އަދުގެ ޚާއްސަ

Print

ނަމާދުގެ އަޅުކަމާ ގުޅޭގޮތުން މީހުން ބަހައިލެވޭ ބައިތައް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ފިޤުހު


އަޙްމަދު ޝާޛު ޢަބްދުލްޣަފޫރު

ތިބާ ހިމެނެނީ މީގެ ތެރެއިން ކޮން ބައެއްގައިހެއްޔެވެ؟


ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. އަދި ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނެ ޢަމަލަކީ ނަމާދު ކަމުގައިވެސް ޙަދީޘްގައި އައިސްފައި ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ޤިޔާމަތް ދުވަހުގައި އަޅާގެ ޢަމަލުތަކުގެތެރެއިން އެންމެ ފުރަތަމަ ޙިސާބު ބެއްލެވޭނޭ ޢަމަލަކީ ނަމާދެވެ. ފަހެ، ނަމާދު ރަނގަޅުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ރަނގަޅުވެދާހުއްޓެވެ. އަދި ނަމާދު ފާސިދުވެއްޖެނަމަ އޭނާގެ ހުރިހައި ޢަމަލެއް ފާސިދުވެދާހުއްޓެވެ."[1]


ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ އުއްމަތަށް އެކަމަކަށްޓަކައި ވަޞިއްޔަތް ކުރެއްވި އެންމެ ފަހުކަމަކީ ނަމާދުތަކަށް ރައްކާތެރިވުން ކަމުގައި ވީނަމަވެސް، މި މަތިވެރި އަޅުކަން އަދާކުރުމުގައި މީސްތަކުން ތަފާތު ބައިތަކަށް ބެހިގެން ވެއެވެ. މީގެ ތަފްޞީލު ތިރީގައި އެވަނީ އެވެ.

1.    ނަމާދަކީ ވާޖިބު ކުރައްވާފައިވާ އަޅުކަމެއްކަމަށް އިންކާރުކުރާ މީހުން:

މިފަދަ މީހުންނަކީ މުރުތައްދުވެ އިސްލާމްދީނުން ބޭރުވެފައިވާ ކާފިރުންކަމަށް ހުރިހައި ޢިލްމުވެރިން އިޖުމާޢު ވެފައި ވެއެވެ. ނަމާދަކީ الله ސުބުޙާނަހޫ ވަތަޢާލާ ފަރުޟު ކުރައްވާފައިވާ އަޅުކަމެއްކަމަށް ޤަބޫލުކޮށް، الله އަށް ތައުބާވެ ނަމާދުތަކާމެދު ފަރުވާތެރިވެ ނަމާދު ކުރަން ފައްޓައިފުމަށްދާންދެން އެފަދަ މީހުންވާނީ ކާފިރުން ކަމުގައެވެ.[2]
 
2.    ނަމާދަކީ ވާޖިބު އަޅުކަމެއްކަމަށް އިންކާރުނުކުރާ އެހެންނަމަވެސް ކަންނެތްކަމުން ނުވަތަ ފަރުވާ ކުޑަކަމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ނަމާދު ނުކުރާ މީހުން:

މިފަދަ މީހުންނަކީ ދީނުން ބޭރުވެފައިވާ ބައެއްތޯ ނުވަތަ ނޫންތޯ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި މައްސަލަ އެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ފުރަތަމަ ބުނެވުނު މީހުންނެކޭ އެއްގޮތަށް މިފަދަ މީހުންވެސް ދީނުން ބޭރުވާނެ އެވެ. މިގޮތަށް ވިދާޅުވާ ޢިލްމުވެރިންގެ ދަލީލަކީ ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަގެ މި ޙަދީޘެވެ. [[بين الرجل، وبين الشرك والكفر ترك الصلاة]][3] މާނައީ: "މީހާއާ، ޝިރުކާއި ކުފުރާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ." އެހެން ރިވާޔަތެއްގައި އައިސްފައި ވެއެވެ.  [[بين الكفر والإيمان ترك الصلاة]][4]  މާނައީ: "[މީހާއާ] ކުފުރާއި، އީމާންކަމާއި ދެމެދުގައިވަނީ ނަމާދު އެޅުމެވެ." އަދި އަނެއްބައި ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިފަދަ މީހުންނަކީ ކާފިރުންނެއްނޫނެވެ. އެހެންނަމަވެސް އެއީ ފާސިޤުންނެވެ.[5]


3.    ނަމާދު ކުރުން އެއްކޮށް ދޫކޮށްނުލައި، ބައެއްފަހަރު ނަމާދުކޮށްފައި އަނެއްބައި ފަހަރު ނުކުރާ މީހުން:

މިއީ ނަމާދާމެދު ކުޅިވަރު ކުޅުމެވެ. މިފަދައިން ކަންތައް ކުރުމުގެ ނުބައިކަން ވަރަށް ބޮޑެވެ. އެހެނީ ނަމާދު އަޅައިފައި ހުއްޓައި މަރުވެދާނެކަމަށް އެފަދަ މީހާ ބިރުވެތިވާން ޖެހެއެވެ.

4.    އެކިއެކި މުނާސަބަތުތަކުގައި މެނުވީ ނަމާދު ނުކުރާ މީހުން:

މިސާލަކަށް ހުކުރު ނަމާދު ކުރުން، ނުވަތަ ރަމަޟާން މަހު ނަމާދު ކުރުން، ނުވަތަ ޢީދު ނަމާދު ކުރުން، ނުވަތަ ދެރަކަމެއް މެދުވެރި ވުމުން ނަމާދު ކުރުން، ނުވަތަ ވަކިކަމެއް ޙާޞިލުކުރަން އުޅޭއިރު ނަމާދު ކުރުން ފަދަ އެކި އެކި މުނާސަބަތުތަކާ ގުޅިގެން ނަމާދު ކުރުމެވެ. މިއީ الله ތަޢާލާއަށް ޚިޔާނާތްތެރިވާ މީހުންނެވެ. މިބައިމީހުން އެންމެ ވައްތަރުވަނީ ނަޞާރާއިންނާ އެވެ. އެހެނީ އެބައިމީހުންވެސް الله ތަޢާލާއަށް އަޅުކަން ކުރަނީ ހަމައެކަނި އާދީއްތަ ދުވަހު އެވެ.

5.    ޞިއްޙަތު ސަލާމަތުން ހުންނައިރު ބަރާބަރަށް ނަމާދުކުރާ، އެހެންނަމަވެސް ބަލިވެއްޖެނަމަ ނަމާދު ނުކުރާ މީހުން:

[އަންހެނުންނަށް އެކަނި ޚާއްޞަވެފައިވާ، ޙައިޟުވުމާއި ނިފާސްވުން ފިޔަވައި] އެއްވެސް ބައްޔެއްގެ ސަބަބުން ނަމާދު ކުރުން ދޫކޮށްލެވޭނެ ގޮތެއް ނޯންނާނެ އެވެ. ބަލި ކިތަންމެ ބޮޑުވިޔަސް ބުއްދި ފިލައިނުދާނަމަ، އެމީހަކަށް ކުޅަދާނަވީ ގޮތަކުން ކޮންމެ ނަމާދެއްވެސް އެ ނަމާދެއްގެ ވަގުތުގެތެރޭގައި ކުރަންޖެހޭނެ އެވެ. ބަލި މީހުންނަށް އެބައިމީހުންގެ ބަލި ޙާލަތާއި ގުޅޭގޮތުން، ނަމާދު ކުރުމާއި އަދި އެހެނިހެން އަޅުކަންތައް އަދާކުރުމުގައި ލުއިފަސޭހަ ގޮތްތައް އިސްލާމްދީނުގައި ކަނޑައަޅުއްވާފައި ވެއެވެ.

6.    ބައެއް ނަމާދުތަކަށް ފަރުވާތެރިވެ އަނެއްބައި ނަމާދުތަކަށް ފަރުވާ ކުޑަކުރާ މީހުން:

މިސާލަކަށް މެންދުރު ނަމާދާއި ޢަޞްރު ނަމާދާއި މަޣުރިބު ނަމާދު އަދާކޮށް، ޢިޝާ ނަމާދާއި ފަތިސް ނަމާދަށް ފަރުވާ ކުޑަކުރުމެވެ. މިއީ މުނާފިޤު ކަމުގެ ސިފައެއްކަން ޙަދީޘުން ސާބިތު ވެއެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. [[إِنَّ أَثْقَلَ الصَّلاةِ عَلَى الْمُنَافِقِينَ صَلاةُ الْعِشَاءِ وَصَلاةُ الْفَجْرِ ، وَلَوْ يَعْلَمُونَ مَا فِيهِمَا لأَتَوْهُمَا وَلَوْ حَبْوًا]][6]  މާނައީ: "ހަމަކަށަވަރުން، މުނާފިޤުނަށް އެންމެ ބުރަ [އެބަހީ: އެ ދެނަމާދު ކުރުމަށް އެންމެ އުނދަގޫ] ދެނަމާދަކީ ޢިޝާނަމާދާއި ފަތިސްނަމާދެވެ. އެ ދެނަމާދުގެ ދަރުމައާއި ޘަވާބު އެބައިމީހުންނަށް އެނގޭނަމަ [ބިންމަތީގައި] ފިރުކިފައިނަމަވެސް އެ ދެނަމާދަށް އެބައިމީހުން އައީސްކަން ކަށަވަރެވެ."

7.    އެމީހެއްގެ ރަށުގައި [ނުވަތަ ޤައުމުގައި] ޤާއިމުވެ ހުންނައިރު ނަމާދުތަކާމެދު ފަރުވާތެރިވާ، ނަމަވެސް އެހެން ރަށަކަށް [ނުވަތަ ޤައުމަކަށް] ދިއުމަށްފަހު ނަމާދު ނުކުރާމީހުން:

ތިމާ ދިރިއުޅޭ ތަންނޫން އެހެންތަނަކަށް ދިއުމަކީ ތިމާގެ މައްޗަށް ފަރުޟުވެފައިވާ ނަމާދު ކުރުން ދޫކޮށްލެވޭނޭ ޢުޛުރެއްނޫނެވެ.

8.    ހިކިފަސްތަނެއްގައި ޤާއިމުވެ ހުންނައިރު ނަމާދު އަދާކުރާ، އެހެންނަމަވެސް ދަތުރެއް ކުރާނަމަ [ދަތުރުމަތީގައި] ނަމާދު ޤާއިމުނުކުރާ މީހުން:

އެމީހެއްގެ މައްޗަށް ނަމާދު ވާޖިބުވެފައިވާމީހާ، ދަތުރެއްގެ މަތީގައިވުމަކީވެސް ނަމާދު ދޫކޮށްލެވޭނޭ ޢުޛުރެއްނޫނެވެ. ދަތުރުވެރިޔާވެސް ނަމާދުގެ ވަގުތުގެތެރޭގައި ނަމާދު އަދާކުރުން ވާޖިބުވެގެން ވެއެވެ. އޭނާ ބޭނުންވެއްޖެނަމަ ނަމާދުކުރުމުގައި ދަތުރުވެރިޔާއަށް އިސްލާމްދީނުގައި ދެއްވައިފައިވާ ލުއިފަސޭހަކަމުގެ ބޭނުން ކުރެވިދާނެއެވެ.  
 
9.    ނަމާދުގެ ވަގުތަށް ފަރުވާތެރިވެ ނަމާދުގެ ރުކޫޢާއި ސުޖޫދާއި ޝަރުޠުތަކާއި، ރުކުންތަކާއި، ވާޖިބުތަކާއި، އަދި ސުންނަތްތަކަށް ރައްކާތެރިވެގެން ހުރެ ބަރާބަރަށް ނަމާދު ޤާއިމު ކުރާމީހުން:

މިއީ އެބައެއްގެ މައްޗަށް الله ތަޢާލާ އެ އިލާހުގެ ފޮތުގައި މަދަޙައިގެ ބަސްފުޅު ވަޙީކުރައްވާފައި މީހުންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "مؤمن ން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި މަޑުމައިތިރިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، ބޭކާރު ވާހަކަތަކާއި، ކަންތަކުން ދުރުހެލިވެތިބޭ މީހުންނެވެ. އަދި އެއުރެންނީ، زكاة ދޭމީހުންނެވެ. އަދި އެއުރެންނީ، އެއުރެންގެ فرج ތަކަށް ރައްކާތެރިވާމީހުންނެވެ. އެއުރެންގެ އަނބިންގެމައްޗަށާއި، އެއުރެންނަށް މިލްކުވެގެންވާ އަޅުންގެމައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެއުރެންނީ (އެކަމުގައި) މަލާމާތް ލިބިގެންނުވާ މީހުންނެވެ. ފަހެ، އެއިން ބޭރުގައިވާ ކަމަކަށް އެދިއްޖެމީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ (ހުއްދަވެގެންވާ ސަރަޙައްދު) ފަހަނަޅައިދާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ أمانة ތަކަށާއި އެއުރެންގެ عهد ތަކަށް ރައްކާތެރިވާ މީހުންނެވެ. އަދި އެއުރެންނީ އެއުރެންގެ ނަމާދުތަކުގެ މައްޗަށް ރައްކާތެރިވާ މީހުންނެވެ. (ހެޔޮކަން) ވާރުތަވާ މީހުންނީ، ހަމައެއުރެންނެވެ. އެއުރެންނީ، فردوس އޭކިޔުނު ސުވަރުގެ ވާރުތަވާ މީހުންނެވެ. އެއުރެން އެތާނގައި ދެމިތިބޭހުށްޓެވެ."[7]
 
10.    ޖަމާޢަތުގައި، މިސްކިތުގައި ކުރެވޭ ނަމާދަށް ރައްކާތެރިވެ ބަންގީގެ އަޑަށް ޖަމާޢަތަށް ޙާޟިރުވެ ފުރަތަމަ ތަކުބީރާއެކު ނަމާދުގައި ބައިވެރިވެ ނަމާދު ޤާއިމު ކުރާ މީހުން:

މިއީ މަތިވެރިވެގެންވާ ޘަވާބާއި ދަރުމަ ހޯދައިފި މީހުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. [[من صلى لله أربعين يومًا في جماعة، يدرك التكبيرة الأولى، كُتب له براءتان: براءة من النار، وبراءة من النفاق]][8]  މި ޙަދީޘްގައި އެކުލެވިގެންވާ މާނައީ: "ނަމާދުގެ ފުރަތަމަ ތަކުބީރުގައި ބައިވެރިވެގެން، ސާޅީސް ދުވަހު ޖަމާޢަތުގައި ނަމާދުކޮށްފިމީހާ  ދެކަމަކުން ރައްކާތެރިވެ [ބަރީއަ] ވެގެންވާ ކަމަށް [الله ތަޢާލާ] ލިޔުއްވައިފިއެވެ. އެއީ ނަރަކައިގެ ޢަޛާބުން ރައްކާތެރި ކޮށްދެއްވުމާއި، މުނާފިޤުކަމުން ރައްކާތެރި ކޮށްދެއްވުމެވެ."

11.    ޖަމާޢަތުގެ ނަމާދަށް ފަރުވާތެރިވާ އެހެންނަމަވެސް [ނަމާދު ކުރަންފަށާތާ] ތަންކޮޅެއް ފަހުން ޖަމާޢަތަށް ޙާޒރުވާ މީހުން:

މިސާލަކަށް ދެރަކުޢަތް ނުވަތަ ތިންރަކުޢަތް ފާއިތުވާ ފަހުން ޖަމާޢަތުގައި ބައިވެރިވުމެވެ. ހަތްވަނަ ނަންބަރުގައިވާ ފަދައިން، ބަންގީގެ އަޑަށް [ނުވަތަ އެއަށްވުރެވެސް ކުރިން] މިސްކިތަށް ޙާޟިރުވެވަޑައިގެން ފުރަތަމަ ރަކުޢަތުން ފެށިގެން ނަމާދުގައި ބައިވެރިވެވަޑައިގެންނެވުމަށް ސަލަފުއްޞާލިޙުން ގަދައަޅުއްވައި މަސައްކަތްޕުޅު ކުރެއްވި އެވެ.

12.    ބައްޕަ ނުވަތަ މަންމަ ނުވަތަ އެނޫންވެސް މީހަކު ދެކެ ގަންނަ ބިރެއްގެ ސަބަބުން ނަމާދު ކުރާ މީހުން:

މިފަދަ މީހުން އެމީހަކު އެ ބިރުގަންނަ ފަރާތެއް ޣާއިބުވެއްޖެނަމަ ނަމާދު ކުރުމާ ދުރުހެލި ވެއެވެ. މިއީ މުނާފިޤު ކަމުގެ ޢަމަލެކެވެ. އިޚުލާޞްތެރި މުއުމިނުން ނަމާދުކުރާނީ ހަމައެކަނި الله ތަޢާލާއަށްޓަކަ އެވެ. ވަކި ފަރާތެއް ދެކެ ގަންނަ ބިރަކަށްނޫނެވެ.
 
13.    ވަރަށް މަދު ފަހަރެއްގައި މެނުވީ ޖަމާޢަތުގައި ބައިވެރިވެގެން ނަމާދު ނުކުރާ މީހުން:

މިފަދަ މީހުން ހުކުރު ނުވަތަ ޢީދުފަދަ ނަމާދެއްގެ ޖަމާޢަތުގައި ބައިވެރި ވެދާނެއެވެ. އެހެނިހެން ނަމާދުތަކުގެ ޖަމާޢަތަށް ފަރުވާލެއް ނުބަހައްޓާނެއެވެ. އެހެންނަމަވެސް ލޯފުޅު އަނދިރި ބޭކަލެއްކަމުގައިވާ ޢަބްދު الله ބުނު އުންމު މަކްތޫމަށްވެސް ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ އަންގަވާފައިވަނީ ޖަމާޢަތް ދޫކޮށްލެއްވުމުގެ ހުއްދަ އެކަލޭގެފާނަށްވެސް ދެއްވެންނެތް ކަމުގައެވެ.[9]

14.    ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއެކު ނަމާދު އަދާކުރާ، އެހެންނަމަވެސް ނަމާދުގެ ޘަވާބުން މަދު މިންވަރެއް ލިބޭ މީހުން:

މިފަދަ މީހުން ނަމާދުގެތެރޭގައި ވީނަމަވެސް އެމީހުންގެ ވިސްނުމާއި ޚިޔާލުތައްވާނީ އޭނާގެ ދުނިޔެވީ މަސައްކަތްތަކާ ގުޅުވާލެވިފައެވެ. މިސާލަކަށް، އޭނާ ކުރަން ފަށާފައިވާ މަސައްކަތަކާމެދު ޚިޔާލުކޮށްފާނެއެވެ. ނުވަތަ ކުރަން ރާވާފައިވާ ކަމަކާމެދު ޚިޔާލު ކޮށްފާނެއެވެ. މިފަދަ މީހުންގެ ކިބައިގައި ޚުޝޫޢަތްތެރިކަމާއި، الله ތަޢާލާއަށް ބިރުވެތިވުމާއި، ނަމާދުގައި الله ތަޢާލާއަށް ހިތްނިޔަތް ޚާލިޞް ކުރުމުގެ ސިފަ ނެތުމުގެ ސަބަބުން އެބައިމީހުންނަށް ނަމާދުގެ ޘަވާބުން މަދު މިންވަރެއްމެނުވީ ނުލިބޭނެއެވެ.

15.    ޖަމާޢަތުގެ ނަމާދުގައި ބައިވެރިވި ނަމަވެސް، ފުރަތަމަ ސަފުން ޖާގަ ހޯދަން މަސައްކަތްނުކޮށް ފަހަތަށް ޖެހޭ މީހުން:

ނަމާދުގައި އެންމެ އެދެވިގެންވަނީ ފުރަތަމަ ސަފުން ޖާގަ ހޯދުމެވެ. ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. [[لَوْ يَعْلَمُ النَّاسُ مَا فِي النِّدَاءِ وَالصَّفِّ الأَوَّلِ ثُمَّ لَمْ يَجِدُوا إلاَّ أَنْ يَسْتَهِمُوا عَلَيْهِ لاَسْتَهَمُوا]][10] މާނައީ: "ބަންގިއާއި ފުރަތަމަ ސަފުގައި ހުރި ޘަވާބާއި ދަރުމަ މީސްތަކުންނަށް އެނގޭނަމަ، ދެން އެކަން ކުރުމަށް ގުރުއަތުލުން ފިޔަވައި އިތުރުގޮތެއް ނެތް ނަމަ [އެކަން ކުރުމަށްޓަކައި] އެބައިމީހުން ގުރުއަތުވެސްލީހެވެ. [އެބަހީ: ބަންގި ގޮވުމަށާއި ފުރަތަމަ ސަފުން ޖާގަ ހޯދުމަށް އެހާވެސް ބޮޑަށް މީސްތަކުން މަސައްކަތް ކުރީހެވެ.]"

16.    ޖަމާޢަތަށް ޙާޟިރުވިއިރު އިމާމުމީހާ ސަޖިދައިގައިވާނަމަ އިމާމާ ތެދުވަންދެން ނަމާދުގައި ބައިވެރިނުވެ ތިބޭ މީހުން:

ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. [[إِذَا جِئْتُمْ وَالإِمَامُ رَاكِعٌ فَارْكَعُوا، وَإِنْ كَانَ سَاجِدًا فَاسْجُدُوا]][11] މާނައީ: "ތިޔަބައިމީހުން ނަމާދަށް ޙާޟިރުވިއިރު، އިމާމުމީހާ ރުކޫޢުގައިވާނަމަ ރުކޫޢު ކުރާށެވެ. އަދި ސަޖިދައިގައިވާނަމަ ސަޖިދަ ކުރާށެވެ."

17.    ނަމާދުގައި ސިއްރުން ކިޔަންޖެހޭ ތަކެތި ބާރަށް ކިޔުމުގެ ސަބަބުން އެހެންމީހުންނަށް އުނދަގޫވާ ގޮތަށް ނަމާދު ކުރާމީހުން:

މިފަދަ މީހުންގެ ސަބަބުން އޭނާއާ ޖެހިގެން ހުންނަމީހާއަށް [ނުވަތަ އެއަށްވުރެ ތަންކޮޅެއް ދުރުގައި ހުންނަމީހާއަށްވެސް] އުނދަގޫކަން އިޙްސާސް ކުރަން ޖެހިދެއެވެ. އެގޮތުން ނަމާދުގައި ކިޔަންޖެހޭ ތަކެތި ކިޔުމުގައި އޮޅުންއަރާ ހިސާބަށް އެފަދަ މީހުންގެ އުނދަގޫ ބޮޑުވާ ފަހަރުވެސް އާދެއެވެ.

18.    ސާފުތާހިރުކަން ކުޑަ ގޮތެއްގައި ނަމާދަށް ޙާޒރުވުން:


الله ތަޢާލާ ވަޙީކުރައްވައިފައި ވެއެވެ.  [[يَا بَنِي آَدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلاَ تُسْرِفُوا إِنَّهُ لاَ يُحِبُّ الْمُسْرِفِينَ]][12] މާނައީ: "އޭ آدم ގެ ދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ."

19.    ފަރުވާކުޑަކަމާއި ކަންނެތްކަމާއި ދެއްކުންތެރިކަމާއެކު ނަމާދުކުރާ މީހުން:

މިފަދަ މީހުންނާ ބެހޭގޮތުން، ސޫރަތުއްނިސާގެ 142 ވަނަ އާޔަތުގައި الله ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، منافق ން، الله އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ عمل ތައް ކުރެތެވެ.) އެކަލާނގެ އެއުރެންގެ މައްޗަށް އެ އޮޅުވައިލުން ރައްދުކުރައްވާ ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުންމެނުވީ، އެއުރެން الله ހަނދުމައެއް ނުކުރެތެވެ." އަދި މާޢޫން ސޫރަތުގެ 4 ، 5 އަދި 6 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައި ވެއެވެ. "ފަހެ، އެއުރެންގެ ނަމާދާމެދު ޣާފިލުވެ ތިބެ، ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުއްޓެވެ. އެއުރެންނީ ހަމަ ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ."

ކޮންމެ މީހެއްގެވެސް އެންމެ ބޮޑު އެދުމަކަށްވާންވާނީ ރަސޫލުالله ޞައްލަالله ޢަލައިހި ވަސައްލަމަ ދަސްކޮށްދެއްވައިފައިވާ ފަދައިން، ނަމާދުގެ ޝަރުޠުތަކާއި ރުކުންތަކާއި ވާޖިބުތަކާއި ސުންނަތްތަކަށް ރައްކާތެރިވެ ހުރެ، ޚުޝޫޢަތްތެރިކަމާއެކު الله ތަޢާލާއަށް ހިތްނިޔަތް ޚާލިޞްކޮށް، ކޮންމެ ނަމާދަކަށްވެސް ކަނޑައެޅިފައިވާ ވަގުތުގެތެރޭގައި ފުރިހަމަ ނަމާދެއް އަދާކުރުމެވެ. އަދި ނަމާދުގެ ވަގުތަށް އިންތިޒާރުކޮށް ފުރަތަމަ ތަކުބީރާއެކު ޖަމާޢަތުގެ ނަމާދުގައި ބައިވެރިވެ ފުރަތަމަ ސަފުން ޖާގަ ހޯދުމުގައި އެކަކު އަނެކަކާއި ވާދަކޮށް ކުރި ހޯދުމެވެ. އެއީ ހުތުރުކަން ބޮޑު ފާފަތަކާއި މުންކަރާތްތަކުން ސަލާމަތްވެ، ނަމާދުގެ ފުރިހަމަ ޘަވާބާއި ދަރުމަ ލިބޭ މީހުންގެތެރެއިން ވެވޭތޯއެވެ. ޢަންކަބޫތު ސޫރަތުގެ 45 ވަނަ އާޔަތުގައި الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ. [وَأَقِمِ الصَّلاَةَ إِنَّ الصَّلاَةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ‏]] މާނައީ: "އަދި ކަލޭގެފާނު ނަމާދު قائم ކުރައްވާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، الله ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް الله ދެނެވޮޑިގެންވެތެވެ."  
-------------------
(ނިމުނީ)
މުހިއްމު މަރުޖިޢުތައް:

[1] الطبراني . المعجم الأوسط ، باب الألف  1929 ، وصححه الألباني في سلسلة الأحاديث الصحيحة  3/343
[2] ابن باز ، عبد العزيز بن عبد الله  .  "تحفة الإخوان بأجوبة مهمة تتعلق بأركان الإسلام" ، ص : 84 ، الطبعة الثانية  1423هـ ، وزارة الشئون الإسلامية والأوقاف والدعوة والإرشاد - المملكة العربية السعودية
[3] صحيح مسلم : 1/116 ، 117 . كتاب الإيمان ،  باب بيان إطلاق اسم الكفر على من ترك الصلاة
[4] سنن الترمذي : 9/2543  ، كتاب الإيمان ،  باب ماجاء في ترك الصلاة
[5] ނަމާދު އަޅާމީހާގެ ޙުކުމާބެހޭ ގޮތުން ތަފްޞީލު ލިޔުމެއް ފަންވަތުގައި ޝާއިޢުކޮށްފައި ވެއެވެ. ބައްލަވާ: ޙަސަން، ޢަބްދުލްމުޢީދު. "އިސްލާމްދީނުގައި ނަމާދުގެ މަޤާމާއި ނަމާދު އަޅައިފިމީހާގެ ޙުކުމް" http://www.fanvai.info/dheen/fatuva/1061-2009-09-04-06-13-59.html
[6] صحيح مسلم : 3/1041 ، كتاب المساجد ومواضع الصلاة ،  باب فضل صلاة الجماعة  
[7] المؤمنون : 1 – 11
[8] سنن الترمذي : 1/224  ، كتاب الصلاة ،  باب ماجاء في تكبيرة الأولى
[9] سنن أبي داود (552) ابن ماجه (792) ، وصححه الألباني في " صحيح أبي داود "
[10] صحيح البخاري : 2/580  ، باب الإستهام في الأذان / صحيح مسلم : 2/661  ، باب تسوية الصفوف
[11] السنن الكبرى للبيهقي  /  معرفة الصحابة لأبي نعيم الأصبهاني : 13/4087
[12] الأعراف : 31
[13] المسند ، محمد بن عبدالعزيز.  "أصناف الناس في الصلاة"  ، دار ابن خزيمة  (د.ط / د. ت)
[14]  ކީރިތި قرآن ގެ ދިވެހި ތަރުޖަމާ - ފުރަތަމަ ޗާޕު  1428 هـ  2007 م ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، މާލެ، ދިވެހިރާއްޖެ.


މި ލިޔުން:
       ފޮނުވުން:    އަޙުމަދު ޝާޛު ޢަބްދުލްޣަފޫރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
       އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
       ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ