭހެންވެސް ހީވެއެވެ. އެ އަޑު އަންނަނީ އަޙުމަދުގެ ކޮޓަރީގެ ދޮރާ ކައިރިވަމުންނެވެ. އެހެންކަމުން އެނދުގެ ބާލީސްތައް ފުނިޖަހައި އޭގެ މަތީން ރަޖާއަޅައި ހީކަރުވާތީ ގުރުވެގެން އޮންނަ މީހެއްހެން ހަދައިފައި އައިސް ދޮރު ކައިރީގައި ހުރި ލިޔާ މޭޒުގެ ތަންދޮށަށް ވަދެއްޖެ އެވެ. އަދި ކުނިއަޅާ ވަށިގަނޑު ބޮލާއި މޫނާއި އެއްކޮށް އަޅައިގެން ހިމޭންވެ އެބަ އިނެވެ. . . . . . . . .  . . . .

މަޑުމަޑުން ދޮރު ހުޅުވިއްޖެ އެވެ. ކަޅު އަނދިރި ގުޅައެއް ކަހަލަ މީހަކު ވަދެއްޖެ އެވެ. ކަޅު އަނދިރި ގުޅައެއް  ކަހަލަ މީހަކު ވަދެއްޖެ އެވެ. ފުރަތަމަވެސް ހިނގައިގަތީ އަޙުމަދުގެ އެނދާ ދިމާއަށެވެ. ގޮސް ހުއްޓުމާ އެކު ވަރަށް އަޑުމަޑު ގޮތަކަށް ފިސްތޯލައެއްގެ ތިން ހަތަރު ވަޒަން އެނދަށް ދޫކޮށްލައިފި އެވެ. އަދި އެޔާއެކު އަވަސްއަވަހަށް ކޮޓަރިން ނުކުމެއްޖެ އެވެ. އޭނާ އަވަސްވެފައި ހުރި ވަރުން އެނދުގައި އޮތް މީހާ މަރުވިތޯ ބަލާކަށްވެސް ނޫޅެ އެވެ.

މަރުން ސަލާމަތްވީ ކަމަށްޓަކައި އުފާކުރަމުން ތެދުވެ ކޮޓަރިން ބޭރަށް ނުކުމެ ބަލައިލި އިރު، އެ މީހަކު ގޮސް ވަންނަނީ ޖެހިގެން ކަނާތް ފަރާތުގައި ހުރި ހުސް ކޮޓަރިއަށެވެ. އެހެންކަމުން އަވަހަށް ނުކުމެ އަޙުމަދު ދިޔައީ އޮފީލިޔާގެ ކޮޓަރިއަށެވެ. އާދެ! އޭނާގެ ޙާލަކީ ކޮބައިތޯ ބެލުމަށެވެ. ނަމަވެސް ހިތާމައަކީ މިފަދަ ހާސްކަމުން ފުރިފައިވީ ވަގުތުގައި އެ ކޮޓރިއަށް ވަދެވޭން ނެތްކަމެވެ. އެހެންކަމުން ދެފަހަރަކު ދޮރުގައި ހިފައިލައިފައި ހާސްވެގެން ތެޅިގެންފި އެވެ. މިހާޜު އެ ކަލޭގެ އަނެއް ކޮޓަރިން ނުނުކުންނަކަމެއްވެސް ނޭނގެ އެވެ. އެހެންކަމުން ހަދާނެ އެއްވެސް ގޮތެއް ނެތިގެން ހޯދައިލި އިރު ފެނުނީ ތިރީގައި ހުރި އާނގައެކެވެ. އެހެންކަމުން އެ ތަނުން އެތެރެއަށް ދެމިގެންފި އެވެ. އެ ތަނުން ކޮޓަރި ތެރެއަށް ގޮސް ވަދެވުނު އިރު ހުރެވުނީ އޮފީލިޔާގެ އެނދު ކައިރީގައެވެ. އޭނާ އޮތީ ނިދައިފައެވެ. ނަމަވެސް އޮފީލިޔާއަށް ގޮވާކަށް އަޙުމަދު ނޫޅެއެވެ.  ފުރަތަމަވެސް އޭނާއަށް ހޭޅެވުނީ  އެނދުން ނަގައި އެނދުތަންދޮށުގައި ބޭއްވި ފަހުންނެވެ. . . . . . . .

"ތިޔަ އުޅެނީ ކީއްކުރަންހެއްޔެވެ؟ ތިޔައީ ކާކުހެއްޔެވެ؟" އޮފީލިޔާ ބިރުގެންފައި އަހައިލި އެވެ.

"އަހަންނަކީ ރޮބަރޓެވެ. އަނެއް ފަހަރު ކަލޭގެ ފުރާނަ ސަލާމަތްކުރަނީ އެވެ. އެ އިވެނީ މި ކޮޓަރިއަށް ވަންނަ އަޑެވެ. އިލެކްޓްރިކް ފިޔުޒު ނަގައިފި އެވެ. އެނދުގެ ރަޖާގަނޑުން ކަލޭގެ ސިފަޖައްސައިލައިފައި މަވެސް އެނދު ތަންދޮށަށް މި ވަންނަނީ އެވެ."

ބާލީސްތަކުގެ މަތީގައި ރަޖާގަނޑު އެޅުނީ ހަމަ ކިރިޔާއެވެ. ހެދިނުހެދިއެއް ނޭނގި އެ ކޮޓަރީގެ ދޮރު ހުޅުވައިފި އެވެ. މިހާރު އެހެރީ  ދޮރުމަތީގައެވެ. އިރުކޮޅަކު ހުރުމަށްފަހު ޖީބުން އަލިފާން ފޮއްޓެއް ނަގައި ދަނޑިއެއް އަޅައިފި އެވެ.

ނަސީބު، ކަންދިމާކުރި ގޮތުން އެ ދަނޑީގެ އަލި ކޮޓަރިއަށް އެޅުނީ ހަމަ ކިރިޔާއެވެ. . . . . . . . . . . . ދަނޑި ނިވިއްޖެ އެވެ. ނަމަވެސް އޮފީލިޔާގެ އެނދު ހުރިތަން އޭނާ އަށް ފެނިއްޖެ އެވެ. . . . . . . . . .  ދެވަނަ ދަނޑި އަޅަން ފޮށި ހުޅުވައިލައިފި ކަހަލަ އެވެ. . . . . . . . .  އަޙުމަދާއި އޮފީލިޔާ ބިރުން ތުރުތުރު އަޅަނީ އެވެ. . . . . . . .  ނަމަވެސް، . . . .  އާދެ! އެ ފޮށީގައި އެނެމެ ދަނޑިއެއްވެސް ނެތިގެން ފޮށި އެއްލައިލައިފި އެވެ. ބާރަށް ހިނގައިފައި އެނދުގެ ކައިރިއަށް އައިސް ފަސް ފަހަރު ފިސްތޯލަ ގޮއްވައިލައިފި އެވެ.

ކަކަކަކަ އަޅައިފައި ހީނގެން އަޑު އިވިއްޖެ އެވެ. މިހާޜު އެހެރީ އެނދުގެ ހަމަ ކައިރީގައެވެ. އަޙުމަދާއި އޮފީލިޔާއަށް ފައިތިލަ ކިތަންމެހާ ވެސް ރީއްޗެއްކޮށް ފެނެއެވެ. ފައިވާން ދޮރުމަތީގައި ބެހެއްޓީކަން ނޭނގެ އެވެ. ހުރީ ހުސްފައިގައެވެ. . . . . . . . . . . އެނދުގައި މަރުވެފައި އޮތީ އޭނާ ހިތުން މިރޭ އޭނާ އާއެކު އައިސް ނިދަން އޮށޯތް އޮފީލިޔާ އެވެ. އެހެންކަމުން އޭނާގެ އަތުން ބޭނުންތަކެތި އަތުލުމަށް ޓަކައި ހާވާން ފަށައިފި އެވެ. ފުރަތަމަ ބިންމައްޗަށް އެއްލައިލީ ރަޖާ ގަނޑެވެ. ދެން އެއްލައިލީ ދެ ބާލީހެވެ. އާދެ ކިތަންމެހާޥެސް ހިތި ނާކާމިޔާބީއެއް ލިބުނީ އެވެ. އައި ރުޅިންނާއި ވީ ފޫހިން ބޮޑު "ޗޮކެއް" ކެނޑި އަޑު އިވުނެވެ.

ހުރި ފިޔަވަޅުމަތީގައި ހުރެގެން  އަތުގައި އޮތް ފިސްތޯލަ މުޅި ކޮޓަރީގެ އެތަންމިތަނަށް ގޮއްވަން ފަށައިފި އެވެ. އެނދު ތަންދޮށުގައި އޮތް އަޙުމަދު އޮތީ އޭނާއަށް މިރޭ ލިބުނު ހަތިޔާޜު ކަމަށްވާ، ކޮޓަރީގެ ދޮރުފަތުގެ ތިރީގައި ޖައްސައިފައި ހުންނަ ޒާތުގެ ތިމަރަ ބަރެއްގައި ބާރަށް ހިފަހައްޓައިގެންނެވެ. ފިސްތޯލައިގެ ވަޒަންތައް އުދުހެމުން ދިޔަދިޔަހެން ބިއްލޫރިތައް ތެޅި ކުދިކުދިވަމުން އޮހެމުން ދެއެވެ. އެންމެ ފަހުން އޮފީލިޔާ އާއި އަޙުމަދާ ދެ މީހުން ތިބި ދިމާއިން  އެނދުގެ ތަންދޮށަށްވެސް ގޮއްވައިލައިފި އެވެ. މި ވަޒަން ދިޔައީ އޮފީލިޔާގެ މޫނުގެ ކުރިމަތިން އަޅައިފައެވެ. އެ ވަގުތު އޮފީލިޔާއަށް އެތާނގައި އޮވެފައި ހަޅޭއްލަވައިގަނެވިއްޖެ އެވެ. އާދެ! ހުރިހާ ސިއްރެއް ބޭޒާރުވީ އެވެ.
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
           ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ/ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
           އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
           ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު



އިދާރާ

ވާހަކަ