އަދުގެ ޚާއްސަ

Print

ހުވަދުއަތޮޅު މާމެންދޫގެ ތާރީޚުގެ ތެރެއިން: މާމެންދޫ މަކްތަބުއްލަޠީފިއްޔާ

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ތާރީޚް


ފޮނުވީ: ތިންމީމު


ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫއަކީ ކުރިއްސުރެ ތަޢްލީމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެކެވެ. ރަށުގެ ތަޢްލީމީ ޙާލަތު އެކިދުވަސްވަރު އޮތީ އެކިގޮތަށެވެ. އެކިފެންވަރަށެވެ. މާ ތަފްސީލުކޮށް ރަށުގެ ތާރީޚު ލިޔެވިފައި ނެތްނަމަވެސް ފެންނަން ހުރި ލިޔުންތަކާއި ހެކިތަކުން މިކަންކަން އޮޅުންފިލައެވެ. މި ބަލާލަނީ، މަޝްހޫރު ދެކުނުގެ ބަޣާވާތަށްފަހު ރަށުގެ ތަޢްލީމު އޮތްގޮތުގެ މައްޗަށެވެ.

ދެކުނުގެ ބަޣާވާތަށްފަހު ރަށްވެރިކަމާއި ތަރައްޤީގެ ކުލަވަރުތައް ހުވަދުއަތޮޅު އުތުރުބުރީގައި ހިނގައިގަތީ އާދަޔާ ޚިލާފު ހަލުވިކަމަކާއެކުގައެވެ. އަތޮޅުގެ ތަރައްޤީއަށްޓަކައި އަތޮޅުގެ ރަށްރަށުގެ ރައްޔިތުން ވަރަށްގިނަ ބުރަ މަސައްކަތްތަކެއް ކުރިއެވެ. މާމެންދޫގެ ރައްޔިތުންވެސް މި މަސައްކަތުގައި އަތުކުރި އޮޅާލިއެވެ. ނުލާހިކު ޖޯޝާއި ފޯރިއާއެކުގައެވެ. ތަރައްޤީގެ ރޮނގުގައި އަތޮޅުން ވަނައެއް ހޯދުމަށެވެ. ތަޢްލީމީ ރޮނގުން ވަނައެއް ހޯދުމަށެވެ.


މި މަސައްކަތް ހުވަދުއަތޮޅު އުތުރުބުރީގައި ފެށިއިރުވެސް މާމެންދޫގައި މަދަރުސާއެއް ހުއްޓެވެ. މަދަރުސާގެ ނަމަކީ، މަދްރަސަތުއްލަޠީފިއްޔާއެވެ. މަދަރުސާގެ ނަން ފުރިހަމަވެފައި ރީއްޗެވެ. އެހެންނަމަވެސް، މަދަރުސާ ހިންގުމުގައި އެފުރިހަމަކަމަކާއި އެރީތިކަމެއް އޭރަކު ފެންނާކަށް ނެތެވެ. އެހެންކަމުން ރަށުގެ ތަޢްލީމީ ޙާލަތު ރަނގަޅުކުރުމަށް މާމެންދޫގެ ރައްޔިތުން، މަދްރަސަތުއްލަޠީފިއްޔާގެ ނަން މަކްތަބުއްލަޠީފިއްޔާގެ ނަމަށް ބަދަލުކޮށްލީ ނުހަނު ފޮނި އުންމީދުތަކަކާއެކުގައެވެ. ފޮނި އުންމީދުތަކެއް ހާސިލުކުރުމަށެވެ.

މި މަކްތަބުގެ ފުރާޅުގެ ދަށުގައި މާމެންދޫގެ ގިނަބަޔަކު ލިޔަންކިޔަން ދަސްކުރިއެވެ. ކީރިތި ޤުރްއާން ކިޔަވަން ދަސްކުރިއެވެ. ހިނާ ޠާހިރުވާން ދަސްކުރިއެވެ. ހިސާބުކުރަން ދަސްކުރިއެވެ. ނަމާދުކުރަން ދަސްކުރިއެވެ. އަދި ދިރިއުޅުމަށް ބޭނުންވާ ގިނަގުނަ ދަރުސްތައް ލިބިގަތެވެ. މިއަދާ ހަމައަށްވެސް މިމަކުތަބުގެ ދަރިވަރުންގެ ޚިދްމަތް މާމެންދުއަށް ލިބެމުން އެބަދެއެވެ. އެހެންކަމުން މިމަކުތަބުވެފައިވަނީ، މާމެންދޫގެ ތާރީޚުގައި ތަޢްލީމަށް އެޅުނު ވަރަށް މުހިންމު ބިންގަލަކަށެވެ. މިބަލާލަނީ އެ މަކްތަބުގެ ޙަޔާތުން ފާހަގަކުރެވޭ މުހިންމު ދުވަސްތަކަކަށެވެ.

މަކްތަބު ހުޅުވުމަށް ބޭއްވި ރަސްމީ ޖަލްސާ އޮތީ، 26 މާޗް 1962، 12 ޝައްވާލު 1381 ދުވަހު ހެނދުނު 7.30 ގައެވެ. ޖަލްސާއޮތީ، ކުރީގެ މަދްރަސަތުއްލަޠީފިއްޔާގައެވެ. ޖަލްސާގައި ބައިވެރިވީ މާމެންދޫގެ ކަމުވޮށިވެގެންވާ ބޭކަލުންނާއި މަކްތަބުގެ ދަރިވަރުންނެވެ. މަދަރުސާގެ ނާޒިރާއި މުދައްރިސުންނެވެ. ޚާއްޞަ މެހެމާނެއްގެ ގޮތުގައި ހަވަރުތިނަދޫ އަލްފާޟިލް މޫސާ ރިފްޢަތު ޖަލްސާގައި އިންނެވިއެވެ.

މަކްތަބުއްލަޠީފިއްޔާ ހިންގަން ހަމަޖެއްސީ ކުރިން މަދަރުސަތުއްލަޠީފިއްޔާ ހިނގަމުންދިޔަ ޢިމާރާތުގައެވެ. ފަށައިގަތްއިރު މަކްތަބުގައި ތިބީ 31 ދަރިވަރުންނެވެ. މަކްތަބުގެ ނާޒިރަކަށް ހުންނެވީ ރައްޔިތުން ނުހަނު ލޯބިވާ ބޭފުޅެކެވެ. އޭނާގެ ބުރަ މަސައްކަތުން މާމެންދޫގެ ވެރިކަމުގެ ނިޒާމު ހަރުދަނާކުރައްވައި ރަށްވެހިކަމާއި ތަރައްޤީގެ ރޮނގުގައި ރަށަށް އަތޮޅުން ވަނަ ހޯއްދަވައިދެއްވި ޚިދްމަތްތެރިއެކެވެ. ރަށުގެ ނާއިބުކަމުގެ ބުރަ މަސްއޫލިއްޔަތު އުފުއްލަވަމުން ގެންދެވި އަލްފާޟިލް އަޙްމަދު ޞާލިޙުއެވެ. މުދައްރިސުންގެ ގޮތުގައި ތިއްބެވީ އަލްފާޟިލް އަޙްމަދު ތަކުރުފާނާއި، އަލްފާޟިލް އާދަމް ތަކުރުފާނާއި، އަލްފާޟިލް އަޙްމަދު ސަލީމާއި، އަލްފާޟިލް ޢަބްދުލްޢަޒީޒެވެ.

އަޙްމަދު ޞާލިޙުގެ ބުރަ މަސައްކަތުން މަކްތަބުއްލަޠީފިއްޔާ އަކީ އެ ޒަމާނާގުޅޭ ރަނގަޅު ފެންވަރުގެ ތަނަކަށް ހެއްދެވިއެވެ. ނަމަވެސް، ހިތާމައަކީ، މިދެންނެވި ހީވާގި ޚިދްމަތްތެރި ނާޒިރު އަބަދަށްޓަކައި މިދުނިޔެ ދޫކުރެއްވިލެއް އަވަސްކަމެވެ. އާދެ، 7 ޖުމާދަލްއޫލާ 1382 ދުވަހު އަލްފާޟިލް އަޙްމަދު ޞާލިޙު މާމެންދޫގެ ރައްޔިތުންނާ އަބަދަށް ވަކިވެގެންދިޔައީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ހުންނަވައެވެ. އެދުވަހަކީ، މަކްތަބުގެ ޙަޔާތުގައި ހިތާމަވެރި ދުވަހެކެވެ. މާމެންދުއަށްވެސް ހިތާމަވެރި ދުވަހެކެވެ. ރައްޔިތުންގެ ހިތްތަކުގައި ވޭން އަޅާލި ދުވަހެކެވެ. މާތްﷲ އެ މާތް މަރްޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢްމަތް މިންވަރުކުރައްވާށިއެވެ!

އަޙްމަދު ޞާލިޙު ވަކިވެވަޑައިގެންނެވި ނަމަވެސް، އޭނާގެ އަރިހުން ތަރުބިޔަތު ލިބިވަޑައިގެންނެވި މަކުތަބުގެ މުދައްރިސުން މަކުތަބު ހިންގުން ހުއްޓަވައެއް ނުލައްވައެވެ. ރައްޔިތުންގެ އުންމީދުތައް ނަގައެއް ނުލައްވައެވެ. ކުރިމަގަށްޓަކައި ކުރަމުންދިޔަ މަސައްކަތަށް ބުރުލެއް ނާރުއްވައެވެ. ދަރިވަރުންނަށް ބަރާބަރަށް ފިލާވަޅުތައް ނަންގައިދެއްވަމުން ގެންދެވިއެވެ. ނަސޭހަތާއި އިރްޝާދުތައް ދެއްވަމުން ގެންދެވިއެވެ. ނަތީޖާއަކަށްވީ ސީދާ އަތޮޅުވެރިން ވަޑައިގެން މަދަރުސާގެ ހާލަތު ބައްލަވައި ހިތްވަރު ދެއްވަން ފެށްޓެވުމެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުވެރިޔާ އަލްފާޟިލް ވިލިނގިލީ ތުއްތުކަތީބު، 1965 ވަނަ އަހަރު ޖުލައިމަހުގެ 7 ވަނަ ދުވަހު މާމެންދުއަށް ވަޑައިގެންނެވި ވަޑައިގަތުން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެއެވެ. އަތޮޅުވެރިޔާގެ މިދަތުރުފުޅަކީ، އަތޮޅުގެ ރަށްރަށުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވަމުން ގެންދެވި ދަތުރުފުޅެކެވެ. ރަށްރަށުގެ ކުދިންގެ ފެންވަރު ބެއްލެވުމުގެ ބުރަ އުނދަގޫ މަސައްކަތްކުރެއްވުމަށް އަތޮޅުވެރިންގެ އަރިހުގައި ހުންނެވީވެސް މާމެންދޫގެ ލޮބުވެތި ދަރިއެކެވެ. އަތޮޅުވެރިޔާގެ ޚާއްޞަ ކާތިބު އަލްފާޟިލް އިބްރާހީމް ފައުޒީއެވެ. (މިހާރުގެ ގޮތަށް ދަންނަވާނަމަ މ.އޯކިޑްވާދީ އަލްއުސްތާޛު އިބްރާހީމް ފައުޒީއެވެ. އޭނާއަކީ، މިހާރު ރާއްޖޭގައި ތިބި، ތަޢުލީމީ ގޮތުން ފުންނާބުއުސް އެތައް ބަޔެއްގެ އުސްތާޛެކެވެ. އޭނާގެ އަރިހުން ދަރިވަރުވި، ދަރިވަރުންގެ ތެރޭގައި، ޕީއެޗްޑީ ޙާޞިލުކުރައްވާފައިވާ ބޭފުޅުންނާއި، މެޑިކަލް ޑަކުޓަރުންނާއި އިންޖިނޭރުންނާއި ލޯޔަރުންނާއި ޓީޗަރުން ފަދަ ތަފާތު ދާއިރާގައި ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅުން ހިމެނޭކަން މި ފުރުޞަތުގައި ފާހަގަކޮށްލަމެވެ.)

އެދުވަހު އަލްފާޟިލް އިބްރާހީމް ފައުޒީ ފެންވަރު ބެއްލެވީ 5 އަހަރާ 12 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންގެއެވެ. ފެންވަރު ބެއްލެވީ، ޢަރަބި ލިޔަންކިޔަން އެނގޭތޯއެވެ. ތާނަ ލިޔަންކިޔަން އެނގޭތޯއެވެ. ހިސާބު އަދަދު އެއްކޮށް، ކަނޑައި، ގުނަކޮށް، ގެއްލަން އެނގޭތޯއެވެ. ޤުރްއާނު ތަޖްވީދު މަގަށް ކިޔަވަން އެނގޭތޯއެވެ. މަދަރުސާގައި ތިބި މި އުމުރުފުރާގެ 100 ވަރަކަށް ކުދިން އިމްތިޙާނު ކުރެވުނެވެ. އިމްތިޙާނުކުރުން ފައުޒީ ހުއްޓަވާލެއްވީ އެދުވަހު އިރުއޮއްސުނު ފަހުންނެވެ. އެހެންނަމަވެސް އޭރުވެސް އިމްތިޙާނު ނުކުރެވޭ މިދެންނެވި އުމުރުފުރާގެ ކުދިންގެ ތެރެއިން މަދު ބަޔަކު ތިއްބެވެ.

މި އިމްތިޙާނަށްފަހު އެންމެބޮޑު ހިތްހަމަޖެހުމެއް ލިބުނީ މާމެންދޫ ރައްޔިތުނަށެވެ. އެންމެބޮޑު އުފަލެއް އިޙްސާސްކުރެވުނީ ދަރިވަރުންނަށެވެ. އިމްތިޙާނުކުރެވުނު ކުދިންގެ ތެރެއިން އެއްވެސް ކުއްޖަކު ފޭލްވެފައިނުވާތީއެވެ. ޝައްކެއްނެތްގޮތުގައި މިފަޚުރުވެރި ނަތީޖާ ދަރިވަރުންނަށް ހާސިލުކުރެވުނީ މަދަރުސާގެ ހީވާގި މުދައްރިސުންގެ ބުރަ މަސައްކަތުންނެވެ. ކަމަށް ކަމޭހިތައިގެން ކޮށްދެއްވި މަސައްކަތުންނެވެ. ތަޢްލީމު ފެތުރުއްވުމަށް އެބޭފުޅުންގެ ހިތްޕުޅުގައި އުފެދިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އަދި ބެލެނިވެރިން ދަރިވަރުންގެ ތަރުބިޔަތަށް ދިން ސަމާލުކަމުންނެވެ.

ދުނިޔެ ހިނގަނީ ތޮށަލިދުޅައަށް ކަމަށްވާތީ، މި ފަޚުރުވެރި މަކްތަބުވެސް ވަނީ މިއަދު ވަނީ އުވިފައެވެ. މަކުތަބު އުވާލި ދުވަހެއް މާސާފުކޮށް ފެންނާކަށް ނެތެވެ. މިމަކުތަބާއި މިމަކުތަކުގައި ކިޔަވައިދެއްވި ހީވާގި މުދައްރިސުން ވަނީ މާމެންދޫގެ ރައްޔިތުންނަށް އަގުނުކުރެވޭފަދަ ޚިދްމަތްތަކެއް ކޮށްދެއްވާފައެވެ. މަކުތަބު އުވިގެންދިޔަނަމަވެސް އޭގެތެރެއިން ބައެއް ބޭފުޅުން މިފަނާވަނިވި ދުނިޔެއަށް އަލްވަދާޢު ކިޔުއްވީވެސް ޚިދްމަތުގައި ތިއްބަވައިގެންނެވެ. އަދި ބައެއް ބޭފުޅުން މާމެންދޫގެ ފަސްގަނޑުގައި އެބަތިއްބެވިއެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގެ ޚިދްމަތުގައެވެ.

ޚިދްމަތްތެރިންގެ އަގު ވަޒަންކުރަންވާނެއެވެ. ޚާއްޞަކޮށް ތަޢްލީމަށް ޚިދްމަތްކުރި ބަޔެއްގެ އަގު ވަޒަންކުރަންވާނެއެވެ. ޝުކުރުކުރަންވާނެއެވެ. ޝުކުރުކުރުމަކީ، އިޙްތިރާމްކުރުމެވެ. ލޯތްބާއި އޯގާވެރިކަމާއެކު މުޢާމަލާތްކުރުމެވެ. ކޮށްދިން ޚިދްމަތްތައް އަބަދުވެސް ހަނދާންކުރުމެވެ. މިވާހަކަތައް ފަށްފުށްތަކުގައި މިލިޔަނީ މިސަބަބަށްޓަކައެވެ. ހަނދާނާ ތާރީޚަށްޓަކައެވެ. މާމެންދޫގެ ޒުވާނުންނަށް މާމެންދޫގެ ތާރީޚު އޮޅުން ފިލުވައިދިނުމަށްޓަކައެވެ. ޢިބްރަތެއް ހާސިލުކޮށްގެން ކުރިމަގު ހެޔޮގޮތުގައި ބައްޓަންކުރުމަށްޓަކައެވެ. ޚިދްމަތުގެ ރޫޙު އާލާކުރުމަށްޓަކައެވެ.

ޝައުޤުވެރިކަމާއެކު މިލިއުން ވިދާޅުވިކަމަށްޓަކައި އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ