އަދުގެ ޚާއްސަ

Print

ނުކުރެވުނު ވައްކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތިމާވެށި

            
ކަނީރު ޢަބުދުއްރަޙީމް
     
ވެލާމަހަކީ ޚާއްސަކޮށް އޭރުގެ ދިވެހިންނަށް ވަރަށް ކަމުދާ މީރު މަހެކެވެ. އެކަމަކު ރާއްޖޭން ވެލާ މަދުވަމުންދާތީ ވެލާ "ފުރޮޅުން" އޮތީ އޭރު ވެސް (ޤާނޫނަކުން ނޫނަސް) ފާޑަކަށް މަނާވެފައެވެ. ވުމާއެކު ވެލާމަސް ކާންޖެހެނީ ފޮރުވައިގެންނެވެ.  ވަގަށެވެ.

އޮފީހުގެ މަސައްކަތެއްގައި ދާންޖެހުނު ރަށެއްގައި ހައެއްކަ ދުވަހު މަޑުކޮށްލަން ޖެހުނު ފަހަރެކެވެ. ރޭގަނޑުގެ ވަގުތުތައް މުޅިންހެން ހުހެވެ.  ނަތީޖާ އަކަށްވީ ކެޔޮޅުކަމު ދާންފެށުމެވެ. ކަނޑުމަތީގެ ތާޒާ ވަޔާއި ހިތްހަމަޖެހުމާ ިއެކު ދެވަނަ ރޭގެ ކެޔޮޅުކަން ނިމުނުއިރު ދޯނީގެކެޔޮޅުމީހާއާ ވަރަށް ބޮޑު ގާތްކަމެއް އުފެދިއްޖެއެވެ. މިޒާޖުގެ އެއްގޮތްކަމަކާއި ޚިޔާލުގެ ތަނަވަސްކަމެއް ހުރުމުގެ ސަބަބުންނެވެ. ބޭވުނު މަސްކޮޅު ހިފައިގެން ކެޔޮޅު މީހާގެ ގެއަށް ގޮސް ކައްކައިގެން ކައިގެން ނިކުމެ ބޭރުގައި ހުރި ފަށްޖެހި އެނދުގައި ތިބެ ދައްކަމުން ދިޔަ ވާހަކތަކުގެ ތެރެއަށް ވެލާމަހުގެ ވާހަކަ އައެވެ. އޭގެ މީރުކަމާއި އެއިން ހަށިގަނޑަށް ލިބޭ ފާހަގަކުރެވޭ ތާޒާކަމުގެ ވާހަކައަށް ފަހު އަހަންނަށް ބުނެވުނީ އެކަމަކު މިހާރަކު ދެން އެ ނަސީބެއް ވެސް ނެތެއްނޫންހޭ އެވެ. ކެޔޮޅު ދުފަދުފައި އިނދެ ބޯހޫރައިލި އެވެ. ދެންބުނީ ހިތްވަރެއް ހުރިއްޔާ ވެލާމަސް ކެވިދާނެ ކަމަށެވެ. ކެޔޮޅު ބުނެލީ އެ ރަށާ ދެތިންގަޑިއިރުގެ ދުރުގައި އޮންނަ ފަޅުރަށެއްގެ ވާހަކަ އެވެ. އެ ރަށަށް މަދުމަދުން ވެލާ އަރާ ކަމަށެވެ. އަހަރެންބުނީމެވެ. ތިހެންވިއަސް މި ދެ ތިން ރޭ ވެލައެއް އެރިއްޔާ ދޯ އެވެ. ވެލައެއް އަރަންދެނޭ ކިޔައިފައި ނުފުރައި ނުހުރެވޭނެ ކަމުގައި ބުނެލީމެވެ.

އެ ހިސާބަށްދިއަތަނާ ކެޔޮޅުމީހާ ތެދުވެ ހިނގައިގަންނަމުން އަޅެ ހިނގައިބަލާށޭ! ބުންޏެވެ. ކޮންތާކަށްތޯ އަހާކަށް ބޭނުމެއް ނުވިއެވެ. އޭނާ އެދަނީ ވެލާމަސް ލިބޭނެ ގޮތެއް ހޯދޭތޯ ކަން އެނގޭތީ އެކުގައި ދިޔައީ އެވެ. ދެތިން ގޯޅިއަކާއި ދެ ގެއެއްގެ ތެރެއިން ގޮސް ފުޅަލިގަނޑެއްގައި މަޑުމަޑުން ހުޅުވަން ހިފައިލަމުން ހުސެންބޭ! ހުސޭނުބޭ! އޭ ގޮވާލައިފިއެވެ. ހަމަގޮވާލުމާއެކު ހެން އެތެރޭން ޖަވާބުދީފިއެވެ.

-ކާކު؟  ކެޔޮޅު އަލީތަ؟

-އާނ! ހުސޭނުބޭ އައިސްބަލަ މިތާބޭރަށް!!

ފުޅަލިގަނޑު ހުޅުވައިލައިފައި ނިކުތީ ކުޑަވަރެއްގެ މީހެކެވެ. ހަނދުވަރު ރީތި ރެއަކަށް ވީތީ އެ މީހާ އަހަރަމެން ގާތަށް އައުމުން އެއީ ފަސްދޮޅަސް ހަތްދިހައިގެ ދުވަސްވެފައި ހުރި މީހެއްކަން އެނގުނެވެ.

- ކެޔޮޅާ ކީއްވީ؟  ކާކު މިހިރީ؟

- މި އައީ ކަމަކު. މިއީ މިހާރު މަގޭ ވަރަށް ގާތް ރަށްޓެއްސެއް. މީނާއަށް ވެލާމަސް ކާންދޭންޖެހިގެން އެކަމާ މި އައީ.

- (މަތި ބަލައިލައިފައި) މިރޭ މީ 13 ދޯ.  މާދަމާ ނޫން އަނެއް ދުވަހު ރަނގަޅުވާނީ.

- އެއްކަލަ ރަށަށް ދާނީ. ދޯނި ތައްޔާރުކުރާނަން އަސުރުން ފައިބައިގެން ފުރާގޮތަށް.

- އިރުއޮއްސުމުގެ ކުރިން ދެވެންވާނެ. (ބުނެފައި އައިސް މަށާ ސަލާން ކޮށްލާފައި) ނަސީބުހުރިއްޔާ ލައްވައިލާނެ.    

މިހެން ބުނެލައިފައި ކެޔޮޅު އަލީގެ ބުރަކަށީގައި ފިރުމައިލައިފައި ދިއައީއެވެ. ގެއަށް އައި މަގުމަތީގައި ކެއޮޅު އަލީ ބުނީ ހުސޭނުބޭ ކޮށްދޭހިތުން ކޮށްދީފިއްޔާ ޔަގީން ކަން އެބައޮތް ކަމުގައވެެ.
         
އެދުވަހު އަސުރުން ފައިބައިގެން އަހަރެމެން ތިން މީހުން ކުޑަ ދޯންޏެއްގައި ފުރީއެވެ. ހެޔޮ ވަރަށް ވައިޖެހޭ ފައްސިޔަ ދަތުރުގައި އެ ބުނާ ރަށަށް ދެވުނީ ފަސްގަޑި ފަނަރަހާއިރު އެވެ. ދޯނިމަތީގައި ހުސޭނުބޭގެ ފަންޑިތަވެރިކަމާބެހޭ ވާހަކަދެއްކީ މެވެ. އޭނާ އަކީ އޭނާ ބުނާ ގޮތުން ކަނޑުމަތީގެ ފަންޑިތަ ހަދާ މީހެކެވެ. އެންވެރިކަމަށް، މަސްވެރިކަމަށް ވަރަށް ކާމިޔާބުކަންތައް ކުރެވިފައިވާކަމަށް ކިޔައިދިނެވެ. ރަށަށް މުށިމަސް ވެއްދުމާއި މުށިމަސްގަނޑާއެކު ބައެއް ފަހަރަށް ވަންނަ ތާވަޅަ،  ކުންބަޅަގަނޑު ބޭރުކޮށްލުން ފަދަ ކަންކަމަކީ ވަރަށް ޔަގީންކަމާއެކު ކޮށްފައި ހުރިކަންކަމޭ ބުނެއެވެ. ކެޔޮޅު އަލީ އޭނާގެ ބަހަށް ހެކި ދެމުން ގެންދިޔަ އެވެ.

އެރަށަށް ލެފިއިރު އަތިރިމައްޗަށް މީހަކު އައިސް ނެތީމާ އެ ދެމީހުން ނިންމީ އެ ރަށުގައި ރަށްބަލަހައްޓަން ހުރި މީހާ ވެސް ނެތީ ކަމަށެވެ. ރަށަށްފައިބައި ރަށުގައި ހުރި ޖިފުޓި ބެލިއިރު ހުރީ ދޮރުގަނޑު ލައްޕާ އައްސާފައެވެ. ކުރެވެނު ހީ ޔަގީންކުރެވެނީ ދެނެވެ. އެހާތަނުން ހުސޭނުބޭގެ އިރުޝާދުގެދަށުން ގޮނޑުގޮނޑުދޮށުން ހިނގީ، ހަލާކުވެފައިނެތް 4 ދިލަފޮށި ހޯދާ ހަމަކުރާށެވެ. ރަށަކީ މާބޮޑު ރަށެއް ނޫން ކަމާއެކުވެސް ތިންމީހުން ތިން ހިސާބަކުން އަތިރިއަށް އެރި ހިނގައިލުމުން ދާދިފަސޭހައިން ދިލަފޮށި ހޯދިއްޖެއެވެ. ދެން ހުސޭނުބޭ އެ ދިލަފޮށިތަކުގައި އޭނާ ގެންގުޅޭ ކޮށާވަޅީގެ ތުނޑުން އެލިޔުނު އެއްޗެއްލިޔެ ނިންމައިފައި ބަލައިލިއިރު ދުވަހުގެއިރު އޮއްސެން ގޮސް އުދަރެހުގެ ތިރީގައި ޖެހެނީއެވެ. ދަމާހިނގާށޭ ކިޔައިފައި އެއްކަލަ ދިލަފޮށިތައް ހިފައިގެން ފުރަތަމަ ދިޔައީ ރަށުގެ (އެމީހުން ކިއާގޮތުން) ވަރުވާ ކަންއޮންނަ ދިމާއަށެވެ. އެއީ ހުޅަނގާއި އުތުރާ ދެމެދުގެ މެދެވެ. ގޮސް ހުސޭނުބޭ ދެވެލިފެންފަށަށް އެރިހުރެ ކިޔަވަކިޔަވައިފައި އިރުއޮސްފުހުމާއެކު އެތަނުން ދިލަފޮށްޓެއް އަތުކޮޅަށް ކަނޑާވީ ދިމާއަށް ހޫރައިލައިފައި އެއްގަމަށް އަރައިގެން ދެންދިޔައީ ރަށުގެ ހުރަސްމަގުން ގޮސް ނިކުމެވޭ އިރުމަތި ފަރާތަށެވެ. މި ފަހަރު ކިޔަވާކަށް ގިނައިރެއް ނުކުރެއެވެ. ތަނބިކަށިތާ ފެނަށް އެރިފައި އަނެއް ދިލަފޮށި ހޫރައިލައިފި އެވެ. ބާކީއޮތް ދެ ދިލަފޮށި އެއްލީ ރަށުގެ ދެކުނު ފަރާތަށާއި އުތުރު ފަރާތަށެވެ. ފަހުދިލަފޮށި އެއްލައިފައި އިރުކޮޅަކު ހުރެލި އެވެ.

އެއަށްފަހު އަރައިގެން އައިސް އަހަރެމެންނާއެކު، އެ ރަށުގައި ރަށް ބަލަހައްޓާ މީހާ ނިދަން ހަދައިފައި ހުރި ޖިފުޓީގެ ކައިރީގައި އަތިރިއާ ވީ ފަރާތުގައި ކަޑަޖަހައި ކަޑައިގެ މަތީގައި ބާއްވައިފައި އޮތް ދެ ހޮޅުގަނޑުގައި އިށީނީ އެވެ.  މަޑިސީލަ ނަގައިގެން ރަނގަޅަށް ދުފައިގެން ހަމަޖެހިލައިފައި ރަތްވިލާ އޮއްސި ގަޑިއެއްހާއިރު ވަންދެން ކެތްކުރަން ޖެހޭނެއޭ ބުންޏެވެ.

މަޖާ ބައެއް ވާހަކަދެއްކުމާއި ދުފުމާއި އެތާ އޮތް ކުރުނބާ އިހަލަކުން ކުރުނބާ ބުއިމުގައި އަހަރަމެން ތިންމީހުން އެތާނގައި ތިބީ ހުސޭނުބޭ އެބުނާ ގަޑިއެއް ޖެހެންދެން އިންތިޒާރުކުރުމުގައެވެ. އިރުކޮޅަކުން ފެނުނީ ރަށާ ދިމާއަށް އަންނަ ކުޑަ ދޯންޏެކެވެ. ރަށް ބަލަހައްޓާ މީހާ ކަމުގައި މުޅިން ނިންމައިގެން ތިއްބާ އެ ދޯނި އައިސް ލެފީމާ ބެލިއިރު އޭގައި ތިބީ އެހެން ރަށެއްގެ 4 މީހުނެވެ. ކެޔޮޅުކަމު ނިކުމެގެން އުޅޭ ބަޔެކޭ ބުންޏެވެ. އެ ދޯނީގެވާ ތިލޯށްޓަށް އައްސައިލައިފައި އެ މީހުން އެއްމެން އެކުގައި ހިނގައިގަތީ ހުރަސްމަގު ކޮޅުން އިރުމަތި ފަރާތަށެވެ.

ހުސޭނުބޭ އެމީހުންދާތަން ބަލަން އިނދެފައި ބޯ ހޫރައިލައިފައި ބޮލުގައި އަތްކާއްތައިލައިފައި ހޮޅުގަނޑު މަތީގައި އިން ގޮތަށް އިނދެ ދެފައި ދަމައިލިއެވެ. ކެއޮޅު އަލީ ގޮވާލިއެވެ. ކަލޭމެން ތިޔަ ދަނީ ކީއްކުރަން ހެއްޔެވެ؟ އެތަނުން އެކަކު ބުންޏެވެ. އަހަރެމެން އައިސް ލެފިއިރު އެދިމާއަށް ވެލައެއް އަރަނީ އެވެ. މިދަނީ އެ ވެލާ ފުރޮޅާލާށެވެ.

ކުރިމަސައްކަތް ފެނަށް ދިޔައީއޭ،   ނަސީބު ނެތީއޭ   ބުނެފައި ކެޔޮޅު އަލީ ދޯންޏަށްދާން ހިނގައިގެންފިއެވެ. ކަން މި ވީގޮތުން    ބުނާނެ އެއްޗެއް ނޭނގިފައި އަހަރެން ބަލަހައްޓައިގެން އިންދައި އަލީ ގޮސް ދޯންޏަށް އަރައިފިއެވެ. ހުސޭނުބޭ ވެސް މަޑުމަޑުން ގޮސް އެރީއެވެ. އަހަންނަށް ދެވުނީ މަޑުމަޑުންނެވެ. ވިސްނުމެއްގައިހުރެގެން ކަހަލަ ގޮތަކަށެވެ. ދޯންޏަށް އަރަމުން އަހައިލެވުނީ އަރާނީ އެންމެ ވެލައެއްތޯ އެވެ. ސަމާސާ ގޮތަކަށް ދެން މަށަށް ބުނެވުނީ "ދިލަފުށްޓަކަށް ވެލައެއް ނޭރިޔަސް ކޮންމެ ދެދިލަފުށްޓަކަށް ވެލައެއް އަރާނެދޯ" އޭ އެވެ. ހުސޭނުބޭ މަޑުމަޑުން ބުންޏެވެ. އަރާނެ އެވެ. އަދި ދޭތި އަރާނެއެވެ. އެކަމަކު ދެންއަރާނީ މެންދަމު ފަހުންނެވެ. ހަނދު އޮއްސޭއަތަށް އެޅީމައެވެ. ދޭތި އެރިއަސް އެ ދޭތިންކުރެ ފުރޮޅައިލެވޭނީ ކޮންއެއްޗެއްކަން ހުސޭނުބެއަކަށް ވެސް ނޭނގޭނެ ކަމަށް ބުންޏެވެ. އެތަނުން އެކައްޗަކީ ހަމަ ހަގީގީ ވެލައެކޭ ބުނެފައި ވައިއަޑަކުން ދެންބުނެލީ " ދެންއޮންނާނީ އެ އެރި ދެވެލާ މިރަށަށްގެނައި ކަނޑުދެވި ވެލާ " ކަމަށެވެ. އެއަށް ގޯނާއެއް ކޮށްފައި ސަލާމަތްވާކަށް ނުލިބޭނެ ކަން ޔަގީންކޮށް ދިނެވެ.

ދޯނިފުރައިގެން އެރަށާއިދުރަށް ދަމުންދިއައިރު އަހަރެންގެ ހިތަށްއެރިއެވެ. މިވީ ވެސް ރަނގަޅެކެވެ. ކުރަން މިއުޅެވުނީ ހަމަ ބޮޑު ވައްކަމެކެވެ. ދިމާވިގޮތުން ކުރެވޭ ގޮތް މި ނު ވީއެވެ. ދެކަނި މުޅިންހަމަކޮށް ނޫން ނަމަވެސް އަނބުރައި ހޭރިއާ ކުރަމުން ރަށަށް  ގޮސް ލެފެންދެން ވެސް އަހަރެމެން ތިންމީހުނަށްމެ ތިބެވުނީ ތައްބައްދައިގެން ކަހަލަ ގޮތަކަށެވެ. އެމީހެއްގެ ހިތުގައި ހުރި ޝުއޫރުތަކަކާ އެކު އެމީހަކު މަޑުމަޑުން އިނީއޭ ބުނެވިދާފަދަ ހިމޭންކަމެއްގައެވެ. ރަށު ފަސްގަނޑުގައި ފައިޖެހުމާއެކު ހިތްވަރުގަދަ އަދި،   ނުވާ ކަންކަމާ ދެރަވެ ހާސްނުވާ މީހެއްގެ ގޮތްދައްކަމުން އަހަރެން ބުނެލީމެވެ. އަޅައިނުލާށެވެ. ކުރަން އުޅެ ނުކުރެވޭ ކަންކަމާ އެއްމެންނާ ވެސް ދިމާވާނެ އެވެ. މިއީ އެހެން ދިމާވި ކަމެކެވެ. އެހެންނޫނަސް މިއީ އަހަރެމެންނަށް ނުކުރެވުނު ވައްކަމެކެވެ.   މިވީ ހަމަ ރަނގަޅަށެވެ.   
--------------
(ނިމުނީ)

މި ލިޔުން:
        ފޮނުވުން:   ކަނީރު ޢަބުދުއްރަޙީމް
        އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
        ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

ވާހަކަ