އަދުގެ ޚާއްސަ

Print

ކީރިތި ޤުރުއާނުގައިވާ السَّكِيْنَة ގެ އާޔަތްތައް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ އާދަކާދަ


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު     

السَّكِيْنَة  ގެ މާނައަކީ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ.(1) މިއީ [އެބަހީ: ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ السَّكِيْنَة އަކީ] އުނދަގުލާއި ދަތިކަން އަދި ބިރުވެރި ކަމުގެ ވަގުތުގައި الله ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅާގެ ހިތަށް ވައްދަވައިދެއްވާ ހިތްހަމަޖެހުމާއި މަޑުމައިތިރި ކަމެވެ. އިބުނުލްޤައްޔުމު - ރަޙިމަހު الله - ވިދާޅުވާ ގޮތުގައި، السَّكِيْنَة  އަކީ الله ތަޢާލާގެ ޙަޟުރަތުން ދެއްވާ އެއްޗެކެވެ. އެއީ އަމިއްލަ މަސައްކަތުން ލިބިގަންނަ އެއްޗެއްނޫނެވެ.(2) 
الله ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު [ކީރިތި ޤުރުއާން] ކިޔެވުމާއި އަޑުއެހުމާއި އޭގައިވާ އެއްޗަކާމެދު ވިސްނައި ތަދައްބުރު ކުރުމަކީ ހިތަށް ހަމަޖެހުން ގެނެސްދީ ހާސްކަމާއި ނުތަނަވަސްކަން ފިލުވައިލައިދޭ އަދި ބަލިތަކަށް ޝިފާ ލިއްބައިދޭ ކަމެއް ކަމާމެދަކު ދެބަސްވުމެއް ނެތެވެ. މިކަން ހިމެނެނީ ކީރިތި ޤުރުއާނުގެ މުޢުޖިޒާތްތަކުގެ ތެރެއިންނެވެ. އަދި މިކަމުގެ ޚަބަރު الله ތަޢާލާ ވަނީ އެ ކަލާނގެ ވަޙީ ބަސްފުޅުގައި އަންގަވައިދެއްވައި ފައެވެ.

އިސްރާ ސޫރަތުގެ 82 ވަނަ އާޔަތުގައި الله ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ. {وَنُنَزِّلُ مِنَ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِّلْمُؤْمِنِينَ وَلاَ يَزِيدُ الظَّالِمِينَ إِلاَّ خَسَارًا} މާނައީ: "ތިމަންރަސްކަލާނގެ قرآن ން مؤمن ންނަށް رحمة އާއި، شفاء ކަމުގައިވާ ތަކެތި ބާވައިލައްވަމެވެ. އަދި އެ قرآن ން، އަނިޔާވެރިވި މީހުންނަށް ގެއްލުމެއް މެނުވީ އިތުރެއް ނުވާހުށްޓެވެ." އަދި ހަމަ އެފަދައިން، އައްރަޢުދު ސޫރަތުގެ 28 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ. {الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ} މާނައީ: "އެއުރެންނީ، إيمان ވި މީހުންނެވެ. އަދި الله ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، الله ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

ކީރިތި ޤުރުއާނުން ލިބިދޭ ތެދުމަގާއި، އެއިން ގެނެސްދޭ ހިތްހަމަޖެހުމާއި، މަޑުމޮޅިކަމާއި، ޝިފާއާއި، އެ ކިޔެވުމާއި އަޑު އެހުމުން ލިބޭނެ ދަރުމައާއި ޘަވާބާއި އަދި މީގެ އިތުރުންވެސް ކީރިތި ޤުރުއާނުން ލިބިދޭ އެންމެހައި ހެޔޮކަންތައްތައް، އެ ޤުރުއާނުގެ ކޮންމެ ސޫރަތެއްގެ ކޮންމެ އާޔަތެއްގައި ނުވަތަ ކޮންމެ ކަލިމައެއްގައިވެސް އެކުލެވިގެން ވެއެވެ. އެހެންނަމަވެސް ރަސޫލު الله ޞައްލަالله ޢަލައިހި ވަސައްލަމައިގެ ސުންނަތުން ލިބެން ހުރި ދަލީލުތަކާއި ޞާލިޙު ޢިލްމުވެރި ބޭބޭފުޅުންގެ ތަޖުރިބާގެ އަލީގައި، ވަކި ޚާއްޞަ ކަންތައްތަކާއި ގުޅިގެން ކީރިތި ޤުރުއާނުގެ ވަކި ސޫރަތްތަކެއް ނުވަތަ ވަކި އާޔަތްތަކެއްގެ ބޭނުންކޮށްގެން އެއިން ފައިދާ ޙާޞިލު ކުރެވިދާނެކަން އެނގެއެވެ. އެގޮތުން، ހިތްހަމަނުޖެހުމާއި މާޔޫސްކަންފަދަ ހިތަށް އުނދަގޫކަން ކުރިމަތިކުރުވާ ޙާލަތްތަކުގައި، آيَاتُ السَّكِيْنِة [ނުވަތަ السَّكِيْنَة ގެ އާޔަތްތައް] ކިޔެވުމުން الله ތަޢާލާގެ އިރާދަފުޅުން އެކަންކަން ފިލައިގޮސް ހިތަށް ހަމަޖެހުން ގެނެސްދޭކަން ތަޖުރިބާ ކުރެވިފައި ވެއެވެ.

މަދާރިޖުއްސާލިކީން އެވެ ކިޔުނު ފޮތުގައި، އިބުނުލްޤައްޔުމު - ރަޙިމަހުالله - ލިޔުއްވާފައި ވެއެވެ. ޝައިޚުލްއިސްލާމް އިބުނު ތައިމިއްޔާ - ރަޙިމަހުالله - ، އެކަލޭގެފާނަށް ކަންތައްތަކުގައި ދަތި އުނދަގޫކަން ކުރިމަތިވެވަޑައިގެން ކަންބޮޑުވެވަޑައިގެންނެވުމާއި ހިތްޕުޅުގެ ނުތަނަވަސްކަން ކުރިމަތިވެވަޑައިގަންނަވާ ހިނދު السَّكِيْنَة  ގެ އާޔަތްތައް ކިޔަވައިވިދާޅުވާ ކަމުގައި ވިއެވެ. އިބުނުލްޤައްޔުމު ވިދާޅު ވިއެވެ. ތިމަންކަލޭގެފާނުވެސް އެކި ކަންކަމާއި ގުޅިގެން [ތިމަންކަލޭގެފާނުގެ] ހިތްޕުޅު ނުތަނަވަސްވެ އުނދަގޫކަން އިޙްސާސް ކުރެއްވޭ ހިނދު މި އާޔަތްތައް [އެބަހީ: السَّكِيْنَة  ގެ އާޔަތްތައް] ވިދާޅުވެ މީގެ ފައިދާ ތަޖުރިބާ ކުރެއްވީމުއެވެ. އަދި އޭގެ ސަބަބުން ތިމަންކަލޭގެފާނުގެ ހިތްޕުޅަށް ހަމަޖެހުމާއި މަޑުމައިތިރިކަން ލިބުމުގައި ބޮޑުވެގެންވާ އަސަރެއް ތިމަންކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ.(3)

ކީރިތި ޤުރުއާނުގެ ހަތަނެއްގައި ، "السَّكِيْنَة" މި ލަފްޡު ޛިކުރު ކުރައްވާފައި ވެއެވެ. އެއީ ސޫރަތުލް ބަޤަރާގެ 248 ވަނަ އާޔަތުގައްޔާއި ، ސޫރަތުއްތައުބާގެ 26 އަދި 40 ވަނަ އާޔަތުގައްޔާއި ، ސޫރަތުލްފަތުޙުގެ 4 ، 18 އަދި 26 ވަނަ އާޔަތު ގައެވެ. މި އާޔަތްތައް [އާދެ! السَّكِيْنَة ގެ އާޔަތްތައް] ތިރީގައި އެވަނީ އެވެ.
 
1.    [[وَقَالَ لَهُمْ نَبِيُّهُمْ إِنَّ آيَةَ مُلْكِهِ أَن يَأْتِيَكُمُ التَّابُوتُ فِيهِ سَكِينَةٌ مِّن رَّبِّكُمْ وَبَقِيَّةٌ مِّمَّا تَرَكَ ءَالُ مُوسَى وَءَالُ هَارُونَ تَحْمِلُهُ الْمَلآئِكَةُ إِنَّ فِي ذَلِكَ لآيَةً لَّكُمْ إِن كُنتُم مُّؤْمِنِينَ]] [سورة البقرة : 248]

މާނައީ: "އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެއްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް تَابُوْتُ އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حَضْرَةُ ން ދެއްވާ ހިތްހަމަޖެހުމަކާއި، أَمَانْ ކަމަކާއި، އަދި، موسى ގެފާނުގެ آل ވެރިންނާއި هارون ގެފާނުގެ آل ވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއް ތަކެތިވެސް، އެ تابوت ގައި ވެއެވެ. (އެތަކެއްޗާއެކު) އެ تابوت ، ملائكة ން އުފުއްލަވައިގެން ގެންނަވާނެތެވެ. ތިޔަބައިމީހުންނީ، مؤمن ން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެއްކެއްވާކަން ކަށަވަރެވެ. (ނޯޓު: تَابُوْتُ އަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް مُفَسِّر ން ލިޔުއްވާފައިވެއެވެ.)"

2.    [[ثُمَّ أَنزَلَ اللّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَنزَلَ جُنُودًا لَّمْ تَرَوْهَا وَعَذَّبَ الَّذِينَ كَفَرُواْ وَذَلِكَ جَزَاءُ الْكَافِرِينَ]] [سورة التوبة : 26]
މާނައީ: "ދެން الله އެކަލާނގެ رسول އާއަށާއި، إيمان ވި މީސްތަކުންގެ މައްޗަށް އެކަލާނގެ (حضرة ން) ހިތްހަމަޖެހުން ބާވައިލައްވައި، އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر އެއް ބާވައިލެއްވިއެވެ. އަދި كافر ވި މީހުންނަށް އެކަލާނގެ عذاب ދެއްވިއެވެ. އެއީ كافر ންގެ ޖަޒާއެވެ." 

3.    [[إِلاَّ تَنصُرُوهُ فَقَدْ نَصَرَهُ اللّهُ إِذْ أَخْرَجَهُ الَّذِينَ كَفَرُواْ ثَانِيَ اثْنَيْنِ إِذْ هُمَا فِي الْغَارِ إِذْ يَقُولُ لِصَاحِبِهِ لاَ تَحْزَنْ إِنَّ اللّهَ مَعَنَا فَأَنزَلَ اللّهُ سَكِينَتَهُ عَلَيْهِ وَأَيَّدَهُ بِجُنُودٍ لَّمْ تَرَوْهَا وَجَعَلَ كَلِمَةَ الَّذِينَ كَفَرُواْ السُّفْلَى وَكَلِمَةُ اللّهِ هِيَ الْعُلْيَا وَاللّهُ عَزِيزٌ حَكِيمٌ]]  [سورة التوبة : 40]

މާނައީ: "ތިޔަބައިމީހުން އެކަލޭގެފާނަށް نصر ނުދިނަސް، ހަމަކަށަވަރުން، الله ، އެކަލޭގެފާނަށް نصر ދެއްވިއެވެ. ދެމީހުންކުރެ އެކަކު ކަމުގައިވާ حال، كافر ވި މީހުން، އެކަލޭގެފާނު ނެރެލި ހިނދު ގައެވެ. އޭގެ ދެކަލުން (ثَور ފަރުބަދައިގެ) ހޮހަޅައިގައި ތިއްބެވި ހިނދު ގައެވެ. އެކަލޭގެފާނުގެ އެކުވެރިޔާއަށް، ހިތާމަނުކުރައްވާށޭ، ހަމަކަށަވަރުން، الله ވޮޑިގެންވަނީ، ތިމަންމެންނާ އެކުގައޭ ވިދާޅުވި ހިނދު ގައެވެ. އެހިނދު އެކަލޭގެފާނަށް ހިތްޕުޅު ހަމަޖެހުމާއި، އަމާންކަން الله ބާވައިލެއްވިއެވެ. އަދި ތިޔަބައިމީހުންނަށް ނުފެންނަ لشكر ތަކަކުން އެކަލޭގެފާނަށް އެކަލާނގެ ގަދަކަން ދެއްވިއެވެ. އަދި كافر ވި މީހުންގެ ބަސް، އެންމެ ދަށްވެގެންވާ ބަސްކަމުގައި ލެއްވިއެވެ. الله ގެ ބަސްފުޅު އެއީ، އެންމެ މަތިވެރިވެގެންވާ ބަސްފުޅުކަމުގައި ލެއްވިއެވެ. الله އީ، عزيز ވަންތަ، حكيم ވަންތަ ރަސްކަލާނގެއެވެ." 

4.    [[هُوَ الَّذِي أَنزَلَ السَّكِينَةَ فِي قُلُوبِ الْمُؤْمِنِينَ لِيَزْدَادُوا إِيمَانًا مَّعَ إِيمَانِهِمْ وَلِلَّهِ جُنُودُ السَّمَاوَاتِ وَالأَرْضِ وَكَانَ اللَّهُ عَلِيمًا حَكِيمًا]][سورة الفتح : 4]
މާނައީ: "އެކަލާނގެއީ، مؤمن ންގެ ހިތްތަކަށް ހިތްހަމަޖެހުން ބާވައިލެއްވި ރަސްކަލާނގެއެވެ. އެއީ އެއުރެންގެ إيمان ކަމުގެ މައްޗަށް، އެއުރެންނަށް إيمان ކަން އިތުރުވުމަށްޓަކައެވެ. އުޑުތަކާއި، ބިމުގެ لشكر މިލްކުވެގެންވަނީ، الله އަށެވެ. މޮޅަށް ދެނެވޮޑިގެންވާ، حكيم ވަންތަ ކަލަކު ކަމުގައި الله ވޮޑިގެންވެއެވެ."

5.    [[لَقَدْ رَضِيَ اللَّهُ عَنِ الْمُؤْمِنِينَ إِذْ يُبَايِعُونَكَ تَحْتَ الشَّجَرَةِ فَعَلِمَ مَا فِي قُلُوبِهِمْ فَأَنزَلَ السَّكِينَةَ عَلَيْهِمْ وَأَثَابَهُمْ فَتْحًا قَرِيبًا]] [سورة الفتح : 18]
މާނައީ: "ހަމަކަށަވަރުން، ގަސްދޮށުގައި އެއުރެން ކަލޭގެފާނަށް بَيْعَةُ ހިފާހިނދު، އެ مُؤْمِن ތަކުންނާމެދު الله ރުހިވޮޑިގެންފިއެވެ. ފަހެ، އެއުރެންގެ ހިތްތަކުގައިވާ ކަންތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. ފަހެ، އެކަލާނގެ އެއުރެންގެ މައްޗަށް ހިތްހަމަޖެހުން ބާވައިލައްވައި އަދި ޖަޒާއެއްގެ ގޮތުގައި ގާތްވެގެންވާ فَتَحْ އެއް އެއުރެންނަށް ދެއްވިއެވެ."

6.    [[إِذْ جَعَلَ الَّذِينَ كَفَرُوا فِي قُلُوبِهِمُ الْحَمِيَّةَ حَمِيَّةَ الْجَاهِلِيَّةِ فَأَنزَلَ اللَّهُ سَكِينَتَهُ عَلَى رَسُولِهِ وَعَلَى الْمُؤْمِنِينَ وَأَلْزَمَهُمْ كَلِمَةَ التَّقْوَى وَكَانُوا أَحَقَّ بِهَا وَأَهْلَهَا وَكَانَ اللَّهُ بِكُلِّ شَيْءٍ عَلِيمًا]][سورة الفتح : 26]

މާނައީ: "كافر ވިމީހުން، އެއުރެންގެ ހިތްތަކުގެ ތެރެޔަށް ބޮޑާކަން ވައްދައިފި ހިނދެވެ. އެއީ ޖާހިލީޒަމާނުގެ ބޮޑާކަމެވެ. ފަހެ، الله ، އެކަލާނގެ رسول އާގެ މައްޗަށާއި، مؤمن ތަކުންގެ މައްޗަށް، އެކަލާނގެ حضرة ން ހިތްހަމަޖެހުން ބާވައިލެއްވިއެވެ. އަދި تقوى ގެ كلمة، އެއުރެންގެ މައްޗަށް ލާޒިމުކުރެއްވިއެވެ. އެއުރެން އެ كلمة އަށް حق ކަން ބޮޑުވެފައި، އަދި އެ كلمة ގެ أهل ވެރިންކަމުގައިވޫއެވެ. ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި الله ވޮޑިގެންވެއެވެ."

އެކި ކަންކަމާއި ގުޅިގެން ކީރިތި ޤުރުއާނުގެ އެކިއެކި ސޫރަތްތައް ނުވަތަ އާޔަތްތައް ކިޔަވައިގެން ފައިދާ ޙާޞިލު ކުރުމުގެ ވާހަކަ ދައްކާއިރު ދެނެގަންނަންޖެހޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ الله ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންގެ މައްޗަށް ބާވައިލައްވާފައިވާ އެކަލާނގެ ކަލާމްފުޅުން "ފުރިހަމަ" ފައިދާ ހޯދަން އެދޭ މީހާ އެ ފޮތް ކިޔެވުމާއި އަޑު އެހުން ގިނަކުރަން ޖެހެއެވެ. އަދި އެ ފޮތް ކިޔެވޭ ހިނދު ނުވަތަ އަޑުއެހޭ ހިނދު އޭގައި ބުނާ އެއްޗެއް ފަހުމުވޭތޯ ގަދައަޅައި މަސައްކަތް ކުރަން ޖެހެއެވެ. އަދި އޭގައިވާ ޙުކުމްފުޅުތަކަށް ބޯލަނބައި ކިޔަމަންތެރިވުން ވާޖިބުވެގެން ވެއެވެ. ހަމަ މިއާއެކު އެ ފޮތުގައިވާ ވަޢުޡާއި، ނަޞީޙަތާއި، އިރުޝާދުތަކުގައި ހިފައި އެއާއި އެއްގޮތަށް ޢަމަލުތައް ސީދާ ކުރުމުން މެނުވީ މުއުމިނުންގެ ބުނުން ކަމުގައިވާ {سَمِعْنَا وَأَطَعْنَا}  "ތިމަންމެން އަހައި ކިޔަމަންވެއްޖައީމުއެވެ." މި ބަސް ބުނެވޭނެ ބަޔަކު ކަމުގައެއްވެސް ނުވާނެ އެވެ. އަދި އެ ފޮތުގައިވާ ގޮތަށް ތިމާގެ ޢަމަލުތައް ސީދާނުކޮށް، ހަމައެކަނި ޙާޖަތުގެ ވަގުތުގައި ކީރިތި ޤުރުއާނުގެ ސޫރަތެއް ނުވަތަ އާޔަތެއް ކިޔައިލައިގެން ﷲ ގެ ޙަޟުރަތުން ހެޔޮކަމަށް އުއްމީދުކޮށްގެން ހުރުމަށްވުރެ ބޮޑު ބަދުނަޞީބެއްވެސް ނޯންނާއެވެ. والله أعلم
.................................
     (ނިމުނީ)

މުހިއްމު މަރުޖިޢުތައް :

(1) ابن منظور ،  لسان العرب
(2) ابن قيم الجوزية ، "مدارج السالكين" ، الجزء الثاني ، ص :   206 ، 207 ، الطبعة الأولى  1422 هـ  2001 م ،  مؤسسة المختار ، القاهرة .
(3) ابن قيم الجوزية ، "مدارج السالكين" ، الجزء الثاني ، ص :  207 ، الطبعة الأولى  1422 هـ  2001 م ،  مؤسسة المختار ، القاهرة .
(4) ކީރިތި قرآن ގެ ދިވެހި ތަރުޖަމާ - ފުރަތަމަ ޗާޕު  1428 هـ  2007 م ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މާލެ، ދިވެހިރާއްޖެ.

މި ލިޔުން:

     ފޮނުވުން:   އަލްފާޟިލް އަޙްމަދު ޝާޒު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުންެބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓޯރިއަލް ބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ