އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (19)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް


                                                         (16 މެއި 2011 އާ ގުޅޭ)
އެ ވަގުތު އޮފީލިޔާއަށް އެތާނގައި އޮވެފައި ހަޅޭއްލަވައިގަނެވިއްޖެ އެވެ. އާދެ! ހުރިހާ ސިއްރެއް ބޭޒާރުވީ އެވެ. ނަމަވެސް ތަންދޮށުގައި އޮތް އަޙްމަދު އެ ހަޅޭކާ އެކުގައި އޭނާގެ އަތުގައި އޮތް ތިމަރަ ބަރުން އެ ކަލޭގެ ފައިގެ ބޮޑުވާ އިނގިލީގައި ޖެހިޖެހީނުން  ފިސްކޮށްލައިފިއެވެ.

ވީތަދާއި ލިބުނު ކުއްލި ސިހުމާއެކުގައި އޭނާއަށް ފަހަތަށް ޖެހިލެވިއްޖެ އެވެ. އަދި ފައިތިލައިގައި ހިފަހައްޓައިގެން ގުދުވެއްޖެ އެވެ. އެ ވަގުތު އަޙްމަދު ކުޑަކޮށް ބޯ ނެރެފައި، އަތުގައި އޮތް ބަރު އެ މީހާއާ ދިމާއަށް ހޫރައިލައިފި އެވެ. ބޮލުގައި ޖެހުނުހެން ހީވިއެވެ. ރޮއިގަތް އަޑަކާއި ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އަތުން ހޫރައިލި ބަރު ކޮޓަރީގެ، ލެއްޕިފައި ހުރި ދޮރުގައި ޖެހިފައި ދޮރުފަތް ވެސް ހުޅުވުނެވެ. ވަގުކަލޭގެ އޮތީ ވެއްޓިފައެވެ. ނަމަވެސް އެ ކަލޭގެއާ ޙަމަލާއެއް ދިނުމަށްޓަކައި ތެދުވެގެން ދެވޭ ފަދަ ގޮތެއް މެދުވެރިވީ ބައިމިނިޓެއްހާއިރު ފަހުންނެވެ. އާދެ ! ބިރުން ތުރުތުރު އަޅައަޅައި އޮތް އޮފީލިޔާ، އަޙްމަދު ހިފަހައްޓައިފައިވަނީ، ފަސޭހައިން ސަލާމަތްވެގެން ނުތެދުވެވޭ ފަދަ ހިފެހެއްޓުމަކުންނެވެ.

އެ އަވަސް ސިކުންތުކޮޅުގެ ތެރޭގައި ވަގު ކަލޭގެ ކޮޓަރިން ނުކުމެގެން ރައްކާވެއްޖެ އެވެ. މިސްޓަރ އަޙްމަދު ވެސް ފަހަތުން ދިޔަ އެވެ. ނަމަވެސް އޭނާ އަކީ، ސިޑީންފައިބާން  ނުފަރިތަ މީހެއްކަމުން އަޙްމަދަށް ފެނުނީ ހަމަ އެކަނި ވަގުކަލޭގެ ޖެހިގެން އޮތް ގޯޅިއަޅަނިކޮށެވެ. . . . . . . . .
            
މި ނުރައްކާތެރި ރޭގެ ދެންއޮތް ވަގުތުކޮޅުގެ ތެރޭގައި އަޙްމަދުއާއި އޮފީލިޔާ ނިދާކަށް ގަސްތެއް ނުކުރެއެވެ. އެހެންކަމުން އެ ދެމީހުން މަޑުކޮށްލީ ގޭގެ ފެންޑާގައެވެ. ކޮންމެ މީހަކުމެ ވަނީ އިންތިހާ ދަރަޖައަށް ވަރުބަލިވެފައެވެ. އެކަކު އަނެކަކަށް ހަމަޖެހިގެން އެއްޗެއް ބުނެވުނީ ވެސް އެތަކެއް އިރުވަންދެން ހިމޭނުން ތިބުމަށްފަހުގައެވެ. އިރުކޮޅެއް ހުރުމަށްފަހު އަޙްމަދު ވާހަކަދައްކަން ފަށައިފިއެވެ.

އަޙްމަދު:-    ކަލެއަށް މާތްކަލާނގެ ދެއްވިފަދަ އިޚްލާސްތެރި ބޭބެއެއް ނުވަތަ ގާތްމީހެއް ދުނިޔެމަތީގައި  މި ދެއްކެވީ އެންމެ  އެއްޗަކަށެވެ.

އޮފީލިޔާ:-      އެއީ ކޮންއެއްޗެކަށްހެއްޔެވެ؟

އަޙްމަދު:-      އެއީ، ކުދިބުޅަލަށެވެ.

އޮފީލިޔާ:-      ތިޔަހެން ތިބުނީ ކީއްވެގެން ހެއްޔެވެ؟

އަޙްމަދު:-      އެސޮރުމެންގެ  ލޮބިވާ އިޚުލާސްތެރި ބަފާ އައިސް  އަތުޖެހުނު ދަރިއެއް ކައިލާ ވާހަކަ ބުޅާ ގެންގުޅޭ މީހުން ބުނާތީ އަހަމެވެ. ދެން މިދުށީ ކަލޭގެ އެއްބަނޑު އެއްބަފައި ބޭބެއެވެ.

އޮފީލިޔާ:-      އަހަރެންގެ ބޭބެ ކީއްކުރަން ހެއްޔެވެ؟

އަޙްމަދު:-     (ރުޅިއައިސްފައި) އަދިވެސް ނިދައި ހޭނުލެވެނީ ހެއްޔެވެ؟ ކަލޭގެ ބޭބެގެ ކޮޓަރި  އެހެރީ ހުހަށެވެ. އަހަރެމެން މަރައިފައި ފައިގެ ބޮޑުވައި އިނގިއްޔާއި ބޯފިސްފިސް ކޮށްލައިގެން އެދުރުވީ ކަލޭގެ އިއްޒަތްތެރި ބޭބެއެވެ.

އޮފީލިޔާ:-     ނާ ތެދެއްހެއްޔެވެ؟

އަޙްމަދު:-    އާނއެކެވެ!

އޮފީލިޔާ:-    (މާނޭވާއެއްލާފައި) ރަޙްމަތްތެރިޔާއެވެ! ރަނގަޅަށް ސާފުކޮށް ބުނެބަލާށެވެ!  އަހަރެންގެ  ފުރާނަ ސަލާމަތް ކޮށް ދިނުމަށްޓަކައި ކަލޭ ތިޔަ ފަދަ ބުރައެއް އުފުއްލުމުގެ ސަބަބަކީ ކޮބައިހެއްޔެވެ؟

އަޙްމަދު:-    އަސްތަޣުފިރުﷲ!  އަނެއްކާ  އަހަރެން  ކަލެޔާ ހިތާވީއެއްނޫނެވެ.

އޮފީލިޔާގެ އަސަރުގައި - އަޙްމަދު

މިސްޓަރ އަހްމަދުގެ ޙަޔާތުގައި ދުނިޔެއަށް ދެވަނަ ފަހަރަށް އާދެވުނު ބިރުވެރި ރޭގެ ފަހުން ހައެއްކަ ދުވަސް ވެއްޖެއެވެ. އެކި ގޮތްގޮތުން ހޯދައި ވެސް އިނިސްޕެކްޓަރ އަންވަރަށްވީ ކިހިނެއްކަމެއް ނޭނގުނެވެ. އަދި އޭނާވީ ކޮންތަނެއްގައި ކަމެއްވެސް ނޭނގުނެވެ. އަޙްމަދު އެކަނިމާއެކަނިކަމުން ތަންތާގެ ސިއްރުތައް ހޯދުމަށް ގޮސް  ފާރަލައި އުޅޭކަށް ނުކެރުނެވެ. އެހެންކަމުން ދުވަހަކަށްވުރެ ދުވަހެއް އަޙްމަދުގެ ހިތުން ދަނީ އުއްމީދު ކެނޑެމުންނެވެ. ބައެއްފަހަރު  މިސްޓަރ އަންވަރު މަރައިލީ ނޫންބާވައޭ ވެސް ހިތަށްއަރައެވެ. އަދި ބައެއް ފަހަރު އަންވަރު، އަޙްމަދަށް އަނެއް ލަނޑު ދީފައި ފިލީނޫން ބާވައޭ ވެސް  ހިތަށް އަރައެވެ.

އޮފީލިޔާ  . . . . . . . . . އާދެ! އޮފީލިޔާގެ ޚިޔާލު އެ ބިރުވެރި ރޭގެ އިރުއެރުމާއެކު ބަދަލުވެއްޖެ އެވެ. މިފަދަ ނުރައްކަލުން ފުރިފައިވާ ރަށެއްގައި ހުރުމުގެ އުފަލެއް ނެތްކަމާއި ފުރާނަ  ސަލާމަތްވުން ދުރުކަމަށް އޭނާގެ ޟަމީރު  މަޝްވަރާދީފި އެވެ. އެހެންކަމުން  އޭނާ ގަސްދުކުރީ އަވަހަށް އިންޑިޔާއިން ފުރައިގެން ދިއުމަށެވެ. ވީހާ ވެސް ސިއްރެއްކޮށް އެރަށުން ފައިބައިގެން  ދިއުމަށެވެ. އެހެންކަމުން  ވަރަށް ސާފުކޮށް މިސްޓަރ އަޙްމަދަށް ކިޔައިދީފިއެވެ. އަހަންނަކީ އެމެރިކާ އަންހެން ކުއްޖަކީމެވެ. މީގެ ތަންކޮޅެއްކުރިން މިރަށަށް އައިސް އުޅުނީމެވެ. އޭރުދުށް އިންޑިޔާއަކު، މިފަދަ ނުރައްކައުތެރި ކަމެއް ނެތެވެ. ވީމާ، އަހަރެން ގަސްދުކުރަނީ، ވީހާވެސް  ސިއްރުގޮތެއްގައި އަވަހަށް އެމެރިކާއަށް ދިއުމަށެވެ. ނަމަވެސް ކަލެޔާއި ވަކިވާންޖެހޭ ކަމށްޓަކައި ވަރަށް ހިތާމަކުރަމެވެ. ކަލޭގެ ހެޔޮކަން ދުވަހަކުވެސް އަހަރެންގެ ހިތުން ފިލައިގެން ނުދާނެއެވެ. އިރާދަ ކުރެއްވިއްޔާ ކަލޭގެ އޯގާތެރި މަސައްކަތުން ދިގުކޮށްދިން އަހަރެންގެ އުމުރު ހުސްވަންދެން ކަލެއަށް ޝުކުރުވެރި ވާނަމެވެ. އަހަރެން އެމެރިކާގައިވިޔަސް ނުވަތަ އެފްރިކާގައިވިޔަސް ކަލޭގެ އުފާވެރި ތަސްވީރުއާއި ވަތްކެއް ނުވާނަމެވެ. އަހަރެންގެ މިގެ ކަލެއަށް ދީފީމެވެ. ނަމަވެސް އަހަރެން މިއަދުގެ ނޫހުގައި އިޝްތިހާރެއް ޖަހައިގެން މިގެ ވިއްކާލާނަމެވެ. ވީމާ، ގެވިއްކާފައި ލިބޭ ފައިސާއިން އެހެންގެއެއް ކަލޭގަންނާށެވެ."

ކޮންމެއަކަސް  އޭގެ ދެތިންދުވަސް ފަހުން  އޮފީލިޔާ އިންޑިޔާ ދޫކޮށްލައިފައި ފުރައިގެން ހިނގައްޖެއެވެ. ދަމުން ދިޔައީ އަދި އިތުރަށް އޭނާގެ ފުރާނަ ސަލާމަތް ކޮށްދިން  ދެފަހަރުގެ އިނާމެއްގެ ގޮތުން 2 ލައްކަ ރުފިޔާ ދީފައެވެ. އާދެ! މި 2 ލައްކަ ރުފިޔާއަކީ، އޮފީލިޔާގެ ކައިރީގައި ކިތަންމެހާ ވެސް ކުޑަ އެތިކޮޅެކެވެ.

ހަމަ އެދުވަހު މިސްޓަރ އަހްމަދު އެ ގެ ވިއްކައިލުމަށްފަހު ތަންކޮޅެއް ދުރުގައިހުރި ހަމަ އެހާވަރެއްގެ ދެބުރި ގެއެއް ގަނެގެން ދިރިއުޅެން ފަށައިގެންފި އެވެ. ކޮންމެއަކަސް އޭނާގެ ދިރިއުޅުން މި ދުވަސްކޮޅުގެ ތެރޭގައި ވޭތިކުރަމުން ގެންދަނީ  ވަރަށްވެސް އެކަނިވެރި ގޮތެއްގައެވެ. އެއްވެސް ކަހަލަ އުފަލެއް ނެތް ގޮތެއްގައެވެ. އާދެ! ހުރިހާވެސް ސަބަބަކީ، މިސްޓަރ އަންވަރުގެ އެއްވެސް ޚަބަރެއް ނުލިބުނު ކަމެވެ. ތެދުތެދަށް ދަންނަވާނަމަ، އޭނާ އަބަދު އޮށޯވެގެން އޮންނަ އޮތުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިސް އޮފިލިޔާ ވަކިވެގެން ދިޔަކަމެވެ. އޭނާގެ މިވަކިވުމުން  އަޙްމަދުގެ ހިތުގައި ވަރަށް އެހެން ކަހަލަ  . . . . . . އަސަރުތަކެއް  ނުއުފެދޭ ކަމަކަށެއް  ނުވެއެވެ.

އާދެ! އެކަހަލަމިކަހަލަ ޙާލެއްގައި ދެ ދުވަހެއް ވަންދެން ގޭގައި އޮތުމަށްފަހު ތިންވަނަ ދުވަހުގެ ހެދުނު އޭނާ ބޭރަށް ނުކުމެއްޖެއެވެ. ދަންނަވަންތޯއެވެ؟ މިއަދު މިސްޓަރ އަޙްމަދަކީ އޭގެ ކުރީގައި އަޅުގަނޑުމެން ދުށް މިސްޓަރ އަޙްމަދެއްނޫނެވެ. ހަށިގަނޑުގެ ޒުވާންކަންވަނީ . . . . ކޮންމެވެސް އަސަރަކުން ގެއްލިފައި ކަހަލައެވެ. ތުނބުޅިމަތިމަސް ވަނީ، ދިގުވެފައެވެ. ދެލޯވަނީ ހިސާބަކަށް ބޮޑުވެފައެވެ. ހިނގައިފައި ދަނީ ވަރަށް ވެސް އާވާރާ ގޮތަކަށެވެ. ވަންނާކަށް ގެއެއް ނުބަލައެވެ. ދިމާވި ކޮންމެ ގެއަކަށް  ވަންނަމުން ހިނގަންފަށައިފި އެވެ. ދައްކަނީ އަބަދު އެއްވާހަކައެކެވެ. ކިޔަނީ އަބަދު އެއްނަމެކެވެ. އަހަރެންގެ އޮފީލިޔާ . . . . . . . . . އޮފީލިޔާ  ކޮބައިހެއްޔެވެ؟ އޭނާ ގެނެސްދިން މީހަކަށް އެއްލައްކަ  ރުފިޔާ ދޭނަމެވެ. އޮފީލިޔާ! އަހަރެންގެ އޮފީލިޔާ!  . . . . . . . . . . . .  މިކަހަލަ ވާހަކަތަކެއް  ދައްކަމުން ހުރިހާ  މަގުތަކެއްގާ  ހިގަންފަށައިފިއެވެ. ހޮޓާތަކާއި ކެފޭތަކުގައިވެސް ގޮވައިނަގަނީއެވެ. މަގުމަގުމަތިން  ފެންނަ  މީހުން  ހުއްޓުވައިފައި ވެސް އަހަނީއެވެ. ބައެއް މީހުންނަށް ޖަވާބުދޭން  ނޭގުނީމާ  ރުޅިއައިސްގެން ތަޅައިވެސް ގަނެއެވެ. އަދި ކުދިކުދި ކަރުދާސް ކޮޅުކޮޅުގައި ލިޔެފައި އެކި ގޭގެއަށް  ޕޯސްޓްވެސް ކުރަނީއެވެ. ބައެއް ގޭގޭގެ  ފާރުގައިވެސް "އޮފީލިޔާ ކޮބައިހޭ؟" މިކަހަލަ ލިޔުންތައް ލިޔަނީ އެވެ. މި ގޮތަށް ދެތިން  ދުވަހެއް ވޭތުވިއިރު  ގާތްގަނޑަކަށް މުޅި އެ ހިސާބުގަނޑުގެ އެންމެން މި މޮޔަމީހާ އާ ހެދި އުނދަގޫވުމުގެ ސަބަބުން އެއްޗެހި ގޮވަން ފަށައިފިއެވެ. އެހެންކަމުން  އޭނާފެށީ  ބަހުގައި ނުވަތަ ޓެކްސީގައި، ދުރުހިސާބުހިސާބަށް ދަތުރުކުރުމަށެވެ. އެތަންތަނަށް ގޮސް ވެސް  އޮފީލިޔާގެނެސް ދޭށޭ  ގޮވަނީއެވެ. ގޭގެއަށްވެސް ފެންނަނީ ވަދެ ބިންމަތިގައި އިށީނދެ އިންދައެވެ.

އާދެ! ވާހަކަ ވިދާޅުވާ ބޭފުޅުންނަށް ވެސް  ހީފުޅުކުރައްވަން ދަތިފުޅުވާނެއެވެ. ހިތްޕުޅަށް  ގެންނަވަން  އުނދަގޫފުޅުވާނެ އެވެ. ނަމަވެސް، އަޅުގަނޑުމެންގެ  އަޙްމަދުގެ  ޙާލު ހުރި ގޮތަކީ މިއީ އެވެ. ޤަތުލުގެ ސިއްރު ހޯދަން ނުކުތް އަޙުމަދުގެ މި ފަދަ ދަރަޖައަކަށް ދިޔުމުން ދެން ކަންތައް ވާނެ ގޮތް ވިސްނަވާށެވެ!. . . . . . . . . . . . . . . . . . . . . . . . . . . . . . . . .

އެއް ދުވަހެއްގެ އިރު އޮއްސުނު ވަގުތެވެ. ވަރަށް ބިޔަ ޖަންގައްޔެއްގެ ކައިރީގައި  އެއްފަރާތުގައި  ގެތައް ރާނައިފައިވާ  މަގެއްގެ އެއްކޮޅުން ފެށިގެން އަނެއްކޮޅަށް، ހުރިހާ ގެއަކަށް ވަންނަމުން، އޮފީލިޔާ އަތުލައިދޭށޭ ގޮވަމުން ހިނގަމުންދެއެވެ. މަގުގެ ގެތަކުން ދެން ނުވަދެވި ހުރީ ވަރަށްމަދު ގެކޮޅެކެވެ. މިހާރު އެހެރަ ވަންނަނީ ވަރަށް އިހުޒަމާނުގެ އަސަރުތައް ފެންނަންހުރި ގެއަކަށެވެ. ގޭތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ތަންކޮޅެއް ބާރަށް ހައެއްކަ ފަހަރު އޮފީލިޔާ ގެނެސްދޭށޭ! އޭނައަތުލައިދޭށޭ! ގޮވައިލައިފިއެވެ. މިހެން ގޮވަން ފެށިތަނާ ގިނައިރު ތަކެއްނުވެ ޖެހިގެންހުރި ގޭގެ ތެރެއިން މީހަކު އައިސް އެގޭތެރެ ބަލައިލައިފައި ހިނގައްޖެއެވެ. އަނެއްކާ ވެސް އަޙްމަދު ހަމަ އެހެން ކިޔައި ހަޅޭއްލަވަން ފަށައިފި އެވެ. އަނެއް ފަހަރު ތިން މީހުން އެއްކަލަ ގެއިން އައިސް ބަލައިލައިފައި ހިނގައްޖެއެވެ. . . . . .

އަދިވެސް އަޙްމަދު އެހެން ގޮވަނީއެވެ. އެންމެފަހުން އޭނާއަށް ރޮވިއްޖެއެވެ. ރޮއިގަތް އަޑު އަހައިފައި ދެން އައިމީހަކު އަޙްމަދުގެ އަތުގައި ހިފައިގެން ޖެހިގެންހުރި ގެއަށް ގެންގޮސްފި އެވެ. އޭނާ ވައްދައި ފެންޑާގައި ބޭންދުމަށްފަހު އެމީހަކު ގޭތެރެއަށް ވަދެގެން ހިނގައްޖެއެވެ. އޭރު ވެސް އަހްމަދު ގޮވަނީ އޮފީލިޔާ އަތުލައި ދިނުމަށް އެދި ގޮވާގޮވުންތަކެވެ.

އިރުކޮޅަކުން އަވިއައިނެއް  އަޅައިގެން  ހުރި މީހަކު ނުކުމެއްޖެ އެވެ. އެމީހަކު ނުކުތުމުން  " ތިޔައުޅެނީ އޮފީލިޔާ އަތުލައިދިނުމަށްޓަކައި ގޮސްދޭންތޯ؟ " އަހައިފިއެވެ.

އެމީހާ:-  އާނއެކެވެ. ކަލޭ ތިޔައީ  ކާކުހެއްޔެވެ؟

އަޙްމަދު:- އަހަރެންމީ އަހަރެންގެ ކާފައެވެ. ކާފަ އުޅެނީ އަބަދުވެސް ރާވިއްކާ ފިހާރައިގެ މެނޭޖަރު ބުނީ ދަރައި ވިކިއްޖެ ކަމަށެވެ. އޭނާ ހީކުރީ ރާވިއްކާނީ ޓެކްސީތަކުގެ ހުންގާނު ހަދާމީހުން  މިހާރު ހާދަ ބޮޑާދައްކައެވެ. އެހެންނޫނީ އަހަރެން އެމެރިކާގެ ތޮފިއަޅައިގެން މިއަދު މި މަހުން ކިތައްތަ؟ (ތަންކޮޅެއް ބާރަށް) މިހިރަ އަވިއައިނު ދުނިގަނޑާ!  . . . . . . . .  މިއަދު މަހުން ކިތަކެއްތަ؟ ބަލަ! އަނގައިން ނުބުނެ  ހުންނަންޏާ މާދަމާ ހަވީރު ހަތަރުގަޑި ރޭލުން އަހަރެން ދާނެ ދުވަހެއް ނޫނީ އަޅާނެ ރީތި ހެދުމަކާއި ސާޅިއެއް އޮފިލިޔާ ބުނި ތަނަކަށް އޮފީލިޔާ އަތުލާން އޮފީލިޔާ ގެނޭ! އޮފީލިޔާ އެއޮއް ގެންދަނީ! އަތުލައިދީ!  އޮފީލިޔާ ހަލާކުކުރަނީ ! އޭނާއަތުގައި އޮތްޗެކް ވެސް  އަތުލައިފާނެ ! އޮފީލިޔާ އަތުލައިދީ! މިހެން ކިޔައިފައި  އެމީހާގެ  ދެކޮނޑުގައި ހިފައި ތަޅުވައިގެންފި އެވެ.
އެމީހާ:-  ބަލަ! މޮޔަވާހަކަތައް ނުދައްކާށެވެ! އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދެނިކޮށް އޮފީލިޔާ ހަމަ މިހާރު ވެސް ގެނެސްދީފާނަމެވެ. އިހަށް ތަންކޮޅެއް މަޑުން ވާހަކަދައްކާށެވެ.

އަޙްމަދު:-  އަހަރެންތަ؟ އަހަރެން މަޑުން ވާހަކަދައްކަން ހަދައިގެން މިގޭގެ މީހުންގެ އަތުގައި ހުރިހާ މުދާތަކުގެ އަގުބޮޑުވެދާނެ އެވެ! އެއީ އޮފީލިޔާގެ މުދާތަކެވެ. ވީމާ، ދެން އަވަހަށް  އޮފީލިޔާ ގެނެސްދޭށެވެ!

އެމީހާ:-   ކަލެއަކީ ކާކުހެއްޔެވެ؟

މިސުވާލުގެ ޖަވާބުގައި އަޙްމަދު  ދެއްކި ވާހަކަތަކުގައި ހުރި ބުއްދި ޤަބޫލުކުރެވޭ  ތަންތަން އެއްކޮށްލައިގެން އެނގުނީ ވަރަށް ކުޑަ މަޢުލޫމާތުކޮޅެކެވެ. އާދެ! އޭނާއަކީ  މީގެ އެތަކެއް އަހަރެއްގެ ކުރިން  އެމެރިކާގައި އުޅުނު މީހެއްކަމެވެ. ނަމަކީ ފްރެންކްކަމެވެ. އޭނާ  އެންމެ ކުޑައިރުއްސުރެ ވެސް އޮފީލިޔާކިޔާ އަންހެން ކުއްޖަކާ  ހިތާވެގެން  އުޅުނުކަމާއި ދާދިފަހުން އެ އޮފިލިޔާ ގެއާއި މުދާކޮޅު ވިއްކައިފައި  އިންޑިޔާއަށް އައިކަމެވެ. އެހެންކަމުން  މީނާވެސް އޮފީލިޔާ ފެނޭތޯ އައިއިރު، މިސްޓަރ ޖޯން ކިޔާމީހަކު އެ އޮފިލިޔާ އަތުގައި  އޮތް 10 ލައްކަ  ރުފިޔާގެ ޗެކެއްގެ  ދަހިވެތިކަމުގައި އޮފީލިޔާގެ ފަހަތުން އަޅައިގަނެގެން  އުޅެމުން ގޮސް އިހަށް ދުވަހު އޭނާ ގޮވައިގެން އާގުބޯޓެއްގައި ފުރައިފިކަމެވެ. އަދި އެނގިފައިވާ ގޮތުން އެބޯޓްގައި މިސްޓަރ ޖޯން އޮފީލިޔާ ގޮވައިގެން ދާނީ ސިންގަޕޫރަށެވެ. ވީމާ، މީނާ އެދެނީ އެ ޖޯންގެ އަތުން  އޮފީލިޔާ އަތުލައިގަނެގެން  އަވަހަށް  ގެނެސް ދިނުމަށެވެ. އެކަމުގެ އިނާމެއްގެ ގޮތުން  އެއްލައްކަ  ރުފިޔާވެސް  ދޭނެކަމަށް ބުންޏެވެ.
 . .  . . . . . . . . . . . . . .  . . . ، .
 . . . . . . . . . . . . . . . . . . . . . .
މިސްޓަރ ފްރެންކްގެ ވާހަކަތައް  ނިންމައިލުމުން  އެގޭގެ  ތެރެއިން  މީހާގެ އިޝާރާތަކަށް  ކާކޮޓަރިއަށް ގެންގޮސް ފްރެންކްއަށް ރަނގަޅަށް ކާންދީފި އެވެ. އަދި ތުބުޅި މަތިމަސް ބާލައި ފެންފަރައިލައި އައު ހެދުމެއް އަޅަން ވެސް އެދުނެވެ. ނަމަވެސް ފްރެންކްގެ ޖަވާބަކީ އޮފީލިޔާ ނުލިބެނީސް ގައިން އެންމެ އިސްތައްޓެއް ވެސް ނުކަނޑާނެކަމެވެ. އަދި  ހެދުންވެސް ބަދަލު ނުކުރާނެ ކަމެވެ.
 
ގޭގެ ވެރިމީހާގެ ނަމަކީ މިސްޓަރ ވެސްޓްއެވެ. ހައިބަތުހުރި ބޮޑު މީހެކެވެ. ފުޅާ ނިތްކުރިއެއްގެ ވެރިއެކެވެ. ނަމަވެސް އޭނާގެ ސިފަ އޮޅުން ފިލާވަރަށްވުރެ، ލައިގެން  ހުރި ކޯޓާއި ފަޅައިފައިވާ މަތިމަސް ބޯވެފައި ވަރުގަދަ އެވެ. އަދި ނިތްކުރި މައްޗަށް ވައްޓައިލާފައި އޮންނަ ތޮފީގެ ނިތްގަޑު ފުޅަލެވެ.

ވެސްޓްގެ އެދުމާއި އެއްގޮތްވާ ގޮތުގެ މަތިން  އެރޭ ފްރޭންކް ނިދަންއޮތީ  އެގޭގެ ކޮޓަރިއެއްގައެވެ. އެކަނިމާ އެކަންޏެވެ. އަދި، ވެސްޓް އެނާއަށް ޔަޤީންކޮށްދިނީ  މާދަމާ  ހެދުނު އޭނާ ގޮވައިގެން ސިންގަޕޫރަށް ދާނެކަމެވެ. ކޮންމެ ގޮތަކުން ވެސް  އޮފިލިޔާ އަތުލައިދޭނެކަމެވެ. އެހެންކަމުން  ލިބުނު އުފާވެރި އުއްމީދުތަކާއެކުގައި ފްރެންކް  އެރޭގެ  ވަރަށް އިރާކޮޅު   ނިދަން  އޮށޯވެއްޖެ އެވެ.
         
މިސްޓަރ ފްރެންކްއަށް  ނިދިފައި  އިރުކޮޅަކު އޮވެވުނެވެ. ނަމަވެސް ގިނައިރެއްނުވެ  ހޭލެވިއްޖެއެވެ. ހޭލެވުނީ  ކޮޓަރީގެ  ދޮރުމަތިން، އެއްޗެއް ވެއްޓުނުއަޑަށެވެ. އެހެންކަމުން  އޭނާ އަވަސް އަވަހަށް ނުކުމެ ބޭރު  ބަލައިލިއިރު  ދެވަން ފުރައިގެ  މީހަކު އަތުގައިއޮތް  ދަގަނޑު ތައްޓެއް ބިންމައްޗަށް ވެއްޓިގެން އުޅެނީއެވެ.

ފްރެންކް:-  މިރޭގެ ދަންވަރުގެ އައު ރަހުމަތްތެރިޔާއެވެ. ކަލެ ތިޔަފަދަ މުސީބާތެއް އުފުލަނީ، ކީއްވެގެން ހެއްޔެވެ؟

އެމީހާ:-    އަހަރެންނާ ތިޔަ ސުވާލު ނުކުރާށެވެ!  އަހަންނަކީ  ވަރަށްބޮޑު މަސައްކަތެއް އަވަހަށް ކުރުމަށްޓަކައި  ދާމީހަކީމެވެ. މިތަށިގަނޑުވެއްޓިގެން ކަލޭނުކުންނާން ޖެހުނުކަމަށްޓަކައި މަޢާފުދިނުންއެދެމެވެ.

ފްރެންކް:-   ތިޔަހެން ނުހަދައި ކަލޭގެ ތިޔަ މަސައްކަތުގެ ވާހަކަ ކިޔައިދީ ބަލާށެވެ.

އެމީހާ:-    ކަލެއަކީ ކާކުހެއްޔެވެ؟

ފްރެންކް:-   އަހަންނަކީ މިބައިމީހުންގެ ޕާޓީގެ ފަރާތުން އެމެރިކާއަށް ފޮނުވާފައި ދޮޅުއަހަރު ވަންދެން ބެހެއްޓުމަށްފަހު މިރޭ އައިމީހެކެވެ. މާދަމާ މުޅި މިގޭގެ ހިންގުން ހަވާލުކުރަން ކަޑައެޅިފައިވާ މީހަކީމެވެ.

އެމީހާ:-   (ކުޑަކޮށް ގުދުވެލައިފައި) މަޢާފުކުރައްވާށެވެ! މާދަމާގެ ސާހިބާއެވެ! ޢިއްޒަތްތެރި ވެރިޔާ އެވެ. އަޅުގަޑަކީ މި ތާގެ ޖަލުތަކުގައި ތިބޭމީހުންނަށް ކާންދިނުމާ ޙަވާލުކޮށްފައި ހުންނަ މީހަކީމެވެ. އަހަރެން މި މަސައްކަތް ކުރުމަށްޓަކައި ނުކުންނަނީ ކޮންމެ ރެއަކުމެ މިހާ އިރު އެވެ. މި ދަނީ މިތާގެ ޖަލެއްގައި  ވަރަށް ޙާލުބޮޑުވެފައި އޮތް މީހަކަށް ކާންދޭށެވެ.

ފްރެންކް:-  އެއީ ކާކުހެއްޔެވެ؟

އެމީހާ:-   ތިޔަހެން ބުނެދޭކަށް ނޭނގެއެވެ. އެމީހަކީ މިތަނަށް ގެނައި އެއް ރެއަކު  ކާރެއްގައެވެ. އިނީ ސާޅިއެއް އަޅައިގެންނެވެ. ނަމަވެސް އެއީ ފިރިހެނެކެވެ. މިތާގެ ފަރާތުން އޭނާ ބަލައި ދިޔަ ބަޔަކަށް ވެސް އެމީހާ އެނގޭވަރެއް ނޫނެވެ. އެއީ  އޭނާ ކާރުން ބާލައި ބައްތީގެ އަލިކަމުގެ ތެރެއަށް ގެނެސް ބެލިއިރު މުޅި މޫނުމަތީގައި ތެޅިތެޅީނުން ދުޅަވެ ތަންތަންވަނީ ފަޅައިލައިފައެވެ.  

ފްރެންކް:-  ތިޔަމީހާ މިހާރު ކޮބައިހެއްޔެވެ؟

އެމީހާ:-   ވަރަށް ނިކަމެތި ހާލެއްގައި މިތާގެ ޖަލެއްގައި އެބައޮތެވެ.

ފްރެންކް:- (ކުޑަކޮށް ވިސްނާލާފައި) މިކޮޓަރި ވަށައިގެން ފިސްތޯލައެއް ހިފައިގެން އުޅޭމީހަކު އެބަ ހިނގައެވެ. އޭނާގެ ހަރަކާތްތަކަށް އަހަރެން މިއޮތީ ވަރަށް ބިރުންނެވެ. ވީމާ، ކަލޭ އިހަށް މިތާގެ ވަށައިގެން އެއްވެސް ނުރައްކަލެއް އެބައޮތްތޯ ހޯދައިލަބަލާށެވެ. މިހެން ބުނުމުން އޭނާނުކުމެ ހޯދަންފަށައިފިއެވެ. ފްރެންކް އެތެރޭގައި އިނދެގެން  ކުޑަކުޑަ ސިޓީއެއްލިޔެލައިފިއެވެ. ރަޙްމަތްތެރިޔާއެވެ! ހަމަ މިގޭގައި، ހުވަފެނުގައި ކަލެއާއި ވަކިވެގެން ދިޔައީތީ ފެނުނު "ކަނާތް" އެބަ އިނީމެވެ. އެންގި ކޮންމެ ކަމަކަށް ކިތަންމެ ނިކަމެތި  ޙާލެއްގައި އޮތަސް ތައްޔާރަށް އޮންނާށެވެ.

މިސިޓީ ލިޔުކަށްފަހު އޭނާއަށް ގެންދަން ހުރި ކާތަކެތީގެ ތެރޭގައި ރައްކާކޮށްފިއެވެ. . . . ގިނައިރުތަކެއް ނުވެ ޚާދިމު މީހާ އައިސް އެއްވެސް ބިރުވެރިކަމެއް ނެތޭ  ނަންގަނެފައި، ކާތަކެތި ހިފައިގެން ހިނގައްޖެއެވެ.

އާދެ! ވާހަކަ ވިދާޅުވާ ބޭފުޅުންގެ އިތުރު ނޯޓަކަށް އަޅުގަނޑުގެ ގަލަމެއް ނުނަގަމެވެ. ނަމަވެސް އިތުރު ތަޢާރުފެއް ކޮށްލިޔަދެއްވާށެވެ!

އާދެ! ގެއްލިފައިވާ މިސްޓަރ އަންވަރު ވީ ނުވީ ތަނެއް ނޭނގި އެތަކެއް ދުވަސްވުމަށްފަހު، އަޙުމަދަށް އޭނާ ވީ ތަން އޮޅުންފިލީ އެވެ. ޝައްކެއް ނެތެވެ.! އޮފީލިޔާގެ ދަހިވެތިކަމުގައި އަންވަރު ހައްޔަރުކުރި ބަޔަކު އަތުން އޭނާ އަތުލައިގަތުމަށްޓަކައި އޮފީލިޔާގެ ނަން ހަމައެކަނި ބުޅިއެއްގައި ލައިފައި ދޫކުރިކުރުމުން، އަންވަރު އޮތް ތަނާއި ޙާލު މިހިރަ ސާފުވަނީ އެވެ.

އާދެ! އެރޭ އެކަހަލަ ގޮތަކަށް ގޮސް އިރު އަރައިފި އެވެ.

މިސްޓަރ ވެސްޓް ގެ މަސައްކަތް

އިރު އެރުމާއެކު މިސްޓަރ ވެސްޓް ނުކުމެ، ސައިގެ މަސައްކަތްތައް ވަރަށް އަވަހަށް ނިންމައިލުމަށްފަހު  ފްރެންކް ގޮވައިގެން ދިޔައީ ދަތުރަށެވެ! އާދެ! އޮފީލިޔާ އަތުލައި ދިނުމަށްޓަކައި ބާރަށް ދުއްވާ ބޯޓެއްގެ ކެޕްޓަނަކާ ވާހަކަދައްކައިގެން އެ ބޯޓަށް އަރައިފި އެވެ. ކަންދިމާވި ގޮތުން ފްރެންކާއި ވެސްޓް ތިބެންޖެހުނީ ދެފަންގިފިލާއެއްގައިހުރި  ދެކޮޓަރިއެއްގައެވެ. އެހެންކަމުން އެކަކު އަނެކަކާ ބައްދަލުވުން މާފަސޭހައެއް ނޫނެވެ.

ބޯޓްފުރަން ދެންއޮތީ އެންމެ ބައިގަޑިއިރެވެ. ފަސިންޖަރުން އަރައި ހަމަޖެހިއްޖެއެވެ. ނަމަވެސް އަދިވެސް މުދާ އަރުވައި ބާލާ ބައެއް ގަނޑެތި ބޯޓްގެ ކައިރީގައި ހިސާބަކަށް ވެއެވެ.

މިސްޓަރ ފްރެންކް ކެޕްޓަނާ ބައްދަލުކޮށްފައި ބުންޏެވެ. "އަހަރެން ކޮޓަރީގައި ވަރަށްބޮޑު ފޮއްޓެއް ބަންދުކޮށްފައި ހުންނާނެއެވެ. އެފޮށި ބޯޓްފުރުމުގެ ކުރިން މޯރަލް ރޯޑްގެ 137 ނަންބަރު ގޭގެފެންޑާ މައްޗަށް ފޮނުވައި ދޭނަންހެއްޔެވެ؟

މިހެން ބުނަމުން ދިއްކޮށްލި ފައިސާކޮޅެއްގައި ހިފުމާއެކު ކެޕްޓަން އެކަން ޤަބޫލުކޮށް، އަދި ޝުކުރު ވެސް  އަދާކޮށްފިއެވެ.

ދާދި ކުޑައިރުކޮޅެއްގެތެރޭގައި އެބުނާ ފޮއްޓެއް ބޯޓުން ބާލައިގެން ގެންގޮސް އެބުނި ގޭގެ ދޮރުމަތީގައި ބަހައްޓައިފިއެވެ. އަދި ގިނައިރުތަކެއް ނުވެ ބޯޓް ވެސް ފުރައިފިއެވެ.

މިސްޓަރ ވެސްޓްއަށް ފްރެންކް ނުފެންނަތާ ގިނައިރުވެގެން މުޅިބޯޓް ހޯދަން ފަށައިފި އެވެ. ނަމަވެސް މީހުން ގިނަކަމާއި އޮލަކަމުން އަދި ފްރެންކްއެއް ނުފެނުނެވެ. . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . . .

މޯރަލްރޯޑްގެ 137 ނަންބަރު ގޭގެ ދޮރުމަތީގައި ދެންމެ ލޯރިއަކުން ބާލައިފައި ބެހެއްޓި ބޮޑުފޮށްޓަކުން އެނުކުތީ އަޅުގަނޑުމެންގެ އަޙްމަދުއެވެ. ދާދި ދެންމެއަކާއި ޖެހެންދެން އާގުބޯޓެއްގައި އުޅުނު މިސްޓަރ ފްރެންކް ފިޔަވައި ދެވަނަމީހެއް ނުނެވެ. އޭނާ ނިކުމެ ހަށިފޮޅައިލައިފިއެވެ. އަދި ހިތާހިތުން  ބުނެލި އެވެ. "އޮފީލިޔާގެ ދަހިވެތިކަމުގައި މިސްޓަރ ވެސްޓް ނުވަތަ "ރަތްތަރި" ނުވަތަ އޭނާގެ ގާއިމްމަޤާމު މިހާރު އުފަލުގައި ދަތުރުކުރާނެ އެވެ. ސިންގަޕޫރަށް ގޮސްގެން އޮފިލިޔާ ފެނިއްޖެ ނަމަ ކަލާނގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ހުއްޓެވެ."  . . . . . . . . . . . . . . . . . . . . . . . . . . . . .
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
               ޓައިޕްކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު/ ޢާއިޝަތު ރުޝްދީ
               އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
               ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ