އަދުގެ ޚާއްސަ

Print

މުސްލިމުންނާ ދެކޮޅަށް ހުޅަނގުގައި ހިންގަމުން ގެންދާ ބައެއް ކަންކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ދުނިޔެ



މޫނިސާ ޢީސާ

ހުޅަނގުގައި މުސްލިމުންނާއި އިސްލާމްދީނާ ދެކޮޅަށް ހިންގާ ހަރަކާތްތައް ގެންދަނީ އިތުރުކުރަމުންނެވެ. އެފަދަ ކަންކަން މިހާރު ގެންދަނީ އެޤައުމުތަކުގެ ސިޔާސަތުތައް ކަމުގައި ކަނޑައަޅައި އެ ކަންކަމަށް ޤާނޫނީ ބާރުވެސް ހޯދައި، އެފަދަ ސިޔާސަތުތައް ތަންފީޒުވެސް ކުރަމުންނެވެ. ހުޅަނގުގައި އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅަށް ތަފާތު ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރަމުން ދިޔަ ނަމަވެސް ހަޤީޤަތަކީ ހުޅަނގުގައި މިހާރު ވެސް އެންމެ ބާރަށް ފެތުރެމުން އަންނަނީ އިސްލާމްދީންކަމެވެ.

1-    ފަރަންސޭސި ވިލާތުގައި މޫނު ބުރުގާ މަނާކުރުން:

ހުޅަނގުގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން އެއްކަމަކީ މޫނު ބުރުގާއެޅުމާ ދެކޮޅަށް ހިންގާ ހަރަކާތްތަކެވެ. ބުރުގާއާ ދެކޮޅަށް ޔޫރަޕްގެ ބައެއް ޤައުމުތަކުން ފިޔަވަޅުމަށް މަސައްކަތް ކުރަމުން ދާއިރު އެކަން ޢަމަލީ ގޮތުން އެންމެ ފުރަތަމަ ތަންފީޒުކޮށްފައިވަނީ ފަރަންސޭސި ވިލާތުގައެވެ. މޫނުބުރުގާ އަޅައިގެން އާއްމު ތަންތާނގައި އުޅުމަކީ ޤާނޫނީ ގޮތުން އެޤައުމުގައި މަނާކަމެކެވެ. ފަރަންސޭސި ވިލާތުގައި އެޤާނޫނު ތަންފީޒުކުރަން ފަށައިފައިވަނީ އޭޕްރީލް މަހުގެ އެގާރަވަނަ ދުވަހުން ފެށިގެންނެވެ.

ޢާއްމު ތަންތާނގައި ބުރުގާ އަޅައިގެން އުޅުމުގެ ކުށް ސާބިތު ވެއްޖެނަމަ ޤާނޫނުގައި ބުނެފައިވާ ގޮތުން އެމީހަކު 216 ޑޮލަރުން ޖޫރިމަނާކޮށް އެޤައުމުގެ ރައްޔިތެއްނަމަ ރަށްވެހިކަން އަތުލެވޭނެއެވެ. އާއްމުތަންތަނުގައި ބުރުގާ އަޅައިގެން އުޅޭ މީހުންނަށްވުރެ ބޮޑު އަދަބު އެކަންކުރުމަށް ބާރުއަޅާ މީހުންނަށް ޤާނޫނުގައި ވަނީ ކަނޑައަޅައިފައެވެ. މި ޤާނޫނަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުންދަނީ މޫނު ބުރުގާ އަކީ ފަރަންސޭސި ވިލާތުގައި އަންހެނުންގެ ހަމަހަމަކަމަށް ހުރަސް އަޅާކަމެއްކަމަށެވެ. މޫނު ބުރުގާ މަނާކޮށްފައި ވަނީ، ސެކިއުރިޓީ ފިޔަވަޅެއްގެ ގޮތުންކަމަށް ބުނެއެވެ. ކާކުކަން ނޭނގޭގޮތަށް، ހަތިޔާރު ފޮރުވައިގެން އުޅުންފަދަ ކަންކަން މަނާކުރުން ވެސް މޫނު ބުރުގާ މަނާކުރުމުގެ ބޭނުމަކަށް ވާކަމަށް އެކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

2-    ބެލްޖިއަމްގައި މޫނު ބުރުގާ މަނާކުރުން:

ހުޅަނގުގެ ޤައުމުތަކުގެ ތެރެއިން މޫނު ބުރުގާ އެޅުން ޤާނޫނީ ގޮތުން މަނާ ކަމެއްކަމަށް ކަނޑައެޅި ފުރަތަމަ ޤައުމަކީ ބެލްޖިއަމް އެވެ. އާއްމު ތަންތަނުގައި ކާކުކަން ނޭނގޭގޮތަށް މޫނު ނިވާކޮށްގެން އުޅުމަކީ މަނާކަމެއް ކަމަށް ކަނޑައަޅައި އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މިދިޔަ އަހަރު ވަނީ ޤާނޫނެއްގެ ބިލްފާސްކޮށްފައެވެ. ނަމަވެސް އެކަން ޢަމަލީ ގޮތުން އަދި ތަންފީޒު ނުކުރެވި ވަނީ އެޤައުމުގައި ސަރުކާރެއް އެކުލަވައިލެވިފައި ނުވާތީއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން، މޫނުބުރުގާ އެޅުން ނުވަތަ ޢާއްމު ތަންތާނގައި މޫނު ނިވައިކޮށްގެން އުޅުމަކީ މަނާކަމެއްކަމަށް ކަނޑައަޅައި ޤާނޫނެއް ފާސްކޮށްފައިވާއިރު އެޤައުމުގައި އުޅޭ ބައި މިލިއަނެއްހާ މުސްލިމުންގެ ތެރޭގައި މޫނު ބުރުގާ އަޅައިގެން އުޅެނީ އެންމެ 30 މީހުންކަމަށް ރިޕޯޓްތައް ބުނެއެވެ.

3-    ނެދަރލޭންޑް ގައިވެސް މޫނު ބުރުގާ މަނާކުރުމަށް މަސައްކަތް ކުރުން:

ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ މޫނު ބުރުގާ ޤާނޫނީ ގޮތުން މަނާކޮށް އެކަން ޢަމަލީގޮތުން ތަންފީޒު ކުރަންފެށީ ފަރަންސޭސި ވިލާތުގައި ކަމަށް ވިއަސް، ނެދަރލޭންޑުގައި ވެސް މިހާރު ދަނީ މޫނުބުރުގާ މަނާކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ އަހަރު ފްރީޑަމް ޕާޓީއަށް ޤާނޫނު ހަދާމަޖިލީހުގެ ގިނަ ޢަދަދެއްގެ ގޮނޑި ކާމިޔާބު ކުރެވުމާއެކު އެޕާޓީން ވަނީ މޫނުބުރުގާ މަނާކުރުމުގެ މަސައްކަތް ފަށައިފައެވެ. މޫނު ބުރުގާ މަނާކުރުމަށްޓަކައި ބޭނުންވާ ތާއީދު ހޯދުމަށް، ސަރުކާރު ހިންގާ ސެންޓަރ-ރައިޓް ޕާޓީއާ ކޯލިޝަން ހެދުމަށް ފްރީޑަމް ޕާޓީން ދަނީ މަސައްކަތް ކުރަމުންނެވެ. ޕްރީޑަމް ޕާޓީގެ ލީޑަރަކު މިދިޔަ އަހަރު ބުނެފައިވަނީ، މޫނުބުރުގާ އެޅުން މިއަހަރުތެރޭގައި މަނާކުރާނެ ކަމަށެވެ. ފްރީޑަމް ޕާޓީގެ ލީޑަރަކީ އިސްލާމްދީނާ ވަރަށް ދެކޮޅު މީހެކެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އިޓަލީ ވިލާތުގައި ވެސް މޫނު ބުރުގާ މަނާކުރުމުގެ ކެމްޕޭންތައް މިހާރު ވަނީ
ފަށައިފައެވެ.

4-    ސްވިޒަލޭންޑްގެ މިސްކިތްތަކުގައި މުންނާރު ބެހެއްޓުން މަނާކުރުން:

ސްވިޒަލޭންޑްގެ މިސްކިތްތަކުގައި މުންނާރު ބެހެއްޓުން މަނާކުރުމަށް ވަނީ ނިންމައިފައެވެ. މިސްކިތްތަކުގައި މުންނާރު ބެހެއްޓުން މަނާކުރުމަށް ނިންމީ ދެހާސް ނުވަވަނަ އަހަރު އެޤައުމުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން އެކަން ކުރުމަށް ފެންނަކަމަށް ނިންމުމުންނެވެ. މި ވޯޓަކީ ހުޅަނގުގައި އިސްލާމުންގެ ނުފޫޒު ގަދަވަމުންދަތީ އެކަމާ ދެކޮޅަށް ކުރިކަމެކެވެ. ނަމަވެސް ޔޫރަޕްގައި މިހާރު އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމްދީނެވެ.

ސްވިޒަލޭންޑްގެ މިސްކިތްތަކުގައި މުންނާރު ބެހެއްޓުން މަނާކުރުމަށް ނިންމިއިރު އެޤައުމުގައި މުންނާރާއެކު ބިނާކޮށްފައިވަނީ އެންމެ ހަތަރު މިސްކިތެވެ. މިސްކިތްތަކުން ބަންގި ގޮވާއިރު ލައުޑް ސްޕީކަރ ބޭނުންކުރުންވެސް އެޤައުމުގައި ވަނީ މަނާކޮށްފައެވެ.

5-    ހުޅަނގުގައި އަޅާ އެންމެ ބޮޑު މިސްކިތް ބިނާކުރުން ހުއްޓުވުން:

ހުޅަނގުގައި ބިނާ ކުރާ އެންމެ ބޮޑު މިސްކިތް ބިނާކުރުމުގެ މަސައްކަތް އިނގިރޭސި ވިލާތުގައި ފެށުމަށް ޕްލޭންކޮށްފައިވަނިކޮށް މިހާރުވަނީ އެކަން މަޑުޖައްސައިލައިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. މިމަޝްރޫޢު ހުއްޓައިލައިފައި ވަނީ 2012 ވަނަ އަހަރު އިނގިރޭސި ވިލާތުގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ޙަރަކާތްކަމަށްވާ އޮލިމްޕިކް ގޭމް ބޭވުމަށް އަޅާ އޮލިމްޕިލް ޕާކްއަޅާ ސަރަޙައްދާ އިންވެގެން އެ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ވާތީކަމަށް ވެއެވެ. އިނގިރޭސި ވިލާތުގައި ބިނާކުރުމަށް ހަމަޖައްސައިފައިވާ މިސްކިތުގެ މަސައްކަތް މަޑުޖައްސުވައިފައި ވަނީ އެކަމާ ދެކޮޅަށް ގިނަ ޢަދަދެއްގެ ބަޔަކު މަސައްކަތް ކުރުމުންނެވެ. ދެލައްކަ ފަންސާސް ހާސް މީހުން ވަނީ އެމިސްކިތް ބިނާކުރުން ހުއްޓުވުމަށް އެދި ސަރުކާރަށް ޕެޓިޝަނެއް ހުށަހަޅައިފައެވެ.

މިސްކިތް ބިނާކުރުން ހުއްޓައިލުމާ ދެކޮޅަށް އިނގިރޭސި ވިލާތުގެ މުސްލިމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އިނގިރޭސި ވިލާތުގައި ބިނާކުރުމަށް ޕްލޭންކޮށްފައިވާ މިސްކިތަކީ އެއް ފަހަރާ 12,000 މީހުންނަށް ނަމާދަށް އެރެވޭވަރުގެ މިސްކިތެކެވެ.
----------------
ނިމުނީ
މި ލިޔުން
      ފޮނުވުން:     އަލްފާޟިލާ މޫނިސާ ޢީސާ
      އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ