އަދުގެ ޚާއްސަ

Print

މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުން ސަލާމަތްކުރެވޭނީ ކިހިނެއް؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޙުސައިން ޞަލާޙް

ޒުވާނުންނަކީ ޤައުމުގެ ތަރައްޤީގެ އެންމެ އަގުހުރި ރައުސުލްމާލެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި ޤައުމެއް ކުރިއަރައި ތަރައްޤީވާނީ  އެ ޤައުމާއިގެން ތެދުވެ ހިންދަމައިލެވޭވަރުގެ ހަރުދަނާ ޒުވާން ޖީލެއް އުފެއްދިގެންނެވެ. ޒިންމާދާރު، މަސްއޫލިއްޔަތު އުފުލުމުގައި ހީވާގި ދަރިންތަކެއް އުފެދިގެންނެވެ. އަޅުގަނޑުމެންނަށް ލިބިފައިވާ މާތްވެގެންވާ އިސްލާމްދީނުގެ މާތްކަމާއި މަތިވެރިކަން އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ އަޅުގަނޑުމެންގެ ޒުވާނުންނަކީ އިސްލާމްދީނުގެ މަތިވެރި އާދަތަކަށް ލޯބިކުރާ، އެދީނުގެ ތަރަހަތަކުގެ މަތީގައި ތަރުބިއްޔަތުކުރެވިފައިވާ ބަޔަކަށް ހެދިގެންނެވެ. ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދީފައިވާ "މިނިވަން ދިވެހިރާއްޖެ" އެ ގޮތުގައި އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދެވޭނީ، މާތްވެގެންވާ އިސްލާމް ދީނާއި އަޅުގަޑުމެންގެ މުޖުތަމަޢު ޤަބޫލުކުރާ  ހަމަތަކާއި ރިވެތި އާދަތަކުން ބޭރުނުވެ، މިނިވަންކަމަކީ ވެސް ވަކި ޙުދޫދެއްގެ ތެރޭގައި އޮންނަންޖެހޭ އެއްޗެއްކަމަށް ޤަބޫލުކުރެވޭފަދަ ޒުވާނުންތަކެއް އުފެދިގެންނެވެ.

ޒުވާނުންނަކީ ޤައުމަށް ބޭނުންތެރި ހަރުދަނާ ދަރިންތަކެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ބޮޑު ގޮންޖެހުމަކަށް މިހާރުވެފައިވަނީ މަސްތުވާތަކެއްޗެވެ. ޒުވާނުން މި ނުރައްކާތެރި ވަބާގައި ޖެހި އެއަށް އަޅުދާސްވަމުންދާލެއް ގިނަކަމެވެ. މިއަދު އެތައް ބަޔަކުވަނީ މި ނުރައްކާތެރި ވަބާގެ ޝިކާރައަކަށް ވެފައެވެ. އަދި މި ނުރައްކާތެރި ދަލުގައި ޖެހޭ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް ދަަނީ އިތުރުވަމުންނެވެ. ފުލުސް އޮފީހުގެ ކުށުގެ ރެކޯޑުތަކަށް ބަލާއިރު، މަސްތުވާތަކެތީގެ މައްސަލަތައް ހުށަހެޅޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ހިމެނޭ ޒުވާނުންގެ އަދަދު ވެސް މީގެކުރިން ހީވެސްކުރެވިފައި ނުވާމިންވަރަށް ދަނީ އިތުރުވަމުންނެވެ. މަސްތުވާތަކެތި  ބޭނުންކޮށްގެން ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުނު ޒުވާނުންގެ އަދަދަށް ބަލާއިރު 2004 ވަނައަހަރު 764 ޒުވާނުން، 2005 ވަނައަހަރު 769 ޒުވާނެއްގެ މައްސަލަ ހުށަހެޅިފައިވާއިރު 2006 ވަނައަހަރުގެ ނިމުނުއިރު މިއަދަދު ވަނީ 1212 އަށް އަރައިފައެވެ. މި ނަތީޖާތަކަށް ބަލާއިރު މިކަމުގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވަމުންދާކަން މިދަނީ ހާމަވަމުންނެވެ. އެހެންކަމުން މަސްތުވާ ތަކެތީގެ ނުރައްކަލުން މި ޤައުމުގެ ޒުވާންޖީލް ސަލާމަތްކުރެވޭނެ ގޮތްތަކެއް ހޯދަން މިއަދުވަނީ މަޖުބޫރުވެފައެވެ. މުޅި ޤައުމުގެ ހެވާއި ލާބަޔަށްޓަކައެވެ. ތިމާގެ އަމިއްލަ ދަރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
 
ޒުވާނުން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްކުރުމަށްޓަކައި މަސައްކަތް ކުރާއިރު މިފަދަ ނުރައްކާތެރިއެއްޗަކާއި ދިމާއަށް ޒުވާނުންގެ ހިތްތައް ލެނބެން މެދުވެރިވާ ސަބަބުތައް ހޯދަންޖެހެއެވެ. މިގޮތުން ފާހަގަކުރެވޭ މައިގަނޑު އެއް ކަމެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ، ދަރިން ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރު އެކުދިންނަށް ދޭންޖެހޭ ސަމާލުކަން މައިންބަފައިންނަށް ނުދެވުމުގެ މައްސަލައެވެ.

ކުދިން ހެދިބޮޑުވަމުން އަންނައިރު އެކުދިން ތަފާތު އާ ކަންތައްތައް އުނގެނި ދަސްކުރުމަށް މަސައްކަތްކުރެއެވެ. ޒަމާނުގެ ތަހުޒީބުތަކަށް ވަރަށް ފަސޭހައިން ހެއްލެވޭ ގޮތް ވެއެވެ. މުޖްތަމައުގައި އުޅޭ ވިޔާނުދާ ކުދިންނާ ގުޅެވޭ ތަން އާދެއެވެ. ނަތީޖާއެއްގެ ގޮތުން، ކުދިންގެ އަޚްލާޤަށް ބަދަލު އައިސް އެންމެ ފަހުން ވިޔާނުދާ އެތައްކަމެއް ކުރުމަށް އާދަވާ ތަން އޮންނަނީ އައިސްފައެވެ. މި ހިސާބަށް ކުދިންގެ ކަންތައްތައް ދިއުމުގެ ކުރިން މައިންބަފައިން އެކުދިން ހަމަ މަގަށް އަޅުވަން މަސައްކަތްކުރަން ޖެހެއެވެ. އެހެންކަމުން ޒުވާނުން މަސްތުވާ ތަކެތީގެ ވަބާއިން ސަލާމަތްކުރުމަށްޓަކައި، މައިންބަފައިން އެމީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާކުރަން ޖެހެއެވެ. އެފަދަ ކަންތައްތަކާ މެދު ދީނުގައި އައިސްފައިވާ ހުކުމްތައް ދަސްކޮށްދޭން ޖެހެއެވެ. އެ ކުދިން އުޅޭނޫޅޭ ގޮތް ބަލަން ޖެހެއެވެ. އެކުދިން ރައްޓެހިންގެ ގޮތުގައި ގެންގުޅެނީ ކޮންބައެއްތޯ ބަލަން ޖެހެއެވެ. ރައްޓެހިން ހޮވުމުގައި ރަނގަޅު ކުދިން އިޚްތިޔާރުކުރުމަށް ނަޞޭޙަތްތެރިވާން ޖެހެއެވެ.

ދަރިން ވަކިވަރަކަށް ބޮޑުވުމުން، އެކުދިންނަށް ބައެއްކަަހަލަ ކަންތައްތައް ކުރުމުގެ މިނިވަންކަންވެސް ދޭންޖެހެއެވެ. ނަމަވެސް ހިތާމައަކީ މިދެންނެވި މިނިވަންކަމުގެ އިން ތަންކޮޅެއް ބޮޑުކޮށްލެވޭކަމެވެ. ކުދިންނަށް އަމިއްލަ ކޮޓަރި ދީފައި ހުންނައިރު އެކުދިން އެތަންތަނުގައި ގެންގުޅެނީ ކޮންކަހަލަ އެއްޗެއްސެއްތޯ ބަލައެއް ނުލެވެއެވެ. އެ ކުދިންނާއެކު އެ ތަންތަނަށް ވަދެ ހަދަނީ ކޮންކަހަލަ ބައެއްތޯ ބަލައެއްނުލެވެއެވެ. ދަރިން ރުޅިއަތުވެދާނެތީ އެވެ. ދަރިފުޅު މިހާރު ކިޔަވައި ނިމި ޒުވާނަކަށްވެފައި ވާތީ އެ ކުދިންގެ ކަންތަކާ މިހާރު މަންމަ ނުވަތަ ބައްޕަ ބެހި ހެދުމަކީ މިހާރު ބޯދާކަމަކަށް ބެލެވިފައި އޮންނަނީތާ އެވެ. ދަރިން ބޮޑެތިވުމުން އެ ކުދިން އުޅޭނެ ގޮތެއް މިހާރު އެނގޭނީ އެ ކުދިންނަށޭ ބުނެ ކަންފަސޭހަ ކޮށްލެވޭތީ އެވެ. މި ކަމުގެ ނަތީޖާއަކަށް ވަނީ މި ލިބިފައިވާ މިނިވަންކަމުގެ ބޭނުން ނަހަމަގޮތުގައި ދަރިން ހިފަންފެށުމެވެ. ވިޔާނުދާ ކުދިންނާ ގުޅި ފުރަތަމަ ފެށިގެންދަނީ ދުންފަތުގެ އިސްތިއުމާލު ކުރާ ހިސާބުންނެވެ. އެކަން އެހިސާބުން ބެލެވެން ފަށާނީ ޒުވާނެއްނަމަ ތަބައަވާންޖެހޭ "ފެޝަނެއްގެ" ގޮތުގައެވެ. ފުރަތަމަ ފެށެނީ މައިންބަފައިންނަށް ސިއްރުންނެވެ. ފަހުން ފަޅައިއެރުމުން ވެސް މައިންބަފައިން އެކަންތަކާ މެދު މާބޮޑު ސަމާލުކަމެއް ނުދިނުމުގެ ނަތީޖާއަކަށް ވަނީ ފާޅުގައ ިވެސް ދުންފަތުގެ އިސްތިއުމާލުކުރަން ހިތްވަރު ލިބުމެވެ. އެއަށްފަހު ދެން މަޑުމަޑުން ރައްޓެހިންގެ ނުފޫޒާއެކު އެއަށްވުރެ ނުބައި އާދަތަކަށް ހެއްލެން ފަށައެވެ. އާޚިރު ނަތީޖާއަކަށްވަނީ ތިމާ ބޮޑުވެ ޒުވާނަކަށްވީ ދުވަހު މަސްތުވާތަކެތީގެ ޝިކާރައަކަށް ވެގެންދިއުމެވެ. މައިންބަފައިންނަށް ގިނަފަހަރަށް މިފަދަ ކަންތައްތައް ރޭކައިލަނީ ވެސް ދަރިފުޅުދެން މުޖްތަމަޢަށް ނުގެނެވޭ ވަރަށް ކަންތައް ދާހިސާބުންނެވެ. ނަމަވެސް އޭރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. މައިންބަފައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލުވުމުގެ ސަބަބުން މިއަދު މި ފަދަ އެތައް ޒުވާނުންނެއް ވަނީ މި ނުރައްކާތެރި ވަބާގެ ޝިކާރައަކަށްވެފައެވެ. އެހެންކަމުން މި ޤައުމުގެ ޒުވާންޖީލު މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި މައިންބަފައިން އެ މީހުންގެ އެންމެހައި ވާޖިބުތައް ފުރިހަމައަށް އަދާކުރަން ޖެހެއެވެ.

އިންސާނެއްގެ ދިރިއުޅުމުގެ މަޤްޞަދަކަށް ވާންވާނީ، ދުނިޔަވީ ޙަޔާތުގައި ބާއްޖަވެރި ދިރިއުޅުމެއް އުޅުމެވެ. ދިރިއުޅުން ބާއްޖަވެރިވާނީ، ތިމާއީ ދުނިޔެއަށް ބޭނުންހުރި މީހެއްކަން ދެނެގެންނެވެ. އެފަދަ މީހަކަށް ވެވިގެންނެވެ. އިންސާނުން ދުނިޔެއަށް ފޮނުއްވެވީ، ވަކި އަދަދެއް ހަމަކުރުމަށް ކަމަށް ހީވެއްޖެ މީހަކީ ދުނިޔޭގައި ވެސް އަދި އާޚިރަތުގައިވެސް، "މީހެއް" ނޫންކަން ކަށަވަރެވެ. ދިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަށް ކެތްކޮށް އެފަދަ ކަންކަމުން ސަލާމަތްވުމަށް މަސައްކަތްކުރެވޭނީ، އެކަށީގެންވާ މިންވަރަކަށް ތަޢުލީމް ލިބިފައިވުމާއެކު މަސައްްކަތްތެރިއަކަށް ވެވިގެންނެވެ. ތިމާއީ މަސައްކަތްތެރިއަކަށް ނުވާނަމަ، އެހެން މީހުންގެ ކައިރީގައި ތިމާ ލަދުގަންނަން ޖެހުމުގެ އިތުރަށް ތިމާއަށް މެދުވެރިވާ އެންމެބޮޑު ނުރައްކަލަކީ، ހެޔޮކަމާއި، ތެދުމަގުން އެއްކިބާވެ، ނުބައި މަގަށް މީހާ ހެއްލުންތެރިވުމެވެ. ޝައްކެއްނެތެވެ. ތިމާ ހިލޭވާ ކޮންމެ ވަގުތަކީ ތިމާގެ ހިތް ހަވާނަފްސަށް ދަތުރުކުރާނޭ ވަގުތެއްކަން ކަށަވަރެވެ. ނުބައި އާދަތަކަށް މަގުފަހިވާނޭ ކަމެއްކަން ޔަޤީނެވެ. އެހެންކަމުން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްވުމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއަކީ ޒުވާނުން ވަޒީފާތަކަށް އަހުލުވެރިކުރުވައި، ޒިންމާދާރު ވަޒީފާއެއް އަދާކުރުންމަތީ ދެމިހުރުމަށް ބާރުއެޅުމެވެ. ކަމެއްނެތި ދެއަތް އުރައިލައިގެން ތިބޭ ވަގުތުތައް ވީހާ ވެސް މަދުކުރުމެވެ. ހުސް ވަގުތުތައް މަދުވާ ވަރަކަށް އެހެން ކަންތައްތައް ކުރަން ލިބޭ ވަގުތު ވެސް މަދުވާނެ އެވެ.

މަސްތުވާ ތަކެތިން ޒުވާނުން ސަލާމަތްކުރުމުގައި، އެ ފަދަ ތަކެއްޗާމެދު ޒުވާނުން ހޭލުންތެރިކުރުވުމަކީ މި ކަމުގެ ނުރައްކަލުން ޒުވާނުންނާއި މުޖްތަމަޢު ސަލާމަތްކުރުމަށް އެޅެން އޮތް ވަރަށް މުހިންމު ފިޔަވަޅެކެވެ. މަސްތުވާ ތަކެއްޗަކީ ކިހާ ނުރައްކާތެރި އެއްޗެއްކަމާއި، އެ ބޭނުންކުރާ މީހުންނަށް ދިމާވެފައިވާ ކަންތައްތައް ޒުވާނުންނަށް އަންގައިދޭން ޖެހެއެވެ. އެއިން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެކަން މީހުންނަށް ވިސްނައިދޭން ޖެހެއެވެ. މަސްތުވާތަކެތިން އެލިބޭ "އަރާމާއި" "މަޖާ" އެ ކަމުން ލިބޭގެއްލުމަށްވުރެ ބޮޑުކަމަށް މީހާއަށް ވިސްނިއްޖެނަމަ، ކުރިން ދެންނެވުނު ހޭލުންތެރި ކުރުވުމާއި އުނގަންނައިދިނުން ވެފައި އޮންނާނީ ބޭކާރު ކަމަކަށްވެފައެވެ. އެހެންކަމުން ދުރާލައި ފަރުމާކުރެވިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހަރުދަނާ ގޮތެއްގައި މުޖްތަމަޢުގައި ހިންގަންޖެހެއެވެ. އެފަދަ ނުބައި ޢަމަލުތައް ކުރުމަކީ އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނުގައި ވަރަށް ބޮޑަށް ނަހީކުރައްވައިފައިވާ ކަމެއްކަން ދީނީ ޢިލްމުވެރިން މެދުވެރިކޮށް ޒުވާނުންގެ ސިކުނޑިތަކަށް ވައްދައިދޭންޖެހެއެވެ. ދީނީ ރިވެތި އާދަތަކަށް ޒުވާނުންގެ ހިތްތައް ލެންބުމަށް މަސައްކަތްކުރަންޖެހެއެވެ. މި ނުރައްކާތެރި ވަބާއިން އަދުގެ ދަރިންނާއި މާދަމާގެ ޒުވާނުން ސަލާމަތްކުރެވޭނީ އޭރުންނެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރެވޭނީ، އެ ތަކެތި ލިބެން ހުރި ދޮރުތައް ބަންދުކުރެވިގެންނެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި މި ކަން ކުރެވޭނީ އަޅުގަނޑުމެންގެ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މަގުތައް ހޯދައި ބަލައި އެ މަގުތައް ފުރިހަމައަށް ބަންދުކުރެވިގެންނެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް މި ކަންކުރުމުގައި އަދި މާއެދެވޭ ކާމިޔާބީއެއް ލިބިފައި ވާކަމަކަށް ދެންނެވޭކަށް ނެތެވެ. ސަބަބީ އަދިވެސް ގިނަ އަދަދަކަށް އެފަދަ ތަކެތި ގެންގުޅޭ މީހުންނާއި ބޭނުންކުރާމީހުން ފެންނަމުންދާތީ އެވެ. އެހެންކަމުން ރާއްޖެއަށް މުދަލާއި، މީހުން ވަދެނުކުމެ ހަދާ ދޮރޯށިތައް ބެލެހެއްޓުން ވަރުގަދަކުރަން ޖެހެއެވެ. މި ކަމަށް ޒަމާނީ އާލާތްތައް ބޮޑު އަގުގައި ހޯދައިގެން ނަމަވެސް މިކަން ފުރިހަމައަށް ކުރަން ވެއްޖެ އެވެ. ޒުވާނުންގެ ސަލާމަތަށްޓަކައެވެ. އަންނަން އޮތް ޖީލުގެ ރައްކާތެރިކަމަށްޓަކައެވެެ. މުޅިޤައުމުގެ އަމާންކަމާއި ޞުލްޙަވެރިކަމަށްޓަކައިވެސްމެއެވެ. މިހިސާބުން އުފެދޭ ސުވާލަކީ ރާއްޖެއަށް މަސްތުވާތަކެތި ވަންނަ ދޮރުތައް ބަންދުކުރެވިއްޖެ ނަމަ ދިވެހިން މަސްތުވާތަކެތި ބޭނުންކުރުން މުޅިންހުއްޓުވައިލެވޭނެތޯއެވެ؟ ޖަވާބަކީ ނޫނެކޭ އެވެ. ސަބަބަކީ ދިވެހިންނަކީ މިހާރު ވަރަށްގިނައިން ބޭރުގެ ކަރަތަކަށް ތަފާތު ކަންކަމުގައި އައިސްގޮސްވާ ބަޔަކަށްވުމާއިއެކު، އެ ތަންތާގައި ތިބެގެން ވެސް މި ތަކެތީގެ ބޭނުން ފަސޭހަކަމާއެކު ކުރެވޭނެ މަގުތައް ބައެއް ޤައުމުތަކުގައި ފަހިވެފަ އޮންނާތީ އެވެ. އެހެންކަމުން މި ކަމުގައި އޮތް އެންމެ ކާމިޔާބު ފަރުވާއަކީ ހަމަ ދީނީ ގޮތުން މީ ކިހާވަރެއްގެ ކަމެއްކަން ވިސްނައިދީ އެންމެންގެ ކިބައިގައި އިސްލާމްދީނުގެ ހަމަތަކުގެ މައްޗަށް ލޯބި އިތުރުކުރުމެވެ. އަޤީދާ ވަރުގަދަކުރުމެވެ.

ޒުވާނުން މަސްތުވާ ތަކެތީގެ އަވާގައި ޖެހުމަށް ދިމާވާ އަނެއް މައްސަލައަކީ ކުޑައިރު އާއިލާތައް ރޫޅުމުގެ ސަބަބުން ލިބެންޖެހޭ ފުރިހަމަ ލޯތްބާއި އަޅައިލުން ނުލިބުމެވެ. ތިމާ އަކީ މުޖްތަމަޢުގައި ބޭކާރު މީހެއްކަމަށް ވިސްނި އެފަދަ ފިކުރުތަކުން ދުރުވުމަށް ބޭނުންކުރާ ފަރުވާއެއްގެ ގޮތުގައި މަސްތުވާތަކެތި ބޭނުންކުރަން ފެށުމެވެ. މި ވިސްނުން އެ ފަދަ މީހުން ގެންގުޅުމަށް ދިމާވާ ބައެއް ސަބަބުތައް ހުރެއެވެ. އެ ގޮތުން މި ޒަމާނުގެ ހުޅަނގުގެ ތަހުޒީބު ދުނިޔެއަށް ހަމަކޮށްދީފައިވާ ބައެއްކަންތައްތައް ހިމެނެއެވެ. އޭގެތެރޭގައި ތިމާ ބޯހާސްވެ ފިކުރުބޮޑުވާ ދަނޑިވަޅެއްގައި ސިނގިރޭޓެއް ބޮއިލުމުން އެފަދަ ފިކުރުތައް ދުރުކޮށްދޭކަމަށް ވިސްނައިދޭން މަސައްކަތްކުރުމާއި، އެކަނިވެރިކަން ފިލުވައިދިނުމުގެ ބައިވެރިއެއްގެ ގޮތުގައި ބަނގުރާފަދަ ބުއިންތައް އިސްތިހާރު ވެފައިހުރުން ހިމެނެއެވެ. މިފަދަ މާނަތައް ދޭހަވާފަދަ މަންޒަރުތައް ދައްކުވައިދޭ އެތައް ފިލްމެއް ކޮންމެ އަހަރަކު ވެސް ތައްޔާރުކުރެވި އަޅުގަނޑުމެންގެ މި ޤައުމާ  ހަމައަށް ވާޞިލުވުމަށް މާގިނަދުވަހެއް ނުވެއެވެ.

ދުނިޔެ މިހާރު ބަވަނަ ވެފައި އޮތުމުގެ ނަތީޖާއެއްގެގޮތުން ބޭރުގެ ކޮންމެ ކަމެއް ވެސް އަޅުގަނޑުމެންގެ މުޖްތަމަޢަށް ވަރަށް ފަސޭހައިން ފެތުރިގެން ދެއެވެ. ހިތާމައެއް ކުރިމަތިވެގެން އުޅޭއިރު އެކަމުން ދުރުވުމަށް ރަލުގެ ބޭނުންކުރަމުންދާ މަންޒަރުތައް ދައްކުވައިދޭ ފިލްމްތައް އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ މީހުން ބަލައިފައި ހުންނާނެ އެވެ. އެހެންކަމުން އަޅުގަނޑުމެންގެ ރާއްޖޭގެ ޒުވާނުންނަށް ވެސް ވިސްނިފައި އޮންނަނީ، މަސްތުވާ ތަކެއްޗަކީ ތިމާ މާޔޫސްކުރުވުމުން ދުރުކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. މި ފަދަ ގޮތްގޮތަށް ވިސްނާން އެ މީހުންނަށް ޖެހިފައިވަނީ އެ މީހުންނަށް ދޭންވީ އަޅައިލުމާއި އެއްބާރުލުން ނުދެވި ބާކީކޮށްލެވޭތީ އެވެ. ދީނުގެ މުހިންމު މަސްދަރުތަކަށް އިހުމާލުވެވޭތީ އެވެ. ތިމާގެ އަޤީދާ ބަލިކަށުކަމުންނެވެ. އެހެންކަމުން ޒުވާނުން މި ނުބައި އަމަލުން ނެރެ ސަލާމަތްކުރުމަށްޓަކައި އާއިލީ ގުޅުންތައް ބަދަހިކުރަންޖެހެއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރު މުޅިރާއްޖޭގައި ކުރި ކައިވެނީގެ ނިސްބަތް އޭގެ ކުރީ އަހަރައްވުރެ 12.4 އިންސައްތަ އިތުރެވެ. ނަމަވެސް ހިތާމަޔަކީ، މިދިޔަ އަހަރު ކުރެވުނު ވަރީގެ ނިސްބަތް އޭގެ ކުރީގެ އަހަރަށްވުރެ 19.5 އިންސައްތަ އިތުރުވެފައިވާތީއެވެ. ފާއިތުވި އަށް އަހަރު ދުވަހުގެ ތެރޭގައި މުޅިރާއްޖޭގައި 33،919 ކައިވެނިކުރެވިފައި ވެއެވެ. އެ މުއްދަތުގައި 14،439 ވަރިކުރެވިފައިވެއެވެ. މި ހިސާބުތަކުން އެނގޭ ގޮތުން ވޭތުވެދިޔަ އަށް އަަހަރު ދުވަހުގެ ތެރޭގައި ކުރި ކައިވެނީގެ 42.72 އިންސައްތަ ކައިވެނި ވަނީ ރޫޅިގެންގޮސްފައެވެ. ހަމަ ޔަޤީނުން ވެސް އެނގޭ ގޮތުގައި މީގެ ތެރޭގައި ދަރިން ލިބުނުފަހުން ރޫޅިފައިވާ އެތައް އާއިލާތަކެއް ވާނެ ކަމެވެ. އެހެންކަމުގައިވާ ނަމަ އެ ދަރިން ބޮޑުވަމުން އަންނާނީކީ މައިންބަފައިންގެ ފުރިހަމަ ތަރުބިއްޔަތުގެ ހިޔަލުގައެއް ނޫނެވެ. މީގެ ނަތީޖާއަކަށް ވާނީ މި ފަދަ ކުދިން ބޮޑުވެގެން މުޖްތަމަޢުގެ ވިޔާނުދާ ކުދިންނާއި އެކުލަވައި އާޚިރުގައި މަސްތުވާ ތަކެތީގެ ވަބާގައި ޖެހި ދުރުނުވެވޭ ވަރަށް ހައްޔަރުވެގެންދަނީއެވެ. އެހެންކަމުން މަސްތުވާތަކެތި ފަދަ ނުރައްކާތެރި ވަބާތަކުން އަދުގެ ޒުވާނުން ސަލާމަތްކުރުމަށް އެޅެންއޮތް އެންމެއަގުހުރި އެއްފިޔަވަޅަކީ އާއިލާތައް ބަދަހިކަންމަތީ ދެމިތިބުމެވެ. ދަރިންނަށްޓަކައެވެ. މާދަމާގެ ޒުވާނުންނަށްޓަކައެވެ.

މި ނުރައްކާތެރި ވަބާއިން އަޅުގަނޑުމެންގެ ޒުވާނުން ސަލާމަތް ކުރެވޭނީ މުޅިޤައުމުގެ އެންމެން އެއްބައިވެ އެކަތިގަނޑަކަށް ވެގެން މަސައްކަތްތަކެއް ކުރެވިގެންނެވެ. ހަމައެކަނި ހިންގާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކުން، މިކަމަށް ޙައްލެއް ނާންނާނެ އެވެ. މި ޤައުމުގެ ޒުވާނުންނާއިގެން ސަލާމަތުގެ އައްސޭރިފަށަށް ދަތުރުކުރެވޭނީ، ކޮންމެ ފަރުދަކުވެސް އެމީހެއްގެ ފަރުދީ ވާޖިބު އަދާކޮށްގެންނެވެ. ޤައުމަށް މި ފަދަ ތަކެތި ވަދެ ނުކުމެ ހަދާ ދޮރުތައް ބަންދުކުރެވިގެންނެވެ. މުދައްރިސުން އެ މީހުންގެ ވާޖިބުތައް ފުރިހަމައަށް އަދާކޮށްގެންނެވެ. ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ތިއްބެވި ފަރާތްތަކުން، ޤާނޫނީ ހައިސިއްޔަތުން ކުރަންޖެހޭ ހުރިހާކަމެއް ފަސްނުޖެހި ކޮށްގެންނެވެ. ބަދަހި އާއިލާތަކެއް ހިމެނޭ މުޖްތަމަޢެއް ޤާއިމްކުރެވިގެންނެވެ. މައިން ބަފައިން އެ މީހުންގެ ޒިންމާތައް ފުރިހަމައަށް އަދކޮށްގެންނެވެ. ޝައްކެއްނެތްގޮތުގައި ރިވެތި އަޚުލާޤާއި މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އާދަތަކާއި އުޞޫލުތަކުގެ މައްޗަށް އެކުލެވިގެންވާ ހަރުދަނާ ބިންގަލެއް ދަރިންނަށް އަޅައިދޭ ބަޔަކީ ހަމަ މައިންބަފައިންނެވެ. މި ދެންނެވި ބިންގާ ކަތިވެއްޖެ ނަމަ ޒުވާނެއްގެ އުމުރަށް އަޅާއިރު ވެސް ހުންނާނީ ހަމަމަގުން ކަސިޔާރުވެފައެވެ. ނަމަވެސް އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެހެންކަމުން މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން މި ދިވެހި ޤައުމުގެ ޒުވާނުން ސަލާމަތްކުރުމަށްޓަކައި، ވަގުތު ފާއިތުވުމުގެ ކުރިން ހަމަ ކޮންމެ ފަރުދަކު ވެސް އެ މީހެއްގެ ފެންވަރުގައި ވެސް މަސައްކަތްތަކެއް ކުރަން މިހާރު ވަނީ ޖެހިފައެވެ.
-------------
(ނިމުނީ)

މި ލިޔުން:
         ފޮނުވުން:     އަލްފާޟިލް ޙުސައިން ޞަލާޙު
         އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
         ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ