އަދުގެ ޚާއްސަ

Print

ސަބަބު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ



މުޙައްމަދު ފިރުޒުލް

އެއީ އަހަރެންގެ ދެވަނަ ދިރިއުޅުމުގެ އަލަތު ދުވަހެވެ. އަމިއްލަ މަސައްކަތުން ނަފްސު ބަލަހައްްޓަން ފެށި ތާރީޚީ ދުވަސްވެސްމެ އެވެ. އެ ހަނދާންތައް އާވުމުން ކުރާ އަސްރުތައް ބަޔާންކުރަން ޢުޒުރުވެރިވަމެވެ. މި މަޤާމް އެކަމަށް ތަންނުދޭތީވެސްމެ އެވެ.

ކޮންމެއަކަސް އެފެށުންވީ ކާމިޔާބު ފެށުމަކަށެވެ. ދެ ތިން ހަފްތާގެ ތެރޭ މުޅި ޢޮފީހުގެ ރުހުން އަހަންނަށް މިލްކުވިއެވެ. ކޮންމެ ދުވަހަކުންހެން ލިބޭ ސިޓީތައް ހަތަރެސް ފައިގެ އިނގިލިތަކުން ގުނޭ ވަރަށްވުރެން މާގިނަވިއެވެ. ގޭގެ ފޯނު ލައިނަށް އަންނަ ކާކުކަން ނޭނގޭ މީހުންގެ  ކޯލުތައް އެވަރެވެ. ނަމަވެސް އަހަރެން އެކަންކަން މިނާކަށް ނޫޅެމެވެ. އެ ހިނދަށް އެއީ މާ މުހިންމު ކަމެއްކަމުގައި ނުދެކެވުނީތީ އެވެ.

ނަމަވެސް އެފަދަ ކަމަކާ މެދު ވިސްނަންޖެހުނު ދުވަސް މާ ދުރެއްނުވިއެވެ. އޮފީހަށް ގުޅުނު ކުއްޖެއްގެ ސަބަބުން އަހަރެންގެ މުޅި މިޒާޖު ބަދަލުވިއެވެ. އޭނާގެ ތޫނު ނަޒަރާއި، ބުރުސޫރައިގެ ރީތިކަމާއި، ޙަރަކާތްތަކުގެ ޗާލޫކަމުން ހަމަ ޙަޤީގަތުގައިވެސް އެކަމަށް މަޖުބޫރުވީއެވެ. ވިދާ ކޮންމެ އެއްޗަކީ ރަންކަމުގައި ގަބޫލުކުރަންޖެހުނީ އެވެ. ފުރަތަމަ ވަރަށް ހިތްވަރު ކުރީމެވެ. ނަމަވެސް، ބޭރަށް ފެންނަން ހުރި ކަންކަން އަހަރެންގެ ޙިއްސުތައް ޣާފިލުކުރުވި އެވެ. އައިބުތަކަށް ކަނުކުރުވި އެވެ. އެންމެފަހުން "ކަލާ" ގެ ލަޤަބުދީ ޙާސިލުކުރުމުގެ ޢަޒުމް ކަނޑައެޅީމެވެ. އަމިއްލައަށް ޤަބޫލުކޮށްގެންހުރި ހުރިހާ އުޞޫލުތަކެއް މުގުރުމަށްފަހުއެވެ.
 
ފުރަތަމަ ފެށީ ފޯނުންނެވެ. ފުރަތަމަ ގުޅި ދުވަހު ވެސް އެއީ ހަމަ ރަންގަޑެއްކަމަށް ނިންމީމެވެ. ލައިން ބިޒީވުމުގެ ސަބަބަން އަހަރެންގެ ކޯލަށް ޖާގައެއްލިބުނީ އެތެއްއިރެއްވީފަހުންނެވެ. ނަމަވެސް އެ ވަރުން ލިބުނު ފުރުސަތު ވެސް ވީ ބޭކާރެވެ. އޭނާގެ ޖާޒުބީ އަސަރުގަދަ އަޑުޖެހުމާއެކު އަހަރެންގެ ނަފްސު ކުރިއަށްދިއުމަށް އިޢުތިރާޒުކުރި އެވެ. ނިކަމެތިވެ އިނދަޖެހުނެވެ. ދެން ޖެހިގެން ލިބުނު ފުރުސަތުތައް ވެސް ދިޔައީ ހަމަ އެ ގޮތަށް، "ބޮނޑު ނަގުލަށެވެ." އެނާގެ އަޑު ޖެހުމުން ހިތް ތެޅިގަންނަނީ ވަކިވަރެއް ބަލައިފައެއް ނޫނެވެ.

އެމަގުން ކުރިއަށްނުދެވުމުން ވިސްނީމެވެ. ރަށްޓެހިންނާ ޚިޔާލު ބަދަލުކުރީމެވެ. އެންމެންވެސް ބުނީ އެކައްޗެކެވެ. ދިނީ އެއްނަސޭހަތެކެވެ. އެހިސާބުން، "ލަދަކާހުރެ ތަދެއް ނުފިލާނެ ކަން" ވިސްނި އާ ގޮތަކަށް މަސައްކަތް ފެށީމެވެ. "ބޭރުންދާ އޮޑިއަކަށް ނިވަލެއް ނޯންނާނެކަން" ނަފްސަށް ބަޔާންކޮށްދިނީމެވެ. ދެން ފެށީ އެ ގޭދޮށުން މުގޯލި އަޅާށެވެ. އެނާގެ ފަހަތުން ބިސްމަޅި ދުއްވާށޭވެ. ހުރިހާ ޙަރަކާތަކަށް ފާރަލާށެވެ. އެނގޭ ހެއްޔެވެ؟ އޭނާގެ ޑިމާނޑް ބޮޑުކަން އެނގުނީ ދެނެވެ. ހަމަ އެ މަސައްކަތުގައި އަހަރެންނެކޭ އެއް ހަމައެއްގައި އަހަރެން ފަހައިލެވޭ ވަރުގެ ކިތަންމެ ބަޔަކު އުޅުނެވެ. ނަމަވެސް ދާދި އަވަހަށް އަހަރެން ކައްކަމުންދިޔަ ޚިޔާލީ ފޮލާއިން "ފޮނުގަނޑު" އަރަންފެށިއެވެ. އާނއެކެވެ!! އެ އާއިލާގެ ރުހުމާއިއެކު އޭނާ ކާމިޔާބުވިއެވެ.

ދެން އައީ އުފާވެރި ދުވަސްކޮޅެކެވެ. ޙަޔާތަށް ތާޒާ ބަހާރެއްގެނުވި މޫސުމެކެވެ. ދެ މީހުން އެކީ ފޮޅުވި މާތަކުން މުޅި ބިން ފުރޭހާ ވާނެއެވެ. އެ މާތަކުގައި ކުލައާއި ވަސް ޖެއްސީ އޭނާގެ ފޮނި ވަޢުދުތަކުންނެވެ. އަދި އެ ވަސްމީރު ބަގީޗާތަކުން އަހަރެންގެ "ޚިޔާލީ" ގަނޑުވަރު ޒީނަތްތެރި ކުރީމެވެ. ރޭދުވާ އޭނާއަށް ޓަކައި ގުރުބާންކުރީމެވެ. މިހާރު ވެސް އެ ހަނދާންތައް ރަނގަޅަށް ބިންވަޅު ނެގިފައި އެބަހުއްޓެވެ. އެކަކު އަނެކަކުގެ އުނގުގައި ބޯއަޅައިގެން ތިބެ ކުރި ވަޢުދުތަކެވެ. ހަނދުވަރުމަތީ ކުރި މަޖަލެވެ. ދިން ފިރުމުންތަކެވެ. ބޭރުފުށުން ދެއްކި އޯގާތެރިކަމެވެ.

ނަމަވެސް އެ އުފާވެރިކަންވީ ބަޑިބޭހުގެ ކުޅިގަނޑެއް ކަހަލަ ކަމަކަށެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭ "ދަތުރު ފެންނަން ފެށިއެވެ." ފައިސާއަށް ރޭރުވުމާއި، ބޮޑުކަމަށް ކުރާ ލޯބި ފަދަ ކަންކަން ދެއްކުންތެރިކަމުގެ ތޮށި ފަޅައި ނުކުމެ ހާމަވާންފެށި އެވެ. އަހަރެންގެ ނިކަމެތިކަން އެނގެންފެށި ހިސާބުންނެވެ. އެންމެފަހުން ސީދާ ބަހުން އެކަން، ބުނެ އެންގިއެވެ. ފެންކައްކާ ބޮލީގެ ޢިއްޒަތް ވެސް އޮންނަނީ ކުޑަ ދުވަސްކޮޅަކަށް ކަމަށް ބުނަމުންނެވެ.

އެއްބަސް ނުވާކަށް ނެތީމެވެ. އެދުވަހު އަހަރެން ދެރަވިއެވެ. ރޮއި ހިތާމަ ވެސް ކުރީމެވެ. އަދި ކިއެއް ހެއްޔެވެ؟ ބަނޑުހައި ހޫނުކަމާއި އެކަނިވެރިކަން މިތުރުން ކަމުގައި ހެދީމެވެ. ދިރިއުޅުމާމެދު އުންމީދު ކަނޑައިލައި، ޙަޔާތް މަރުވެއްޖެ ކަމަށް ވެސް ނިންމީމެވެ.

އެ ހާލުގައި އަހަރެން އުޅެނިކޮށް، އޭނާ ދެންފެށީ އަހަރެންގެ އަގު ވައްޓައިލުމުގެ މަސައްކަތެވެ. ނަމަވެސް މި ފަހަރު އަހަރެން އިސްކުރީ ބުއްދިއެވެ. ޒާތީ ޖަޒުބާތުތަކުގެ ކުރިއަށް ނެރުނީ ސީދާ ވިސްނުމެވެ. އެހާ ހިސާބުން ، "ތުނޑު ހަސަނާ ޖެހުނު މީދާހެން" ވަރު ޖެހި ދިރުން ލިބުނެވެ. ކަފުން ކުރެވިފައި އޮތް ހަޔާތަށް ފުރާނަ އެޅުނެވެ. ނަމަވެސް އަހަރެން، އެ މީދަލުގެ އުސޫލެއް ނުގެންގުޅެމެވެ. އަހަންނަށް ވިސްނުނީ ދުނިޔޭގެ ހަމަތަކެވެ. ކާއިނާތުގެ ޤާނޫނުތަކެވެ. "ދުނިޔެ ހިނގާނީ ތޮށަލި ދުޅަޔަށްކަމާ"، "އަޑިގަނޑަކަށްފަހު އުސްގަނޑެއް އަނނާނެކަމެވެ." "ރާވެރިއެއްގެ ދަރިޔަކަށްވެސް ހަތަރެތިން އެކަތި އޮންނާނެ ކަމާއި"، "މީދަލަކަށް ދުވަހެއް އައްޔާ ހިނކަންޖަކަށް ވެސް ދުވަހެއް އަންނާނެކެމެވެ." ވީއިރު "ތުނޑު ހަސަނާ ޖެހުނު މީދާހެން"، "ތޮށަލިތަކުރާ ޖެހުނު ވިގަނިހެން"  ބަދަލު ހިފައިގެން އަހަންނަށް އޮތް ކުރިއެރުމެއް އަދި ފައިދާއެއް ކޮބައިހެއްޔެވެ؟
މި ވިސްނުމުގައި ކުރިޔަށް ދާންފެށުމުން އިސާހިތަކު ހަމަ މަގު ފެނުނެވެ. ހަޔާތަށް އައި ބަނަކަން ސާފުވެ އުދަރެހުން އަލިވިލުނެވެ. އަދި، ހަމަ ގޮތް ސާފުވިއެވެ.

މިއަދު މިވާހަކަތައް ބަޔާންކުރާއިރު، ކަރުނަ އައިކަމަކު އެއީ އުފާވެރިކަމުގެ ކަރުނައެވެ. މިއަދު އަހަންނަކީ ވަފާތެރި އަނތްބެއްގެ ފިރިއެކެވެ. ހެޔޮލަފާ ރަނގަޅު އަންހެންކުއްޖެއްގެ ޙަޔާތުގެ ބައިވެރިއެކެވެ. ނިޔަނެތި، އަބުރުވެރި ކަނބަލަކާއެކު އުފާވެރި ޙަޔާތެއް ވޭތުކުރަމުންދާ ނަސީބުވެރިއެކެވެ.

ނަމަވެސް އެބޭވަފާތެރިޔާ ތޯއެވެ؟ މިއަދު ވެސް އޭނާއަކީ ހަވަރު ތުންފުއްސެކެވެ. ބޮޑުވަޅު ދޮށު ސައިބޯންޔެކެވެ. ޢިއްޒަތެއް އަގެއްނެތް އެންމެން ފެން ފޮހޭ ތުވާއްޔެކެވެ. ރަހަ އާއި ވަސްކެނޑި، ކުލަވެއްޓެން ކައިރިވެފައިވާ، ޚާއްސަކަމެއް ނެތް މަލެކެވެ. ހަތައެއް ނެތް ކުޅަނދުރެކެވެ. އެހެންކަމުން މާގިނަ ދުވަސްތަކެއްނުވެ ބޮއްކުރާ ދޮށަށް ކަނބާންޖެހޭ ދުވަސް އަތުވެދާނެއެވެ. ނަމަވެސް އަހަރެންގެ ހިތުގައި އޭނާއަށް ޝައުގުވެރިކަމެއް، ބުރަކަމެއް ވެސް ނެތެވެ. އޭނާއަށް ޓަކައި ވަނީ ހަމްދަރުދީއެވެ. ސަބަބަކީ އޭނާއަކީ އަހަރެންގެ ޙަޔާތަށް އައިސްފައި މިވާ ދާއިމީ ބަހާރު މޫސުން އައުމަށް މެދުވެރިވި "ސަބަބެވެ."
----------------
ނިމުނީ
މި ލިޔުން
      ފޮނުވުން:     އަލްފާޟިލް މުޙައްމަދު ފިރުޒުލް
      އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
      ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ