އަދުގެ ޚާއްސަ

Print

އަކުބަރު ރަސްގެފާނާއި ބީރުބޮލު ވަޒީރުގެ ބައެއް ވާހަކަތައް

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ ވާހަކަ


އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ

ތަޢާރުފު

އަކުބަރު ރަސްގެފާނާއި ބިރުބަލް ވަޒީރުގެ ވާހަކަ ތަކަކީ އިންޑިޔާއާއި ރާއްޖޭގައިވެސް ވަރަށް މަޝްހޫރު ވާހަކަ ތަކެކެވެ. ކުޑަކުދިން ވަރަށް ކުޑައިރުވެސް ކިޔައިދޭ ޢިބުރަތްތެރި އަދި މަޖާ ވާހަކަތަކެއްގެ ގޮތުގައެވެ. ވާހަކަ ކިޔައިދިނުމގެ ސަގާފަތުގެ ތެރޭގައި ހިމެނޭ މި ވާހަކަތައް މިހާރުވަނީ ތަފާތު ލިޔުންތެރިން އެކިއެކި ނަންނަމުގައި ފޮތްތަކުގައި ޝާއިޢުކުރައްވައި ޢާއްމު ކުރެވިފައެވެ.

އަކުބަރު ރަސްގެފާނު

 އަކުބަރު ރަސްގެފާނަކީ އިންޑިޔާގެ މުޣަލް ޚާންދާނުގެ 3 ވަނަ ރަސްގެފާނެވެ. އިންޑިޔާގެ ތާރީޚުގައި ވަރަށް ވަރުގަދަ ޝަޚުޞިއްޔަތެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ އަކުބަރު ރަސްގެފާނު އުފަންވެވަޑައިގަތީ މީލާދީން 1542 ވަނަ އަހަރު ނޮވެމްބަރު މަހު 23 ވަނަ ދުވަހު އެވެ. ރަސްގެފާނުގެ ތުއްޕުޅުއިރުގެ ދުވަސްތައް ހޭދަކުރެއްވީ އަފްޣާނިސްތާނުގައެވެ. ޒުވާން ދުވަސްވަރު ހޭދަކުރެއްވީ ޝިކާރަކުރައްވަން ދަސްފުޅުކުރެއްވުމާއި، ދުވެވަޑައިގަތުމާއި، ހަށިހެޔޮކަމުގެ ތަފާތު ހުނަރުތައް ދަސްފުޅުކުރެއްވުމުގައެވެ. ކިޔަވައިވިދާޅުވުމާއި ލިޔުއްވުމަކަށް ވަގުތު ލިބިވަޑައެއް ނުގަންނަވައެވެ.

އެހެންކަމުން އަކުބަރު ރަސްގެފާނު ހިމެނިވަޑައިގަތީ ލިޔަންކިޔަން ދެނެވަޑައިނުގަންނަވާ ރަސްކަލެއްގެ ގޮތުގައި މުޣަލް ޚާންދާނުން ރަސްކަން ކުރެއްވި ހަމައެކަނި ރަސްގެފާނަށެވެ. އެހެންނަމަވެސް ފާހަގަކުރެވިފައި ވަނީ ޢިލްމު ހޯއްދެވުމަށް މަސައްކަތްޕުޅުކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަރިހުގައި ގެންގުޅުއްވި ބޭފުޅުންގެ ފަރާތްޕުޅުން ޢިލްމު ހޯއްދެވިއެވެ. އަދި މޮޅު ޢިލްމުވެރިއަކަށްވެ ވަޑައިގަތެވެ. އަކުބަރު ރަސްގެފާނަކީ ޢިމާރާތްކުރުމުގެ ފަންނާއި އެހެނިހެން ފަންނުތަކާއި އަދަބިއްޔާތަށް ވަރަށްބޮޑު އިސްކަމެއް ދެއްވި ބޭފުޅެކެވެ. އެ މަނިކުފާނުގެ ރަސްކަމުގެ ދަރުބާރަކީ ސަގާފީގޮތުންނާއި، މުދަލުގެ ގޮތުން ތަނަވަސް ދަރުބާރެކެވެ. އެހެންކަމުން ރަސްގެފާނުގެ ރަސްކަމުގެ ދަރުބާރާއި ރަސްކަންކުރައްވާ ގޮތް ބައްލަވައި ރަސްގެފަނާ ބައްދަލުކުރެއްވުމަށް އިނގިރޭސި ރާނީ ކްއީން އެލިޒަބަތު 1 ، އެ ކަމަނާގެ ސަފީރެއްގެ ގޮތުގައި ސަރ ތޯމަސް ރޯއި އިންޑިޔާއަށް ފޮނުއްވިއެވެ. އަކުބަރު ރަސްގެފަނު ޢިމާރާތްކުރެއްވި ޢިމާރާތްތައް އަދިވެސް ފެންނާން އެބަހުއްޓެވެ. އާގަރާގެ ރެޑްފޯޓް އެއީ އޭގެ ތެރެއިން މަޝްހޫރު ޢިމާރާތެކެވެ.
 
އަކުބަރު ރަސްގެފާނަށް ލިޔަން ކިޔަން އެނގިވަޑައިނުގެންނެވި ނަމަވެސް އުނގެނުމަށް ވަރަށް މަތިވެރި ޖަރަޖައަކަށް ލޯބި ކުރެއްެވި އެވެ. އެ މަނިކުފާނުގެ ޙަޔާތްޕުޅުގައި އެކިއެކި ތަންތަނުން އެތައް ސަތޭކަ ލިޔުމެއް އެއްކުރެއްވި އެވެ. ރަސްކަމުގެ ދަރުބާރުގައި ލިޔުންތެރިންނާއި، ދިރާސާކުރާ މީހުންނާއި، މިޔުޒިކު ކުޅޭމީހުން، ކުރެހުންތެރިންނާއި ތަރުޖަމާނުން ގެންގުޅުއްވިއެވެ. ޙަޔާތުގެ ތަފާތު، ނުވަ ދާއިރާއަކުން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ނުވަ ޢިލްމުވެރިން އަރިހުގައި ގެންގުޅުއްވި އެވެ. މީގެ ތެރޭގައި ބިރުބަލް ވަޒީރު ހިމެނިވަޑައިގަތެވެ.
 
ބިރުބަލް ވަޒީރު

ބިރްބަލް އުފަންވެ ވަޑައިގަތީ ބުރަހަމުންގެ ވަރަށް ފަޤީރު ޢާއިލާއަކުންނެވެ. ޔަމުނާ ކޯރުގެ އައްސޭރީގައި އޮންނަ ޓްރިވިކްރަމްޕޫރު ނަމަކަށް ކިޔާ އަވަށަކަށެވެ. މީލާދީން 1582 ވަނަ އަހަރުއެވެ. ބރްބަލްގެ އަޞްލު ނަންފުޅަކީ މަހޭޝް ދާސް އެވެ. ބިރްބަލް އަކީ އަކްބަރު ރަސްގެފާނުގެ ވަޒީރެއްގެ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ބެލެހެއްޓެވީ އިދާރީ އަދި އަސްކަރީ ކަންތައްތަކެވެ. ހަމައެއާއެކު ބިރްބަލްގެ ޙިކްމަތްތެރިކަމާއި ވިސްނުންތެރިކަމުގެ ސަބަބުންނާއި ދެއްވާ އަގުހުރި ލަފާފުޅުގެ ސަބަބުން ރަސްގެފަނުގެ ވަރަށް އަރިސް ވަޒީރަކަށް ވެ ވަޑައިގަތެވެ. ބިރްބަލްއަކި ޅެންވެރިއެކެވެ. ލިޔުންތެރިއެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންވެސް އެ މަނިކުފާނާއި އަކުބަރު ރަސްގެފާނުގެ ނާޑުކަތާތަކަށް (ފޯކްލޯރތަކަށް) ޝައުޤުވެރިކަން ހުރެއެވެ.

ބީރްބަލް ވަޒީރާއި އަކުބަރު ރަސްގެފާނާ ދެމެދު ރަސްކަމުގެ ދަރުބާރުގައްޔާއި ، ދަރުބާރުން ބޭރުގައި ދެކެވިފައިވާ އެތައް ވާހަކައެއް ވަނީ ލިޔެވި ޗާޕުކުރެވިފައެވެ.  ބިރްބަލްޢާއި ރަސްގެފަނާ ދެމެދު އޮންނަ ގާތް ގުޅުމުގެ ސަބަބުން އެހެންވަޒީރުން އެކަމާ ޙަސަދަވެރިވެ ބީރުބަލަށް ދެރަ ދެއްވުމަށް ތަފާތު ކަންތައްތައް ކުރެއްވި އެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ވަނީ ނާކާމިޔާބެވެ. މި ވާހަކަތައް ވެސް ވަނީ ފޮތްތަކުގައި ލިޔެވިފައެވެ.

ބިރްބަލްގެ ލިޔުއްވުންތަކުގައި ބޭނުންކުރައްވާފައިވާ ނަމަކީ " ބްރަހަމް" އެވެ. ލިޔުއްވާފައިވާ ލިޔުއްވުންތައް ރާޖަސްތާންގެ ބާރަތުޕޫރު ދާރުލްއާސާރުގައި ފެންނަން އެބަހުއްޓެވެ. ބުނެވޭ ގޮތުގައި ބިރްބަލް އަވަހާރަވީ ހަނގުރާމައެއްގެ ތެރޭގައި އަފްޣާނިސްތާނުގައެވެ. ބިރްބަލް އަވަހާރަވުމުން އަކުބަރު ރަސްގެފާނު އެތައް މަހެއްވަންދެން ހިތާމަ ފާޅުކުރެއްވެވިއެވެ.

ބިރްބަލްއަށް އަކްބަރު ރަސްގެފާނުގެ ދަރުބާރުން ފުރުސަތު ލިބުން

އަކްބަރު ރަސްގެފާނަކީ ޝިކާރަކުރައްވަން ލޯބިފުޅުކުރައްވާ ބޭފުޅެކެވެ. މިގޮތުން ޝިކާރަޔަށް ނިކުމެވަޑައިގެން އުޅުއްވުމުގެ ތެރޭގައި މަހޭޝްދާސް ކިޔާ ޒުވާނަކާ ބައްދަލުވެ ވަޑައިގެން އެ ޒުވާނާގެ ތޫނުފިލިކަން ދެކެވަޑައިގެން ރަސްގެ ފަނުގެ އަނގޮޓިކޮޅެއް ދެއްވައި ފަސޭހަ ވަގުތެއްގައި ރަސްކަމުގެ ދަރުބާރަށް ޒިޔާރަތްކުރުމަށް ދައުވަތު ދެއްވިއެވެ.

އޭގެ ދުވަސްތަކެއްފަހުން މަހޭޝްދާސް ނަސީބު ވަޒަންކޮށްލުމުގެ ނިޔަތުގައި ރަސްގެފާނުގެ ގަނޑުވަރަށް ދިޔުމަށް ނިންމި އެވެ. އާގްރާއަށް ޒިޔާރަތްކޮށް ޔަމްނާ ކޯރުގެ އައްސޭރީގައިވާ ރަސްގެފަނުގެ ގަނޑުވަރަށް ވަންނަން ދިމާކުރުމުން އަޅައިފައިވާ ހެދުމަސް ބަލައިފައި އެތެރެއަށް ވަންނާކަށް އެތަނުގައި ތިބި ގާޑުން ހުއްދައެއް ނުދިނެވެ. ރަސްގެފާނު ވިދާޅުވެގެން އައިކަމުގެ ހެތްކެއްގެ ގޮތުން ރަސްގެފާނު ދެއްވި އަނގޮޓި ދެއްކުމުން އެއީ ރަސްގެފަނުގެ އަނގޮޓިކޮޅެއްކަން އެނގި ވަނުމުގެ ހުއްދަ ދިނެވެ. އެކަމަކު ޝަރުތަކާއި އެކުގައެވެ. އެ ޝަރުތަކީ ރަސްގެފާނުގެ ފަރާތްޕުޅުން ލިބޭ ކޮންމެ ހަދިޔާއެއްގެ ދެބައިކުޅަ އެއްބައި ގާޑުންނަށް ދޭ ގޮތަށެވެ.

އެގޮތަށް އެއްބަސްވުމުން އެތެރެއަށް ވަނުމުގެ ހުއްދަ ދިނެވެ. އަދި އަކުބަރު ރަސްގެފާނުގެ އަރިއަހަށް ޙާޒިރު ކުރެވުނެވެ.  އަދަބު އިޙުތިރާމް އަދާކުރުމަށްފަހު ރަސްގެފާނު ދެއްވި އަނގޮޓިފުޅު ދައްކަވައިލެއްވިއެވެ. އެހިނދު ރަސްގެފާނަށް އެ ޒުވަނާ އެނގިވަޑައިގެން ރަސްކަމުގެ ދަރުބާރުން އޭނާ ބޭނުން އެއްޗެއް ދެއްވުމަށް އަމުުރުކުރެއްވި އެވެ. ޒުވާނާ ހިނދުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އެދުނީ ޗާބޫކުން އޭނާގެ ފޫކޮޅުގައި ފަންސާސް އެތިފަހަރު ޖެހުމަށެވެ.

ރަސްގެފާނު ހައިރާންފުޅުވެ ވަޑައިގަންނަވައި އެ ޒުވާނާގެ ކިބައިން އެކަމުގެ ސަބަބު ހޯއްދެވުމަށް ސުވާލުކުރެއްވި އެވެ. މަހޭޝްދާސް އޭނާއަށް ގަނޑުވަރުގެ ދޮރޯށި ދޮށުގައި ފާރައަށް ތިބި ދޮރުފާރަވެރިން ކަންތައްތައް ކުރިގޮތުގެ ވާހަކަ ދެންނެވިއެވެ. ރަސްގެފާނު ހައިރާންފުޅުވެވަޑައިގެން އެކަމުގެެ މައްޗަށް ކޯފާއިސްކުރައްވައި އަމުރުފުޅުކުރެއްވީ ދޮރުފާރަވެރިން ގެންނަވައި އެ އެންމެންގެ ފޫކޮޅުގައި ފަންސާސް އެތިފަހަރު ޖެއްސެވުމަށެވެ. އަދި މަހޭޝްދާސް ރަސްގެފާނުގެ ވަޒީރަކަށް ހަމަޖައްސަވައި ބިރްބަލް ވަޒީރުގެ ނަމުން ނަންދެއްވިއެވެ.
 
ދެން މި ހުށައަޅައިލަނީ އަކުބަރު ރަސްގެފަނާއި ބިރްބަލް ވަޒީރާ ބެހޭގޮތުން ލިޔެވިފައިވާ ބައެއް ވާހަކަތަކެވެ.

1-    އަޅުގަނޑަކީ ރަސްގެފާނަށް ވަފާތެރި ޚާދިމަކީމެވެ.

އެއްދުވަހަކު އަކުބަރު ރަސްގެފާނު މެންދުރު ފަރިއްކުޅުވާން އިންނެވިއެވެ. އެ ސުފުރާމަތީގައި ބިރުބަލް ވަޒީރު ވެސް އިންނެވި އެވެ. ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން އެންމެ މީރު ބާވަތަކީ ބަށިކަމުގައި ވިދާޅުވެ ބައްޓަށް ތަޢުރީފުކުރެއްވި އެވެ. އެހިނދު ބިރްބަލް ވަޒީރު ވެސް އެ ވާހަކަފުޅާ އެއްބަސްވެ ވަޑައިގަތެވެ. އަދި ބައްޓަށް ތައުރީފްކުރައްވައި ލަވައެއް ހައްދަވައިގެން ރަސްގެފާނަށް ދެންނެވިއެވެ.

އޭގެ ދުވަސްކޮޅެއްފަހުން ހަމަ މިފަދަ ފަރިއްކޮޅެކެވެ. މިއަދު ވެސް ހުރީ ބަށިން ތައްޔާރުކޮށްފައިވާ ފަރިއްކޮޅެކެވެ. އަކުބަރު ރަސްގެފާނު ވިދާޅުވިއެވެ.

" ބައްޓަކީ ތަރުކާރީގެ ތެރެއިން އެންމެ ތާކުން ތާކު ނުޖެހޭ އެންމެ ވިޔާނުދާ ތަރުކާރީއެވެ. އޭގައި ހުންނަނީ ހުސް އޮށެވެ. އެއްވެސް ރަހަޔަކުން ރަހައެއްވެސް ނުދޭނެއެވެ."

ހަމަ ވަގުތުން ބިރްބަލް ވަޒީރު ވެސް ރަސްގެފާނުގެ ވާހަކަފުޅަށް ތާއީދު ކުރެއްވިއެވެ.

" ބައްޓަކީ މީރު ރަހައެއްވެސް ލާ އެއްޗެއް ނޫނެވެ. އަޅުގަނޑަށް ވެސް ބަށި ވަރަށް ކަމަކު ނުދެއެވެ."

" ކީކޭތަ މިހާރު ތިޔަ ކިޔަނީ؟ މީގެ ހަމަ ކުޑަދުވަސްކޮޅެއް ކުރިންނު ބަށީގެ މޮޅު ކަމާބެހޭގޮތުން ލަވައެއް ހަދައިގެން ކީ؟ އެކަމަކު މިހާރު ތި ބުނަނީ ބައްޓަކީ ކަމުދާއެއްޗެއް ނުނޭ!" ރަސްގެފާނު ވިދާޅު ވިއެވެ.

އެ ހިނދު ވަރަށް އަބަދު އިޙުތިރާމާއި އެކު ބިރްބަލް ވަޒީރު ރަސްގެފާނަށް ދެންނެވިއެވެ.

" މާތް މަނިކުފާނުއެވެ! އެދުވަހު އަޅުގަނޑު މަނިކުފާނާއި އެއްބަސްވީ ބަށީގެ މޮޅުކަމުގެ ވާހަކަ މަނިކުފާނު ދެއްކެވީމާ އެކަމާ ދެކޮޅަށް އެއްޗެއް ނުދަވަން ވެގެންނެވެ. މި އަދު ބަށީގެ ކަމުނުދާ ވާހާކަ ދެއްކެވީމާ ވެސް އެއްބަސްވީ އެހެން ވެއެވެ. އަޅުގަނޑަކީ ރަސްގެފާނުގެ ވަފާތެރި ޚާދިމަކީމެވެ. ބަށި އެއީ މޮޅު އެއްޗަކަށް ހަދައިގެން އެއަށް ކިތަންމެ ވަރަކަށްވެސް ތަޢުރީފު ކުރެވިދާނެ އެވެ. އެކަމަކު އެކަމަކުން އަޅުގަނޑުގެ ވަޒީފާއަށް އެއްވެސް ކުރިއެރުމެއް، މުސާރައަކަށް ބަދަލެއް ވެސް ނާންނާނެއެވެ. އެ ބައްޓަކަށް އަޅުގަނޑަށް ވަޒީރު ކަމެއް ވެސް ހޯދައެއް ނުދެވޭނެ އެވެ.   
----------------
(ނުނިމޭ)
މައުލޫމާތު ހޯދީ :
ވިސްޑަމް މެގެޒިން
http://www.indhistory.com
http://www.mapsofindia.com       
http://www.csupomona.edu    

މި ލިޔުން
     ފޮނުވުން:     އަލްފާޟިލް އާދަމްޝަރީފް މުޙައްމަދު، ރޯޒީ/ށ.ފުނަދޫ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ